Monday, August 22, 2011

ސަދަގާތްކުރުމުގެ މާތްކަން.

ދަރުމަޔާއި ޘަވާބަށް އެދިﷲގެ ވަޖްހުފުޅަށްޓަކައި ތިމާގެ މުދަލުން ހޭދަކުރުމަކީ ޞަދަޤާތް ކުރުމެވެ. ޞަދަޤާތް ދިނުމަކީ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާފައިވާ އަޅުކަމެކެވެ. އެއީ މިހާގެ ކިބައިގައި އީމާންކަން ވާކަމުގެ ޢަލާމަތަކެވެ.
ނުވަތަ ޤިޔާމަތްދުވަހު އެނާއަށްޓަކައިވާ ދަލީލެކެވެ. އަބޫ މުސަލް ޢަޝްއަރީ އަރިހުން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ހަދީޡްފުޅު ކުރެއްވިކަމަށް ދިގު ރިވާޔަތެއް އައިސްފައިވެއެވެ. އޭގައި ޞަދަޤާތާއި ބެހޭގޮތުން އައިސްފައިވަނީ "...والصد قة برهان ..." (رواه مسلم) މާނައީ : "ޞަދަޤާތަކީ ދަލީލެކެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ކީރިތި މޫރިތި ފޮތުގައި ވަޙީ ކުރައްވަނީ:
آَمِنُوا بِاللَّهِ وَرَسُولِهِ وَأَنْفِقُوا مِمَّا جَعَلَكُمْ مُسْتَخْلَفِينَ فِيهِ فَالَّذِينَ آَمَنُوا مِنْكُمْ وَأَنْفَقُوا لَهُمْ أَجْرٌ كَبِيرٌ (7) (سورةالحديد 7)މާނައީ :ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ. އަދި، އެތަކެއްޗާމެދު، ޚަލީފާކުރެވިގެންވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ލައްވާފައިވާ ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، އަދި ހޭދަކުރާމީހުން އެބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުއްޓެވެ.
ޝައްކެތްނެތް ގޮތުގައި މިއާޔަތުގައި ﷲއަށާއި އެއިލާހުގެ ރަސޫލާއަށް އީމާންވުމަށް އަންގަވައި އެއާއި ވިދިގެން މުދަލުންހޭދަކުރުމަށް އަންގަވާފައިވާވުމުން ހާމަކޮށްދެނީ އިސްލާމްދީން ހޭދަކުރުމަށް ބާރުއަޅާމިންވަރެވެ. އަދި ހޭދަކުރުމުގެ މަތިވެރިކަމެވެ.
ހަދާންކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންނާ ޙަވާލު ކުރައްވާ މުދަލަކީ އަޅުގަނޑުމެންގެ އަތުގައި ދާއިމަށް ހުންނާނެ ތަކެއްޗެއް ނޫންކަމެވެ. އެމުދަލަކީ ކުރީގައި އެހެން ބައެއްގެ އަތްމަތީގައިވީ މުދަލެކެވެ. އަދި މާދަމާ އަޅުގަނޑުމެންގެ އަތުން އެހެންބަޔަކަށް ވާރުތަވާނެ މުދަލެކެވެ. އަޅުގަނޑުމެންނަށް އޮތީ މިއަދު ﷲއަށް ކިޔަމަންތެރިކަން އަދާކޮށް އެމުދަލުން ހޭދަކުރުމެވެ. އެހެން ނޫންނަމަ މާދަމާ އެމުދާ ވާރުތަވާ މީހުން އެމުދާ ﷲއަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ބަދަލުގައި އުފާވެރިކަން ލިބި ދުނިޔެއާއި އާޚިރަތުގެ ނަސީބުވެރިންނަށް ވެގެން ހިނގައިދާނެއެވެ. އަދި އަޅުގަނޑުމެންގެ ޖާހިލުކަމުގެ ނަތީޖާއަކަށް ވާނީ ﷲގެ ޢަޒާބަށް ހުށަހެޅިގެން ދިއުމެވެ.

އަދިވެސް އެއިލާހް ވަޙީކުރެއްވިއެވެ.
وَمَا لَكُمْ أَلَّا تُنْفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ لَا يَسْتَوِي مِنْكُمْ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَ أُولَئِكَ أَعْظَمُ دَرَجَةً مِنَ الَّذِينَ أَنْفَقُوا مِنْ بَعْدُ وَقَاتَلُوا وَكُلًّا وَعَدَ اللَّهُ الْحُسْنَى وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (سورةالحديد 10) މާނައީ : އަދި ތިޔަބައިމީހުން މާތްﷲގެ މަގުގައި ހޭދަ ނުކުރަންވީ ކީއްވެގެންހޭ؟ އުޑުތަކާއި ބިމުގެ ވާރުތަވުން މާތްﷲއަށް މިލްކުވެވޮޑިގެންވެއެވެ. (މައްކާ) ފަތަހަވުމުގެ ކުރީން ހޭދަކޮށް އަދި ހަނގުރާމަކޮށް އުޅުނުމީހުން ( އެނޫންމީހުންނާއި) ހަމަހަމަވެގެންނުވެއެވެ. ފަހުން ހޭދަކޮށް ، އަދި ހަނގުރާމަ ކުޅަމީހުންނަށްވުރެން ދަރަޖައިގެ ގޮތުން އެބައިމީހުން މާތްކަން ބޮޑެވެ. ކޮންމެ ބަޔަކަށްމެ ހެޔޮގޮތް މާތްﷲ ދަރުމަކުރައްވައިފައިވެއެވެ. މާތﷲއީ ތިޔަބައި މީހުން ޢަމަލުކުރާގޮތުގެ ޚަބަރު ދެނެވޮޑިގެންވާ އިލާހެއެވެ.
ޞަދަޤާތް ދިނުމަށް ފަސް ޖެހި ދަހިވެތިވާ މީހުންނަށް އިންޒާރު ކުރައްވަމުން ﷲ ވަޙީކުރައްވަނީ:
وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آَتَاهُمُ اللَّهُ مِنْ فَضْلِهِ هُوَ خَيْرًا لَهُمْ بَلْ هُوَ شَرٌّ لَهُمْ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (سورةالعمران 180) މާނައި : މާތްﷲ އެކަލާނގެ ދަރުމަވަންތަވެރިކަމުގެ ތެރެއިން، އެބައިމީހުންނަށް ދެއްވި ތަކެތީން ދަހިވެތިވާ މީހުން، އެއީ އެބައިމީހުންނަށްހުރި ހެޔޮކަމެއްކަމުގައި ހީނުކުރާހުށިކަމެވެ. އަދި ކިއެއްތަ، އެއީ އެބައިމީހުންނަށްހުރި ނުބައިކަމަކެކެވެ. އެބައިމީހުން ދަހިވެތިވާ ތަކެތި ޤިޔާމަތް ދުވަހުން އެބައިމީހުން ކަރުގައި އެޅުވޭ ހުއްޓެއެވެ. އުޑުތަކާއި ބިމުގެ ވާރުތަވުން ވަނީ މާތްﷲއަށެވެ. ތިޔަބައިމީހުން ޢަމަލުކުރާގޮތުގެ ޚަބަރު މާތްﷲ ދެނެވޮޑިގެންވެއެވެ.
އިސްވެދިޔަ އާޔަތްތަކުން ހާމަވެގެން ދިޔައީ ޞަދަޤާތް ދިނުމަށް އިސްލާމް ދީން ބާރު އަޅާމިންވަރެވެ. އަދި މި މަތިވެރި އަޅުކަމުން ލިބެން ހުރި ދަރުމައިގެ ބޮޑުކަމެވެ. އަދި މިއަޅުކަން އަދާކުރަން ފަސްޖެހޭމީހުންނަށް ހުރި އިންޒާރުގެ ބަސްފުޅުތަކެވެ.

މިފަދަ މާތް މަތިވެރި އަދި މުހިންމު އަޅުކަމެއް ކުރުމުގެ މަގު ތަނަވަސް ވެގެން ވަނީ ހަމަ އެކަނި ތަނަވަސް ކަމުގެ އަހުލުވެރިންނަށް އެކަންޏެއް ނޫނެވެ. އިސްލާމްދީނަކީ ހަމަހަމަ ކަމުގެ ދީނެވެ. އެހެންކަމުން މިދީނުގައި ހެޔޮޢަމަލު ކުރުމުގެ ފުރުޞަތު ވަނީ މުއްސަދިންނާއި ފަޤީރުން ތަފާތު ނުވާގޮތުގެ މަތިން ފުޅާކޮށް ހުޅުވިގެންނެވެ. އެމީހަކަށް ލިބިގެންވާ ފައިސާގެ މަދުކަމުގެ ސަބަބުން ޞަދަޤާތް ދިނުމުގެ މަގު ބަންދެއް ނުވެއެވެ.
އިންސާނާގެ ކޮންމެ ގުނަވަނަކަށް ޞަދަޤާތެއްވެއެވެ.ކިރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ.

" يصبح على كلّ سلامى من أحدكمْ صَدَقَة، فَكُلُّ تَسْبِيْحَةٍ صَدَقَةُ وَكُلُّ تحْمِيْدَةٍ صَدَقَةٌ ، وَكُلُّ تَهْلِيلَةٍ صَدَقَةٌ ، وَكُلُّ تَكْبِيْرَةٍ صَدَقَةٌ، وَأمْرٌ بالمَعْرُوفِ صَدَقَةٌ، وَنَهْىُ عن المُنكرِ صَدَقَةٌ ، وَيجْزِئُ من ذللكَ ركْعَتانِ يرْ كعُهُمَا الضُّحى (مسلم)1 މަނާއި: (ﷲ ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުކުރުމުގެ ގޮތުން) ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް ގަދަވެ ސަލާމަތުންހުރެ ، އާ ހެނދުނަކާ ކުރިމަތިލާހިނދު ، ތިޔަބައިމީހުންކުރެ ކޮންމެ މީހެއްގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ކުރަންޖެހޭ ޞަދަޤާތެއްވެއެވެ.ފަހެ سبحانالله ކިޔުމީ ޞަދަޤާތެެކެވެ. އަދި الحمدلله ކިޔުމީ ޞަދަޤާތެކެވެ.އަދި لاإله إلاّالله ކިޔުމީ ޞަދަޤާތެކެވެ. الله أكبر ކިޔުމީ ޞަދަޤާތެކެވެ. އަދި ހެޔޮކަންތައް އަމުރުކުރުމީ ޞަދަޤާތެކެވެ. އަދި މުންކަރާތްތައް ނަހީކުރުމަކީ ޞަދަޤާތެކެވެ. އެކަންކަމުގެ ބަދަލުގައި ދެ ރަކުޢަތްއެއް ކުރުމުން ފުދޭ، ދެ ރަކުޢަތްއް ވެއެވެ. އެއީ ޟުހާވަގުތުގައި ކުރާ ދެ ރަކްޢަތެވެ.(ދީނުގެމަގު،19ސެޕްޓމްބަރ 2003)
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.
تَبَسُّمُكَ فى وجُهِ أَخِيْكَ صَدَقةٌ وَأَمْرُكَ باِلْمَعْرُوفِ صَدَقةٌ وَإِمَا طَتُكَ لأَذَى وَالشَّوكَ وَالعَظْمَ عِنِ الطَّريقِ للكَ صَدَقةٌ وَإِفْراغُكَ مِنْ دَلْوِكَ فى دَلْوِ أَخِيْكَ لَك صَدَقةٌ وَبَصَرُكَ لِلرَّجُلِ الرَّدِى ءِالبَصَرِلَكَ صَدَقةٌ (البخارى) މާނައީ : ތިބާގެ އަޚާގެ ކުރިމަތީ ހިނިތުންވެލާ ހިނތުންވުމަކީ ޞަދަޤާތެކެވެ. ތިބާ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާ ކުރާކުރުމަކީ ޞަދަޤާތެކެވެ. މަގުމަތިން އުދަގުލާއި ކަށި އެއްފަރާތަކަށްލާ ލުމަކީ އިބައަށް ލިބިގެންވާ ޞަދަޤާތެކެވެ.އިބަގެ އަޚާގެ ދާންޏަށް ފެންފުރާދޭ ދިނުމަކީ ޞަދަޤާތެކެވެ. ލޯކޮށިމީހަކަށް އިބަގެ ލޮލުން އެހީވެދޭ އެހީދިނުމަކީ ޞަދަޤާތެކެވެ. ( އިސްލާމީ އަހްލާޤް 1،)

ވީމާ ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ. މުއްސަންޖަކު އޭނާގެ މުދަލުން ދީލަތިކަމާއެކު ކުރާ ހޭދައަށް ޘަވާބާއި ދަރުމަ ލިބޭފަދައިން ފަޤީރު ނިކަމެއްޗަކު އެނިޔަތުގައި ކުރާ ހެޔޮޢަމަލަށް ދަރުމަ ދެއްވައެވެ. އޭނާ ދުލުން ކިޔާ ޒިކުރު ތަކާއި އަދި ހެޔޮކަންތަކަށް އަމުރު ކުރާ ކުރުމާއި އަދި މުންކަރާތްތައް މަނާކުރާކުރުމާއި އެހެންމީހުންނަށް އެހީތެރިވެދޭ އެހީތެރިވެދިނުން ވެސް ހިމެނެނީ ޞަދަޤާތުގެ ތެރޭގައެވެ. އަދި ﷲއަށާއި އެއިލާހުގެ ރަސޫލާއަށް ފުރިހަމައަށް އީމާންވާ ކޮންމެ މުސްލިމަކު މިމަތިވެރި އަޅުކަމަށް ރައްކާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.

ޞަދަޤާތުން ލިބޭ ފައިދާ
ޞަދަޤާތަކީ ޞަދަޤާތްކުރާމީހާއަށް ދުނިޔެއާއި އާޚިރަތުގައި ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭކަމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ޞަދަޤާތްދޭ މީހާގެ މުދަލުގައި ބަރަކާތްލައްވައި އަދިއެމީހާއަށް އިތުރު ތަނަވަސްކަން ދެއްވައި ޤިޔާމަތްދުވަހު ބޮޑުވެގެންވާ ޘަވާބާއި ދަރުމަ ދެއްވުމަށް ވަޢުދުވޮޑިގެންފައެވެ. އެހެންކަމުން މިތަނުގައި އެފަދަ ބައެއް ފައިދާތައް ހުށަހަޅާލާނަމެވެ.

ޞަދަޤާތަށް ދެވޭއެއްޗެއްގެ ޘަވާބު އެތަށް ގުނައަކަށް އިތުރުކޮށްދެއްވާ
އުމަރު ބުން ޚައްޠާބުގެ ހަލީފާކަމުގެ ދުވަސްވަރެވެ. މީސްތަކުންނަށް ނުލާހިކުބޮޑު ތަދުމަޑުދުވަސްވަރެއްއައެވެ. އެދުވަސްވަރުގައި ޝާމްކަރައިން ޢުޘްމާން ބިން ޢައްފާންގެ ޤާފިލާއެއް 1000 ޖަމަލުގެ ސާމާނު ހިފައިގެން އައެވެ. ކެއުމާއި އަންނައުނާއި އެނޫންވެސް ސާމާނެވެ. ވިޔަފާރިވެރިން ޢުޘްމާނުގެފާނު އަރިހުން ބޮޑުއަގުގައި އެމުދާގަންނަން ދިޔައެވެ. އަދި ފައިދާގެ %5 އެކަލޭގެފާނަށް ދޭންވެސްބުންޏެވެ. ޖަވާބުގައި އެކަލެގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް 700 ދީނާރަށްވުރެ ގިނައިންދީފާނެކަމުގައި މީހަކު ބުނާނަމަ ކަލޭމެން ބުނާނީ ކީކޭހެއްޔެވެ؟އެމީހުންދެންނެވިއެވެ. ތިމަންމެން ބޭކަލުންނަކީ މަދީނާގެ ވިޔަފާރިވެރިންނެވެ. ކަލޭގެފާނު އަތުން ތިހާ އަނގުބޮޑުކޮށް ގަންނަން އުޅެނީ ކާކުހެއްޔެވެ.؟ އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ މަގުގައި މުދާ ހޭދަކުރާމީހާ ހިތްވަރުދެއްވުމަށްޓަކައި ކީރިތި ޤުރުއާނުގައި މިސާލު ޖައްސަވާފައި ﷲ ވަޙީކުރައްވަނީ

مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِئَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ (البقرة : 261) މާނައީ: "އެބައިމީހުންގެ މުދަލުން ﷲގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ ، ކޮންމެ ކުރާގަޑެއްގައި ސަތޭކަ އޮށްޓަރު ޝާމިލުވެގެންވާ ހަތްކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ.އަދި މާތްﷲ އެކަލާނގެ އިރާދަކުރައްވައިފި އަޅަކަށް އިތުރު ކޮށްދެއްވައެވެ. އަދިﷲ އީ ތަނަވަސްވެވޮޑިގެންވާ މޮޅަށްދެނެވޮޑިގެންވާ އިލާހެއެވެ."
ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ވިޔަފާރިވެރިންނޭވެ! ކަލޭމެންގެ ތެރޭގައި މިއަށްވުރެ އިތުރަށް ދޭނެމީހަކު އެބައުޅޭހެއްޔެވެ؟ ތިމަންކަލޭގެފާނު ކަލޭމެން ހެކިކޮށް ވިދާޅުވަމެވެ. މިހުރިހާ މުދަލެއް މަދީނާގެ ފަޤީރުންނަށް ޞަދަޤާތެއްގެ ގޮތުގައި ދޫކުރައްވައިފީމެވެ. އެކަލޭގެފާނު ބޭނުންވެވަޑައިގަތީ އެމުދަލުގެ ފައިދާ އެތަށްގުނައަކަށް އިތުރުވެވުމަށެވެ.

 އަދި ﷲއާއި ބައްދަލުވަންދެން އެއިލާހުގެ ޙަޟްރަތުގައި ސަލާމަތްތެރިކަމާއެކު ރައްކާކުރުމަށެވެ. އާދެ އުޘްމާނުގެފާނު އެދެއްކެވި ނަމޫނާއަކީ ޤިޔާމަތާ ހަމަޔަށް މީހުން އެކަލޭގެފާނުގެ ދީލަތިކަމުގެ ވާހަކަ ދައްކާނެ ނަމޫނާއެކެވެ. އެކަލޭގެފާނު އެމުދާ ޞަދަޤާތްކުރުމުން ލިބުނު ބޮޑުފައިދާއަކީ އާޚިރަތްދުވަހު އެކަނި ލިބޭނެ ފައިދާއެއް ނޫނެވެ. ދުނިޔެމަތީންވެސް އެކަލޭގެފާނުގެ މުދަލުގައި ބަރަކާތްލައްވައި ތަނަވަސްކަން ވަނީ އިތުރުވެފައެވެ. (ދީނީތަޤުރީރް 5، 19 ޖޫން 1991)

މީގެ އިތުރުން ހެޔޮޢަމަލު ކުރާމީހުންގެ ހެޔޮޢަމަލުތައް ހަތްސަތޭކަގުނައަށް އިތުރު ކުރައްވާކަން ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ސުންނަތުން ވެސް ސާބިތުވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. އެއްދުވަހަކު މީހަކު ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަގެ އަރިހަށް ޖަމަލެއް އޭގެ ލަގަނާއެކު ގެނައެވެ. އަދި ދެންނެވިއެވެ.

"އޭ ﷲގެ ރަސޫލާއެވެ1 މިއީ ﷲއަށްޓަކައެވެ." ﷲގެ ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ."ތިބާއަށް ޤިޔާމަތްދުވަހު 700 ޖަމަލު ޘަވާބުގެ ގޮތުގައި ލިބޭނެއެވެ." (މުސްލިމް)
ޞަދަޤާތް ދިނުމަކީ ފާފަތައް ފޮހެވި ޢަޒާބުން ސަލާމަތްވާކަމެއް
ﷲ ވަޙީ ކުރައްވަނީ:
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَاتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ (التوبة : 103) މާނައީ : އޭގެ ސަބަބުން އެބައިމީހުންގެ ފާފަތަކުން އެބައިމީހުން ސާފްވެ ޠާހިރުވާނޭ، އަދި އެބައިމީހުންނަށް ހެއުކަންތައް އިތުރުވާނޭ ޞަދަޤާތެއް އެބައިމީހުންގެ މުދަލުގެ ތެރެއިން ކަލޭގެފާނު ހިއްޕަވާށެވެ.އަދި އެބައިމީހުންނަށްޓަކައި، ކަލޭގޭފާނު ހެޔޮ ދުޢާފުޅުކުރައްވާށެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ހެޔޮދުޢާފުޅަކީ އެބައިމީހުންނަށް ރަޙްމަތަކެވެ.މާތްﷲއީ އައްސަވާވޮޑިގެންވާ، ދެނެވޮޑިގެންވާރަސްކަލާނގެއެވެ.
މިއާޔަތުގައި ﷲސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ނަބިއްޔާއަށް އަމުރު ކުރައްވަނީ މުސްލިމުންގެ ފައިސާއިން އެބައިމީހުން ފާފަތަކުން ޠާހިރު ކުރުމަށްޓަކައި ޞަދަޤާތް ނެންގެވުމަށެވެ. "وَصَلِّ عَلَيْهِمْ" އަދި އެބައިމީހުންގެ ފާފަ ފުއްސަވައި ދެއްވާތޯ ދުޢާކޮށް ދެއްވުމަށެވެ.
އަދިވެސް ވަޙީ ކުރައްވަނީ:

إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (سورةالبقرة 271 ) މަނައީ: ކަލޭމެން ޞަދަޤާތްދީ އުޅެނީ ފައުޅުގައި ކަމުގައިވިއަސްއެންމެ ރަންގަޅެވެ. އަދ، އެކަން ސިއްރުކޮށް އެކަމަށް އެކަށީގެންވާ ފަޤީރުންނަށް ދެނީނަމަ އެގޮތް ކަލޭމެންނަށްޓަކައި މާ މޮޅެވެ. އަދި ދަންނައެ! ޞަދަޤާތްދީ އުޅުމަކީ ކަލޭމެންކޮށްފައިވާ އެތައް އެތައް ފާފައެއް ފޮހެވިގެންދާކަމަކެވެ. އަދި ދަނެއު! ކަލޭމެންކޮށް އުޅޭހައިކަމެއް މާތްﷲ އެގިވޮޑިގަންނަވަތެއެވެ.
ﷲ ސުބުޙާނަހޫވަތަޢާލާވަނީ ފަޤީރުންނަށާއި ނިކަމެތިންނަށް ޞަދަޤާތްކުރާމީހާގެ ފާފަތައް ފުއްސަވާދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައެވެ. ޞަދަޤާތަކީ އެ އިލާހް ލޯބޮވޮޑިގެންވާ ޝަރަފްވެރި ޢަމަލެއްކަމަށް އިޝާރަތް ކުރައްވައި ސިފަކުރައްވާފައިވަނީ "ރިވެތިވެގެންވާ ދަރަނި" ގޮތުގައެވެ.

"ރިވެތިވެގެންވާ ދަރަންޏޭ ކިޔަނީ އެދަރަންޏަކުން ތިމާއަށް ފައިދާއެއްވުމުގެ އެދުމެއްނެތި، އަދި ގެއްލުންވިޔަސް ވަރިހަމަގޮތުގައި، ހަމައެކަނި ﷲއަށްޓަކައި ދޭ ދަރަންޏެވެ"( ޤުރުއާނުގެ ދިވެހި ތަރުޖަމާ )
މިަކަމަށް އިޝާރާތް ކުރައްވާ ﷲ ވަޙީކުރައްވަނީ:

(التغابن: 18) މަނައީ:
 މާތްﷲ ހަޟުރަތަށް (ދޭ ދަރަންޏަށް ފަދައިން) ހެޔޮކަންމަތީ ތިޔަބައި މީހުން ޞަދަޤާތްކޮށްފިނަމަ އެދަރަނި ނުވަތަ އޭގެ ޘަވާބު ތިޔަބައިމީހުންނަށް އެކަލާނގެ އެތައްބައެއް ގިނަ ކުރައްވާނެތެއެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. އަދި މާތްﷲއީ ކިޔަމަންތެރި އަޅުންނަށް ސަވާބުދެއްވާ ޙިލްމުވަންތަ ކަލާނގެއެވެ.
އަދިއްޔު ބިން ހާތިމް ރަޟިޔަﷲ ޢަންހު ގެ ކިބއިން ރިވާވެގެންވެެއެވެ. ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
إتقوا النَارَ وَلَو بِشِق تَمرَةٍ )متفق عليه( މާނައީ: ކަދުރު ފަޅިއެއް ދީގެންނަމަވެސް ނަރަކައިން ތިޔަބައިމީހުން ސަލާމަތްވާށެއެވެ.
އަދިވެސް އެކަލޭގެފާނު ހަދީޘްފުޅުކުރައްވަނީ:
الصَّدقةُ تُطْفِئُ الخطيئةَ كما يطفئ الماءلنّار2 މާނައީ : ޞަދަޤާތަކީ ކުށްފާފަތައް ނިއްވާ އެއްޗަކެވެ. ފެން އަލިފާން ނިއްވާގޮތަށެވެ. (أبويعلى) (މިހަދީޘް ނަގާފައިވަނީ "މާތްﷲގެ ދަރުބާރު" މިފޮތުން)
ސަދަޤާތަކީ ކައްވަޅުގެ ޢަޒާބުން ސަލާމަތްކަން ލިބޭ މަގެކެވެ. އައްޠަބަރާނީ ރިވާކުރެއްވި ހަދީޘްފުޅެއްގައިވެއެވެ.
إنَّ الصَّدقَةَ لَتُطْفِئُ عَنْ أَهُلِهَا حَرَّ الْقُبُورِ މާނައީ ޞަދަޤާތަކީ އޭގެ އަހްލުވެރިންގެ ކިބައިން ކަށްވަޅުގެ ހޫނުކަން ނައްތައިލާއެއްޗެކެވެ. (މާތްﷲ ގެ ދަރުބާރުން) 
( ނުނިމޭ )    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons