Wednesday, August 17, 2011

މުނާފިޤުން



ހަޤީޤަތަކީ، މީހެއްގެ ހިތާއި ދުލާ ދިމާނުވާނަމަ ނުވަތަ ބަހާއި ޢަމަލު ދިމާނުވާނަމަ، އެކަމަކީ އިސްލާމީ ޢަޤީދާގައި މުނާފިޤުކަމެވެ. ބަޔާން ވާ ސިފަތައް އެބައެއްގެ ކިބައިގައި ވީ ބައިގަނޑެއްގެ މީހުން ރަސޫލު ﷲ (صلى الله عليه وسلم) ޒަމާނުގައި އުޅުނެވެ. އަހަރުމެން އެންމެނަކީ ވެސް އިންސާނުންނަށް ވީތީ މީހެއްގެ ހިތުގައި ފޮރުވާ ވަންހަނާކޮށްފައިވާ އެއްވެސް އެއްޗެއް ދެނެގަތުމުގެ ބާރު އަހަރުމެންނަށް ލިބިގެނެއްނުވެއެވެ.
ޚުދު ރަސޫލު ﷲ (صلى الله عليه وسلم) އަށް ވެސް، އެކަލޭގެފާނުންގެ އަތްޕުޅުގައި ރަސޫލުކަމުގެ ބާރު އޮތް ހިނދުގައި ވެސް މީސްތަކުންގެ ހިތްތަކުގައި ވާ ތަކެތި ހޯދުމުގެ ބާރެއް ލިބިގެނެއްނުވެއެވެ. އެހެން ނަމަވެސް ﷲ (سبحانه وتعالى) މީސްތަކުންގެ ހިތްތަކުގެ ޚަބަރު އެކަލޭގެފާނަށް ވަޙީގެ ޒަރީއްޢާއިން އަންގަވާ ދެއްވެވިއެވެ. ނަމަވެސް އަދުގެ މިޒަމާނުގައި މުސްލިމުންގެ ތެރޭގައި ހިމެނޭ މުނާފިޤުން ދެނެގަނެ ހޯދާއިގަނެ އެބައިމީހުނަށް މުނާފިޤުކަމުގެ ޙުކުމް ޖެހުމަކީ އަހަރުމެންނަށް ކުރެވެނޭ ކަމެއްނޫނެވެ. އެހެނަސް ކަންއޮތް ގޮތަކީ މި ޙަދީޘްގައި އައިސްފައި އެވާ ސިފަތަކުން ތެދުވެރި މުސްލިމުންގެ ތެރޭގައި ހިމެނޭ މުނާފިޤުކަމުގެ ސިފަތަކުގެ ޢަލާމާތްތައް އެބައެއްގެ ކިބައިން ފެންނަ މީސްމީހުން ދެނެގަތުމެވެ. އަދި އެއީ މުނާފިޤުކަމުގެ ޢަލާމާތްތަކެއްކަން ވެސް ގަބޫލު ކުރުމެވެ.


އުންމަތުގެ ޢުލަމާއިން ހިތުގެ އީމާންކަމާ ބޭރުގެ ޢަމަލުން މުނާފިޤުކަން ދެގޮތަކަށް ސިފަކުރައްވަވައެވެ. މީގެ ތެރެއިން ފުރަތަމަ ގޮތަކީ މީހާ އޭނާގެ ކާފަރުކަން ހިތުގައި ވަންހަނާކޮށް ބޭރުފުށުން އޭނައަކީ މުސްލިމެއްކަމުގައި ފާޅުކުރުމެވެ. މުނާފިގުކަމުގެ މިފައްތަރުގައި ވާ މީހަކީ ޤުރުއާނުގައި އައިސްފައިވާފަދައިން (ހަމަކަށަވަރުން މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ.“) ވާ މީހެކެވެ. ދެވަނަ ގޮތަކީ މީހާ އޭނާގެ ހިތުގައި އީމާންތެރިކަން ވާ ޙާލު ބޭރުފުށުގެ ޢަމަލުން މުނާފިޤުކަމުގެ ސިފަތައް ފެނުމެވެ.


 ހިތާމަޔަކީ މިއަދުގެ މުސްލިމުންގެ ތެރެއިން ބޮޑުބައިގަނޑެއްގެ މީހުންނަކީ އެބައިމީހުންގެ ޢަމަލުތަކުގައި މުނާފިޤުކަމުގެ ސިފަތައް އެކުލެވޭ އެފަދަ ޢަމަލުތައް ކުރަމުންދާ ބަޔަކަށްވުމެވެ. މުސްލިމުންގެ ކިބައިގާވާ މި މުނާފިޤުކަމުގެ ޢަލާމާތްތަކަކީ އެކަމެއްގެ ސަބަބުން މުސްލިމުންގެ ކަރާމާތް ނަގާލި، އަދި އިސްލާމްދީނުގެ ޙުރުމަތް ވެއްޔާމޮޑެވުނު ކަމެކެވެ.

قال رسول الله صلى الله عليه وسلم: "" تلك صلاة المنافق: يجلس يرقب الشمس حتى إذا اصفرت وكانت بين قرني الشيطان قام فنقر أربعا لا يذكر الله فيها إلا قليلا "" . رواه مسلم

ސަލާމާއި ޞަލަވާތްލެއްވި މާތްރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ:" އެއީ މުނާފިގާ ނަމާދުކުރާގޮތެވެ. އިރުއޮއްސޭތޯ ބަލަބަލާ ހުރެފައި އޮއްސެން ކައިރިވާއިރަށް އަދި ޝައިޠާނާގެ ދެދަޅައިގެ ތެރެއަށް ވަންނައިރަށް ތެދުވެ ވަރަށް އަވަސްއަވަހަށް ހަތަރު ރަކުޢަތް ކުރާނެއެވެ. އޭގައި ވަރަށް މަދުން ނޫނީ ހެޔޮ އެއްޗިއްސެއް ނުކިޔާނެއެވެ". ކަން މިހެން ހުރުމާއި އެކު ﷲރުއްސުންލެއްވި ޞަޙާބީން މިފަދައިން ކަންތައް ކުރާމީހުން ދެކެފައިވަނީ ޢަމަލީ މުނާފިގުން ކަމުގައިއެވެ.

وَمِنَ النَّاسِ مَنْ يَقُوْلُ ءَامَنَّا بِاللهِ وَبِالْيَومِ الْأخِرِ وَمَا هُمْ بِمُؤْمِنِيْنَ) (البقرة: 8)
މާނައީ: "މީސްތަކުންގެ ތެރެއިން، ބައެއް މީހުން ދުލު ކޮޅުން ބުނެ އުޅެއެވެ. "ތިމަންމެން، މާތްﷲ އަށާއި، ޤިޔާމަތް ދުވަހަށް އީމާންވެއްޖައީމެވެ." އަދި އެބައިމީހުންނީ، އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ."

وَمِنَ النَّاسِ
   މިއާޔަތުގައިވާ مِنْ ގެ މުރާދަކީ، ބައެއް، އެވެ. އެބަހީ މީސްތަކުންގެ ތެރެއިން ބައެއްމީހުންނެވެ.
بِاللهِ
   ، މިއީ މާތް ﷲ ގެ އިސްމުފުޅެވެ. މިއީ ހަމައެކަނި މާތްﷲ ޢަށް ޚާއްޞަ އިސްމުފުޅެކެވެ.
وَمَا هُمْ بِمُؤْمِنِيْنَ
   "އެބައިމީހުންނީ، އީމާންވެގެންވީ ބަޔަކު ކަމުގައި ނުވެއެވެ."

الْإمَام الْقُرطُبِيِّ) ވިދާޅުވެފައިވެއެވެ. މިއާޔަތަކީ، (الْكَرَّامِيَّة)، ކިޔުނު ފިރްޤާގެ ބާޠިލުކަން ހާމަވާ ދަލީލެކެވެ. މިފިރްޤާ، ނިސްބަތް ވެފާ ވަނީ، (مُحَمَّد إبْن كَرَّام السَّجِسْتَانِيّ) އަށެވެ. (الْكَرَّامِيَّة) ފިރްޤާގެ އެންމެ އިސްމީހަކީ، (مُحَمَّد إبْن كَرَّام السَّجِسْتَانِيّ) އެވެ. (إبْن حِبَّان) ވިދާޅުވެފައިވެއެވެ. (مُحَمَّد إبْن كَرَّام السَّجِسْتَانِيّ)ގެ ޢަޤީދާއަކީ، ޝަހާދަތުގެ ދެކަލިމައަށް، ދުލުން އިޤްރާރު ވުމުން، ފުދޭނެ ކަމަށެވެ. (إبْن حَزم) ވިދާޅުވެފައިވެއެވެ. (مُحَمَّد إبْن كَرَّام السَّجِسْتَانِيّ) ބުނަނީ، ހިތުން ޤަބޫލު ނުކުރިއަސް، ދުލުން ޝަހާދަތުގެ ދެކަލިމައަށް އިޤްރާރުވުމުން ފުދޭނެ ކަމެވެ. ހިތުގައި ކުފުރު އޮތަސް، އިޤްރާރު ވުމުން ފުދޭނެއެވެ. (الْإمَام الذَّهَبِيّ) ވިދާޅުވެފައިވެއެވެ. (مُحَمَّد إبْن كَرَّام السَّجِسْتَانِيّ)ގެ މިޢަޤީދާއަކީ، މުނާފިޤުންގެ ޢަޤީދާއެވެ.

 ކައްރާމީން ދެކޭ ގޮތުގައި، މާތްﷲ އަކީ، އެހެނިހެން ޖިސްމުތައް ފަދައިން ޖިސްމެކެވެ. އޭނާގެ މިނުބައި ޢަޤީދާގެ ސަބަބުން، އަށް އަހަރު ވަންދެން، ނޭސާޕޫރުގެ ޖަލުގައި ބަންދު ކުރެވުނެވެ. ޖަލުން ދޫކޮށްލުމުން، އޭނާ ދިޔައީ، ބައިތުލް މަޤްދިސަށެވެ. އޭނާ މަރުވީ ޝާމްކަރައިގައި، ހިޖުރައިން 255 ވަނަ އަހަރުގައެވެ.

(الْكَرَّامِيَّة) ފިރްޤާގެ ޢަޤީދާއަކީ، ހިތުން ޤަބޫލުނުކުރިއަސް، ދުލުން ޝަހާދަތުގެ ދެކަލިމައަށް އިޤްރާރުވުމުން، މުއުމިނަކަށް ވެވުނީ އެވެ. ނަމަވެސް، އިސްވެދިޔަ އާޔަތުގައި އެވަނީ، ހިތުން ޤަބޫލުނުކޮށް، ހަމައެކަނި ދުލުން އިޤުރާރުވާ މީހުންގެ އީމާންކަން ނަފީކޮށްފައެވެ. އެބަހީ އެފަދަ، މީހުންނަކީ މުއުމިނުގެ ތެރެއިން ވާ ބައެއް ނޫންކަން އަންގަވާފައެވެ. ވީމާ (مُحَمَّد إبْن كَرَّام السَّجِسْتَانِيّ)އާއި، އޭނާއަށް ތަބަޢަވާ މީހުން، އެވަނީ މުނާފިޤުންގެ މަގު ޚިޔާރުކޮށްފައެވެ. އަދި އެފަ މީހުންނަކީ، އަބާއްޖަވެރިންނެވެ.

އިސްވެދިޔަ އާޔަތުގައި، ދެކެވިފައި އެވަނީ މުނާފިޤުންނާއި ބެހޭ ގޮތުންނެވެ. (الْمُنَافِق) މިއީ (إسْم فَاعِل) އެވެ. މި ލަފްޒު ބޭނުންކުރެވެނީ، ހިތުން ކާފިރުވެ، ނަމަވެސް ބޭރުފުށުން އިސްލާމެއް ކަމަށް ބުނެ އުޅޭ މީހުންނަށެވެ.
އެފަދަ މީހުންނަށް، އެބަހީ މުނާފިޤުންނަށް، މިނަން ދެވުނީ، އެމީހުންގެ ހިތުތެރޭގައި ވާގޮތް، ނޫން ގޮތެއް ފާޅު ކުރާތީއެވެ. މިފަދަ މީހުންގެ ވާހަކަ، ކީރިތި ޤުރުއާނުގައި، ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.
(إذَا جَاءَكَ الْمُنَافِقُونَ قَالُواْ نَشْهَدُ إنَّكَ لَرَسُولُ اللهِ وَاللهُ يَعْلَمُ إنَّكَ لَرَسُولُهُ وَاللهُ يَشْهَدُ إنَّ الْمُنَافِقِيْنَ لَكَاذِبُوْنَ) (المنافقون: 1)
މާނައީ: "ކަލޭގެފާނުންގެ އަރިހަށް، މުނާފިޤުން އަތުވެއްޖެނަމަ، އެމީހުން ބުނެއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމުއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަކީ މާތްﷲ ގެ ރަސޫލާކަން މާތް ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، މުނާފިޤުން އެހަދަނީ، ދޮގުކަން މާތްﷲ ހެކިވެ ވޮޑިގަންނަވައެވެ."

މުނާފިޤުންގެ ބައެއް ޞިފަތައް:

   1- ނަމާދަށް ހުންނައިރު ކަންނެތް ކަމާއިއެކު ހުރުން
   2- މަދުންނޫނީ މާތްﷲ އަށް ހަނދުމަ ނުކުރުން
މާތް ﷲ ވަޙީކުރައްވައެވެ.
(إنَّ الْمُنَافِقُونَ يُخَادِعُونَ اللهَ وَهُوَ خَادِعُهُمْ وَإذَا قَامُواْ إلَي الصَّلوةِ قَامُواْ كُسَالَي يُرَآءُوْنَ النَّاسَ وَلاَ يَذْكُرُوْنَ اللهَ قَلِيْلاً) (النساء: 142)

މާނައީ: "ހަމަކަށަވަރުން، މުނާފިޤުން (އެމީހުންގެ ހިތުން) މާތް ﷲއަށް އޮޅުވާލައެވެ. ނުވަތަ މަކަރު ހަދައެވެ. އެއީ އެބައިމީހުންގެ އޮޅުވުންތަކުގެ ނުވަތަ މަކަރުގެ ޖަޒާ އެމީހުންނަށް އެކަލާނގެ ދެއްވާ ޙާލުގައެވެ. އަދި އެމީހުން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަން ދައްކަމުން ކަންނެތް ކަމާއިއެކުގައި ތެދުވެއެވެ. އަދި މަދުން މެނުވީ އެބައިމީހުން މާތްﷲގެ މަތިން ހަނދުމަނުކުރެއެވެ."

   3- މާތްﷲ ގެ މަގުގައި ނުރުހި ތިބެ ހޭދަކުރުން
މާތްﷲ ވަޙީ ކުރެއްވިއެވެ.
(وَلاَ يَأتُوْنَ الصَّلوةَ إلاّ وَهُمْ كُسَالَي وَلاَ يُنْفِقُوْنَ إلاَّ وَهُمْ كَارِهُوْنَ) (التوبة: 54)
މާނައީ: "އެބައިމީހުން ކަންނެތް ބަޔަކު ކަމުގައި ވެގެން ތިބެ މެނުވީ ނަމާދަކަށް ނާދެއެވެ. އަދި ނުރުހި ތިބެގެންވާ ބަޔަކު ކަމުގައި މެނުވީ ހޭދައެއް ނުކުރެއެވެ."
   4- ނުބައި ކަންތަކަށް އަމުރުކުރުން

މާތްﷲ ވަޙީކުރެއްވިއެވެ.
(الْمُنَافِقُونَ وَالْمُنَافِقَاتً بَعْضُهُمْ مِنْ بَعْضٍ يَأمُرُوْنَ بِالْمُنْكَرِ وَيَنْهَونَ عَنِ الْمَعْرُوف) (التوبة: 67)
މާނައީ: "މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނަކީ އެއްބަޔެކެވެ. އެބައިމީހުން ނުބައި ކަންތަކަށް އަމުރު ކުރެއެވެ. އަދި ހެޔޮ ކަންތައް ނަހީކުރެއެވެ...."
   5- އަމާނާތަށް ޚިޔާނަތްތެރިވުން
   6- ދޮގު ހެދުން
   7- ޢަހުދާއި ޚިލާފުވުން
   8- ޒުވާބު ކުރާއިރު ހަޑި އެއްޗެތި ކިއުން
ޢަބްދުﷲ އިބްނު ޢުމަރު ރިވާކުރެއްވިއެވެ. "ހަމަކަށަވަރުން، ކީރިތި ރަސޫލާ، ޙަދީޘްކުރެއްވިއެވެ. "ހަތަރު ޞިފަ ހުރި މީހަކީ، ފައްކާ މުނާފިޤެކެވެ. އަދި އެމީހެއްގެ ގައިގާ އޭގެ ތެރެއިން އެއް ޞިފަ ހުރި މީހާވެސް، އެދޫނުކުރާހާ ހިނދަކު، އޭނާއަކީވެސް، މުނާފިޤުންގެ ޞިފައެއް ހުރި މީހެކެވެ. އަމާނާތަށް ޚިޔާނަތްތެރިވުމާއި، ވާހަކަ ދައްކާއިރު ދޮގު ހެދުމާއި، ކުރެވިފައިވާ ޢަހްދާއި ޚިލާފުވުމާއި، އަދި ޒުވާބުކުރާއިރު ހަޑި އެއްޗެހި ކިޔުމެވެ."" (ބުޚާރީ: 34)
   9- ވަޢުދާ ޚިލާފްވުން

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާ ވެގެންވެއެވެ. "ހަމަކަށަވަރުން އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "މުނާފިޤުންގެ ޢަލާމާތަކީ ތިނެކެވެ. ވާހަކަ ދައްކާއިރު ދޮގު ހެދުމާއި، އަމާނާތަށް ޚިޔާނަތްތެރިވުމާއި، އަދި ވަޢުދާއި ޚިލާފުވުމެވެ."" (ބުޚާރީ: 2682)
   10- ޢިޝާ ނަމާދާއި ފަތިސް ނަމާދު ބުރަވުން
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. "މުނާފިޤުންނަށް ޢިޝާ ނަމާދާއި ފަތިސް ނަމާދުށްވުރެ ބުރަ ނަމާދެއް ނުވެއެވެ. އެމީހުންނަށް، އެދެނަމާދުގެ ޘަވާބު އެނގޭނަމަ، ފިރުކެމުން ފިރުކެމުން އަންނަން ޖެހުނު ކަމުގައި ވިޔަސް، އެދެނަމާދަށް ޙާޟިރު ވާނެތެވެ."" (ބުޚާރީ: 657)
   11- އަންޞާރު ބޭކަލުންނަށް ނަފްރަތް ކުރުން
މާތް ﷲ ރުއްސުންލެއްވި އަލް ބަރާއުގެ އަރިހުން ރިވާ ވެގެންވެއެވެ. "ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. "އަންޞާރު ބޭކަލުންދެކެ ލޯބިވާނީ ހަމައެކަނި މުއުމިންނެވެ. އަދި އެބޭކަލުންނަށް ނަފްރަތް ކުރާނީ ހަމައެކަނި މުނާފިޤުންނެވެ."" (ބުޚާރީ: 3783)
   12- ޤަޞްދުގައި، ޢަޞްރު ނަމާދު ލަސްކޮށް އެނަމާދު ހަލުވި ކަމާއިއެކު ކުރުން
އަލްޢަލާއު އިބްނު ޢަބްދުއްދިރްހަމް ރިވާކުރެއްވިއެވެ. މެންދުރު ނަމާދު ކުރުމަށްފަހު، އެކަލޭގެފާނު އަނަސް އިބްނު މާލިކުގެ، ބަޞަރާގައި ހުރިގެއަށް (އަނަސްގެފާނުންގެ އަރިހަށް) ވަދެވަޑައިގަތެވެ. އަނަސްގެފާނުންގެ ގެކޮޅު ހުންނަނީ މިސްކިތުގެ ކައިރީގައި އެވެ. "ތިމަންމެން، އެކަލޭގެފާނުންގެ އަރިހަށް ވަނުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން، ޢަޞްރު ނަމާދު ކޮންފިއްތޯއެވެ؟" ތިމަންމެން އެކަލޭގެފާނަށް ދެންނެވީމެވެ.

"ތިމަންމެން މެންދުރު ނަމާދު ކުރީ ދެންމެއަކުއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ޢަޞްރު ނަމާދު ކުރާށެވެ!" ތިމަންމެން، ތެދުވެ ޢަޞްރު ނަމާދު ކޮށްފީމެވެ. ތިމަންމެން ނަމާދުކޮށް ނިމުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު، ރަސޫލުﷲ ގެފާނު ޙަދީޘްކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއީ މުނާފިޤުން ނަމާދު ކުރާ ގޮތެވެ. އެމީހުން، ނަމާދުނުކޮށް ތިބޭ ހުށީ، އިރަށް ބަލަބަލައެވެ. ދެން އިރު، ޝައިޠާނާގެ ދެދަޅު ދެމެދުން އޮއްސެން ކައިރިވުމުން، ތެދުވެ ދޫނި ތުންތަޅާ ފަދައިން، އަވަސް އަވަހަށް ހަތަރު ރަކުޢަތް ކޮށްލައެވެ. އަދި، އެނަމާދުގައި، މަދުން މެނުވީ މާތްﷲ ހަނދުމައެއް ނުކުރެއެވެ."" (މުސްލިމް: [1412] 195 (622) )
   13
 ޢަލީގެފާނަށް ނަފްރަތްކުރުން
މާތްﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލުﷲގެފާނު، ތިމަން ކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. "ކަލޭގެފާނު ދެކެ ލޯބިވާނީ، ހަމައެކަނި މުއުމިނުންނެވެ. އަދި ކަލޭގެފާނު ދެކެ ނަފްރަތްކުރާނީ، ހަމައެކަނި މުނާފިޤުންނެވެ."" (ތިރްމިޛީ: 3736، އަލްއިމާމް ތިރްމިޛީ މިއީ ޙަސަން އަދި ޞަޙީޙް ޙަދީޘެއްކަމަށް ވިދާޅުވެފައިވެއެވެ.)

(بَشِّرِ الْمُنَافِقِيْنَ بِأنَّ لَهُمْ عَذَابًا ألِيْمًا) (النساء: 138)
މާނައީ: "ހަމަކަށަވަރުން، މުނާފިޤުންނަށް، ވޭންދެނިވި ޢަޛާބު ހުރި ކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ." މީގެ މުރާދަކީ، ބިރުވެރި ޚަބަރު ދެއްވާށެވެ. މިއީ، ޢަރަބިން ބޭނުންކޮށް އުޅޭ އުސްލޫބެކެވެ. ބަލާޣާތުގެ ޢިލްމުގައި، އިސްތިޢާރާގެ ބައިތަކެއް ވެއެވެ. އޭގެ ތެރޭގައި، (الْعِنَادِيَّة) އެވެ ކިޔުނު ބައެއް ވެއެވެ. އެބައިގާ (التَّهَكُّمِيَّة) އަދި (التَّمْلِيْحِيَّة) އޭ ކިޔުނު ބައެއް ވެއެވެ.
 މިބައި މާނަ ކުރާއިރު، މާނަ ކުރަނީ، އެބޭނުން ކުރެވިފައިވާ ލަފްޒުގެ އިދިކޮޅު މާނައެވެ. މިއީ ދިވެހި ބަހުގައިވެސް، ބޭނުން ކުރެވޭ އުސްލޫބެކެވެ. މިސާލަކަށް، މީހަކު ގޯސްކަމެއް ކުރުމުން، އެމީހަކާ ދިމާއަށް ބުނެއެވެ. "ކަލޭ ތިކުރަނީ ވަރަށް ރަނގަޅު ކަމެކެވެ." މުރާދަކީ ގޯސް ކަމެކެވެ.

   މާތް ﷲ ކީރިތި ޤަރުއާނުގައި، މުނާފިޤުންނަށް ޤިޔާމަތް ދުވަހު ދެއްވާނެ ޖަޒާ، ބަޔާން ކުރައްވަމުން ވަޙީ ކުރެއްވިއެވެ.
(إنَّ الْمُنَافِقِيْنَ فِي الدَّرْكِ الْأسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيْرًا) (النساء: 145)
މާނައީ: "ހަމަކަށަވަރުން، މުނާފިޤުންވާ ހުށީ ނަރަކައިގެ އެންމެ އަޑީ ބައިގައެވެ. އެބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެ ވަޑައި ނުގަންނަވާނޫއެވެ."

މިއީ އެމީހުންނާއި ބެހޭ ގޮތުން، އައިސްފައިވާ ވަޢީދުގެ ބަސްފުޅެކެވެ.
މުނާފިޤުންގެ ރައީސަކީ ޢަބްދުﷲ އިބްނު އުބައްޔުއެވެ.

ޙުޛައިފަތުގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. "މިލަފްޒު ނިސްބަތްވާ މީހުންގެ ތެރޭގައި، ބާރަ މުނާފިޤުންވެއެވެ. އޭގެ ތެރެއިން، އަށް މީހުންނަށް، އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭ ހުއްޓެވެ....."" (މުސްލިމް: [7035] 9 (2779) )
އަނަސްގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. "ދައްޖާލު އަރައިގެން އައިސް، މަދީނާގެ އައް ފަރާތުގައި މަޑު ކޮށްލާނެތެވެ. ދެން މަދީނާ، ތިން ފަހަރު ހެލިގެން ދާހުއްޓެވެ. އެހިނދު ހުރިހާ ކާފިރުންނާއި މުނާފިޤުން މަދީނާއިން ނުކުންނާނެތެވެ." (ބުޚާރީ: 7124)
ޢަބްދުﷲ އިބްނު ޢަމްރު ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލުﷲ ގެފާނު ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. "ތިމަންކަލޭގެފާނުންގެ އުއްމަތުގެ ގިނަ މުނާފިޤުންނަކީ، ޤާރީ ވެރިންނެވެ." މިޙަދީޘްގެ ރާވީންނަކީ ޘިޤަތުގެ ވެރި ބޭކަލުން ކަމަށް (الْهَيْثَمِيّ) ވިދާޅުވެފައިވެއެވެ. (شُعَيْب الْأرنَاؤوط) ވެސް، މިއީ ޞަޙީޙް ޙަދީޘެއް ކަމަށް ވިދާޅުވެއެވެ. (އަޙްމަދު: 6633)

(يُخَادِعُونَ اللهَ وَالَّذِيْنَ ءَامَنُواْ وَمَا يَخْدَعُوْنَ إلاَّ أنْفُسَهُمْ وَمَا يَشْعُرُوْنَ) (البقرة:9)
މާނައީ: "އެބައިމީހުން މާތްﷲއަށް މަކަރު ހަދައެވެ. އަދި އެމީހުން އީމާންވި މީސްތަކުންނަށް މަކަރު ހަދައެވެ. އެމީހުން ހަދާ މަކަރުގެ އަދަބު ނުވަތަ ޖަޒާ ލިބޭ ހުށީ ހަމައެކަނި އެމީހުންނަށެވެ. އަދި އެބައިމީހުންނަށް އެކަން ނޭނގެނީއެވެ."

(يُخَادِعُونَ اللهَ وَالَّذِيْنَ ءَامَنُواْ)
   އެމީހުން (އެބަހީ މުނާފިޤުން)، އެމީހުންގެ ހިތުން މާތްﷲ އަށް މަކަރު ހަދައެވެ.
(الْإمَام الْقُرطُبِيِّ) ވިދާޅުވެފައިވެއެވެ. "ބަހުގެ އަހުލުވެރިން ވިދާޅުވެފައިވެއެވެ. "ޢަރަބި ބަހުގައި (الْخَدَعُ) ގެ މާނައަކީ، (الْفَسَاد) އެވެ."" (الْإمَام الْقُرطُبِيِّ) ވިދާޅުފައިވެއެވެ. މިގޮތުން އާޔަތުގެ މުރާދަކީ، "އެމީހުން އެބަހީ މުނާފިޤުން އެމީހުންގެ އީމާންތެރިކަމާއި ޢަމަލުތައް އޭގައި ދެއްކުންތެރިކަން ހިމެނިފައިވުމުން، ފާސިދު ވެދެއެވެ. އެބަހީ ބޭކާރުވެދެއެވެ."
ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. (الْخَدَعُ)ގެ މާނައަކީ، ފޮރުވާލުމެވެ. (الْإمَام الْقُرطُبِيِّ) ވިދާޅުވެފައިވެއެވެ. ތިމަންމެންގެ ދަންނަ ބޭކަލުން، (يُخَادِعُونَ اللهَ) ގެ މާނާގައި ވިދާޅުވެފައިވެއެވެ. "އެމީހުން ހީކުރާ ގޮތުގައި، އެމީހުން އެމަކަރު ހަދަނީ މާތް ﷲ އަށެވެ."
ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. މިއާޔަތުގައި މިގޮތަށް އައިސްފައި އެވަނީ، އެމީހުން (އެބަހީ މުނާފިޤުން) މަކަރު ހަދާ މީހުން ކަންތައް ކުރާ ގޮތަށް ކުރާތީއެވެ.
ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. "މިއާޔަތުގައި، އެއްބައި ޙަޛްފު ވެފައިވެއެވެ. ވީމާ އެއިގެ ފުރިހަމަ ގޮތަކީ، (يُخَادِعُوْنَ رَسُولَ اللهِ)، އެހެނީ އެމީހުން މާތްﷲގެ ރަސޫލާއަށް މަކަރު ހަދައެވެ. މިގޮތް އިޚްތިޔާރުކޮށްފައިވާ ބޭކަލުންގެ ތެރޭގައި، (الْحَسَن الْبَصَرِيِّ) ހިމެނިވަޑައިގަންނަވައެވެ."
އަދި ދަންނަ ބޭކަލުންގެ އެއްބަޔަކު ވިދާޅުވާ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، މަކަރު ހެދުން، އެއީ މާތްﷲ އަށް މަކަރު ހެދުމެވެ. ހަމައެފަދައިން، މުއުމިނުންނަށް، މަކަރުހެދުން އެއީ މާތްﷲ އަށް މަކަރު ހެދުމެވެ. އެމީހުން ހަދާ މަކަރަކީ، އެމީހުންގެ މުދަލާއި ފުރާނަ ރައްކާތެރިކުރުމަށް، އެމީހުންގެ ހިތުގައި ނުވާ ކަމެއް ނުވަތަ އެއްޗެއް ފާޅު ކުރުމެވެ.
ހަމަކަށަވަރުންވެސް، އެމީހުންނަށް މާތްﷲ އަކަށް މަކަރެއް ނުހެދޭނެއެވެ. މަކަރު ހެދޭނީ އެބައެއްގެ މަކަރާއި ހިތުގެ ތެރޭގައި ފޮރުވާފައިވާ ކަންތައްތައް ނުއެނގޭ ބަޔަކަށެވެ. މާތްﷲ އެމީހުންގެ ހިތުގައިވާ ހުރިހާ ކަމަކާއި، ކުރާ ކަންތަކާއި، ކުރާނެ ކަންތައް، އަދި ކޮށްފައިވާ ކަންތައްތައްވެސް މޮޅަށް ދެނެވޮޑިގަންނަވައެވެ.
(وَمَا يَخْدَعُوْنَ إلاَّ أنْفُسَهُمْ)
   "އެމީހުން، އެހަދާ މަކަރުގެ ޖަޒާ ރައްދުވާ ހުށީ ހަމައެކަނި އެމީހުންނަށެވެ." މިބައިގާ މިވަނީ އެމީހުންގެ އެމަކަރު، އެމީހުންނަށް ޚާއްޞަ ކުރެވިފައިވެއެވެ. ޢިލްމުލް ބަލާޣާގައި، އެބަހީ ބަލާޣާތުގެ ޢިލްމުގައި، މިއީ، އަލްޤަޞްރުގެ އުސްލޫބެވެ. މިއުސްލޫބު ނުވަތަ ގޮތް ބޭނުން ކުރެވޭނީ ކަމެއް ނުވަތަ އެއެއްޗެއް، އެ އެއްޗެއްގައި ނުވަތަ އެކަމެއްގައި ޚާއްޞަކޮށްލުމެވެ. މިއުސްލޫބަކީ، ޢަރަބީންގެ ތެރޭގައި މަޝްހޫރު އުސްލޫބެކެވެ.
(وَمَا يَشْعُرُوْنَ)
   "އެމީހުންނަކަށް ނުއެނގެއެވެ." އެބަހީ، އެމީހުންގެ، އެމަކަރުގެ ޖަޒާ އެމީހުންނަށް ރައްދުވާނެކަމަށް އެމީހުންނަކަށް ނުއެނގެއެވެ.
شَعَرَ) ގެ މާނައަކީ، އެނގުމެވެ. ޢަރަބި ބަހުގައި ދަންނަ ބޭކަލުން ވިދާޅުވެފައިވެއެވެ( 

  


  









   





0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons