Tuesday, August 2, 2011

الْإمَام أبُو حَنِيْفَة

   ހަތަރު އިމާމުންގެ ތެރެއިން، އެންމެ ފުރަތަމަ ދުނިޔެއަށް އުފަންވެ އެންމެ ފުރަތަމަ ދުނިޔެއާއި އަލްވަދާޢު ކިއުއްވި ބޭފުޅަކީ އަލްއިމާމް އަބޫޙަނީފާގެފާނެވެ. އަބޫޙަނީފާއަކީ ތަފާތު ރޮނގު ތަކުގައި ފުންނާބުއުސް ބޭކަލެކެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެއްވި ބޭކަލެކެވެ. ޢިލްމީ ރޮނގުގައިވެސް ފުންނާބުއުސް ބޭކަލެކެވެ.

   އެކަލޭގެފާނުގެ މަތިވެރި އަޚްލާޤާއި، މަސައްކަތްޕުޅުން ޢިލްމުވެރިކަމުގެ އެންމެ މަތީ ހަރުފަތަށް ވާޞިލްވެވަޑައިގެންނެވިއެވެ. އަބޫޙަނީފާ ޢިލްމު ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަށް ޢިލްމީ ލަޤަބުފުޅެއްގެ ގޮތުގައި (الْإمَامُ الْأعْظَم), (إمَامُ أهْلُ الرَّأي), (فَقِيْهُ الْعِرَاق) މިފަދަ ލަޤަބުފުޅުތައް ލިބިވަޑައިގެންފައިވެއެވެ. އަބޫޙަނީފާއާއި ބެހޭގޮތުން ޢަބްދުއިބްނު އަލްމުބާރިކު ވިދާޅުވެފައިވަނީ، "އަބޫހަނީފާއަކީ ޢިލްމުގެ ސިކުނޑިއެވެ." އިބްނު ޖުރައިޖު ވިދާޅުވަނީ، (إنَّهُ الْفَقِيْه) ،އެބަހީ އެކަލޭގެފާނަކީ ހަމަކަށަވަރުން ފިޤްހު ޢިލްމުވެރިއެކެވެ.
   އަބޫޙަނީފާ، އެކަލޭގެފާނު ޙަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ އުމަވީ ދައުލަތުގެ ދުވަސްވަރުއެވެ. އަދި ޢައްބާސީ ދައިލަތުގެ ފުރަތަމަ ދުވަސްކޮޅު ދެކެވަޑައިގެންނެވިއެވެ. ދުނިޔޭގެ އަލިކަން ދެކެ ވަޑައިގެންނެވީ އުމަވީ ދައުލަތުގެ ޚަލީފާއެއްކަމުގައިވާ ޢަބްދުލްމަލިކު އިބްނު މަރުވާންގެ ދުވަސްވަރުއެވެ. އަދި ދުނިޔެ ދޫކުރެއްވީ ޢައްބާސީ ސައުލަތުގެ ފުރަތަމަ ޚަލީފާ، އަބޫ ޖަޢުފަރުލް މަންޞޫރުގެ ދުވަސްވަރުއެވެ.
   އަބޫޙަނީފާ ދުނިޔޭގައި އުޅުއްވި ދުވަސްވަރަކީ ދީނީގޮތުންނާއި، ދުންޔަވީ ގޮތުންނާއި، ފިކުރީގޮތުންނާއި، އަދި ސިޔާސީ ގޮތުން ތަފާތު ޙަރަކާތްތަކެއް އުފެދިފައިވާ ދުވަސްވަރެކެވެ. އުމަވީން، އިސްލާމީ ޚިލާފަތު، ރަސްކަމަށް މަދަލިކުރި ދުވަސްވަރެވެ. މިކަމުގެ ސަބަބުން ފިތުނަފަސާދައާއި ހަމަނުޖެހުން އުފެދިފައިވާ ދުވަސްވަރެކެވެ.
   އުމަވީ ދައުލަތުގެ ދުވަސްވަރުގައި، އިސްލާމީ އުއްމަތުގައި ޢަރަބި ޤައުމިއްޔަތުގެ ކުލަތަކުން ކުލަޖެހިފައި ވެއެވެ. އުމަވީ ދައުލަތުގެ ދުވަސްވަރުގައި، ޢަރަބީންނަށް ޚާއްޞަ މަޤާމެއް ދެވުނެވެ. ޢަރަބީންނޫން ޢަޖަމީންނާއި މެދު އުމަވީންގެ ހިތުގައި ތަޢައްޞުބުގެ ކުލަތައް ޖެހިފައިވެއެވެ. މިތަޢައްޞުބުގެ ނަތީޖާއެއްގެ ގޮތުން އުމަވީ ދައުލަތާއި ދޭތެރޭ ޢަޖަމީންގެ ހިތުގައި ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަން އުފެދިފައިވެއެވެ. އަދި ހަމަ އެހެންމެ، އުމަވީންގެ ދުވަސްވަރު ރަސޫލާ ޞައްލަޢަލައިހި ވަސައްލަމްގެ އާލުބައިތުން އިޟްޠިހާދު ކުރެވެމުން ދިޔައެވެ.
   ޢައްބާސީ ދައުލަތް ފެށުމާއި އެކު، ޢައްބާސީންނާއި ޢަލަވީ (ޢަލީގެފާނުގެ ދަރިކޮޅު) ންނާއި ދެމެދު ކޯޅުންތައް އުފެދިގެން ދިޔައެވެ. ޢައްބާސީ ދައުލަތުގެ ދުވަސްވަރުގައި ޢަރަބީންގެ ބަދަލުގައި ޢަޖަމީންގެ ބާރު ގަދަވެގެން ދިޔައެވެ. އަދި ޚާއްޞަ ގޮތެއްގައި ފާރިސީންގެ ބާރެވެ. ސަބަބަކީ ޢައްބާސީ ދައުލަތް އުފެދުމަސް ވާޤިވެރިވި ބަޔަކީ ފާރިސީންކަމަށް ވުމެވެ.
   އަދި ހަމައެފަދައިން މިދުވަސްވަރުގައި ތަފާތު މަޛުހަބުތައްވެސް އުފެދުނެވެ. ތަފާތު ބަސްބަހުންހުރި ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކުރެއްވުމާއި، އަދި ޚާއްޞަ ގޮތެއްގައި ޔޫނާނީ ފަލްސަފާއާއި، ފާރިސީ އަދި ހިންދީ ފިކުރުތަކާއި އިސްލާމީ މުޖުތަމަޢާއި ގުޅުން އިތުރުވެގެން ދިޔައެވެ. ނުވަތަ ގުޅި ލާމެހި އެކައްޗަކަށް ވެގެން ދިޔައެވެ.
   އަބޫޙަނީފާގެ ދުވަސްވަރުގައި އިސްލާމީ މުޖުތަމަޢު އުފެދިފައިވަނީ ތަފާތު ޤައުމުތަކުގެ މީސްތަކުންގެ މައްޗަށެވެ. އެއީ ޢަރަބީންނާއި ޢަޖަމީންނާއި ފާރިސީންނާއި ރޫމީންނާއި ޖާރިޔާއިންނާއި މުޣައްނީން (ލަވަކިޔާ މީހުން) އެކުލެވޭ މުޖުތަމަޢެކެވެ.
   މާތްސުބުހާނަހޫ ވަތަޢާލާ މުސްލިމުންނަށް ތަފާތު ޤައުމުތައް ފަތަޙަކުރުމަށް މަގުތަނަވަސް ކޮށްދެއްވުމާއި ގުޅިގެން، މުސްލިމުންގެ މާއްދީ ޙަޔާއި އިތުރަށް ތަނަވަސްވެގެން ދިޔައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގެ ޙަޔާތާއި ދީނީ ނުޞޫޞްތަކާއި ގުޅުވުމަށް ބައެއް ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. އަދި ހަމަ އެފަދައިން  އިސްލާމީ ފިޤުހުގެ އާ މުސްޠަލަޙާތު  ތަކެއް އުފަންވެގެން ދިޔައެވެ. އަދި ތަފާތު ރައުޔުތައް އެލެވޭ މަޛުހަބުތައް އުފެދުނެވެ. ދީނީ އަދި ޢިލްމީ ޙަޔާތުގައި އިސްލާމީ މުޖުތަމަޢުގައި ދެ މަންހަޖެއް އުފެދުނެވެ.
   އެއީ (مَنْهَجُ النَّقْلِيّ) ނުވަތަ (مَذْهَبُ أهْلُ الْحَدِيْثِيّ) އެވެ. މި މަޛުހަބުގެ އަޞްލަކީ ކީރިތި ޤުރުއާނާއި ރާވީން ކީރިތި ރަސޫލާގެ އަރިހުން ރިވާކުރައްވައިފައިވާ ޙަދީޘްފުޅުތަކެވެ. މިމަންހަޖަށް ނުވަތަ މަޛުހަބަށް ތަބަޢަވާ މީހުން އިތުރުވެގެން ދިޔައެވެ. ސަބަބަކީ، މުސްލިމުން ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅުތަކާއި، އެކަލޭގެފާނުގެ ޢަމަލުފުޅުތަކާއި، އެކަލޭގެފާނުގެ އަރިހުގައި އެކަމެއް ކުރެވުމުން، އެކަމެއް މަނަޢަނުކުރައްވާ ކަންތައްތަކަށް ތަބަޢަވުމަށް ބޮޑަށް އިސްކަން ދިނުމެވެ. ރަސޫލުޞައްލަޢަލައިހި ވަސައްލަމައަކީ އެންމެ ރިވެތި ނުމޫނާކަމަށްވުމެވެ. ހަމައެފަދައިން އިސްލާމްދީނުގެ އެންމެ ބޮޑު މުފައްސިރަކީ އިތުރު އެކަލޭގެފާނު ކަމަށްވުމާވެސް އެކުގައެވެ. އަދި ނަމޫނާ މިޘާލަކީވެސް އެކަލޭގެފާނު ކަމަށް ވުމެވެ. އަދި ޚާއްޞަ ގޮތެއްގައި މަދީނާއާއި މަދީނާގެ ވަށައިގެންވާ ރަށްތަކުގެ ދިރިއުޅުމުގެ ބަސީޠުކަމެވެ. އެދިރިއުޅުމުގައި، އެދުވަސްވަރު އިޖްތިޙާދު ކުރަންޖެހޭ ފަދަ މަސްއަލަތައް ނެތުމާއިއެކު ދިމާވާ މަސްއަލަތައް ޙައްލުކުރުމަށް މަދީނާގެ ޢިލްމުވެރިންގެ އަތްޕުޅުގައި ނުޞޫޞްތައް ހުރުމެވެ. ނުވަތަ ކީރިތި ޤުރްއާނާއި، ސުންނަތުން ދަލީލު ލިބެން ހުރުމެވެ.
   ދެވަނަ މަންހަޖަކީ، (مَنْهَجُ الْعَقْلِيّ) ނުވަތަ (مَذْهَبُ أهْلُ الرَّأي) އެވެ. މިމަންހަޖުގައި ދީނީ ނުޞޫޞްތައް ނުވަތަ ޤުރުއާނާއި ޙަދީޘްގެ އިތުރުން ތިމާގެ އަމިއްލަ ސިކުނޑީން މަސްއަލަތަކާއި މެދު އިޙްތިޖާޖު ކުރުމަށްފަހު ޙުކުމްތައް ނެރެމުން ދިޔައެވެ.
   އަބޫ ޙަނީފާ އުޅުއްވަމުން ގެންދެވީ މިފަދަ މުޖުތަމަޢަކުން އެކަހެރިވެ ވަޑައިގެނެއްނޫނެވެ. އަދި ކީއްތޯއެވެ! އަބޫ ޙަނީފާ އުޅުއްވަމުން ގެންދެވީ ކުރިން މިދެންނެވި މުޖުތަމަޢުގެ އެންމެ ހަލަބޮލި ހިސާބުގައި އެ އޮއިވަރުގެ ތެރޭގައި އެވެ. ނުވަތަ ވެރި ރަށުގައި އެވެ. ޢިލްމާއި، އިލްމުވެރިންނާއި، ބަހުޘާއި، ބަޙުޘްކުރާ މީހުންނާއި، ޖަދަލާއި، ޖަދަލުކުރާ މީހުންގެ ތެރޭގައި އެވެ. އާދެ! އެދުވަސްވަރު އިސްލާމީ އުއްމަތުގެ މައި ރަށްކަމުގައިވާ ބަޣްދާދުގައެވެ. ބަޣްދާދަކީ ޢިރާޤުގެ ވެރި ރަށެވެ. އެދުވަސްވަރުގެ ޢިލްމީ އެންމެ ބޮޑު ވެއްޓަކީ ބަޣްދާދެވެ. ބަޣްދާދަށް ޢިލްމީ ގޮތުން ވަރަށް ފުންނާބު އުސް މާޟީއެއް ލިބިފައިވެ އެވެބަޙުޘްކުރުމާއި ފިކުރުކުރުމަށް ތައްޔާރުވެގެން ތިބި ރައްޔިތުންތަކެއް ބަޣްދާދުގައި ތިއްބެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ޢިލްމުވެރިން ޢިރާޤުގެ ވެރި ރަށް ކަމުގައިވާ ބަޣްދާދަށް، އެމީހުންގެ ޢިލްމީ ދޯރުތަކުން ފެން ދިނުމަށް ހިޖުރަކުރިއެވެ.
   ޢައްބާސީ ދައުލަތުން، އެދައުލަތުގެ ވެރި ރަށަކީ ބަޣްދާދު ކަމުގައި ހަމަޖެއްސުމާއި ގުޅިގެން، ބަޣްދާދުގެ ބާރުގަދަވެ، ޢިލްމުވެރިންނާއި އެނޫންވެސް ތަފާތު ހުނަރުވެރީން ބަޣްދާދަށް ހިޖުރަކުރިއެވެ.
   މިކަމުގެ ނަތީޖާއެއްގެ ގޮތުން ޢިރާޤުގައި (مَنْهَجُ الْعَقْليّ) ނުވަތަ (مَذهَبُ أهْلُ الرَّأي) ގެ އަހްލުވެރީންނަށް ޖާގަ ލިބިގެން ދިޔައެވެ. ނަމަވެސް ކުރިން ދެންނެވިހެން، މަދީނާއާއި، މަދީނާގެ ވަށައިގެންވާ ރަށްތަކުގައި އޮތީ (مَنهَجُ النَّقْلِيّ) ނުވަތަ (مَذْهَبُ أهْل الْحَدِيْثِيّ) އެވެ.
   ޢިރާޤުގައި އިސްލާމީ ދައުލަތެއް އުފެދުމާއި ގުޅިގެން، އެރަށުގައި ވަރަށް ބޮޑު އިސްލާމީ މުޖްތަމަޢެއް އުފެދިފައިވެއެވެ. އެކަމުގެ ސަބަބުން ތަފާތު ޙުކުމްތަކާއި ޤަވާޢިދުތައް އެކަށައަޅަން ޖެހުނެވެ.
   ޢިރާޤުގެ ވަށައިގެން ވަނީ ޣައިރު މުސްލިމް ޤައުމްތަކެވެ. މިކަމުގެ ސަބަބުން އެޤައުމުތަކާއި އެކު މުޢާމަލާތް ކުރާއިރު އެޤައުމުތަކާއި، ގުޅޭ ޙުކުމްތައް އެކަށައަޅަން ޖެހުނެވެ. ހަމައެފަދައިން އިސްލާމީ މުޖުތަމަޢު ވަނީ އިދާރީ ގޮތުންނާއި، ޞިނާޢީ ގޮތުން، އާރޮނގު ތަކުގައި ކުރިއަރަން ފަށާފައި އެވެ. ނަތީޖާއަކަށްވީ، ދީނީ ގޮތުން ވަކި ޤަވާޢިދުތަކެއް އެކަށައަޅަން ޖެހުމެވެ. މިޤަވާޢިދުތަކުގެ ތެރޭގައި ނުވަތަ ޤާނޫނުތަކުގައި ތެރޭގައި، ރައްޔިތުންނާއި ވެރިންނާއި އޮންނަންޖެހޭ ޙައްޤުތަާއި، ވާޖިބުތަކާއި، ޙާކިމާއި މަޙްކޫމާއި ދެމެދު އޮންނަންޖެހޭ ގުޅުންތައްވެސް ހިމެނެއެވެ.
   މިފަދަ މުޖުތަމަޢެއްގެ ތެރޭގައި، (مَذْهَبُ أهْل الرّأي)  ގެ އަހްލުވެރިންނަށް ޖާގަ ލިބުމަށް އަޅުގަނޑުމެންނަށް ޢަޖާއިބުވާން ޖެހޭ ކަމެއް ނޫނެވެ. އަދި ޚާއްޞަ ގޮތެއްގައި އަބޫ ޙަނީފާގެ ޙަޔާތްޕުޅަށް މިމަޛްހަބުން ކުރި އަޘަރުތައް ފާހަގަ ކުރެވިގެން ދިޔައެވެ.

ދުނިޔެއަށް އަލިކަން ދެކެވަޑައިގަތުން:

   އަބޫ ޙަނީފާ އުފަންވެ ވަޑައިގަތީ ޢިރާޤުގެ ކޫފާގައެވެ. އެއީ ހިޖުރައިން 80ވަނަ އަހަރުގައެވެ. ބައެއް ބަލިކަށި ރިވާޔަތް ތަކުގައި، އަބޫ ޙަނީފާ އުފަންވެ ވަޑައިގަތީ އަލް އަންބާރުގައި ކަމަށާއި އެއީ ހިޖުރައިން 60 ވަނަ އަހަރުައި ކަމަށް ބަޔާންވެގެންވެއެވެ.
   އަބޫ ޙަނީފާގެ ފުރިހަމަ ނަންފުޅަކީ (النُّعْمَان إبْن ثَابِت إبْن زُوطِيّ إبْن مَاه مَولَي تَمِيْمُ الله إبْن ثَعْلَبَة) އެވެ. ބައެއް ރިވާޔަތްތަކުގައި އަބޫ ޙަނީފާއަކީ އަޞްލު ޢަރަތްބެއް ކަމަށް ރިވާވެގެންވެއެވެ. އެއީ ބަނީ ޔަޙްޔާ އިބްނު ޒައިދު އިބްނު އަސަދު އަދި އިބްނު ރާޝިދު އަލް އަންޞާރީ ކަމުގައި ބައެއް ފޮތްތަކުގައި ބަޔާންވެފައިވެއެވެ.
   ނަމަވެސް، އެންމެ މަޝްހޫރު ބަހަކީ އަބޫ ޙަނީފާއަކީ ފާރިސީ ބޭފުޅެއްކަމެވެ. އެކަލޭގެފާނުގެ ނަންފުޅަކީ (النُّعْمَان إبْن ثَابِت إبْن النُّعْمَان إبْن الْمزبَــان) އެވެ. الْمزبَان މިބަހަކީ ފާރިސީ ބަހެކެވެ. (މާނައަކީ ފާރިސްކަރައިގެ މިނިވަން ރައީސުންގެ ދަރިންނެވެ.)
   އަބޫ ޙަނީފާގެ މަންމަގެ ނަމަކާއި ބެހޭގޮތުން ތާރީޚްގައި އެއްވެސް ބޭކަލަކު އަލި އަޅުއްވާފައި ނުވެއެވެ. ނަމަވެސް އަބޫ ޙަނިފާއަކީ އެކަލޭގެފާނުގެ މަންމައަށް ވަރަށް ކިޔަމަންތެރި އަދި ވަފާތެރި ދަރިކަލެއްކަން ތާރީޚު ފޮތްތަކުގައި ލިޔެވިފައި ވެއެވެ.
   އަބޫ ޙަނީފާގެ ދަރިވަރު، އަލް ޤާޟީ އަބޫ ޔޫސުފް ރިވާ ކުރައްވާ ގޮތުގައި އަބޫ ޙަނީފާ، އެކަލޭގެފާނު މަންމާފުޅު ޙިމާރެއްގެ މައްޗަށް، އަރުވައިގެން، އަލްޤާޟީ ޢުމަރު އިބްނު ޛައްރުގެ މަޖިލީހަށް ގެންދަވައެވެ. ބައެއް ފަހަރު ޚުދު އަބޫ ޙަނީފާ ވަޑައިގެން އަލްޤާޟީ ޢުމަރު އިބްނު ޛައްރުގެ އަރިހުން މަންމާފުޅު ބޭނުންވާ މަސްއަލަތައް އޮޅުން ފިލުއްވައެވެ.
   އުމަވީ ދައުލަތުގެ ދުވަސްވަރުގައި، އަބޫ ޙަނީފާގެ ނުޤަބޫލުގައި އެކަލޭގެފާނާއި، ޤާޟީކަން ޙަވާލިކުރަން، އުމަވީ ދައުލަތުގެ ޚަލީފާ، ޢަބްދުލް މަލިކު އިބްނު މަރްވާނު މަސައްކަތް ކުރެއްވިއެވެ. ޤާޟީކަން ޤަބޫލުނުކުރެއްވުމުގެ ސަބަބުން އަބޫ ޙަނީފާއަށް، އަނިޔާ ލިބި އަދި ޖަލަށް ވަޑައިގަންނަވަންވެސް ޖެހިވަޑައިގަތެވެ.
   އަލްއިމާމް އަޙްމަދު އިބްނު ޙަންބަލްގެ އަރިހުގައި އަބޫ ޙަނީފާގެ ނަންފުޅު ގެނެވޭ ހިނދު ކީރިތިކުރައްވާ، އަބޫ ޙަނީފާއަށް ރަޙްމަތް ލެއްވުމަށް އެދި ވަޑައިގެން ހެޔޮ ދުޢާ ކުރައްވައެވެ. މިކަމުން އަބޫ ޙަނިފާއަށް ކުރެވުނު އަނިޔާގެ ބޮޑުކަން އެނގެއެވެ.

ވިޔަފާރި ކުރެއްވުން:

   ދިރިއުޅުއްވުމަށްޓަކައި، އަބޫ ޙަނީފާ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ވިޔަފާރި ކުރެއްވުމެވެ. ޙަޔާތުގެ ވަކިހިސާބަކުން ޢިލްމު އުގަންނަވައިދެއްވުމާއި ވިޔަފާރީގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އަދި މިދުނިޔެ ދޫކުރެއްވުމާއި ހަމައަށް ވެސް، ވިޔަފާރި ކުރައްވަމުން ގެންދެވިއެވެ.
   އަބޫ ޙަނީފާއަކީ، ފޮތީގެ ވައްތަރެއް ކަމުގައިވާ، އަލްޚަޒުގެ ވިޔަފާރިވެރިއެކެވެ. ކޫފާގައި، އަބޫ ހަނީފާގެ ވަރަށް ބޮޑު ފޮތި ފިހާރައެއް ހުރެއެވެ. ނަމަވެސް އަބޫ ޙަނީފާގެ ބަދަލުގައި، ވިޔަފާރި މުދާ ހިފައިގެން ރަށްރަށައް ގޮސް ވިޔަފާރި ކުރުމަށްޓަކައި ބައިވެރިން ގެންގުޅުއްވި އެވެ. އަބޫ ޙަނީފާގެ ވިޔަފާރީގެ އެންމެ ޚާއްޞަ އެކުވެރިޔަކީ، (أبُو حَفْص إبْنِ عَبْدُ الرَّحْمَن) އެވެ.
   އަބޫ ޙަނީފާއަކީ އެކަލޭގެފާނުގެ ވިޔަފާރީގައި، ތެދުވެރި އަމާނަތްތެރި އެކެވެ. ދުވަހަކުވެސް ޒަބޫނަ (ކަސްޓަމަރަ) ކަށް މަކަރެއް ހައްދަވައި އޮޅުވާލައްވާފައި ނުވެއެވެ. މުދާ ވިއްކާއިރު، މިހާރުގެ ވިޔަފާރަވެރިންނާއި ޚިލާފަށް، މުދަލުގައި ހުރި ހުރިހާ ޢައިބެއް، ޒަބޫނަށް (ކަސްޓަމަރަށް) ކިޔާދެއްވައެވެ.
   ރިވާވެގެންވާ ގޮތުގައި، އެކަލޭގެފާނުގެ ވިޔަފާރީގެ ބައިވެރިޔާ، (أبُو حَفْص إبْن عَبْد الرَّحْمن) އަށް، މީހަކު މުދާ ގަތްއިރު އެމުދަލުގައި ހުރި ޢައިބެއް ހަދާންނެތިގެން ކިޔައެއް ނުދެވުނެވެ. އަބޫ ޙަނީފާ ވަޑައިގެން އެކަން ވެފައިވާ ގޮތް އެނގިވަޑައިގެންނެވުމުން، އެމުދަލުގެ އަގު ހިއްޕަވައިގެން، އެމީހާ ހޯއްދަވަން ވަރަށް މަސައްކަތްޕުޅު ކުރައްވައި، ނުފެނުމުން، އެފައިސާއިން ޞަދަޤާތް ކުރެއްވިއެވެ.
   އަބޫ ޙަނީފާއަކީ، އެކަލޭގެފާނުގެ ވިޔަފާރީގެ މަސައްކަތާއި އެއްވަރަށް ޢިލްމު ހޯއްދެވި ބޭކަލެކެވެ. ނުވަތަ އެދެކަން އެއްކުރައްވައިގެން ހުންނެވި ބޭކަލެކެވެ.

ޢިލްމު އުނގެނިވަޑައިގަތުން:

   އަބޫ ޙަނީފާ ބޮޑުފުޅުވީ ކޫފާގައެވެ. އެދުވަސްވަރު ކޫފާއަކީ، ޢިލްމީ ޙަރަކާތްތައް، ފުޅާ ދާއިރާއެއްގައި ކުރިއަރަމުން ދިޔަ ތަނެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އަބޫ ޙަނީފާ ވެސް، ޢިލްމުގެ ކޯރާ ދިމާއަށް ދަތުރު ކުރުމީ ޠަބީޢީ ކަމެކެވެ. އެންމެ ފުރަތަމަ އަބޫ ޙަނިފާ އުނގެނި ވަޑައިގެންނެވީ، ނަޙޫ ޢިލްމެވެ. ނުވަތަ ޢަރަބި ބަހުގެ ޢިލްމެވެ. ނަޙޫ ޢިލްމަކީ އިވޭ އަޑުތަކުގެ މައްޗަށް ބިނާވެފައިވާ ޢިލްމެވެ. މިގޮތުން، އަބޫ ޙަނީފާއަކީ ސިކުނޑިފުޅާއި ރައުޔު ބޭނުންކުރައްވާ ބޭކަލަކަށް ވުމާއި އެކު، އަންނަނިވި ކަލިމަތައް ޖަމަޢަކުރެއްވިއެވެ. އެއީ (كَلْب) (ކުއްތާ)، (كُلُوب) އަށް އަދި (قَلْب) (ހިތް)، (قُلُوب) ށެވެ. އަބޫ ޙަނީފާއަށް ދެންނެވުނެވެ. "ކޮންމެ ގޮތަކަށް އަޑު އިވުނު ކަމުގައި ވިޔަސް، (كَلْبُ)ގެ ޖަމްޢު އަކަށް ވާނީ (كِلاب) އެވެ.
   ނަޙޫގެ ޢިލްމަކީ، ޤިޔާސްނުކުރެވޭ ޢިލްމެއް ކަމަށް ވާތީ، ޢަރަބި ބަހުގެ ޢިލްމު ދޫކޮށްލެއްވުމަށްފަހު، ފިޤްހު ޢިލްމު އުނގެނި ވަޑައިގަތުމަށް ޤަޞްދުކުރެއްވިއެވެ.
   އަބޫ ޙަނީފާއަކީ، ފިޤްހު ޢިލްމު އުނގެނި ވަޑައިގެންނެވުމަށް ޤަޞްދުކުރެއްވީ، އެކަލޭގެފާނުގެ ސިކުނޑުފުޅު ޤަބޫލުކުރާ، ޤިޔާސް ޢިލްމަކަށް ފިޤްހު ޢިލްމު ވުމެވެ. ފިޤްހު ޢިލްމުގެ އިތުރުން، އަބޫ ޙަނީފާ ދެން އުނގެނިވިޑައިގެންނެވީ، ޢިލްމުލް ކަލާމެވެ. ޢިލްމުލް ކަލާމުން އަބޫ ޙަނީފާ ބައެއް ބަޙުޘްތައް ހެއްދެވިއެވެ. މިބަޙުޘްތަކުގެ ތެރޭގައި (الْفِقْه الْأكْبَر), (الرَّدّ عَلَي الْقدْرِيَّة) , (الْعَالِم وَالْمُتَعلّم) , (رِسَالَته إلي الْبستيّ) މިފަދަ ބަޙުޘްތައް ހިމެނެއެވެ.
   ބުނެވޭ ގޮތުގައި، އަބޫ ޙަނީފާ، ހަމައެކަނި ފިޤްހު ޢިލްމަށް ޚާއްޞަވެވަޑައިގެންނެވުމަށް މެދުވެރި ސަބަބަކީ، އެއްދުވަހަކު އަބޫ ޙަނީފާއާއި (الْإمَام الشَّعْبِيّ) އާއި ބައްދަލުވެ ވަޑައިގެން (الْإمَام الشَّعْبِيّ)، އެކަލޭގެފާާނުގެ މަޖިލީހުގައި އިށީނދެ ވަޑައިގެންނެވުމަށް، އަބޫ ޙަނީފާއަށް ދަޢުވަތު ދިނެވެ. (الْإمَام الشَّعْبِيّ) ވިދާޅުވިއެވެ. "ކަލޭގެފާނު ވަޑައިގެން އުޅުއްވަނީ ކޮން ބައެއްގެ ގާތަށްހެއްޔެވެ؟" މާނައަކީ ކަލޭގެފާނު ޢިލްމު އުނގެނި ވަޑައިގަތުމަށް ވަޑައިގަންނަވަނީ ކޮންކަހަލަ ޢިލްމުވެރިންގެ ގާތަށް ހެއްޔެވެ؟ އަބޫ ޙަނީފާ ޖަވާބުގައި ވިދާޅުވިއެވެ. "އަޅުގަނޑު ގޮސް އުޅެނީ ބާޒާރަށެވެ." (الْإمَام الشَّعْبِيّ) ވިދާޅުވިއެވެ. "ބާޒާރު މަތީ މީހުންނާއި ގުޅިގެން އުޅުއްވާ ގޮތަށް، ޢިލްމުވެރިންނާއި ގުޅިގެން ނޫޅުއްވަނީ ކީއްވެގެންތޯއެވެ؟" އަބޫ ޙަނީފާ ވިދާޅުވިއެވެ. "އަޅުގަނޑު އެމީހުންނާއި ގުޅިގެން އުޅެނީ ވަރަށް މަދުންނެވެ." (الْإمَام الشَّعْبِيّ) ވިދާޅުވިއެވެ. "ތިގޮތަަށް ކަންތައްތައް ނުކުރާށެވެ. ކަލޭގެފާނު ޢިލްމު އުނގެނި ވަޑައިގެން، ޢިލްމުވެރިންނާއި ގުޅިގެން އުޅުއްވާށެވެ. ކަލޭގެފާނަކީ، ވަރަށް ބުއްދިވެރި ހެއިލުންތެރި އަދި ހިތްއަލި ބޭކަލެއްކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ."
   (الْإمَام الشَّعْبِيّ) ގެ މިވާހަކަފުޅުގެ ސަބަބުން، ޢިލްމީ ފެންއާރުތަކުގެ ހިޔާވަހިކަން ހޯއްދަވައި، އެކަލޭގެފާނުގެ ނަޞީބު ވަޒަން ކުރައްވަން، އަބޫ ޙަނީފާ ޤަޞްދުކުރެއްވިއެވެ. އަދި (الْإمَام الشَّعْبِيّ) ގެ ބަސްފުޅަށް ޢަމަލުކުރެއްވުމުން، އަބޫ ޙަނީފާއަށް މާތް ސުބްޙާބަހޫ ވަތަޢާލާ ފައިދާ ކޮށްދެއްވިއެވެ.
   (شُعَيْب إبْن أيُّوب) ރިވާކުރެއްވިއެވެ. "(أبُو يَحيَ الْحِمَانِيّ) ، އަހަރެމެން ގާތު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު، އަބޫ ޙަނީފާ މިހެން ވިދާޅުވަނިކޮށް އަޑުއެއްސެވީމެވެ. "އެއްފަހަރަކު، ތިމަންކަލޭގެފާނު، ބިރުފުޅު ގަންނަވާލި ހުވަފެންފުޅެއް ފެނިވަޑައިގަތީމެވެ. ތިމަންކަލޭގެފާނަށް ފެނުނީ، ތިމަންކަލޭގެފާނު، ކީރިތި ރަސޫލާ ޞައްލަޢަލައިހި ވަސައްލަމަގެ ޤަބުރުފުޅު، ކޮންނަވަނިކޮށެވެ. ދެން ތިމަންކަލޭގެފާނު، ބަޞަރާއަށް ވަޑައިގަތީމެވެ. އަދި، މިހުވަފެންފުޅު ތަޢްބީރުކޮށްދެއްވުމަށް އެދި، (مُحَمَّد إبْن سِيرِين)އަރިހުގައި އެއްސެވުމަށް، މީހަކަށް އަމުރުފުޅުކުރެއްވީމެވެ. ދެން އެމީހާ ގޮސް، (مُحَمَّد إبْن سِيرِين) ގެ އަރިހުގައި ސުވާލުކުރެއްވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. "މިކަލޭގެފާނު، ކީރިތި ރަސޫލާ ޞައްލަޢަލައިހި ވަސައްލަމްގެ ހުރިހާ ރިވާޔަތްތަކެއް (ޙަދީޘްތަކެއް) ކޮންނަވަނީއެވެ."

( ނުނިމޭ )    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons