މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައިވާ މަހާނަގާތަކުން ފެހިކަހާ ދޮވެ މަހާނަތަކުގެ މައްޗަށް ދޮންވެލިލާ ޒީނަތްތެރިކޮށް ޓޫރިސްޓުންގެ ސަމާލުކަމަށް ގެނައުމަށް ރިއާސީ ގަނޑުވަރުގެ އަމުރުފުޅަށް އެތަނުގެ މުވައްޒަފުން މަސައްކަތް ފަށައިފިއެވެ. ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރައްވާ ބޭފުޅަކު މަޢުލޫމާތު ދެއްވި ގޮތުން ހުކުރު މިސްކިތު ޤަބުރުސްތާނު ސާފުކޮށް ދޮންވެލިލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރިއާސީ ގަނޑުވަރުގެ އިސްބޭފުޅުންގެ އަމުރަށެވެ.
މަހާނަތަކުގެމައްޗަށް އަރާ ހިނގާ ޤަބުރުސްތާނުގެ އަދަބު ކުޑަވާހެން އުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މަހާނަތަކުގެ ތެރޭގައި ފައިވާނާއިއެކުގައި މީހަކު ހިނގާފައިދަނިކޮށް ފެނިގެން އެމީހާއާއި މުޚާޠަބުކުރައްވާ ގޮވާލައްވާ ޙަދީޘްފުޅު ކުރެއްވިއެވެ. ” އޭ ފައިވާނަށް އަރައިގެން ހުރިމީހާއެވެ. ސަމާލުވާށެވެ. ފައިވާން ބާލާށެވެ.” އޭނާ އެނބުރި ވަށައިގެން ބަލާލުމަށްފަހު، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ފެނުމާއިއެކު އޭނާގެ ފައިވާ ބާލާފައި ދުރައް އެއްލާލިއެވެ.” (ސުނަނު އަބޫދާވޫދު، ވޮލިއުމް 2، ޞ 917-918، ނަމްބަރު 3224. ސުނަނު އިބްނުމާޖާ، ވޮލިއުމް 2، ޞ 429-430، ނަމްބަރު 1568. އަދި ޞަޙީޙްސުނަނުއަބީދާވޫދުގެ ވޮލިއުމް 2، ޞ 622، ނަމްބަރު 2767ގައި މިއީ ޞައްޙަ ޙަދީޘެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ.)
މުޙައްމަދު ނަޝީދުގެ ވެރިކަން ފެށުމާއިއެކު ސުންނަތް ޖަމާޢަތުގެ ޢަޤީދާއާއި ޚިލާފު މިބާވަތުގެ އެތައްކަމެއް ކުރަމުން އަދި ކުރުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަ ކުރަމެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް ނާޞިރު ނިޔާވުމާއިގުޅިގެން އެމަނިކުފާނުގެ މަހާނަމަތީގައި ޒިޔާރަތްއަޅާ، ޖަނާޒާގައި ޢަސްކަރީން ނިކުމެ ބެރުދުންމާރި ތާރަފީގެ ރާގުތައް ކުޅެ ހަދާފައިވެއެވެ. މިކަން އެގޮތަށް ނުކުރުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ތަކުރާރުކޮށް އެދުމުންވެސް އެކަންވަނީ ނުހުއްޓައި ކުރިއަށް ގެންގޮސްފައެވެ. އަދި މެދުޒިޔާރަތުގައި ދިދަނަގައި އިހުޒަމާނުގައި މީހުން އެތަނަށް ކުރި ޤަދަރާއި އިޙްތިރާމް ދެމެހެއްޓުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޢަދާލަތު ޕާޓީއާއި ރާއްޖޭގެ ދީނަށް ލޯބިކުރާ އެތައްބައެއްގެ ދެކޮޅުހެދުންތަކުގެ ސަބަބުން އެކަންވަނީ އެވަގުތަށް ހުއްޓާލާފައެވެ. އެހެންނަމަވެސް އަރިއަތޮޅު ހަންޏާމީދޫގައިހުންނަ ކަލާފާނު ޒިޔާރަތުގައި ދިދަނަގައި އެތަންވަނީ ޒީނަތްތެރިކޮށް ހަދާފައެވެ.
މިބޭފުޅުންގެ ވާހަކަތަކުން ސޫފީ އިސްލާމް ފަތުރާ އަހުލުއްސުންނާ ވަލްޖަމާޢާގެ އަޤީދާއާއި ޚިލާފު ބިދުޢަވެރި ސަޤާފަތްތައް ދިރުވަން މިސަރުކާރުން ބޭނުންވާކަން ފާހަގަ ކުރެވެއެވެ. އެހެނީ އޭރުން މިސްކިތުގައިވެސް ލަވަކިޔާ ނަށާހެދުމުގެ ފުރުޞަތު ލިބޭނެތީއެވެ. ސޫފީންނަކީ މިސްކިތުގެ ތެރޭގައި އަޅުކަމުގެ ގޮތުން ލަވަކިޔާ، މިޔުޒިކްކުޅެ ނަށާހަދާ ބައެކެވެ.