ތިބާއަށް ހެނދުނު ހޭލެވިއްޖެ ނަމަ ހަވީރުވާނެ ކަމަށް އުއްމީދުނުކުރާށެވެ. ތިބާއަށް ލިބިގެންވާ ދުވަހަކީ ހަމައެކަނި މިއަދުކަން ދެކިގެން އުޅޭށެވެ. އިއްޔެ އޭގެ ނުބައިކަމާއި ރަނގަޅުކަމާއި އެކު ފަސްވެ ހިނގައްޖެއެވެ. އަދި މާދަމާ ތިބާއާއި ހިސާބަށް ނާދެއެވެ. މިއަދު އުފަންވެފައި މިއަދު މަރުވެގެން ދާންޖެހޭ މީހެއްގެ ގޮތުގައި ވިސްނާށެވެ. ތިބާގެ ހަޔާތުގެ މުއްދަތަކީ އެންމެ ދުވަހެއްކަމުގައި ދެކޭށެވެ. މިގޮތަށް ތިބާ ދެކޭނަމަ، މާޒީވެ ދިޔަ ކަންތައްތަކާއި މެދު އަބަދާއި އަބަދު ވިސްނާ ފިކުރުކޮށް ހާސްކަމެއްގެ ތެރޭގައި ބެދިފައި ހުންނާކަށް ނުޖެހޭނެއެވެ.
އަދި އެއްވެސް ޔަޤީންކަމެއް ނެތް މުސްޠަގުބަލާއި މެދު ކުރެވޭ އުއްމީދުތަކެއްގައި ބެދިފައި ހުންނާކަށް ނުޖެހޭނެއެވެ. ހަމައެކަނި މިދުވަހުގެ ތެރޭގައި ދިރި އުޅޭށެވެ. ހޭލުންތެރި ހިތަކާއި އެކު ނަމާދުކުރާށެވެ. ވިސްނުންތެރިކަމާއި އެކު ޤުރުއާން ކިޔަވާށެވެ. އަދި އިޚުލާސްތެރިކަމާއި އެކު ﷲ (سبحانه وتعالى) ހަނދުމަކުރާށެވެ.
ތިބާ ހެޔޮ އަމަލުކުރުމަށްޓަކައި މިއަދުގެ ވަގުތުތައް ހަމައަށް ބަހާލާށެވެ. އަދި ބަހާލެވިފައިވާ ބައިތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރާށެވެ. ޞިއްޙަތާއި ތިބާގެ ބުރުސޫރައާއި މެދުވެސް ފަރުވާތެރިވާށެވެ.
މިދުވަހުގެ ވަގުތުތައް ރާވައިލައިފި ނަމަ، މިނެޓެއް އެއްއަހަރަށް އަދި ސިކުންތެއް އެއްމަހަށް ބަދަލުކޮށްލެވިދާނެ (ވަގުތުގެ ފައިދާ އެހާވެސް ފުރިހަމަ ގޮތުގައި ހިފިދާނެ) އެވެ. ﷲ (سبحانه وتعالى) ގެ ޙަޟުރަތުން ފާފަ ފުއްސެވުމަށް އެދޭށެވެ. އެއިލާހު މަތިން ހަނދުމަކުރާށެވެ. އަދި ﷲ (سبحانه وتعالى) އާއި އެކަލާނގެ ރަސޫލާ (صلى الله عليه وسلم) އަށް ފުރިހަމައަށް ކިޔަމަންވާށެވެ.
ބޭކާރު ޢަމަލުތަކާއި ބޭކާރު ވާހަކަތަކުން ދުރުވެ ހުންނާށެވެ. އެކަންތައްތަކަކީ އެކަންތައްތަކާއި މެދު ޤިޔާމަތްދުވަހުން ޖަވާބުދާރީ ވާންޖެހޭކަންތައްތަކެވެ. ތިބާގެ އަމިއްލަ ނަފުސަށް އެދޭކަންތައްތައް ތިބާގެ މުސްލިމު އަޚާއަށް ވެސް އެދޭށެވެ. ﷲ (سبحانه وتعالى) ރުހިވޮޑިގެންވާ ގޮތުގައި މުޅި ދުވަސް ހޭދަކޮށްލާށެވެ. ތިބާގެ އެންމެ ފަހުގެ ވަކިވުމަށް ތައްޔާރުވާށެވެ. އަދި ހަމަޖެހުމާއި އުފަލާއި އެކު ދިރިއުޅޭށެވެ. ތިބާއަށް ލިބިފައިވާ ރިޒުޤާއި، އަނބިމީހާއާއި ދަރިންނާއި، ގެއާއި މަސައްކަތާއި އަދި ދިރިއުޅުމުގެ ޙާލަތާއި މެދު ހިތްހަމަޖެހިގެން އުޅޭށެވެ. އަދި އެކަންކަމަށް ޝުކުރުވެރި ވާށެވެ.
މޫސާގެފާނާއި މުޚާޠަބު ކުރައްވާ ﷲ (سبحانه وتعالى) ވަޙީކުރެއްވި ކަލާމްފުޅު، އަލް ޢައުރާފް ސޫރަތުގެ 144 ވަނަ އާޔަތުގެ ފަހުބައިގެ މާނައިގައި ވެއެވެ.
”ފަހެ، ތިމަންއިލާހު ކަލޭގެފާނަށް ދެއްވި ކަންކަމުގައި ބާރާއި އެކު ހިއްޕަވާށެވެ. އަދި ޝުކުރުވެރީންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!“ [އަލްޢައުރާފް: 144]
ހިތާމައާއި، ހާސްވުމާއި، ރުޅިވެރިކާމާއި، ބޮޑާވެރިކަމާއި، ޙަސަދަވެރިކަމާއި އަދި މީހުންނަށް ދެރަކޮށް ހިތުން ފަދަ އެންމެހާ ކަންކަމުން ދުރުހެލިވެގެން އުޅޭށެވެ. ހިތްތިރި މަޑުމައިތިރި މީހަކަށް ވާށެވެ.
މާތް ﷲ ވަޙީ ކުރައްވަނީ فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلاَ تَكْفُرُونِ البقرة:١٥٢ "ފަހެ އެހެންކަމުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ރަސްކަންފުޅު ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރައްވާ ހުށީމެވެ. އަދި، ތިމަންކަލާނގެ ކިބައަށް ތިޔަބައިމީހުން ޝުކުރުވެރިވާށެވެ! އަދި ތިމަންކަލާނގެ ކިބައަށް ތިޔަބައިމީހުން ކާފިރުނުވާށެވެ."
ގިނަގިނައިން ޒިކުރުކުރާ މީހުން މާތް ﷲ ސިފަކުރައްވަނީ ބުއްދީގެ އަހުލުވެރިން ކަމުގައެވެ. ހަމަކަށަވަރުން އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ. ވަހީކުރައްވަނީ إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لآيَاتٍ لِأُولِي الْأَلْبَابِ () الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ آل عمران: ١٩٠ – ١٩١ "އެބައިމީހުންނަކީ (ހެޔޮވިސްނޭ ބުއްދިވެރީންނަކީ) ކޮޅަށް ތިބެގެންނާއި އިށީނދެ ތިބެގެންނާއި، އޮށޯވެ އޮވެގެން މާތް ﷲ ހަނދުމަކޮށް، އަދި ބިމާއި އުޑުތައް ހެއްދެވުމާއިމެދު ފިކުރުކޮށް އުޅޭމީހުންނެވެ. (އަދި ދުޢާކޮށް ބުނެއުޅޭ މީހުންނެވެ.) ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މާނައެއްނެތް ބާޠިލުކަމެއްގެ ގޮތުގައި އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައި ނުވެއެވެ. އިބަރަސްކަލާނގެ ހުސް ޠާހިރު ވަންތަކަމާއެވެ. ފަހެ، ނަރަކައިގެ އަޒާބުން ތިމަންމެން ދިންނަވާފާނދޭވެ!"
ރިވާވެގެން ވެއެވެ. އެއްދުވަހަކު އިބްރާހީމް ބްނު އަދްހަމް رحمه الله (އަވަހާރަވީ 162ހ) ބަޞަރާގެ ބާޒާރެއްގެ ތެރެއިން ވަޑައިގެންނެވިއެވެ. އެހިނދު މީސްތަކުން އެކަލޭގަފާނުގެ އަރިހަށް ޖަމާވިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ އަބޫ އިސްޙާޤެވެ! ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި މިފަދައިން ވަޙީނުކުރައްވާތޯއެވެ:
﴿ادعوني أَستَجِب لَكُم﴾
[ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! އިޖާބަކުރައްވާހުށީމެވެ.]
އެތައް ދުވަހަކުއްސުރެ އަހަރުމެން މިދަނީ އެއިލާހަށް ދުޢާކުރަމުންނެވެ. އެކަމަކު އެއިލާހު އަހަރެމެންނަކަށް އިޖާބައެއް ނުދެއްވައެވެ.
﴿ادعوني أَستَجِب لَكُم﴾
[ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! އިޖާބަކުރައްވާހުށީމެވެ.]
އެތައް ދުވަހަކުއްސުރެ އަހަރުމެން މިދަނީ އެއިލާހަށް ދުޢާކުރަމުންނެވެ. އެކަމަކު އެއިލާހު އަހަރެމެންނަކަށް އިޖާބައެއް ނުދެއްވައެވެ.
ދެން އިބްރާހީމް (رحمه الله) ވިދާޅުވިއެވެ. އޭ ބަޞަރާގެ އަހުލުވެރިންނޭވެ! 10 ކަމަކުން ތިޔަބައިމީހުންގެ ހިތްތައް ތިޔަވަނީ މަރުވެފައެވެ.
ފުރަތަމައީ: ތިޔަބއިމީހުން ﷲ ވާކަން ދަންނަމުއެވެ. އެކަމަކު އެއިލާހުގެ ޙައްޤުތައް އަދައެއް ނުކުރަމުއެވެ.
ދެވަނައީ: ތިޔަބައިމީހުން ﷲގެ ފޮތް ކިޔައިވީމުއެވެ އެކަމަކު އެއަކަށް ޢަމަލެއް ނުކުރަމުއެވެ.
ތިންވަނައީ: ﷲގެ ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވާކަމަށް ތިޔަބައިމީހުން ދަޢުވާކުރަމުއެވެ. އެކަމަކު އެކަލޭގެފާނުގެ ސުންނަތް ދޫކޮށްލަމުއެވެ.
ހަތަރުވަނައީ: ތިޔަމައިމީހުންނީ ޝައިޠާނާގެ ޢަދާވާތްތެރީންކަމުގައި ދަޢުވާކުރަމުއެވެ. އެކަމަކު ތިޔަބައިމީހުން ތިޔަ އުޅެނީ އޭނާގެ މަގަށެވެ.
ފަސްވަނައީ: ތިޔަބައިމީހުން ބުނަމުއެވެ. ސުވަރުގެއަށް ތިމަންމެން ލޯބިކުރަމެވެ. އެކަމަކު އެސުވަރުގެ ހޯދުމަށް ތިޔަމައިމީހުން މަސައްކަތެއް ނުކުރަމުއެވެ.
ހަވަނައީ: ތިޔަބައިމީހުން ބުނަމުއެވެ. ތިމަންމެން ނަރަކައަށް ބިރުގަނެއެވެ. އެކަމަކު ތިޔަބއިމީހުންގެ ނަފުސުތައް ތިޔަ ގެންދަނީ އެތަނާއި ކައިރިއަށެވެ.
ހަތްވަނައީ: ތިޔަބައިމީހުން ބުނަމުއެވެ. ހަމަކަށަވަރުންވެސް މަރަކީ ކުރިމަތިވާނޭ އެއްޗެކެވެ. އެކަމަކު ތިޔަބައިމީހުން އެއަކަށް ތައްޔާރެއް ނުވަމުއެވެ.
އަށްވަނައީ: ތިޔަބައިމީހުން ތިޔަބައިމީހުންގެ އަޚުންގެ ޢައިބުތައް (އުނި ސިފަތައް) ހޯދުމުގައި މަޝްޢޫލުވެގަންނަމުއެވެ. އެކަމަކު ތިޔަމައިމީހުންގެ އަމިއްލަ ޢައިބުތައް އަޅާނުލާ ދޫކޮށްލަމުއެވެ.
ނުވަވަނައީ: ތިޔަބައިމީހުންގެ ރައްބުގެ ނިޢުމަތްތަކުން ތިޔަބައިމީހުން ކައިއުޅެމުއެވެ. އެކަމަކު އެނިޢުމަތްތަކަށް ޝުކުރުވެރިއެއް ނުވަމުއެވެ.
ދިހަވަނައީ: ތިޔަމައިމީހުންގެ ތެރެއިން މަރުވާމީހުން ތިޔަބައިމީހުން ވަޅުލަމުއެވެ. އެކަމަކު އެއިން ޢިބުރަތް ޙާޞިލެއް ނުކުރަމުއެވެ.
ވީމާ، ނަފްސް އިސްލާހު ކުރުމަށް އަޒުމް ކަނޑައަޅާށެވެ. މިޖުމްލަ ތިބާގެ ހިތުގައި ބިންވަޅު ކަނޑާ ނަގާށެވެ.’ މިއަދަކީ އަހަރެންގެ ހަމަ އެކަނި ދުވަހެވެ.‘ މިއަދު ތިބާ ހޫނު، ތާޒާ ޕާން ކައިފި ކަމުގައި ވާނަމަ، އިއްޔެ ކާންޖެހުނު ހިކިފައިވާ ނުބައި ޕާނާއި މެދު ވިސްނުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ އަދި މާދަން ކާންޖެހިދާނެ ޕާނަކާއި މެދު ވިސްނުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ތިބާގެ ދުވަހަކީ މިއަދެވެ. މިއަދު މީރު ފޮނިފެން ބޯން ލިބެން ހުރިއްޔާ އިއްޔެ ބުއި ލޮނުފެނާއި މެދު ވިސްނައި މިއަދުގެ މިޒާޖު ޚަރާބު ކުރަންވީ ކީއްވެހެއްޔެވެ؟
ތިބާ، ތިބާގެ އަމިއްލަ ނަފުސާމެދު ތެދުވެރިނަމަ، އަދި ޢަޒުމު ވަރުގަދަ ނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ތިބާ، ތިބާގެ އަމިއްލަ ނަފުސު ތިރީގައިވާ ކަންތަކާއި މެދު ޔަގީން ކުރުވާނެއެވެ: ’މިއަދަކީ އަހަރެން ދިރިހުންނާނެ އެންމެ ފަހުދުވަހެވެ.‘ މިވިސްނުން ތިބާއަށް ޙާޞިލްކުރެވިއްޖެ ނަމަ ތިބާގެ ދުވަހުގެ ކޮންމެ ހިނދުކޮޅަކުން ތިބާއަށް ފައިދާކުރާނެއެވެ. އެއީ ތިބާގެ މިޒާޖު (ޝަޚުސިއްޔަތު) ވަރުގަދަ ކޮއްގެންނާއި، ތިބާގެ ބާރު ފުޅާކޮއްގެންނާއި އަދި ތިބާގެ ޢަމަލުތައް ޠާހިރުކޮށްގެންނެވެ. ދެން ތިބާ، ތިބާގެ އަމިއްލަ ނަފުސަށް ބުނާނެއެވެ.
މިއަދު އަހަރެންގެ ވާހަކަ ދެއްކުން އިޞްލާޙުކޮށް ރަނގަޅުކުރާނަމެވެ. އަދި ނުބައި ބަހެއް ނުވަތަ ހުތުރު ބަހެއް ވިޔަސް ނުބުނާނަމެވެ. އަދި އަހަރެން ޣީބައެއް ވެސް ނުބުނާނަމެވެ.
މިއަދު އަހަރެން، އަހަރެންގެ ގެއާއި އޮފީސް ތަރުތީބުކުރާނަމެވެ. އަދި ތަރުތީބެއް ނެތި ފަރުވާކުޑަކަމާއި އެކު އެކިއެއްޗެހި އެކިތަނަށް އުކާލާފައެއް ނުބަހައްޓާނަމެވެ. އެކަމަކު އެތަކެތި ބަހައްޓާނީ ސާފުޠާހިރުކަމާއި ތަރުތީބާއި އެކުގައެވެ.
މިއަދު އަހަރެން، އަހަރެންގެ ހަށިގަނޑުގެ ސާފުޠާހިރުކަމާއި ބުރުސޫރައަށް ފަރުވާތެރިވާނަމެވެ. އަހަރެންގެ ރަނގަޅު ޢަމަލުތައް އިތުރުކޮށް ނުބައި އެންމެހައި ކަންތައްތަކުން އެއްކިބާވާނަމެވެ. ހިނގުމާއި ވާހަކަ ދެއްކުން އިސްލާހުކުރާނަމެވެ. އަދި އެންމެހައި ޢަމަލުތައް ޙިސާބުކުރާނަމެވެ.
މިއަދު އަހަރެން ﷲ (سبحانه وتعالى) އަށް ކިޔަމަންތެރިވުމަށް ގަދައަޅާ މަސައްކަތްކުރާނަމެވެ. ކުރެވުނު އެންމެ ރަންގަޅަކަށް ނަމާދު ކުރާނަމެވެ. ސުންނަތް ކަންތައްތައް ކުރުން ގިނަކުރާނަމެވެ. ޤުރުއާން ކިޔަވައި އަދި އެހެނިހެން ފައިދާ ހުރި ފޮތްތައް ކިޔާނަމެވެ. އަހަރެން އަހަރެންގެ ހިތުގައި ހެޔޮކަމުގެ ގަސް އިންދާނަމެވެ. އަދި ބޮޑާކަމާއި، ޙަސަދަވެރިކާމާއި އަދި މުނާފިޤުކަން ފަދަ ނުބައި ކަންތަކުގެ މޫތައް އުފުރާލާނަމެވެ.
މިއަދު އަހަރެން އެހެންމީހުންނަށް އެހީތެރިވާނަމެވެ. ބަލިމީހުންނަށް ޒިޔާރަތްކުރާނަމެވެ. ޖަނާޒާގައި ބައިވެރިވާނަމެވެ. މަގުއޮޅިފައިވާ މީހުންނަށް މަގުދައްކައިދޭނަމެވެ. ބަނޑުހައި ހޫނުކަމުގައިވާ މީހުންނަށް ކާންދޭނަމެވެ. އަނިޔާ ލިބިގެންވާ މީހުންނާއި ނިކަމެތިންނަށް އެހީވެ އެމީހުންނާއި އެކު ވާނަމެވެ. އަނިޔާވެރިންނާއި ދެކޮޅަށް ޖިހާދުކުރާނަމެވެ. އަދި ހައްޔަރުގައިވާ މީހުން ސަލާމަތް ކުރުމަށް ކުރެވުނުހާ މަސައްކަތެއް ކުރާނަމެވެ. އަހަރެން ޢިލްމުވެރިންނަށް (ދީނަށް އިޚުލާސްތެރި) އިޙުތިރާމްކުރާނަމެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވެ، މުސްކުޅިންނަށް ކަމޭހިތާނަމެވެ.
އޭ! އަހަރެންނާއި އަބަދަށްޓަކައި ވަކިވެގެން ދިޔަ މާޒީއެވެ! އަހަރެން ތިބާގެ މައްޗަކަށް ނުރޯނަމެވެ. ތިބާއަކަށް އަހަރެން ތިބާ މަތިން އެންމެ ހިނދުކޮޅަކަށް ވެސް ހަނދުމަކުރާތީއެއް ނުފެންނާނެއެވެ. ތިބާ އަހަރެންނާއި މާދުރަށް ދަތުރުކޮށްފިއެވެ. އެނބުރި އައުމެއް ނެތްގޮތަށެވެ.
އޭ! މުސްޠަޤުބަލެވެ! ތިބާވަނީ ޣައިބުގައެވެ. އެހެންވީމާ، އަހަރެން ތިބާއާއި މެދު އަބަދާއި އަބަދު ހުވަފެން ދެކިއެއް ނުހަދާނަމެވެ. އަންނަން އޮތް ކަންތައްތަކާއި މެދު އަހަރެން ނުވިސްނާނަމެވެ. ސަބަބަކީ މާދަމާއަކީ އެއްވެސް އެއްޗެއް ނޫނެވެ. މާދަމާ އަދި ވުޖޫދަށް ނާދެއެވެ.
’މިއަދަކީ އަހަރެންގެ ހަމައެކަނި ދުވަހެވެ.‘ މިއަދަކީ އުފާވެރިކަމުގެ ރަދީފުގައިވާ އެންމެ މުހިއްމު ޖުމްލައެވެ. އެކަމަކު އުފާވެރިކަމާއި ހިތްހަމަޖެހުމާއި އެކު އުޅެން ބޭނުންވާ މީހަކަށެވެ.
0 comments:
Post a Comment