Tuesday, August 21, 2012

ޢާލަމްތަކުގެ ވެރި އިލާހު ދެކެ ލޯބިވުމަށް މެދުވެރި ކޮށްދޭ ސަބަބުތައް

1- ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ލައްވަވާފައިވާ ނިޢުމަތްތައް ދެނެގަތުން: މިފަދަ ނިޢުމަތްތަކަކީ، އެނިޢުމަތްތަކުގެ ގިނަކަމުގެ ސަބަބުން ގުނާ އަދަދު ނުކުރެވޭ ވަރުގެ ނިޢުމަތްތަކެކެވެ. ﷲތަޢާލާ ވަހީކުރެއްވިއެވެ. ”وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا“ ”ﷲ ގެ، ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުއްޓެވެ.“ (ސޫރަތުލް އިބްރާހީމް: 34)


އެމީހަކަށް ހެޔޮކޮށް ކަންތައް ކުރާ ފަރާތެއްދެކެ ލޯބި ވުމަކީ ޤުދުރަތީ ކަމެކެވެ. ރަޙްމަތަށް ލޯބިކުރުމަކީ، އެރަޙްމަތް ދެއްވި ފަރާތަށް ޝުކުރުވެރިވުމުގެ ޢާންމު އުޞޫލުތަކުގެ ތެރެއިން އުޞޫލެކެވެ. ބުނެވޭ ގޮތުގައި ޝުކުރު އަދާކުރެވެނީ، ހިތުންނާއި، ދުލުންނާއި އަދި ގުނަވަންތަކުންނެވެ.

2- އަނެއް ސަބަބަކީ، ﷲ ތަޢާލާގެ އިސްމުފުޅުތަކާއި، ސިފަފުޅުތަކާއި އަދި ޢަމަލުފުޅުތަކުގެ ޢިލްމު ލިބިގެންވުމެވެ. ﷲ ތަޢާލާ އަކީ ކޮން ފަރާތެއްކަން އެނގިގެންވާ މީހާ ﷲތަޢާލާ ދެކެ ލޯބިވާނެއެވެ. އެކަލާނގެ ދެކެ ލޯބިވާ ކޮންމެ މީހަކުވެސް އެކަލާނގެއަށް ކިޔަމަންވާނެއެވެ. އެކަލާނގެއަށް ކިޔަމަންވާ ކޮންމެ މީހަކުވަނީ އެކަލާނގެ ޙަޟްރަތުގައި ޢިއްޒަތްތެރިކުރެވިގެންނެވެ. ﷲ ތަޢާލާ ޢިއްޒަތްދެއްވި ކޮންމެ މީހަކު، އެކަލާނގެ ހަޟްރަތާއި ގާތްގުޅުމަކުން އެމީހާ ގެންގުޅުއްވައެވެ. އެކަލާނގެ ހަޟްރަތާއި ގާތްވި ކޮންމެ މީހަކަށް އުފާވެރިކަމުގެ ޚަބަރު ލިބިއްޖެއެވެ.

3- ﷲ ތަޢާލާދެކެ ލޯބި ވުމަށް މެދުވެރިކޮށްދޭ އެންމެ މަތިވެރި ސަބަބުތަކުގެ ތެރެއިން ސަބަބަކީ، އުޑުތަކާއި ބިން ހެއްދެވުނު ގޮތާއި އަދި ﷲ ތަޢާލާ ހެއްދެވި ތަކެއްޗާއި މެދު ވިސްނާ ފިކުރު ހިންގުމުގެ ސަބަބުން އަންނަ ޚާއްޞަ ޢިލްމެވެ. ﷲ ތަޢާލާގެ މަތިވެރިކަމާއި، ބާރާއި، މާތްކަމާއި، ފުރިހަމަކަމާއި، މަތިވެރި ދަރަޖައާއި، އޯގާތެރިކަމާއި، ރަޙްމަތާއި، އާރާއި، ކިޔަމަންތެރިކުރުވުމާއި އަދި މީގެ އިތުރުންވެސް އެކަލާނގެއަށް ނިސްބަތްވާ ޚާއްޞަ ރިވެތި ނަންފުޅުތަކާއި މަތިވެރި ސިފަފުޅުތައް ހާމަކޮށްދޭ ހެކިތައް، ޤުރުއާނުގައި ގިނަ ޢަދަދަކަށް އައިސްފައިވެއެވެ. ﷲ ތަޢާލާއާއި ބެހޭގޮތުން މީހެއްގެ ކިބައިގައިވާ ޢިލްމު ވަރުގަދަ ވުމުގެ ސަބަބުން، އޭނާ އެކަލާނގެއަށްވާ ލޯބިވެސް ވަރުގަދަވެއެވެ. އަދި އެކަލާނގެއަށް ކިޔަމަންގަތުމުގެ ލޯބިވެސް ވަރުގަދަވެގެންދެއެވެ. މީގެ ސަބަބުން، އަޅުކަމުގައި އޭނާއަށް ހިތްހަމަޖެހުން ތަޖުރިބާކުރެވެއެވެ. އެއީ ނަމާދުގައްޔާއި، ހަނދުމަކުރުމާއި އަދި އެހެނިހެން އަޅުކަންތައްތަކުގައި ވިޔަސްމެއެވެ.

4- ﷲ ތަޢާލާއަށްވާ ލޯބި އިތުރުކޮށްދޭ އަނެއް ސަބަބަކީ، އެމީހެއްގެ ހަވާ ނަފްސާއި ދެކޮޅަށް، އިޚްލާޞްތެރިކަމާއި އަދި ތަޤްވާވެރިކަމާއި އެކު ﷲތަޢާލާއަށް އަޅުކަން ކުރުމެވެ. މިއީ ﷲތަޢާލާ، އެކަލާނގެ އަޅާއަށް ރަޙްމަތް ލައްވާނެ ސަބަބަކެވެ. އަދި ﷲ ތަޢާލާ، އަޅާއަށް ރަޙްމަތް ލެއްވުމުން، އަޅާ ﷲ ތަޢާލާ ދެކެ ލޯބިވެއެވެ.

5- ﷲ ތަޢާލާއަށް ލޯބިވުމަށް މެދުވެރިކޮށްދޭ މުހިއްމު އަނެއް ސަބަބަކީ، ﷲ ތަޢާލާ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. މީހަކު އެއްޗެއް ދެކެ ލޯބިވީ ވަރަކަށް، އޭނާ އެއެއްޗަކާއި މެދު ގިނަގިނައިން ހަނދާންކުރެއެވެ. އަދި ﷲ ހަނދުމަ ކުރުން އެއީ، އެކަމަކުން ހިތަށް ހަމަޖެހުމާއި އަމާންކަން ލިއްބައިދޭ ކަމެވެ. ހަމަޔަޤީނުންވެސް، ﷲ ތަޢާލާދެކެ ލޯބިވާކަމުގެ އެއް ހެއްކަކީ، މެދުނުކެނޑި ހިތާއި ދުލުން އެކަލާނގެ ހަނދުމަކުރުމެވެ.

6- ﷲ ތަޢާލާދެކެ ލޯބިވުމަށް މެދުވެރިކޮށްދޭ އަނެއް ސަބަބަކީ، ޤުރުއާން ގިނަގިނައިން ކިޔަވާ އޭގެ މާނައާއިމެދު ފުންކޮށް ވިސްނުމެވެ. ޙާއްޞަ ގޮތެއްގައި، ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާއި ޢަމަލުފުޅުތައް ހިމެނޭ އާޔަތްތަކާއި މެދު ވިސްނުން ހިންގުމެވެ. މިޢަމަލަށް ޝައުޤުވެރިކަމާއި ގަޔާވުން އުފެދިއްޖެނަމަ، އޭގެ ސަބަބުން އަޅާ، ﷲ ތަޢާލާ ދެކެ ލޯބިވުމާއި، ﷲތަޢާލާ އަޅާ ދެކެ ލޯބިވުމަށް މެދުވެރިވެއެވެ.

7- ﷲ ތަޢާލާދެކެ ލޯބި ވުމަށް މެދުވެރިކޮށްދޭ އަނެއް ސަބަބަކީ، ޤިޔާމަތް ދުވަހުން މުއުމިނުންނަށް އެބައިމީހުންގެ ވެރި އިލާހު ފެނުމާއި މެދު ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ކަންތައްތައް މަތިން ހަނދުމަކުރުމެވެ. އަދި އެކަލާނގެ ހަޟްރަތަށް އެބައިމީހުން ޒިޔާރަތްކުރުމާއި، ނިޢުމަތްތަކުން ފުރިގެންވާ ދުވަހުގައި، އެކުގައި ކުރާ މަތިވެރި ބައްދަލުވުން މަތިން ހަނދުމަކުރުމެވެ. މިކަމުގެ ސަބަބުން، ޔަޤީނުންވެސް މީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބިވެތިކަން އުފެދެއެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons