Monday, August 29, 2011

ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތް ތަކަށް ޝުކުރުވެރިވާނީ ކިހިނެއް!

 އަހަރެމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހު އަހަރެމެންނަށް ވަރަށް ގިނަ ގުނަ ވެގެންވާ ނިޢުމަތްތަކެއް ދެއްވިއެވެ. އެއީ އަހަރެމެން އެ ނިޢުމަތްތަށް ގުނާ ޢަދަދު ކުރަން އުޅެފިނަމަ ޢަދަދު ނުކުރެވޭނޭހާ ގިނަ ނިޢުމަތް ތަކެކެވެ. އެހެން ކަމުން އަހަރެމެންގެ މައްޗަށް ވާޖިބު ވެގެން ވަނީ މިނިޢުމަތް ތަކުގެ މައްޗަށް މި ނިޢުމަތްތައް ދެއްވި އިލާހަށް ޝުކުރުކުރުން ޙައްޤު ގޮތުގައި ޝުކުރު ކުރުމެވެ.




 ސަބަބަކީ އެނިޢުމަތްތަކަކީ އެއާމެދުގައި ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނޭ ނިޢުމަތްތަކެކެވެ. އައްތަކާޘުރު ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ (التكاثر 8)
"
ދެން އެދުވަހުން އެ ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލު ކުރެވޭނޭކަން ކަށަވަރެވެ."
އެހެން ކަމުން އަހަރެމެންނަށް ލިބޭ ކުޑަކުޑަ ނިޢުމަތަކީވެސް އެއާމެދު ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނޭ ނިޢުމަތެއްކަން ހަނދާންކޮށް އެ ނިޢުމަތުގެ މައްޗަށް ބޮޑާ ވުމަކާ ނުލާ ނިޢުމަތް ދެއްވިފަރާތަށް ހެޔޮގޮތުގައި ޝުކުރު ކުރަން ޖެހެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
 
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ   (البقرة 172)
މާނަ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّهއަށް އަޅުކަންކުރާ ކަމުގައިވާނަމަ،  އެކަލާނގެއަށް ޝުކުރުވެރިވާށެވެ."

ނިޢުމަތް ތަކަށް ޝުކުރުވެރިވުމަކީ އެނިޢުމަތް ދެއްވިފަރާތް ހަނދުމަކޮށް އެއިލާހަށް ޘަނާ ކިޔައި އެނިޢުމަތުގެ ބޭނުން އެއިލާހު ރުހިވޮޑިގެންވާ ގޮތުގައި ހިފުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ.
.......
اعْمَلُوا آلَ دَاوُودَ شُكْرًا وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ. (السبأ 13)
މާނަ: "އޭ ދާއޫދުގެފާނުގެ އާލުންނޭވެ! އެއިލާހަށް ޝުކުރުވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލު ކުރާށެވެ! އަދި ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރިވާ  އަޅުން  ވަރަށްމަދެވެ."
 
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ.
إذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ ، فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ فِي أَوَّلِهِ فَلْيَقُلْ : بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ . إذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ
މާނަ : "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާ ކަމުގައި ވާނަމަ ﷲ ސުބްޙަނަހު ވަތަޢާލާގެ އިސްމުފުޅު ޒިކުރު ކުރުމަށްފަހު ކާށެވެ. އަދި ފުރަތަމަ ފަހަރު ކިޔުމަށް ހަނދާން ނެތިއްޖެނަމަ  بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ  މިފަދަ އިން ކިޔާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު ކައި ބޮއި ހަދާކަމުގައިވާނަމަ ކަނަ އަތުން ކައިބޮއި ހަދާށެވެ."

 
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ" ﷲ ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަހަކުވެސް ކާއެއްޗަކަށް ފާޑު ވިދާޅުނުވެއެވެ. އެކަލޭގެފާނު ހިތްޕުޅާވާނަމަ ފަރިއްކުޅުވައެވެ. ހިތްޕުޅާ ނުވާނަމަ ދޫކޮށްލައްވައެވެ."

ހިތާމައަކީ އަހަރެމެންގެ ތެރެއިން ބައެއްމީހުން ﷲ ތަޢާލާ ދެއްވާ ނިޢުމަތްތަކާމެދު ނުރުހުންތެރިވާތީއެވެ. ދުވާލަކު ތިން ހަތަރު އިރު ކާން ލިބޭ އިރުވެސް ތިމާ ހިތްހަމަޖެހޭ އެއްޗެއް ނުލިބިއްޖެނެނަމަ އެކަމާއި މެދު ރުޅިގަދަވެ ' އެނިޢުމަތް ދެއްވިފަރާތް ހަނދާން ނައްތާލައި ޝައިތާނާގެ އަވާގައި ޖެހިގެން ދާތީއެވެ. ބަނޑު ފުރާނަ މުއްތި ކޮށްލާނެ ކާއެތި ކޮޅެއް ނުލިބި ބަނޑުހައި ހޫނުކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އުޅެމުންދާކަން ހަނދާންކޮށް ލިބޭ މިންވަރަށް ޝުކުރުކުރަން ދަންނަ ބައެއް ކަމުގައި އަޅުގަނޑުމެން ވާން ވެއްޖެއެވެ.

އަހަރެމެން އެންމެންނަކީ މުދަލުގެ ގޮތުންނާއި ފައިސާގެ ގޮތުން ހަމަ ހަމަ ބައެއްނޫނެވެ. މުދަލަކީ ﷲ ތަޢާލާގެ މިލްކެކެވެ. ﷲ ސުބްޙާނަހު ވަތަޢާލާ މުދާ ދެއްވާފައިވާ މުއްސަދިންގެ މައްޗަށް ވާޖިބު ވެގެންވަނީ ބޭނުންޖެހިފައިވާ ފަޤީރުންނާއި ނިކަމެތިންނަށް އެމުދަލުން ހޭދަ ކުރުމެވެ. ސަބަބަކީ އެމުދަލަކީ ﷲ ތަޢާލާ އެބައިމީހުންނާ ޙަވާލު ކުރައްވާފައިވާ އަމާނާތެކެވެ. އެމުދަލަށް ޝުކުރުވެރިވުމަކީ އެހެން ބައެއްގެ ހައްޤުތަކެއް އެ މުދަލުގައި ވާކަން ޤަބޫލު ކޮށް އެބައިމީހުނަށް އެ ހައްޤުތައް އަދާ ކުރުމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ (الذاريات 19)
 
މާނަ :" ސަލާމް ޖަހާ މީހުންނާއި މުދަލުން މަޙްރޫމް ވެފައިވާ ނިކަމެތީންގެ ޙައްޤު ތަކެއް އެބައިމީހުންގެ މުދަލުގައި ވެއެވެ."

 
އެމުދާ ދެއްވި ފަރާތަށް ޝުކުރުވެރި ވުމަކީ  އެމުދަލުން އިސްރާފް ނުކުރުމެވެ.  ﷲ ގެ މަގުގައި އެއިލާހުގެ ދީން މަތިވެރިކުރުމަށް އެމުދާ ހޭދަކުރުމެވެ. ތަފާތު ލާދީނީ ހަރަކާތްތަކާއި މިއުޒިކު ޝޯވ ތައް ޕްރޮމޯޓް ކޮށް އެކަންކަމަށް މުދާ ހޭދަކުރުމަކީ ﷲ ތަޢާލާގެ ނިޢުމަތަށް ކުފުރުވެރިވުމެވެ.
ތަޢާލާ ވަޙީ ކުރެއްވިއެވެ.
لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (إبراهيم7)
މާނަ:" ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. އަދި ތިޔަބައި މީހުން (އެ ނިޢުމަތްތަކަށް) ކުފުރުވެރި ވެއްޖެނަމަ ދަންނާށެވެ!  ތިމަންއިލާހުގެ ޢަޛާބު ގަދަފަދަ ވެގެންވާކަން ކަށަވަރެވެ."

ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ތަފާތު ގިނަގުނަ ނިޢުމަތްތަކެއް ދެއްވާފައިވެއެވެ. އަހަރެމެން މަންމަގެ ބަނޑުން ދުނިޔެއަށް އުފަންވިއިރު ހަނދުމަކޮށްލާށެވެ. އެއްވެސް އާރެއްބާރެއް ނެތެވެ. އަމިއްލަ ބާރުގައި އެއްވެސް ކަމެއްނުކުރެވެއެވެ. ވާހަކައެއް ނުދެއްކެއެވެ. ބޭނުންވާ އެއްވެސް ކަމެއް ނުކުރެވެއެވެ.

 އެއިލާހު އަހަރެމެންނަށް ވާހަކަދެއްކުމުގެ ބާރު ދެއްވިއެވެ. އަޑުއެހުމުގެ ބާރު ދެއްވިއެވެ. ވަސްބެލުމުގެ ބާރު ދެއްވިއެވެ. ތަންތަނަށް ހިނގާބިނގާ އުޅުމުގެ ބާރު ދެއްވިއެވެ. އަތުން ތަފާތު ހަރަކާތްތަށް ކުރުމުގެ ބާރު ދެއްވިއެވެ. ރީތި ސޫރާގައި އަހަރެމެން އުފެއްދެވިއެވެ. ފުރިހަމަ ޞިއްޙަތެއް ދެއްވިއެވެ. އަދިވެސް އަހަރެމެން އެއާއިމެދު ޣާފިލްވެފައިވާ އެތައް އެތައް ނިޢުމަތްތަކެއްވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. " وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ  * لَعَلَّكُمْ تَشْكُرُونَ " ( النّخل78(
މާނަ : " ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭންގޭ ޙާލު ، ﷲ ތަޢާލާ ތިޔަބައިމީހުން ، ތިޔަބައިމީހުންގެ މަންމައިންގެ ބަނޑުތަކުން ނެރުއްވިއެވެ. އަދި ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ވިސްނުމުގެ ބާރު ދެއްވިއެވެ. އެއީ ތިޔަބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ."

މިއީ ބޮޑެތި ނިޢުމަތްތަކެކެވެ. މިނިޢުމަތްތަކުގެ ބޮޑުކަމާއި ﷲ ތަޢާލާގެ ރަޙްމަތުގެ ތަނަވަސްކަން އިޙްސާސް ކުރެވޭނީ މިތަނުން ނިޢުމަތެއް ފިލާ ދިޔުމުންނެވެ. ލޯފަންމީހަކަށް ފެނުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބީރު މީހަކަށް އަޑުއިވުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. މަންމަން މީހަކަށް ވާހަކަދެއްކުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބަލިވުމުން ފުރިހަމަ ޞިއްޙަތެއްގެ ބޭނުންތެރިކަން އިޙްސާސް ކުރެވޭނެއެވެ.

ނަމަވެސް މިނިޢުމަތްތަކާއި މެދު ގިނަބަޔަކު ވަނީ ޣާފިލުވެފައެވެ. މިނިޢުމަތްތަކުގެ ބޭނުންކޮށްގެން ﷲ ތަޢާލާއަށް އުރެދެނީ އެވެ. ބެލުން ޙަރާމް ތަންތަނަނަށް ބަލަނީ އެވެ. ޙަރާމްވެގެންވާ ލަވަޔާއި މިއުޒިކު އަޑުއަހަނީއެވެ. ދުލުން ހަޑިހުތުރު ބަސްތަށް ތިމާގެ އަޚާއަށް ރައްދުކުރަނީއެވެ. ޣީބަބުނެ ދެބައުޑުވަމުން ހިނގަނީއެވެ. ދެފައިގެ ބޭނުންކޮށްގެން ﷲ ޙަރާމް ކުރެއްވި ފާޙިޝް ކަންތައްކުރުމަށް ދަނީއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ ނިޢުމަތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި ކުފުރުވެރިވުމެވެ. ނިޢުމަތްތައް ފިލާދިޔުމުގެ ސަބަބެކެވެ.

 އެހެންކަމުން މިނިޢުމަތްތަށް ގެއްލިގެން ނުދަނީސް އަވަހަށް ތަޢުބާވެ ރުޖޫޢަވުމަށް ގޮވާލަމެވެ. ﷲ ތަޢާލާގެ އަމުރުފުޅު އަންނާނީ ކޮން ވަޤުތެއްގައި ކަމެއް ނޭންގޭނެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. " قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ  قَلِيلًا مَّا تَشْكُرُونَ " (ملك 23 )
މާނަ : "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ތަޢާލާއީ ތިޔަބައިމީހުން އުފެއްދެވި އިލާހެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ވިސްނުމުގެ ބާރުދެއްވިއެވެ. ތިޔަބައިމީހުން ޝުކުރުވެރިވަނީ ވަރަށް މަދުންނެވެ. "

 
ތަޢާލާ އަހަރެމެންނަށް މި ނިޢުމަތްތަށް ދެއްވާފައި މިވަނީ އަހަރެމެން އިންސާނުން ދުނިޔޭގެ ދިރިއުޅުން ވޭތު ކުރަމުންދާއިރު އެނިޢުމަތްތަކުން ހެޔޮގޮތުގައި ފައިދާ ލިބިގަތުމަށެވެ. ގަސް ގަހާގެހި އަހަރެމެންނަށްޓަކައި ބިމުން ފެޅުއްވިއެވެ. އޭގެ ޒަރިއްޔާއިން ގުނާ އަދަދު ނުކުރެވޭނޭހާ މޭވާ އާއި ކާނާގެ ބާވަތްތަށްލެއްވިއެވެ. ދަތުރުފަތުރު ކުރުމަށްޓަކައި ކަނޑުގައާއި އެއްގަމުގައި ދުއްވާނޭ އުޅަނދުތައް ތައްޔާރުކުރެވޭނޭ ވަސީލަތްތަށްލެއްވިއެވެ.

 އަހަރެމެންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވިއެވެ. އަހަރެމެން އޭގޭން ފައިދާހޯދައި ކައިބޮއި ހެދުމަށްޓަކައި ކަނޑާއި އެއްގަމުގައި ތަފާތު ޖަނަވާރުތައްލެއްވިއެވެ. ރޭދުވާ ތަފާތު ވާނޭގޮތުގައި ލެއްވިއެވެ. ރޭގަނޑު އެއީ އަހަރެމެން ނަށްޓަކައި ނިވަލެއްކަމުގައި ލެއްވިއެވެ. ނިދި އެއީ އަރާމު ލިއްބައިދޭ އެއްޗެއް ކަމުގައި ލެއްވިއެވެ. ދުވާލު އެއީ ތަފާތު މަސައްކަތްތައްކޮށް ހިތްހަމަޖެހުން ހޯދޭ ފަދަ ވަޤުތެއް ކަމުގައިލެއްވިއެވެ.

 
އަހަރެމެންނަށްޓަކައި އަނބިން ނާއި ފިރީން ލެއްވިއެވެ. އެއިލާހުގެ ރަޙްމަތް ފުޅުން އަހަރެމެންގެ ލޮލުގެ ފިނިކަންކަމުގައި އަހަރެމެންގެ ދަރިން ލެއްވިއެވެ. އަހަރެމެންނަށް ޓަކައި މައިންބަފައިންގެ ހިތުގައި ރަޙުމާއި އޯގާތެރިކަން އެއިލާހު ލެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. " وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ " (لقمان14 )
 
މާނަ : " އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަން ރަސްކަލާންގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗައް ބަލި ނިކަމެތިކަމާއި އެކު މާ ބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާގެ ކިރުތުނބުން ވީއްލުން ވަނީ ދެއަހަރުގައެވެ. (ތިމަންރަސްކަލާންގެ އަމުރު ކުރެއްވީމެވެ. ) ތިމަންރަސްކަލާންގެ އަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫއަވުންވަނީ ހަމަ ތިމަންރަސްކަލާންގެ ހަޟްރަތަށެވެ. "

ނަމަވެސް މި ނިޢުމަތްތަކާ މެދު ޣާފިލްވެ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބިމުގައި އެއިލާހުގެ އުޑުގެ ހިޔާވަހިކަމުގެ ދަށުގައި އެއިލާހު ދެއްވި ރިޒްޤު ކައިގެން އެއިލާހަށް އުރެދެނީ ކިތައް ކިތައް އަޅުންތޯއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ފަރުވާ ކުޑަކުރަނީ ކިތައްމީހުންތޯއެވެ. މައިންބަފައިންނަށް އިހާނެތިކޮށް ހިތަނީ ކިތައް މީހުންތޯއެވެ.

މި ހުރިހާ ނިޢުމަތްތަކަށްވުރެ ބޮޑު ނިޢުމަތެއް ﷲ ތަޢާލާގެ އޯގާވަންތަކަމުން އަހަރެމެންނަށް ދެއްވާފައި ވެއެވެ. އެއީ ހިދާޔަތުގެ ނިޢުމަތެވެ. އިސްލާމްދީނުގެ ނިޢުމަތެވެ. އީމާން ކަމުގެ ނިޢުމަތެވެ. ގިނަ ބަޔަކަށް މި ނިޢުމަތުގެ މަތިވެރިކަން އިޙްސާސް ނުކުރެވޭ ކަހަލައެވެ. އެހެން ކަމުން އެބައިމީހުން ﷲ ހަރާމްކުރެއްވި ކަންތައް ތަކަށް ޖެހިލުމެއްނެތި އަރައި ގަންނަމުންދަނީ އެވެ. ކުރަން އަމުރުކުރެއްވި ކަނަތައްތައް ފާޅުގައި ދޫކުރަމުން ދަނީ އެވެ.

 ތަޢާލާ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމަކީ އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ވެ ނަހީތަކުން ދުރުވުމެވެ. ފާފަ އަކަށް އަރައިގަނެވިދާނެ ކަމަށްޓަކައި ބިރުވެތިވެ އަބަދާއި އަބަދު ނަފްސު ތޯހިރު ކުރުމަށް މަސައްކަތް ކުރުމެވެ. އިސްތިޣްފާރުކުރުން ގިނަކުރުމެވެ. ފާފަ ފުއްސެވުން އެދި ގިނަގިނައިން ދެންނެވުމެވެ.

އަހަރެމެންނަކީ ފާފަ އިން ތަތްތެޅިފަވާ ބަޔެކެވެ. ފާފަތަކުގެމަތީގައި ދެމިހުރުމަކީ އީމާންކަން ބަލިކަށިކޮށްލާ ކަމެކެވެ. އެހެން ކަމުން އީމާން ކަމުގެ ނިޢުމަތުގެ މަތީގައި ދެމިހުރުމަށްޓަކައި ނަފްސު ތޯހިރު ކުރަންޖެހެއެވެ. ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ.
"
قَدْ أَفْلَحَ مَن زَكَّاهَا " (الشّمس 9 )
މާނަ : " އެ ނަފްސު ފާފައިން ތޯހިރު ކުރާ މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. "
އަހަރެމެންގެ މާތްނަބިއްޔާ މިކަމުގައިވެސް ފުރިހަމަ ނަމޫނާ އުއްމަތަށް ދައްކަވާދެއްވާފައި ވެއެވެ. އެކަލޭގެފާނަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން ހުރިހާ ފާފައެއް ފުއްސަވާފައިވާ ކަލޭގެފާނެކެވެ. ނަމަވެސް އެކަލޭގެފާނު ދުވާލަކު 70 އަށް ވުރެ ގިނަފަހަރު އިސްތިޣްފާރު ކުރާކަމުގައި ވެއެވެ.

ދުޢާ އަކީ ﷲ ތަޢާލާ އަށް ޝުކުރުވެރިވުން ހައްޤުގޮތުގައި ޝުކުރުވެރިވާ ބަޔެއް ކަމުގައި ﷲ ތަޢާލާ އަހަރެމެން ލެއްވުމެވެ.

    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons