Thursday, August 18, 2011

ނިސްބަތުން ޣައިރު މުސްލިމުން ގިނަ ގައުމުތަކުން އެތެރެކުރާ ކުކުޅާއި ގެރިމަސް ކެއުމުގެ ޙުކުމަކީ ކޮބައިތޯ؟

ކުކުޅުމަހާއި ގެރި ބަކަރީގެ މަސް ގިނައިން އެތެރެކުރަނީ ނިސްބަތުން ވަރަށްގިނަ ޣައިރުމުސްލިމުން އުޅޭ ޤައުމުތަކުން، ވިމާ މިތަކެތި ކެއުމުގެ ޙުކުމަކީ ކޮބައިތޯ؟

ކެޓަގަރީ: ސުވާލާއި ޖަވާބު

ސުވާލު:އަހަރުމެން ކާބޯތީގެ ތެރެއިން ކުކުޅުމަހާއި ގެރި ބަކަރީގެ މަހާއި އެނޫންވެސް އެބާވަތުގެ ވަރަށް ގިނަ ތަކެތި ގިނައިން އެތެރެކުރަނީ ޕަސެންޓޭޖްގޮތުން ވަރަށްގިނަ ޣައިރުމުސްލިމުން އުޅޭ ޤައުމުތަކުން. އެފަދަ ތަކެތި ރާއްޖެއެތެރެކޮށްގެން އަހަރުމެންނަށް ބޭނުން މިކުރެވެނީ އަލްމާޢިދާ ސޫރަތުގެ 3 ވަނަ އާޔަތުގައި ވާފަދައިންތޯ؟ އެކަމުގެ ޙުކުމަކީ ކޮބާތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އަހުލުކިތާބީން (ޔަހޫދީންނާއި ނަޞާރާ) އިން ފިޔަވާ އެހެން ހުރިހާ މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންގެ މައްޗަށް ޙަރާމް ވެގެންވާ ކަމަށާއި، އެބައިމީހުން (ޔަހޫދީންނާއި ނަޞާރާއިން)  ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލުވެގެންވާ ކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވައެވެ. މިކަމުގެ ދަލީލަކީ މާއިދާ ސޫރަތުގެ ފަސް ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ ((الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ وَطَعَامُ الَّذِينَ أُوتُواْ الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلُّ لَّهُمْ))  المائدة: ٥ މާނައަކީ: "އަދު، އެންމެހައި ރަނގަޅު ތަކެއްޗާއި ކަންތަށް، ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވުނެވެ. ފޮތްލިބގެންވާ މީހުންގެ ކާތަކެތި (ޙަރާމްކަން ޤުރްއާނުގައި އަންގަވާފައިވާ ތަކެތި ނޫން އެހެންތަކެތި) ތިޔަބައިމީހުންނަށް ޙަލާލެވެ. އަދި ތިޔަބައިމީހުން ކާތަކެތި އެބައިމީހުންނަށް ޙަލާލެވެ."
މިއާޔަތުން ދޭހަވާގޮތުގައި އަހްލުކިތާބީން ކެއުމަށްބޭނުން ކުރާތަކެތި ވަނީ މުސްލިމުންނަށް ޙަލާލު ކުރެވިގެންނެވެ. އޭގެ ތެރޭގައި އެބައިމީހުން ކަތިލާތަކެތިވެސް ހިމެނިގެންވެއެވެ. މިއާޔަތުގެ މަފްހޫމަކީ އަހްލުކިތާބީންފިޔަވާ އެހެން މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލު ވެގެން ނުވާކަމެވެ.
އެހެންކަމުން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ މުޝްރިކުންގެ ތެރެއިން އަހްލުކިތާބީންގެ ކަތިލުމެއް ކަމަށް ވަނީނަމަ، ޝަރްޢީ ހަމަތަކާ ޚިލާފަށް ކަތިލެވިފައިވާކަން ދޭހަނުވާހާ ހިނދަކު އެތަކެތި މުސްލިމުންނަށް ޙަލާލުވެގެންވެ އެވެ. އެހެނީ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ދޭހަވާގޮތުގައި އެތަކެތީގެ އަޞްލަކީ ހުއްދަވުމެވެ. ދެން އެތަކެތި ޙަރާމް ކަމަށް ބެލެވޭނީ އެހެން ނައްޞަކުން ޙަރާމް ކަމަށް ދަލީލު ލިބިގެންނެވެ.
ހަމަ އެފަދައިން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ އަހްލުކިތާބީން ފިޔަވާ އެހެން މުޝްރިކުންގެ ކަތިލުމެއް ކަމަށް ވަނީނަމަ، އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވާކަން އިސްވެ ބަޔާން ކުރެވުނު އާޔަތުން ދޭހަވެއެވެ. އަދި ދަންނަބޭކަލުންގެ އިޖްމާޢުން ވެސް މިކަން ދޭހަވެއެވެ. މިފަދަ މަސް ކާން ފެށުމުގެ ކުރިން ބިސްމިﷲ ކިޔައިގެން ކާންފެށިކަމުގައިވީނަމަވެސް އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވެއެވެ.
ބައެއްމީހުން ބުނެ އުޅޭ ގޮތުގައި ކާންފެށުމުގެ ކުރިން ބިސްމިﷲ ކިޔައިގެން ފެށީމާ ހުއްދަވެއެވެ. އެހެންނަމަވެސް މިއީ މުޅިން ރަގަޅުވާހަކަ އެއް ނޫނެވެ. ސަބަބަކީ އެގޮތަށް ވާރިދުވެފައިވަނީ އަލަށް އިސްލާމްވި ބަޔަކު ކަތިލާތަކެއްޗާބެހޭގޮތުން ކަމަށްވާތީއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ރިވާޔަތެއްގައިވަނީ ޞަޙާބީންގެ ބަޔަކު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގެންދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަލަށް އިސްލާމްވީ ގައުމެއްގެ ބަޔަކު އެމީހުން ކަތިލާފައިވާ ތަކެތި އަހަރުމެންނަށް ހަދިޔާ ކުރެއެވެ. އެމީހުން އެތަކެތި ކަތިލުމުގެ ކުރިން ބިސްމިﷲ ކީ ކަމެއް އަހަރުމެންނަކަށް ނޭގެއެވެ. އެހިނދު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ. ތިޔަބައިމީހުން ކާންފެށުމުގެ ކުރިން ބިސްމިﷲ ކިޔާށެވެ.
މިޙަދީޡްގައި މިވަނީ ހަމައެކަނި އަލަށް އިސްލާމްވި ބަޔެއްގެ ކަތިލުމުގެ ވާހަކައެވެ. ކޮންމެ ކޮންމެ ބަޔެއްގެ ކަތިލުމުގެ ވާހަކަ އެއް ނޫނެވެ. އެހެންކަމުން ކަތިލާފައި ހުންނަ މަސްގަންނަ އިރު އެތަކެއްޗަކީ ޝަރްޢީ ހަމަތަކުގެ މަތިން ކަތިލެވިފައިވާ ތަކެތިތޯ، އަދި އެއީ ކޮންބަޔެއްގެ ކަތިލުމެއްތޯ ޔަގީން ކުރަން ޖެހޭނެއެވެ. ކުރިންވެސް ބުނެވުނު ފަދައިން މުޝްރިކުންގެ ކަތިލުންތަކުގެ ތެރެއިން މުސްލިމުންނަށް ޙަލާލުވެގެންވަނީ ހަމަ އެކަނި ފޮތުގެ އަހްލުވެރިންގެ ކަތިލުންތަކެވެ. އެނޫން ކަތިލުންތައް މުސްލިމުންގެ މައްޗަށް ޙަރާމްވެގެންވެއެވެ. ވީމާ ބާޒާރުގައި "ޙަލާލް" ލޭބަލް ޖަހާ، އިސްލާމީ އުސޫލުން ކަތިލެވިފައިވާ އެއްޗެއްކަމަށް ބުނެފައިވާނަމަ އެކެއުން ހުއްދަވެގެން ވެއެވެ. ނަމަވެސް ކަނޑައެޅިގެން އެއީ އިތުބާރުނުހިފޭ ފަރާތެއްކަން ޔަގީންވާނަމަ ހުއްދައެއް ނުވާނެއެވެ."الحلال" މިލޭބަލަކީ ދުނިޔޭގެ ހުރިހާތަނެއްގައިވެސް ޢާއްމުކޮށް ވަކި އުސޫލެއްގެމަތިން ވަކި ޖަމްޢިއްޔާ މުއައްސަސާ ތަކަކުން ދޫކުރާ ލޭބަލެކެވެ. އަދިހަމަ އެހެންމެ ދިވެހިރާއްޖެއަށް އެފަދަ ތަކެތި އެތެރެ ކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ޙަލާލް ސެޓްފިކެޓް ހުށަހަޅަންޖެހޭގޮތަށް އޮންނަކަންވެސް ފާހަގަ ކޮށްލަމެވެ. ވީމާ މިފަދަ އެއްޗެއް ކެއުމުގެ ކުރިން އެއީ ކޮންދީނެއްގެ ކާކު ކަތިލިއެއްޗެއްތޯ ބަލާ ސުވާލުކުރުމުގެ ތަކުލީފު މުސްލިމުންނަކަށް ނުޖައްސަވައެވެ. ނަމަވެސް ވަރަޢަ ވެރިކަމުގެ (ދީންވެރިކަމުގެ) ގޮތުން މީހަކު އެފަދަ އެއްޗެއް ނުކެއުމަކީ އެމީހަކަށް ލިބިގެންވާ ޙައްގެކެވެ. ނަމަވެސް އެހެން މީހުންގެ މައްޗަށް އެއްވެސް ހެއްކެއްނެތި އެޙަރާމްކޮށްގެން ނުވާނެއެވެ.   والله أعلم


ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް     

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons