Saturday, August 27, 2011

ލޮލުގެ ކޮއި...

    "އޭނާގެ މަންމަ ހުންނަނީ އެއް ލޮލެވެ. އޭނާ މަންމަ ދެކެ ވަރަށް ރުޅިއާދެއެވެ. މަންމައަކީ އޭނާގެ ޙަޔާތުގައި ޖެހިފައިވާ ލަދުވެތިކަމުގެ ލައްގަނޑެކެވެ. ޢާއިލާގެ ޚަރަދު ބަރަދު ބެލެހެއްޓުމަށްޓަކައި މަންމަ ކުރާ ކަމަކީ މީހުންނަށް ކައްކައި ދިނުމެވެ.


ސްކޫލްގެ ސްޕޯރޓްސް މީޓް ދުވަހެވެ. ރައްޓެހިކުދީން ކައިރީގައި ހުއްޓާ މަންމަ އަތުވެއްޖެއެވެ. ދަރިފުޅާއޭ ކިޔާ އޭނާއަށް ގޮވާލިއެވެ. އޭނާ ލަދުން ހަލާކުނުވީ ކިރިޔާއެވެ. އެއްލޯ ހުރި އަންހެނާގެ ގޮވާލުމަށް އިޖާބަ ދިނުމަކާ ނުލައި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ދާދިއަވަހަށް ކްލާސް ކުދީން އޭނާއާ ދިމާކުރަން ފެށިއެވެ. "ކަލޭގެ މަންމައަކީ އެއްލޯ ނެތް މީހެކެވެ."


އެދުވަހު އޭނާ ގެޔަށް ދިޔައީ ރުޅިއައިސް ރަތްވެފައި ހުރެގެންނެވެ. މަންމައާއި ދިމާލަށް ހަޅޭއްލެވިއެވެ. ކަލޭގެ ބޭނުމަކީ އަހަރެން ލަދުގަންނަވާލައި އެކުވެރީންގެ ކުރިމަތީގައި އަހަރެން ބޭޒާރުކޮށްލުމެވެ. އަހަރެންގެ ޙަޔާތުން ކަލޭ ގެއްލި ޣާއިބު ނުވަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ޖަވާބުގައި އެކައްޗެކޭވެސް ނުބުނެއެވެ.

އޭނާ ބޭނުންވީ މި ސިފަހުތުރު މުސްކުޅި ދައިތައާއި މި ނިކަމެތި ޖިފުޓިގަނޑު ދުވަހަކުވެސް ނުފެންނަ ހިސާބަށް ދުރަށް ދާށެވެ. އެހެންކަމުން އޭނާ ނިކަން މޮޅަށް ކިޔެވިއެވެ. ކްލާހުންނާއި، ސްކޫލުންނާއި، ޔުނިވަރސިޓީން ވަނަ ހޯދިއެވެ. ޕީ.އެޗް.ޑީ ނެގިއެވެ. އެނބުރި ޤައުމަށް އައީ ދުނިޔެ ޤަބޫލުކުރާ  ފެންވަރުގެ މޮޅު މީހެއްގެ ގޮތުގައެވެ. ރަނގަޅު ވަޒީފާ ލިބުނެވެ.

 މީހަކާ އިނދެ ލޯބި ލޯބި ތިން ކުދީން ލިބިއްޖެއެވެ. އުފަލާއި ފާގަތިކަމުގައި ކާރޫ ބާރޫ ބޮޑު ސަހަރުގައި ވަޒަންވެރިވެގެން އުޅެން ފަށައިފިއެވެ.
އެއްދުވަހަކު އޭނާގެ ކުޑަ ދަރިފުޅު ދުވެފައި އައެވެ. އަދި ބުންޏެވެ. "ބައްޕާއެވެ! ދޮރާށި ކައިރީގައި މުސްކުޅި ދައިތައަކު ހުރެގެން އެއްޗެހިތަކެއް އެބަ ކިޔައެވެ. ވަރަށް ބިރުވެރި ފާޑަކަށް ހުރި މީހެކެވެ. އޭނާގެ ހުރީވެސް އެންމެ ލޮލެކެވެ. " އޭނާ ނުކުތެވެ.

 އަންހެނަކުވެސް އެނާގެ ފަހަތުން އައެވެ. އޭނާ ފެނުމާއެކު "ދަރިފުޅާ" އޭ ކިޔާ ގޮވަމުން ކައިރިއަށް އަންނަން ފެށިއެވެ. އަންހެނުން އެހިއެވެ. "މީ ކާކު ހެއްޔެވެ؟" އޭނާ ބުންޏެވެ. "ނޭނގެއެވެ. ކޮންމެވެސް އަވަށްގަނޑެއްގެ ފަޤީރު ދައިތައެކެވެ." އަންހެނުން އެ ދައިތައަށް ރުފިޔާއެއް ދެމާ ހިނގާށޭ ކިޔާ ފައިސާ ބަލާ ގޭތެރެއަށް ވަން ވަޤުތު އޭނާ ހަޅޭއްލަވަން ފެށިއެވެ.

 "ކަލެއަށް ނުފެންނަ ހިސާބަށް އައިސް އުޅެނިކޮށް އަހަރެންގެ ދަރީން ބިރުގަންނަވާން މި ހިސާބަށްވެސް ފާވެގަތީ ހެއްޔެވެ؟ ހަމަ މިހާރު ފެއްސިގެން ނުދިޔަނަމަ ފުލުހުންނަށް ގުޅާނަމެވެ." މިފަދަ އިންޒާރުތައް ދިނުމުން މުސްކުޅި ދައިތަ މަޑުމަޑުން ނުކުމެގެން ހިނގައްޖެއެވެ.

އޭގެ އެތައް ދުވަހެއް ފަހެވެ. އޭނާގެ އަވަށުގެ ސްކޫލްގެ މުސްކުޅި ދަރިވަރުން އެއްވެގެން ބާއްވާ ޙަފްލާއަކަށް ދާން ދަޢުވަތު ލިބިއްޖެއެވެ. އަދި މިތަނަށް ހިނގައްޖެއެވެ. ކުޑައިރުގެ އެކުވެރިންނާއެކު މަޖާ ވަޤުތުތަކެއް ހޭދަކުރުމަށް ފަހު ސަހަރަށް ފުރުމުގެ ކުރީން ކުޑައިރު އުޅުނު ޖިފުޓި ގަނޑު ހުރިތޯ ބަލާލަން ދަހިތް ވެއްޖެއެވެ.

 މީހުން ކައިރީ އަހައިގެން އެހިސާބު ހޯދައިފިއެވެ. ތަނގަނޑު މީހުން ބުނިގޮތުގައި މަންމަ މަރުވިތާ ދެތިން މަހެއް ވެއްޖެއެވެ. އެ ޖިފުޓިގަނޑުވެސް ވަނީ މުޅިން ވީރާނަވެގެން ވެއްޓިފައެވެ. އެތާގައި އިރުކޮޅަކު މަޑުކޮށްލުމަޑްފަހު އެނބުރި ދާން ހިނގައިގަތެވެ. އެވަޤުތު މުސްކުޅި ދައިތައެއް އައެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. އޭނާއަކީ ކާކުކަން އެނގިގެންނެވެ. އޭނާއަކީ ކުރީގެ އަވައްޓެރިއެކެވެ.

"ކަލޭގެ މަންމަ އަބަދުވެސް ދައްކަނީ ކަލޭގެ ވާހަކަ. ވިލާތުން ކިޔަވާ މޮޅުވެގެން އަންނާނޭ ދުވަހެއްގެ އިންތިޒާރުގައި އޭނާގެ ވަޤުތުތައް ހޭދަކުރީ. އެންމެފަހުން ކަލޭ އައިސް ޝަހަރުގައި އުޅޭ ޚަބަރެއް ވެގެން މީހުން ކައިރިން ފައިސާކޮޅެއް ހޯދައިގެން ކަލޭ ފެނޭތޯ ދިޔަ. އެދަތުރަކު ގޮސްފައި އައިފަހުން މީހަކާ އަނގައިން ބުނުމެއް ނޯވޭ. އޭނާގެ ބަލިޙާލު ވަރަށް ބޮޑުވި. މަރުވުމުގެ ދުވަސްކޮޅެއް ކުރިން އަހަރެންނަށް ގޮވާ ގެންގޮސް ސިޓީއެއް ޙަވާލުކުރި. އަދި ބުނި އޭނާގެ ދަރިފުޅު ދުވަހަކު ކޮޅުންވެސް އެހިސާބަށް އައިސްފިނަމަ އެސިޓީ ރައްދުކޮށްދިނުމަށް"

ދައިތަ އޭނާ ގޮވައިގެން ގޮސް އޭނާގެ ދެރަ ޖިފުޓިގަނޑު ތެރެއަށް ވަދެ ފޮށްޓެއް ހުޅުވާލިއެވެ. އަދި އޭނާގެ އަތަށް ސިޓީއެއް ދިއްކޮށްލިއެވެ.
އޭގައި ވެއެވެ.

"އަހަރެންގެ އެންމެ ލޯބިވާ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅާއެވެ. މަންމަގެ ވަޤުތުތައް ހޭދަކުރީ ދަރިފުޅުގެ ހަނދާނުގައެވެ. މަންމަ ދަރިފުޅު ބަލާ ބޮޑުކުރީ ބަފައެއްގެ އެހީއަކާ ނުލައެވެ. މީހުންނަށް މަސައްކަތްކޮށްދީ ބުރަ އުފުލުމުގައި މަންމަގެ ޒުވާންކަން ދުއްވާލީމެވެ. ދަރިފުޅަށް ރަނގަޅުގޮތް ހޯދައިދެވޭތޯ މަންމަގެ ހުރިހާ ވަޤުތެއް ހޭދަކުރީމެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު މަންމަ ދެކެ ފޫހިވަނީ މަންމަ އަކީ އެއްލޯ ނެތް މީހަކަށް ވާތީ ނޫންހެއްޔެވެ؟ ދަރިފުޅު ތުއްތުއިރު ލިބުނު އަނިޔާއެއްގައި ދަރިފުޅުގެ އެއްލޯ މުޅިން ހަލާކުވިއެވެ. އެލޮލުން ފެނުމުގެ އެއްވެސް އުއްމީދެއް ނެތް ކަމުގައި ޑޮކްޓަރުން ބުންޏެވެ.

 މަންމަގެ ތުއްތު ދަރިފުޅު އެއްލޯ ނެތި ބޮޑުވާކަށް މަންމަގެ ލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން ދަރިފުޅުގެ ލޮލުގެ ފެނުން އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހުނު އޮޕަރޭޝަނަށްޓަކައި މަންމަގެ އެއްލޯ ހަދިޔާކުރީމެވެ.

މަންމަގެ ލޮލުގެ ކޮއިފަދަ ދަރިފުޅާއެވެ. މަންމަގެ އެއްވެސް ޝަކުވާއެއް ނެތެވެ. 
ޑރ.މަޢުރޫފް ޙުސައިން

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons