Tuesday, August 23, 2011

ނަދުރު.

 الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނަދުރަކީ އިންސާނާ ބޭނުންވާ ކަމެއް ފުދުމުގެ މައްޗަށް ނުވަތަ ފުދުމަށް އެދިގެން ނުވަތަ ހަމައެކަނި މާތް  އާއި ކުށްތަންވުމަށް އެދިގެން ތިމާގެ މަށްޗަށް އެކަލާނގެ ވާޖިބު ކުރައްވާފައި ނުވާކަމެއް އަމިއްލައަށް ވާޖިބު ކުރުމެވެ. ނުވަތަ ލާޒިމު ކުރުމެވެ.


ނަދުރަކީ އަޅުކަމެކެވެ. މާތް  ފިޔަވައި އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ނަދުރު ބުނުމަކީ ހަރާމް ކަމެކެވެ. އެއީ އެކަލާނގެއާއި ޝަރީކު ކުރުމެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުން ސާބިތު ވާ އަޅުކަމެކެވެ.


 ކީރިތި ޤުރްއާނުގައި ނަދުރު ފުއްދާ މީހުނަށް ތަޢުރީފާއި މަދަހަ އައިސްފައިވެއެވެ. ތަޤުވާވެރިންގެ ސިފަ ބަޔާން ކުރައްވައި މާތް ވަހީކުރައްވާފައިވެއެވެ. { يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا} الدهر 7. މާނައަކީ: ” އެބައިމީހުން (ހެޔޮލަފާ ޞާލިޙު މީހުން އެމީހުންގެ) ނަދުރު ފުއްދައެވެ. އަދި އެދުވަހެއްގެ ނުބައިކަން ބޮޑުވެގެންވާ (ޤިޔާމަތް) ދުވަހަށް ބިރުވެތިވެއެވެ.”
ނަދުރުގެ ބާވަތް


ނަދުރުގެ ތަފާތު ބާވަތް ވެއެވެ. އޭގެ ތެރެއިން އެއް ބާވަތަކީ: އެއްވެސް ޝަރުޠަކާއި ނުލައި އަދި ވަކި ކަމަކާއި ނާޅުވައި ހަމައެކަނި ހެޔޮކަމެއް  އާއި ކުށްތަންވުމުގެ ނިޔަތުގައި އަދާ ކުރުމަށް ބުނެވޭ ނަދުރެވެ. އެއީ ވަކި ކަމަކާއި ނުލައި ގެ ވަޖުހުފުޅަށްޓަކައި ހެޔޮކަމެއް ކުރުމަށް ތިބާ ޢަޒުމް ކޮށް ބުނުމެވެ. މިސާލަކަށް: ތިމަންނަ  އަށް ޓަކައި ފަގީރަކަށް މިވެނި ބާވަތެއްގެ އެހީއެއް ވާނަމެވެ. ނުވަތަ މިވެނި ދުވަހަކު ނުވަތަ އެވެނި މިވެނި ޢަދަދަކަށް ރޯދަ ހިފާނަމެވެ. މިފަދައިން ބުނުމެވެ. ނުވަތަ މާތް  ތިބާއަށް ދެއްވެވި ނިޢުމަތެއްގެ މައްޗަށް ޝުކުރު އަދާކުރުމުގެ ގޮތުން ތިބާގެ ނަފްސަށް އިސްވެ ދިޔަފަދަ ވާޖިބު ނޫން ކަމެއް ލާޒިމު ކުރުމެވެ.

 އެގޮތުން ބޭނުންވެފައި ހުރި ކަމެއް ނުވަތަ އުފާ ވާފަދަ ރަނގަޅު ކަމެއް ލިބުމުން، މިސާލަކަށް ރަނގަޅު މަސައްކަތެއް ނުވަތަ ވަޒީފާއެއް ކަމެއް ހާސިލުވުމުން، އެކަމުގެ އުފަލުގައި “ތިމަންނަ އަށްޓަކައި ތިން ދުވަހު ރޯދަ ހިފާނަމެވެ.” ނުވަތަ “ފަގީރަކަށް އެއްހާސް ރުފިޔާ ޞާދަގާތް ކުރާނަމެވެ.” މިފަދަ އިން ބުނުމެވެ. އެއީ ނަދުރެކެވެ. ޝަރުޢީގޮތުން ރަނގަޅު ނުވަތަ އެދެވިގެންވާ ނަދުރަކީ މިބާވަތުގެ ނަދުރެވެ. މިފަދައިން ނަދުރު ބުނާ މީހާ ވަކި ކަމެއް ހާސިލުވާކަށް ނޭދެއެވެ.

 ނުވަތަ ވަކި ކަމެއް ހާސިލު ވަންދެން އެ ހެޔޮ ޢަމަލު ނުކޮށް އިންތިޒާރުގައި ނުހުންނާނެއެވެ. އެ ނަދުރު ފުއްދުމަކީ އޭނާގެ މައްޗަށް ވާޖިބެކެވެ. ހައްޖުގެ އަޅުކަން އަދާކުރުމުގެ ވާހަކަ އަންގަވަމުން މާތް ﷲ ވަހީކުރައްވާފައި ވެއެވެ. {{ ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ }} الحج 29. “ދެން (ހައްޖުގެ އިހުރާމުން) ހަލާލުވެ އަދި އެބައިމީހުންގެ ނަދުރުތައް ފުއްދާހުށިކަމެވެ.”

ނަދުރުގެ އަނެއް ބާވަތަކީ: އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އާންމުވެފައިވާ ބާވަތުގެ ނަދުރެވެ. އެއީ ކަމަކާއި އަޅުވައި، ކަމެއް ޝަރުޠުކުރުމާއި އެކުގައި ބުނެވޭ ނަދުރެވެ. މިސާލަކަށް؛ ތިމަންނައަށް އެވެނި ކަމެއް ހާސިލުވެއްޖެނަމަ އެވެނި ހެޔޮކަމެއް ކުރާނަމެވެ. “ތިމަންނަ މިބަލިން ފަސޭހަ ވެއްޖެ ނަމަ ﷲ އަށްޓަކައި މަސްދުވަހުގެ ރޯދަ ހިފާނަމެވެ.”

 މިފަދައިން ވަކި ކަމެއް ހާސިލުވުން ޝަރުޠުކޮށް ނަދުރުބުނުމެވެ. މިބާވަތުގެ ނަދުރު ބުނުމަކީ ޢިލްމުވެރިން މަނާކުރައްވާ ކަމެކެވެ. رسول الله صلى الله عليه وسلم ގެ އަރިހުން عبد الله بن عمر رضي الله عنهما ރިވާކުރައްވާފައި ވެއެވެ. ((نَهَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ النَّذْرِ وَقَالَ إِنَّهُ لَا يَرُدُّ شَيْئًا وَإِنَّمَا يُسْتَخْرَجُ بِهِ مِنْ الْبَخِيلِ)) البخاري ومسلم. “އިތުރު އެކަލޭގެފާނު ތިމަންބޭކަލުންނަށް ނަދުރުބުނުމުން ނަހީކުރެއްވިއެވެ. އަދި ހަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ނަދުރަކީ (މާތް  މިންވަރު ކުރައްވާފައިވާ) ކަމެއް ރައްދުކުރާ އެއްޗެއް ނޫނެވެ. އަދިކިޔެއް ނަދުރު ބުނަނީ ދަހި މީހުންނެވެ.

 (އެފަދަ ބަސް ބޭރުވަނީ ބަޚީލުންގެ ކިބައިންނެވެ.)” ސަބަބަކީ ކަމެއް ޝަރުޠުކޮށް ނަދުރު ބުނާ މީހާގެ ބޭނުން ނުފުދިއްޖެ ނަމަ އޭނާ ކުރުމަށް އެބުނި އެހެޔޮކަން ނުކުރާނެތީއެވެ. އޭނާ އަޒުމުކުރި ހެޔޮކަން ކުރާނީ އޭނާ ބޭނުންވި ކަންތައް ފުދިއްޖެ ނަމަ އެކަންޏެވެ. ބަދަލަކާއި ނުލައި އެއްޗެއް ނުދިނުމަކީ ދަހި މީހުންގެ ސިފައެކެވެ. ވީމައި މިފަދައިން ނަދުރު ބުނުމަކީ ރަނގަޅުކަމެއް ނޫނެވެ. ވީމައި މިފަދަ ނަދުރުބުނުމާއި ދުރުހެލިވާންޖެހޭނެއެވެ. ނަމަވެސް މީހަކަށް މިފަދައިން ނަދުރު ބުނެވި، އެކަން ހާސިލު ވެއްޖެނަމަ އެނަދުރު ފުއްދުމަކީ ވާޖިބެކެވެ.

ނަދުރު ބުނުން ހުއްދައީ
ނަދުރު ބުނެވޭނީ ހަމައެކަނި ހުއްދަ އަދި ޙަލާލު ކަމެއް ހާސިލުވުމަށް އެދިގެންނެވެ. އަދި ދީނުގައި ހެޔޮކަމެއް ކަމުގައި ކަނޑައެޅި، މަޝްރޫޢު ކުރެވިފައިވާ ކަމެއް ކުރުމަށެވެ. އަދި ހަލާލު ވެގެން ނުވާ ކަމެއް ކުރުމަށް ނަދުރެއް ބުނެފި ނަމަ އެނަދުރު ފުއްދުމަކީ ހުއްދަކަމެއް ނޫނެވެ.
 عَائِشَةَ رَضِيَ اللَّهُ عَنْهَاގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((مَنْ نَذَرَ أَنْ يُطِيعَ اللَّهَ فَلْيُطِعْهُ وَمَنْ نَذَرَ أَنْ يَعْصِيَهُ فَلَا يَعْصِهِ)) البخاري. މާނައަކީ: ” އަށް ކިޔަމަންގަތުމަށް ނަދުރު ބުނެފި މީހާ އެނަދުރު ފުއްދާށެވެ! އަދި އެކަލާނގެއަށް އުރެދުމަށް ނަދުރު ބުނެފިނަމަ އެކަލާނގެއަށް ނުއުރެދޭށެވެ!”

 މިސާލަކަށް: މީހަކު ނަދުރު ބުނީ ޒިޔާތަކަށް ޚިދުމަތެއް ކުރަން ނުވަތަ މައިންބައިންނާ އަނގައިން ނުބުނުމަށް ނުވަތަ އެހެންވެސް ހުއްދަ ނޫން، ނުބައިކަމެއް ކުރުމަށް ނަދުރު ބުނެފި ނަމަ އެކަމެއް ކުރުން ހަލާލުވެގެން ނުވެއެވެ. އަދިކިޔެއް ތިބާގެ ނަދުރު އުވާލައި އެނަދުރުގެ ކައްފާރާ ދޭން ޖެހޭނެއެވެ. ހަމައެފަދައިން ހެޔޮކަމަކަށް ނަދުރުބުނެ، އެނަދުރު ފުއްދުމަށް ކުޅަދާނަ ނުވެއްޖެނަމަވެސް އެމީހެއްގެ މައްޗަށް ވަނީ ކައްފާރާއެވެ.

ނަދުރުގެ ކައްފާރާ
އިސްވެ ދިޔަފަދައިން ހުއްދަވެގެން ނުވާ ކަމެއްގައި ނަދުރު ބުނެވިއްޖެ ނަމަ ނުވަތަ އަދާކުރުމަށް ނުކުޅަދާނަ ކަމެއްގައި ނަދުރު ބުނެވިއްޖެ ނަމަ އެ ނަދުރުން ސަލާމަތް ވެވެން އޮތް ގޮތަކީ ނަދުރު އުވާލައި އޭގެ ކައްފާރާ ދިނުމެވެ. ނަދުރުގެ ކައްފާރާ އަކީ ހުވައި އުވައިލުމުގެ ކައްފާރާއެވެ.
 عُقْبَةَ بْنِ عَامِر رَضِيَ اللَّهُ عَنْه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( كَفَّارَةُ النَّذْرِ كَفَّارَةُ الْيَمِينِ)) مسلم. މާނައަކީ: “ނަދުރުގެ ކައްފާރާ އަކީ ހުވައިގެ ކައްފާރާއެވެ.” އަދި ابن عباس رضي الله عنهما ވިދާޅުވިކަމުގައި ވެއެވެ

(( مَنْ نَذَرَ نَذْرًا لَمْ يُسَمِّهِ فَكَفَّارَتُهُ كَفَّارَةُ يَمِينٍ وَمَنْ نَذَرَ نَذْرًا فِي مَعْصِيَةٍ فَكَفَّارَتُهُ كَفَّارَةُ يَمِينٍ وَمَنْ نَذَرَ نَذْرًا لَا يُطِيقُهُ فَكَفَّارَتُهُ كَفَّارَةُ يَمِينٍ وَمَنْ نَذَرَ نَذْرًا أَطَاقَهُ فَلْيَفِ بِهِ )) سنن أبى داود، إرواء الغليل (ج 8، ص 315). “ކުރާނެ ވަކި ކަމެއްގެ ނަން ނުގަނެ މީހަކު ނަދުރެއްބުނެފި ނަމަ އެކަމުގެ ކައްފާރާއަކީ ހުވައިގެ ކައްފާރާއެވެ. އަދި އުރެދުމަކަށް ނަދުރު ބުނެފި މީހާގެ ކައްފާރާއަކީ ވެސް ހުވައިގެ ކައްފާރާއެވެ. އަދި އަދާކުރުމަށް ކުޅަދާނަ ވެގެން ނުވާފަދަ ނަދުރެއް ބުނެފި މީހާގެ ކައްފާރާއަކީ ވެސް ހުވައިގެ ކައްފާރާއެވެ. އަދި ކުޅަދާނަ ކަމެއްގައި ނަދުރު ބުނެފި ނަމަ އެނަދުރު ފުއްދާށެވެ!” الحافظ ابن حجر މި ޚަބަރު ސައްހަކަމުގައި ވިދާޅުވިއެވެ. އަދި ގިނަ ޢިލްމުވެރިން ފަތުވާ ދެއްވާފައިވަނީ މިފަދައިންނެވެ.

ހުވައިގެ ކައްފާރާއަކީ: އެމީހަކު އޭނާގެ އަހުލުވެރިންނަށް ކާންބޯން ދީ އުޅޭ އެއްޗިހިންކުރެ މެދުމިނުގެ ކާއެއްޗިހި ނުވަތަ ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ފަދައިން އެރަށެއްގެ އަހުލުވެރިން ކައިބޮއެ އުޅޭ މެދު ފަންތީގެ އެއްޗަކުން ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ ދިހަ މިސްކީނުންނަށް އެފެންވަރުގެ ފޭރާން ދިނުމެވެ.

 ނުވަތަ އަޅަކު މިނިވަން ކުރުމެވެ. އަދި މިތިން ކަމުން ކުރެ ކަމެއް ކުރުމުގެ ކުޅަދާނަކަން ނެތް މީހާގެ މައްޗަށް ވަނީ ތިން ދުވަހު ރޯދަ ހިފުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. { لا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَاحْفَظُوا أَيْمَانَكُمْ كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ } المائدة 89. މާނައަކީ: ” ތިޔަބައިމީހުން ހިތުގެ ގަސްތަކާއި ނުލައި (ވާހަކައިގެ ތެރޭގައި) ބޭކާރުގޮތުގައި ކުރާ ހުވަޔަކަށް މާތް  މުއާޚަޛާ ނުކުރައްވާނެއެވެ. އަދިކިޔެއް، އެކަލާނގެ މުއާޚަޛާ ކުރައްވަނީ ތިޔަބައިމީހުން ހިތުގެ ގަސްތާއި އެކުގައި ކުރާ ހުވައަށެވެ.

 އެފަދަ ހުވައިގެ ކައްފާރާއަކީ ތިޔަބައިމީހުންގެ އަހުލުވެރިންނަށް ކާންބޯން ދީ އުޅޭ މެދުމިނުގެ ކާއެއްޗިހިން ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ ދިހަ މިސްކީނުންނަށް (އެފެންވަރުގެ) ފޭރާން ދިނުމެވެ. ނުވަތަ އަޅަކު މިނިވަން ކުރުމެވެ. ފަހެ އެއިން ކަމެއް ކުރުމަށް ނުލިބިއްޖެ މީހާ ތިން ދުވަހު ރޯދަ ހިފާށެވެ.

 އެއީ ތިޔަބައިމީހުން ހުވައެއް ކޮށް (އެހުވައި އުވައިލުމަށް ގަސްތު ކޮށްފި ނަމަ) އެކަމުގެ ކައްފާރާއެވެ. އަދި ތިޔަބައިމީހުންގެ ހުވަޔަށް ރައްކާތެރިވާށެވެ! މިފަދައިން މާތް  އެކަލާނގެ އާޔަތްތައް (ދީނުގެ އަހުކާމުތައް) ބަޔާންކުރައްވަނީ ތިޔަބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ.”
ކައްކާފައި މީހަކަށް ފުދޭ ވަރަށް ރޮށްޓާއި ރިހަ ނުވަތަ ރިހައާއި ބަތް ކާންދިނުމުން ފުދެއެވެ. ނަމަވެސް އޭގެ ބަދަލުގައި ކާޑު ނުވަތަ އޮށްޓަރުން ބަހާނަމަ މިސްކީނެއްގެ ކާއެއްޗިހީގެ މިންވަރެއްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ޞާއެއްގެ ދެބައިކޮށްފައި އެއްބައެވެ.

 އެއީ ކިލޯގުރާމުންނަމަ ގާތްގަނޑަކަށް ދޮޅުކިލޯއެވެ. އަދި ކާބޯ ތަކެތީގެ ބަދަލު ފައިސާ އިން ދިނުމަކުން ނުފުދޭނެ ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ.

މައްޔިތުންގެ ނަދުރު

މަރުވެ ގޮސްފައިވާ މައިންބަފައިންނާއި ތިމާގެ މީހުންގެ މައްޗަށް ނަދުރެއް އޮތް ނަމަ އެ ނަދުރު ފުއްދުމަކީވެސް ވާރުތަވެރިންގެ މައްޗަށް ކަނޑައެޅިފައިވާ ހެޔޮ ކަމެކެވެ. ނަދުރަކީ ދަރަންޏެކެވެ. އެ ދަރަނި އޭގެ އަހުލުވެރިން މަރުވެ ދާ އިރުގައި އަދާނުވެ އޮތް ނަމަ އެކަން އެހެން މީހުން ފުއްދުމުން އެމީހުންގެ ކިބައިން އަދާ ވާނެކަމުގައި ސުންނަތުން ސާބިތު ވެއެވެ.
والله أعلم وبالله، وصلى الله على نبينا محمد وعلى آله وصحبه وسلم
  އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons