Tuesday, August 23, 2011

ނޫސްތަކުން ހަބަރު: ވިލާ ޓީވީގެ" އިޖްތިމާއީދަރު ބާރު."

الحمد لله , والصلاة على رسول الله وبعد!
ވީޓީވީއިން މިރަމަޟާންމަހު ގެންނެސްފައިވާ "އިޖްތިމާޢީ ދަރުބާރު" ކިޔާ ދަރުބާރެއްގައި ސުންނަތުގެ ކަންކަމަށް ކުޑައިމީސްކޮށް ވާހަކަދައްކާފައިވާތީ އެކަމާއި ވަރަށްގިނައަޚުން ކަންބޮޑުވުން ފާޅުކޮށް ފޯނުންނާއި، އެސް.އެމް.އެސް އިންނާއި އަދި ބައްދަލުކޮށްގެންވެސް އަޅުގަނޑަށް ސުޥާލުހުށައަޅަމުންދާތީ
އެވީޑިއޯ ބަލައިގެންނޫނީ ވަމުންދާގޮތެއް ނޭނގޭނެއޭ ޖަވާބުދެމުން ދަނިކޮށް، އެވީޑިއޯއިން ތަންކޮޅެއް ދިއިސްލާމް www.dhiislam.com}} ވެބްސައިޓުން ފެނުމުން އަޅުގަނޑު ހަމަ ޙައިރާންވެގެން ހިނގައްޖެއެވެ.

 މިތާ ލިޔެލާން މުހިއްމީ ދީނުގެމައްސަލައެއް ހުށައަޅައިދިނުމުގައި އުއްމަތުގެ ޢިލްމުވެރީންގެމައްޗަށް ބުހުތާނުދޮގު ހަދަމުން، ދީނުގެމައްސަލަތަކާއިމެދު ހިތުހުރިގޮތަކަށް ވާހަކަދައްކަމުން، ވަރަށް ފަށުވިކޮށް، އެހައިމެ ރީތިކޮށް، އަދި ކިޔަވައިގެން ތިއްބެވި ބައެއްބޭފުޅުންނަށްވެސް އޮޅިގެންދާނޭ ގޮތަކަށް ޕްރޮގްރާމްގައި ވާހަކަދެކެވިފައިވާތީ އެކަމެވެ.

މިދަރުބާރުގެ ބާވަތާއިމެދު ރާއްޖޭގައިތިބި ދީނަށް ލޯބިކުރާ ހަމައެކަކު ޙައިރާންވާން ޖެހޭނެއެކޭ އަޅުގަނޑެއް ނުބުނާނަމެވެ. ސަބަބަކީ ވަކި ޢިލްމުވެރިއަކަށް އެއްޒަމާނެއްގައި، ޤަޥުމެއްގެ އާރާއި، ބާރު، އަދި ދީނީ ބަސްބުނުމާއި، ލިޔުމާއި، ފަތުޥާ ދިނުމާއި، ޙުކުމް ތަންފީޛްކޮށް އެކަންކަމުގައި "ނުކިޔަމަންތެރީންނަށް" އަދަބުދިނުމުގެ ފުރިހަމަ އިޚްތިޔާރާއި، ބޮޑުފަނޑިޔާރުކަމާއި މިއެންމެހައި ކަމެއްއެއްކޮށް އެއްފަހަރާ ލިބިފައިވި ޤަޥުމެއްގެ ވެރިޔާނޫން ހަމައެއްވެސްބޭފުޅެއް އަލްއުސްތާޛް މުޙައްމަދު ރަޝީދު އިބްރާހީމް ނޫނީ އަޅުގަނޑަކަށް މުޅިދުނިޔޭގެ ތާރީޚަކުންވެސް އެނގިފައިނެތްއިރު، މިފަދަނާދިރު ހެޔޮފުރުޞަތެއްގައި ﷲ ދެއްވި ނިޢުމަތްތަކަށްބެލުމެއްނެތި، ދީނީގޮތުން ދިވެހިރާއްޖެ ބަރުބާދުކުރާންމަސައްކަތްކޮށް، މީސްތަކުންނަށް އެއުރެން ހިތުންރުހުމުން ބަލައިގަނެގެންތިބި ﷲ ގެ ދީން އޮޅުވައި، މުސްލިމް ޖީލުގެ ޢަޤީދާއާއި އަޚްލާޤާއި ތަޢުލީމު ސުންނާފަތިކޮށް، ދީނަށް ލޯބިކުރާ ފަރާތްތަކަށް ކުލަކުލައިގެ ޢަޛާބާއި އަހުވަދައްކައި، ދީނުގެ ތަޢުލީމުން ދިވެހިދަރީން މަޙްރޫމްކޮށް، ދީން އުނގެނުމުގެ އެންމެހައި މަގުތަކަށް ހުރަސްއަޅައި ބަންދުކޮށް، ޤަޥުމުގެ ފުލުހުންނާއި ސިފައިން ކިޔަމަންކޮށްގެން މާތްރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އިދިކޮޅަށް ހަނގުރާމަކުރުމުގެ މޭސްތިރިކަމުގައި މިދިވެހި ޤަޥުމުގައި ހުރިމީހަކު އިންނަދަރުބާރަކާއިމެދު ޙައިރާންވާންނުޖެހޭތީއެވެ. އަދި އެއީވެސް ސައްތައިންސައްތަ ޤަޥުމެއްގެ ގޮތުގައިއޮވެ، ޤަޥުމުގެ ރައްޔިތުންގެ ނޭނގުމާއި، ކިޔަމަންތެރިކަމާއިވެސް އެކީގައެވެ.

 ހުރިހާ ޤާނޫނަކާއި މުޅި މީޑިއާ ބޭނުންގޮތަކަށް އަތްދަށުގައި ބާއްވައިގެންނެވެ. މިފަދަ ދަރުބާރެއްގައި "އަލްޙަމްދު" ސޫރަތުގެ މާނަ ކިޔައިދޭން ބައިވެރިވުމަކީވެސް ޙަޤީޤަތުގައި ޖެހިލުންވާންޖެހޭނެކަމެވެ. މަޖްބޫރު ނާދިރުޙާލަތެއް މިއިންއިސްތިޘްނާ ކުރިއަސް ސީދާ އެކަމަށް ޕްރޮގްރާމް ހަދައިގެން ހިތުންރުހުމުން ބައިވެރިވެ، އަދި އެވާހަކަތަކާއި އެއްކޮޅަށް ޥަކާލާތުކުރުން މީ ތާރީޚްގައި ނުލިޔެވި ނުދާނޭކަމެކެވެ. ތާރީޚީ އަމާނަތަށްޓަކައި ލިޔެލަން މަޖްބޫރުވީއެވެ.
ذِكْرَى وَمَا كُنَّا ظَالِمِينَ

އަދި މިފަދައިން ވާހަކަދައްކަވާބޭފުޅުން ވާހަކަދައްކަވާއިރު ދީނުގެކަންކަން ކޮންމެގޮތަކަށް އޮޅުވައިލިޔަސް އެކަންދަންނާނެ ހަމައެކަކު ދިވެހިރާއްޖޭގައި ނުހުންނާނޭފަދަޔަކުން ވާހަކަދައްކަމުންގެންދާތީއެވެ. ހަމައެހެންމެ އެފަދަމަޤާމްތަކުން ފެންނަން ނޭދޭ މަންޒަރުތައްވެސް މިފަހަރު ފެނިފައިވާތީ އެކަމާއި ހިތާމަކުރާޙާލު ނަޞޭޙަތެއްގެގޮތުންނެވެ. ހަނދާންކޮށްދިނުމުން މުއުމިނުންނަށް މަންފާ ކުރާނެކަމުގައި ވެސް އަންގަވާފައިވާތީއެވެ. އަދި ދިވެހިރާއްޖޭގެ ކުރީގެ ޖީލުތަކުގައި މީސްތަކުންނަށް ޙައްޤު އޮޅިގެން ގޮސްފައިވާފަދައިން މި ޖީލުގައި އެކަން އެމަގުން ދާއިރު ބަޔާންނުކޮށްފިނަމަ އޭގެ ޛިއްމާ ބޮލުގައި އެޅިގެންދާނޭ އެއްފަރުދުގެ ޙައިޘިއްޔަތުންވެސްމެއެވެ. އަދި ޤިޔާމަތްދުވަހު ދީނުގެ މަސްއޫލިއްޔަތާއިމެދު ސުޥާލު ވެވޭނޭކަން އަމިއްލަޟަމީރު ޤަބޫލުކުރާތީއެވެ..

ފަހެ ވީޑިއޯއިން އެވާހަކަތައްއިވި، މަންޒަރުފެނުމުން އެދަރުބާރަކީ އެއީރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީހަމަނުޖެހުން އުފައްދައި، ސުންނަތްތައް ކަފުންކޮށް، ބިދްޢައާއި ޚުރާފާތްތަކަށް މަގުކޮށުމުގެ ރޭވުމުގެދަށުން ފަރުމާކުރެވިފައިވާ ދަރުބާރެއްކަން މުޅީންޔަޤީންކުރެވިއްޖެއެވެ. އަދި ދިވެހި މުސްލިމް ރައްޔިތުންނަށް އިސްލާމްދީން އޮޅުވައި، ދީނާއި ފެޔަށްގެންދާނޭފަދަ ގޮތަކަށް ކިއްސަރުކުރެވިފައިވާ ޕްރޮގްރާމެއްކަންވެސް ޤަބޫލުކުރަން މަޖްބޫރު ކޮއްފިއެވެ. ނަމަވެސް އެ ޕްރޮގްރާމް އެއްކޮށް ސައިޓުން ފެންނަންނެތުމުން، އެކަމާއި ހިތާމަކުރާޙާލު، ޕްރޮގްރާމް އެއްކޮށް ލިބޭނޭމަގެއްގެ އުއްމީދުގައި ވަމުންފަށަމެވެ.

އާދެ! އިސްލާމްދީނުގައިހުރި ޙުކުމްތަކާއިމެދު ބުހުތާނުދޮގު ފަތުރަމުންދާނަމަ އެކަން އެނގޭމީހުން ކަމުގެޙަޤީޤަތް ބަޔާންނުކުރުމީ އިސްލާމްދީނުގެ ޙައްޤާނިއްޔަތުކަން އުއްމަތުން ގެއްލި، ޙައްޤު ބާޠިލުކަމުގައިދެކެވި، ބާޠިލް ޙައްޤުގެގޮތުގައި ބަލައިގަނެވި، މީސްތަކުންގެހައިބަތު އިސްލާމްދީނުގެ ހައިބަތަށްވުރެ އެމީހުންގެކައިރީ ޤަދަރު އުފުލިފައިވާ އެއްޗެއްކަމުގައި ހަދައިގަތުމެވެ. ދީނަކީ އަމާނާތެކެވެ. ޢިލްމަކީ ވެސް އަމާނާތެކެވެ. އިސްލާމްދީނުގެ ހައިބަތަށް ވުރެ މީހެއްގެ ހައިބަތެއް ބޮޑެއް ނުވާނެއެވެ. އެހެންކަމުން "އިޖްތިމާޢީ ދަރުބާރުން" އަޅުގަނޑަށް ފެނުނުބައިގައިހުރި ބާޠިލާއި ޙައްޤުއޮޅުވައި ދެކެވިފައިވާ ވާހަކަތަކުގެޙަޤީޤަތް ބަޔާންކުރުމަށްޓަކައި އަޅުގަނޑުގެގަލަން ނެގުމަށް މަޖްބޫރުވީއެވެ. ސަބަބަކީ ޢިލްމަށް ނިސްބަތްވާމީހުން އޮޅުވާލައިގެން ދައްކާ މިފަދަ ވާހަކަތަކަކީ ދީނުގައި ޢާއްމުމީހުންގެ މަރްޖިޢުކަމުގައިވެ، ޙައްޤު ރައްދު ކުރުމުގައިވެސް ޙުއްޖަތެއްގެގޮތުގައި އެމީހުންގެ ދޫދޫ މަތީގައި ގެންގުޅޭ ދަލީލުކަމުގައި ހަދައިގެންތިބުމީ ރާއްޖޭގައި ކުރީންވެސް ހިނގަމުން އަންނަ ޘަޤާފަތެކެވެ.

 މިހާރުވެސް ކަން ހިނގަނީ ހަމަމިފަދަ ބީދަޔަކުންނެވެ. އޭގެމިޘާލަކަށް ޓެކްސްގެމައްސަލަ ފުދެއެވެ. ދީނުގެ މައްސަލައެއް ނުބައިކޮށްނަޤުލުވަމުން އެއީ ދީނުގެ އަޞްލުކަމުގައި ފެތުރެމުން އަންނައިރު ދަންނަ މީހުން އެކަންކަން ބަޔާންނުކޮށްތިބުމަކީ އެބަޔަކު ފާފަވެރިވާނޭކަމެއްކަން ހަނދާންކުރަންޖެހެއެވެ. ވީއިރު އެނގިފައިވާމިންވަރަކުން މި މައްސަލައިގެ ޙަޤީޤަތް ބަޔާންކުރަން ލާޒިމްވެއްޖެއެވެ. ޒިއްމާ ބަރީއަކޮށް، އަމާނާތް އަދާކުރުމުގެގޮތުންނެވެ. އެންމެހާ ޝަކްޥާ އެއް މާތްﷲ އަށް ދަންނަވާ ޙާލުގައެވެ. وبالله التوفيق . والله المستعان!

"
އިޖްތިމާޢީ ދަރުބާރުގެ" ހުށައެޅުންތަކުގައި.....

1.
ތުނބުޅި ބޭލުމަކީ ޙަރާމްކަމެއްކަމަށް އުއްމަތުގައި އިޖްމާޢު ނެތްކަމުގައި ތަކްރާރުކޮށް ހާމަކޮށްފައިވުން.
2.
ތުނބުޅިބޭލުމަކީ ޙަރާމްކަމެއްނޫންކަމަށް ކުރީގެޢިލްމުވެރީންވެސް ވިދާޅުވެފައިވާކަމަށް ދޭހަކޮށްދީފައިވުން.
3.
ތުނބުޅި ދިގުކުރުމަށް އަމުރުކުރައްވާފައިވާ ޙަދީޘްތައްހުއްޓައި އުއްމަތުގެޢިލްމުވެރީން މިކަމާއި ޚިލާފްވެފައިވަނީ ކީއްވެތޯއޭބުނެ އަމިއްލަޚިޔާލީ ސުޥާލެއް އުފައްދާފައިވުން.
4.
ރަސޫލާ صلى الله عليه وسلم އަކީ އެއީ ރަސޫލާކަމާއި، ނަބިއްޔާކަމާއި، މުދައްރިސް ކަމާއި މުރުޝިދުކަމުގައި ބަޔާންކޮށް މިހުރިހާ ޙާލަތެއްގައިވެސް ޢަރަބިބަހުގައި ބޭނުންކުރަނީ އަމުރަށް އެއްވައްތަރެއްގެ ޞީޣާއެއްކަމުގައި ހާމަކޮށް ޢަރަބިބަހަކީ އަމުރުނޫންގޮތަކަށް މީހަކާއި މުޚާޠަބްކުރާނެ ގޮތެއްނެތް ކޮރުބަހެއްކަމުގައި ދޭހަކޮށްދީފައިވުން! ކުރާށޭ! ބުނާށޭ! ކާށޭ! މިނޫން ގޮތަކަށް ލުއިކޮށްބުނާނެ އެއްވެސް ޞީޣާއެއް އަދި އުސްލޫބެއްވެސް ޢަރަބި ބަހުގައި ނެތްކަމުގައި ދައްކަން މަސައްކަތްކޮށްފައިވުން!
5.
އެއާއިއެކު ދޫފަސޭހަކަމަށް އަރައިހުންނެވި، ޝަރީޢަތްމީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ ޛިންމާ ޙަޥާލްކުރައްވައި، ފޮނުއްވިފައިވާ ރަސޫލާ صلى الله عليه وسلم އަކަށްވެސް މިނޫން ޞީޣާއެއް ބޭނުންކުރުމަށް އެނގިވަޑައިގަންނަވާފައި ނުވާކަން ދޭހަކޮށްދީފައިވުން.
6.
އިންސާނާގެ ބޭރުފުށާއި، މަޒްހަރާއި، ފޭރާމާއި، ލިބާހާ ގުޅިފައިހުރިކަމެއް ވެއްޖިއްޔާ އެ އަމުރަކުން ނަގާނީ އިރްޝާދުގެ މާނަކަމުގައިބުނެ، އެއްވެސްއުޞޫލްފިޤްހު ފޮތެއްގައި އަދި މިހާތަނަށް ޢިލްމުވެރީން ނިންމަވާފައި ގެންނަވާފައިވެސްނުވާ އަމިއްލަ ޤަޥާޢިދެއް އުފައްދާ ޢިލްމުވެރީންނަށް ނިސްބަތް ކޮށްފައިވުން.

މަތީގައި ލިޔެވިފައިއެވަނީ އެވީޑިއޯއަށް ބަލައިލީމާ ގާތްގަނޑަކަށް މީސްތަކުންނަށް ބޮޑަށް އޮޅޭނޭ ނުޤުތާތަށްކަމުގައި ފެންނާތީ، އެހެނިހެން ވާހަކަތަށް މިތާގައި ނުދައްކައި މިމިންވަރުން ކަމުގެ ޙަޤީޤަތް ހާމަވެގެންދާނެކަމުގައިދެކެ، ފާހަގަކޮށްލި ނުކުތާތަކެވެ. އެހެންނޫނީ ޢަރަބިބަހުގެ ފިޢުލުތައް ތިންބަޔަކަށް ބެހިފައިވާކަމާއި، އެއީ މާޟީއާއި، މުޟާރިއާއި، އަދި އަމުރު ކަމުގައި ބަޔާން ކޮށްދިނުމުގައިވެސް މިމައްސަލައިގައި އޮޅުވާލުން ހާމަވާން އެބަހުއްޓެވެ. ސަބަބަކީ ޢަރަބި ބަހުގައި މިތިންބައި އޮންނައިރު މީގެތެރެއިން އަމުރު އަދި އެތައްބަޔަކަށް ބެހިފައިވެއެވެ.

 އޭގެ ތެރޭގައި އަމުރުގެ ޞީޣާނޫން އެހެންޞީޣާތަކުން އަމުރުކަމަށް ދަލީލުކޮށްދޭ ކަލިމަތަކާއި، އަމުރުގެ ޞީޣާތަކުންވެސް ސީޣާގެ އަޞްލާ ޚިލާފަށް 10 އަކަށްވުރެގިނަ މާނައިގައި އަމުރުގެމާނަ ހުރިކަން ދަންނަންޖެހެއެވެ. އަދި هَلاَّ ނުވަތަ أَلاَ ފަދަ އަމުރުނޫން އެހެންނަމަވެސް ކުރުމަށް ބާރު އެޅޭފަދަ ޢިބާރާތްތަކާއި ކިތަންމެ، ކިތަންމެބަހެއްހުރިކަން މިއީ ޢަރަބިކިޔަވާ އާދައިގެ ޠޯލިބުޢިލްމަކަށްވެސް ވަންހަނާވާނޭ ކަމެއްނޫނެވެ. އަދި މިނޫނަސް أَفضَلُ ،خَيرٌ (އެންމެ ރަނގަޅު، ހެޔޮކަންބޮޑު.)ފަދަ ޢިބާރާތްތަކަކީ ޙަދީޘްތަކުގައި އައިސްފައިވާ، ދަންނަބޭކަލުންގެ މެދުގައި މަޝްހޫރު ޢިބާރާތްތަކެވެ.

މައްސަލައިގެ ޙަޤީޤަތް:

1.
ތުނބުޅިބޭލުމަކީ ޙަރާމްކަމެއްކަމަށް އުއްމަތުގެ ދަންނަބޭކަލުން އިޖްމާޢު ނަޤުލް ކުރައްވާފައިވާއިރު، އެކަމާއި ކުރީގެ އެއްވެސްޢިލްމުވެރިއަކު އިޢުތިރާޟް ކުރައްވާފައި ނުވާތާނގައި އެކަމަށްއޮތީ އިޤްރާރްވާކަމުގެ ބަޔާންތައް މުތަވާތިރުކޮށްލިޔެވިފައެވެ. އަދިކިއެއްތަ! ތުނބުޅިބޭލުން ޙަރާމްކަމާއިމެދުއޮތް އިޚްތިލާފެއް އުއްމަތުގެ އެއްވެސް މުޖްތަހިދަކު ފާހަގަކުރައްވާފައި އަމްދުންނުވެސްނެތެވެ. އެގޮތަށް ތުނބުޅީގެމައްސަލަ އިސްލާމީއުއްމަތަށް އޮޅުވައިލާން މަސައްކަތްކޮށްފައިވަނީ އިސްލާމީތާރީޚަށް 10 ޤަރުނަށްވުރެގިނަދުވަސްވީފަހުންނެވެ.

 ބުރުގާއިން އަންހެނުން މިނިވަންކުރުމުގެ ނަމުގައި محمد عبده އާއި جمال الدين الأفغان އާއި އެނޫންވެސް އޭރުގެ އެދުރުންގެ ތަރުޙީބު ދިނުމާއިއެކު ފަރަންސޭސް ވިލާތުން އިސްލާމީޢަޤީދާ މުސްލިމުންގެތެރެއިން ބަލިކަށިކޮށްލުމަށްޓަކައި ތައްޔާރުކޮށްފައި މިޞްރަށް 1899މ. ހައި ހިސާބުގައި ފޮނުވާފައިވާ قاسم أمين ކަހަލަ މީސްމީހުން ދީނަށް އެތެރެއިން ބޮޑެތި ޙަމަލަތަށް ކުރިމަތިކޮށްފައިވާ ދުވަސްވަރުގެ ފަހުންނެވެ. އާދެ ތާރީޚީގޮތުން އިސްލާމަކު ފުރަތަމަ ތުނބުޅި ބޭލިކަން އަޅުގަނޑަށް އަދިފެނިފައިވަނީ ދެވަނަބޮޑުހަނގުރާމައިގެވެސް ފަހުންނެވެ. والله أعلم

މާތް ނަބިއްޔާ صلى الله عليه وسلم ސުވަރުގެވަޑައިގެންނެވިފަހުން ތުނބުޅީގެ މަތިވެރިސުންނަތާއި ޢަމަލީގޮތުން އިދިކޮޅުހަދާފައިވަނީ ދާދި އިހަކަށްދުވަހުކަން މިއީ މިއަދު ދިވެހި އިސްލާމުން ކޮންމެހެން ދަންނަޖެހޭ މުހިއްމު ތާރީޚެކެވެ. ރާއްޖެއިސްލާމުން މިލިޔުން ފެނުމަށްފަހު ދެން މީގެފަހުން މިތާރީޚް އޮޅިގެން އެއްވެސްބޭފުޅަކު ނޫޅުއްވުމަކީ އެމީހާގެ ކިޔުންތެރިކަމާއިމެދު ދެންއަންނާންތިބީން ސުވާލު ނުކުރާނެކަމެކެވެ.

ދެންފަހެ! ތުނބުޅީގެމައްސަލަ އިސްލާމީއުއްމަތަށް އޮޅުވައިލާން މަސައްކަތްކޮށްފައިވަނީ އިސްލާމީތާރީޚަށް 10 ޤަރުނަށްވުރެ ގިނަދުވަސްވީފަހުންނެވެ. އާދެ! ރީތިބަހުންނަމަ 1000 އެއްހާސް އަހަރުފުރި ނިމުނުފަހުންނެވެ. ބުރުގާއިން އަންހެނުން މިނިވަންކުރުމުގެނަމުގައި محمد عبده އާއި جمال الدين الأفغان އާއި އެނޫންވެސް އޭރުގެމުސްތަޝްރިޤުން ( ދީން ހުޅަނގުބޭނުންވާގޮތަށް ބައްޓަންކުރާ މީހުން) ތަރުޙީބު ދިނުމާއިއެކު ފަރަންސޭސްވިލާތުން އިސްލާމީޢަޤީދާ މުސްލިމުންގެތެރެއިން ބަލިކަށިކޮށްލުމަށްޓަކައި ތައްޔާރުކޮށްފައި މިޞްރަށް 1899މ. ހައި ހިސާބުގައި ފޮނުވާފައިވާ قاسم أمين ކަހަލަ މީސްމީހުން ދީނަށް އެތެރެއިން ބޮޑެތިޙަމަލަތަށް ކުރިމަތިކޮށްފައިވާ ދުވަސްވަރުގެފަހުންނެވެ.


 އާދެ! ތާރީޚީގޮތުން އިސްލާމަކު ފުރަތަމަ ތުނބުޅިބޭލިކަން ހާމަވެފައިވާދުވަސްވަރެވެ. އެއީ އަޅުގަނޑުމެންގެކާފަ ދުނިޔޭގައި ހުންނަވަނިކޮށް އިހަކަށްދުވަހު މީގެ ގާތްގަނޑަކަށް 112 އަހަރު ކުރިންނެވެ. ހައިރާންވެ ނުލައްވާށެވެ. އެއީ ދެވަނަބޮޑުހަނގުރާމައިގެ ފަހުންނެވެ. އާދެ! ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށެވެ. ދިވެހިގޮތުން ނަމަ އަމީންދީދީގެ ދައުރުގައެވެ. މިހިސާބުން އުފެދޭސުވާލަކީ އޭގެކުރިން ވޭތުވެދިޔަ 1000 އަހަރު ނުވަތަ ފުރަތަމަ ދިހަޤަރުނުގައި އެއްވެސްމީހަކު ތުނބުޅިނުބާލާ ވާހަކައާއި އެއީ އެޒަމާނުގައި ކޮށްފައިނުވާކަމެއްކަން މިހާރުގެ ތުނބުޅި ބާލާހިތްވާ މުސްތަޝްރިޤުން ނުދައްކަނީ ކީއްވެތޯއެވެ؟ މިސުވާލު އެފަދަ މަކަރުވެރިންނާއި ކޮށްލަމެވެ. އަދި ކިޔުންތެރިންވެސް ކޮށްލާށެވެ.


ތުނބުޅިބޭލުމަކީ ޙަރާމްކަމެއްކަމަށް އިސްލާމީ އުއްމަތުގެ ބޮޑެތި ކިތަންމެ ބޭކަލުންނެއްވަނީ ޞަރީޙަކޮށް ބަޔާންކޮށް އިޖްމާޢު ނަޤުލް ކުރައްވާފައެވެ. އަދި ޖުމްލަކޮށްވެސް އެކަންވަނީ އެކި މޭރުމުން އުއްމަތުގެ ދަންނަބޭކަލުން ބަޔާންކުރައްވާފައެވެ. އަދި މިބޭކަލުންނާ އެޒަމާންތަކުގައި މިމައްސަލައިގައި ޚިލާފްވީ ހަމައެއްވެސް ޢިލްމުވެރިއަކު އުޅުއްވިކަމެއް ފެންނާކަށްނެތެވެ.

ބައެއް މިޘާލު:

ފިރިހެނުން އެކީއެކައްޗަކަށް ތުނބުޅި ބޭލުމަކީ ސިފަ ބަދަލުކުރުމެއްކަމާއި، ޙަރާމްކަމެއްކަމުގައި މުޅިއިސްލާމީއުއްމަތް އިއްތިފާޤުވެފައިވާކަމަށް އަލްއިމާމް އިބްނުޙަޒަމް (އުފަންވެފައިވަނީ ހިޖްރައިން 384 ގައެވެ. ނިޔާވީ 456ގައެވެ. ސްޕޭންގެ ޢިލްމުވެރިއާ) އެކަލޭގެފާނުގެ مراتب الإجماع " ގައިވަނީ ނަޤުލުކުރައްވާފައެވެ.

-
ޝައިޚުލްއިސްލާމް އަލްޙާފިޡް އިބްނު ތައިމިއްޔާ ( ދިމިޝްޤުގެ ޢިލްމުވެރިޔެއް- ނިޔާވެފައި ވަނީ 738 ގައި) الاختيارات" ގައި ވިދާޅުވެފައިވެއެވެ. " يحرم حلق اللحية للأحاديث الصحيحة , ولم يُبِحْهُ أَحَدٌ " މާނައީ" ތުނބުޅި ބޭލުން ؛ ޞައްޙަ ހަދީޘްތަކުގެ މައްޗަށް ބިނާކޮށް ޙަރާންވެގެން ވެއެވެ. އަދި އެކަން ހަމައެކަކު ހުއްދަކޮށްފައި ނެތްމެއެވެ."

-
އަދިވެސް ހަމައެފަދައިން އެބަހުގެމައްޗަށް އަލްޙާފިޡް އިބްނު ކަޘީރު (ދިމިޝްޤުގެ ޢިލްމުވެރިއެއް- ޝާފިޢީމަޛްހަބަށް ނިސްބަތްވާ މަޝްހޫރު މުފައްސިރު- ނިޔާވެފައި ވަނީ774 ގައި) ވެސް ވިދާޅުވެފައިވަނީ އެއީ އިޖްމާޢިން ޙަރާމްކަމެއްކަމުގައެވެ.
-
އަދި ވެސް ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ شرح العمدة (1/236) ގައި ވިދާޅުވެފައިވަނީ އެއީ ޙަރާމްކުރެވިފައިވާ ޚަލްޤުބަދަލުކުރުމުގެ ތެރެއިންވާކަމެއް ކަމުގައެވެ.

-
الشيخ علي محفوظ (މިޞްރުގެ ބޭކަލެއް- ނިޔާވީ 1361) " الإبداع ": ގައި މާލިކީ މަޛްހަބުގެ ދަންނަބޭކަލުންގެބަހަކީވެސް ތުނބުޅިބޭލުމަކީ ޙަރާމްވެގެންވާ ކަމެއްކަމުގައި ލިއުއްވާފައިވެއެވެ. އަދިކޮށުންވެސް ޚަލްޤުބަދަލުވެގެންދާނަމަ ހަމައެފަދައެވެ.

-
الدسوقي المالكي ވެސް މިފަދައިން ނަޤުލްކުރައްވާފައިވެއެވެ.
-
الإمام أبو الحسين بن القطان " الإقناع في مسائل الإجماع " (2/3953) ގައި ވިދާޅެވެއެވެ. :" واتفقوا أن حلق اللحية مثلة لا تجوز " މާނާއީ " ތުނބުޅިބޭލުމަކީ ހުއްދަނޫން ޚަލްޤުބަދަލުކުރުމުގެ (ގުނަވަނެއްބުރިކޮށް ލުމުގެ) ތެރެއިންވާކަމެއްކަމުގައި އެބޭކަލުން އިއްތިފާޤުވެލައްވާފައި ވެއެވެ.

-
ނޯޓް: މީހެއްގެ ތުނބުޅި ނުފަޅާނެހެން ބާލައި ނައްތާލައިފިނަމަ އިސްލާމީޝަރީޢަތުގައި އިންސާނެއްގެ މަރުގެދިޔަ ދޭންޖެހޭކަމުގައި ފިޤުހުވެރީން ވާހަކަދައްކަވާފައިވުމަކީވެސް މިމައްސަލާގައި ވާހަކަދައްކަވާބޭފުޅުން ޢިބްރަތްލިބިގަންނަންޖެހޭކަމެކެވެ.

-
ތުނބުޅިބޭލުން އެއްވެސްމީހަކު ހުއްދަކޮށްފައިނުވާކަމުގައި އިބްނުތައިމިއްޔާ ވިދާޅުވެފައިވާގޮތަށް العلامةُ ابن الهمام (ޙަނަފީމަޛްހަބްގެ މަޝްހޫރު އިމާމެއް- މިޞްރުގެ ޤާހިރާއަށް ނިސްބަތްވެލައްވާ –ނިޔާވީ 861ހ. ގައި)ވަނީ ވިދާޅުވެފައެވެ.
-
އަދި ޙަނަފީ މަޛްހަބްގެ އެންމެހައި ފިޤްހުފޮތެއްގައިވެސް މިބަސް ހަމަ މިހެން ނަޤްލުކުރައްވާފައިވެއެވެ. އޭގެތެރޭގައި المرغياني - ނިޔާވީ593هـ - ލިއުއްވާފައިވާ ޙަނަފީ މަޛްހަބްގެ އެންމެމަޝްހޫރު ފޮތް الهداية ،އަދި الحصفكي ލިއުއްވާފައިވާ الدر المختار ، އަދި ابن نجيم ގެ البحر الرائق ފަދަ ފޮތްތަކާއި އެނޫންފޮތްތަކުގައެވެ.

-
الشيخ محمود خطاب ވެސް المنهل العذب المورود ގައި ވިދާޅުވެފައިވެއެވެ.: " އިސްލާމީ އުއްމަތުގެ މުޖްތަހިދުންކަމުގައިވާ އަބޫޙަނީފާ، މާލިކު، ޝާފިޢީ، އަދި އަޙްމަދު މި އެންމެބޭކަލުންގެ ކައިރީވެސް ތުނބުޅިބޭލުންވަނީ ޙަރާމްކަމެއް ކަމުގައެވެ.

-
الشيخ أحْمَدُ بْنُ قَاسِم العَبَّادِي ـ ޝާފިޢީ މަޛްހަބުގެ ނަންހިނގާބޭކަލެއް ـ الإمَامَ الشَّافِعِيُّ އެކަލޭގެފާނު ލިއުއްވި މަޝްހޫރު ފޮތް الأُمّ ގައިވެސް ތުނބުޅިބޭލުން ޙަރާމްކަމުގައި ވިދާޅުވެފައިވާކަމުގައި حَاشِيَةِ الكَافِيَة އާއި ޙާޥާލާދެއްވާ ލިއުއްވާފައި ވެއެވެ. 
-
އަދި الإمَام الزرْكَشِيُّ އާއި القَفَّالُ އާއި އަދި الحُلَيْمِيُّ ވެސް ތުނބުޅިބޭލުމަކީ ޙަރާމްކަމެއްކަމުގައި ގެންނަވާފައިވެއެވެ.

-
އަދި الإمَام القُرْطُبِيُّ المفهم ގައި ވިދާޅުވެފައިވެއެވެ.: ( لاَ يَجُوزُ حَلْقُهَا ولا قَصُّهُا ولاَ نَتْفُهُا ) މާނައީ" ތުނބުޅިބޭލުމާއި، ކޮށުމާއި، އަދި އުފުރުންވެސް ޖާއިޒްވެގެން ނުވެއެވެ." މިއީހައްތާވެސް ޝާފިޢީމަޛްހަބްގެ ބޮޑެތިބޮޑެތި ޢާލިމުންނެވެ. އަދި މަޝްހޫރު الإمام الغزالي އާއި الإمام الزبيدي އާއި الإمام العراقي ފަދަ ޝާފިޢީ މަޛްހަބްގެ ނަންހިނގާ އެންމެހާ ބޭކަލުންވެސް ޞަރީޙަ ޢިބާރާތުން މިކަންމިގޮތަށްވަނީ ބަޔާންކުރައްވާފައެވެ.

އަދިވެސް:-
-
الإمام النووي (676ހ. ގައި ނިޔާވި- މިއީ ޝާފިޢީ ގެފާނަށްފަހު އެމަޛްހަބްގައި އެންމެ ބޮޑު އެންމެމުޢުތަބަރު އިމާމެވެ.) އާއި الحافظ ابن حجر العسقلاني( 852 ހ. ނިޔާވި) ހަމަ މިބީދައިން ވިދާޅުވެ ލިއުއްވާފައިވެއެވެ. އަދި މިބޭބޭފުޅުންގެ އަރިހުގައި ކޮށުންވެސްގޯހެވެ. ނަވަވީގެއަރިހުން އިބްނު ޙަޖަރު ނަޤުލުކުރައްވާފައިވާބަސް ބައްލަވާށެވެ. الْمُخْتَارُ تَرْكُهَا عَلَى حَالِهَا ، وَأَنْ لاَ يُتَعَرَّضَ لَهَا بِتَقْصِيرٍ وَلاَ غَيْرِهِ " މާނައީ "މީގައި އިޚްތިޔާރުކުރެވޭގޮތަކީ ތުނބުޅި ހުރިގޮތަށްދޫކޮށްލުމެވެ. އަދި ކޮށަންވިއަސް އެނޫންގޮތަކަށްވިއަސް ތުނބުޅިއާއި ހުށައޮޅި ނުގަތުމެވެ."

-
އަދިވެސް މާލިކާއި ޝާފިޢީ ދެ މަޛްހަބްގައިވެސް އަރައިހުންނެވި، އަދި ޙަދީޘް ޢިލްމުގައިވެސް ފުންނާބުއުސް الإمام العلامة ابن دقيق العيد (702ހ. ނިޔާވީ) ވިދާޅުވެފައިވަނީ ރަސޫލާ صلى الله عليه وسلم "ތުނބުޅި ދޫކޮށްލާށޭ!" މިހެންކުރައްވާފައިވާ އަމްރުން ތުނބުޅި ފިލައިގެންދާނެހެން ގޮތެއްހަދައި ކުރުކުރާން ވިސްނިފައިވި ހަމައެއްވެސްބޭކަލަކު ހުރިކަމެއް ތިމަންނާއަކު ނުދެނެހުރީމެވެ.

-
މިހެން ނަޤްލު ކުރާންވެއްޖެނަމަ އެތައްޥަޤުތެއް އެކަމަށްހޭދަވިއަސް އެވަރުއޮންނާނީ މަދުވެފައެވެ. ޖުމްލަކޮށްބުނާނަމަ މިއާއިޚިލާފަށް (އެބަހީ ތުނބުޅި ބޭލުމަކީ ޙަލާލް ކަމެއްކަމަށް) އެއްވެސް ޢިލްމުވެރިޔަކު ވިދާޅުވެފައި ނުވެއެވެ. އޮތްކަމަށްވިދާޅުވާ މީހަކު އެގޮތަށް ވިދާޅުވެފައިވާ ޢިލްމުވެރިޔަކާއި، ވިދާޅުވެފައިވާ ފޮތަކާއި ޙަޥާލާދެއްވަން ޖެހޭނެއެވެ.


 އަދި އެ ޢިލްމުވެރިޔަކީ ތުނބުޅިބޭލުން ޙަރާމްކަމަށް އިޖްމާޢު ނަޤްލުކުރައްވާފައިވާ އިސްވެދިޔަ ބޭކަލުންނަށްވުރެ ޒަމާނުގެގޮތުން ކުރީގެ، ނުވަތަ އެއްޒަމާނެއްގެ ބޭކަލެއްކަމުގައި ވާންޖެހޭނެއެވެ. ދީނުގެ ޢިލްމުވެރީންގެގޮތުގައިތިއްބަވައި، ހަމަކޮންމެމީހަކު އެމީހަކު ހިތަށްއެރިހާ ގޮތަކަށް އެއްވެސް އުޞޫލެއްނެތި ވާހަކަދައްކާންވެއްޖެނަމަ ދީނޭނުކިޔަކަސް ބޭނުންކޮންމެދޮގެއް ހެދޭން އޮންނާނެއެވެ. ދެންތިބީންނަކީވެސް ކޮންމެސް ބައެއްކަމަށްދެކި، އެމީހުންގެފަރާތަށް އެއްވެސްއިޙްތިރާމެއް އޮތްނަމަ މިފަދަޔަކުން ވާހަކަދައްކާނެއެކޭ ހިތެއްނުބުނެއެވެ.


 ޚާއްޞަކޮށް ކީރިތިރަސޫލާ صلى الله عليه وسلم ގެ ސުންނަތަށްލޯބިކުރެވޭތޯ ވީވަރަކުން މަސައްކަތްކުރަމުންދާ ތިމާގެ އަޚުންނާއިމެދުގައެވެ. ހަމައެއާއިއެކު މިބާވަތުގެއަމިއްލަ ރައުޔުތަކަށް އަނެކުން އިޙްތިރާމް ނުކޮށްގެން ކަންބޮޑުވެ، އެކަމާއި ފާޑުކިޔައި، އެއްޗެހި ކިޔަނީވެސް ހަމަ މިބައިމީހުންނެވެ. ހަމަޔާއި އިންސާފަކީ ވަކިފަރާތަކަށް ޚާއްޞައެއްޗެއްނޫންކަން ދަންނަންޖެހެއެވެ.

މާތް ﷲ ޥަޙީކުރައްވާފައިވެއެވެ.
"
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا" މާނައީ "އަދި ކަލެއަށް އެކަމަކާއިމެދު ޢިލްމެއް ނެތްކަމަކާއި ވާހަކަދައްކައި ނުހަދާށެވެ. އެހެނީ އިވުމާއި، ފެނުމާއި، އަދި ހިތަކީވެސް އެތަކެއްޗާއިމެދު ކަނޑައެޅިގެން ސުޥާލުވެވޭނޭ ތަކެއްޗެވެ."

އިސްވެދިޔަ ނަޤުލުތަކުން ވަރަށްސާފުކޮށް 2ވަނަ ނުޤުތާއާއި 3ވަނަ ނުޤުތާގެޖަވާބު އޮންނާނީ ލިބިފައެވެ. ވީމާ ކުރުކޮށްލަމެވެ.

މިދެނުޤުތާގައި :-
1-
ޢަރަބި ބަހަކީ އަމުރު ނޫންގޮތަކަށް މުޚާޠަބުކުރުމަށް ޞީޣާއެއްނެތް ބަހެއްކަމުގައި ހާމަ ކޮށްފައިވުން. މިއީ ޢަރަބިބަހުގެ ހަޤީޤަތް އެހެންޏާ ނުދަންނަ، ނޫނިއްޔާ ޤަޞްދުގައި އޮޅުވާލަން ބުނެވީއްލައިފާވާ ބަހެއްނޫން މާނައެއް އަޅުގަނޑަކަށްކުރެވޭކަށް މިފަހަރަކުނެތެވެ.

ސަބަބަކީ ޢަރަބިބަހަށްވުރެތަނަވަސް، ބަލާޣާތްތެރި، މުއްސަނދިބަހެއް ދުނިޔެއަކަށް އުފަންވެފައިނެތްކަމީ ހުރިހާބަހުގެއަހުލުވެރީންނަށް ޤަބޫލުކުރަން މަޖްބޫރުކޮށްފައިވާކަމެކެވެ. އޭގެ ކުޑަހެތްކަކަށް އެކައްޗަށްކިޔާ 40 އަށްވުރެ ނުވަތަ 60 އަށްވުރެގިނަ ނަން ޢަރަބިބަހުގައި ހުންނަކަންފުދެއެވެ. އެގޮތުން ބަހުގެމާހިރެއްކަމުގައިވާ ފައިރޫޒް އާބާދީ ޢަރަބިބަހުން މާމުޔަށް ކިޔާ ނަންތައް އެއްފޮތެއްގައި ޖަމަޢަކޮށް 80 އަށްވުރެގިނަ ނަން ޖަމަޢަކޮށް އަދިއެއީ އެއްކޮށް ނޫންކަން ބަޔާންކުރައްވާފައި ވަކިފޮތެއް ތަޞްނީފު ކުރައްވާފައިވެއެވެ. އަޅުގަނޑުމެނަށް މިއުޅެނީ ދިވެހިބަހުގައި އެންމެގިނަ ތަރާދުފުންވެސް 10 ބަހަށްވުރެ މައްޗަށް ނުފޯރައިގެންނެވެ.

2-
އިސްވެދިޔަ ނުޤުތާއާސް ވުރެ ނުރައްކާތެރި މައްސަލަޔަކީ ދުނިޔެއަށްއުފަން ޢަރަބިބަހުގައި އެންމެ ދޫފަޞޭޙަކަމަށް މަޝްހޫރު ޤުރައިޝް ވަންހައިގެ ސާޙިބާއަކީ އަމުރުގެ ސީޣާއަށްވުރެލުއި ޢިބާރާތަކުން މީސްތަކުންނާއި މުޚާޠަބުކުރާން އެނގިލައްވާފައިވާ ބޭކަލެއްކަމުގައި ހަދައިފާ ނުވުމެވެ. މިއީކިހާ ބާޠިލް، އަދި އުއްމަތުގެ ނަބިއްޔާއާއިމެދު ބުނުން އެއްފަރާތުގައި ބާއްވާފައި ހީކުރުންވެސް ކިހާނުބައިކަންބޮޑު ވާހަކައެއްތޯއެވެ. والله عليم بذات الصدور.

6-
ދެން އޮތީ ހަވަނަ ނުޤުތާއެވެ. އެއީ އިންސާނާގެ ބޭރުފުށާއި، މަޒްހަރާއި، ފޭރާމާއި، ލިބާހާ ގުޅިފައިހުރި ކަމެއްވެއްޖިއްޔާ އެއަމުރަކުންނަގާނީ އިރްޝާދުގެ މާނަކަމުގައި ބުނެފައިވުމެވެ. މިޤަޥާޢިދަކީ ކުރީންވެސް ދެންނެވިފަދައިން ދޮރުގެ ދެކަނި ތަންމިނަށް ހުޅުވާލެވިފައިވާހެން ފިޤްހުފޮތެއްގައިއޮތް ވާހަކައެއްނޫނެވެ. ދީނުގައިހުރި ޢަޤީދާއާއި އަޅުކަންފަދަ ކަންކަންނޫން ހުރިހާ އަމުރަކީ (އަމްރުގައި ނަހީއަމުރު ވެސް ހިމެނޭގޮތަށް) އިރުޝާދުގެ މާނާގައިކަމުގައި ކަނޑައަޅުއްވާ އުޞޫލެއް މިހާތަނަށް އެއްވެސް ފިޤްހުވެރިޔަކު ބަޔާންކޮށްފައިއޮއްވާ ފެންނާކަށްނެތެވެ.


 އަދި އެއްވެސް އުޞޫލްފިޤުހު ފޮތަކުވެސް އޮތީކީނޫނެވެ. މިހާރަކަށްއައިސް ޝަލްތޫތުމެންކަހަލަ މީހަކު މިބާވަތުގެ ޝާޛް ޤަޥާޢިދު ނުއުފައްދާނެއެކޭ ނޫނެވެ. މޫނުމަތީގެ ޒީނަތާއި، މަޒްހަރާއި، ބޭރުފުށާއިގުޅިފައިވާ ކަންތައްތަކުގެތެރެއިން އަންހެނުން ކަޅުތިލަ ތޮރުފުމާއި، ދަތް ފޭކުރުމާއި، ބުމައިން އިސްތަށި އުފުރުން ޙަރާމް ކަމެއްކަމުގައި ފިޤުވެރީން ފަތުވާދެއްވާފައިވެއެވެ. އެއީ ޙަދީޘްފުޅުގައި އެކަންކަމާއި މެދު ނަހީއޮތުމާއި ލަޢުނަތް އޮތުމުންނެވެ.

ޙަރާމް ހިމެނިގެންދަނީ ޥާޖިބުގެ އިދިކޮޅުންނެވެ. ވާޖިބު އެއީޢާއްމުގޮތެއްގައި އަމުރުން އަންނަކަމެކެވެ. މިއީ ތަފާތުއުސްލޫބުތަކެވެ. އިޒާރު ނުވަތަ އަންނައުނުގެ ފައިކުރި ތަބިކަށީން ފިރިހެނުން ތިރިކުމަކީވެސް ނަރަކައިގެޥަޢީދު އައިސްފައިވާކަމެކެވެ. އަދި މަޙްރަމުންނާއި ފިރީންގެ ކުރިމަތީފިޔަވައި އަންހެނުންގެޒީނަތް ފާޅުނުކުރުމަށް އައިސްފައިވާ އަމްރުންވެސް ޢިލްމުވެރިން ވިސްނަވާފައިހުރީ އިރުޝާދެއްނޫންމެއެވެ. އަދި ތަކަހޮޅީގެއަޑު ނީއްވުމަށްވާ އަމުރުވެސް ހަމަމިފަދައެވެ.

ނިންމާލަމުން ފާހަގަކޮށްލާންއޮތީ ތުނބުޅި ބާލައިގެން ހުންނަމީހަކީ ކާފަރެއްކަމަށް ފަތުވާދޭ މީހުން އުޅޭކަމަށް "އިޖްތިމާޢީ ދަރުބާރު" ގައި ދޮގުއިލްޒާމް ހާމަ ކުރިއަސް ގަދަކީރިތިވަންތަ ﷲ ގެ ޢަދްލުވެރިދަރުބާރުގައި ހުރިހާ ސިއްރުތަކެއް ކަޝްފުވެގެންދާނެކަން ހަނދުމަ ނައްތައިނުލައްވާށެވެ. އާދެ! ތުނބުޅިބާލައިފިމީހާ ކާފަރުވާނެއޭ ވިދާޅުވެ ފަތުވައިދެއްވި ޢިލްމުވެރިއަކު ދިވެހިރާއްޖޭގައި އަދި މިވީހާތަނަށް އުޅެފައިނެތެވެ.


 އަދި ސުންނަތަށްލޯބި ކުރާ ކުއްޖަކުވެސް އެހެން ބުނެފައި ނޯންނާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ. ވީމާ ސުންނަތާއި ސުންނަތަށް ލޯބިކުރާ ފަރާތްތަކުގެ އަގުވައްޓާލުމަށް ޙަޤީޤަތާއިޚިލާފު ދޮގުވާހަކަ ދެއްކުން ހުއްޓާލައި، މާތްﷲ އަށް ބިރުވެރިވުމަށް، އެދަރުބާރުގައި ވާހަކަދެއްކެވި އެންމެހައި ފަރާތްތަކަށް އަހަރެން ނަޞޭޙަތްތެރިވަމެވެ. ނުބައިވާހަކަދައްކައި، ބާޠިލް ފަތުރާ މަޤާމެއްގައި އެވާހަކަތަކަށް ރުހި، އިންކާރުނުކޮށް އިންނަމީހާވެސް ބައިވެރިވީ މީހަކުކަމުގައިނޫނީ ނުބެލެވޭ ހުއްޓެވެ.

އިންސާނުންނަކީ ކުށްކުރަމުންދާ ބައެކެވެ. ފާފަވެސް ކުރެވޭނެތެވެ. ކުށްކުރެވުމުން އަވަހަށް ތަޥުބާއަށް އަވަސްވެގަންނައަޅުންދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. ނަމަވެސް ތިމާމެން ކުށެއްކުރާހާފަހަރަކު އެކުށަކީ ރަނގަޅުކަމެއްކަމުގައިހަދައި މީސްތަކުންނަށް އެއީ ހެޔޮކަމެއްކަމުގައި ދައްކަން އުޅުމީ އެއަށްވުރެ ބޮޑުކުށެކެވެ. އަދި އެއީ އުއްމަތުގެ ޙައްޤުގައި ކުރެވޭ ޚިޔާނާތެއްވެސްމެއެވެ. ދުޢާއަކީ އަޅުގަނޑުމެނަށް ހިދާޔަތްދައްކަވައި، އެމަގުގައި ޘާބިތުވެ، މަރުވެދިޔުމުގެ ތަޥުފީޤް މާތް ﷲ އަޅުގަނޑުމެން އެންމެނަށްދެއްވުމެވެ.

ޚުލާޞާ ކަލާމް:
1)
ތުނބުޅިބޭލުމަކީ ޙަރާމްކަމެއްކަމަށް އިސްލާމީ އުއްމަތުގެކުރީގެ މުޖްތަހިދުން އިޖްމާޢު ވެލައްވާފައިވާކަން. އަދި އެބޭކަލުންނާއި ޚިލާފްވީ މީހަކު އޭގެ ކުރީންވެސް އަދި އެއް ޒަމާނަކުވެސް އަދި މުޢުތަބަރު މުޖްތަހިދި ފިޤްހުވެޜިންގެ ޒަމާނަކުވެސް ފެންނާން ނެތްކަން.
2)
އުއްމަތުގެ ކުރީގެ ޢިލްމުވެރީން އިޖްމާޢުވެފައި އޮއްވާ މާފަހުން އަންނަ އެއްވެސްމީހަކަށް އެއަށް އިޢުތިރާޒްކޮށް މުގުރައިލުމުގެ ޙައްޤު އިސްލާމީފިޤްހުގައި ނެތްކަން.
3)
މުށަކަށްވުރެ ކުރު ވާ ވަރަށް ކޮށުންވެސް ކުރީގެ އެއްވެސް ޢިލްމުވެރިއަކު ހުއްދަކޮށްފައި އޮތްކަން އިސްލާމީތާރީޚުން ފެންނަން ނެތުން.
4)
މުށަކަށްވުރެ ދިގުވެއްޖެނަމަ ޙައްޖާއި ޢުމްރާގައި ކޮށޭނެތޯ ނުވަތަ ޢާއްމުކޮށްވިއަސް ކޮށޭނެތޯ ނުވަތަ އެޙާލަތުގައިވެސް ނުކޮށޭނެތޯ މީ އުއްމަތުގައި ޚިލާފްހުރި ހިސާބު ހިސާބެވެ.

ވީމާ މިޒަމާނުގެމީހުން މިދާއިރާތަކުގައި ތަޙްޤީޤްކޮށް ދަލީލްތަކުގެ އަލީގައި ބަޙުޘްކޮށްހެދުމީ ބަލައިގަނެވޭނޭކަމެކެވެ. ނަމަވެސް އެދާއިރާ ފަހަނަޅައިގޮސް އުއްމަތުގެ ޢިލްމުވެރީންނޭ ކިޔައިގެން ތާރީޚީގޮތުން ޞައްޙަކޮށް ފެންނާންނެތްވާހަކަތަށް ހަދަހަދައިގެން ދެއްކުމީ ޝަރުޢީ ޢިލްމާއި، މުޅި އިސްލާމީ އުއްމަތަށް ކުރެވޭ ޚިޔާނާތެކެވެ. އަޅުގަނޑުމެންނީ އަމާނާތްތެރީންކަމުގައި މާތް ﷲ ލައްވާށި!


އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް



0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons