Sunday, August 14, 2011

ސައްވާލުމަހުގެ ހަރޯދަ

ސުވާލު:ރޯދަ މަހަށްފަހު ޝައްވާލުމަހުގައި 6 ރޯދަ ހިފަން ފަށާނީ، ފިޠްރު ޢީދަށް 3 ދުވަސް ދޫކޮށްލާފައިކަމަށް ބައެއް މީހުން ބުނެއެވެ.އަދި އަޅުގަނޑަށް ފެނުން ފޮތެއްގައި، ޢީދަށްފަހު ޝައްވާލުމަހުގެ 2 ވަނަދުވަހު ރޯދަހިފަން ނުފަށްޓައިފިނަމަ ޝައްވާލުމަހުގެ 6 ރޯދަ ޤަބޫލުނުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. މިކަމުގައި އިސްލާމްދީނުގައި އޮތް ރަގަޅުގޮތް ވިދާޅުވެދެއްވުން އެދެމެވެ.އަދި 6 ރޯދަ ހިފަންޖެހޭނީ، ޖައްސަޖައްސައިގެން، އެއްވެސް ދުވަހެއް ވައްޓާނުލައި ހެއްޔެވެ ؟

ޖަވާބު ދެއްވާފައިވަނީ :
އައްޝައިޚް އަޙްމަދު އަލް ކުއްތީ ( ކެނެޑާގެ އޮންޓާރިއޯގެ އިސްލާމިކް އިންސްޓިޓުއުޓް އޮފް ޓޮރޮންޓޯގެ މުޙާޟިރު )
އެންމެހާ ޙަމްދުޘަނާ ޙައްޤުވެގެންވަނީ ގަދަ ކީރިތި ވަންތަ ﷲ سبحانه وتعالى އަށެވެ.ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ މި އުންމަތުގެ ނަބިއްޔާ محمّد صلّى الله عليه وسلّم އަށެވެ.މި ޞަލަވާތާއި ސަލާމްގައި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނާއި އެކަލޭގެފާނު ދެއްކެވި ސީދާ މަގުގައި ހިންގެވި ޞަޙާބީން ޝާމިލް ކުރަމެވެ.
ފިޠްރު ޢީދު ފާހަގަކުރުމަށްޓަކައި ތިންދުވަސްވަންދެން މަޑުކުރާކަށް ނުޖެހޭނެއެވެ.އެހެނީ ފިޠްރު ޢީދުގައި އޮންނަނީ އެންމެ ދުވަހެކެވެ.
އެހެންކަމުން 6 ރޯދަހިފަން ބޭނުންމީހަކަށް، ފިޠްރު ޢީދުދުވަހަށްފަހު، މިސާލަކަށް ޝައްވާލުމަހުގެ ދެވަނަ ދުވަހުންފެށިގެން އެކަން ފެއްޓިދާނެއެވެ.މިކަމާއިބެހޭގޮތުން ގިނަ ޢިލްމުވެރިންނަށް ފެނިވަޑައިގަންނަވާ ގޮތަކީ މިއީއެވެ.ރަސޫލާ صلّى الله عليه وسلّم ގެ އަރިހުން ސާބިތުވެފައިވާ ޙަދީޘެއްގައިވަނީ :
‏مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ لدَّهْرِ ( ޞަޙީޙް މުސްލިމް )
މާނައީ : " ރަމަޟާން މަހުގެ ރޯދަ ހިފާފައި ، އޭގެ ފަހުން ޝައްވާލުމަހުން 6 ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަހިފުން ފަދައެވެ. ( އެބަހީ : މުޅި އަހަރު ރޯދަ ހިފީމާ ލިބޭހާ ޘަވާބުލިބެއެވެ. ) "
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ޝައްވާލުމަހުގެ ސުންނަތް 6 ރޯދަ ހިފުން ކޮންމެހެން ފިޠުރު ޢީދުދުވަހަށްފަހު ފަށްޓާކަށްނުޖެހެއެވެ.އެބޭފުޅުން ވިދާޅުވާގޮތުން ޝައްވާލުމަހުގެ ދުވަސްތަކުގެ ތެރެއިން ކޮންމެވެސް 6 ދުވަހަކު ރޯދަހިފިކަމުގައިވިޔަސް ފުދޭނެއެވެ.އަދި ރޯދަ ހިފާއިރު ކޮންމެހެން، ޖައްސަޖައްސައިގެން ، 6 ރޯދަ ހިފާކަށްވެސް ނުޖެހެއެވެ.ޝައްވާލުމަހުގެ ދުވަސްތަކުގެ ތެރެއިން ކޮންމެވެސް 6 ދުވަހަކު ޖައްސަޖައްސައިގެން ނުވަތަ މެދުކަނޑާލައިގެން ކަމަށްވިޔަސް ރޯދަހިފިކަމުގައިވާނަމަ އިރާދަކުރެއްވިއްޔާ އެކަމަށް ކަނޑައަޅުއްވާފައިވާ ޘަވާބު ލިބޭނެއެވެ.
އިސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު އެއް އަސާސަކީ ފަރުދުންނަށް ލުއިކޮށްދީ ފަސޭހަކޮށްދިނުމެވެ.އެހެންކަމުން ކަމެއް ކުރަން ސީދާ ވަކިގޮތެއް އަންގަވާފައިނެތް ޙާލަތެއްގައި އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންނަށް ފަސޭހަގޮތެއް އިޚްތިޔާރުކުރުމެވެ. والله أعلم 
     

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons