Monday, August 15, 2011

ބިންގަނޑު ނެރެ އެއްލާލި ގަބުރު.

 ޖާމިޢުލް އުޞޫލުގައިޔާއި، ބުޚާރީގެ ރިވާޔަތެއްގައި، އަނަސްގެފާނު ރިވާކުރެއްވިއެވެ.

 "ނަޞާރާދީނުގެ މީހަކު، އިސްލާމް ދީން ޤަބޫލުކޮށް، ބަޤަރާ ސޫރަތާއި، އާލް ޢިމްރާން ސޫރަތް، ދަސްކުރިއެވެ.


 އަދި އޭނާ، ކީރިތި ރަސޫލާއަށް، ވަޙީ ލިޔުއްވައި އުޅުއްވިއެވެ. ދެން އޭނާ، އަނެއްކާ އިސްލާމްދީން ދޫކޮށް،
 ނަޞާރާ ދީނަށް ވަދެ، ބުނެ އުޅެއެވެ.

" މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، ތިމަން ވަޙީ ލިޔަން އުޅުނުއިރު، ލިޔުނީ ކޮން އެއްޗެއްކަން ވެސް، އެނގިވަޑައި ނުގަންނަވައެވެ."

 މިޚަބަރު ލިބިވަޑައިގަތުމުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރެއްވިއެވެ.

 " އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާއަކީ، މީސްތަކުންނަށް ހުރި ޢިބްރަތެއް ކަމުގައި ލައްވާނދޭވެ! "

 ދެން، މާތްﷲ އަމުރުފުޅަށް އޭނާގެ މަރު، ގެންދެވުނެވެ. އޭނާ، ޤައުމުގެ މީހުން، އޭނާ ވަޅުލައިފިއެވެ. އަނެއް ދުވަހު، ހެނދުނު ފެނުނީ، އޭނާ ބިން މަތީގައި އޮއްވައެވެ.

   އެހިނދު މީހުން ބިންޏެވެ. "މިގޮތަށް ކަންތައް ކުރީ، މުޙައްމަދުގެފާނާއި، އެކަލޭގެފާނުންގެ އަޞްޙާބުންނެވެ. އެއީ މީނާ، އެމީހުންގެ ދީން ދޫކޮށް އައުމުންނެވެ." 

ދެން އެމީހުން، އެމީހުންނަށް ކުޅަދާނަވީ މިންވަރަކަށް، ފުންކޮށް ވަޅު ކޮނެ، އޭނާ ވަޅުލައިފިއެވެ. އަނެއް ދުވަހު ހެދުނު އައިއިރު، އޭނާ އޮތީ ބިންމައްޗަށް އެއްލާލައިފައެވެ.

 މިއަދުވެސް، އެމީހުން ބުނީ، ފުރަތަމަ ދުވަހު ބުނި ގޮތަށެވެ. އެހެނީ މިކަން ކުރީ މުޙައްމަދުގެފާނާއި، އެކަލޭގެފާނުގެ އަޞްޙާބުންނެވެ.

 ދެން ތިންވަނަ ދުވަހަކު ވެސް، އެމީހުންނަށް ފުންކުރެވޭ ވަރަކަށް، ވަޅު ފުންކޮށް، އެހެނީ އަޑި ކޮނެ އޭނާ ވަޅުލައިފިއެވެ. ޖެހިގެން އައި ދުވަހު، އައިސް ބެލިއިރު، އޭނާ ވަނީ ބިން މައްޗަށް އެއްލާލައިފާއެވެ.

 އަދި މިކަން ކުރަނީ، މުޙައްމަދުގެފާނާއި އެކަލޭގެފާނުންގެ އަޞްޙާބުން ނޫންކަން، އެދުވަހު އެމީހުންނަށް އެނގުނެވެ. ދެން އެމީހުން އޭނާ ބޮޑު ދެހިލައިގެ ދެމެދަށް އެއްލައިލުމަށްފަހު، އޭނާގެ މައްޗަށް ހިލަތައް އަޅާ ފޮރުވިއެވެ."     

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons