إنَّ الْحَمْد لِلَّه نَحْمَدُه وَنَسْتَعِيْنه ونَسْتَغْفِرُه وَنَعُوذُ بِاللهِ مِنْ شُرُورِ أنْفُسِنَا وَمِنْ سَيِّئَاتِ أعْمَالِنَا. مَنْ يَهْده اللهُ فَلاَ مًضِلَّ لَه. ومَن يُضْلِل فَلاَ هَادِيَ لَه. وَأشْهَد أنْ لاَ إلَه إلاَّ الله وَحْدَهُ لاَ شَرِيْكَ لَه. وَأشْهَد أنّ محَمَّدًا عَبْدُه وَرَسُولُه.
أمَّا بَعْد! فَإنَّ خَيْرَ الْحَدِيْث كِتَابُ الله وَخَيْر الْهَدْي هَدي مُحَمَّدٍ صَلَّي الله عَلَيْه وَسَلَّم وَشَرَّ الْأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدثَةٍ بِدْعَة, وَكُلَّ بِدْعَة ضَلاَلة, وَكُلَّ ضَلالَةٍ فِيْ النَّار.
أعُوذُ بِالله مِنَ الشَّيْطَانِ الرَّجِيْم. (يَآ أيُّهَا الّذِيْن آمَنُواْ اتَّقُو اللهَ حَقَّ تُقَاتِه وَلاَ تَمُوتُنَّ إلاَّ وَأنْتُم مُسْلِمُون) (آل عمرَان 102)
އެންމެހައި ޙަމްދު ޘަނާ އެއް ވަނީ ﷲ سُبْحَانَه وَتَعَالي އަށެވެ. އަޅަމެން ﷲ سُبْحَانَه وَتَعَالي އަށް ޙަމްދުކުރަމެވެ. އަދި އެކަލާނގެ ޙަޟްރަތުން ވާގި އެދެމެވެ. އަދި ފާފަ ފުއްސެވުން އެދި ދުޢާކުރަނީ އެކަލާނގެ ޙަޟްރަތަށެވެ. އަޅަމެންގެ ނަފްސުގެ ނުބައިކަމުންނާއި އަޅަމެން ނުބައި ޢަމަލްތަކުގެ ނުބައިކަމުން ރައްކައުތެރިކަން އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. ﷲ އެއަޅަކަށް ތެދު މަގު ދައްކަވައިފި އަޅަކު މަގު ފުރެއްދޭނެ މީހަކު ނުވެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދު މަގު ދެއްކޭނެ މީހަކުވެސް ނުވެއެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. ﷲ އީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި مُحَمَّد صَلَّي الله عَلَيْه وَسَلَّم އަކީ ﷲގެ އަޅާކަމަށާއި ރަސޫލާކަމަށް އަހުރެން ހެކިވަމެވެ. ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަނީ مُحَمَّدٍ صَلَّي الله عَلَيْه وَسَلَّم އަަށެވެ. އަދި މިދުޢާގައި مُحَمَّدٍ صَلَّي الله عَلَيْه وَسَلَّم ގެ އާލުންނާއި އަޞްޙަބުންނާއި ތާބިޢީން ޝާމިލުކުރަމެވެ.
އެއަށްފަހު ދަންނާށެވެ.! އެންމެ ހެޔޮ ބަހަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮ މަގަކީ مُحَمَّدٍ صَلَّي الله عَلَيْه وَسَلَّم ދެއްކެވި މަގެވެ. އަދި އެންމެ ނުބައި ކަންކަމީ ދީނުގެ ތެރެއަށް އަލަށް އުފެއްދޭ ކަންކަމެވެ. ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގު ފުރެދުމެއް ވާހުށީ ނަރަކައިގައި އެވެ.
ﷲގެ ޙަޟްރަތުން، ރަޙްމަތުން ބޭރުކުރެވިގެންވާ ޝައިޠާނާގެ ނުބައިކަމުން މިއަޅާ ރައްކައު ތެރިކަން އެދެމެވެ. "އޭ އީމާންވި މީސްތަކުންނޭވެ! ﷲއަށް ބިރުވެތިވެ ތަޤްވާވެރިވުން ޙައްޤު ގޮތުގައި ތިޔަބައިމީހުން ﷲއަށް ބިރުވެތި ތަޤްވާވެރި ވާށެވެ. އަދި ތިޔަބައިމީހުން މުސްލިމުންގެ ގޮތުގައި މެނުވީ މަރު ނުވާށެވެ!"
ﷲގެ އަޅުތަކުންނޭވެ! ﷲ ތިޔަބައިމީހުން ހައްދަވައިފައިވަނީ އެއްވެސް ބޭނުމެއް ނެތިއެއް ނޫނެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. "ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ ކަމަކއި ނުލައި ހަމަ، ކުޅިވަރަށް ކަމަށާއި، ތިޔަބައިމީހުން ހަމަކަށަވަރުން ތިމަން އިލާހުގެ ޙަޟްރަތުން އަލުން ނުފޮނުއްވެވޭނޭކަމަށް ތިޔަބައިމީހުން ހީކުޅައީހެވެ؟" (މުއުމިނޫން: 115) ނަމަވެސް މާތްﷲ އަހަރެމެން ހައްދަވައިފައިވަނީ ވަރަށް މުހިއްމު މަޤްޞަދަކަށްޓަކައިއެވެ. މިއަދު ގިނަމީހުން ވަނީ މިމަޤްޞަދު ހަދާން ނައްތާލައިފައިއެވެ. ﷲ ވަޙީކުރައްވައިފައިވެއެވެ. "ޖިންނީންނާއި އިންސީން ތިމަން ﷲގެ ޙަޟްރަތަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ." (އައްޛާރިޔާތު: 56) ﷲގެ ބަސްފުޅު "ތިމަން ﷲއަށް އެކަނި އަޅުކަން ކުރަން މެނުވީ" މިބަސްފުޅާއިމެދުގައި އަލްޤުރުޠުބީ އެކަލޭގެފާނުގެ ތަފްސީރުގައި ލިއުއްވާފައިވާ މާނައިގައި ވަނީ އެންމެހާ އަޅުކަންތައްތަކުގައި މާތް ﷲ އެއްކައުވަންތަ ކުރުމެވެ. ކަން މިހެން ހުރިއިރު ގިނަ މީހުންނީ ޝަރީކުކުރާ ބައެއްކަމުގައި ވެގެން ތިބެ ﷲއަށް އަޅުކަންކުރާ މީހުންނެވެ. ﷲ ވަޙީކުރައްވައިފައިވަނީ މިހެންނެވެ. "އެމީހުންގެ ތެރެއިން ގިނަމީހުން ﷲއަށް ޝަރީކުކުރާ ބަޔަކު ކަމުގައިވާ ޙާލުގައި މެނުވީ އީމާނެއްނުވެއެވެ." (ޔޫސުފް: 106)
އޭ ﷲގެ އަޅުތަކުންނޭވެ! ޝިރްކުކުރުމަކީ ހަމައެކަނި ކުރިމަތީ ބުދެއް ބަހައްޓައިގެން އެއަށް ސަޖިދަކުރުމެއް ނޫނެވެ. ﷲ ވަޙީކުރައްވައިފައިވެއެވެ. "އެބައިމީހުންގެ ޢިލްމުވެރިންނާއި އަޅުވެރިން ﷲ ފިޔަވައި ރައްބުން ތަކެއް ކަމުގައި އެބައިމީހުން ހިފިއެވެ." (ތައުބާ: 31) ފަހެ، ޔަހޫދީންނާއި ނަޞަރާއިން އެމީހުންގެ ޢިލްމުވެރިންގެ ބަހަށް ﷲ ހުއްދަކުރެއްވި ކަންތައްތައް އެއީ މަނާ ކަންތައްތަކެއް ކަމުގައި ދެކުނީއެވެ. ﷲ މަނާކުރެއްވި ކަންތައްތައް އެމީހުންގެ ޢިލްމުވެރިންނާއި ބޮޑުން ހުއްދަކުރުމުން ހުއްދަ ކަންތައްތައް ކަމުގައި ދެކުނީއެވެ. މިކަން ﷲ ޞިފަކުރެއްވީ ﷲ ފިޔަވައި ރައްބުން ތަކެއް ހިފި ހިފުމެއްކަމުގައިއެވެ. އަދި ވެސް ﷲ ވަޙީކުރެއްވިއެވެ. "ﷲގެ އިޛުނައާއި ނުލައި ދީނުގެ ތެރެއިން ނުވާ ކަންތައްތައް އެބައިމީހުންނަށް ޝަރުޢުކުރުން ކަނޑައަޅައިދޭނޭ ޝަރީކުންނެއް ލިބިގެންވަނީ ހެއްޔެވެ؟ ޢަޛާބު ދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސްކުރެއްވުމުގެ ކަލިމަ ނުވާނަމަ، އެބައިމީހުންގެ މެދުގައި ނިޔާ ކަނޑައެޅުއްވެވި ޢަޛަބު ދެއްވީހެވެ. ހަމަކަށަވަރުން ކާފިރު ތަކުންނަށް ހިތްދަތި ޢަޛާބު ހުއްޓެވެ." (ޝޫރާ: 21)
އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ދީނާއި މެދު ތިޔަބައިމީހުން ރައްކައުތެރިވާށެވެ. ޙައްޤުގެ އަހުލުވެރިން ދެނެގަނެވޭނީ ޙައްޤު އިނގިގެން ކަމުގައި ޢަލީގެފާނު ވިދާޅުވެފައިވެއެވެ. އެނގި ތިބެ ﷲ އަށް އުރެދެމުންދާއިރު، އުރެދޭ އެންމެހާ ފަރާތްތަކަށް ޢަޛާބު ދެއްވުމަށް ތައްޔާރު ކުރައްވާފައި ވާ ނަރަކައަކީ ތިބުމަށް ވާ ހާދަހާ ނުރަނގަޅު ތަނެކެވެ. ވިސްނކަށް ނުވޭތޯއެވެ؟ ﷲ ވަޙީކުރައްވައިފައި ނުވެއެވެ. "ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ ފަހެ ހަމަކަށަވަރުން ﷲ އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނޭ ތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ." (މާއިދާ: 72) ވީއިރު ނެތުމުގެ ތެރެއިން މިނިކަމެތި އިންސާނާ ޚަލްޤުކުރެއްވެވި މުޅި ކާއިނާތުގެ ވެރި ރައްބުގެ ޙަޟްރަތުން އަތުވެދާނޭ ގަދަފަދަ ޢަޛާބަކަށް ވިސްނާ ފިކުރުކޮށް ސަލާމަތްވޭތޯ ބަލާކަން ނުވޭބާވައެވެ؟ މުޅި މުޖުތަމަޢު ވަނީ ފިތުނަ އާއި ޝިރްކުތަކުން ފުރިފައިކަމެއް ހަމަ ނުއެނގޭ ހެއްޔެވެ؟ މި މުޖުތަމަޢުގައި ފަހެ ނުހިނގަނީ ކޮންމެ ކަމެއް ހެއްޔެވެ؟
އޭ މީސްތަކުންނޭވެ! ﷲއަށް ބިރުވެތިވެ ޙައްޤު ގޮތުގައި ތަޤްވާވެރިވުމަށް ގޮވާލާ ވަޞިއްޔަތް ކުރަމެވެ. ދުޢާއަކީ މިދުނިޔޭގައި ކޮންމެ އިންސާނަކަށް ދެއްވާފައިވާ މަދު ދުވަސްކޮޅު ހެޔޮގޮތުގައި ބޭނުންކުރާ ބަޔަކު ކަމުގައި، އަހަރެންނާއި އަހަރެންގެ ޤައުމުގެ މީހުން ލެއްވުމެވެ. މިދުނިޔޭގެ ހެއްލުންތެރިކަމާއި ކެހިވެރިކަމުގެ ދަލުގައި ނުޖެހި ސަލާމަތުން މިދުނިޔެއިން ނިކުމެގެންދާ ބަޔަކު ކަމުގައި ލެއްވުމެވެ. رَبَّنَا ظَلَمْنَا أنْفُسنَا وَإنْ لَم تَغْفِر لَنَا وَتَرحَمْنَا لَنَكُونَنَّ مِنَ الْخَاسِرِيْن. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَة حَسَنةً وَقِنَا عَذَابَ النَّار. وَصَلَّي الله عَلَي مُحَمَّدٍ وَآلِه وَصَحْبِهِ أجْمَعِيْن. وَالْحَمْد لِلَّه رَبِّ الْعَالَمِين.
آمِيْن
0 comments:
Post a Comment