Saturday, August 27, 2011

ހަސަދަވެރިވުމާއި އީބަބުނުން.



ރޯދަވެރިޔާ، ރޯދައިގެ ވަޤުތުތަކުގައި، ކެއުން ބުއިމުން ދުރުހެލިވެ ހުންނަ ފަދައިން، 

މާތްﷲ ޙަރާމް ކުރައްވައިފައިވާ އެންމެހައި ކަންތައްތަކުން އެއްކިބާވެ ހުންނަންޖެހެއެވެ. އަދި ރޯދައަށް ހުންނަ ހުރުމުގައި، ދުރުހެލިވާންޖެހޭ ކަންތައްތަކުން، ދުރުހެލިނުވާނަމަ، ހަމަ އެކަނި ނުކައި ނުބޮއެ ހުރުމުގެ ބޭނުމެއް ނެތެވެ. އެހެނީ، ކީރިތި ރަސޫލާގެ ބަސްފުޅުތަކުން، އެނގޭ ގޮތުގައި، މާތްﷲ ނަހީ ކުރައްވައިފައިވާ އެންމެހައި ކަންތައްތަކުން ދުރުހެލިނުވެ، ރޯދަވެރިޔާއަށް ބަނޑުހައި ހޫނުކަމާއި، ކަރުހިއްކުން ނޫން އެހެން ކަމެއް ނެތެވެ. އަދި އެފަދަ މީހާގެ ރޯދަ، މާތްﷲ، ޤަބޫލު ނުކުރައްވާނެތެވެ.


ވީމާ، ރޯދަވެރިޔާﷲ ޙަރާމްކުރައްވައި ފައިވާ، އެންމެހައި ކަންތައްތަކުން، ދުރުހެލިވެ ރައްކާތެރި ވާންޖެހެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމީ، އަޅުގަނޑުމެން، އާދައިގެ ކަމެކޭ ހިތާ ކުރަމުން ދާ ކަންކަމެވެ. އެހެނަސް، ޙަޤީޤަތަށް ބަލައިފިނަމަ، އެކަންކަމީ އޭގެ ސަބަބުން، ތިމާ ކުރާ ހުރިހާ ހެޔޮކަމެއް ނެތިކޮށް، ބަރުބާދުކޮށްލުމަށް، މެދުވެރިވާ ސަބަބަކަށްވެއެވެ. މިގޮތުން، އަޅުގަނޑު މެންނަށް ކުރެވޭ ނުބައި ކަންތައްތަކުގެ ތެރޭގައި ޙަސަދަވެރިވުމާއި، ޣީބަ ބުނުމާއި، ދޮގުހެދުން ހިމެނެއެވެ.


ޙަސަދަވެރިކަން، ހެޔޮ ޢަމަލުތައް ބަރުބާދުކޮށްލައެވެ.
ޙަސަދަވެރިކަމަކީ، މީހެއްގެ މުއްސަނދިކަން ނުވަތަ މަތިވެރި މަޤާމް ފެނިފައި، އެކަމާ ކަންބޮޑުވުމެވެ. އަދި، އޭނާގެ އެމުދާވެރިކަމާއި، ޢިއްޒަތާއި، މަތިވެރި މަޤާމް އޭނާގެ ބަދަލުގައި، ތިމާއަށް ލިބުމަށް އެދުމެވެ. އަދި އެމަތިވެރިކަމާއި، ޢިއްޒަތްތެރިކަން ނުލިބުނަސް އެންމެ ކުޑަވެގެން، އޭނާ އެކަންތައްތަކުން މަޙްރޫމުވުމަށް އެދުމެވެ. މިފަދަ ޚިޔާލުތަކަކީ، އިންސާނާގެ ގޮތެއް ނެތްކަމާއި، ޖާހިލުކަމުގެ މައްޗަށް ދަލީލުކުރާ ކަމެކެވެ.
އަދި އޭގެ ސަބަބުން، އިންސާނާ، ޙަސަދަވެރިކަމުގެ އަލިފާނުގައި، އަމިއްލައަށް އަނދައަނދާ ހުރެއެވެ. އަދި ދެއަތް އުރާލައިގެން، އޭނާއަށް ނުވެސް އިނދެވެއެވެ. އޭނާގެ އަޚާއާއި މެދު ނުބައި ރޭވުންތައް ރާވާ، އޭނާގެ ޢިއްޒަތާއި މާޤާމު ފޭރިގަންނާނެ ގޮތެއްގެ ތަދުބީރުތައް ކުރަން ފަށައެވެ. އަދި އޭނާގެ އެ ނަޖިސް ޚިޔާލުތަކާއި ފިކުރުތަކަށް، ޢަމަލީ ޞިފަގެންނާން، ކޮންމެ ގޮތެއްގައި ނަމަވެސް އޭނާ ބޭނުންވެއެވެ. އަދި އެންމެފަހުން، އިންސާނެއްގެ ކަރާމަތާއި ޝަރަފާ ޚިލާފު، ދަށް ޢަމަލުތައް، އޭނާގެ ކިބައިން ފެނިގެން ދެއެވެ. އިންސާނަކު ނުކުރުން އެކަށީގެން ނުވާ ފަދަ ޙަރަކާތްތައް އޭނާއަށް ކުރެވެއެވެ.

އެމީހެއްގެ މައްޗަށް މާތްﷲ ގެ ޚާއްޞަ ރަޙްމަތާއި އޯގާތެރިކަމުން، މަތިވެރިކަމެއް ދެއްވާފައިވާ ކޮންމެ މީހަކާ، ނުނިޔަތްލައި، ޙަސަދަވެރިވާނެ ބަޔަކު ތިބެއެވެ. އަދި އެފަދަ މީހުން އެ ޙަސަދަވެރިވަނީ، އޭނާގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. ﷲ، އޭނާއަށް މަތިވެރިކަމެއް ދެއްވާފައިވާތީ، އެކަމާ ހިތްހަމަ ނުޖެހެނީއެވެ.

ޙަސަދަވެރިކަމަކީ، އިންސާނީ މުޢާޝިރާގައި ފެތުރިފައިވާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ޙަސަދަވެރިކަމުގެ ސަބަބުން، އުފެދިގެންދާ ފިތުނަ ފަސާދަތަކާއި، ހަމަނުޖެހުންތައް ވަރަށް ގިނައެވެ. ދުނިޔެ ފެށުނީއްސުރެ، މިއަދާއި ހަމައަށް ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ކުށްތަކަކީ، ޙަސަދަވެރިކަމުގެ ނަތީޖާއެވެ.

އެހެނީ ޝައިޠާނާ، އާދަމްގެފާނަށްވުރެ ނިކަމެތި ވެދާނެތީ، ﷲގެ އަމުރުފުޅާއި ޚިލާފުވެ، އާދަމުގެފާނަށް ސަޖިދަނުކުރުމުން، ﷲގެ ރަޙްމަތުގެ ދާއިރާއިން ލަޢުނަތް ލެއްވިގެންވާ ޙާލުގައި ބޭރުކޮށްލެވުނެވެ. އަދި މާތްﷲ، އޭނާއަށް ނަރަކައިގެ ދާއިމީ ޢަޛާބު ދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގަތެވެ. 
އެހެން ކަމުން، އޭނާ އެކަމުގެ ބަދަލު، އާދަމުގެ ދަރީންގެ ކިބައިން ހިފުމަށް ނިންމިއެވެ. މިގޮތުން، އަބަދުވެސް، އިންސާނީ މުޢާޝިރާ ފަސާދަކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ޖައްސާ، ކުށްކުރުމަށް ޝައިޠާނާ ވަސްވާސް ދެއެވެ. އިންސާނާ މަގު ފުރައްދައެވެ. މިޙަސަދައިގެ ނަތީޖާއެއްގެ ގޮތުން، ބިންމަތީގައި، ހިނގި ފުރަތަމަ ޤަތުލު ކަމުގައި ވެގެން ދިޔައީ، އާދަމުގެފާނުގެ އެއްބޭފުޅަކު އަނެއް ބޭފުޅަކު ޤަތުލު ކޮށްލުމެވެ. ޤާބިލު، އޭނާގެ ކޮއްކޮ، ހާބިލު ޤަތުލު ކޮށްލުމެވެ.

ޙަސަދައިގެ ނުބައިކަމާއި، ގެއްލުމުގެ ބޮޑުކަން، ބަޔާން ކޮށްދެއްވަމުން، ލޮބުވެތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ކުރީގެ އުއްމަތްތަކުގެ ބަލި، ތިޔަބައިމީހުންނަށް ވާރުތަކޮށްފިއެވެ. އެއީ ޙަސަދަ ވެރިކަމެވެ. އެކަމަކީ، ތިޔަބައިމީހުންގެ ދީން ނެތިކޮށް، ތިޔަބައިމީހުންގެ ހިތްތަކުން، އީމާންތެރިކަން ލުހެ އުކާލާ ކަމެކެވެ. އެފަރާތެއްގެ ބާރުގެ ދަށުގައި، ތިމަންކަލޭގެފާނުގެ ހަށިގަނޑާއި، ފުރާނަވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން، މުއުމިނުންކަމުގައި ނުވާހާ ހިނދަކު، ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމިހުން، އެކަކު އަނެކަކާއި އެކުވެރި ރަޙްމަތްތެރި ކަމުގެ ގުޅުން، ނުގުޅޭހާ ހިނދަކު، ތިޔަބައިމީހުން އީމާންވީ ކަމުގައި ނުވާނެއެވެ."

އިންސާނާ، ޙަސަދަވެރިވާއިރު، އިންސާނިއްޔަތުގެ ހުރިހާ އުޞޫލުތަކެއް މުގުރާލައެވެ. ޙައިވަނިއްޔަތާއި، ޝައިޠާނިއްޔަތުގެ އުޞޫލުތަކުގައި ހިފައެވެ. ޙަސަދަވެރި އިންސާނާ، އޭނާގެ ހިތުގައި އޮންނަ ޙަސަދަވެރިކަމުން، ގެއްލުން ދެނީ، ހަމައެކަނި އެހެން މީހުންނަކަށް ނޫނެވެ. އަމިއްލަ ނަފުސަށްވެސް، ގެއްލުމާއި ހަލާކުގެ ސަބަބަކަށް، އޭނާ ވެގެން ދެއެވެ. މިހެންވެ، ބުނެވެނީ، ޙަސަދައަކީ، އަލިފާން ދަރުކާ ފަދައިން، އިންސާނާގެ އީމާންކަން، (ހެޔޮ ޢަމަލުތައް) ކާލާ އެއްޗެކެވެ. 
މި ބަރަކާތްތެރި މައްސަރުގައި، އަޅުގަނޑުމެން، މިސުންޕާ ބަލިން ސަލާމަތްވުމަށް، މަސައްކަތްކުރަން ޖެހެއެވެ. އަދި، މިވަބާއިން ސަލާމަތް ނުވެވިއްޖެނަމަ، އަޅުގަނޑުމެން ހިފާ ރޯދައާއި، ކުރާ އަޅުކަމުގެ އެއްވެސް މަންފާއެއް، އަޅުގަނޑުމެންނަކަށް ނުކުރާނެއެވެ.

ޙަސަދަވެރިޔާ ކުރާ އެއްވެސް ޢަމަލެއްގައި، އިޚްލާޞްތެރިކަމެއް ނުހުންނާނެއެވެ. އޭނާގެ ހުރިހާ ވިސްނުމަކާއި ފިކުރެއް ހުންނާނީ، އެހެން މީހުންނަށް ގެއްލުން ދިނުމަށް އަމާޒު ކުރެވިފައިއެވެ. އެހެންކަމުން އޭނާއަކީ، މުޖުތަމަޢަށް، އެއްވެސް ޙައިސިއްޔަތަކުން، ފައިދާ ހުރި މީހެއްކަމުގައި ނުވާނެއެވެ. އޭނާ ކުރާ ކޮންމެ ކަމެއްވެސް ކުރާނީ، އެހެން މީހުންނަށް ދެއްކުމަށެވެ. އޭނާ ކުރާ ކަންތަކާއު މެދު، މީހުންގެ ހިތްތަކުގައި، އަހައްމިއްޔަތުކަން އުފެދޭތޯއެވެ. މިފަދަ މީހުންގެ އަޞްލު މަޤްޞަދު، ވަރަށް ނުބައިވާނެއެވެ. އަބަދުވެސް މަސައްކަތްކުރަނީ، ކޮންމެވެސް މީހަކަށް ލަނޑެއް ދެވޭތޯއެވެ.

ޙަސަދަވެރިންގެ ދިރިއުޅުމުގައި، ހަރުދަނާ މަޤްޞަދު ތަކެއްގެ މައްޗަށް ބިނާކޮށް، އެއްވެސް ކަމެއް ނުކުރާނެއެވެ. ހުރިހާ ކަމެއްވެސް އަމާޒުކުރަނީ، ކޮންމެވެސް މީހަކަށް ލަނޑެއް ދިނުމުގެ މައްޗަށެވެ މިހެންކަމުން، އޭނާގެ ވިސްނުމާއި ފިކުރު، ހަށިގަނޑުގެ ބާރާއި ކުޅަދާނަކަން، ގެއްލުވާލަނީ ބޭކާރު ކަންކަމުގައެވެ. 

ޣީބަބުނުމާއި ދޮގު ހެދުމުގެ ނުބައިކަން

ޣީބަ ބުނުމާއި ދޮގު ހެދުމަކީ، އިންސާނާގެ ގުނަވަންތަކުގެ ތެރެއިން، އެންމެ މުހިއްމު އެއް ގުނަވަން ކަމުގައިވާ، ދުލުން ކުރެވޭ ނުބައިކަން ބޮޑު ޢަމަލެކެވެ. މިގޮތުން، ދުލަކީ، ވަރަށް ފައިދާ ބޮޑު، އަދި ހަމަ އެހާއްމެ ނުރައްކާތެރި ގެއްލުންވެސް ބޮޑު ގުނަވަނެކެވެ. ދުލުގެ ބޭނުން ހެޔޮގޮތުގައި ނުކުރެވިއްޖެނަމަ، އިންސާނާއަށް، ކިތަންމެ ބޮޑު ގެއްލުމެއްވެސް، ދުލުގެ ސަބަބުން ލިބިދާނެއެވެ.

ދުލުން ބުނެވޭ އެންމެ ދެ ޖުމުލައިން، އިންސާނަކަށް އިސްލާމް ދީނަށް ވަދެވެއެވެ. ހަމަ އެހެންމެ، ދުލުން ބުނެވޭ އެންމެ ބަހަކުންވެސް، އޭނާ މުރުތައްދުވެ، ދީނުން ބޭރުވެގެން ހިނގައިދާނެއެވެ. ދުލަކީ، ﷲ ދެއްވާފައިވާ ގުނަވަންތަކުގެ ތެރެއިން، އިންސާނާގެ އެންމެ އަގުބޮޑު އެއް ގުނަވަނެވެ.

ދުލަކީ، ކަނޑިއަށްވުރެ ތޫނު، ޒަހަރަށްވުރެ ވިހަގަދަ އެއްޗެކެވެ. ދުލުން، މީހަކާއި ދިމާލަށް ބުނާ އެންމެ ބަހަކުންވެސް، އޭނާގެ މުޅި ޢުމުރުގައި، އޭގެ ތަދާއި، ވޭން އިޙްސާސްކުރަން ޖެހިދެއެވެ. ދުލުން ކޮށްލެވޭ ޒަޚަމަކަށް، ބޭހެއްވެސް ނޯވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((أَتَدْرُوْنَ مَا الْغِيْبَة؟)) މާނައަކީ: " ޣީބައަކީ ކޮން އެއްޗެއްކަން ތިޔަބައި މީހުންނަށް އެނގޭ ހެއްޔެވެ! އެހިނދު ޞަޙާބީން ދެންނެވިއެވެ. قاَلُوْا الله وَرَسُوْلُهُأَعْلَمْ، " "އެންމެ މޮޅަށް ދެނެ ވޮޑިގަންނަވަނީ ﷲއާއި އެކަލާނގެ ރަސޫލާއެވެ." ރަސޫލާ ޙަދީސް ކުރެއްވިއެވެ.

قال((ذِكْرُكَ أَخَاَك بِمَا يَكْرَه)) "އެއީ ތިބާގެ އަޚާ ނުރުހޭވާހަކަ ދެއްކުމެވެ." قِيْلِ إِنْ كَاَن فِيْ أَخِيْ مَا أَقُوْلُ؟ޞަޙާބީން ސުވާލު ދެއްނެވިއެވެ! "ތިމަންމެން ބުނާސިފަތައް އެމީހެއްގެ ކިބައިގައި ހުންނަނަމަ ހުއްދަވާނެތޯއެވެ؟"ހަދީސް ކުރެއްވިއެވެ. ((إِنْ كَانَ فِيْهِ مَا تَقُوْلُ فَقَدْ اِغْتَبَته ، وَإِنْ لَمْ يَكُنْ فِيْهِ مَا تَقُوْلُ فَقَدْ بَهَتَّه))"އެމީހެއްގެ ކިބައިގައި އެސިފައެއް ވާނަމަ އެއީ ޣީބައެވެ. އަދި އެސިފައެއް އެމީހެއްގެ ކިބައިގައި ވާނަމަ އެއީ ބުހުތާން ދޮގެވެ." (رواه أبو داود)

ވަޙީކުރައްވަނީ (وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚوَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ تَوَّابٌ رَّحِيمٌ (الحجرات/12) . މާނައަކީ " އަދި އެއްބަޔަކު އަނެއްބަޔަކަށް غيبةނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((كُلُّ المُسْلِمِ عَلَى المُسْلِمِ حَرَامٌدَمُهُ وَعِرْضُهُ وَمَالُهُ))(رواه البخاري ومسلم) . މާނައަކީ؛ " ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ މައްޗަށް ޙަރާމް ވެގެންވާ އެއްޗެކެވެ. ލެއާއި އަބުރާއި މުދާވެސްމެއެވެ." މިބާބުގައި އިސްތިދުލާލު ކުރެވޭ އާޔަތްތަކާއި ޙަދީސްފުޅުތައް ނުހަނު ގިނައެވެ. ވީމާ ﷲ އަށް ބިރުވެތިވެ މިކަމުން ދުރުވެ ތައުބާ ވާންވީއެވެ.

މިހުރިހާ ކަމެއްވެސް މިއަދު ލައިގަންނަނީ އެކަމުގެ ބޮޑުކަމާއި ފާފަ ތަސައްވުރު ނުކުރެވޭތީއެވެ. ﷲ ގެ ވަޙީއޭ ބުނުމުން ނުވަތަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސޭ ބުނުމުން ހިތްތަކުގައި ހިނގަންޖެހޭވަރަށް ބިރުވެތިކަން ނުހިނގާތީއެވެ. ތިމާގެ ހުސްވަގުތުތަށް ބޭކާރު ގޮތުގައި ނަގާލައި ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާ ފަދަ ލިޔުންތަކާއި މަޖައްލާތައް ކިޔުމުގައި އިހުމާލުވާތީ މިކަންތައް މިގޮތަށް ދިމާވަނީއެވެ.

މިއަދު ތިމަމާމެން ހިތުހުރިގޮތަކަށް ދުނިޔޭގެ ދުވަސްތައް، ގިނަވެގެން 80 ވަރަކަށް އަހަރު މިދުނިޔެ މަތީގައި ހޭދަކޮށްފައި، ނިމުމެއްނުވާ ޙަޔާތުގައި ﷲ ތަޢާލާއާއި ދަރުބާރަށް ޙަޒިރުކުރެވޭ ދުވަހު ޖަވާބުދާރީވާނީ ކޮންފަދަ ގޮތަކަށްތޯ ހިތަށް ގެނެސްބަލާށެވެ.

ޣީބަ ބުނުމުގެ ބަލީގެ ފަރުވާ
· ޣީބަ ބުނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ކޯފާޔާއި ޢަޒާބު ހައްޤުވާ ކަމެއްކަން ދަނެ ﷲއަށް ބިރުވެތިވުން.

·
ޣީބަ ބުނާ މީހާގެ ހެޔޮ ޢަމަލުތައް ޣީބަ ރައްދުވާ މީހާއަށް ލިބޭނެކަން ދަނެ އެކަމަށް ބިރުހީވުން. އަދި ޣީބަ ބުނާ މީހާގެ ހެޔޮކަމެއް ނުވާނަމަ ޣީބަ ރައްދުވާ މީހާގެ ނުބައި ޢަމަލުތަށް ޣީބަ ބުނާމީހާއަށް ލިބޭނެކަން ދަނެގަތުން.

·
ތިމާގެ ދުލުން އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ތިމާގެ އުނިކަން ދަނެ އެކަން އިޞްލާހު ކުރުމަށް މަސަކަތް ކުރުން.

·
ތިމާގެ ދުލުން އެހެންމީހުންގެ ވާހަކަ ދައްކާއިރު ތިމާގެ ވާހަކަ ދައްކާ ފަޟީހަތް ކުރާނެ ކިތައް ދޫ ވާކަން ވިސްނައިގަތުން.

ޣީބަބުނުމުގައި ހުއްދަވާ ޙާލަތްތަކެއްވާކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތެވެ. އެހެންނަމަވެސް ހުއްދަވާހިސާބު އެއީ ޚިލާފުހުރިކަމެކެވެ. އަދި އެއީ ވަރަށް ނާޒުކު ހިސާބެކެވެ. ތިމާގެ ހަވާނަފްސަށް އެކަން ކުރުމަކީ ފަހަރެއްގައިވެސް ހުއްދަ ކަމެއްނޫނެވެ.
ވެބްސައިޓަކުން ނުވަތަ އިންޓަރ ނެޓް ބޭނުން ކޮށްގެން ތިމާއަށް ލިބޭ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އެފަދަކަންކަމަށް ޙުކުމް ކަނޑައެޅުމަކީ މުޖުތަމަޢު ހަމައިން ނެއްޓި ފިތުނަ ފަސާދަވެދާނެ ކަމެކެވެ. ވީމާ ﷲއަށް ބިރުވެތި ވުން ހައްގު ގޮތުގައި އެކަލާނގެ އަށް ބިރުވެތި ވާންވީއެވެ.

ޣީބަ ބުނުން ހުއްދަވާ ޙާލަތްތައް

·
އަނިޔާ ލިބިފައިވާ މީހާ އޭނާއަށް އަނިޔާކުރި މީހާގެ ވާހަކަ ބަޔާން ކުރުން. މިސާލަކަށް އޭނަ ތިމަންނައަށް މިވެނި އެވެނި ކަމެއް ކުރިޔޭ ބުނުން.

·
މުންކަރާތެއް މަނާކުރުމުގައި އެހީތެރިކަން ހޯދުމުގައި އެ މުންކަރާތެއް ބަޔާން ކުރުން. މިސާލަކަށް މަސާޖު ޕާލާއެއް ހިންގާ ބައެއްގެ ވާހަކަ ފުލުހުންނަށް ކިޔައިދިނުން.

·
ފަތުވާ ހޯދުމުގައި. މިސާލަކަށް ތިމާގެ ބައްޕް ނުވަތަ ބޭބެ ތިމާޔަށް މިވެނި ގޮތަކަށް ހަދައިފިޔޭ. އަދި މިބާބުގައި ޙަދީސް ޢިލްމުވެރިން ރާވީންނާއި ބެހެގޮތުން ހަނދާންބަލި މީހެކޭ ނުވަތަ ދޮގުހަދާ މީހެކޭ ބުނުން. މިއީވެސް ޣީބަ ބުނުމުގައި ޢިލްމުވެރިން ހުއްދަ ކުރައްވާ ޙާލަތެކެވެ.

·
ނުބައި ކަމަކަށް މުސްލިމުން ދިޔަނުދިނުދިޔުމަށްޓަކައި ސަމާލުކަމަށް ގެނައުން. މިސާލަކަށް ބިދުޢަވެރި ނުވަތަ ލާދީނީ ފިކުރުގެ މީހެއްގެ ކިބައިން މުސްލިމުން ސަމާލު ކުރުން. މިޙާލަތުގައި އިސްވެ ދެންނެވުނު ފަދައިން ތިމާގެ ހަވާނަފްސަށް ތަބާވެ މީސްތަކުން ބިދުޢަވެރި ނުކުރެވޭނެއެވެ.

·
ޢާއްމުކޮށް ފިތުނަ ފަސާދަ އުފެދޭ ކަންތައް ކުރާމީހުންގެ ވާހަކަ ބަޔާން ކުރުން.

·
ބަޔަކަށް މީހަކު ބުނެދިނުމުގައި ކޮރު މީހެކޭ، ކުރުމީހެކޭ، ދިގު މީހެކޭ ބުނުން. މިބަޔާން ކުރުމުގެ މަޤްސަދަކީ އެމީހާ ދެރަކޮށް ނިކަމެތިކޮށްލުން ކަމުގައި ވެގެން ނުވާނެއެވެ.
أبُو سَعِيْد الْخُدْرِيّ رَضِيَ اللهُ عَنه) ރިވާ ކުރައްވައިފައިވާ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "އިންސާނާ، ހެނދުނު ތެދުވާއިރު، ކޮންމެ ދުވަހަކުވެސް އޭނާގެ ހުރިހާ ގުނަވަންތަކެއް، ދުލުގެ ކިބައިން އާދޭސްކޮށްފައި، ﷲއަށް ބިރުވެތިވެވުމަށް އެދޭނެއެވެ. އަދި ބުނާނެއެވެ. "އޭ ދުލާއެވެ. ތިބާ އަހަރެމެންގެ ޚިޔާލު ކުރައްޗެވެ. އެހެނީ، ތިބާ ސީދަ ވެއްޖެނަމަ، އަހަރެމެންވެސް ސީދާވާނެއެވެ. އަދި ތިބާ ނުސީދާކޮށް ދާނަމަ، އަހަރެމެންނަށްވެސް ދެވޭނީ ނުސީދާ ކޮށެވެ."

سُفْيَان إبْن عَبْد الله الثَّقَفِيّ ރިވާ ކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު، ކީރިތި ރަސޫލާއަށް ދެންނެވީމެވެ. "ތިމަންކަލޭގެފާނަށް އެންމެ ނުރައްކާތެރި އެއްޗެއް ކަމުގައި، އެކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކޮން އެއްޗެއްތޯއެވެ؟" އެހިނދު، ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ދޫފުޅުގައި، އަތްޕުޅު ޖައްސަވާފައި، ޙަދީޘްފުޅުކުރެއްވިއެވެ.

عُقْبَة إبْن عَامِرގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު، ލޮބުވެތި ރަސޫލާގެ އަރިހަށް އައިސް ދެންނެވީމެވެ. "މުޞީބާތްތަކުން ސަލާމަތްވުމުގެ މަގަކީ ކޮބައިތޯއެވެ؟" އެހިނދު، ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިބާގެ ދޫ ކޮންޓްރޯލުކުރާށެވެ. އަދި ގިނަވަޤުތު ގޭގައި މަޑު ކުރެވޭތޯ ބަލާށެވެ. އަދި ތިބާއަށް ކުރެވޭ އެކިއެކި ކުށްތަކާއިމެދު، ހިތާމަކޮށް ދެރަވާން ދަސްކުރާށެވެ.""

ކީރިތި ރަސޫލާ، މަޖިލިސްތަކުގައި އިންނަވާއިރު، ގިނަ ވަޤުތު ހަނު ހުންނަވާ ކަމުގައިވެއެވެ. (سَماك) ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނު، (جَابِر إبْن سَمرَة رَضِيَ الله عَنْه) އާއި ސުވާލު ކުރެއްވީމެވެ. "ކަލޭގެފާނު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަގެ މަޖިލިސްތަކުގައި، ބައިވެރިވެ ވަޑައިގަންނަވަމުތޯއެވެ؟" (جَابِر إبْن سَمرَة رَضِيَ الله عَنْه) ވިދާޅުވިއެވެ. "އާނއެކެވެ. ކީރިތި ރަސޫލާއަކީ، މަޖިލިސްތަކުގައި އިންނަވާއިރު، ގިނަ ވަޤުތު ހަނު އިންނަވާ ބޭކަލެކެވެ."
أبُو مَالِك الْأشْجَعِيِّ، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވައެވެ. "ތިމަން ކަލޭގެފާނުމެން، ލޮބުވެތި ރަސޫލާގެ މަޖިލިސްތަކަށް ޙާޟިރުވެ އުޅެމުއެވެ. އެދުވަސްވަރު، ތިމަންކަލޭގެފާނު މެންނަކީ ޒުވާނުންނެވެ.
ތިމަން ކަލޭގެފާނުމެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވުރެ މަޑުމައިތިރި އެއްވެސް މީހަކު ނުދެކެމެވެ. އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން، އެބޭކަލުންގެ މެދުގައި ވާހަކަ ދައްކަމުން ދާއިރު، ވަރަށް ގިނަ ވާހަކަތައް ދައްކައެވެ. އަދި ކީރިތި ރަސޫލާ، އަޑު އައްސަވާފައި ހިނިވަރުނަ ކުރައްވައެވެ."

ދޮގުހެދުމަކީ، އެހެންމީހުންނަށް ލަޢުނަތް ލެއްވުމަށް އެދުމާއި، ހަޑިހުތުރު އެއްޗެތި ކިޔުމާއި، ޣީބަ ބުނުމާއި، ދެބަ އޮޑުވުމާއި، މީހުންނަށް މަލާމަތް ކުރުމާއި، ދޮގު ހުވާ ކުރުމާއި، ދޮގުހެކި ދިނުމާއި، އެހެން މީހުން ހެއްވުމަށްޓަކައި ހަދަހަދައިގެން ވާހަކަތަކެއް ދެއްކުމާއި، ދޮގު ތަޢުރީފު ކުރުމާއި، މުސްލިމަކަށް ކާފިރެކޭ ބުނުމާއި، އަދި މީހެއްގެ މުޞީބަތާތުގެ މައްޗަށް އުފާ ފާޅުކުރުމާއި، މިނޫންވެސް މިފަދަ ހުރިހާ ކަމަކީ، ދުލުގެ އާފާތް ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދުލުން ކުރެވޭ ފާފަ ތަކެވެ. މިފަދަ އެންމެހައި ކަންކަމުން ސަލާމަތްވެ ހުރުމަކީ، ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި މިކަން ކަމުން ސަލާމަތް ނުވެވިއްޖެނަމަ، އެކަންކަން އޭނާ ބަރުބާދުކޮށް ހަލާކު ކޮށްލާނެކަން ކަށަވަރެވެ.

ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ. "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ދަންނާށެވެ! ފަހެ، އޭނާ ވާހަކަ ދައްކާނަމަ، ރަނގަޅު ވާހަކަ ދައްކާ ހުށިކަމެވެ. ނޫންނަމަ، މަޑުމައިތިރިވާ ހުށިކަމެވެ." (ބުޚާރީ، މުސްލިމް)
ދޫ ރައްކާތެރި ކުރުމަކީ، ވަރަށް ބޭނުންތެރިކަމެކެވެ. ކީރިތި ރަސޫލާ، ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އަޅަކު، ﷲގެ ރުހިވަޑައިގަތުން ލިބުމުގެ އުއްމީދުގައި ބުނާ ކުޑަކުޑަ ބަހަކުން، ﷲ، އޭނާއަށް ވަރަށް މުހިއްމު ދަރަޖަ ދެއްވައެވެ. އަދި ބައެއް ފަހަރަށް، އޭނާ ނުވިސްނާ ބުނެލާ، ﷲ ރުހިވޮޑިގެންނުވާ އެންމެ ބަހެއްގެ ސަބަބުން، ނަރަކައަށް ވެއްޓިގެން ދެއެވެ." (ބުޚާރީ)

ޢަލީގެފާނު ވިދާޅުވެފައިވެއެވެ. "ދުލަކީ، މީހާގެ މުޅި ހަށިގަނޑު އިޞްލާހުކުރާ އެއްޗެކެވެ. ދޫ ރަނގަޅަށް ހުރެއްޖެނަމަ، އެހެން ގުނަވަންތައް ހުންނާނީ ރަނގަޅަށެވެ. އަދި ދޫ ގޯސްވެއްޖެނަމަ، ދުލުގެ މައްޗަށް ބާރު ނުފޯރުވިއްޖެނަމަ، އެހެން ގުނަވަންތައްވެސް، އޭނާގެ ކޮންޓުރޯލުން ނެއްޓިގެން ދެއެވެ."

أبُو الدّرداء ވިދާޅުވެފައިވެއެވެ. "ތިޔަބައިމީހުން ވާހަކަ ދައްކަން ދައްކުރާ ފަދައިން، މަޑު މައިތިރިކޮށް ތިބެންވެސް ދަސްކުރާށެވެ. އެހެނީ، މަޑުމައިތިރި ވުމަކީ، ވަރަށް ހަރުދަނާ ޞިފައެކެވެ. އަދި ތިޔަބައިމީހުން، ވާހަކަ ދެއްކުމަށްވުރެ އަޑު އެހުމަށް ބޮޑަށް ޝައުޤުވެރިވާށެވެ.

އަދި، އެއްގޮތަކަށްވެސް ބޭނުމެއްނެތް ވާހަކަތައް ނުދައްކާށެވެ. އަދި މުއުމިނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން، ﷲ އެންމެ ލޯބިވެ ވޮޑިގެންވާ ގުނަވަނަކީ، އޭނާގެ ދުލެވެ. މިހެންވެ، އެދުލުގެ ސަބަބުން، މާތްﷲ މުއުމިނާ ސުވަރުގެ ވައްދަވައެވެ. އަދި ކާފިރާގެ ހަށިގަނޑުގައިވާ، ﷲ އެންމެ ރުހިވޮޑިގެންނުވާ ގުނަވަނަކީ، އޭނާގެ ދުލެވެ. މިހެންވެ، އެދުލުގެ ސަބަބުން، ﷲ އޭނާ ނަރަކައަށް ވައްދައެވެ."

މާތްﷲ، އަޅުގަނޑުމެން، ޙަސަދަވެރިވުމާއި، ދުލުގެ ނުބައިކަމުން ސަލާމަތްކުރައްވާށިއެވެ.އާމީން.   

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons