ރަމަޟާންމަހާއިގުޅިގެން ދީނީ ނަޞޭޙަތް ދެއްވުމަށް ނުވަތަ އެނޫންވެސް ކަމަކު އިޒްރޭލުގެ މީހަކު ނުވަތަ ޔަހޫދީއަކު ރާއްޖެ ގެނެސްފައިވާނަމަ ގެނެސްފައިވަނީ އިސްލާމިކް މިނިސްޓްރީން ނުވަތަ އެމިނިސްޓްރީން ހުއްދަދީގެން ނޫންކަމަށާ އެކަންކުރައްވައިގެން އުޅުއްވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކަމަށް ވެދާނެކަމަށް އިސް ލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދު މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާޒް ރަޝީދު ވާހަކަ ދައްކަވަމުން “އަޅުގަނޑުމެނަށް މިހާރު ވެސް ޝައްކު އުފެދޭ އެބަ މި ރަމަޟާންމަހަށް ވެސް ރާއްޖެ އިން ބޭރުން ބައެއް މީހުން ބުނަމުން އެބަދޭ އިޒުރޭލުން ބަޔަކު ހުދުހެދުން ޖުއްބާ ލައްވައިގެން މި ރާއްޖެ އެތެރެކޮށްފައި ތިބި ކަމަށް އެބަބުނޭ. ކުރިން އަޅުގަނޑުމެން މި ތަނަށް ގެންނަނީ ސަޢޫދީޢަރަބިއްޔާ އިން ދީނީ ވަޢުޟު ދޭން. މިހާރު އިޒްރޭލުން ބަޔަކު ގެނެސްފަ އެބަތިބި. މި މީހުން، އިޒްރޭލުން ބަޔަކު ގެނެސްފައި އެބަ ތިބި. އެހެންވީމާ، މިއީ އަޅުގަނޑުމެން ފިކުރުބޮޑުވަން އަޅުގަނޑުމެން ކަންބޮޑުވަންޖެހޭ ކަމެއް މިއަދު ރައްޔިތުން. އެހެންވީމާ، ކުރަން މި އުޅެނީ ކޮން ކަންތައްތަކެއްކަމާ ދޭތެރޭ އަޅުގަނޑުމެނަށް ސުވާލުއުފެދޭ” ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާތީ މިއަދު ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޙުސައިން ރަޝީދު ވިދާޅުވީ މިއަހަރު އެމިނިސްޓްރީން ގެންނަވާފައިވަނީ ސަޢޫދީ ޢަރަބިއާގެ 3 ބޭކަލަކާ އިންޑިއާގެ 16 ހާފިޡުން ކަމަށެވެ. އަދި ބައެއް އަމިއްލަ ފަރާތްތަކުގެ އެދުމަށް އިންޑިއާގެ އިތުރު 16 ޙާފިޡަކާއި ސްރީލަންކާގެ ތަބްލީޣް ޖަމާއަތުގެ ބައަކަށް ރާއްޖޭގައި ވައުޡު ބުނެ އިމާމްވެ ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވާފައިވާނެ ކަމަށެވެ.
” މަޖިލީހުގައި ދައްކާ ވާހަކަތަކަށް ޖަވާބުދޭން އަޅުގަނޑު ބޭނުމެއް ނޫން. އެތަނުގައި ދައްކާ ވާހަކައަކާ ގުޅިގެން އެޅޭނެ ޤާނޫނީ ފިޔަވަޅެއް ނެތް. ދެއްވާނެ އަދަބެއް ނެތް. އަޅުގަނޑަށް ހީވަނީ އެބޭފުޅުން ޤަބޫލު ކުރައްވަނީ އެތަނުގައި ދައްކާވާހަކަތައް މަލާއިކަތުން ނުވެސް ލިޔުއްވާނެކަމަށް” ކަމުގައިވެސް ޙުސައިން ރަޝީދު ވިދާޅުވިއެވެ.
ޙުސައިން ރަޝީދު ވިދާޅުވީ މިނިސްޓްރީން ކުރަމުންގެންދާ ދީނީ ކަންކަން ކުރައްވަމުން ގެންދަވަނީ އޭނާގެ ބެއްލެވުމުގެދަށުންކަމްށްވާއިރު އޭނާއަށް އެނގިވަޑައިނުގެން، ދީނީ އެއްވެސް ކަމެއް އިސްލާމިކް މިނިސްޓްރީން ނުކުރާނެ ކަމަށާ ރިޔާޒް އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ބައަކު ރާއްޖޭގައި އުޅޭކަމުގެ މައުލޫމާތު ރިޔާޒަށް ލިބިވަޑައިގެންފައިވާނަމަ އެބައަކާބެހޭ މައުލުމާތު ހޯއްދަވައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުއްވުމަކީ ރިޔާޒް ރަޝީދަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށްވެސް ޙުސައިން ރަޝީދު ވިދާޅުވިއެވެ.
ރިޔާޒް ރަޝީދު އިއްޔެ މަޖިލިހުގައި ދެއްކެވި ވާހަކަ އާއި ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވީ “އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވީ މި ބަރަކާތްތެރި މަހުގައި މި ދިވެހި ރައްޔިތުންނަށް ދީނީ ވަޢުޟު ވިދާޅުވާން ރާއްޖެ އިން ބޭރުން ވަޑައިގެން ތިއްބެވި ދީނީ ބޭފުޅުންނާ ދޭތެރޭގައި އެންމެހައި ދިވެހި ރައްޔިތުންގެ ހިތުގައި ޝައްކުތައް އުފެދޭ ގޮތަކަށް ޢިއްޒަތްތެރި މެންބަރު ވާހަކަފުޅު ދައްކަވާތީ އެއީ މި މަޖިލީހުގައި ދެއްކިގެން ވާނެ ވާހަކަ އެއް ނޫން ކަމަށް އަޅުގަނޑު ފާހަގަކުރަން” ބޭނުންވާ ކަމަށެވެ.
ރިޔާސަތުން ދެއްވި ޖަވާބުގައި ވިދާޅުވީ “ނިޒާމާ ބެހޭ މައްސަލަ އެއް ނޫން. ހުރިހާ މެންބަރުން ވެސް ވާހަކަފުޅު ދެއްކެވުމުގައި ޙަޤީޤަތާ އެއްގޮތަށް ތެދުބަހުން ވާހަކަފުޅު ދެއްކެވުން އަޅުގަނޑު އެދެން.” ކަމަށެވެ.
އަބްދުއްލަތީފް
0 comments:
Post a Comment