Wednesday, August 10, 2011

ސަމާސާ ކުރުމަށްވެސް އަދަބުތަކެއް ވެއެވެ.


ސަމާސާކުރުމަކީ، ޢާއްމު ގޮތެއްގައި ހުރިހާ ފަންތިއެއްގެ މީހުންގެ މެދުގައިވެސް، އޮންނަ ކަމެކެވެ. ބޮޑެތި މީހުންގެ ދެމެދުގައެވެ. ކުޑަކުދިންގެ މެދުގައެވެ. އެއީ ވަކި ދާއިރާއެއްގައި ހިނގަމުން ދާނަމަ ހުއްދަ ކަމެކެވެ. ނޫންނަމަ މަނާ ކަމެކެވެ. ދީނުގެ ފަރާތުން، މިކަމާއި މެދު، ސަމާލުވުމަށް އަންގަވާ އިޝާރަތް ކުރައްވައިފައިވާ ކަންތައްތަކެއް ހުރެއެވެ. އެކަންތައްތަކަށް ސަމާލުވާން ޖެހޭނެއެވެ.

ސަމާސާކުރުމުގައި، ޙައްދު ފަހަނައަޅައި ދިއުމަކީ ގެއްލުން ހުރިކަމެވެ. އެހެނީ ސަމާސާ ގިނަކޮށް، ޙައްދުން ބޭރުވުމަކީ، މާތްﷲ އިންސާނާ ހެއްދެވި މަޤްޞަދާއި ދުރަށް ގެންދާ ކަމެކެވެ. އިންސާނާ އުފެއްދެވުމުގެ އަޞްލު މަޤްޞަދަކީ، ﷲއަށް އަޅުކަންކޮށް، އެކަލާނގެ ހަނދާންކޮށް ޛިކުރުކުރުމެވެ.
)عُمَر إبْن الْخَطَّاب)ގެ އަރިހުން ރިވާވެގެންވެއެވެ. "ގިނަގިނައިން ހޭ މީހާގެ ހައިބަތު ކުޑަވެއްޖެއެވެ. އަދި ސަމާސާކޮށްފި މީހަގެ ޤަދަރު ކުޑަވެއްޖެއެވެ."

ނަމަވެސް، ހިނިއަންނަ ކަންކަމުގައި، ހިނިއައުމަކީ ޠަބީޢީ ކަމެކެވެ. ހިނިއަންނަން ޖެހެނީވެސް ވަކިވަކި ކަންތައްތަކުގައިއެވެ. އެއްވެސް ޙަދީޘްއެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ބާރަށް، ހިނިފުޅުވެޑުއްވިކަމަކަށް ރިވާވެގެން ނުވެއެވެ. އެކަމަކު، އެކަލޭގެފާނު، އުފާވެ ރުހޭކަމެއް ދެކެވަޑައިގެންފިނަމަ، އެކަލޭގެފާނު ހިނިފުޅު ވަޑުއްވަނީ، އެކަލޭގެާނުގެ ދަތްޕުޅުތައް ފެންނަވަރަށެވެ. އެއްވެސް ކަހަލަ އަޑެއް ނުއިވޭ ކަހަލަ ގޮތަކައްށެވެ. ނަމަވެސް، ބައެއް ފަހަރު، އެކަލޭގެފާނު، އެކަލޭގެފާނުގެ ކޮލުގެ ދައްޕުޅުތައް ފެންނަ ވަރަށް ހިނިފުޅު ވަޑުއްވައެވެ. އެކަމަކު މިހެން ހިނިފުޅު ވަޑުއްވަނީ ވަރަށް މަދު ފުޅުންނެވެ. ޙަދީޘްތަކުގައި ވެސް، މިހެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިނިފުޅު ވަޑުއްވާނަމަ، އަޞްޙަބު ބޭކަލުން، މިކަން ވަކިން ފާހަގަކުރައްވައެވެ. އެހެނީ އެއީ އެބޭކަލުންނަށް ވަރަށް މަދު ފުޅުން ނޫނީ ފެނިވަޑައި ނުގަންނަވާ ކަހަލަ މަންޒަރަކަށް ވާތީއެވެ.

ސަމާސާ ކުރާއިރު، އެއްވެސް މީހަކަށް ދަތިވެ އުނދަގޫވާ ހިސާބަށް ސަމާސާ ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަމާސާ ކުރުމުގައި، މީހަކަށް އުނދަގޫކޮށް، މީހަކު ނިކަމެތި ކޮށްލުމާއި، އަނެކަކު ދެރަވެ ހިތާމަކުރަން ޖެހޭ ބާވަތުގެ ކަމެއް ކުރުމަކީ ސަމާސާ ކުރުމުގެ އަދަބާއި މުޅީން ޚިލާފުކަމެކެވެ.
(عَبْد الرَّحْمَان إبْن أبِيْ لَيْلي) ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުންކުރެ، އެކަކުވެސް އޭނާގެ އަޚާގެ އެއްޗެއް، ކުޅިވަރުގެ ގޮތުގައި، އަދި ހަމަ ޤަޞްދުގައިވެސް ބޭނުން ނުކުރާށެވެ. ނުގެންދާށެވެ. ފަހެ އޭނާގެ އަޚާގެ ޢަޞާ ގެންދިޔަ މީހާވެސް، އޭގެ ވެރިޔާއަށް ރައްދުކުރާ ހުށިކަމެވެ." (އަބޫ ދާވޫދް)

ކުޅިވަރުގެ ގޮތުގައި، ސަމާސާގެ ގޮތުގައި، މީހެއްގެ އެއްޗެއް ނެގުމާއި، ފޮރުވުމަކީ، އެއެއްޗެތީގެ މިލްކުވެރި ފަރާތަށް ނުތަނަވަސްކަން ލިބޭނެ ކަމެކެވެ. މިފަދަ ކަންތައް ހިމެނެނީ، މީހުންނަށް އުނދަގޫކުރުން ކަމުގައެވެ.
ސަމާސާކޮށް، ތަނާބުޒް (ވަނަމުން) ގޮވުމަކީ ވެސް މީހުންގެ ދެމެދުގައި، އޮތް އެއްބައިވަންތަކަން ގެއްލިދާނޭކަމެކެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

(وَلاَ تَنَابَزُواْ بِالْألْقَابِ * بِأسَ لِاسْم الْفُسُوق بَعْدَ الْإيْمَان * وَمَن لَم يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ) (سُورَة الْحُجُرَات: 11)
"އަދި އެއްބަޔަކު އަނެއް ބަޔަކަށް، ނުރުހޭ ކަހަލަ ލަޤަބުތަކުން (ވަނަންތަކުން) ނުގޮވާށެވެ! އީމާންވުމަށްފަހު، ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައި ކަމެކެވެ. ފަހެ (އެކަންތަކުން) ތައުބާ ނުވެއްޖެ މީހާ، އެއީ ހަމަކަށަވަރުން އަނިޔާވެރިންނެވެ."

ރިވާވެގެންވާ ގޮތުގައި، މިއާޔަތް ބާއްވައި ލެއްވުނީ، ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމަ، ބާޒާރުގައި ހިންގަވައި ވަޑައިގަންނަވަނިކޮށް، ބާޒާރު ތެރެއިން މީހަކު، އެހެން މީހަކާއި ދިމާލަށް އޭނާއަށް ވަނަމުން ގޮވައިލިއެވެ. އެވަޤުތު ކީރިތި ރަސޫލާއަށް ދެންނެވުނެވެ. "އޭނާ، އެވަނަމަށް ނުރުހެވެ." ދެން ފަހެ، މިއާޔަތް ބާއްވައިލެއްވުނެވެ.

ސަމާސާގެ ގޮތުން، މީހުން ސިއްސުވާލާ ބިރުގެންނެވުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި، ނިދާފައި އޮންނަ މީހަކު ސިއްސުވާލާ ބިރުގެންނެވުމަކީ، އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ސަމާސާކުރުމަށްޓަކައި، ދޮގު ހެދުމަކީވެސް، ނުބައި ކަމެކެވެ.
ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "ވާހަކަ ދައްކައި އިރު، މީސްތަކުން ހެއްވުމަށްޓަކައި، ދޮގު ހަދައިގެން ވާހަކަދައްކާ މީހާއަށް ޢަޛާބު ހުއްޓެވެ. އޭނާއަށް ޢަޛާބު ހުއްޓެވެ. އޭނާއަށް ޢަޛާބު ހުއްޓެވެ." (އަބޫ ދާވޫދް)
މިޙަދީޘްފުޅަށް ވިސްނާލުމުން އެނގެނީ ސަމާސާއަށް ދޮގު ހެދުމަކީ ވެސް ހެޔޮ ވާވަރުކަމެއް ނޫން ކަމެވެ.
ވީމާ ސަމާސާ ކުރުމުގައި މީހުންނަށް އުނދަގޫ ލިބޭ ކަހަލަ ކަންތައް ކުރުމާއި ދޮގު ހެދުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ.  
    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons