މިއަދު އެއްބަޔަކު ކީރިތި ގުރުއާން ލިޔެފައިވާ ގަނޑުތައް އެއްވެސް އިހްތިރާމެއް ގަދަރެއް ނެތި މަގުތަކަށާ ގޮޑުތަކަށް އުކަމުން ދަނީއެވެ. މިއަދުގެ މުސްލިމުން ކީރިތި ޤުރުއާނާއިމެދުމި ދެކެނީ ކިހިނެއްހެއްޔެވެ؟ ޖަވާބުގައި ބުނެވޭނީ އަހަރެމެން މިއަދު އެމާތް މުގައްދަސްފޮތް ޤުރުއާނާއިމެދު ކަންތައްކުރަނީ އެންމެ އަކަށޭނެ ގޮތެއްގައި ނޫން ކަމުގައެވެ.ހަމައެހެންމެ ބައެއްމީހުން ޤުރުއާން ފައިދަށުލައި، އިހާނަތިކޮށެއް ނުހަދައެވެ. އޮންނަނީވެސް ރީތި އުރައެއް ލައްވާފައި އުސްތަނެއްގައި ބާއްވާފައެވެ. އެކަމަކު އެމަތިވެރި ގުރުއާނަށް އަމަލުކުރުމުގައި ގަދަރުކުޑަކޮށްލާ އިހާނެތި ކޮށްލައެވެ. އެއީ މަތާރަންފިލާ މަތީ ރީތިއުރައުރައަށް ލާފަ ބާއްވަންއޮތް އެއްޗެއްތޯއެވެ؟ ނުވަތަ މަރުވާމީހުން ކާރީކިޔަވަން އޮތް އެއްޗެއްތޯއެވެ؟
ނަމަވެސް އެއަށް ދޭންޖެހޭ، ޙަޤީޤީ ސަމާލުކަން މިއަދި މުސްލިމުންގެ ގިނަބައެއްގެ ތެރެއިން ވަނީ ގެއްލިގޮސްފައެވެ. ގިނަބަޔަކަށް ނުބައިކޮށް ހީވެފައިއޮންނަނީ ޤުރުއާނަކީ ހަމައެކަނި ކިޔަވާލަންޖެހޭ، ނުވަތަ ދަސްކޮށްލުމުން ފުދޭނެ ފޮތެއްކަމެވެ. އޭރުން ހުރިހައި ކަމެއް ނިމުނީއެވެ. އަނެއްބަޔަކު އެއީ، ބަރަކާތް ލިބިދޭ ތަވީދެއްގެ ގޮތުގައިވެސް ދެކެއެވެ.
ފިހާރަފިހާރައާއި ގޭގޭގެ އަށް ވަންނައިރު ދޮރުމަތީގައި އެލުވާފައި އޮއްވާ އެ ފެންނަ، ހިރަފުސް އަރާފައި އޮންނަ ގަޑެއްގައި ލިޔެފައިވާ ޤުރުއާނުގެ އާޔަތްތަކުން، މިކަން ދޭހަވެއެވެ. އަދި ބައެއްފަހަރު ކާރުތެރޭގައި، ދޯނީގެ ސަރަކަ ކައިރީގައި، އަދި އަންހެނުންގެ ކަރުގައި އަޅާފައިވާ ފަށުފުލުގައި، އާޔަތުލް ކުރްސީ ލިޔެފައިވާތަންވެސް އެބަފެނެއެވެ. ޤުރުއާން ނުކިޔަވައި، އެއަށް ޢަމަލުނުކޮށް ގޭތެރޭގައި، މައްކާގެ ފޮޓޯއަކާއި، ޤުރުއާނުގެ އާޔަތްތަކެއް ލިޔެލުމުން ވާނެ ފައިދާއެއް، ހަމައެއްގޮތަކަށްވެސް ނޭގެއެވެ.
ތެދުތެދަށް ދަންނަވާނަމަ، މުސްލިމުންގެ ތެރޭގައި ޤުރުއާން އޮތީ ހަމައެކަނި ފޮތެއްގެ ސިފައިގައެވެ. އޭގެ ޖައުހަރުވަނީ، އަހަރެމެންގެ ކިބައިން ގެއްލިގޮސްފައެވެ. ހިތުގައި ރައްކާކުރަނީ ހަމައެކަނި އޭގެ އަކުރެވެ. އެކަމަކު ޤުރުއާނުގެ ޙައްދަކަށް ރައްކާތެރިވުމެއް ނެތެވެ. މައިންބަފައިންވެސް ބޮޑުލާރި ހޭދަކޮށްފައި، ހުރިހައި ހިސާބެއްގައި ފެތުރިފައިވާ، ޤުރުއާން ކިލާސްތަކަށް، ދަރިން ފޮނުވައެވެ. ނުވަތަ ގެއަށް މީހަކު ގެނެއެވެ. މިކަމަށް ފަރުވާތެރިވާވަރަށް، ކުދިންގެ ކިބައިގައި ޤުރުއާނުގެ އަޚްލާޤު އަދި އެއަށް ޢަމަލުކުރުމުގެ މާތްސިފަ އަށަގެންނެވުމުގައި، ފަރުވާތެރިއެއް ނުވެއެވެ.މިއަދު މުސްލިމުންގެ ހާލުބިކަވެމިހާ ނިކަމެތި ވެފއިމިވަނީ އެމާތް ފޮތަށް އަމަލުކުރުން ދޫކޮށް އެފޮތުގެ މައްޗަށް އެހެން އަމިއްލަކަންކަން އިސްކޮށް ވަޝުއީގާނޫނުތައް ހަދާ މިކްސްކޮށް އެފޮތުގެ ގަދަރުކުޑަކޮށް ލުމުން ނޫންތޯއެވެ.؟ މީއަދު ދުނިޔޭގެ ހާލެވެ. ނަމުގައި ގުރުއާން އޮވެއެވެ. އަމަލުކުރަނީ އެހެން ގޮތަކަށެވެ.
ޤުރުއާން ކިޔަވަން އެގޭ އަދި ހިތުދަސް އެތައް ލައްކަ ނުވަތަ އެތައް މިލިއަން ބަޔަކު، މުސްލިމުންގެ ތެރޭގައި މިއަދު އެބައުޅެއެވެ. ހެދުނާއި ހަވީރު އެކިޔަވާ މީހުންނާއި، ރީތި ގިއުގަޑެއްގެ ތެރޭގައި އާޔަތްތައް ލިޔެ، ފާރު ޒީނަތްތެރިކުރާ މީހުންނާއި، މީގެ އިތުރުން މިއަދު ބައެއް ތަންތާގައި، ޤުރުއާނުން ބަލިބައްޔަށް ފަރުވާދެމޭ ބުނެ، ހަސްފަތާލްތައްވެސް ހުޅުވިފައި އެބަހުއްޓެވެ. ޓީވީ ރޭޑިއޯއިންވެސް މެދުނުކެޑި ޤުރުއާން އަޑުއިވެއެވެ.
މިހުރިހައި ކަމެއް މިހެން ހުރިކަމުގައިވިޔަސް، މުސްލިމުން މިއަދުވަނީ ޤުރުއާން ހަނދާންނެތި ކޮށްލައިފައެވެ. މިދުވަސްވަރު، މުސްލިމުން އެ ބަލައިގެން ހިގާނެ ޗާޓެއްކަމުގައި ޤުރުއާންނުވެއެވެ. މުސްލިމުންގެ ބުއްދިއާއި ސިކުނޑިއަށް އެންމެ ބޮޑަށް އަސަރުފޯރުވާ އެއްޗަކީ ޤުރުއާން ކަމުގައި ނު ވެއެވެ. މުސްލިމުންގެ އުޅުމާއި ސުލޫކު ބައްޓަންކޮށްދޭ އެއްޗަކީ ޤުރުއާނޭ، ބުނޭވޭނެ ޖާގައެއްވެސް މިއަދަކުނެތެވެ. އެހެންނޫންނަމަ މުސްލިމުން މިއަދު މިތިބި ހާލުގައި ތިބެން ނުޖެހުނީސްކަން ކަށަވެރެވެ.
ދެން ޞަޙާބީންގެ ދުވަސްވަރަށް ޖެހިލަމާ ހިގާށެވެ. އެދުވަސްވަރު ޞަޙާބީން އަރިއަހުގައި ޤުރުއާނުގެ ބަރަކާތަކީ ކަރުގައި، ސަވާރީގައި ނުވަތަ ގޭގައި ލިޔެ އެލުވުމެއް ނޫނެވެ. އަދި ތައްޓެއްގައި، ދެލިން ކުރުސި ލިޔެފައި ޒަމްޒަމްފެން ފޮދަކާއިއެކު ބޮއެލުމެއްވެސް ނޫނެވެ. އެބޭކަލުން ދެކެވަޑައިގަތް ގޮތުގައި ޤުރުއާނުގެ ބަރަކާތަކީ އެއަށް ތަބާވެ، އޭގައިވާގޮތަށް ޢަމަލުކޮށް، މަނާކޮށްފައިވާ ކަންކަމުން މަނާވެގަތުމެވެ.
މިމާނައިގައި އަލްއަންޢާމް ސޫރަތުގެ 155 ވަނަ އާޔަތުގައި ވަޙީކުރައްވަނީ:
وَهَذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ
މާނައަކީ: "މި ޤުރުއާނަކީ ތިމަން ރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. ފަހެ ތިޔަބައިމީހުން އެފޮތަށް ތަބާވާށެވެ. އަދި ތަޤުވާވެރިވާށެވެ. ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާހުށީއޭރުންނެވެ."
މިއާޔަތުންވެސް ދޭހަވާގޮތުން، ރަޙުމަތާއި ބަރަކާތް ލިބުންވަނީ ޤުރުއާނަށް ތަބާވުމުންނެވެ.
ޤުރުއާނަށް ތަބާވުން ނޫން، އެހެން ބަދަލެއް ނެތެވެ. އެގޮތުން އަލްއަޢްރާފް ސޫރަތުގެ 3ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ:اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلًا مَا تَذَكَّرُونَ
މާނައަކީ: "ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތުން، ތިޔަބައި މީހުންނަށް ބާވައިލެއްވުނު އެއްޗަކަށް (ކީރިތި ޤުރުއާނަށް) ތިޔަބައި މީހުން ތަބާވާށެވެ. އަދި އެކަލާނގެ ފިޔަވައި އެހެންފަރާތްތަކަށް ތަބާ ނުވާށެވެ. ފަހެ ތިޔަބައިމީހުން ޢިބްރަތްލިބި ހަނދާންކުރާލެއް މަދެވެ."
ޤުރުއާނަށް ތަބާވުމުގެ މާނައަކީ އަހަރެމެންގެ އިމާމަކީ، ޤުރުއާން ކަމުގައި ބެލުމެވެ. އެ އަންގާ ގޮތަކަށް ކިޔަމަންކަމާއިއެކު، ޤުރުއާނުގެ ފަހަތުގައި ތިބެގެން،އެފޮތުގައިވާ ގޮތަށް އަމަލުކުރުމުގައި މަރުވަންދެން ހިގުމެވެ. ޤުރުއާނުގެ އެއްކަމަކަށް ބޯލެބިއްޔާ އަނެއް ކަމަކަށްވެސް ބޯލެބުމެވެ. ''ކުތިބަ ޢަލައިކުމް'' މިހެން އޮންނަ އެއް އާޔަތަށް ތަބާވިއްޔާ އެހެން އޮންނަ އަނެއް އާޔަތަށްވެސް ތަބާވުމެވެ. ނަމާދު ކުރަން އަންގަވާފައިވާތީ ނަމާދު ކުރާއިރު، ޣީބަ ނުބުނުމަށް އަންގަވާފައިވާ އާޔަތަށް ކިޔަމަންތިރި ވުމެވެ. ޙައްޖުވާން އެންގިވި އާޔަތަށް ކިޔަމަން ވާއިރު، ވައްކަން ނުކުރުމަށް އޮންނަ އާޔަތަށްވެސް ކިޔަމަން ވާންޖެހެއެވެ.
މިހެން ކަންތައް ނުކުރާނަމަ މުސްލިމުން ވާނީ، ޔަހޫދީން ސިފަ ކުރައްވާފައިވާ ފަދައިން "ފޮތުގެއް އެއްބަޔަށް އީމާންވެފައި އަނެއްބަޔަށް ކުފުރުވާ" ބަޔަކަށެވެ. އީމާން ކަމަކީ އަމިއްލަ ހަވާ ނަފްސަށް ތަބާވުމެއް ނޫނެވެ. ވަކި ކަމެއް ކުރަން ފަސޭހަވީމައި އެކަން ކޮށްފައި، އުދަގޫ ކަމެއް ނުކޮށް ދޫކޮށްލުން އެއީ ހަމަ ސީދާ މުނާފިޤު ކަމެވެ.
ކުއްލި ގޮތެއްގައި، ނޭގިތިއްބައި ﷲ ގެ އަޒާބު އައުމުގެ ކުރިން ޤުރުއާނަށް ތަބާވުމަށް އަންގަވައި ޒުމަރު ސޫރަތުގެ 55ވަނަ އާޔަތުގައި ވަޙީކުރައްވަނީ:
وَاتَّبِعُوا أَحْسَنَ مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ مِنْ قَبْلِ أَنْ يَأْتِيَكُمُ الْعَذَابُ بَغْتَةً وَأَنْتُمْ لَا تَشْعُرُونَ
މާނައަކީ: "އަދި ކަލޭމެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކަލޭމެންނަށް ލިބިފައިވާ އެންމެ މޮޅު ވަޙީ ( އަލްޤުރުއާނަށް ) ތަބާވާހުށިކަމެވެ. ކަލޭމެންނަށް ރޭކާވެސް ނުލައި ތިއްބައި، ކުއްލިއަކަށް ކަލޭމެންގެ މައްޗަށް އަޒާބު އަތުވެއްޖައުމުގެ ކުރިންނެވެ."
މުސްކިމުން ހަދާން ކުރަންވީ ކޮންމެ މީހަކުވެސް މަރާބައްދަލުކުރަންޖެހޭނެ ކަމާ، އެމީހަކާ މެދުވެރިއަކުނެތި ﷲ ސުބުހާނަހޫ ވަތާލާ ސުވާލުކުރައްވާ ދުވަހު އެމީހަކު އެގުރުއާނަށް އަމަލުކުރި ގޮތުގެ މައްޗަށް އެގުރުއާން ހެކިދޭނެކަމެވެ.
0 comments:
Post a Comment