ސުވާލު:ފިރިމީހާ ބޭނުންވާ ގޮތް ނަހަދާ އަނބިމީހާ އޭނާގެ މަންމަ ދޫކޮށް އެހެން ގެއަކަށް (ފިރިމީހާގެ ގެއަށް) ދާން ބޭނުންނުވާނަމަ އެކަމުގައި ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ފިރިމީހާއަށްތޯ؟ ނުވަތަ މަންމަ އަށްތޯ؟ މިހެން މިދެންނެވީ އަނބިމީހާގެ މަންމަ މުސްކުޅިވާ ދުވަހު ބަލާނެ އިތުރު މީހަކު ނެތްނަމަ މިކަމުގައި ކަންތައް ކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ﷲއާއި ރަސޫލާގެ މައްޗަށްވާ ޙައްގު ތަކަށްފަހުގައި އަޅާގެ މައްޗަށް އެންމެ ބޮޑުވެގެންވާ ޙައްގަކީ މައިންބަފައިން ގެ މައްޗަށްވާ ޙައްގުތަކެވެ. އެހެންކަމުން އެދެމީހުންނަށް ހެޔޮކޮށްހިތާ އިޙްސާންތެރި ވުމަށް އިސްލާމްދީން ވަނީ ނުހަނު ބާރު އަޅުއްވާފައެވެ. މިކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ. (وَقَضَى رَبُّكَ أَلَّا تَعْبُدُوْا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا) މާނައަކީ: "އެކަލާނގެ ރަސްކަންފުޅަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށް، ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ ކަލާނގެ ނިޔާކުރައްވައި އެންގެވިއެވެ. އަދި މައިންބަފައިންނާއިމެދު ހެޔޮކޮށް ކަންތައް ކުރުމަށް ވެސް ނިޔާކުރައްވާ އެންގެވިއެވެ". (ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތް).
މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނުރައްކާތެރިކަމުގެ ވާހަކައިން އުއްމަތަށް ވަނީ އިންޛާރުވެސް ދެއްވާފައެވެ. އަދި އެކަމަކީ ބޮޑެތިފާފަތަކުގެ ތެރޭގައި ހިމެނޭނެ ކަމެއްކަންވެސް ވަނީ އަންގަވާފައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރު ވިދާޅުވިއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެންމެ ބޮޑެތިފާފަތަކުގެ ތެރޭގައި މައިންބަފައިންނަށް ލަޢުނަތްދިނުން ހިމެނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. "މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދެނީ ކިހިނަކުންތޯއެވެ.؟" ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ބައްޕަ އަށް ހަޑިހުތުރުވާނެ ގޮތަށްވާހަކަދެއްކުމެވެ. އަދި މަންމައަށް ހަޑިހުތުރުވާނެ ގޮތަށްވާހަކަދެއްކުމެވެ" މިޙަދީޘް ގެ ދޭހައަކީ އެހެންމީހެއްގެ މައިންބަފައިންނަށް ވެސް ބަދުބަސް ނުބުނުމެވެ. އެހެނީ އެގޮތަށް ކަންތައްކޮށްފިނަމަ އޭގެ ބަދަލުގައި އެމީހަކުވެސް ތިމާގެ މައިންބަފައިންނަށް ބަދުބަސް ބުނާނެއެވެ. އެހެންކަމުން މައިންބަފައިންނަށް ބަދުބަސް ރައްދުވާފަދަ އެއްވެސް ކަމެއް ނުކުރުމެވެ.
ﷲ ތަޢާލާ އަށް ޝުކުރުވެރިވުމަށް އަމުރުކުރެއްވުމަށްފަހުގައި އަންގަވާފައިވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށެވެ. (أَنِ اشْكُرْلِيْ وَلِوَالِدَيْكَ إِلَيَّ الْمَصِيْرُ) މާނައަކީ: "ތިމަން ﷲ ގެ ޙަޟްރަތަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުވެރިވާށެވެ، ހުރިހާ ކަމެއް އެނބުރި ރުޖޫޢަވާހުށީ ތިމަން ﷲ ގެ ހަޟްރަތަށެވެ".
މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސްވިދާޅުވިއެވެ. "މައިންބަފައިންނަށް ޝުކުރުވެރި ނުވެއްޖެ މީހާ މާތްﷲ އަށް ވެސް ޝުކުރުވެރިއެއް ނުވެއެވެ، އެހެނީ މިއާޔަތުގައި މާތްﷲ އަށް ޝުކުރުވެރިވުމަށް އެންގެވުމަށްފަހު އެޔާއި ވިއްދައިގެން އަންގަވާފައިވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށެވެ". އެހެންކަމުން ﷲ ގެ ރުހުން އެދޭކަމަށް ވަނީނަމަ މައިންބަފައިންގެ ރުހުން ހޯދަން ޖެހެއެވެ.
ބާއްޖެވެރިޔަކީ މާތް ﷲ އަށް ތަގްވާވެރިވުމަށްފަހުގައި، އެމީހެއްގެ މައިންބަފައިންނާށް ހެޔޮކޮށް ކަންތައް ކުރާމީހާއެވެ. އެމީހުންގެ ދުނިޔޭގެ ޙަޔާތުގައްޔާއި މަރުވުމަށް ފަހުގައިވެސްމެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ހެޔޮކޮށް ނުހިހިތިމީހަކީ އަބާއްޖެވެރިއެއް ކަމާއި މެދުގައި ކުޑަވެސް ޝައްކެއް ނެތެވެ. އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. " ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށްފަހުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ދެދޮރު ހުޅުވިގެންވެއެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ނުހިތައިފިމީހާއަށް ޓަކައި ނަރަކާގައި ދެދޮރު ހުޅުވިގެންވެއެވެ".
ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މައިންބަފައިންނަށް ހެޔޮކޮށް ހިތުންވަނީ ދެމިގެންވާކަމެއްގެ ގޮތުގައި ލައްވާފައެވެ. މާނައަކީ އެމީހުންނަށް ހެޔޮކޮށް ހިތެނީ ހަމައެކަނި ދުނިޔޭގައި އެދެމީހުންތިބި ދުވަސްވަރު އެކަނި ނޫންކަމެވެ. އެދެމީހުންކުރެމީހަކު، ނުވަތަ އެދެމީހުން ދުނިޔެ ދޫކުރުމަށްފަހުގައިވެސް ހެޔޮކޮށް ހިތޭނެމަގު މާތް ﷲ ވަނީ ފަހި ކޮށްދެއްވާފައެވެ. އެއީ، އެމީހުންނަށްޓަކައި ހެޔޮ ދުޢާކޮށްދީ، އެދެމީހުންގެ މަތިން ޞަދަގާތްކޮށް، އެމީހުންގެ ގާތްތިމާގެ މީހުންނާއި ގުޅުންބަދަހިކޮށް، ރަޙިމްގެ ގުޅުންދަމަހައްޓާ، އެމީހުންގެ ގާތް ރަޙްމަތްތެރިންނާއި މެދުގައި ހެޔޮކޮށް ހިތުންހިމެނެއެވެ. އެމީހުން ދުނިޔޭގައި ތިބިއިރު ހެޔޮކޮށް ކަންތައްކޮށްދެވިފައިނުވާނަމަ މަރުވުމަށް ފަހުގައި އެބައި އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދީނީގޮތުން އަޅުގަޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އެކަން ނުކޮށް ދޫކޮށްލުމަކީ ނުވަތަ އެމީހުންނަށް ހެޔޮކޮށް ނުހިތުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނގައި ވަޙީކުރައްވާފައިވެއެވެ.(وَقَضَى رَبُّكَ أَلَّا تَعْبُدُوْا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا) މާނައަކީ: "އެކަލާނގެ ރަސްކަންފުޅަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށް، ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ ކަލާނގެ ނިޔާކުރައްވައި އެންގެވިއެވެ. އަދި މައިންބަފައިންނާއިމެދު ހެޔޮކޮށް ކަންތައް ކުރުމަށް ވެސް ނިޔާކުރައްވާ އެންގެވިއެވެ". (ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތް).
އަދިވެސް ވަޙީކުރެއްވިއެވެ. (وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حُسْنًا) މާނައަކީ: "މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އިންސާނުނަށް ވަޞިއްޔަތް ކުރައްވަމެވެ".
އެއްދުވަހަކު މީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އަށް ދެންނެވިއެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮކޮށް ހިތުން ބޮޑީ ކާކުތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ކަލޭގެ ބައްޕައެވެ.
އަދިވެސް ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެކަކު މުސްކުޅިވެފައި ހުއްޓާ ބައްދަލުވެ، އެމީހުންނާއި މެދު ހެޔޮކޮށް ނުހިތުމުގެ ސަބަބަން ސުވަރުގެ އަށް ނުވަދެވުނު މީހާއަށް ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ"، މިފަދައިން ތިންފަހަރަށް ޙަދީޘް ކުރެއްވިއެވެ.
އިބްނު މަސްޢޫދެ ގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- އަށް ދެންނެވީމެވެ. "މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާ ކުރުމެވެ"، ތިމަންކަލޭގެފާނު ދެންނެވީމެވެ. "ދެން ކޮން ކަމެއްތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ". ތިމަންކަލޭގެފާނު ދެންނެވީމެވެ. "ދެންކޮންކަމެއްތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމެވެ".
މިހުރިހާ ކަމަކާއި އެކުގައި ވެސް އަނބިމީހާ ފިރިމީހާ އަށް ކިޔަމަންވުމަށްވެސް އިސްލާމްދީނުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އެހެންކަމުން އަނބިމީހާ އޭނާގެ މައިންބަފައިންނަށް ޚިދުމަތްކޮށްދޭން ބޭނުންވި ކަމުގައިވީނަމަވެސް އޭނާގެ ފިރިމީހާގެ ސަބަބުން އެކަމަށް ނުކުޅެދުންތެރިވެއްޖެނަމަ، އޭނާގެ ނިޔަތަށް މާތް ﷲ ޘަވާބު ދެއްވާނެއެވެ.
އަނބިމީހާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތޭނެ މަގުތައް ފަހިކޮށްދިނުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބުކަމެކެވެ. އެހެންކަމުން ފިރިމީހާ މިކަމުގައި އަނބިމީހާ އަށް އެހީތެރިވާންވާނެއެވެ.
ކޮންމެއަކަސް ސުވާލުގައިވާ ފަދައިން އަނބިމީހާ އަށް އޭނާގެ މަންމަ އަށް ހެޔޮކޮށް ހިތުމާއި ފިރިމީހާގެ އަމުރަށް ކިޔަމަންތެރިވުމާއި ދެކަންތައް ފުށުއަރައިފިނަމަ، އިސްކަންދޭންޖެހޭނީ ފިރިމީހާގެ އަމުރަށެވެ. ސުވާލުން ބޮޑަށް ދޭހަވާ ގޮތުގައި އަނބިމީހާގެ މަންމަ މިވަގުތު ހުރީކީ މުސްކުޅިވެ އެންމެ ބޮޑަށް އަޅާލުންބޭނުންވާ ޙާލަތަކުވެސް ނޫނެވެ. ސަބަބަކީ ސުވާލުގައި އައިސްފައިވަނީ "މުސްކުޅިވާ ދުވަހު ބަލާނެ އިތުރު މީހަކު ނެތްނަމަ" މިހެންނެވެ. އެފަދަ ދުވަހެއް އަތުވެއްޖެނަމަ ފިރިމީހާގެ ގޭގައި އަނބިމީހާގެ މަންމަ ބަހައްޓައިގެން ބެލެހެއްޓޭނެ އިންތިޡާމް ވެސް ހަމަޖެއްސުން އެކަށީގެންވެއެވެ. ވީމާ، ފިރިމީހާ އަށް ކިޔަމަންވާށެވެ. އަދި އެއާއި އެކު މައިންބަފައިންގެ ޙައްގުތައްވެސް ފުރިހަމަ އަށް އަދާކޮށްދޭށެވެ. ﷲ އުޚްތާ އަށް ހެޔޮޖަޒާދެއްވާށިއެވެ. އާމީން. والله أعلم
ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް
0 comments:
Post a Comment