ލިޔުނީ: އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު....
އާދެ! ބައެއްފަހަރު ބޮޑެތި މުޞީބާތްތަކާއި ، ބޮޑެތި ޠޫފާންތަށް އައިސް ތަންތަން ހަލާކުވެގެންދާއިރު ސާލިޙު ރަނގަޅު މީހުންހަލާކުވެދަނީ ކީއްވެގެންހޭ ބައެއް މީހުން ބުނެއުޅެއެވެ . ޝައްކެއްނެތްގޮތުގައި އެއީ ވެދާނެކަމެކެވެ. ކީރިތި ރަސޫލާގެ އަރިހުގައި އަޞްޙާބުން ދެންނެވިއެވެ. އަޅުގަނޑުމެންގެތެރޭގައި ރަނގަޅު މީހުން ވަނިކޮށް ، އަޅުގަނޑުމެން ހަލާކުވެދާނެތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އާއެކެވެ. ނުބައިކަންތައް ގިނަވެއްޖެނަމަ އެންމެން ހަލާކުވެދާހުއްޓެވެ ''
އަދި ހަމަ މިމާނަ އެކުލެވިގެންވާ އަލްއަންފާލް ސޫރަތުގެ 25 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނާގައިވެއެވެ.
"އަދި ޖެހިދާނޭ ފިތުނަވެރި މުޞީބާތަކަށްޓަކައި ، ބިރުވެތިވެ ރައްކާތެރިވެގެން ތިބޭށެވެ. އެ މުޞީބާތެއް ޖެހިދާހުށީ ކޮންމެހެންނަކުން ، ތިޔަބައިމީހުންގެތެރޭގައި ތިބި އަނިޔާވެރި ނުބައިމީހުންނަށް އެކަނި ޚާއްޞާވެގެންވާ ގޮތެއްގައެއްނޫނެވެ. އަދި ދަންނާށެވެ! ޢުޤޫބާތް ދެއްވުމުގައި ﷲ ގަދަފަދަވެ ވޮޑިގަންނަވަތެވެ. ''
މިއިން އަޅުގަނޑުމެންނަށް ވިސްނިގެން ދަނީ ޞާލިޙުންނާ މުޞްލިޙުންގެ ތަފާތުކަމެވެ. ސާލިޙުންނަކީ ހެޔޮޢަމަލުކޮށްގެން އަމިއްލަ ނަފްސައް ފުއްދައިގެން ތިބޭމީހުންނެވެ.
މުޞްލިޙުންނަކީ އަމިއްލައަށް ހެޔޮ ޢަމަލުކުރުމުގެ އިތުރުން އެހެންމީހުން އިސްލާޙު ކުރުމައްޓަކައި މަސައްކަތްކުރާ މީހުނެވެ. މިހެންކަމުން މުޞްލިޙުންގެ ވަޒީފާއަކީ ނަބިއްޔުންނާއި ރަސޫލުންގެ ވަޒީފާއެވެ. އެއީ ދީން ޤާއިމުކުރުމާއި ، ހެޔޮމަގަށް ގޮވާލުމެވެ.
މިހެންވެ ﷲ ވަޢްދުވެ ވޮޑިގެންފައިވަނީ އެއްވެސް ރަށެއްގައި މުޞްލިޙުން ވާހާ ހިނދަކު ، އެބަހީ ، އެރަށެއްގައި ހިނގާ ފާހިޝްކަންތަކާ ، މުންކަރާތްތައް މަނާކުރަން އުޅޭބަޔަކު އުޅޭހާ ހިނދަކު އެރަށެއް ތިމަން ﷲ ހަލާކު ނުކުރައްވާނެކަމަށެވެ. އެކަލާންގެ ހޫދު ސޫރަތުގެ 117 ވަނަ އާޔަތުގެ މާނާގައިވެއެވެ. '' ރަށްތަކުގެ އަހުލުވެރިން އިޞްލާޙުކުރުމަށް ، މަސައްކަތްކޮށްކޮށްތިއްބާ ، އަނިޔާވެރިގޮތުގައި ރަށްތައް ހަލާކުކުރަށްވާކަށް ، ކަލޭގެފާނުގެ ވެރިރަސްކަލާންގެ އިރާދަ ނުކުރަށްވަތެވެ. ''
އާދެ! ތަފާތު ނުބައިކަންތަކުން ދުރުވުމަށް ގޮވާލުމަކީ އިސްލާޙްކުރުމެކެވެ. މަސްތުވާތަކެތިން މުޖުތަމަޢު ދުރުކުރުމަށް ޙައްޤުގޮތުގައި މަސައްކަތްކުރުމަކީ ބިންމަތީގައި ކުރެވޭ އިޞްލާހެކެވެ. ނަމާދު ޤާއިމްކުރުމަށާއި އިސްލާމްދީނުގެ ޝިޢާރުތައް ފާޅުކުރުމަށް ގޮވުމަކީ އިޞްލާޙެކެވެ. ޙައްޤު ގޮތުގައި އެއްބައިވަންތަކަމަށްގޮވާލުމަކީ އިޞްލާޙެކެވެ.
މިގޮތައް އިސްލާޙު ކުރާމީހުންގެ މަސައްތަކުން އިސްލާޙު ނުވެއްޖެނަމަ ، ﷲ ގެ ޢަޒާބު އަންނަ ހިނދު ، މުޞްލިޙުން ސަލާމަތް ކުރައްވާނެކަމަށްވެސް އެކަލާންގެ ވަޢްދުވެވޮޑިގެންފައިވެއެވެ.
ނުބައިކަންތައް ކުރަމުންދިޔަ ރަށެއްގެވާހަކަ ﷲ އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގައި ކިޔާދެއްވާފައިވެއެވެ ، އެރަށުގެމީހުން ކުރަމުންދިޔަ ފާހިޝްކަންތައްތައް މަނާކުރާން އުޅުނު މީހުން ސަލާމަތްކުރައްވައި ، މުންކަރާތް މަނާ ނޮކޮށް އަޅާނުލައިތިބި މީހުން ހަލާކު ކުރެއްވި ވާހަކަ އެކަލާނގެ އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގައި ބަޔާން ކޮށްދެއްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.
'' ކަނޑުގެ އައްސޭރީގައި އޮތް ރަށަށް ވީގޮތާއިމެދު ކަލޭގެފާނު އެބައިމީހުންނާއި ސުވާލު ކުރައްވާށެވެ ! ހޮނިހިރާއިމެދު އެބައިމީހުންނަށް ކަނޑައެޅިފައިވާ ޙައްދު ފަހަނައަޅައި ދިޔަ ހިނދެވެ. އެބައިމީހުންގެ މަސްތައް ، އެބައިމީހުންގެ ހޮނިހިރު ދުވަހު ފައުޅުވެ ފެނިގެން އެބައިމީހުންނާއި ހަމައަށް އަންނަ ހިނދެވެ. އަދި ، އެބައިމީހުނަށް ހޮނިހިރު ދުވަހަށް ޚާއްޞަވެފައިވާ އަޅުކަންތައް ނުކުރާ ދުވަހު އެމަސްތައް އެބައިމީހުންނާއި ހަމައަކަށް ނާދެއެވެ. އެފަދައިން ތިމަން ﷲ އެބައިމީހުންގެ ގޮތް ބައްލަވަމެވެ. ކިޔަމަންތެރިކަމުގެ ދާއިރާއިން ނިކުންނަކަމުގައި އެބައިމީހުންވީ ކަމަށްޓަކައެވެ. އޭގެތެރެއިން ބަޔަކު ( ހެޔޮކަންތަކަށް އަމުރުކޮސް ނުބައިކަންތައް ނަހީކުރަން އުޅުނު މީހުންނަށް ) ބުނިހިނދެވެ. ﷲ އެބަޔަކު ހަލާކު ކުރައްވައި ނެތިކުރައްވާންވެފައި ، ނުވަތަ ގަދަވަގެންވާ އަޒާބ ދެއްވާން ވެފައިވާ ބަޔަކަށް ތިޔަބައިމީހުން ވަޢުޡު ބުނެ ނަސޭހަތްތެރިވަނީ ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން ( އެބަހީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރި މީހުން ) ބުންޏެވެ. ތިޔަބައިމީހުން ހައްދަވައި ބޯދު ކުރެއްވި ރަސްކަލާނގެ ޙަޟުރަތުގައ އުޒުރު ފައުޅުކޮށް ދެންނެވުމުގެ ގޮތުންނެވެ. ( އަހުރުމެންގެ ކުށެއް ނެތްކަން ފައުޅު ކުރުމުގެ ގޮތުންނެވެ. ) އަދި އެބައިމީހުން ތަޤްވާވެރިވޭތޯ ، އެކަމުގެ އެދުމުގައެވެ. ދެން ފަހެ އެބައިމީހުންނަށް އެކަމާމެދު ހަނދުމަކޮށްދެވުނު ކަންތައް ، ހަނދުމަ ނައްތައިލައިފި ހިނދު ، ނުބައި ކަނތައް ނަހީކޮށް އުޅޭ މީހުން ، ތިމަން ﷲ ސަލާމަތް ކުރައްވީމެވެ.އަދި ތިމަން ﷲ އަނިޔާވެރިވެ ނުބައިކަންތައްކުޅަ މީހުން ގަދަފަދަ ވެގެންވާ އަޒާބަކުން ހަލާކުކުރައްވައި ގެންދެވީމެވެ. ކިޔަމަންތެރިކަމުގެ ދާއިރާއިން ނިކުމެގެން ، އެބައިމީހުން އުޅުނުކަމަށްޓަކައެވެ. ދެން އެއަށްފަހު އެބައިމީހުންނަށް ނަހީވެވުނު ކަންތަކާއިމެދު އެބައިމީހުން ބޮޑަވެގެންފި ހިނދު ތިމަން ﷲ އެބައިމީހުންނަށް އެނގެވީމެވެ. ނުރުހުންތެރިކަން ލިބި ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ.''
އިސްވެދިޔައީ މުސްލިޙުންނާމެދު ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެވެ. އަދި ނުބައިކަންތައް ކޮށްއުޅުނު މީހުންގެ ނިމުންދިޔަ ގޮތެވެ. މިގޮތުން މުޞްލިޙުން ވަނިކޮށް އަޒާބު އަންނަނީ އެ ޤައުމެއްގެ މީހުނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރާ އެ މުޞްލިޙުންނަށް ދުއްތުރާކޮށް އެބައިމީހުން އެގޮވާލާ ﷲ ގެ މަގަށް ހުރަސްއަޅައި އަނިޔާވެރިވުމުގެ ސަބަބުންނެވެ. އެ ގޮތައް ﷲ ގެ މަގަށް ހުރަސް އަޅައި އަނިޔާވެރިވި އުންމަތްތަކަށް ﷲ ވަނީ ޢުޤޫބާތް ދެއްވައި ، އެފަދަ ޢުޤޫބާތްތަކުން މުޞްލިޙުން ސަލާމަތްކުރައްވާފައެވެ. އަދި ﷲ ގެ އާޔަތްތަކަށް ގޮންޖަހައި ތަޙައްދީކުރާ މީހުންގެ ނިމުމަކީ ހިތިނިމުމެކެވެ. ދުނިޔޭގައި މިގޮތަށް އުޅުނުމީހުންގެ ނިމުންދިޔައީ ނިކަމެތިގޮތެއްގައެވެ. އެބައިމީހުންގެ ޙަޔާތުން ތާރީޚްގެ ޞަފްޙާތަކަށް ބައެއް ވާރުތަކޮށްފައެވެ. ﷲ އަޅުގަނޑުމެން އެފަދަ މީހުންގެ ތެރެއިން ނުލައްވާނދޭވެ. އާމީން.
0 comments:
Post a Comment