Wednesday, August 3, 2011

ފާލުބަލައިގެން މަރުވާނެދުވަސް އެނގޭނެތަ؟


ސުވާލު:އެއްވެސް އިންސާނަކު މަރުވާނެ ދުވަހެއް އެކަކަށްވެސް ނޭނގޭނެ، އެކަމަކު އަޅުގަނޑު އަޑުއެހިން މީހުން ބުނާ އަޑު ފާލު ބަލައިގެން މަރުވާނެ ދުވަސް އެނގޭނެކަމަށް އަދި އެގޮތަށް ކަންތައްވެފަވެސް އެބަހުރިކަމަށްބުނޭ މިއީ ކިހާ ވަރެއްގެ ޙަޤީޤަތެއްތޯ؟

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކާހިނުން ގާތަށްގޮސް ކަންކަން އޮޅުންފިލުވާ ހެދުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެއީ ބޮޑުވެގެންވާ ނުބައިކަމެކެވެ. އެކަންކުރާމީހުންގެ ޙުކުމް ބަޔާން ކުރައްވާ ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ.(مَنْ أَتَى عَرَّافًا فَسَأَلَهُ عنْ شَيْءٍ لَمْ تُقْبَلْ لَهُ صَلاةٌ أَرْبَعِينَ لَيْلَةً) މާނައަކީ: "ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހުންކުރެ ކަމަކަށް އެދި ސުވާލުކޮށްފިމީހާގެ ނަމާދު ސާޅީސްރޭ ވަންދެން ގަބޫލު ނުކުރައްވާނެއެވެ".
އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. (مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ) މާނައަކީ: "ކާހިނެއް ނުވަތަ ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހަކު ދައްކާވާހަކަ ގަބޫލުކޮށްފި މީހާ މުޙަންމަދުގެފާނުގެ މައްޗަށް ބާވާލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ".
މިފަދަ މީހުންގެ ވާހަކަ ތައް ގަބޫލު ނުކުރުމަށް އަންގަވާފައިވާ ސަބަބަކީ އެބައިމީހުންނަކީ ޖިންނީންނަށް އަޅުކަން ކުރާ، ޖިންނީންގެ ފަރާތުން މަޢުލޫމާތު ހޯދާ ބަޔަކަށްވާތީވެއެވެ. އެމީހުން ނަމާދުކޮށް ގުރްއާން ކިޔަވާ އުޅެނީ މީސްތަކުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. ޙަގީގަތުގައި އެބައިމީހުންނަކީ ގުރްއާނަށް އެންމެބޮޑަށް ކާފިރުވާމީހުންނެވެ. އެބައިމީހުން ގުރްއާން ނަޖިސް ތަކުގެ ތެރެއަށްލައި، ﷲ އަށް ކާފިރުވެ، ޖިންނީންނަށް  އަޅުކަން ކުރުމުން މެނުވީ ޖިންނީން އެބައިމީހުންނަށް އެއްވެސް މަޢްލޫމާތެއް ނުދޭނެއެވެ. އެބައިމީހުން ނަމާދުކުރި ކަމުގައިވީނަމަވެސް ޙަގީގަތުގައި އަޅުކަން ކުރަނީ ޖިންނީންނަށެވެ. ﷲ އަކަށް ނޫނެވެ.
އެއްވެސް މީހަކު މަރުވާނީ ކޮންތަނަކު ކޮންވަގުތަކު ކަމެއް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެނގިގެނެއް ނުވެއެވެ. ކަހީނުން ފާލުބަލާފައި ބުނާ އެއްޗަކީ ޙަގީގަތެއް ނޫނެވެ. ފަހަރުގައި ތެދެއް ހެދުނު ކަމުގައިވީނަމަވެސް ޙަގީގަތުގައި އެބައިމީހުން ހަދަނީ ހުސްދޮގެވެ. والله أعلم    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons