ސުވާލު:
އިސްލާމް ދީނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޙަރާމް ކަމެއްތޯއެވެ؟
بسم الله , الحمد لله و الصلاة و السلام على من لا نبي بعده , و بعد....
ހަމަކަށަވަރުން، މި ދީނުގައި ޙަރާމާއި ޙަލާލުވަނީ ކަނޑައެޅި ބަޔާންވެގެންނެވެ. ނަމަވެސް، އެދެމެދު ޝުބުހަ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެއީ ޙަރާމް ކަމެއްތޯ ނުވަތަ ޙަލާލުކަމެއްތޯ ކަނޑައަޅަން އުދަނގޫ ކަންތައްތަކެވެ. ޞަރީޙަ ދަލީލެއް ފެންނަން ނުހުންނަ ކަންތައްތަކެވެ. އެކަހަލަ މައްސަލަތަކަށް ވާހަކަދައްކާ އުޅޭނީ އިޖްތިހާދީ ފެންވަރުގެ ދަންނަބޭކަލުންނެވެ.
ނަމަވެސް، މި ލިޔުމުގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ ބައެއް ޙަރާމް ކަންތައްތަކަށެވެ. އެކަންތައްތަކަކީ އިރު ފެންނަ ފަދައިން ސާފު ކަންތައްތަކެއްވެސް މެއެވެ. އެހެނީ، ޤުރުއާނާއި ޞައްޙަ ޙަދީޡްތަކުން ގިނަ ދަލީލުތަކެއް ވާރިދުވެފައިވާ ކަންތައްތަކަކަށް ވުމުންނެވެ. ބޭނުމަކީ އެންމެ ކަމަކަށް ވާޞިލްވުމެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ބޮޑު ވަބާއަކަށްވެފައިވާ މިވާ ސިގިރޭޓްގެ ނުބައިކަމާއި ޙަރާމްކަން ހާމަކޮށްދިނުމެވެ. އެކަމުން ދުރުވުމަށް ލޮބުވެތި އަޙުންނާއި އުޚުތުންނަށް ގޮވާލުމަށެވެ.
އާދެ، ސިގިރޭޓްގައި ހިމެނޭ ޙަރާމް ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ. އެގޮތުން؛
1- އަމިއްލަ ނަފްސަށް ގެއްލުންދިނުން ނުވަތަ އަނިޔާވެރިވުން؛
މިއީ އެއްވެސް ވަހުމެއްނެތި އެންމެންނަށްވެސް އެނގޭކަމެކެވެ. ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެހެނީ މާތް ﷲ ކީރިތި ޤުރުއާނުގައި (ބަޤަރާ ސޫރަތުގެ 195) ވާޙީކުރައްވާފައިވެއެވެ. " و لا تلقوا بأيديكم الى التهلكة " މާނައީ: ( ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ). ދެން މާތް ނަބިއްޔާ صلى الله عليه و سلم މިކަމަށް ޢިޝާރާތްކުރައްވާ ޙަދީޡްކުރައްވާފައިވެއެވެ. " لا ضرر و لا ضرار " މާނައި: ( ގެއްލުން ދިނުމެއްވެސް ނެތެވެ. އަދި ގެއްލުން ލިބިގަތުމެއްވެސް ނެތެވެ). މިކަމާ ބެހޭ ދަލީލުތައް ވަރަށްވެސް ގިނައެވެ. ޤުރުއަނާއި ސުންނަތުންނެވެ. ނަމަވެސް އިސްވެ ބަޔާންވެދިޔަ ދެ ދަލީލު މިތަނުގައި ފުދެއެވެ.
މިއަދު ސައިންޓިފިކަލީ ގޮތުން ސިގިރެޓްއާއި ބެހޭގޮތުން ވަރަށް ގިނަ ހޯދުންތަކެއް ހޯދިފައިވެއެވެ. އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ވާރުތަކޮށްދޭ ކަމެކެވެ. އެހެންކަމުން އޭގެ ނުރައްކަލުގެ ވާހަކައަކީ އަބަދުމެ ދެކެވޭ ވާހަކަތަކެކެވެ. ނަމަވެސް، އެހުރިހާ ވާހަކަތަކަކީ މިތާ ޒިކުރުކުރެވޭ ވަރަށް ވުރެ މާ ދިގު އަދި ގިނަ ވާހަކަތަކެކެވެ. އެގޮތުން ކުރުކޮށްލީއެވެ.
2 - ތިމަންނަގެ މުސްލިމް އަޙާއަށް ގެއްލުން ދިނުން ނުވަތަ އަނިޔާވެރިވުން:
މިއީވެސް ވަރަށް ސާފު މަޢުޞޫއެކެވެ. ގިނަބަޔަކަށް އެކަމުގެ ނުބައިކަމާއި ޙަރާމްކަން އެނގޭކަމެކެވެ. ނަމަވެސް ހަނދާން އާކޮށްދިނުމުގެ ގޮތުން، ދެ ދަލީލުވަރު ގެނެސްދޭނަމެވެ. މާތްﷲ ޤުދުސީ ޙަދީޡްފުޅެއްގަ ވަޙީކުރައްވާފައިވެއެވެ. " اني حرمت الظلم على نفسي وجعلته بينكم محرمة فلا تظالموا " މާނައީ: ( ހަމަކަށަވަރުން ތިމަންﷲ ވަނީ، ތިމަން ﷲ ގެ އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރިކަން ޙަރާމްކުރައްވާފައެވެ. އެދި އެކަން އެއީ ތިޔަބައިމީހުންގެ މެދުގައިވެސް ޙަރާމްކަމެއްގެ ގޮތުގައި ލެއްވީމެވެ. އެހެންކަމުން، އެކަކު އަނެކަކަށް ތިޔަބައިމީހުން އަނިޔާވެރި ނުވާށެވެ). ދެން ބުޚާރީގައި ވާރިދުވެގެން އަންނަ މާތް ނަބިއްޔާ صلى الله عليه و سلم- ގެ ޙަދީޡެއްވަނީ މިފަދައިންނެވެ. " المسلم من سلم المسلمين من لسانه و يده " މާނައީ: ( މުސްލިމަކީ ތިމަންނާގެ އަތުންނާއި ދުލުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މިހާއެވެ). ދަލީލުތައް ވަރަށްވެސް ގިނަގުނައެވެ. ނަމަވެސް މިވަރުން ފުއްދާލާނަމެވެ.
ދެން ސިގިރޭޓަށް ބައްލަވާށެވެ. ޞިއްޙީ ދިރާސާތަކުން ދައްކާގޮތުން ސިގިރޭޓް ނުބޯ މީހުންނަށް (ނުވަތަ ޕެސިވް ސްމޯކަރސް އަށް) ނަމަވެސް ބޯމީހާގެ ދުމުގެ އަސަރުކުރާ މީހުންނަށް މިކަމުގެ ނުރައްކާތެރިކަން ބޯމީހާއަށްވުރެން ބޮޑުކަމަށްވަނީ ހާމަވެ ކަށަވަރުވެފައެވެ. އެހެންކަމުން، މިއީ ތިމާގެ މުސްލިމް އަޙާއަށް ވެވޭ ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟. މިއީ ވަރަށްވެސް ބޮޑު ނުބައި ފާފައެއްކަން ކަށަވަރެވެ. އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ވަރުގެ ކަމެއްނޫނެވެ.
3- އިސްރާފުކުރުން:
މިއީވެސް އިރުފެންނަ ފަދައިން ސާފު މައްސަލައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " و لا تسرفوا ان الله لا يحب المسرفين " الأعراف : 31 މާނައީ: ( އަދި ތިޔަބައިމީހުން އިސްރާފުނުކުރާށެވެ. ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ މާތް ﷲ ލޯބި ނުކުރައްވައެވެ).
ދެން ސިގިރޭޓްގެެ އިސްރާފަކީ، އެބޭނުންކުރާ މީހުންވެސް އެއަށް އިޢްތިރާފުވާ ކަމެކެވެ. ދުވާލެއްގެ މައްޗަށް އެތަކެއް ސިގިރޭޓެއް މިބައިމީހުންގެ އަތުން އަނދާ ހުލިވެގެންދެއެވެ. އެއީ ދުވާލެއްގެ މައްޗަށް ބޭކާރުވެގެންދާ ކިހާ ފައިސާއެއްތޯއެވެ؟. ދެން އޭގެ ހިސާބު މަހަކަށް ކޮށްލައްވާށެވެ. ދެން އަހަރަކަށް ކޮށްލައްވާށެވެ. ކިހާވަރެއް ހިސާބުން ދައްކާތޯއެވެ؟. އޭގެ ބަދަލުގައި އެފައިސާއިން ކިހާ ގިނަ ރަގަޅުކަންތަކެއް ކުރެވުނީތޯއެވެ؟. މިއަށް އިސްރާފުނޫން ކިޔާނެ އެހެން ނަމެއް ނެތެވެ.
4- ޚަބާއިޡުތައް ( ރަނގަޅު ނޫން ތަކެތި) ކެއުން؛
ހަމަކަށަވަރުން ރަނގަޅު ތަކެތި ކެއުމަށް މާތްﷲ ވަނީ އެއިލާހުގެ ނަބީންނަށް އަމުރުކުރައްވާފައެވެ. އަދި ހުރިހާ ނުރަނގަޅު ކެއުމާއި ބުއިންތަކުން ދުރުވުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ. ޙަރާމް ކުރައްވާފައެވެ. މާތް ﷲ (އަލް އަޢްރާފު ސޫރަތުގެ 157 އާޔަތުގައި) ވަޙީކުރައްވާފައިވެއެވެ. " ويحل لهم الطيبات ويحرم عليهم الخبائث " މާނައީ: ( އެބައިމީހުންނަށް ހުރިހާ ރަނގަޅު އެއްޗެހި ޙަލާލުކުރެވުނެވެ. އަދި ހުރިހާ ޚަބާއިޡުތަކެއް ޙަރާމްކުރެވުނެވެ).
ދެން ސިގިރޭޓް، އެއީ ރަގަނޅު އެއްޗެކޭ ބުނާނެ މީހަކު ހުންނާނެއޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ހުރިނަމަ، ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. ތިބާގެ ކުޑަ ދަރިފުޅަކު ސިގިރޭޓް ބޯތަން ފެނުނީމަ، އެކަން މަނާ ނުކުރާނަންތޯއެވެ؟. އެހެނީ، ރަގަނޅު އެއްޗެއްނަމަ، މަނާކުރުމުގެ އެއްވެސް މާނައެއްނެތެވެ.
އިސްވެ ބަޔާންވެގެން އެ ދިޔައީ ކަނޑައެޅިގެން ކުރުން ޙަރާމް ކަންތައްތަކެއް ކަމާމެދު ދެބަސްވާނެ މުސްލިމެއް ނުހުންނާނެވެ. އެންމެންވެސް އިއްތިފާޤުވާ މައްސަލަތަކެކެވެ. ޢިލްމުވެރީން އެކަންތައްތަކުގެ ޙަރާމް ކަމާމެދު އިޖްމާޢުވެފައިވާ ކަންތައްތަކެކެވެ. މި ހުރިހާ ކަންތައްތަކެއް އެއްކަމެއް ކުރުމުން ޙާޞިލްވާނަމަ، ނުވަތަ އެއްކަމެއްގައި ފުނިޖެހުމުން، އެކަމުގެ ޙަރާމް ކަން ކިހާ ބޮޑުވާނެތޯއެވެ؟.
اللهم جنبنا من هذه المصيبة العظيمة و صلى اللهم و سلم على نبينا محمد و الحمد لله رب العالمين , آمين...
حمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފަހަކަށް އައިސް ވަރށް ބޮޑަށް މުޖުތަމަޢުގައި ފެތުރި އޭގެ ސަބަބުން ނުހަނު ގިނަ ޞިއްޙީ މައްސަލަތަކެއް މެދުވެރިވާ ކަމެކެވެ. އަދި މިކަން ވަނީ ބޮޑު އަލިފާން ގަޑެއް ފެތުރިގެންދާފަދައިން ފެތުރިގެން ގޮއްސައެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާ ދުނިޔެ މަތީގައި ލައްވާފައިވާ ތަކެތި ބައްސަވާފައިވަނީ ދެބަޔަކަށެވެ. އެއީ ރަނގަޅު ނޫނީ ޙަލާލް ކަންތައްތަކެވެ. ނުރަނގަޅު ނޫނީ ޙަރާމް ކަންތައްތަކެވެ. ތިންވަނަ ބައެއް ނުވެއެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވއެވެ.
......... وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ ........ (سورة الأعراف 7:157 )
މާނައީ: "އަދި ފައިދާހުރި ރަނގަޅުތަކެތި އެބައިމީހުންނަށް ހުއްދަކުރައްވައެވެ. އަދި ނުބައިވެގެންވާތަކެތި، އެބައިމީހުންނަށް ޙަރާމް ކުރައްވައެވެ."
މިއާޔަތުން ދޭހަވާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފައިދާހުރި ރަނގަޅުކަމަކަށްވެސް ވެދާނެއެވެ. އަދި ނުބައިވެގެންވާ ޙަރާމް ކަމަކަށްވެސް ވެދާނެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން މީހާގެ ޞިއްޙަތަށް ގެއްލުން ހުރި ކަމެއް ކަމާމެދު އެއްވެސް ޞިއްޙީ މާހިރަކު ދެބަސް ނުވާނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ފުއްޕާމޭގެ ކެންސަރާއި އަދިވެސް ތަފާތު އެތައް ބަލިތަކުގެ އަސްލެވެ. އަދި އެއީ އިންސާނާ މަރުވުމަށްވެސް ދިމާވާ ސަބަބެކެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނާއަށް ގެއްލުންހުރި ކޮންމެ އެއްޗެއް ޙަރާމް ކުރައްވާފައިވެއެވެ. ﷲ ޞުބުހާނަހޫ ވަތަޢާލ ވަޙީ ކުރައްވާފައިވއެވެ.
......... وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا......... (سورة النساء 4:29 )
މާނައީ: "ތިޔަބައިމީހުންކުރެ އެކަކު އަނެކަކު ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން މާތް ﷲ އީ، ތިޔަބައިމީހުންގެ މައްޗަށް ރަޙުމަތްވަންތަ އިލާހެވެ."
ކީރިތި ރަސޫލާ صل الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
"لا ضرر ولا ضرار"
މާނައީ: "އިސްލާމް ދީނުގައި ގެއްލުން ދިނުމެއްވެސް އަދި ލިބިގަތުމެއްވެސް ނުވެއެވެ."
އަދިވެސް ރަސޫލާ صل الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ޤިޔާމަތް ދުވަހުން އިންސާނާއަށް އޭނާހުރިތަނުން ގުޑާވެސް ލެވޭނީ........، އޭނާގެ ހަށިގަނޑާއި އެ މަޝްޢޫލު ކުރުވި ކަންތަކާމެދު ސުވާލުވެވުމަށްފަހުގައެވެ."
ދުންފަތުގެ އިސްތިޢުމާލު ކުރުން ރަސޫލާ صل الله عليه وسلمގެ ޙަދީޘް ބަސްފުޅާ ޚިލާފްވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިބާގެ ހަށިގަނޑުގެ މައްޗަށް ތިބާއަށް ޙައްޤެއް ވެއެވެ."
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އޭގެ ސަބަބުން ތިމާގެ ކައިރީގައި އުޅޭ މީހުންނަށް އެއިން އުނދަގޫވެ އޭގެ ސަބަބުން އެމީހުންގެ ޞިއްހަތަށްވެސް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެއްކަމާމެދު ޞިއްޙީ މާހިރުން ދެބަހެއް ނުވެއެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ބަނޑުގައިވާ ކުޑަދަރިފުޅަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުން އެއިން ބޭރުވާ ދުމުގައި ހުންނަ އުނދަގޫ ވަހަކީ އަޅުކަންކުރާ މީހުންނަށާއި މަލާއިކަތުންނަށް އުނދަގޫވާ ކަމެކެވެ. އެއީ އިންސާނުންނަށް އުނދަގޫވާ ކަންތައްތަކުން މަލާއިކަތްބޭކަލުންނަށްވެސް އުނދަގޫވާތީއެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا (سورة الأحزاب 33:58)
މާނައީ: "އެބައިމީހުން ހޯދައިގަތް ކުށެއްނެތި، މުއުމިން އަންހެނުންނަށާއި، މުއުމިން ފިރިހެނުންނަށް އުނދަގޫކުރާމީހުން، ފަހެ، އެބައިމީހުން، ބޮޑުވެގެންވާ، ބުހުތާންދޮގަކާއި، ބަޔާންވެގެންވާ ފާފައެއް ލިބިގެންފިކަން ކަށަވަރެވެ."
ސިގިރެޓް ގަތުމަށް ހޭދަކުރާ ފައިސާއަކީ ގެއްލުންހުރި އެއްޗެއް ގަތުމަށް ހޭދަކުރެވޭ ފައިސާއަށްވުމާއެކު އެއީ އިސްރާފު ކުރެވޭ ފައިސާއެއްކަމުގައި މެނުވީ ނުވާނެއެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
..........وَلَا تُبَذِّرْ تَبْذِيرًا (26) إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ..........
)17:26-27 (سورة الإسراء
މާނައީ: "އަދި، އިސްރާފު ކުރުމަކުން އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފުކުރާ މީހުންނަކީ ޝައިޠާނުންގެ އަޚުންކަމުގައިވިއެވެ.
އިސްލާމް ދީނުގައި ބޭކާރު ގޮތުގައި ހަރަދުކުރުމުގެ މާނައަކީ ޙަރާމް އެއްޗަކަށް ހަރަދުކުރުމެވެ.
ކީރިތި ރަސޫލާ صل الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ޤިޔާމަތް ދުވަހުން އިންސާނާއަށް އޭނާހުރިތަނުން ގުޑާވެސް ލެވޭނީ........، އޭނާ މުދާ ހޯދި ގޮތާއި އެމުދާ ހޭދަ ކުރިގޮތާމެދު ސުވާލު ވެވުމަށްފަހުގައެވެ."
މަތީގައި ބަޔާންކުރެވުނު ދަލީލު ތަކާއި ސަބަބުތަކުން ދޭހަވާ ގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ނުބައިވެގެންވާ ގިނަ ކަންތައްތަކެއްގެ ތެެރެއިން އެއްކަމެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަ ވެގެން ނުވެއެވެ. އެ ގަނެ ވިއްކުން ހުއްދަ ވެގެން ނުވެއެވެ. އަދި އެ އެހެންމީހުންނަށް ފޯރުކޮށްދިނުންވެސް ޙަރާމް ވެެގެންވެއެވެ. ދުންފަތަށް ދެވި ހިފާފައިވާ މީހާއަށް އެކަމުން ދުރުވުމަށް ކުރަންޖެހޭ އެންމެހާ ކަމެއް ކުރުމަކީ ލާޒިމް ކަމެކެވެ. ކާފަރުންނަށް ދުންފަތަކީ އެއިން ގެއްލުންހުރި އެއްޗެއްކަން އެނގި، އަދި އެއާ ގުޅިގެން ޤަނޫނު ތަކެއް ހަދާފައިވާއިރު، މުސްލިމުން މިކަމަށް ހުޝިޔާރުވެ މިނުބައި ވަބާއިން ދުރުވެ މިވަބާގައި ޖެހިފައިވާ އެންމެން އެކަމުން ދުރުކުރުމަށް މަސައްކަތްކުރަން އަވަސްވެގަންނަންޖެހެއެވެ.
އަޅުގަނޑުގެ ދުޢާއަކީ ﷲ ތަޢާލާ މި ނުބައި ވަބާގައި ޖެހިފައިވާ އެންމެން އެކަމުން ސަލާމަތް ކުރައްވައި އެކަމުން ދުރުވުން އެބައިމީހުންނަށް ފަސޭހަ ކޮށްދިނުމެވެ. ﷲ އީ އެންމެ މޮޅަށް، މީސްތަކުން ޙައްޤު މަގަށް ހިދާޔަތް ދައްކަވާ އިލާހެވެ.
--------------------------------
ދުންފަތުގެ އިސްތިޢުމާލު ކުރުމާބެހޭގޮތުން الشيخ محمد صالح المنجد ގެ ފަޠަވާގެ ދިވެހި ތަރުޖަމާ.
0 comments:
Post a Comment