ރަމަޟާން މަހުގައި، މާތްﷲ، އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ރޯދަހިފުން ފަރުޟު ކުރައްވައިފައިވާ ފަދައިން، އެހެން ކަމެއްވެސް ފަރުޟު ކުރައްވައިފައިވެއެވެ. އެއީ (فِطْر زَكَاة) އެވެ.
ފިޠުރު ޒަކާތަކީ ކޮބާ؟
ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާއާއި، ތިމާ ޚަރަދުކުރަން ޖެހޭ މީހުން، ޢީދު ވިލޭރެއާއި، ޢީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާއާއި ތިމާ ޚަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ފަޤީރުންނަށް ދިނުން، ފަރުޟު ކުރައްވައިފައިވާ އެއްޗެކެވެ.
ފިޠުރު ޒަކާތް ފަރުޟުކުރެއްވުނީ ކޮންއިރަކު؟
ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވެފައިވާ ގޮތުގައި، ފިޠުރު ޒަކާތް ފަރުޟު ކުރެވުނީ، ހިޖުރައިން ދެވަނަ އަހަރުއެވެ. އެއީ، ރަމަޟާންމަހުގެ ރޯދަވެސް، ފަރުޟު ކުރެވުނު އަހަރެވެ.
ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމް ފިރިހެން އަންހެން، ކުދި ބޮޑު އެންމެންގެ މައްޗަށްވެސް، ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. މިކަން ބަޔާންކުރައްވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވާ ކަމަށް، (عَبْدُ الله إبْن عُمَر) ރިވާ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މީސްތަކުންގެ މައްޗަށް ރަމަޟާންމަހު، ފިޠުރު ޒަކާތް ފަރުޟު ކުރައްވާފައިވެއެވެ. އެއީ ކަދުރުން ނުވަތަ ގޮދަނުން، ޞާޢެއްގެ މިންވަރެވެ. މުސްލިމުންކުރެ ކޮންމެ ފިރިހެނަކާއި، އަންހެނެއްގެ މައްޗަށާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށްވާ ވާޖިބެކެވެ."
ފިޠުރު ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް
ފިޠުރު ޒަކާތް ވާޖިބުވަނީ، ތިން ޝަރުޠަކާ ލައިގެންނެވެ. އެއީ:
1. މުސްލިމަކު ކަމުގައިވުން.
ކާފިރުންގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބެއް ނުވާނެއެވެ. މިކަން އިސްވެދިޔަ (عَبْدُ الله إبْن عُمَر)ގެ ރިވާޔަތުން ރަނގަޅަށް އެނގެއެވެ.
2. ރަމަޟާންމަހުގެ ފަހުދުވަހުގެ އިރު އޮއްސުން.
ރަމަޟާންމަހުގެ ފަހުދުވަހުގެ، އިރު އޮއްސުނު ފަހުން، މަރުވެއްޖެ މީހާގެ މައްޗަށް، ފިޠުރު ޒަކާތް ވާޖިބު ވާނެއެވެ. އޭނާ މަރުވީ، ފިޠުރު ޒަކާތް ނެރުނު ކުރިން ކަމުގައި ވިޔަސް އަދި ޒަކާތް ނެރުނު ފަހުން ކަމުގައި ވިޔަސް، ތަފާތެއް ނެތެވެ. ނަމަވެސް، ރަމަޟާންމަހުގެ ފަހުދުވަހުގެ، އިރު އޮއްސުމުގެ ކުރިން، މަރުވެއްޖެ މީހާގެ މައްޗަށް، ފިޠުރު ޒަކާތް ވާޖިބެއް ނުވާނެއެވެ.
ރަމަޟާންމަހުގެ ފަހުދުވަހުގެ، އިރު އޮއްސުމުގެ ކުރިން، ދުނިޔެއަށް، އުފަންވާ ކުއްޖާގެ މަތިން، ފިޠުރު ޒަކާތް ނެރުން ވާޖިބު ވާނެއެވެ. ނަމަވެސް، އެދުވަހުގެ އިރު އޮއްސޭފަހުން، ދުނިޔެއަށް އަންނަ ކުއްޖާގެ މަތިން، ފިޠުރު ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ.
3. ތިމާއާ ތިމާ ޚަރަދު ބެލެހެއްޓުން، ވާޖިބުވެފައިވާ މީހުން، ޢީދު ދުވަހާއި، ޢީދު ވިލޭރޭ ކާނެ ތަކެތި ހުރެފައި، އިތުރަށް އެއްޗެއް ހުރުން.
ޢީދު ދުވަހާއި، ޢީދު ވިލޭރޭ ކެއުމާއި، އެހެނިހެން ބޭނުން ޚަރަދު ތަކަށް ފުދޭ ވަރަށް، އެމީހެއްގެ އަތުގައި ތަނަވަސްކަން ނެތް މީހާގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބެއް ނުވާނެއެވެ.
އިސްވެދިޔަ ތިން ޝަރުޠު ހަމަވާ ކޮންމެ މީހަކު، އޭނާގެ އަމިއްލަ ނަފްސުގެ މަތިންނާއި، އަނބި ދަރިންގެ މަތިންނާއި، އަދި އޭނާހެ މައްޗަށް، އެބައެއްގެ ނަފަޤާ ލާޒިމުވެފައިވާ އެންމެންގެ މަތިން، ފިޠުރު ޒަކާތް ވާޖިބުވާނެއެވެ.
އޭނާގެ ފިރިހެން ދަރިންގެ ތެރެއިން، ބާލިޣުވެ އާމްދަނީ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާ ދަރީންގެ މަތިން، ފިޠުރު ޒަކާތް ދިނުން އޭނާގެ މައްޗަކަށް ވާޖިބެއް ނުވާނެއެވެ. ހަމައެހެންމެ، އޭނާގެ މައްޗަށް އެބައެއްގެ ޚަރަދު ބަރަދު ބެލެހެއްޓުން ވާޖިބުވެފައިނުވާ، ގާތްތިމާގެ މީހުންގެ މަތިން، ފިޠުރު ޒަކާތް ނެރުންވެސް، އޭނާގެ މައްޗަކަށް ވާޖިބެއް ނޫނެވެ.
ފިޠުރު ޒަކާތުގެ ބާވަތާއި މިންވަރު
ފިޠުރު ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ، ރަށުގައި ޢާއްމުކޮށް، ކައިބޮއެ އުޅޭ ބާވަތަކުން ޞާޢެއްގެ މިންވަރެވެ. އިސްވެދިޔަ (عَبْد الله إبْن عُمَر) ރިވާ ކުރައްވައިފައިވާ ޙަދީޘް، މިކަމަށް ދަލީލުކުރެއެވެ. އަދި (أبِيْ سَعِيْد الْخُدرِيِّ) ރިވާ ކުރެއްވި ކަމަށް، (الْإمَام الْبُخَارِيِّ), (صَحِيْح الْبُخَارِيّ) ގައި ލިޔުއްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންމެން، ކީރިތި ރަސޫލާގެ ޒަމާނުގައި، ފިޠުރު ޒަކާތުގެ ގޮތުގައި ނެރެނީ، ކާއެއްޗެއްގެ ޞާޢެއްގެ މިންވަރެވެ، އަދި އެދުވަސްވަރު، ތިމަންކަލޭގެފާނު މެންގެ ޢާއްމު ކެއުމަކަށް ބޭނުންކުރެވެނީ، ގޮދަނާއި، ކަދުރާއި، ހިކި މޭބިސްކަދުރެވެ."
ފިޠުރު ޒަކާތުގެ ގޮތުގައި ދިނުން އެންމެ ރަނގަޅީ، އެބަޔަކު ޢާއްމުކޮށް ކައިއުޅޭ އެއްޗަކުންކަން، އިސްވެދިޔަ ޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ވީމާ، ފިޠުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭނީ، އެމީހަކު ޢާއްމުކޮށް ކާއެއްޗަކުން، ޞާޢެކެވެ. (صَاع) އަކީ، މިޒަމާނުގެ މިނެކިރުމުގެ ހިސާބުން ބަލާނަމަ، ގާތްގަނޑަކަށް، 2.4 ކިލޯ ގުރާމެވެ.
ފިޠުރު ޒަކާތް ނެރެންޖެހޭ ވަޤުތު
ފިޠުރު ޒަކާތް ނެރުން ވާޖިބު ވަޤުތަކީ، ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ، ޢީދު ނަމާދަށް ދިއުމާއި ދެމެދުގައެވެ.
ފިޠުރު ޒަކާތް އަދާކުރުން ސުންނަތް ވަޤުތަކީ، ޢީދު ދުވަހުގެ ހެނދުނު، ޢީދު ނަމާދަށް ދިއުމުގެ ކުރިންނެވެ.
(صَحِيْح الْبُخَارِيّ)ގެ ރިވާޔަތެއްގައިވެއެވެ. "ކީރިތި ރަސޫލާ އަމުރު ކުރައްވައިފައިވަނީ، ފިޠުރު ޒަކާތް، މީސްތަކުން ޢީދު ނަމާދަށް ދިއުމުގެ ކުރިން އަދާކުރުމަށެވެ."
(صَحِيْح الْبُخَارِيّ)ގެ ރިވާޔަތެއްގައިވެއެވެ. "ކީރިތި ރަސޫލާ އަމުރު ކުރައްވައިފައިވަނީ، ފިޠުރު ޒަކާތް، މީސްތަކުން ޢީދު ނަމާދަށް ދިއުމުގެ ކުރިން އަދާކުރުމަށެވެ."
ފިޠުރު ޒަކާތް، ޢީދު ނަމާދަށްވުރެ ފަހުން އަދާ ކުރުމަކީ، މަކުރޫހަ ކަމެކެވެ. އަދި ޢީދު ދުވަހަށްވުރެ ފަސްކޮށްފިނަމަ، އެމީހަކު ފާފަވެރިވާނެއެވެ. އަދި ޤަޟާކުރުން ލާޒިމުވާނެއެވެ.
ފިޠުރު ޒަކާތަކީ، ރަމަޟާންމަހު ރޯދަ ހިފުމުގެ އަޅުކަން ނިމުމާއި ގުޅިގެން، ﷲއަށް ޝުކުރު ކުރުމުގެ ގޮތުން އަދާކުރާ އެއްޗެކެވެ. އެއީ، ޢީދު ދުވަހު ތިމާއަށް ލިބޭ ޢީދުގެ އުފަލުގައި، ތިމާގެ އެހެން މުސްލިމް އަޚުންނާއި، އުޚުތުންވެސް، ބައިވެރި ކުރުމަށްޓަކައެވެ. ފަޤީރުންނާއި، ނިކަމެތިންގެ މަތިން، އެ އުފާވެރި ދުވަހު ހަނދުމަކޮށް، ތިމާމެންގެ މުދަލުގައިވާ އެފަދަ މީހުންގެ ޙައްޤުތައް އެމީހުންނަށް ދިނުމަށްޓަކައެވެ.
ފިޠުރު ޒަކާތުގެ އިތުރުންވެސް، ގިނަގިނައިން ޞަދަޤާތްދީ، ފަޤީރުންނާއި މިސްކީނުންނަށް އެހީވެ އުޅުމަކީ، މިބަރަކާތްތެރި މައްސަރުގައި، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ، އަޅުގަނޑުމެންގެ އިސްލާމްދީން ވަރަށް ބާރު އަޅުއްވާފައިވާ ކަމެކެވެ.
މާތްﷲ، އިންސާނުންނަށް ނިޢުމަތް ދެއްވުމުގައި، ތަފާތު ދަރަޖަތަކަށް ބައްސަވާފައިވެއެވެ. ރިޒުޤު ލިބެނީ، އެންމެންނަށް އެއްވަރަކަށް ނޫނެވެ. ތަނަވަސްކަމާއި، މަތިވެރި މަޤާމުތައްވެސް، ﷲދެއްވަނީ، އެކި މީހުންނަށް އެކި މިންވަރަށެވެ. މީގެ ބޭނުމަކީ، އިންސާނުން، ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރުމެވެ. އެނިޢުމަތްތައް ހެޔޮ ގޮތުގައި ބޭނުން ކުރުމެވެ. އަދި، އެނިޢްމަތްތަކުގައިވާ، އެހެން މީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. އަދި އިންސާނުން އިމްތިޙާން ކުރެއްވުންވެސް މެއެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާގެ ޙަޔާތްޕުޅުންނާއި، އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުތަކުން، ޞަދަޤާތް ކުރުމާއި، ﷲގެ މަގުގައި، މުދާ ހޭދަކުރުމުގެ މަތިވެރި ފިލާވަޅުތައް ލިބޭން އެބަހުއްޓެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ، އަތްޕުޅަށް އެއްޗެއް އަރުއްވާ އިރަށް، ވަޤުތުން އެއެއްޗެއް ޞަދަޤާތް ކުރައްވައެވެ. ހަމައެހެންމެ، އަބޫ ބަކުރުގެފާނާއި، ޢުމަރުގެފާނު، އަދި ޢުޘްމާނުގެފާނުގެ ދީލަތިފުޅުކަމުގެ ވާހަކަތައް، ތާރީޚު ފޮތްތަކުގައި ވަރަށް ތަފްޞީލުކޮށް ލިޔެވިފައިވެއެވެ. އެބޭކަލުން، ބައެއް ފަހަރަށް، އެބޭކަލުންގެ މުޅި މުދާގަނޑު، ﷲގެ މަގުގައި ހޭދަކޮށްލައްވައެވެ.
އަޅުގަނޑުމެންނަށް، ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކުރުމުގެ ގޮތުން، ﷲގެ މަގުގައި، ގިނަގިނައިން ހޭދަކުރަމާތޯއެވެ؟ ﷲގެ މަގުގައި ހޭދަކުރުމުގައި، ދަހިވެތި ނުވަމާތޯއެވެ؟ އެއިރުން، އެކަލާނގެ އަޅުގަނޑުމެންނަށް އިތުރަށް ދެއްވާނެއެވެ. މުދަލުގައި ބަރަކާތް ލައްވާނެއެވެ. އަޅުގަނޑުމެންގެ ނަފްސުތައް ޠާހިރުވުމަށް މަގު ފަހިވާނެއެވެ. އަދި ދަހިވެތިކަމުގެ ސުންޕާ ބަލިން، އަޅުގަނޑުމެންނަށް ސަލާމަތް ވެވޭނެއެވެ.
ޞަދަޤާތްކުރުމަކީ، އިޖްތިމާޢީ ގުޅުން ވަރުގަދަވެ، މުސްލިމުންގެ މެދުގައި، އުޚުއްވަތްތެރިކަމާއި ދީނީ ލޯބި، އުފެދިގެން ދާކަމެކެވެ. މިހެންވެ، ގިނަގިނައިން ޞަދަޤާތްދީ، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން، އެހެންމީހުންނަށް އެހީތެރިވެ އުޅުމަށް، މާތްﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވެއެވެ.
މާތްﷲ، އަޅުގަނޑުމެންނަށް ދެއްވާފައިވާ މުދަލުން، އެކަލާނގެ މަގުގައި ހޭދަކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!
0 comments:
Post a Comment