ރޯދަމަސް އައުމާއެކު މުޅި ދުނިޔޭގެ އެތަންމިތަނުގައި ކަދުރުގެ ވިޔަފާރި ޢާއްމުވެއެވެ. އެހެނީ ކަދުރަކީ މުސްލިމުން އެބައިމީހުންގެ ރޯދަ ވީއްލުމަށްޓަކައި ޒަމާނުއްސުރެ ބޭނުންކުރަމުން އައި ބާވަތެއްކަމުގައި ވީތީއެވެ. މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިޥަސައްލަމްގެ ޒަމާނުއްސުރެ ދެމިގެން އައިސްފައިވާ އާދައެކެވެ. އަދި މިކަން މިގޮތަށް ދެމިގެން އައިސްފައި އޮތުމުގެ ސަބަބެއްކަމުގައި ވެފައިވަނީ ކަދުރުން ރޯދަވީއްލުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިޥަސައްލަމް ސުންނަތުން އަޅުގަނޑުމެންނަށް އިރުޝާދު ލިބޭތީއެވެ.
ކޮންމެއަކަސް އަޅުގަނޑު މިއުޅެނީ ކަދުރުން ރޯދަވީއްލުން ނުވަތަ ކަދުރާ ބެހޭގޮތުން އިސްލާމް ދީނުގައި އައިސްފައިވާ ގިނަގުނަ ވާހަކަތަކާ ބެހޭގޮތުން ލިޔާކަށެއްނޫނެވެ. ނަމަވެސް އަޅުގަނޑުގެ މިމަޟްމޫނުގެ ޤަސްދަކީ ކަދުރުން ލިއްބައިދޭ ޞިއްޙީ ފައިދާއާ ބެހޭގޮތުން ތިޔަބޭފުޅުންނަށް ކޮންމެވެސް މަޢުލޫމާތުކޮޅެއް އެރުވުމެވެ. އަޅުގަނޑަކީ މިކަމާބެހޭ މާހިރަކަށް ނުވިކަމުގައިވިޔަސް އަޅުގަނޑު މިލިޔާ ލިޔުމަކީ ކަމުގެ މާހިރުން އެބައިމީހުންގެ ދިގު ދިރާސާތަކާއި ތަޙުލީލުތަކަށްފަހު ބަޔާންކޮށް ދީފައިވާ މަޢުލޫމާތުތަކެކެވެ. އެހެންކަމުން މިމަޢުލޫމާތުތައް ތިޔަބޭފުޅުންނާ ޙިއްސާކޮށްލުމުގެ އުފާ ޙާޞިލުކުރަމުން ކުރިއަށް ދާނަމެވެ.
ކަދުރުން ލިއްބައިދޭ ޞިއްޙީފައިދާތައް އޭގައިވާ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ ނިއުޓްރިޝަން ލިއްބައިދެނެވި މާއްދާތަކަށް ބަލައިލުމުން ވަރަށް ރަނގަޅަށް ދޭހަވާނެއެވެ. މިގޮތުން ކަދުރުގެ ކޮންމެ 100 ގްރާމެއްގައި ހުންނަ ނިއުޓްރިޝަން ލިއްބައިދެނިވި މާއްދާތައް ތިރީގައި ލިޔެލާނަމެވެ.
* ސޯޑިއަމް - 2 މިލިގްރާމް
* ޖުމްލަ ކާބޯހައިޑްރޭޓް - 75 ގްރާމް
* ޑައެޓަރީ ފައިބަރ - 8 ގްރާމް
* ހަކުރު - 63 ގްރާމް
* ޕްރޮޓީން - 2 ގްރާމް
* ވިޓަމިން - A 10 IU
* ވިޓަމިން ސީ - 0.4 މިލިގްރާމް
* ވިޓަމިން އީ - 0.05 މިލިގްރާމް
* ވިޓަމިން ކޭ - 2.7 މައިކްރޯގްރާމް
* ތިޔަމިން - 0.052 މިލިގްރާމް
* ރީބޯފްލެވިން - 0.066 މިލިގްރާމް
* ނިއެސިން - 1.274 މިލިގްރާމް
* ވިޓަމިން ބީ6 - 0.165 މިލިގްރާމް
* ފޯލޭޓް - 19 މައިކްރޯގްރާމް
* ޕެންޓޮތެނިކް އެސިޑް - 0.589 މައިކްރޯގްރާމް
* ކެލްސިއަމް - 39 މިލިގްރާމް
* ދަގަނޑު - 1.02 މިލިގްރާމް
* މެގްނީޒިއަމް - 43 މިލިގްރާމް
* ފޮސްފޮރަސް - 62 މިލިގްރާމް
* ޕޮޓޭސިއަމް - 656 މިލިގްރާމް
* ސޯޑިއަމް - 2 މިލިގްރާމް
* ޒިންކް - 0.29 މިލިގްރާމް
* ލޮއި - 0.206 މިލިގްރާމް
* މެންގަނީޒް - 0.262 މިލިގްރާމް
* ސެލީނިއަމް - 3 މައިކްރޯގްރާމް
* ޖުމްލަ ފެޓް - 0.39 މިލިގްރާމް
* ސެޗުރޭޓެޑް ފެޓް - 0.032 މިލިގްރާމް
* މޮނޮއަންސެޗުރޭޓެޑް ފެޓް - 0.036 މިލިގްރާމް
* ޕޮލިއަންސެޗުރޭޓެޑް ފެޓް - 0.019 މިލިގްރާމް
ބޯތަކެތީގެ ތެރެއިން އެކައްޗެއްގައި މިހާގިނަ ބާވަތްތައް އެކުލެވިގެންވަނީ ވަރަށްވެސް މަދު އެއްޗެއްގައެވެ. ވަކިން ޚާއްޞަކޮށް ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ޑައެޓަރީ ފައިބަރ ލިއްބައިދޭ ވަރަށް މުހިއްމު މޭވާއެކެވެ. އަޅުގަނޑުމެން އެންމެން މަޝްހޫރުކުރާ އެމެރިކާގެ "އެމެރިކަން ކެންސަރ ސޮސައިޓީ" ބުނާގޮތުންނަމަ އިންސާނަކު ފުރިހަމަ ގޮތުގައި ހެދިބޮޑުވުމަށް ދުވާލެއްގެ މައްޗަށް 20 ގްރާމްއާއި 34 ގްރާމްއާ ދެމެދުގެ މިންވަރަށް ޑައެޓަރީ ފައިބަރ ބޭނުންވެއެވެ. އެމެރިކާގެ ޕެންސިލްވޭނިޔާގެ ޔުނިވަރސިޓީ އޮފް ސްކްރެންޓަންގެ ސައިންޓިސްޓުންގެ ހޯދުންތައް ބުނާގޮތުން ހިތުގެ ބަލިތަކާއި ކެންސަރު ބަލިން މީހާ ރައްކާތެރިކޮށްދޭ މާއްދާތަކެއްކަމަށްވާ "ޕޮލިފެނޯލްސް" (ކުރީގައި ވިޓަމިން ޕީ) އެންމެ ގިނައިން އެކުލެވިގެންވާ ހިކިމޭވާގެ ބާވަތަކީ ކަދުރެވެ. ކަދުރުގައި ޑައެޓަރީ ފައިބަރާއި ހަކުރާ ލައިގެން ހިމެނޭ ކާބޯހައިޑްރޭޓްސްގެ މިންވަރު 75 ގްރާމް ކަމުގައި ވުމުގެ ނަތީޖާއެއްގެ ގޮތުން ކަދުރު ވެފައިމިވަނީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަސްކަމާއެކު ލިއްބައިދެނިވި އެންމެ ރަނގަޅު ކާނާގެ ބާވަތްކަމުގައެވެ. މީގެ އިތުރުން އިންސާނާގެ މަހާއި ނާރުތަކުގެ ނިޒާމް ފުރިހަމަ ޞިއްޙަތެއްގައި ދެމެހެއްޓުމަށް ބޭނުންވާ މާއްދާއެއްކަމަށްވާ ޕޮޓޭސިއަމްވެސް އެންމެ ގިނައިން އެކުލެވިގެންވާ އެއްބާވަތީ ކަދުރެވެ.
މީގެ އިތުރުންވެސް އިސްވެ ލިޔެވިފައިވާ ލިސްޓުގައިވާ ކޮންމެ ބާވަތަކީވެސް އިންސާނެއްގެ ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ހެދި ބޮޑުވުމަށް ބޭނުންވާ މާއްދާތަކެވެ. އެހެންކަމުން ކެއުމުގައި ކަދުރު ބޭނުން ކުރުމީ ހަށިގަނޑަށް ނުހަނު ގިނަ ފައިދާތައް ލިއްބައިދޭނޭ ކަމެއްކަމުގައިވުމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އިންސާނާއަށް ދިމާވާ ބަލިމަޑުކަމުގެ ތެރެއިން ބައެއްކަންކަމަށް ކަދުރު ބޭނުންކުރުމުގެ ސަބަބުން ފަރުވާ ލިބޭކަމަށް އިސްވެ ދެންނެވިފައިވާފަދަ ތަޙުލީލުތަކުން ދައްކާފައިވެއެވެ. މިގޮތުން އެފަދަ ބައެއްކަންކަން ތިރީގައި ބަޔާންކޮށްލާނަމެވެ.
* ބަނޑު ހަރުވުން - ކަދުރަކީ ބަނޑުހަރުވުމުން ދުރުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ނަމަވެސް އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ބަނޑުހަރުވެފައިވާ މީހާ ކަދުރު ބޭނުންކުރަން ޖެހޭނީ އެއްރޭ ވަންދެން ފެނުގައި ލުމަށްފަހު އެފެނާ އެކުގައެވެ.
* ބަނޑުގެ އެކިކަހަލަ އުނދަގޫތައް - ކަދުރުގައި ހިމެނޭ ނިއެސިން މާއްދާއަކީ ބަނޑުގެ އެކިކަހަލަ އުނދަގޫތަށް ދުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
* ހިތުގެ ޞިއްޙަތު - ކަދުރަކީ މީހާގެ ހިތުގެ ޞިއްޙަތަށް ދުޅަހެޔޮކަން ގެނެސްދޭ ނުހަނު ފައިދާހުރި ކާނާއެކެވެ. އެއްރޭ ވަންދެން ފެނުގައި ކަދުރު ލުމަށްފަހު އެޗިސްކޮށްގެން ކެއުމުން (މާއްދީގޮތުން) ބަލިކަށިވެފައިވާ ހިތްތަކަށް ނުހަނު ފައިދާކުރަކަމުގައި ހޯދުންތަކުން ދައްކައެވެ.
* ޖިންސީ ބަލިކަށިކަން - ކަދުރަކީ އިންސާނާގެ ހަށިގަނޑުގައިވާ ޖިންސީ ބާރު ވަރުގަދަކޮށް ދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާތައް އެކުލެވޭ މޭވާއެކެވެ. އަދި ޖިންސީ ގޮތުން ބަލިކަށިވެފައިވާ މީހުން ބަކަރި ކިރުގައި އެއްރޭ ވަންދެން މުށެއްހާ ކަދުރު ލުމަށްފަހު އެކިރާ އެއްކޮށް ފުނޑައި، މުގުރާފައި ހުރި ކާފޫރުތޮޅިއާއި މާމުޔާ އެއްކޮށް ބުއިމެއްގެ ގޮތުގައި ބޭނުން ކުރުމުން އެބައިމީހުންގެ ޖިންސީ ބާރު ވަރުގަދަކޮށް ދަރިފަނި އުފެއްދުމަށާއި ދަރިމައިވުމަށް އެހީތެރެވެދެއެވެ.
* ބޭރަށް ހިންގުން - ދޮންވެފައިވާ ތާޒާ ކަދުރަކީ އޭގައި ބޭރަށް ހިންގުމުން ދުރުކޮށްދޭ މާއްދާއެއް ކަމަށްވާ ޕޮޓޭސިއަމް ނުހަނު ގިނަ ބާވަތެކެވެ. އެހެންކަމުން ބޭރަށް ހިންގާ މީހުން ދޮންވެފައިވާ ތާޒާ ކަދުރު ބޭނުންކުރުން ހުއްޓެވެ.
* ބަނޑުގެ ކެންސަރު - ކަދުރަކީ ބަނޑުގެ ކެންސަރުން ރައްކާތެރިކޮށް ދިނުމަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. މިގޮތުން މިފަދަ ބަލިމީހުންގެ ކޮންމެ ޢުމުރަކަށް ވިޔަސް އެހެން ބޭސްތަކާއެކު ބޭހެއްގެ ގޮތުގައި، ކަދުރު ބޭނުންކުރުން ހުއްޓެވެ. އަދި ބޭސްތަކާ ޚިލާފަށް ކަދުރަކީ އެއްވެސް ބާވަތެއްގެ ސައިޑް އިފެކްޓެއް ކުރާ ބާވަތެއް ނޫނެވެ.
މިގޮތުގެ މަތިން މަދީނާގެ އަހުލުވެރިން އައީ ކަދުރު ހެއްދުމާއި އޭގެ ވިޔަފާރި ކުރުމުގައި އެމީހުންގެ ދިރުއުޅުމަށް ޢިނާޔަތް ހޯދަމުންނެވެ. އަދި މިއަދާއި ހަމައަށްވެސް ކަންތައް ދަނީ މިގޮތަށެވެ. އެހެންކަމުން މަދީނާ ފުޅާވެގެން ދިއުމާއެކު ކަދުރު ހެއްދުމުގައި ވަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކުރުވާފައެވެ. މީގެ ނަތީޖާއަކީ މަދީނާއިން ބޭރުގައިވެސް އިތުރު ކަދުރު ދަނޑުބިންތަކެއް އުފެދިގެން ދިއުމެވެ. މަދީނާގައި ތަފާތު ބާވަތް ބާވަތުގެ ކަދުރު ހުރެއެވެ. ދިހަވަނަ ޤަރުނުގެ ކުރީކޮޅު މަދީނާގައިވާ ކަދުރުގެ ބާވަތްތަކުގެ އަދަދު ސަތޭކަ ތިރީހަށް އަރައެވެ. އަދި މިއަދާއި ހަމައަށްވެސް މަދީނާގައި ތަފާތު ބާވަތުގެ ކަދުރު ހުރެއެވެ. އެއިން އެންމެ މަޝްހޫރީ ޢަޖުވާއޭ ކިޔުނު ކަދުރެވެ. ޢަޖުވާ ކަދުރާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްފުޅުތަކުގެ ސަބަބުން މިކަދުރުވަނީ އެހެން ކަދުރުގެ މައްޗަށް މަޝްހޫރުކަން ހޯދާފައެވެ. އެހެންކަމުން ޢަޖުވާ ކަދުރާއި ބެހޭގޮތުން އައިސްފައިހުރި ބައެއް ޙަދީޘްތައް ބަޔާންކޮށްލާނަމެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. { مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرُّهُ فِي ذَلِكَ الْيَوْمِ سُمٌّ وَلا سِحْرٌ} {رواه البخاري ومسلم}. މާނައީ: " ކޮންމެދުވަހަކު ޢަޖުވާ ކަދުރުގެ ހަތް ކަދުރުން ހެނދުނުކޮށްފިމިހާއަށް (އެބަހީ ހެނދުނު ހައިބަނޑާ ހުރެ ޢަޖުވާގެ ހަތް އޮށް ކަދުރު ކައިފިމީހާއަށް) އެދުވަހު ވިހައަކުން އަދި ސިހުރަކުންވެސް ގެއްލުމެއްނުވާ ހުއްޓެވެ". އިމާމް މުސްލިމުގެ ރިވާޔަތުގައިވަނީ{ مَنْ أَكَلَ سَبْعَ تَمَرَاتِ مِمَا بَيْنَ لابَتَيْهـَا حِينَ يُصْبِحُ لَمْ يَضُرَّهُ سُمٌّ حَتَّى يُمْسِيَ}.މާނައީ:" މަދީނާގެ އިރާއި ހުޅަނގުގައިވާ ދެއަވަށުގެ ދެމެދުގައިވާ ތަނުގައި ހެއްދޭ ޢަޖުވާ ކަދުރުގެ ހަތް އޮށުން ހެނދުނު ހައިބަނޑާ ކަދުރު ކައިފިމީހާއަށް ވިހައިން އެދުވަހު އިރުއެއޮއްސުމަށް ދާންދެން އެއްވެސް ގެއްލުމެއް ނުވާހުއްޓެވެ". އަލްޢިސްމާޢިލީ އެކަލޭގެފާނުގެ މުސްތަޚްރަޖުގައި އަދި އަބޫ ނަޢީމް އެކަލޭގެފާނުގެ އައްތިއްބު ކިޔުނު ފޮތުގައި ރިވާކުރައްވާފައިވާ ޙަދީޘްފުޅުގައިވަނީ މަދީނާގައިވާ އަލްޢާލިޔާ (މިތަނަކީ މަސްޖިދުއްނަބަވީގެ ހުޅަނގަށްވާ ތަނެކެވެ) ކިޔުނު ސަރަހައްދުގެ އަޖުވާ ކަދުރުން ހެނދުނުކޮށްފިމިހާގެ ވާހަކައެވެ. މިރިވާޔަތްތައް އެއްރިވާޔަތާއި އަނެއްރިވާޔަތް ޤައިދު ކޮށްދެއެވެ. ފުރަތަމަ ރިވާޔަތުގައި ވަނީ ވަކިތަނެއްގެ ކަދުރު ޛިކުރުނުކުރައްވައި ޢަޖުވާ ކަދުރުގެ ވާހަކައެވެ. ދެވަނަ ރިވާޔަތުގައި ވަނީ ވަކި ބާވަތެއްގެ ކަދުރެއް ޛިކުރުނުކުރައްވައި މަދީނާގެ ދެއަވަށެއްގެ ދެމެދުގައިވާ ކަދުރުގެ ވާހަކައިގެ އިތުރަށް ވަކި ޙާއްޞަކަދުރެއް ޚާއްޞަނުކުރައްވައި މަދީނާގެ ހުރިހާ ކަދުރެއްވެސް ޝާމިލުވާ ގޮތަށެވެ. އެހެނެއްކަމަކު މިރިވާޔަތުގައި ވަނީ ސިހުރުގެ ގެއްލުމުން ގެއްލުންވާ ވާހަކަ ޛިކުރުނުކުރެވި ހަމައެކަނި ވިހައިގެ ޛިކުރު ކުރެވިފައެވެ. ތިންވަނަ ރިވާޔަތުގައިވަނީ ޢަޖުވާ ކަދުރުގެ ވާހަކަ ޛިކުރު ކުރައްވާފައި އަދި އޭގެ އިތުރަށް އަލްޢާލިޔާ އޭކިޔުނު ސަރަހައްދުވެސް ޛިކުރުކުރައްވާފައެވެ. މިއަށް އަންނަނިވި ޢައިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅު ދަލީލުކޮށްދެއެވެ. { إِنَّ فِي عَجْوَةِ الْعَالِيَةِ شِفَاءً أَوْ إِنَّهَا تِرْيَاقٌ أَوَّلَ الْبُكْرَةِ}{ مسلم}. މާނައީ:" ހަމަކަށަވަރުން އަލްޢާލިޔާގެ ޢަޖުވާގައި ޝިފާ ވެއެވެ. ނުވަތަ ހަމަކަށަވަރުން އެއީ ވިހައިން ރައްކާތެރިވުމަށް ހެނދުނު ބޭނުންކުރެވޭ ފަރުވާއެކެވެ." އަދި އިމާމް އަޙްމަދުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ މިލަފުޟުންނެވެ.{ فِي عَجْوَةِ الْعَالِيَةِ أَوَّلَ الْبُكْرَةِ عَلَى رِيقِ النَّفْسِ شِفَاءٌ مِنْ كُلِّ سِحرٍ أَوْ سُمٍّ}{ مسند أحمد}. މާނައީ:" ހެނދުނު ހައިބަނޑާ ހުރެ އަލްޢާލިޔާގެ ޢަޖުވާ ކަދުރު ކެއުމުގައި ކޮންމެ ސިޙުރަކުން ނުވަތަ ވިހައަކުން ޝިފާވެއެވެ." އިމާމް ނަވަވީ ޞަޙީހު މުސްލިމްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. މިޙަދީޘްތަކުގައި މަދީނާގެ ޢަޖުވާ ކަދުރާއި މަދީނާގެ ކަދުރުގެ މާތްކަން ބަޔާން ވެގެންވެއެވެ. އަދި ހަތް އޮށް ކަދުރު ހެނދުނު ހައިބަނޑާ ކެއުމުގެ މާތްކަންވެސް ބަޔާންވެގެންވެއެވެ. އަދި އެހެނިހެން ބާވަތްތަކުގެ ކަދުރުތަކުގެ މައްޗަށް މަދީނާގެ ޢަޖުވާ ކަދުރުގެ މާތްކަންވެސް ބަޔާންވެގެންވެއެވެ. އަދި ހަތް އޮށް ކަދުރު ޢަދަދުކުރެވިފައިވުން ފަދަ ކަންކަމުގެ ޙިކުމަތް އަހަރެމެންނަށް އެނގިގެނެއް ނުވެއެވެ. އަހަރުމެންނަށް ވާޖިބުވެގެންވަނީ އެއަށް އީމާންވުމާއި އަދި އޭގައި މާތްކަމާއި ޙިކުމަތެއް ވާކަން ހިތުންތެދުކޮށް ޤަބޫލުކުރުމެވެ. އެއީ ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި ޒަކާތަށް ކަނޑައެޅިފައިވާ މިންވަރާއި މިފަދަ ކަންތައްތަކުގައިވާ ފަދައިންނެވެ. އިސްވެބަޔާންވެދިޔަ ޙަދީޘްފުޅުތަކުން ޢަޖުވާ ކަދުރުގެ މާތްކަން ވަރަށް ސާފުކޮށް އެނގި ބަޔާންވެދެވެ. ޢަޖުވާ ކަދުރު މާތްވެގެންވުމުގެ އަނެއް ސަބަބަކީ ޢަޖުވާ ކަދުރަކީ ސުވަރުގޭގެ ކަދުރެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. { الْعَجْوَةُ مِنَ الْجَنَّةِ ، وَفِيهَا شِفَاءٌ مِنَ السُّمِّ }{ رواه ابن ماجه, الترمذي, الطبراني وبن ابيشيبة. صحيح بمجموع طرقه}. މާނައީ:" ޢަޖުވާ ކަދުރަކީ ސުވަރުގޭގެ ކަދުރެކެވެ. އަދި އޭގައި ވިހައަށް ޝިފާވެއެވެ " |
0 comments:
Post a Comment