(ކުރީގެއަދަދާގުޅޭ)
(طَبَقَاتُ الشّعُرَنيّ) ގައިވާ ގޮތުން، އަބޫ ޙަނީފާގެ ދުވަސްވަރުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަތަރު ޞަޙާބީން އުޅުއްވިއެވެ. އެއީ (أنَس إبْن مَالِك), (عَبْدُ الله إبْن أبِيْ أوْفَي), (سَهْلُ إبْن سَعْد), އަދި މިބޭކަލުންގެ ތެރެއިން އެންމެފަހުން ދުނިޔެއިން އަލްވަދާޢު ވިދާޅުވީ (أبُو الطُّفَيل) އެވެ.
އެހެން ނަމަވެސް، އަބޫ ޙަނީފާ މިއިން އެއްވެސް ޞަޙާބީއެއްގެ އަރިހުން ޢިލްމު އުނގެނި ވަޑައެއްނުގަންނަވައެވެ. މިކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ، މިބޭކަލުންގެ ތެރެއިން (عَبْدُ الله إبْن أبِيْ أوْفَي) މިދުނިޔެއަށް އަލްވަދާޢު ވިދާޅުވީ އަބޫ ޙަނީފާގެ ޢުމުރުފުޅުން 7 އަހަރުގައިއެވެ. އެއީ ހިޖުރައިން 87ވަނަ އަހަރުގައެވެ. (أنَس إبْن مَالِك) މިދުނިޔެއަށް އަލްވަދާޢު ވިދާޅުވީ އަބޫ ޙަނީފާގެ ޢުމުރުފުޅުން 11 އަހަރުގައި، ހިޖުރައިން 91ވަނަ އަހަރުގައިއެވެ. ރިވާޔަތްތަކުގައި ވާގޮތުން (أنَس إبْن مَالِك) މިދުނިޔެއަށް އަލްވަދާޢު ވިދާޅުވީ ހިޖުރައިން 90 ނުވަތަ 92 ވަނަ އަހަރުގައި އެވެ. އެދުވަސްވަރަކީ އަބޫ ޙަނީފާ، ޢިލްމާއި ދުރުހެލިވެ ވަޑައިގެން ހުންނެވި ދުވަސްވަރެވެ. އެއީ އަބޫ ޙަނީފާގެ ޢުމުރުފުޅުން 15 އަހަރުގައިއެވެ. އެޢުމުރުގައި، އަބޫ ޙަނީފާ ކުރެއްވި މަސައްކަތް ޕުޅަކީ ވިޔަފާރި ކުރެއްވުމެވެ. ކީރިތި ރަސޫލާގެ މި ހަތަރު އަޞްޙާބުންގެ ތެރެއިން، އެންމެފަހުން މިދުނިޔެ ދޫކުރެއްވީ (أبُو الطُّفَيل) ނުވަތަ (عَامِر إبْن وَائِكَة) އެވެ. އެކަލޭގެފާނު މިދުނިޔެއަށް އަލްވަދާޢު ވިދާޅުވީ ހިޖުރައިން 110 ވަނަ އަހަރުއެވެ. އޭރު އަބޫ ޙަނީފާގެ ޢުމުރުފުޅަކީ 20 އަހަރުފުޅެވެ. ކުރިން ދެންނެވި ފައިވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބޭކަލުންގެ އަރިހުން، އަބޫ ޙަނީފާ ޢިލްމު އުނގެނި ވަޑައިގަތުމަށް ހުރަސްތަކެއް ހުރިސްތަކެއް ހުރިކަމަށް ލަފާކުރެވެއެވެ.
މިބަހުގެ ދަލީލެއްކަމަށް ޢިލްމު ވެރިން ބުރަވެ ވަޑައިގަންނަވަނީ، އަބޫ ޙަނީފާ، ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ އަރިހުން ޢިލްމު އުނގެނުމަށް ބޭނުންފުޅުވެ ވަޑައިގެންނެވި ކަމެވެ. ޢައްބާސީ ދައުލަތުގެ ޚަލީފާއެއްކަމުގައިވާ، (أبُو جَعْفَر الْمَنْصُورِيّ) ގެ އަރިހުގައި، (عِيْسَي إبْن مُوسَي) އިންނެވެ. (عِيْسَي إبْن مُوسَي)، (أبُو جَعْفَر الْمَنْصُورِيّ) އަށް ދެންނެވިއެވެ. "މިހިރީ މިއަދު ދުނިޔޭގެ ޢިލްމުވެރިޔާއެވެ." (أبُو جَعْفَر الْمَنْصُورِيّ) ، އަބޫ ޙަނީފާއަށް ވިދާޅުވިއެވެ. "އޭ ނުޢުމާނެވެ. ކަލޭގެފާނު ޢިލްމު އުނގެނި ވަޑައިގަތީ ކޮން ބައެއްގެ އަރިހުންތޯ އެވެ؟" އަބޫ ޙަނީފާ ޖަވާބުގައި ދެންނެވިއެވެ. " ޢުމަރުގެފާނުގެ އަޞްޙާބުން، ޢުމަރުގެފާނުގެ އަރިހުންނެވެ. ޢަލީގެފާނުގެ އަޞްޙާބުން، ޢަލީގެފާނުގެ އަރިހުންނެވެ. ޢަބްދުﷲ އިބްނު ޢައްބާސްގެ އަޞްޙާބުން، ޢަބްދުﷲގެފާނުގެ އަރިހުންނެވެ. އިބްނު ޢައްބާސްގެފާނުގެ ޒަމާނުގައި، އެކަލޭގެފާނަށްވުރެން ވަކިން، މޮޅު ޢިލްމުވެރިޔަކު ނުވެއެވެ."
(أبُو جَعْفَر الْمَنْصُورِيّ) ޢަޖާއިބުވެފައި ވިދާޅުވިއެވެ. "ކަލޭގެފާނުގެ ނަފްސަށް އިތުބާރު ދެއްވައިފީމުއެވެ." އެހެން ރިވާޔަތެއްގައި، އަބޫ ޙަނީފާ، (أبُو جَعْفَر الْمَنْصُورِيّ) އަށް ދެންނެވި ކަމުގައި ވިއެވެ. "އެކަލޭގެފާނު ފިޤްހު ޢިލްމު އުނގެނި ވަޑައިގަތީ (إبْرَاهِيم) ގެ އަރިހުން ނެވެ. (إبْرَاهِيم) ފިޤްހު ޢިލްމު އުނގެނި ވަޑައިގަތީ (عُمَر إبْن الْخَطَّاب) ގެ އަރިހުންނެވެ. އަދި (عَلِي إبْن أبِي طَالِب)، (عَبْدالله إبن مَسْعُود)، (عَبدُالله إبْن عَبَّاس) މިބޭބޭކަލުންގެ އަރިހުންނެވެ." (أبُو جَعْفَر الْمَنْصُورِيّ) ދެންނެވިއެވެ. "ރަނގަޅު، ޠާހިރު ބޭކަލުންގެ އަރިހުން އަމިއްލަ ނަފްސަށް އިތުބާރު ދެއްވައިފީމުއެވެ."
އަބޫ ޙަނީފާ، ވަރަށް ގިނަ ޢިލްމުވެރިންގެ އަރިހުން، ޢިލްމު އުނގެނި ވަޑައިގަތެވެ. އެބޭކަލުންގެ ތެރޭގައި (حَمَّاد إبن أبِي سُلِيْمَان), (زَيْدُ إبْن عَلِيْ إبْن زَيْن الْعَابِدِيْن إبْن حُسَين إبْن عَلي إبْن أبِي طَالِب), (مُحَمَّد إبْن الْبَاقِر زَيْن الْعَابِدِين), (جَعْفَر الصَّادِق عَبْدالله إبْن حَسَن), (جَابِر إبن يَزِيد الْجَعْفِيّ) ހިމެނި ވަޑައިގަންނަވައެވެ.
މިޢިލްމުވެރިންގެ ތެރެއިން، އަބޫ ޙަނީފާގެ ނަފްސަށް އެންމެ ބޮޑަށް އަސަރެއް ކުރުވި ޢިލްމުވެރިޔަކީ، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ, فَقِيْه الْعِرَاق) އެވެ. (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) އަވަހާރަވީ ހިޖުރައިން 120 ވަނަ އަހަރުއެވެ. އަބޫ ޙަނީފާ ވިދާޅުވެފައިވެއެވެ. "ތިމަންނާ އުޅުނީ ފިޤްހު އާއި ޢިލްމުގެ މަޢުދަންތަކުގެ ތެރޭގައި އެވެ. ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި، ތިމަންކަލޭގެފާނު، މަޖިލިސްކުރީމެވެ. އަދި ފިޤްހު ޢިލްމުވެރިންގެ ތެރެއިން، ޢިލްމުވެރިއެއްގެ އަރިހުގައި އުޅުނީމެވެ."
އަބޫ ޙަނީފާ ފިޤްހު ޢިލްމާއި، ޙަދީޘް ޢިލްމު އުނގެނި ވަޑައިގަތީ، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ އަރިހުންނެވެ. އަދި ކޮންމެވެސް ވަރަކަށް (إبْرَاهِيْم النَّخْعِيّ) އާއި، (الْإمَام الشَّعبِيّ) އަރިހުންވެސް ޢިލްމު އުނގެނި ވަޑައިގެންނެވިއެވެ. ނަމަވެސް، އެ ދެޢިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނި ވަޑައިގަތުމަށް، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) އަރިހުގައި ހޭދަކުރެއްވިހާ ދިގު މުއްދަތެއް ހޭދައެއް ނުކުރައްވައެވެ. އަބޫ ޙަނީފާ، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ އަރިހުން، ޢިލްމު އުނގެނި ވަޑައިގަތުމަށް އުޅުއްވީ، ޢުމުރުފުޅުން 23 އަހަރުން ފެށިގެން، ޢުމުރުފުޅުން 40 އަހަރުފުޅާއި ހަމައަށެވެ. ދެން އެއަށްފަހު، ޢުމުރުފުޅުން 40 އަހަރުވުމުން، ކޫފާގެ މިސްކިތުގައި، ވަކިން މަޖިލިސް ހައްދަވައިގެން ޢިލްމު އުނގަންނަވައި ދެއްވުމާއި، ފަތުވާ ދެއްވަން ފެއްޓެވިއެވެ.
ރިވާވެގެންވާ ގޮތުގައި، އަބޫ ޙަނީފާ އެންމެ ފުރަތަމަ އުނގެނި ވަޑައިގަތީ، (عِلْمُ الْكَلاَم) ނުވަތަ، ތަވްޙީދުގެ ޢިލްމެވެ. އަބޫ ޙަނީފާ، އިންނަވަނީ (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) އިންނަވާ މަޖިލީހާއި، ޖެހިގެން މަޖްލީސް ހައްދަވައިގެންނެވެ.
އެއްދުވަހަކު، އަންހެނަކު އަބޫ ޙަނީފާގެ އަރިހުން މަސްއަލައެއް އޮޅުން ފިލުވަން އައެވެ. އެހެންނަމަވެސް އަބޫ ޙަނީފާއަކަށް، އެސުވާލުގެ ޖަވާބު ދެއްވާކަށެއް އެނގިވަޑައެއް ނުގަތެވެ. އަދި އެސުވާލުގެ ޖަވާބު ހޯދުމަށް، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ އަރިހަށް ދިއުމަށް އަބޫ ޙަނީފާ އެދުނެވެ. އަދި (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ދެއްވާ ޖަވާބެއް ބުނެދިނުމަށް ވެސް އެ އަންހެން މީހާގެ ކިބައިން އަބޫ ޙަނީފާ އެދިވަޑައިގަތެވެ. އެ އަންހެން މީހާ އައިސް (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ ޖަވާބު ދެންނެވުމުން، އަބޫ ޙަނީފާ ވަރަށް ބޮޑަށް ޢަޖާއިބުފުޅު ވިއެވެ.
އަދި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު (عِلْمُ الْكَلاَم) ގެ ބޭނުމެއް ނެތެވެ." އެހެން ވިދާޅުވެފައި، ވަޑައިގެން (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) މަޖިލީހުގައި ބައިވެރިވެ ވަޑައިގެން، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ ބަސްފުޅުތަކާއި ފަތުވާތަށް، ދަސްފުޅުކުރައްވާން ފެއްޓެވި އެވެ. އަދި (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ ބަސްފުޅުތަކާއި ފަތުވާތަށް ދަސްފުޅު ކުރައްވަން ފެއްޓެވިއެވެ. އަދި (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ ބަސްފުޅުތައް، ދެވަނަ ފަހަރަށް ވަރަށް ފަރިތަ ކަމާއި އެކު، މަޖިލީހުގައި ތިބޭ މީހުންނަށް، އެއްވެސް ކުށެއްނެތި، ވިދާޅުވެ ދެއްވައެވެ. މިކަމުގެ ސަބަބުން، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)، އަބޫ ޙަނީފާ އާއި ވަރަށް ބޮޑަށް ޤަބޫލުފުޅުވެ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ މަޖިލީހުގެ އެންމެ ކުރީގައި، އަބޫ ހަނީފާ ނޫން މީހަކު ނުއިށިންނާށެވެ." (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) މިދުނިޔެ ދޫކުރެއްވުމަށް ދާންދެން އަބޫ ޙަނީފާ، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ގެ އަރިހުގައި އުޅުއްވިއެވެ.
(حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)، މިދުނިޔޭގައި ހުންނަވަނިކޮށް އަބޫ ޙަނީފާއަށް ފަތުވާ ދިނުމުގެ ރިޔާސަތަށް، އެރުއްވުމުގެ ޤާބިލްކަން ލިބިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، އަބޫ ޙަނީފާ، އަމިއްލަފުޅު ތަޖުރިބާ އާއި އިޚްތިބާރުތަކުން، އެކަލޭގެފާނުގެ އަމިއްލަ ނަފްސު އެފަދަ މަޤާމަކަށް އަދި ލާއިޤުވެގެންވާ ކަމަކަށް ދެކެވަޑައެއް ނުގެންނެވިއެވެ. އަދި އެއަށްވުރެން ކުރީން، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) އާއި ބައްދަލުވެ ވަޑައިނުގެންނެވުނު ކަމަށްޓަކައި ހިތާމަކުރެއްވިއެވެ.
(حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) މިދުނިޔެ ދޫކުރެއްވުމުން، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)ގެ ދަރިކަލެއް، އެކަލޭގެފާނުގެ ބައްޕާފުޅުގެ މަޤާމް ފުރުއްވޭތޯ މަސައްކަތްކުރެއްވިއެވެ. އެހެންނަމަވެސް، އެދަރިކަލުންގެ ހިތްޕުޅުގައި، ނަޙޫ ޢިލްމަށް ދެވިފައިވާ ލޯތްބެއްގެ ބޮޑުކަމުން، ނަޙޫ ޢިލްމާއި ދިމާލަށް ވަޑައިގެންނެވިއްޖެ އެވެ. ދެން މީސްތަކުން، އަބޫ ޙަނީފާގެ އަރިހުން، އެކަލޭގެފާނުގެ އުސްތާޛުގެ ގޮނޑީގައި އިށީންދެ ވަޑައިގެން ދީނީ ޢިލްމު އުނގަންނައި ދިނުމާއި ފަތުވާ ދިނުމުގެ ކަންތައްތަކާއި، ޙަވާލްވެލެއްވުމަށް އެދުނެވެ.
އަބޫ ޙަނީފާ، އެމަޖިލީހުގައި އިށީންދެވަޑައިގެންނެވުމުން، އެކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިގަތުމަށް އަންނަ ދަރިވަރުންތައް އިތުރުވެގެން ދިޔައެވެ. މިދަރިވަރުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ދަރިވަރުންނަކީ (الْقَاضِي أبُو يُوسُف) އާއި (زَفَر إبْن هُذَيل) އެވެ. މިހިސާބުން ފެށިގެން، އަބޫ ޙަނީފާގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފެށިއެވެ. އަދި ޚަލީފާއިންނާއި، އަމީރުންގެ ގަނޑުވަރުތަކަށް ވެސް އެކަލޭގެފާނުގެ ބޭނުންޖެހިގެން ދިޔައެވެ.
އަބޫ ޙަނީފާ، އެކަލޭގެފާނުތގެ އުސްތާޛު، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)ގެ މަތިން ހަނދާން ނައްތަވާލެއްވުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އަބަދުވެސް (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)ގެ ވާހަކަ ދައްކަވައި ހެޔޮ ދުޢާ ކޮށް ހައްދަވަތެވެ. އަބޫ ޙަނީފާ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ކުރައްވާ ކޮންމެ ނަމާދެއްގައި، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)އަށް ރަޙްމަތްލެއްވުން އެދި ދުޢާކުރަމެވެ. އަދި ތިމަންކަލޭގެފާނަށް އެއްޗެއް އުނގަންނައިދިން މީހަކަށްވެސް ހެޔޮ ދުޢާކުރައްވަމެވެ."
އެހެން ރިވާޔަތެއްގައި، އަބޫ ޙަނީފާ ވިދާޅުވެފައިވެއެވެ. "(حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)، މިދުނިޔެ ދޫކުރެއްވުމަށްފަހު، އެނަމާދެއްގައި، ތިމަންކަލޭގެފާނުގެ މައިންބަފައިންނާއި (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)އަށް ފާފަ ފުއްސެވުމަށް ނެއެދޭ ނަމާދެއް ނުކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު އެމީހެއްގެ ކިބައިން، ޢިލްމު އުނގެނުނު އެންމެންނާއި، އުނގަންނައިދިން އެންމެންނަށްވެސް ފާފަ ފުއްސެވުމަށް އެދެމެވެ."
އަބޫ ޙަނީފާ، ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނި ވަޑައިގެންނެވީ، (الْإمَام عَاصِم)ގެ އަރިހުންނެވެ. (الْإمَام عَاصِم) އަކީ ހަތް ޤިރާއަތުގެ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.
(حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) އަށްފަހު، އަބޫ ޙަނީފާއަށް، ޢިލްމީ ގޮތުން، ދެން އެންމެ ބޮޑު އަސަރެއްކުރުވީ، (الْإمَام إبْرَاهِيْم النَّخْعِيّ)ގެ މަޛްހަބުންނެވެ. ބައެއް ބާޙިޘުން، އަބޫ ޙަނީފާގެ ހުރިހާ މަސައްކަތްޕުޅެއް ބިނާވެގެންވަނީ، އެމަޛްހަބުގެ މަސްއަލަތަށް ޙައްލުކުރެއްވުމަށް ކަމުގައި ވިދާޅުވެއެވެ. މިކަމުގެ ހެކިތައް އަބޫ ޙަނީފާގެ ދަރިވަރެއް ކަމުގައިވާ، (مُحَمَّد إبْن الْحَسَن) އެކުލެއްވި އަލްއާޘާރު ބެލުމުން އެނގެއެވެ.
ޢިލްމު އުނގަންނަވައި ދިނުމަށް އިށީންދެ ވަޑައިގަތުން:
ކުރިން ބަޔާންކުރިހެން، އަބޫ ޙަނީފާ، އެކަލޭގެފާނުގެ ޝައިޚް، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) މިދުނިޔެ ދޫކުރައްވަންދެން އުޅުއްވީ (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)ގެ އަރިހުގައެވެ. ޝައިޚް އަވަހާރަވުމުން، އުނގަންނައި ދެއްވުމަށް، އިށީންދެ ވަޑައިގަތުމަށް ޤަޞްދުކުރެއްވިއެވެ. މިކަމާ ބެހޭގޮތުން އަބޫ ޙަނީފާ ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ ޝައިޚްގެ ޙަޔާތުގައި، ޢިލްމު އުނގަންނައިދިނުމަށް އިށީންދެ ވަޑައިގަތުމަށް ހިތައް އަރައިވަޑައިގަތެވެ. އަމިއްލަ މަޖިލީހެއް އެފެއްދުމަށް ޚިޔާލުކުރެވުނެވެ. އެއްރެއަކު، ހިތުގައި އުފެދުނު ޚިޔާލު ތަންފީޛުކުރުމަށް ޤަޞްދު ކުރެއްވީމެވެ. އެހެންނަމަވެސް، ޝައިޚް، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ފެނިވަޑައިގަތުމުން، ލަދުފުޅުންއެ ޚިޔާލު ދޫކޮށްލައްވާފައި، ޝައިޚްގެ އަރިހުގައި އިށީންދެ ވަޑައިގަތީމެވެ."
ނަމަވެސް، ކުރިން މިދެންނެވި ފުރުޞަތު އަބޫ ޙަނީފާއަށް ލިބިވަޑައިގަތީ، ޝައިޚް (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ހިތްޕުޅުގައި، އެކަލޭގެފާނާއި މެދު ކިލަނބުކަމެއް، ރުޅިވެރި ކަމެއް ނުވަތަ ނުރުހުންތެރިކަމެއް މެދުވެރި ނުވެއެވެ. އެއީ މީހަކު މަރުވުމުން، އެމީހާގެ އަތުގައި، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)އަށް ހުރިއަމާނާތްތަކާއި ޙަވާލްވެލެއްވުމަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމުންނެވެ.
(حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)، އަބޫ ޙަނީފާއަރިހުން، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ)ގެ މަޖިލިސްގައި ފަތުވާދެއްވުމަށް އިށީންދެ ވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ. (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) ފުރާވާޑައިގަތުމުން، އެވީ މުއްދަތުގައި، އަބޫ ޙަނީފާއަށް 60 ސުވާލު ހުށައެޅުނެވެ. އެސުވާލުތަކަށް ޖަވާބުދެއްވުމަށްފަހު، ޖަވާބުތައް ފޮތެއްގައި ލިއުއްވިއެވެ. (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) އެނބުރިވަޑައިގެން ނެވުމުން، އެޖަވާބުތައް ދެއްކެވިއެވެ. އެޖަވާބުތަކުގެ ތެރެއިން، 40 ޖަވާބަށް އެއްބަސްވެލައްވާ، 20 ޖަވާބަށް އިންކާރު ކުރެއްވިއެވެ. އަދި އެޖަވާބުތަކަށް، އިންކާރުކުރައްވަން ޖެހިވަޑައިގަތް ސަބަބު، ބަޔާން ކޮށްދެއްވިއެވެ. އެކަމުގެ ސަބަބުން، އަބޫ ޙަނީފާ، އެކަލޭގެފާނުގެ ޝައިޚް މިދުނިޔޭގައި ހުންނެވިހާ ދުވަހު، ޝައިޚާއި ވަކިނުވާން ޢަޒުމް ކަނޑައެޅުއްވިއެވެ. އަދި އެކަލޭގެފާނުގެ ޝައިޚް، (حَمَّاد إبن أبِي سُلِيْمَان الْأشْعِرِيّ) މިދުނިޔެ ދޫކުރެއްވުމުން ފަތުވާ ދެއްވުމަށްޓަކައި މަޖިލިސްގައި އިށީންދެ ވަޑައިގަތެވެ.
އަބޫ ޙަނީފާގެ ދަރިވަރުން:
އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރެއިން އެންމެ ފާހަގަކުރެވެނީ، (الْقَاضِي أبُو يُوسُف يَعْقُوب إبْن إبْرَاهِيْم إبْن حَبِبْب الْأنْصَارِيّ الْكُوفِيّ) އާއި (أبُو عَبْدُالله مُحَمَّد إبْن الْحَسَن الشَّيْبَانِيّ) އެވެ.
(الْقَاضِي أبُو يُوسُف يَعْقُوب إبْن إبْرَاهِيْم إبْن حَبِبْب الْأنْصَارِيّ الْكُوفِيّ) ގެ އެންމެ މަޝްހޫރު ފޮތަކީ އަލްޚަރާޖްއެވެ. މީގެ އިތުރަށްވެސް، އަޅުކަމާއި، ވިޔަފާރިއާއި، ޙައްދުތަކާއި، މިނޫންވެސް ތަފާތު ރޮނގުތަކުގައި (الْقَاضِي أبُو يُوسُف يَعْقُوب إبْن إبْرَاهِيْم إبْن حَبِبْب الْأنْصَارِيّ الْكُوفِيّ) ފޮތް ލިއުއްވިއެވެ.
މިދެ ޢިލްމުވެރިންގެ އިތުރުން، (زَفَر إبْن هُذَيْل) އާއި، (الْحَسَن إبْن زِيَاد الُّؤلُؤ الْكُوفِيّ) ހިމެނި ވަޑައިގަންނަވައެވެ.
އަބޫ ޙަނީފާގެ މަޛްހަބުގެ އުޞޫލު:
އަބޫ ޙަނީފާ، އެކަލޭގެފާނުގެ މަޛްހަބުގެ އުޞޫލުކަމުގައި ބައްލަވައިފައިވަނީ، (قُرآن الْكَرِيْم), (سُنَّة الرَّسُول), (الْإجْمَاع), (الْقِيَاس), (الْإسْتِحْسَان) އެވެ. އަބޫ ޙަނީފާ ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ހިއްޕަވާނީ (قُرآن الْكَرِيْم) ގައެވެ. (قُرآن الْكَرِيْم) ފެނިވަޑައިނުގެންފިނަމަ، ދެން ބައްލަވާނީ (سُنَّة الرَّسُول) އަށެވެ. (قُرآن الْكَرِيْم) އާއި، (سُنَّة الرَّسُول) ފެނިވަޑައިނުގެންފިނަމަ، އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުގައި ހިއްޕަވާނަމެވެ. މިބޭކަލުންގެ ތެރެއިން، ތިމަންކަލޭގެފާނުމެން ބޭނުން ބޭކަލެއްގެ ބަސްފުޅުގައި ހިއްޕަވައި، ބޭނުންފުޅު ބޭކަލެއްގެ ބަސްފުޅު ދޫކޮށްލައްވާނަމެވެ. އެބޭކަލުންގެ ބަސްފުޅުތައް ފިޔަވައި އެހެން ބައެއްގެ ބަހަކަށް ތިމަންކަލޭގެފާނުމެން އެނބުރި ވަޑައެއްނުގަންނަވާނަމެވެ."
އަދިވެސް ވިދާޅުވެފައިވެއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްނަމަ، ތިމަންކަލޭގެފާނުމެން ހިއްޕަވާނަމެވެ. އަޞްޙާބު ބޭކަލުންގެ ބަސްފުޅެއްނަމަ، ވަކި ބޭކަލަކު އިޚްތިޔާރުކުރާނަމެވެ. ތާބިޢީ ބޭކަލުންގެ ފަރާތުން އައިސްފައިވާ ބަހެއްނަމަ، އެބޭކަލުން އިޖްތިހާދު ކުރެއްވި ފަދައިން، ތިމަންކަލޭގެފާނުވެސް އިޖްތިހާދު ކުރައްވާނީއެވެ."
އަބޫ ޙަނީފާގެ މަޛްހަބަށް އަޅުގަނޑުމެން އަވަސްކަޅިއެއް ހިންގައިލާއިރު، މުޢާމަލާތާއި ޢިބާދާތުގެ ބައިގައި، ލުއި ފަސޭހަ ގޮތްތަކެއް ގެންގުޅުއްވާފައި ވެއެވެ. މިޘާލަކަށް، އަބޫ ޙަނީފާ ދެކެވަޑައިގަންނަވާ ގޮތުގައި، ހަށިގަނޑުގައި ނަޖިހެއް ޖެހިއްޖެނަމަ، ސާފުތާހިރު ކޮންމެ ކަހަލަ ފެނަކުންވެސް ނަޖިސް ފިލުވައިލެވިދާނެއެވެ. މިޘާލަކަށް، ފިނިފެން، ރާހުތް މިފަދަ ބާވަތްތަކެވެ. ހަމަ އެފަދައިން، ޠާހިރުކުރުން ހުއްޓިފައިވަނީ، ފެނުގެ މައްޗަކަށް އެކަންޏެއް ނޫނެވެ.
އަދިވެސް އަބޫ ޙަނީފާ ވިދާޅުވެފައިވެއެވެ. "އަނދިރި ރެއަކު މީހަކު ނަމާދުކުރަންވެގެން، ޤިބްލަ ހޯދަން އުނދަގޫވުމުގެ ސަބަބުން، އޭނާ އަމިއްލައަށް އިޖްތިހާދުކޮށް ހޯދައި ބެލިމަށްފަހު، ނަމާދުކޮށް ނިމުނު ފަހުން، އޭނާއަށް ނަމާދުކުރެވުނީ ޤިބްލައަށް ކުރިމަތި ލައިގެން ނޫންކަން އެނގުނަސް، އޭނާގެ ނަމާދު ރަނގަޅުވާނެއެވެ. އެއީ އޭނާގެ އިޖްތިހާދަކީ ކުށް އިޖްތިހާދަކަށް ވީނަމަވެސް މެއެވެ."
ގަހުގައި، މޭވާ ހަރުވުމުގެ ކުރިން އެމޭވާއިން ވިޔަފާރިކުރެއްވުން، އަބޫ ޙަނީފާ ހުއްދަކުރެއްވައެވެ. ޝަރުތަކީ، ގަންނަމީހާ، އެމޭވާތައް ހަރުވަންދެން ގަހުގައި ނުބަހައްޓާއި ބިންނަނައެވެ.
އަބޫ ޙަނީފާގެ ބައެއް ބަސްފުޅުތައް:
އަބޫ ޙަނީފާގެ ބައެއް ބަސްފުޅުތަކުގެ ތެރެއިން އަންނަނިވި ބަސްފުޅުތައް ވެއެވެ. "ޙަދީޘްއެއް ޞައްޙަވެއްޖެނަމަ، އެއީ ތިމަންކަލޭގެފާނުގެ މަޛްހަބެވެ."
އަދިވެސް ވިދާޅުވިއެވެ. "މާތްﷲގެ ފޮތް ނުވަތަ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ރިވާވެގެންވާ ޙަދީޘްއަކާއި، ތިމަންކަލޭގެފާނުގެ ބަސްފުޅާއި ތަޢާރުޟުވާނަމަ، ތިމަންކަލޭގެފާނުގެ ބަސްފުޅޫ ދޫކޮށްލާށެވެ."
އަދިވެސް ވިދާޅުވިއެވެ. "ކަލޭގެފާނަށް ހަލާކު ހުއްޓެވެ. އޭ (يَعْقُوب) އެވެ. ތިމަންކަލޭގެފާނު ވިދާޅުވާ ހުރިހާ ބަސްފުޅެއް ނުލިއުއްވާށެވެ. އެހެނީ، މިއަދު ތިމަންކަލޭގެފާނު އެއްރައުޔެއްގައި ހިއްޕަވައިފިނަމަ، މާދަމާ އެރައުޔާއި ދެކޮޅުވެވި ދާނެއެވެ. ނުވަތަ މާދަމާ އެއްރައުޔެއްގައި ހިއްޕަވައިފިނަމަ، މާދަމާނޫން އަނެއްދުވަހު އެރައުޔާއި ދެކޮޅުވެވިދާނެއެވެ."
އަދިވެސް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު، އެހޯއްދެވި ތަންތަން، ނުދަނެހުރި ޙާލު، ތިމަންކަލޭގެފާނުމެންގެ ރައުޔުތައް ޤަބޫލުކުރުން ހުއްދަވެގެނެއްނުވެއެވެ."
ސަލަފުއް ޞާލިޙުންގެ ނަޡަރުގައި އަބޫ ޙަނީފާ:
އަލް އިމާމް އަބޫ ޙަނީފާއާއި ބެހޭގޮތުން، (الْإمَام الشَّافِعِيّ) ވިދާޅުވެފައިވެއެވެ. "ފިޤްހު ޢިލްމުގައި މީސްތަކުންވަނީ އަބޫ ޙަނީފާއަށް ބޭނުން ޖެހިފައެވެ." (الْإمَام الشَّافِعِيّ) ވިދާޅުވެފައިވާ އެހެން ބަސްފުޅެއްގައިވެއެވެ. "ފިޤްހު ޢިލްމު އުނގެނުމަށް ބޭނުން މީހުން، އަބޫ ޙަނީފާއާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށް ތަބަޢަވާށެވެ. ފިޤްހު ޢިލްމުގައި، މީސްތަކުން ވަނީ އަބޫ ޙަނީފާއަށް ބޭނުން ޖެހިފައެވެ."
(النَّضْر إبْن شَمِيْل) ވިދާޅުވެފައިވެއެވެ. "ފިޤްހު ޢިލްމާއި މެދު މީސްތަކުންވަނީ ޣާފިލްވެފައެވެ. އެއީ އަބޫ ޙަނީފާ، އެބައިމީހުން ހޭލެއްވުމަށް ދާންދެނެވެ. އަބޫ ޙަނީފާ ފަތުވާ ދެއްވިއެވެ. ބަޔާންކޮށްދެއްވިއެވެ. މީސްތަކުންނަށް އުނގަންނަވައިދެއްވިއެވެ."
(الْحَكَم إبْن عَبْدالله) ވިދާޅުވެފައިވެއެވެ. "ޙަދީޘް ޢިލްމުގައި (سُفْيَان الثَّورِيّ) ފަދަ ބޭކަލަކުނުވެއެވެ. އެހެންނަމަވެސް، (سُفْيَان الثَّورِيّ) އަށްވުރެވެސް އަބޫ ޙަނީފާ މާމޮޅެވެ."
(عَلَي إبْن عَاصِم) ވިދާޅުވެފައިވެއެވެ. "އަބޫ ޙަނީފާގެ ޢިލްމާއި، މިޒަމާނުގެ ހުރި ހުރިހާ މީސްތަކުންގެ ޢިލްމު، ބަރުދަންކޮށްފިނަމަ، އަބޫ ޙަނީފާގެ ޢިލްމު، އެހެން މީހުންގެ ޢިލްމަށްވުރެ ބަރުދަން ބަރުވާނެއެވެ."
(إبْن الْمُبارك) ގެ އަރިހުގައި ސުވާލުވެވުނެވެ. "ފިޤްހު ޢިލްމުގައި އެންމެ މޮޅުވާނީ މާލިކުގެފާނުތޯއެވެ؟ ނުވަތަ އަބޫ ޙަނީފާގެފާނުތޯއެވެ؟" އެކަލޭގެފާނު ޖަވާބުދެއްވިއެވެ. "އަބޫ ޙަނީފާގެފާނެވެ." އަދިވެސް (إبْن الْمُبارك) ވިދާޅުވެފައިވެއެވެ. "ޖަމާޢަތްތަކުގައި، އަބޫ ޙަނީފާއަށްވުރެ އެހާއްމެ މަތިވެރި، އަދި އެހާއްމެ ރިވެތި އަޚްލާޤު ހުންނަވާ، ދީލަތިބޭކަލަކު ދެކެވަޑައެއްނުގަންނަވައެވެ."
(عَبْدُ الرَّحْمَن إبْن مُحَمَّد إبْن الْمُغِيْرَة) ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު، އަބޫ ޙަނީފާ، ކޫފާގެ މިސްލިތުގައި ފަތުވާތައް ދެއްވަނިކޮށް އަޑުއެއްސެވީމެވެ. އޭރު އެކަލޭގެފާނު ހުންނެވީ، ކަޅުކުލައިގެ، ދިގު ފަގޮޑިކޮޅެއް އަޅުއްވައިގެނެވެ."
އަބޫ ޙަނީފާގެ ޞިފަފުޅުތައް"
އަބޫ ޙަނީފާއަކީ، އިސްކޮޅުފުޅުން މެދުމިނުގެ ބޭފުޅެކެވެ. އެކަލޭގެފާނުގެ ހަމުގެ ކުލައަކީ ރަތް ދޮންކުލައެކެވެ. އެކަލޭގެފާނަކީ، ފަޞާހަތްތެރި ބަލާޣަތްތެރި ބޭކަލެކެވެ. ބުރުޞޫރަފުޅު ރީތި ބޭކަލެކެވެ. އަބަދުވެސް ތުރުކުރައްވަނީ ރީތި ފޭރާމެވެ. ހަށިކޮޅުން މީރުވަސް ދުވާ ބޭކަލެކެވެ. އެކަލޭގެފާނު ގެކޮޅުން ނިކުމެ ވަޑައިގެންނެވިޔަސް، ނުވަތަ ގެކޮޅަށް ވެންނެވިއަސް، އެތަނެއްގައި، އެތައް އިރެއް ވަންދެން މީރުވަސް ހަރު ލައިފައި ހުރެއެވެ. އަދި އެކަލޭގެފާނަކީ ވަރަށް ގިނައިން މީރުވަސް ދުވާތަކެތި ބޭނުންކުރައްވާ ބޭކަލެކެވެ.
އަބޫ ޙަނީފާ، ތުރުކުރައްވާ ހެދުންކޮޅުގެ އަގކީ 30 ދިރުހަމެވެ. އަބަދުވެސް ސާފުޠާހިރުކޮށް އަދި ރީތި ފޭރާމެއްގައި ހުންނެވުމަސް އިސްކަންދެއްވައެވެ. އަދި ހިތްހަމަ ޖެހިވަޑައިގެން ހުންނަވައި، މާތްﷲގެ މަގުގައި ހޭދަކުރައްވައެވެ.
އެކަލޭގެފާނުގެ މަޢަނަވީ ޞިފަތަކަށް ބަލައިލާއިރު، އަބޫ ޙަނީފާއަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭކަލެކެވެ. މިވިސްނުންފުޅު، ފިޤްހު ޙުކުމްތައް ނެރުއްވުމަށް ބޭނުންކުރައްވައެވެ. ހަމައެފަަދައިން، އެކަލޭގެފާނުގެ ޚަޞްމުންނާއި މުޖާދަލާއި ކުރެއްވުމާއި، ޝުބުހާތުތައް ނައްތަވާލެއްވުމަށެވެ.
އަބޫ ޙަނީފާއަކީ ވަރަށް ޙިލްމުވެރި ބޭކަލެކެވެ. ގާތްތިމާގެ ކަމުގެ ގުޅުންތައް، ޤާއިމްކުރައްވައި، ގާތްތިމާގެ މީހުންނަށް ހޭދަކުރައްވައި ހައްދަވައެވެ. އެކަލޭގެފާނުފެ އަތްޕުޅުގައި ހަތަރު ހާސް ދީނާރަށްވުރެން ގިނައިން ނުބަހައްޓަވައެވެ. އެއަށްވުރެ އިތުރަށް، އަތްޕުޅުގައި ހުންނަ އެއްޗެއް ވިއްޔާ، މާތްﷲ ގެ މަގުގައި ހޭދަކުރައްވައެވެ.
އަބޫ ޙަނީފާއަކީ ވިޔަފާރީގައި ތެދުވެރި ބޭކަލެކެވެ. މުދަލުގައި ހުރި ޢައިބުތައް މީސްތަކުންނަށް ބަޔާން ކޮށްދެއްވައެވެ.
ޝާޢިރަކު ވިދާޅުވެފައިވެއެވެ. "ދުނިޔެއާއި އާޚިރަތް ޖަމްޢުވުމަކީ ހާދަހާވާ ރަނގަޅުކަމެކެވެ." އަބޫ ޙަނީފާ ޖަމްޢުކުރެއްވީ ދީނާއި ދުނިޔެ އެކަންޏެއް ނޫނެވެ. އެކަލޭގެފާނު ތިންކަމެއް ޖަމްޢުކުރެއްވިއެވެ. އަދި ކީއްތޯ އެއަށްވުރެވެސް މާގިނަ ކަންތައްތަކެވެ. އެކަލޭގެފާނުގެ ތަނަވަސްކަމާއި ދީލަތިކަން ޖަމްޢުކުރެއްވިއެވެ. ޢިލްމާއި ފިޤްހު ޖަމްޢުކުރެއްވިއެވެ. އަޅުކަމާއި ތަޤްވާވެރިކަން ޖަމްޢުކުރެއްވިއެވެ.
އަޅުކަމުގައި ގިނަ ވަޤުތު ހޭދަކުރައްވައެވެ. ރޭގަނޑު ވަރަށް ކުޑައިރުކޮޅަކު ނޫނީ އަވަހާރަފުޅެއް ނުލައްޕަވައެވެ. މިކަމުގެ ސަބަބުން އަބޫ ޙަނީފާއަށް (الْوَدة) މިލަޤަބުފުޅު ލިބި ވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނު ނަމާދު ކުރައްވާލެއް ގިނަކަމުންނެވެ. ތަހައްޖުދު ނަމާދަށް ތެދުވެ ވަޑައިގަންނަވައެވެ. އެކަލޭގެފާނު ކީރިތި ކުރައްވާ އަޑު، އަވަށްޓެރިންނަށް އިވި، އެކަލޭގެފާނުގެ ހިތާމަތަކުގެ ސަބަބުން އެމީހުންގެ ހިތުގައި ވޭން އުފެދޭ ހިސާބަށް ދިއައެވެ.
ރޭގަނޑު ހޭދަކުރައްވަނީ އަޅުކަމުގައެވެ.
(الشَّرَّانِيّ) ވިދާޅުވެފައިވެއެވެ. "އަބޫ ޙަނީފާ، އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވި ތަނުގައި އިންނަވާ، ކީރިތި ޤުރުއާން ހަތްހާސްފަހަރު ޚަތިމްކުރެއްވިއެވެ." އަބޫ ޙަނީފާއަކީ އަޅުވެރި އަދި ތަޤްވާވެރި ބޭކަލެކެވެ.
ތަހައްޖުދު ނަމާދުގައި ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް 10 ފަހަރަށް ވުރެ ގިނައިން، ތަކުރާރު ކުރެއްވުމަކީ އެކަލޭގެފާނުގެ އާދައެކެވެ. އަދި އެއާޔަތްތަކާއި މެދު ވިސްނާ ފިކުރު ކުރައްވަވައި، އެއާޔަތްތަކުގެ އަސަރުގައި ޖެހިވަޑައިގަންނަވައެވެ.
ރިވާވެގެންވާ ގޮތުގައި، އެއްރެއެއްގެ، ތަހައްޖުދު ނަމާދުގައި، އައްޠޫރު ސޫރަތުގެ 27 ވަނަ އާޔަތް ތަކުރާރު ކުރެއްވުން މަތީ ފަޖުރު ލައްޖައުމަށް ދާންދެން ދެމިހުންނެވިއެވެ.
އަބޫ ޙަނީފާގެ ޢާއިލާ:
އަބޫ ޙަނީފާގެ ޢާއިލާއާއި ބެހޭގޮތުން އެހާ ބޮޑަށް ތާރީޚްގެ ޢިލްމުވެރިން އަލިއަޅުއްވައިފައި ނެތެވެ. އެކަލޭގެފާނަށް އަބޫ ޙަނީފާ، ވިދާޅުވެވެނީ އެކަލޭގެފާނަށް ޙަނީފާ ކިޔާ ދަރިކަލަކު ހުރުމުންނެއް ނޫނެވެ. އެކަމަކު މީސްތަކުން އެހެން ބުނެ އުޅެނީ ޙަނީފީ މުސްލިމެއްކަމުގައި ބަޔާންކޮށްދެއްވުމަށް އެދިއެވެ.
ދުނިޔެ ދޫކުރެއްވުން:
މިދުނިޔެއަށް އަންނަ ކޮންމެ މީހަކީވެސް، އޭނާގެ އަޖަލުގެ ގޮވައިލުމަށް ޖަވާބުދާރީ ވާންޖެހޭނެ މީހަކަށްވާތީ، އަބޫ ޙަނީފާވެސް އެކަލޭގެފާނުގެ އަޖަލުގެ ގޮވައިލުމަށް ޖަވާބު ދެއްވިއެވެ. ރިވާވެގެންވާ ގޮތުގައި، އަބޫ ޙަނީފާ މިދުނިޔެ ދޫކުރެއްވީ، ހިޖުރައިން 150 ވަނަ އަހަރުއެވެ. (إمَام النَّوَويّ) ، ޔަޤީންކޮށްދެއްވާ ގޮތުގައި، އަބޫ ޙަނީފާ މިދުނިޔެ ދޫކުރެއްވީ ޖަލުގައިއެވެ.
އަބޫ ޙަނީފާ، ނާނޭފުޅު ފިއްލެވުމުގެ ކަންތައް ކުރެއްވީ (الْحَسَن إِبن عَمَّار) އެވެ. ބުނެވޭގޮތުގައި، އެކަލޭގެފާނުގެ ޖަނާޒައިގައި، ފަންސާސްހާސް މީހުން ބައިވެރިވިއެވެ. އަބޫ ޙަނީފާ ފަސްދާނު ވެޑުވިފައިވަނީ، ބަޣްދާދުގެ އިރުމަތީ ފަރާތުގައިވާ، އަލްޚައިޒަރާން، އޭކިޔޭ މަޤްބަރާގައެވެ.
(عَبْدالله إبْن الْمُبَارك) ވިދާޅުވިއެވެ. "އަބޫ ޙަނީފާއަކީ ދަލީލެކެވެ." އަބޫ ޙަނީފާގެ ދެކޮޅުވެރިޔަކު ސުވާލުކުރިއެވެ. "ހެޔޮކަމުގަ ހެއްޔެވެ؟ ނުވަތަ ނުބައި ކަމުގަ ހެއްޔެވެ؟" (عَبْدالله إبْن الْمُبَارك) ވިދާޅުވިއެވެ. "އޭ މިހިރަ މީހާއެވެ. ހުއްޓާލާށެވެ! ހަމަކަށަވަރުން ހެޔޮ ކަމުގެ ދަލީލެވެ. ނުބައި ކަންތައްތައް ދުރުކުރުމުގެ ދަލީލެވެ." ދެން އެއަށްފަހު، (عَبْدالله إبْن الْمُبَارك) އަލްމުއުމިނޫން ސޫރަތުގެ 50ވަނަ އާޔަތް ވިދާޅުވިއެވެ. މަޢަނައަކީ: "އަދި މަރިޔަމްގެފާނުގެ ދަރިކަލުންނާއި، އެދަރިކަލުންގެ މައިކަމަނާ ހެއްކެއް ކަމުގައި، ތިމަން ﷲ ލެއްވީމެވެ."
(إبْن جُرَيْج) އަށް، އަލްއިމާމް އަބޫ ޙަނީފާ، މިދުނިޔެ ދޫކުރެއްވިކަމުގެ ޚަބަރު ލިބުމުން ވިދާޅުވިއެވެ. "އާހް! ޢިލްމު ހިނގައްޖެވެ."
މާތްﷲ (الْإمَامُ الْأعْظَم أبُو حَنِيْفَة النُّعْمَان إبْن ثَابِت إبْن زوطِيّ إبْن مَاه مَولَي تَمِيْم الله إبْن ثَعْلَبة) އަށް ރަޙްމަތް ލައްވާށިއެވެ.
އާމީން!
0 comments:
Post a Comment