Friday, August 3, 2012

އިންސާނާގެ ބައެއް ޙަޤީޤަތް

 ކީރިތި ޤުރުއާނުގައި އަންގަވާފައިވާ، އިންސާނާގެ ބައެއް ޙަޤީޤަތްތަކުގެތެރެއިން...

ﷲ سبحانه وتعالى އުފައްދަވާފައިވާ އެންމެހައި މަޚްލޫޤުންގެ ތެރެއިން މާތް ކުރައްވައި، އެ އިލާހުގެ ހުސްވުމެއްނުވާ ނިޢުމަތްތަކުން ނިޢުމަތް ދެއްވައި، ސުވަރުގޭގެ އަބަދީ ޙަޔާތުން މި ދުނިޔޭގެ ވަގުތީ ޙަޔާތުގެ ތެރެއަށް ފޮނުއްވައި، އެހެން އެއްވެސް މަޚްލޫޤަކާ ޙަވާލު ނުކުރައްވާ މަސްއޫލިއްޔަތުތަކެއް ޙަވާލު ކުރައްވާފައިވާ "އިންސާނާ" ގެ ޙަޤީޤަތަކީ ކޮބައިކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟

އެންމެހައި ކަންކަން މޮޅަށް ދެނެވޮޑިގެންވާ خَالِقُ الْمَخْلُوْقَاتِ ، ﷲ سبحانه وتعالى ވަނީ އެކަލާނގެ ކަލާމްފުޅުގައި އިންސާނާގެ ވަރަށް ގިނަ ޙަޤީޤަތްތައް ބަޔާންކޮށް ދެއްވާފަ އެވެ. އަދި އެކަލާނގެ ރަސޫލާ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެސް އެ ކަންކަމާބެހޭ ޚަބަރުތައް ދެއްވާފައި ވެ އެވެ.


މި ތަނުގައި މި ހިމަނާލަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ، އިންސާނާގެ ޙަޤީޤަތްތަކުގެތެރެއިން ބައެއް ކަންކަމެވެ. ބޭނުމަކީ މި ދުނިޔޭގައި އަޅުގަނޑުމެންގެ ޙައިސިއްޔަތަކީ ކޮބައިކަން ދެނެގަތުމެވެ. މާބޮޑު އަޅާލުމެއް ނެތި އަޅުގަނޑުމެންނަށް ކުރެވެމުންދާ ނުރަނގަޅު ކަންތައްތަކުން ސަލާމަތް ވުމެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާމެދު ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ބަސްފުޅުތަކާމެދު ވިސްނުމުގެ ޝައުޤުވެރިކަން އުފެއްދުމެވެ.

1-    އިންސާނާގެ އަޞްލު އުފެއްދެވުން :


ﷲ سبحانه وتعالى ، އެންމެ ފުރަތަމަ އިންސާނާ ކަމުގައިވާ آدم عليه السلام، އުފައްދަވާފައިވަނީ ވެލިން ނުވަތަ މަށިންނެވެ. މިކަން ބަޔާން ކުރައްވައި ﷲ سبحانه وتعالى ވަޙީ ކުރައްވާފައި ވެ އެވެ.  {
وَلَقَدْ خَلَقْنَا الإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ} (ސޫރަތުލް ޙިޖުރު: 26) މާނައީ: " تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. " އެހެން އާޔަތެއްގައި އެކަލާނގެ، އިންސާނާގެ އަޞްލު އުފައްދަވާފައިވާ مَادَّة ސިފަކުރައްވާފައިވަނީ މުށިތަކެއްފަދަ ހިކި މަށީގެގޮތުގައެވެ. وحى  ކުރައްވާފައިވެއެވެ. {خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ} (އައްރަޙުމާނު: 14) މާނައީ: " މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވިއެވެ. " އަދި އެކަލާނގެ އިންސާނާގެ އަޞްލު އުފައްދަވާފައިވަނީ ވެލީންކަމަށް އިޝާރާތްކުރައްވައި ވަޙީކުރައްވާފައިވެއެވެ. {قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا} (އަލްކަހުފު: 37) މާނައީ: " (جواب ގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި (އެބަހީ: آدم ގެފާނު ހައްދަވައި) ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ كافر ވީ ހެއްޔެވެ؟ "

އަދިވެސް ވަޙީކުރައްވާފައިވެއެވެ. {هُوَ الَّذِي خَلَقَكُم مِّن طِينٍ} (އަންޢާމު: 2) މާނައީ: "އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ."

އިސްވެދިޔަ އާޔަތްތަކަށް ބަލައިލާއިރު އިންސާނާ (އެބަހީ: އިންސާނުންގެ އަޞްލު ކަމުގައިވާ އާދަމް ޢަލައިހިއްސަލާމް) އުފައްދަވާފައިވާ مَادَّة  އަށް ތަފާތު ނަންތަކެއް ދެއްވާފައިވާތީ ފެނެއެވެ. ނަމަވެސް އެ ތަފާތަކީ އުފެއްދެވި މާއްދާ ތަފާތުވުމުގެ ސަބަބުން ދެއްވާފައިވާ ތަފާތު ނަންތަކެއްނޫނެވެ. އެއީ އެ މާއްދާއަށް އައިސްފައިވާ ތަފާތު މަރުޙަލާތަކުގެ ނަންތަކެވެ.

އިންސާނާގެ އަޞްލުކަމުގައިވާ آدم عليه السلام ވެލީން ނުވަތަ މަށީން އުފެއްދެވުމަށްފަހު ދެން ﷲ سبحانه وتعالى އުފެއްދެވި އިންސާނަކީ حوّى عليها السلام އެވެ. އެކަމަނާ އުފައްދަވާފައިވަނީ آدم عليه السلام ގެ ކިބައިންނެވެ. އެކަން ބަޔާންކުރައްވައި ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاء} (އައްނިސާ: 1) މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ."

މިއަށްފަހު އެކަލާނގެ އިންސާނުން ޚަލްޤުކުރެއްވުން ލައްވާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ކިބައިންނެވެ. އެންމެ އިންސާނަކު މެނުވީއެވެ. އެއީ مريم ގެފާނުގެ ދަރިކަލުން ސަލާމްލެއްވި عيسى  ގެފާނެވެ. ﷲ سبحانه وتعالى އެކަލޭގެފާނު އުފައްދަވާފައިވަނީ އެކަލާނގެ މަތިވެރި كلمة ފުޅުންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِّنْهُ} (އައްނިސާ: 171) މާނައީ: " مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. "

-    ޚާއްޞަ ތިންއިންސާނުން ފިޔަވައި، އެހެން އިންސާނުން އުފެއްދެވުން :


އިސްވެ ބަޔާންވެދިޔަ ޚާއްޞަ  ތިން އިންސާނުން ފިޔަވައި، އެކަލާނގެ އެހެން އިންސާނުން އުފައްދަވާފައިވާ ގޮތްވެސް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَهُوَ الَّذِي خَلَقَ مِنَ الْمَاء بَشَرًا} (އަލް ފުރުޤާނު: 54) މާނައީ: " އަދި އެކަލާނގެއީ ފެނުން (އެބަހީ: މަނިފޮދަކުން) އިންސާނާ ހެއްދެވި ރަސްކަލާނގެއެވެ. " އަދިވެސް ވަޙީކުރައްވާފައިވެއެވެ. {فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ * خُلِقَ مِن مَّاء دَافِقٍ* يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ} (އައްޠާރިޤު: 5-7) މާނައީ: " ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! . އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. "

އިސްވެ ދިޔަ ތިންއާޔަތުން އެނގޭގޮތުގައި ﷲ سبحانه وتعالى އިންސާނާ އުފައްދަވާފައިވަނީ ފެނަކުންނެވެ. އެއީ ދެރަވެގެންވާ ފެނެކެވެ. އަދި އެއީ ފިރިހެނެއްގެ ބުރިކަށީގެ މައިކަށްޓާއި އަންހެނެއްގެ މޭމަތީގެ ކަށިތަކާއި ދެމެދުން އޮހޮރިގެންދާ ފެނެކެވެ.

ﷲ سبحانه وتعالى އިންސާނާ އުފައްދަވާފައިވާ مادّة  އަށް ކީރިތި ޤުރުއާނުގައި ދެއްވަވާފައިވާ އަނެއްނަމަކީ نُطْفَة އެވެ. އެކަން ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ. {خَلَقَ الإِنسَانَ مِن نُّطْفَةٍ} (އައްނަޙުލު: 4) މާނައީ: " މަނިތިއްކަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. "  

ދެން މިއަށްފަހު އިންސާނާ (މައިމީހާގެ ރަޙިމުގައި) އުފެދެމުން އަންނަ މަރުޙަލާތައް ބަޔާންކުރައްވައި ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ.  {ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ * ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ} (އަލްމުއުމިނޫން: 13-14) މާނައީ: " ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ. "

އިސްވެދިޔަ އާޔަތުގައި އެވާ، އިންސާނާ އުފެދެމުންދާ މަރުޙަލާތަކަކީ މި ޒަމާނުގެ ސައިންސް އަޅުގަނޑުމެންގެ މާއްދީ ޙިއްސުތަކަށް ކަށަވަރުކޮށްފީފައިވާ ﷲ ގެ ޢަޒަލީ ޙުކުމްފުޅެކެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ހެއްކެކެވެ. އެކަލާނގެވަނީ މީގެ ސާދަ ޤަރުނު ކުރީގައި އެކަމުގެ ޙަޤީޤަތް އެކަލާނގެ އެދިވޮޑިގަންނަވާގޮތުގެމަތީން ބަޔާންކޮށްދެއްވާފައެވެ.

2. ﷲ سبحانه وتعالى އިންސާނާ އުފެއްދެވި ސަބަބު :


ﷲ سبحانه وتعالى ކީރިތި ޤުރުއާނުގައި ވަނީ އެ އިލާހު އިންސާނުން އުފެއްދެވި ސަބަބު ވަރަށް ޞަރީޙުކޮށް ބަޔާންކުރައްވައި އަންގަވާފައެވެ. ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ} (އައްޛާރިޔާތި: 56) މާނައީ: " ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. "

ﷲ سبحانه وتعالى އިންސާނާ އުފައްދަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައި ކަމަށްވިޔަސް، އިންސާނުން އުފެއްދެވިކަމަށް  ޢިލްމުވެރީން ބަޔާންކުރައްވާ އިތުރު ދެ غَرَضُ އެއް (ބޭނުމެއް) ވެއެވެ. މިކަން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އެ ދެ غَرَضُ އަކީ :
(ހ) ބިމުގައި ޚަލީފާވެރިކުރެއްވުން :

މީގެ ދަލީލަކީ ﷲ سبحانه وتعالى ގެ މި ބަސްފުޅެވެ. {وَإِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً}(އަލްބަޤަރާ: 30) މާނައީ: " ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! "
(ށ) ބިން تَعْمِيْرُ ކުރުން.

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. [[هُوَ أَنشَأَكُم مِّنَ الأَرْضِ وَاسْتَعْمَرَكُمْ فِيهَا]] (ހޫދު: 61) މާނައީ: " އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. "

ގިނަ އިންސާނުންގެ ޢާއްމު ބައެއް ސިފަތައް


1.    ޝުކުރު ނުކުރުމާއި ފަޚުރުވެރިވެ ބޮޑައިވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَلَئِنْ أَذَقْنَاهُ نَعْمَاء بَعْدَ ضَرَّاء مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي إِنَّهُ لَفَرِحٌ فَخُورٌ} (ހޫދު: 10) މާނައީ: " އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ.
2.    ޖަދަލުކުރުން ގިނަވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ وَكَانَ الإِنسَانُ أَكْثَرَ شَيْءٍ جَدَلاً} (އަލްކަހުފު: 54) މާނައީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثال ބަޔާންކުރެއްވީމެވެ. އަދި جدل ކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ. "
3.    ދެކޮޅުވެރިވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {أَوَلَمْ يَرَ الإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ} (ޔާސީން: 77) މާނައީ: " ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. "
4.    ދަހިވެތިވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {قُل لَّوْ أَنتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الإِنفَاقِ وَكَانَ الإِنسَانُ قَتُورًا} (އަލްއިސްރާ: 100) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ގެ خزانة ތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (خرد ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ. "
5.    އަވަސްކަން އެދުމާއި ކެތްތެރިކަން ކުޑަވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {إِنَّ الْإِنسَانَ خُلِقَ هَلُوعًا * إِذَا مَسَّهُ الشَّرُّ جَزُوعًا * وَإِذَا مَسَّهُ الْخَيْرُ مَنُوعًا} (المعارج : 19–21) މާނައީ: " ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ. " {فَأَمَّا الإِنسَانُ إِذَا مَا ابْتَلاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ * وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ} (الفجر: 15 ، 16) މާނައީ: " ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. {وَلَئِنْ أَذَقْنَا الإِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ} (هود: 9) މާނައީ: " އަދި ތިމަންރަސްކަލާނގެ އިންސާނާާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ.
6.    ދެރަކަމެއް ދިމާވާހިނދު ފޫހިވެ ނާއުންމީދުވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {لا يَسْأَمُ الإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَؤُوسٌ قَنُوطٌ} (ފުއްޞިލަތު: 49) މާނައީ: " ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ. "
7.    އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައި ދިއުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {كَلاَّ إِنَّ الإِنسَانَ لَيَطْغَى} (އަލްޢަލަޤު: 6) މާނައީ: " ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. "
8.    އިންސާނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ ﷲ سبحانه وتعالى އަށް އެދި ގޮވައެވެ. އަދި އެކަން ހަމަ ފިލައި ދިއުމާއެކު އެކަލާނގެ މަތިން ހަނދުމަނެތިކޮށްލައެވެ.

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَإِذَا مَسَّ الإِنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلاً إِنَّكَ مِنْ أَصْحَابِ النَّارِ} (الزمر:8) މާނައީ: " އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: اللَّه) ހަނދާން ނައްތައިލައެވެ. އަދި اللَّه އަށް شريك ންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافر ކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. " {وَإِذَا مَسَّ الإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَى ضُرٍّ مَّسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُواْ يَعْمَلُونَ} (يونس : 12) މާނައީ: " އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރިި ކުރައްވާފައިވަނީ އެފަދައިންނެވެ. "

ﷲ سبحانه وتعالى ގެ ނިޢުމަތްތައް ލިބުމަށްފަހު އިންސާނާގެ ޙާލު ހުންނަގޮތް ދެކިބަލާށެވެ! އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {وَإِذَا أَنْعَمْنَا عَلَى الإِنسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ} (فصلت: 51) މާނައީ: " އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاء ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ. "
................................
(ނިމުނީ)
މަރާޖިޢު :
1.    القرآن الكريم
2.    ކީރިތި قرآن ގެ ދިވެހި ތަރުޖަމާ - ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މާލެ، ދިވެހިރާއްޖެ. 2007
3.    غازى صبحي آق بيق  (1998)  ، "آيات قرآنية (ومضات من القرآن الكريم عرض وتحليل)" / مكتبة الأسد
4.    سعيد محمد السواح ،  "من أنت ... ؟"

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons