އިސްތިޚާރާގެ ނަމާދަކީ، ހުއްދަ ކަންތަކުގެ ތެރެއިން ކަމެއް ކުރުމަށް އެދެމީހާއަށް، ސުންނަތްވެގެންވާ ނަމާދެކެވެ. އެކަމަށް ޢަމަލީގޮތުން، ފަށައިގަތުމުގެ ކުރިން، އެކަމަކީ ތިމާއަށް ފައިދާހުރި ކަމެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމަށެވެ. އިސްތިޚާރާގެ ނަމާދަކީ، އިސްތިޚާރާގެ ނިޔަތުން ކުރެވޭ ދެރަކުޢަތް ނަމާދެކެވެ.
އެހެނަސް، ރަވާތިބު ސުންނަތުގެ ތެރެއިން ސުންނަތެއް ނުވަތަ މަސްޖިދު ސުންނަތުގެ ދެރަކްޢަތް ކުރުމަށް ފަހުގައިވެސް، އިސްތިޚާރާގެ ދުޢާކޮށް، އިސްތިޚާރާ ކުރެވިދާނެއެވެ. އިސްތިޚާރާގެ ނިޔަތުން، ދެރަކުޢަތް ކުރަނީނަމަ، އިސްތިޚާރާގެ ދެރަކުޢަތް މާތްﷲ އަށް ކުރުމަށް ޤަޞްދުކޮށް (الله أكبر) ކިޔާ ޙަރަމް ބަނދެ ދެރަކްޢަތް ނަމާދު ކުރާނީއެވެ. މިނަމާދު، ރޭގަނޑާއި ދުވާލުގެ ކޮންމެ ވަޤުތެއްގައިވެސް، ކުރެވިދާނެއެވެ. މިދެރަކުޢަތުގައި، ސޫރަތުލް ފާތިޙާ އަށްފަހުގައި، ކީރިތި ޤުރްއާނުން ކިޔުމަށް އެދޭ ތަނަކުން، އެދޭ މިންވަރަކަށް ކިޔެވި ދާނެއެވެ. ވަކި ސޫރަތެއް ނުވަތަ ވަކިއާޔަތެއް ވަކި މިންވަރަކަށް ކިޔުމަށް، ވާރިދުވެގެންނެއް ނުވެއެވެ. މިދެރަކުޢަތް ކުރުމަށްފަހުގައި، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނަށް ޞަލަވާތް ކިޔަވާނީއެވެ. މިކިޔެވުމަށް ވަކި ޞަލަވާތެއް ޚާއްޞަވެގެނެއްނުވެއެވެ.
އިބްރާހިމީ ޞަލަވާތް ކިޔެވިޔަސް ރަނގަޅުވާނެއެވެ. މިދެންނެވިދިޔަ ގޮތުގެ މަތިން، ޢަމަލުކުރެއްވުމަށްފަހުގައި، ޖާބިރް، ރަޟިޔަﷲ ޢަންހު، ގެކިބައިން ބުޚާރީ ރިވާކުރެއްވި މިދުޢާ ކުރާނީއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. "ހުރިހާ ކަމެއްގައިވެސް، އިސްތިޚާރާ ކުރުރމަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ތިމަންކަލޭގެފާނު މެންނަށް، އުނގަންނަވައިދެއްވިއެވެ. ކީރިތި ޤުރްއާނުގެ ސޫރަތެއް، ތިމަންކަލޭގެފާނު މެންނަށް އުނގަންނަވައި ދެއްވާފައިވެއެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންކުރެ މީހަކު، ކަމެއްކުރުމަށް ޤަޞްދު ކޮށްފިއްޔާ، ފަރްޟު ނަމާދު ނޫން ދެރަކުޢަތް ނަމާދު ކުރާހުށިކަމެވެ. ނަމާދު ފަހުގައި ކުޔާ ހުއްޓެވެ. (اللهُمَّ إنِّي أسْتَخِيْرُكَ بِعِلْمِكَ وَأسْتَقْدِرُكَ بِقُدْرَتِكَ مِنْ فَضْلِكَ الْعَظِيْم فَإنَّكَ تَقْدر وَلاَ أقْدِرُ وَتَعْلَم وَلاَ أعْلَمُ وَأَنْتَ عَلاَّم الْغُيُوب. اللّهُمّ إنْ كُنْتَ تَعْلَمُ أنَّ هَذَا الْأمْرَ خَيْرٌ لِيْ فِيْ دِيْنِيْ وَمَعَاشِي وَعَاقِبَةِ أمْرِيْ)، ނުވަތަ ވިދާޅުވީ (عَاجِلِ أمْرِي وَآجِلِهِ فَاقْدُرهُ لِيْ وَيَسِّرْهُ لِيْ ثُمَّ بَارِك لِيْ فِيْهِ, وَإنْ كُنْت تَعْلَمُ أنَّ هَذَا الْأمْر شَرٌّ لِيْ فِيْ دِيْنِي وَمَعَاشِيْ وَعَاقِبَةِ أمْرِيْ)، ނުވަތަ ވިދާޅުވީ (فِيْ عَاجِلِ أمْرِيْ وَآجِلِهِ فَاصْرِفْهُ عَنِّيْ وَاصْرِفْنِيْ عَنْهُ وَاقْدُرْ لِيّ الْخَيْرَ حَيْثُ كَانَ ثُمَّ ارْضِنِيْ بِهِ)" އެކަލޭގެފާނު ވިދާޅުވިއެވެ. "މިދުޢާ ވިދާޅުވަމުން އައިސް (اللّهُمّ إنْ كُنْتَ تَعْلَمُ أنَّ هَذَا الْأمْرَ) މިހިސާބަށް ވިދާޅުވެފައި، ތިމާ އެދޭ ކަމެއްގެ ނަންގަންނަ ހުއްޓެވެ."
އިސްތިޚާރާގެ ނަމާދުގައި، ކިޔެވުމަށް ވަކި ސޫރަތްތަކެއް، ނުވަތަ ވަކި އާޔަތްތަކެއް ޚާއްޞަވެގެނެއް ނުވެއެވެ. އެއިން ސޫރަތެއް ނުވަތަ އާޔަތެއް ތަކްރާރުކޮށް ކިޔެވުން، ޞައްޙަވެގެން ނުވާ ފަދައިންނެވެ.
(النَّوَوِيّ) ވިދާޅުވިއެވެ. "އިސްތިޚާރާކުރުމަށްފަހު، ތިމާގެ ހިތަށް އިންޝިރާހްކަން ލިބުނުގޮތެއްގެ މައްޗަށް ޢަމަލުކުރުން ތިމާއަށް ހުއްޓެވެ. އަދި ކީއް ހެއްޔެވެ. ކުރީން ތިމާ ޤަޞްދުކޮށްފައިވާ، ޤަޞްދުކުރުން ދޫކޮށްލުން ހުއްޓެވެ. މިގޮތަށް ޢަމަލުނުކުރިނަމަ، ﷲއަށް އިސްތިޚާރާކުރި މުސްތަޚާރަކު ކަމުގައި ތިމާ ނުވާނެއެވެ. އަދި ކީއްހެއްޔެވެ. ރަނގަޅު ގޮތް ދެއްކެވުމަށް ދެންނެވުމުގައި، ދޮގުވެރިޔަކު ކަމުގައި ތިމާ ވާނެއެވެ. އަދި ދެނެވޮޑިގަތުމާއި، ކުޅަދުންވަންތަކަން، ﷲ ތަޢާލާއަށް، ޘާބިތުކުރުމުން، ބަރީއަވީ މީހަކު ކަމުގައި ތިމާ ވެދާނެއެވެ. ފަހެ ތިމާ ކުރި އިސްތިޚާރާގައި، ތިމާ ތެދުވެރި ވެއްޖެއްޔާއި، ތިމާގެ ނަފްސަށް، ތިމާ އިޚްތިޔާރުކޮށްފައިވާ، އިޚްތިޔާރު ކުރުމުންނާއި، އެކަން ކުރުމަށް ލިބިގެންވާ ބާރާއި ކުޅަދާނަކަމުން އެއްކިބާވެއެވެ."
0 comments:
Post a Comment