Sunday, August 14, 2011

ޖާހިލުކަމުގެ ސްލޫކާ އިސްލާމީސްލޫކް.

   (الْخَنْسَاء بِنْت عَمْرُو) އަކީ، ޖާހިލީ ޒަމާނުގައިވެސް، އަދި އިސްލާމްދީން ފާޅުވުމަށްފަހުގައިވެސް، ވަރަށް ކުޅަދާނަ، ވަރަށް މަޝްހޫރު ޅެންވެރިއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރަސޫލުކަމައިގެން، ފޮނުއްވެވުމުން، އެކަމަނާގެ ގާތްތިމާގެ މީހުންނާއިގެން ވަޑައިގެން، އެކަމަނާއާއި، އެބައިމީހުން އިސްލާމްދީން ޤަބޫލުކުރައްވައިފިއެވެ. ފަހެ، އެކަމަނާގެ ޅެންވެރި ކަމުގެ ކުޅަދާނަކަން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް، ޢަޖާއިބުކުރުވާ ކަމުގައި ވިއެވެ.


   އަލް ޚަންސާގެ ދެ އަޚުން ތިއްބެވިއެވެ. އެއީ، (صَخْرُ) އާއި (مُعَاوِيَة)އެވެ. ދެއަޚުންވެސް ޤަތުލުވީ، ޖާހިލީ ޒަމާނުގައެވެ. އެންމެ ފުރަތަމަ ޤަތުލުވީ، އެކަމަނާގެ އެއްބަނޑު އެއްބަފާ އަޚު، (مُعَاوِيَة)އެވެ. އެއަށްފަހު އެކަމަނަގެ ދެވަނަ އަޚް، (صَخْرُ)އެވެ.
   އަލް ޚަންސާ، އިސްލާމްވެ ވަޑައިގަތުމުގެ ކުރީގައި، ޖާހިލީ ޒަމާނުގައި، (صَخْرُ) ޤަތުލުވުމުން، އޭނާއާއި މެދު ނުހަނު ފުން ހިތާމަކުރައްވައި، ހިތާމައާއި މޮޅިވެރި ކަމުގެ ޅެންތައް ހެއްދެވިއެވެ. އެކަމަނާގެ މިޅެންތަކަކީ، ޢަރަބި އަދަބިއްޔާތުގައި ނުހަނު މަޝްހޫރު ޅެންތަކެކެވެ.
   (صَخْرُ) ޤަތުލުވެ ދިޔުމުން، އަލް ޚަންސާ، އޭނައާއި މެދު ހިތާމައާއި، މޮޅިވެރިކަމުގެ ޅެންތައް ވިދާޅުވަމުން، ކީރިތި ކުރައްވާ ހެއްދެވީ، ދުލާއި ގަލަމުން ބަޔާން ނުކުރެވޭފަދަ މިންވަރަކަށެވެ. އިސްވެ ދިޔަ ޙާދިޘާއަކީ، އަލް ޚަންސާ، ޖާހިލިއްޔަ ޒަމާނުގައި މުޞީބާތާ ކުރިމަތި ލެއްވި ގޮތުގެ މިޘާލެވެ.
 ނަމަވެސް، އިސްލާމްވެ ވަޑައިގަތުމަށްފަހު، މާތްވެގެންވާ އިސްލާމްދީނުގައި، އެކަމަނާ މުޞީބާތާ ކުރިމަތިލެއްވީ މުޅިން ތަފާތު ގޮތަކަށެވެ.
   ޤާދިސިއްޔާ ހަނގުރާމައާ ހަމައަށް ހިންގަވާށެވެ! އެދުވަސްވަރު، އެކަމަނާގެ ހަތަރު ފިރިހެން ބޭފުޅުން ތިއްބެވި އެވެ. ޤާދިސިއްޔަ ހަނގުރާމަ ފެށެން، އޮތް ދުވަހުގެ ރޭގަނޑުގައި، އެހަތަރު ބޭފުޅުންނަށް، އެކަމަނާ ނަޞޭޙަތްދެއްވިއެވެ.
ހަނގުރާމައިގައި ކެތްތެރިވެ ވަޑައިގަތުމަށް، ބާރު އެޅުއްވިއެވެ. ވިދާޅުވިއެވެ. "އޭ މަގޭ ދަރިންނޭވެ! ތިޔަކުދިން، އިސްލާމްދީން ޤަބޫލުކޮށް، ހިޖުރަކުރީ، ތިޔަކުދިންގެ އަމިއްލަ އިޚްތިޔާރުންނެވެ. ތިޔަ ކުދީންނަކީ، އެއްބަނޑު އެއްބަފާ ކުދީންނެވެ. ކާފިރުންނާއި، ހަނގުރާމަކުރާ މުސްލިމުންނަށް، ކީރިތި ވަންތަ ﷲ، ތައްޔާރު ކުރައްވައިފައިވާ ގިނަގުނަ ޘަވާބާއި ގިނަގުނަ ދަރުމަ، ތިޔަކުދީން ދަންނަމުއެވެ.
 ފަހެ، ފަނާވެދަނިވި ގޯއްޗަށްވުރެ، އަބަދުގެ އަބަދަށް، ދެމި ހުންނަ ގޮވައްޗަކީ، މާ ހެޔޮކަން ބޮޑު ވެގެންވާ ގޮވައްޗެއްކަން ތިޔަކުދީން ދަންނާށެވެ! ﷲ ވަޙީކުރެއްވިއެވެ. "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަ ބައިމީހުން، ކެތްކުރާށެވެ! އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. އަދި ދުޝްމަނުން އަތުވެދާނޭ މަގުތަކަށް، ބަލަބަލައި ޖިހާދުކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި ތިޔަބައިމީހުން، ﷲއަށް ތަޤްވާވެރި ވާށެވެ! ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އާލް ޢިމްރާން: 200)
   ފަހެ، އިޚްލާޞްތެރި މަންމާފުޅުގެ އަގުހުރި ނަޞޭޙަތާއި، އެއްގޮތް ވެގެންވާ ގޮތުގެ މަތިން ހެނދުނު ހެނދުނާ، ހަތަރު ބޭފުޅުން، ޤާދިސިއްޔަ ހަނގުރާމައަށް ނިކުމެ ވަޑައިގަތެވެ. ހަނގުރާމައިގެ މައިދާނުގައި، ހިތްވަރު ކުރެއްވިއެވެ. ކުރިއަށް ވަޑައިގަތެވެ.
އެންމެ ފަހުން، ހަތަރު ބޭފުޅުންވެސް ޝަހީދުވިއެވެ.
 އަލްޚަންސާއަށް މިޚަބަރު ލިބިވަޑައިގަތުމުން، އެކަމަނާ ވިދާޅުވިއެވެ.
 "ﷲއަށް ޙަމްދު ހުއްޓެވެ!
އެކަލާނގެއީ، އެކުދިން ޝަހީދުވުމުގެ ސަބަބުން، މިއަޅާއަށް ޝަރަފްވެރިކަން ދެއްވި ރަސްކަލާނގެއެވެ. އެކަލާނގެ ރަޙްމަތުގެ ދެމިހުންނަނިވި ގޮވަތީގައި، އެކުދިންނާއި، މިއަޅާ އެއްތަންކޮށް ދެއްވުން އެދި، މިއަޅާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރަމެވެ."
   އިސްވެ އެދިޔައީ، މުއުމިނުންނަށް ހުރި ޢިބްރަތްތެރި، އަގުހުރި ފިލާވަޅެކެވެ. މުޞީބާތާއި ކުރިމަތި ލުމުގައިވެސް، ޖާހިލުކަމުގެ ސުލޫކާއި، އިސްލާމީ ހިދާޔަތުގެ ސުލޫކުގެ ދެމެދުގައިހުރި ތަފާތެއްގެ ބޮޑު ކަމާއި އެވެ!

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons