މަޝްހޫރު ޢިލްމުވެރިއެއް ކަމައްވާ އިބުނުލް ޤައްޔިމްއަލް ޖައުޒިއްޔާ رَحمه الله، މި ބަޔާން ކުރައްވާ ބަސްފުޅުތައް ލިއުއްވާފައި ވަނީ، އިބުނުލް ޤައްޔިމް رَحمه الله ގެ މަޝްހޫރު ފޮތެއް ކަމައްވާ އައް ޖަވާބުލް ކާފީގައި، އަމިއްލަ ފަރުދަކު ބޮޑެތި ފާފަ ތަކުން ދުރުހެލި ވެވޭނެ މަގެއްކަން އެދި ހުށަހެޅި ފައިވާ ސުވާލެއްގެ ޖަވާބު ގައެވެ.
• ޢިލްމު ނެތިކުރެއްވުން
އިލްމަކީ ﷲ سبحا نه وتعا لى ހިތަށް ވައްދަވާ ނޫރެކެވެ. އަދި ނުކިޔަމަންތެރިކަން މި އަލި ނެތި ކޮށްލައެވެ. އިމާމް ޝާފީ رَحمه اللهވިދާޅުވިއެވެ. ތިމަންގެ ވިސްނުން ކޮށިކަމާމެދު ވާކީ رَحمه الله އަށް ޝަކުވާއެއް އެރުވުމުން، ނުކިޔަމަންތެރިކަމާއި ދުރުހެލި ވުމަށް ނަސޭހަތްތެރި ވިއެވެ. އަދި ވިދާޅުވިއެވެ. ޢިލްމަކީ ނޫރެކެވެ. އަދި ﷲ سبحا نه وتعا لىގެ ނޫރު ނުކިޔަމަންތެރިވާ ބަޔަކަށް ލިބިގެނެއް ނުވެއެވެ.
• ރިޒުޤު ނެތިކުރެއްވުން
ތަޤްވާ، ރިޒުޤް ލިއްބައިދޭ ފަދައިން ތަޤްވާ ނެތިގެންދިއުން ފަޤީރު ކަމަށް ވާސިލު ކޮށްދެއެވެ. ނުކިޔަމަންތެރިކަމުން ދުރުވުމަށް ވުރެ ރިޒުޤް ތަނަވަސް ވާނޭ އިތުރު ގޮތެއް ނޯންނާނެއެވެ.
• ކިޔަމަންތެރިކަމުން ދުރުހެލި ކުރުވުން
ފާފަތައް ﷲ سبحا نه وتعا لىއަށް ކިޔަމަންތެރިކަން އަދާ ކުރުމުން އެއްކިބާކުރެވުން، އެ އަދަބު، މިކަމަށް ފުދެއެވެ.
• ނުކިޔަމަންތެރިކަން ހިތާއި، ނަފްސް ބަލިކަށި ކޮށްލައެވެ.
ނުކިޔަމަންތެރިކަން ހިތް ބަލިކަށި ކޮށްލާ ކަމީ ސާފުކޮށް ބަޔާންވެގެންވާ ކަމެކެވެ. ނުކިޔަމަންތެރިކަން އެމީހެއްގެ ހިތް ހުއްޓުމާއި ހަމައަށް ބަލިކަށި ކުރުވަމުން ދާނެއެވެ.
• ނުކިޔަމަންތެރިކަން ޙަޔާތް ކުރުކޮށް އެންމެހާ ބަރަކާތުން މިންޖުކުރުވައެވެ. ޞާލިހު ކަންތައްތައް ޢުމުރު ދިގު ކޮއްދޭ ގޮތަށް ފާފަތަށް ޢުމުރު ކުރުކޮށް ދެއެވެ.
• ނުކިޔަމަންތެރިކަމުގެ އޮށް އަމިއްލައަށް އިންދާ އަމިއްލައަށް އުފަންވަމުން ދިއުމުން، އެއާ ވަކިވުމާ އޭގެ ތެރެއިން ނުކުތުން އެ އަޅަކަށް އުނދަގޫވެއެވެ.
• ފާފަތައް ހިތުގެ އުއްމީދު ބަލިކަށި ކޮއްލާ ނެތިކޮއްލައެވެ.
އެހެންކަމުން ނުކިޔަމަންތެރިކަމުގެ ބާރު ގަދަވެ ހިތުގައިވާ ތައުބާވުމުގެ ރޫޙު ހިތުން އެއްކޮށް ފިލައިގެން ދާންދެން މަޑުމަޑުން ނިކަމެތި ވަމުން، ނިކަމެތި ވަމުން ދެއެވެ. • ކޮންމެ ވައްތަރެއްގެ ނުކިޔަމަންތެރިކަމަކީ ކުރީގެ އުއްމަތް ތަކުގައި އެއްމެ މާތް، މަތިވެރި ﷲ سبحا نه وتعا لىއެބައެއް ހަލާކު ކުރެއްވި ކަންތައް ތަކެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ސަދޫމު ބާގައިގެ މީހުންގެ ކިބައިން އައިކަމެކެވެ. އެމީހަކަށް ޙައްޤުނުވާ އެއްޗެއް ނެގުމާއި ދިނުމުގައި މަދުކުރުމަކީ ޝުއައިބު عليه سّلام ގެ ބާގައިގެ މީހުންގެ ކިބައިންއައި ކަމެކެވެ. ބިމުގައި ބޮޑާވުމާއި، ފަސާދަ ކުރުމަކީ ފިރުޢައުނު ބާގައިގެ މީހުންގެ ކިބައިން އައި ކަމެކެވެ. ބޮޑާ ކަމާ، ޖައްބާރު ކަމާއި، އަނިޔާ ވެރިކަމީ ހޫދު عليه سّلام ގެ ޤައުމުގެ މީހުންގެ ކިބައިންއައި ކަމެކެވެ. އެހެން ކަމުން ނުކިޔަމަންތެރި ވާ މީހާ އެވަނީ މި ބަޔާން ކުރެވުނު، ﷲ سبحا نه وتعا لىގެ ޢަދުއްވުންގެ ފޭރާން ތަކުން ފޭރާމެއްގައެވެ.
• ނުކިޔަމަންތެރިކަމަކީ އެއަޅަކު ﷲ سبحا نه وتعا لىގެ ޙަޟްރަތުގައި އެއްވެސް އަހައްމިއްޔަތެއް ނެތް ފަދަ މީހަކަށް ވާސިލު ކޮއްދޭ ކަމެކެވެ. އަލް ޙަސަން އަލް ބަސްރީ رَحمه اللهވިދާޅުވިއެވެ. (އެބައިމީހުން އެ އިލާހުގެ ކުރިފުޅު މަތީގައި) އެއްވެސް ބަޔަކަށް ނުވިއެވެ. އެހެން ކަމުން އެބައިމީހުން އެ އިލާހަށް ނު ކިޔަމަންތެރި ވި އެއްކަމަކު އެބައި މީހުން (އެ އިލާހުގެ ޙަޟްރަތުގައި) މަތިވެރި ބަޔަކަށް ވީނަމަ ﷲ سبحا نه وتعا لىއެބައި މީހުން ރައްކައު ކޮށް ދެއްވާނެތެވެ.
ﷲ سبحا نه وتعا لىވަހީ ކުރެއްވިއެވެ.
... وَمَنْ يُهِنِ اللَّهُ فَمَا لَهُ مِنْ مُكْرِمٍ .. (١٨)
އަދި އެބަޔަކަށް ﷲ سبحا نه وتعا لىނިކަމެތިކަން ދެއްވައިފި ބަޔަކަށް ޤަދަރު ދެވޭނޭ އެހެން ބަޔަކު ނުވާނެއެވެ." ( އަލް ޙައްޖު 22:18 )
• ފާފަ ކުރާ މީހާގެ ނުބައިކަން އޭނާ ވަށައިގެން ވާހާ ބަޔަކަށް ޖެހެއެވެ. އަދި އޭގެ ނަތީޖާ އެއްގެ ގޮތުން ޖަނަވާރު ތަކުންވެސް އެބައެއްގެ އަނިޔާ ވެރިކަން ތަހައްމަލް ކުރަން ޖެހެއެވެ. • މެދު ކެނޑުމެއްނެތި އެ އަޅަކު އެ ފާފަތަކަށް އަރައި ގަންނަމުން ދިއުމުގެ ސަބަބުން، އެ ފާފަ ކުރުން އޭނާގެ މައްޗަށް ފަސް ހައެއްޗަކަށް ވެއެވެ. އަދި އޭނާގެ ކުރިމަތީގައި އެއީ މާ ބޮޑު ކަމަކަށް ނުވެ، މިއީ އޭނާގެ ހަލާކު ވުމުގެ ނިޝާނެވެ. ފާފައެއް އެއީ އެ އަޅާގެ ކުރިމަތީގައި މާބޮޑު ކަމަކަށް ނުވާ ކޮންމެ ފަހަރަކު، އެކަން ﷲ سبحا نه وتعا لىގެ ޙަޟްރަތުގައި ވަރަށް ބޮޑު ކަމެއް ކަމުގައި ވެގެން ދެއެވެ. އިބުނު މަސްޢޫދު رَضِى الله عنه ވިދާޅު ވިއެވެ. " ހަމަ ކަށަވަރުން މުއުމިނަކު، އޭނާގެ ފާފަތަށް ދެކޭނީ އޭނާ ފަރުބަދައެއްގެ ބުޑުގައި ހުރެ ދެންމެ ދެންމެ އެ ފަރުބަދަ އޭނާގެ މައްޗަށް ވެއްޓި ދާނެ ކަމަށް ބިރުވެތިވާ ފަދައިންނެވެ. އަދި ފާފަ ކުރާ މީހާ، ފާފަ ތަކާއި މެދު ދެކޭނީ މެއްސެއް އޭނާގެ ނޭފަތުގައި ޖައްސާލުމުން އޭތި ފޮޅާލުމަށް އަދި ދެފަރާތަށް ހޫރުވާލާ ފަދަ އަކުންނެވެ." ( އަލް ބުހާރީ)
• ނުކިޔަމަންތެރިކަން، ނިކަމެތި ކަމާއި، ދަށު ދަރަޖަ ވާރުތަވެއެވެ. ޢިއްޒަތް އޭގެ ހުރިހާ އެއްޗެއް، އެކުލެވިގެން ވަނީ ﷲ سبحا نه وتعا لىއަށް ކިޔަމަންތެރި ކަމުގެ މައްޗަށެވެ. ޢަބުދުއްﷲ އިބުނު މުބާރިކު رَحمه اللهވިދާޅުވިއެވެ. ފާފަތަށް އެމީހެއްގެ ހިތް މަރާލާ، މެދު ކެނޑުމެއްނެތި ކުރަމުން ދިއުމުން އޭނާއަށް ނިކަމެތިކަން ލިބޭތަން ތިމަންނައަށް ފެނެއެވެ. ފާފަ ތަކުން ދުރުހެލި ވުމުން ހިތައް އާ ދިރުމެއް ލިބި ދެއެވެ. އަދި ތިމާގެ ރޫޙް ފާފަތަކުން ދުރުހެލި ވުމުން އެއަށް މާހެޔޮކަން ބޮޑެވެ.
• ނުކިޔަމަންތެރިކަން، ވިސްނުން ފަސާދަ ކޮއްލައެވެ.
ވިސްނުމުގައި ނޫރެއްވެއެވެ. އަދި ނުކިޔަމަންތެރިކަން މި ނޫރު ނިއްވާލައެވެ. ވިސްނުމުގެ ނޫރު ނެތިކޮށް ލެވިއްޖެ ނަމަ އެ ބަލިކަށިވެ އުނިވެއެވެ.
• ނުކިޔަމަންތެރިކަން އިތުރު ވުމުން ތިމާގެ ހިތުގައި ސިއްކަ ޖެހިދެއެވެ. އެހެންކަމުން ޣާފިލުވާ މީހެއް ކަމުގައި އޭނާ ވެއެވެ.
• ފާފަ ތަކުގެ ސަބަބުން، ބިމުގައި އެކިއެކި ފަސާދަތަށް ވެގެން ދެއެވެ. ފެނާއި، ވަޔާއި، ފަތްޕިލާވެއްޔާއި، މޭވާއާއި، ދިރިއުޅޭ ތަންތަން ފަސާދަ ވެދެއެވެ. ﷲ سبحا نه وتعا لىވަޙީ ކުރެއްވިއެވެ. "މީސްތަކުން ކުރި ނުބައި ޢަމަލު ތަކުގެ ސަބަބުން އެއްގަމުގައްޔާއި، ކަނޑުގައި (ދަތިކަމާއި) ފަސާދަ އުފެދި ފާޅު ވެއްޖެއެވެ. އެއީ އެމީހުން ކުރި ބައެއް އަމަލު ތަކަށް ހުރި (އަޒާބުގެ) ރަހަ، އެމީހުން (އެއިލާހަށް އަޅުކަން ކުރުމަށް އަލުން) ރުޖޫޢަ ވޭތޯ ދެއްކެވުމަށް ޓަކައެވެ."
• ލަދުވެތިކަން ނެތިގެން ދިއުން،
މިއީ ހިތުގެ ޙަޔާތުގެ އަސްލެވެ. ކޮންމެ ހެޔޮ ކަމެއްގެ އަސާސެވެ. އެކަން ނެތި ދިއުމަކީ އެންމެހާ ހެޔޮކަމެއް ނެތި ދިއުމެވެ. ޞަހީޙް ޙަދީޘްއެއްގައި رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ލަދުވެތި ކަމަކީ ހެވެކެވެ. އޭގެ ހުރިހާ ކަމެއްވެސް ވެއެވެ." އަލް ބުޚާރީ، މުސްލިމް). ޅެންވެރިއަކު ވިދާޅުވެފައި ވެއެވެ. ﷲ سبحا نه وتعا لىއަށްޓަކައި، ޙަޔާތުގައި އަދި ދުނިޔޭގައި ލަދުވެތިކަން ގޮސްފިނަމަ ހެޔޮކަމެއް ނުވެއެވެ.
• ފާފަތަށް އަޅާގެ ހިތުގައިވާ ﷲ سبحا نه وتعا لى ގެ މަތިވެރިކަން ބަލިކޮށްލާ އުނި ކޮށްލައެވެ.
• ފާފައަކީ އޭގެ ސަބަބުން ﷲ سبحا نه وتعا لى، އެއިލާހުގެ އަޅާ ހަދުމަ ނައްތާލާ، އެ އަޅާގެ އަމިއްލަ ނަފުސާއި، ޝައިތާނާއާއި އެކު އެކަނި ޙާލާއި، ގެންގުޅެން ދޫކޮށްލައްވާ ކަމެކެވެ. އަދި މިކަމުގައި ވަނީ، އެކަމުން ސަލާމަތްތެރި ކަމާއި ހަމައަށް އުންމީދު ކުރެވެން ނެތް ހަލާކާއި ގެއްލުމެވެ.
• ފާފަތަށް، ޙަޤީޤީ އިޙްސާންތެރި ކަމާއި، އެ އަޅަކު ދުރުކޮށް ދެއެވެ. އަދި ހެޔޮ ޢަމަލު ކުރާ މީހުންގެ ތެރެއިން އޭނާ އެއްކިބާ ކުރެވެއެވެ. އިޙްސާންތެރި ކަން ހިތް ފުރާލައިފި ނަމަ، އެ ހިތް ނުކިޔަމަންތެރި ކަމުން ސަލާމަތް ވެއެވެ.
• ނުކިޔަމަންތެރިކަން، ﷲ سبحا نه وتعا لى ގެ ރުހިވޮޑިގަތުމުން މިންޖު ކުރެވެއެވެ. އަދި އެއިލާހުގެ ޙުކުމް އޭނާގެ މައްޗަށް ޤާއިމް ކުރެވެއެވެ. ފާފައެއްގެ ސަބަބުން މެނުވީ އެއްވެސް ބަރަކާތެއް ހުއްޓިގެން
ނުދެއެވެ. އަދި ފާފައެއްގެ ސަބަބުން މެނުވީ އޭނާގެ މައްޗަށް ޙުކުމް ތަންފީޛު ވެގެން ނުދެއެވެ. ﷲ سبحا نه وتعا لىވަޙީ ކުރެއްވިއެވެ" ތިޔަބައިމީހުންނަށް ދިމާވި އުނދަގުލަކާއި، މުސީބާތަކީ ފަހެ، ތިޔަބައިމީހުންގެ އަތްތަކުން ލިބިގަތް ކަމެކެވެ. ﷲ سبحا نه وتعا لى ގިނަ އަޅުންގެ ގިނަ ފާފަތަށް ޢަފޫ ކުރައްވައެވެ."
އަދިވެސް ﷲ سبحا نه وتعا لىވަޙީ ކުރެއްވިއެވެ. "މިކަން މިހެން ވާންޖެހުނީ، ﷲ سبحا نه وتعا لىބަޔަކު މީހުންނަށް ދެއްވާފައިވާ ނިޢުމަތެއް، އެ ބައެއްގެ އުޅުން އެބަޔަކު އަމިއްލައަށް ބަދަލު ކޮށްފުމަށް ދާންދެން، އެ އިލާހު ބަދަލު ކުރައްވާ ވޮޑިނުގަންނަވާ ކަމުގައި ވާތީއެވެ."
ﷲ سبحا نه وتعا لىއަޅަމެންގެ މައްޗަށް ރުއްސުންލައްވައި އަދި އަޅަމެންގެ އެންމެހާ މައްސަލަ ތަކަށް، ވާރުތަ ކޮށްދޭ ފާފަ ތަކުން އަޅަމެން ސަލާމަތް ކޮށް ދެއްވާންދޭވެ! އާމީން
0 comments:
Post a Comment