Sunday, August 7, 2011

ތިމާގެ މަސްއޫލިއްޔަތުއުފުލިގޮތާމެދު ސުވާލުވެވޭ ހުއްޓެވެ.

ހަމަކަށަވަރުން އެންމެހާ ޙަމްދު ވަނީ الله އަށެވެ. އަޅަމެން الله އަށް ޙަމްދު ކުރަމެވެ. އަދި އެފަރާތުގެ މަދަދާއި ފާފަ ފުއްސެވުމާއި އެދެމެވެ. އަޅަމެންގެ ނަފްސުތަކާއި އަޅަމެންގެ ޢަމަލުތަކުގެ ނުބައިކަމުން اللهގެ ކިބައިން ރައްކާތެރިކަންއެދެމެވެ. الله އެ މީހަކު ހިދާޔަތަށް (ތެދުމަގަށް) ގެންނަވައިފި މީހަކު މަގުފުރައްދާނެ މީހަކު ނުވެއެވެ. އަދި الله އެ މީހަކު މަގުފުރައްދަވައިފި މީހަކު ހިދާޔަތަށް ގެންނާނެ މީހަކު ނުވެއެވެ. الله ފިޔަވައި (ޙައްޤު) އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ اللهގެ ރަސޫލް ކަމަށް އަޅު ހެކިވަމެވެ. اللهގެ ޞަލަޥާތާއި ސަލާމް އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ލައްވާށިއެވެ.


الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
]وَاعْلَمُوْا أَنَّماَ أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَةٌ[
" ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދަލާއި ދަރީންނަކީ ތިޔަބައިމީހުންގެ މައްޗަށްވާ ފިތުނައެކެވެ."

     އާދެ ކޮންމެއަކަސް މިއާޔަތުގައި الله سبحانه وتعالى މިއަންގަވަނީ އަޅުގަނޑުމެންގެ މުދަލާއި ދަރީންނަކީ އަޅުގަނޑުމެންގެ މައްޗަށްވާ ފިތުނަނަތަކެއް ކަމުގައެވެެ. މިފިތުނައަކީ ފަހެ ކޮބައިތޯއެވެ؟ ދަންނާށެވެ. މުދަލާއި ދަރީންނަކީ އަޅުގަނޑުމެން އިމްތިޙާނު ކުރުމަށްޓަކައި، الله سبحانه وتعالى އަޅުގަނޑުމެންނަށް ލައްވަވާފައިވާ ތަކެއްޗެވެ. އޭގެ މަސްޢޫލިއްޔަތު މިދުނިޔެމަތީގައި އަދާ ކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވިއްޖެނަމަ، އާޚިރަތް ދުވަހު އޭގެ ފޮނިކަން ފެންނަ ހުއްޓެވެ. އަދި އެމަސްޢޫލިއްޔަތުން ނެއްޓި ހިތުހުރި ގޮތަކަށް އެކަންތައްތައް ދޫކޮށްލައިފި މީހަކަށް އާޚިރަތް ދުވަހު އޭގެ ހިތިކަން ފެންނަ ހުއްޓެވެ. މިގޮތުން އަޅުގަނޑުމެންގެ ދަރީންނާއިމެދު ބަލާލަމާ ހިންގަވާށެވެ.

އަބޫ ހުރައިރާ رضي الله عنه، ރަސޫލު الله صلى الله عليه وسلمގެ ކިބައިން ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.    "ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފު ޠާހިރު ކަންމަތީގައެވެ. އެކުއްޖަކު ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީވެސް ހަމަ އެކުދިންގެ މައިން ބަފައިންނެވެ."
ފަހެ މަތީގައި އެވާ ޙަދީޘް އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށް ބާވައެވެ؟ އެނގުނު ކަމުގައިވިޔަސް އޭގައި އެބުނާ އެއްޗަކާއި މެދު އެންމެ ފަހަރަކުވެސް ވިސްނަވައި ލެއްވިންތޯއެވެ؟ އަޅުގަނޑުމެންގެ ދަރިން ދުނިޔެއަށް އަންނައިރު ތިބެނީ ކިހާ ޘޯހިރު ކަންމަތީގަ ހެއްޔެވެ. އެކަމަކު އެކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެކަން ގެއްލެނީ ކީއްވެތޯއެވެ؟
ކުޑަކުދިން އެންމެ ތުއްތު އިރު ކޮންމެ ކަމެއް ދިމާވިއަސް ސަލާމަތްކަން ހޯދަނީ ނުވަތަ އެކަމެއް ކުރަންވީ ގޮތް ބަލާ ހޯދަނީ އެނާގެ މަންމަ ނުވަތަ ބައްޕަ ފަރާތުންނެވެ. މިއީ الله سبحانه وتعالى ކަނޑައަޅުއް ވާފައިވާ ދުނިޔަވީ ނިޒާމެވެ. މިގޮތުން އަޅުގަނޑުމެން އެކުދިންގެ މައްޗަށް ޢަދާ ކުރަންޖެހޭ އެތަކެއް ޙައްޤުތަކެއް ވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ޙައްޤަކީ އެކުދިންނަށް الله سبحانه وتعالى އާއި އެކަލާންގެ ރަސޫލާ محمّد صلى الله عليه وسلّم އާއި އަދި އެކަލާނގެ ބާއްވަވާ ލެއްވެވި އިސްލާމްދީން ފުރިހަމައަށް އަންގައިދިނުމެވެ. އެކުދިންނަށް ދޭންޖެހޭ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ޢިލްމަކީވެސް މިއެވެ. އަދި ހަމަ މިއާއި އެކު ދުނިޔަވީ ޙަޔާތު އާރާސްތު ކުރުމަށްޓަކައި ދުނިޔަވީ ޢިލްމުވެސް އުނގަންނައިދޭން އެބަ ޖެހެއެވެ. އެހެންނަމަވެސް އެއީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއިންނެވެ. އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިން ބަފައިންނަށް މިގިއުގަނޑު އެނގިފައި ނެތުމެވެ.
ކޮންމެއަކަސް މިކަންކަމުގެ ބަދަލުގައި އަޅުގަނޑުމެންގެ ޅަދަރީންނަށް ދީނެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް ނޭނގިނަމަވެސް ދަސްކޮށް މިދެވެނީ ކާރޓޫން ނެޓްވާރކްގެ ގޮތްގަނޑެވެ. ނުވަތަ ކޮންމެވެސް ފާސިދު ޓީވީ ޗެނަލްއަކުން ދައްކާ ގޮތްތަކެވެ. ދެންމިފޮނުވަނީ މިކިޔާ ސްކޫލް ތަކަށެވެ. މިއީ އަޅުގަނޑުމެންގެ ދަރީން ހަލާކުވެ ފަސާދަވެގެން ދިއުމުގެ އަނެއް ސަބަބެވެ. ގޭތެރޭގައި މަނާ ކުރެވިފައިވާ އެތައްކަމެއް މިތަނުގެ މާޙައުލުން ދަސްކުރެއެވެ. މިސާލަކަށް އަންހެން ކުދިން ފިރިހެން ކުދިންނާއި ގުޅުން ބާއްވަން ފެށުމާއި، ނުބައި ފޮޓޯތައް ބެލުމާއި، މިފަދަ ނުބައި ފިލްމުތައް ބެލުމާއި، ހަޑިހުތުރު ބަސްތަކުން މުޚާޠަބު ކުރަން ދަސްކުރުމާއި މިފަދަ އެތަކެއް ކަމެކެވެ. ޔަޤީން ކޮއްލައްވަން ބޭނުންފުޅު ކަމުގައި ވާނަމަ ނިކަން ދަރީންގެ ސްކޫލް ދަބަސްތަކާއި، އެކުދިންގެ އަމިއްލަ އަލަމާރި ކަބަޑް ފަދަ ތަކެތި ޗެކް ކޮށްލައްވާށެވެ.
ޙަޤީގަތުގައި މިފަދަ ނުބައި ޢަމަލްތަކަކީ ، ޚުދް އަޅުގަނޑުމެންގެ މައިން ބަފައިންގެ ކިބައިން ގޭތެރޭގެ މާޙައުލުންވެސް ފެންނަމުންދާ ކަންތައްތަކެވެ. އެހެންކަމުން މިފަދަ ކަންކަން އެކުދިންނަށް މަނާ ކުރުމުން އޭގެ އެއްވެސް ފައިދާއެއް ކުރާނެތޯއެވެ؟ ކުޑަކުދީންނަށް ކަމެއް މަނާ ކޮށްފިނަމަ އެކުދިން އެންމެ ފުރަތަމަވެސް ބަލާނީ އެހެން މީހުން އެކަންތައްތައް ކުރަނީ ކިހިނެއްތޯއެވެ. ޚާއްޞަކޮށް އެކުއްޖާގެ މައިން ބަފައިންނާއި ގޭތެރޭގެ މާޙައުލުންނެވެ. ދީނުގައި ޙަރާމްކޮށް ނަހީ ކުރައްވާފައިވާ ކަމެއް މައިން ބަފައިންނަށް ވުމުންނޭ ކިޔާފައި ހުއްދަވާނެތޯއެވެ؟ މަންމަ ނުވަތަ ބައްޕަ  ޓީވީއިން "އޭތި" ބަލަނީ ކިހިނެއްވެހެއްޔޭ، އެހުމުން އެއީ ބޮޑެތިމީހުން ބަލާ އެއްޗެކޭ ކިޔާފައި ދަރިފުޅު ފޮނުވާލާފައި ބަލަމުން ގެންދަނީ އެވެ. ނޫނިއްޔާމުން އެކުދިންނަށް އެކިއެކި ކަންކަމުގައި މަޖަލަށް ދޮގު ހަދަނީއެވެ. ނުވަތަ އޮޅުވާލަނީއެވެ. ނޭންގިތިބެގެން ނަމަވެސް ދަރިންނަށް ދޮގު ހަދަން ދަސްކޮއްދެވެނީ އެވެ.
މިހާ ހިސާބުން އަޅުގަނޑުމެންނަށް ޙަޤީގަތުގައިވެސް ދީން އެނގޭތޯ ބަލާލަން އެބަޖެހެއެވެ. އަދި އަމިއްލަ ނަފްސުތަކާއިމެދު މިކަކަންތައްތަކާއި ވިސްނާ ފިކުރު ކޮށްލަން ވެއްޖެއެވެ. ކޮންމެޔަކަސް މިހެން ދަމުން ގޮސް، ދަރިން ފުރާވަރަށް އަޅާއިރު މިތިބެނީ މައިންބަފައިންގެ މައްޗަށް އޮންނަންވާ އިތުބާރު ގެއްލިފައެވެ. ކުޑަ އިރުއްސުރެ ޓީވީން ބަލަމުން ގެންދިޔަ ފިލްމުތައް "ކުޅެން" ބޭނުންވެފައެވެ. އެހިނދު މައިންބަފައިންނަށް ދަރިފުޅު ހަލާކުވެދާނެ ކަމުގެ ބިރު އިޙްސާސްވެއެވެ. ނަމަވެސް ކަންތައް މިކުރެވެނީ ކިހިނެތްތޯ؟ ދީނީ ނަޞޭހަތް ދިނުމުގެ ބަދަލުގައި އެކިއެކި އަނިޔާތަކާއި އާއި ޢުޤޫބާތްތައް ދައްކާލަނީއެވެ. ނޫނިއްޔާ މާޙައުލު ބަދަލުކޮއްލީމާ ރަނގަޅު ވެދާނެޔޭ ކިޔާ ޝައިޠޯނާ އާއެއްކޮށް އެހެން ޤައުމަކަށް ފޮނުވާލަނީއެވެ. ކިޔަވައިގެން ދުނިޔަވީ ގޮތުން މޮޅު މީހަކަށްވާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ދަރިފުޅުގެ ހިތުގައި އޮންނަނީ އެހެން މަޤްސެދެކެވެ. މިގޮތައް މަގުފުރެދިގެން ހަލާކުވެގެންދާ ކުދިން   މަދެއްނޫނެވެ. އަޅުގަނޑުމެންގެ ބައެއް މައިން ބަފައިން އެމީހުންގެ ދަރީންނަށް ތަޢުލީމު ދިނުމުގެ ނިޔަތުގައި ނުވަތަ ބޭސްވެރިކަމުގެ ނަމުގައި ހިލޭ ފިރިހެނުންނާއި އެކު ތަންތަނަށް އެފޮނުވާ ފޮނުވާލުމަށް، އެންމެ ފަހަރަކު ނަމަވެސް ތިޔަބޭފުޅުން ވިސްނަވާ ލެއްވިންތޯއެވެ؟ ބައެއް ބެލެނިވެރިންނާއި މީހުން އެމީހުންގެ ދަރީންނާއި އެމީހުންގެ އަނބިން ނުވަތަ އެމީހުންގެ ތިމާގެ މީހުން ހިލޭ ފިރިހެނުންނާއި އެކީ އެފޮނުވާލާ ފޮނުވާލުމަށް ނިކަން އަޅުގަނޑުމެން ވިސްނަވާލަމާތޯއެވެ. ފަހެ  އެދަތުރަކީ ކިހާ ބިރުވެރި ދަތުރެއްތޯއެވެ؟ ހަމައެހެންމެ އެފަދަ ދަތުރުތަކުން ނުކުންނަ ނަތީޖާތައްވެސް މަދެއް ނޫނެވެ. ފަހެ އޭގެ ސަބަބުން ވަރި ފަށަށް އަރަނީ ކިތައް މީހުންތޯއެވެ؟ އޭގެ ސަބަބުން ކިތައް މީހުންގެ ބިކުރުވެރިކަން ކެނޑިގެން ދޭތޯއެވެ؟ އޭގެ ސަބަބުން ކިތައް ދަރިން މައިންނާއި ވަކިވެފައި ވޭތޯއެވެ؟ އޭގެ ސަބަބުން ކިތައް ބަފައިން އެމީހުންގެ ދަރިންނާއި ވަކިވެފައި ވޭތޯއެވެ؟ މިއީ އަޅުގަނޑުމެން ބުނާގޮތުންނަމަ ކުޑަކުޑަ ދަތުރެއްގެ ނަތީޖާއެވެ. އެކަމަކު އެއްވެސް ޙާލެއްގައި މިމައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ.
ފަހެ މިހެން ދިމާވަން މިޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟ ހިތާމައާއިއެކު ދަންނަވަން ޖެހޭނީ މިހެން މިވަނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ދުނިޔެއަށް އައި ޙަޤީޤީ މަޤްޞަދު އޮޅުމުންކަމުގައެވެ. الله سبحانه وتعالى އަކީ އަޅުގަނޑުމެން ހައްދަވާ ބޮޑުކުރައްވާ، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު ކަމަށް ހިތުގެ އަޑިން ޤަބޫލު ނުކުރެވޭތީއެވެ. އަދި ކީރިތި ޤުރްޢާނަކީ الله سبحانه وتعالى  އަޅުގަނޑުމެންގެ މައްޗަށް ބާއްވާލެއްވެވި ދުނިޔެވީ ދުސްތޫރުކަމަށް ޤަބޫލުނުކޮށް އެއާއި މެދު ޝައްކު ކުރެވޭތީއެވެ. الله سبحانه وتعالى ވަޙީ ކުރައްވަނީ:

]وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ[ سورة الذاريات: 56
"އަދި ތިމަން الله އަށް އަޅުކަން ކުރުމަށް މެނުވީ، ޖިންނީންނާއި އިންސީން ނުއުފައްދަވަމެވެ." (ސޫރަތުއް ޛާރިޔާތު: 56)

ފަހެ އަޅުގަނޑުމެން ދުނިޔެއަށް އައި މަޤްޞަދު ވަރަށް ޞަރީޙަކޮށް މިއާޔަތުން މިއޮތީ އެނގޭށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދިރިއުޅުން، އަޅުގަނޑުމެން ހިތު ހުރިހާ ގޮތަކަށް ހޭދަކޮށްލެވޭކަށް ނެތެެވެ. އަޅުގަނޑުމެންގެ ޙަޔާތް ބިނާކުރަން މިޖެހެނީ الله އާއި އެއިލާހުގެ ރަސޫލާ އަންގަވާފައިވާ ގޮތަށެވެ. މަތީގައި އެވާ އާޔަތުން މިކަން އެހާމެ ސާފުކޮށް މިއޮތީ އެނގޭށެވެ. މިގޮތުން އަޅުގަނޑުމެނގެ ދަރީން ތަރުބިއްޔަތު ކުރަން ޖެހޭނީވެސް الله سبحانه وتعالى އެންގެވި ގޮތައް، އެކަލާނގެ ރަސޫލާ محمّد صلى الله عليه وسلّم އެކަން އުނގަންނައި ދެއްވި ގޮތަށެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ ދަރީން ފަތްބޯން ދޫކޮށްލައި ނުވަތަ އަންހެން ދަރީން އޮރިޔާމުން މަގުމައްޗަށް ނެރެ، އެކުދީންގެ ރީތިކަން މީސްތަކުންނަށް ދައްކުވައި ނުވަތަ އެކުދީންގެ ރީތިކަމާއި އިއްފަތްތެރިކަން ފައިސާއާއި ދުނިޔެވީ އުފަލާއި ލިބިދާނޭ ރީތި ނަމަކަށްޓަކައި ވިއްކާލަންވީއެއް ނޫނެވެ.
ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވިޔަސް ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ދަރީންތައް މިކަންތައްތަކަށް އަރައިގަތުމަށް ފޮނުވާލެވޭތަނެވެ. ވަޒީފާއަކަށް ފޮނުވާލާއިރުވެސް ޙަރާމް ޙަލާލަކަށް ބަލައިލުމެއް ނެތެވެ. މިކަމުގައި ޚާއްޞަކޮށް އަންހެން ކުދީންނަށް ބަލާލާން ޖެހެއެވެ. ރިސޯޓަކަށް ރަލުގެ ތެރޭގައި ބަކަތަޅަން ވިޔަސްވެސް ފޮނުވާލަންވީއެވެ. ނުވަތަ ރިބާގެ މުޢާމަލާތް ކުރާތަނަކަށްވެސް ފޮނުވާލަން ވީއެވެ. އަދި މިހެން މިފޮނުވާލަނީވެސް ހިލޭ ފިރިހެނުންގެ ތެރެއަށެވެ. لله سبحانه وتعالى ޙަރާމްކޮށްފައިވާ ކަންތައްތަކަށް އަރައިގެންފައި ކުރާ ކަންތައްތަކުން ވަކި ރަނގަޅު ނަތިޖާއެއް ނިކުންނާނެތޯއެވެ؟ އެހެންކަމުގައި ވާނަމަ އަޅުގަނޑުމެންގެ ބަނޑަށް އަލިފާން އަޅައިގެން ދެން އާޚިރަތަށް އިންތިޒާރު ކޮށްލައްވަމާތޯއެވެ! ކޮންމެއަކަސް ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އެއްތަންވުމާއި ބެހޭގޮތުން ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރައްވަނީ:
" على لا يخلعن رجل بامرأة ولا تسافرن امرأة إلاّ ومعها ذو محرم "
" ހަނދާން ކުރާށެވެ. ތިޔަބައިމީހުންކުރެ އެއްވެސް ފިރިހެނަކާއި އަންހެނަކު އެކަހެރިކޮށް (މަޙުރަމަކު ނެތި) އެއްގޮތަކަށްވެސް އެއްތަން ނުވާހުށިކަމެވެ. އަދި އަންހެނަކު އެކަނި އޭނައާއި އެކުގައި ކައިވެނި ހެޔޮނުވާ މީހަކު (ނުވަތަ ފިރިމީހާ) ނެތީސް ދަތުރު ނުކުރާށެވެ."
ދެން މިއަންގަވަނީ:
" ألا كان الشيطان ثالث هما "
" ހަނދާން ކުރާށެވެ. (ހިލޭ ފިރިހެނަކާއި ހިލޭ އަންހެނަކު އެއްތަން ވެއްޖެނަމަ) އެދެމީހުންގެ ދެމެދުގައި ތިންވަނަ މީހަކަށް ޝައިތޯނާ ވާނެއެވެ."

އާދެ ކޮންމެއަކަސް ދަރީންނަކީ الله سبحانه وتعالى އަޅުގަނޑުމެންނާއި، ހަވާލު ކޮއްފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އަދި ވަރަށް ބޮޑު ޒިންމާ އެއްވެސްމެއެވެ. އެކުދިން لله سبحانه وتعالى އެންގެވި ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ އެއީ ވަރަށް ޡަވާބު ލިބެނިވި ކަމެކަމެކެވެ. އަދި އެއާ ޚިލާފައް އެމަސްޢޫލިއްޔަތު އަޅައިފިނަމަ ބޮޑުވެގެންވާ ޢަޛާބު ލިބޭކަމެއްވެސް މެއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެެއެވެ.
" كلكم راع وكلكم مسؤول عن رعيته "
" ފަހެ ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ކަންތައްތަކެއް ހަވާލުކުރެވިގެންވާ މީހެކެވެ. އަދި އެކަންތައްތަކަޢިމެދު ތިޔަބައިމީހުންނާއި (އާޚިރަތް ދުވަހުން) ސުވާލު ކުރެވޭ ހުއްޓެވެ."

ނަމަވެސް ހިތާމައަކީ މިހުރިހާ އެއްޗެއް އެނގިތިބެވެސް އެމީހަކު ހިތުހުރިހާ ގޮތަކަށް ކަންތައްތައް ކުރަމުން ދާތީއެވެ. ފަހެ ކީއްވެގެންތޯއެވެ؟ ލިބިދާނެ ހުތުރު ނަމަކަށެވެ. ނުވަތަ މީހުން ކިޔާފާނެ އެއްޗަކަށް ބިރުންނެވެ. މިއީ ކިހާދެރަ ކަމެއްތޯއެވެ؟ الله سبحانه وتعالى އަށް ބިރުނުގަންނަނީ ތޯއެވެ؟ މުއުމިނުންގެ ޞިފަ ބަޔާން ކުރައްވަވައި الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ.
]وَلاَ يَخَافُونَ لَوْمَةَ لاَئِمٍ[ سورة المائدة: 54
" އަދި އެބައިމީހުން މަލާމާތް ކުރާ މީހުންގެ މަލާމާތަށް ލަދު ނުގަންނަ ހުއްޓެވެ." (ސޫރަތުލް މާއިދާ:54)

ބަޔަކު ކިޔާފާނެ އެއްޗަކަށް ބަލާފައި ސުވަރުގޭގެ ނިޢުމަތް ތަކުން އަމިއްލައަށް މަޙްރޫމް ނުވާށެވެ. މި ދުނިޔެއަކީ ދާޢިމީ ތަނެއް ނޫނެވެ. މިދުނިޔެމަތީގައި ދަރީން މަތީ ވަޒީފާތަކަށް ދިޔައުމުން ނުވަތަ މަތީ ތަޢުލީމް ޙާޞިލް ކުރުމަކީ މައިންބަފައިން ވަރަށް އެދޭ ކަމެކެވެ. ކުރީގައި ދެންނެވިހެން މީހުންގެ ފަރާތުން އިވޭ ތަޢުރީފުގެ ބަސްތައް އަހާލުމަށްޓަކައެވެ. ފަހެ އަޅުގަނޑުމެން الله سبحانه وتعالىގެ ތަޢުރީފުގެ ބަސް އަޑުއަހާލަން ބޭނުން ނުވަނީތޯއެވެ؟ الله سبحانه وتعالىގެ ހަޟްރަތުގައި މޮޅުކަން ބޮޑީ، އެކަލާނގެ އެންގެވި ގޮތައް އުޅުމުންނެވެ. އެގޮތަށް އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރުމުންނެވެ. މިކަންތައްތަކާއި މެދު ރަނގަޅަށް ވިސްނަވައި، ދަރިންނަށް ދީން އުގަންނަވައި ދެއްވައި، އެކުދީންނަށް ދޭންޖެހޭ ޙައްޤުތައް ފުރިހަމައަށް ދެއްވަވާށެވެ. މީހަކު ދައްކަފާނޭ ވާހަކައަކަށް ބަލާފައި ދަރިން الله އަށް އުރެދޭއިރުވެސް އަޅާނުލާ ނުތިއްބަވާށެވެ. ޙަޤީގީ ދުނިޔެއަށް ލޯ ހުޅުވައި ހޭލާށެވެ. الله سبحانه وتعالى އަންގަވާފައިވާ ފަދައިން އެއިލާހުގެ ދީނަށް ފުރިހަމައަށް ވަންނާށެވެ.
]ياَ أَيُّهاَ الذِّيْنَ آمَنُوا اُدْخُلُوا فِي السِّلْمِ كاَفَّةً[ سورة البقرة:208
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އިސްލާމްދީނަށް ފުރިހަމައަށް ވަންނާށެވެ." (ސޫރަތުލް ބަޤަރާ:208)
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް الله سبحانه وتعالىގެ ރުއްސެވުން ހޯދަން މަސައްކަތް ކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި މީހަކު ބުނެފާނެ އެއްޗަކަށް ނުބަލާ الله سبحانه وتعالى އަށް ފުރިހަމައަށް އީމާންވާ ބަޔަކުކަމުގައި ލެއްވުމެވެ. آمين.     

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons