Saturday, August 13, 2011

" އުފާތައް ނެތިކޮށްލާ އެތީގެ މަތިން ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ........ "



އަހުރެން އަހުރެންގެ ނަފްސަށާއި ތިޔަ އެންމެހާ އަޚުންނަށް މިވަޞިއްޔަތްކުރަނީ ﷲ އަށް ތަޤްވާވެރި ވުމަށް. އެހެނީ ﷲ އަށް ބިރުވެތިނުވާ ކޮންމެ މީހަކު މަގުފުރެދޭނެ. ﷲ ވަޙީކުރައްވާފައިވޭ.
"އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ ބިރުވެތިވެ ތަޤްވާވެރިވުން މަތީ ދެމިތިބެއްޖެ ނަމަ ތިޔަބައިމީހުންނަށް فُرْقَانُ އެއް (އެބަހީ: ހެވާއި ނުބައި ދެނެގަންނާނެ އެއްޗެއް) ލައްވާ ހުށީމެވެ." (سورة الأنفال : 29)



ﷲ ގެ އަޅުތަކުންނޭ! ﷲގެ ޢަޛާބަށް ބިރުވެތިވާ މީހާއަށް ހެޔޮކަންތައްތައް ކުރުން ފަސޭހަވާނެ. ނަމަވެސް ދޮގު އުއްމީދުތަކެއް ކުރާ މީހާ ހެޔޮޢަމަލުތައް ކުރުމުގައި ކަންނެތްވެ، އެންމެ ފަހުން ނުބައިކަންތައްތައް ކުރުން ގިނަވެދޭ. ނަމަވެސް މުސްތަޤުބަލް ވަނީ ކައިރީގައި. އަހަރެމެންގެ ވެރި رَبُّ އަހަރެމެން ހެއްދެވީ ބޭކާރު ގޮތެއްގައެއް ނޫން. އަހަރެމެން ދާނެ މިޞްރާބަކަށް ދިއުމަކަށް ދޫކޮށެއް ނުލައްވާނެ. ވީއިރު މާދަމާ ތިބާއަށް ސަލާމަތްކަމެއް ހޯދައިދޭނެ ކޮއްތެއް ހޯއްދަވާ.

މަރުގެ ވަޤުތުވަނީ ވަންހަނާކުރެއްވިގެން. އުއްމީދުތައް ދަނީ އިންސާނާ ހެއްލުތެރިކުރަމުން. މީހަކު މަރުވެއްޖެ ނަމަ ދިރިތިބީން އެމީހަކު ފެންފަރުވައި، ކަފުންކޮށް ތައްޔާރު ކުރޭ. އެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރޭ. އަދި އެ މައްޔިތާގެ ދާއިމީ ގެއަށް އޭނާ ގެންދަނީ ދިރިތިބީންގެ އަތްތަކުން. ތިބާއަށް ފެންނާނެ އޭނާގެ ތިމާގެ މީހުން ކޮންމެވެސް ވަރަކަށް ހިތާމަކުރަނިކޮށް. ނަމަވެސް އިސާހިތަކު އެމީހުން އެކަންތައް ހަނދުމަ ނައްތާލާފައި، ދުނިޔޭގެ މަޖަލުގެ ތެރެއަށް ގެނބިދޭ. ޣާފިލުކަން އެމީހުންގެ މައްޗަށް ގަދަވެދޭ.

ޢިއްޒަތްތެރި އަޚުންނޭ! މިޙަޔާތަކީ ޣާފިލުންގެ މައްޗަށްވާ ޙުއްޖަތެއް. އެމީހުންގެ ދުވަސްތައް އެމީހުން ގެންދަނީ އަބާއްޖެވެރިކަމާއި ދިމާލަށް. ހެޔޮޢަމަލު ކުރުމަކާއިނުލައި އާޚިރަތުގެ ދަރުމައާއި ޘަވާބަށް މީހަކު އުއްމީދުކުރާނީ ކިހިނަކުން؟ ޣާފިލުކަމާއި، ދުނިޔޭގައި ގިނަދުވަހު ދިރިއުޅޭނެކަމުގެ އުއްމީދުގެ ތެރެއަށް ޣަރަޤުވެފައިވާ މީހަކު ތަވްބާވާނީ ކިހިނަކުން؟

ޣާފިލުންނަށް ހަލާކުހުރި. އޭނާއަށް އެއްޗެއް ދެވުނަކަސް އެނާ  ހިތްހަމައެއް ނުޖެހޭ. އަދި އޭނާ ކަމަކުން މަޙްރޫމު ވެއްޖެނަމަ ހިތާމަކުރޭ. އޭނާ އަމިއްލައަށް ނުކުރާ ކަންތައްތަކަށް އެހެން މީހުންނަށް އޭނާ އަމުރުކުރޭ. އޭނާ އެކަންކަމުން މަނާވެ ނުގަންނަ ކަންތައްތައް މީސްތަކުންނަށް އޭނާ މަނާކުރޭ. އޭނާ އަބަދާއި އަބަދު އެހެންމީހުންގެ ކުށްތައް ހޯދާ އެވާހަކަ ދައްކާ، އަދި އަމިއްލަ ނަފްސު ފުރިހަމަ ކަމުގައި ދެކޭ.

ދުނިޔޭގެ ޙަޔާތުގެ އުފަލަށް ގެނބި ޣާފިލުވެގެންވާ މީހުންނޭ! ދުނިޔޭގެ ޙަޔާތަށް އިތުބާރުކުރި ކިތައް މީހުންނަށް  ދުނިޔޭގެ ޙަޔާތް ޚިޔާނާތްތެރިވިބާ؟ މަކަރުވެރި ކިތައް އަނިޔާވެރިންނަށް ދުނިޔޭގެ ޙަޔާތް އޮޅުވާލިބާ؟ ކިތައްކިތައް ކިބުރުވެރިން ދަށްކޮށް، ކިތައް ޢިއްޒަތްތެރިން ނިކަމެތިކޮށްލިބާ؟
މިޙަޔާތުގައި ލިބޭ އާރާއި ބާރަކީ ބަދަލު ވޭވޭ ހުންނަ އެއްޗެއް. އެއްވަރެއްގައި ދެމިހުންނަ އެއްޗެއް ނޫން. މިޙަޔާތުގެ ފޮނިކަމަކީ ވަރަށް އަވަހަށް ހިތިވެދާ އެއްޗެއް. އޭގެ ހިތިކަމަކަން ވެސް އެހާ އަވަހަށް ފޮނިވެދޭ. ބާރުގަދަ ވެރިން ބަލިކޮށްލެވޭ. ޙަޔާތަކީ ކުރުއެއްޗެއް. އޭގައިވާ މަތިވެރި އެއްޗެއްސަކީ މަދު އެއްޗެއް. ޙަޔާތް ވަރަށް އަވަހަށް ދަވްރުކުރަމުންދޭ. އޭގެ އުފާތައް ވަރަށް އަވަހަށް ހިތާމައަށް ވެދޭ. ޞިއްޙަތު ބަލިކަމަށް ބަދަލުވެދޭ. މުދާވެރިކަން ހައިހޫނުކަމަށް ބަދަލުވެދޭ. އޭގެ ދުވަސް ތަކަކީ ހެއްލުންތެރި ކުރުވާ މަކަރުވެރި ދުވަސް ތަކެއް.

އޭތި އަމުރުކުރަނީ ނުބައިކަންކަމަށް. އޭގައިވަނީ ފިލައި ދަނިވި ހިނދުކޮޅެއްގެ އުފާތަކެއް، އުދަނގޫތަކާއި މަރު. އޭގެ ބިނާ ނިކަން އަވަހަށް ފުނޑުފުނޑު ވެދޭ. އޭގައި މީހުން އެކަތިގަނޑަކަށްވެ ހަމައެހާ އަވަހަށް ބައިބައިވެދޭ. އޭގައި ވާ ކޮންމެ އެއްޗެއް މައްޓަށް ވެދޭ.
ކިތަންމެ ގިނައިން ލިބުނު ކަމުގައި ވިޔަސް، ޣާފިލުންގެ ހިތެއް ނުފުރޭ. އެމީހުން އެދޭ ހުރިހާ ކަމެއް އެމީހުންނަކަށް ނުލިބޭ. އެމީހުންނާއި ކުރިމަތިލުމަށް ބަލަބަލައި ހުރި އެއްޗަށް އެމީހުން ތައްޔާރެއް ނުވޭ. އެމީހުން އެއްކުރޭ، ނަމަވެސް އެއިން އެމީހުންނަކަށް ފައިދާއެން ނުކުރޭ. އެމީހުން ޢިމާރާތްތައް ބިނާކުރޭ، ނަމަވެސް އެތަންތާގައި އެމީހުންނަކަށް ދިރިއެއް ނުއުޅެވޭ. ނުލިބޭނޭ ތަކެއްޗަށާއި ނުވާނޭ ކަންކަމަށް އެމީހުން އުއްމީދުކުރޭ.

ﷲ ވަޙީކުރެއްވިއެވެ.
"އެބައިމީހުން ކައިބޮއި އުޅުމަށާއި، ދުނިޔޭގެ އުފާލިބިގަތުމަށާއި، އަޞްލެއްނެތް ދޮގު އުންމީދުތައް، އެބައިމީހުން މަޝްޢޫލުކުރުމަށް ތިބާ އެބައިމީހުން ދޫކޮށްލައްވާށެވެ! ފަހެ އެބައިމީހުންނަށް ނިކަން އަވަހަށް އެނގިދާނެއެވެ." (سورة الحجر : 3)

ގިނަދުވަހު ދުނިޔޭގައި ދިރިހުރުމަށް އުއްމީދުކުރާ މީހުން ޢިމާރާތްތައް ބިނާކުރޭ، އަދި އެއިމާރާތް ތަޅާލާ. އޭނާ އަންދާޒާކުރޭ، ނަމަވެސް އޭނާގެ އަންދާޒާ ނުބައިވޭ. އޭނާ ކުރާނަމޭ ބުނާކަންކަމެއް އޭނާއެއް ނުކުރޭ. އޭނާ ރާވާ ރޭވުން ތަކާއި އެއްގޮތަށް އޭނާ ކަންތަކެއް ނުކުރޭ. ކަންތައްތައް ހިނގަނީ އޭނާ ރާވާ ރޭވުމާއި މުޅިން ޚިލާފަށް. އޭނާ ކުށްފާފަކޮށް އަނިޔާވެރިވޭ. ތަވްބާވުން ފަސްކުރޭ. ކުއްލިއަކަށް މަރުއަތުވެދޭ. ނަމަވެސް އޭނާގެ ދިގު ޢުމުރުގައި އޭނާ ކުރި އެންމެހާ ކަންތައްތަކުން އޭނާއަށް މަންފާއެއް ނުކުރޭ. އޭނާގެ ލޯބިވާ ތިމާގެ މީހުންނާއި، ރަޙްމަތްތެރިން ކަށްވަޅުގައި އޭނާ އެކަނި ބާއްވާފައި ހިނގައިދޭ.

ﷲ ވަޙީކުރައްވާފައިވޭ.
"ތިބާއަށް އެނގިވަޑައި ގަންނަވާތޯއެވެ؟ ތިމަން އިލާހު އެބައިމީހުން އެތައް އަހަރަކަށް ލެހެއްޓެވި ކަމުގައި ވިއަސް ދެން އެބައިމީހުނަށް ވަޢްދު ކުރެއްވިގެންވާ ކަންތައްތައް (އެބަހީ: ޢަޛާބާއި ހަލާކު) އައިމާ އެބައިމީހުން (ދުނިޔޭގައި) ލެހެއްޓެވި ލެހެއްޓެވުމަކުން އެމީހުނަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެއެވެ.) (سورة الشعراء : 207-205)

ލޮބުވެތި އަޚުންނޭ! ﷲ ގެ ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. ((أَكْثِرُوْا ذِكْرَ هَاذِمِ اللَّذَّاتِ)) إبن ماجة ((އުފާތައް ނެތިކޮށްލާ އެތީގެ މަތިން ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ! އެބަހީ: މަރު ހަނދުމަކުރާށެވެ!))

މިއީ މަދުކަލިމަތަކެއްވާ މާނަފުން އިރުޝާދެއް. ޔަޤީނުންވެސް މަރު ހަނދުމަކުރަންޖެހޭ ގޮތަށް މަރުހަނދުމަ ކުރާ މީހާ އޭނާގެ ޢަމަލުތައް ޙިސާބުކޮށް، އޭނާގެ ޢަމަލުތަކާއި މެދުގައްޔާއި، އޭނާގެ ލަނޑުދަނޑިއަށް އޭނާއަށް ވާޞިލުވޭތޯ އޭނާގެ ނަފްސާއި ސުވާލުކުރާނެ. ނަމަވެސް ޣާފިލުވެފައިވާ ހިތެއްގެ ވެރިޔާ ބޭނުންވާނީ ފޮނި ވާހަކަތަކަކާއި ދޮގު އުއްމީދުތަކެއް.
އެކަތިގަނޑަކަށްވެފައިވާ މީހުން ވަކިކުރުވާ، އުފާތަށް ނެތިކޮށްލާ އެތީގެ މަތިން ގިނަގިނައިން ހަދުމަކުރޭ. އުނދަގުލެއްގައިވާ މީހަކު އޭތީގެ މަތިން ހަނދުމަކޮށްފި ނަމަ އެމީހަކަށް ހިމޭންކަމާއި އަރާމް ލިބިދޭ. އަރާމާއި އުފަލުގައިވާ މީހަކު އޭގެ މަތިން ހަނދުމަކޮށްފި ނަމަ އެމީހަކަށް އުދަނގުލާއި ހާސްކަން ލިބިދޭ.

ﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ނިމުން އަންނާނެ. ކޮންމެ ނަފްސެއް މަރުވާނެ. ބިންގަނޑު އަހަރެމެންގެ މަސްތައް ކާނެ. އަހަރެމެންގެ ލޭތައް ބޯނެ. އެއީ އަހަރެމެން އެބިންގަނޑު މަތީގައި ހިނގާފަދައިން، އަދި އޭގެ ފެން ބޯފަދައިން.

ﷲ ވަޙީކުރައްވާފައިވަނީ.
"އަދި އެދުވަހުން ތާޅަފިލި ފުމެލެއްވޭ ހުއްޓެވެ. ދެން، އެޑުތަކާއި ބިމުގައިވާހައި މީހުން (ބިރުން) މަރުވެގެން ވެއްޓޭނެއެވެ. (އެބިރުވެރިކަމުން ސަލާމަތް ކުރެއްވުމަށް) އެއިލާހު އިރާދަ ކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު، ފުމެލެއްވޭ ހުއްޓެވެ. ދެން އެންމެހައި މީސްތަކުން، ތެދުވެ، ބަލަބަލައި ތިބޭނެތެވެ." (سورة الزمر: 68)

إبن ماجة ރިވާކުރެއްވި ޙަދީޘެއްގައިވޭ. އެއްދުވަހަކު ނަބިއްޔާ ޤަބުރެއްގެ ކައިރީގައި ހުއްޓިވަޑައިގެންނެވިއެވެ. އަދި ކީރިތި ކުރެއްވުމަށް ފަހު ޙަދީޘްކުރެއްވިއެވެ. "މަގޭ ބައްޕަ!!!! މިކަމަށް ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަފްސުތައް ތައްޔާރު ކުރާށެވެ!"

إبن ماجة އާއި طبراني ރިވާކުރެއްވި ޙަދީޘެއްގައިވޭ. މީހަކު އެއްސެވެ. އޭ ﷲ ގެ ރަސޫލުއެވެ! މީސްތަކުންގެ ތެރެއިން އެންމެ ބުއްދިވެރި މީހަކީ ކޮބައިތޯއެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "އެންމެ ބުއްދިވެރި މީހަކީ ގިނަގިނައިން މަރު ހަނދުމަކޮށް، އެއާއި ބައްދަލު ކުރުމަށް ތައްޔާރު ވެގެން ހުންނަ މީހާއެވެ..."

إبن ماجة ރިވާކުރެއްވި ޙަދީޘެއްގައިވޭ.
الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوت
"ބުއްދިވެރިޔަކީ ތިމާގެ ކުށްތައް ހޯދައި، މަރުވުމަށް ފަހު އަންނަން އޮތް ކަންތައްތަކަށް ތައްޔާރުވުމުގެ ގޮތުން ހެޔޮ ޢަމަލުކުރާ މީހާއެވެ."

މަރު، ޙަޔާތުގެ ޙަޤީޤަތް ފާޅުކޮށްދީފި. ހެޔޮ ވިސްނުން ހުރި އެކެއްވެސް މިހަޔާތާއި މެދު އުފާކުރާނެ ޖާގައެއް ނެތް. އުފަލާއި މަޖަލުގައި ދިރި އުޅޭމީހުންގެ އުފާލާއި މަޖާ ނެތިކޮށްލާ އެއްޗަކީ މަރު. ވީއިރު އޭގައި މަރުވުމެއް ނުވާ އުފާ ލިބިގަތުމަށް މަސައްކަތް ކުރައްވާ. ސުވަރުގޭގެ އަހުލުވެރިން މަރުވުމެއް ނެތް، އެހެންވެ އެމީހުންގެ ދިރިއުޅުން އަރާމް އެއްޗެއް ކަމުގައިވޭ. އެމީހުން ބައްޔެއްނުވޭ، އެހެންވެ އެމީހުން އުފަލުގައި އަބަދުގެ އަބަދަށް ދިރިއުޅޭ.
އޭ މުސްލިމުންނޭ! މަރާއި އޭގެ އެންމެހާ އުދަގޫތައް ހަނދުމަކުރައްވާ! ބިރުވެރި ހަޅޭކެއް ލުމަށް ފަހު، އުނދަގުލާއި ދަތިކަމާއި އެކު ނޭވާއެއްލައި، ފުރާނަ ހަށިގަނޑާއި ވަކިވެގެންދާ ވަގުތު ހަނދުމަ ކުރައްވާ! އެހެނީ ގިނަގިނައިން މަރު ހަނދުމަކުރާ މީހަކަށް ތިން ކަމަކުން ބަރަކާތްލައްވާނެ. އެއީ އަވަހަށް ތަވްބާވުން، ހިތަށް އުފާވެރިކަން ދެއްވުން، އަޅުކަން ކުރުމަށް ޝަޢުގުވެރިވުން. ހަމަ އެއާއެކު، މަރު ހަނދުމަ ނައްތައިފި މީހަކަށް ތިން މުޞީބަތެއް ޖެހޭނެ. އެއީ ތަވްބާވުން ފަސްކުރުން، ހިތް ނުތަނަވަސްވުން، އަޅުކަމުގައި ކަންނެތްވުން.

ހިތްތައް ހަލާކުކޮށްލާ، ލޯތައް ކަރުނައިން ތެންމާލާ، އުފާތައް ނެތިކޮށްލާ، މީސްތަކުން ބައިބައިކޮށްލާ، އުއްމީދުތައް ފުނޑުފުނޑުކޮށްލާނެ އެއްޗަކަށް މަރު ފުދޭ. ބޮޑެތި ޢާއިލާތަކާއި، ގިނަ ރަޙްމަތްތެރިންނާއި އެކު އުޅެނިކޮށް މަރު އައިސް އެހުރިހާ އެއްޗަކާއި އޭނާ ވަކިކުރުވާ. އަލިކަމާއި މަޖަލުގައި ވަނިކޮށް މަރު އައިސް އަދިރިއާއި އެކަނިވެރި ކަމުގެ ތެރެއަށް އޭނާ ގެންދޭ. ތަނަވަސް ޖާގައިގާ އުޅެނިކޮށް، މަރު އައިސް ހަފަރާތުން ބެދިފައިވާ ހަނިކަން ބޮޑު ކައްވަޅަށް އޭނާ ގެންދޭ.

ބިން މަތީގައި ހިނގަހިނގާ އުޅެނިކޮށް މަރު އައިސް ފަސްގަނޑުގެ އަޑިއަށް އޭނާ ގޮވައިގެންދޭ. އެތާގައި ތިބާގެ ކަފުން ވީދި ހުސްގަޔާވެ، ހުސްފަޔާވެ، އެކަނިވެރި ވާނެ. ތިބާގެ ގެއަކީ ކަށްވަޅު ކަމުގައި ވާނެ. ހިރަފުހަކީ ތިބާގެ ފޭރާން ކަމުގައި ވާނެ. މަރުވެފައިވާ މީހުންގެ އެކިއެކި ގުނަވަންތަކަކީ ތިބާގެ އަވަށްޓެރިން ކަމުގައި ވާނެ. އެއީ އަޑުނީވޭ، އަދި އެއަޑަށް އިޖާބައެއް ނުދެވޭ އަވަށްޓެރިންތަކެއް.

ތިބާ ދުނިޔޭގައި ގިނަދުވަހު ދިރިހުރި، އަދި ގިނަތަކެތި ތިބާއަށް މިލްކުވި. ނަމަވެސް ތިބާގެ ވެރި رَبُّ ގެ އަމުރުފުޅު އައި ހިނދު، އެތަކެތި ތިބާއަކަށް މަންފާއެއް ނުކުރި. އެހެންވެ ތިބާ ދުނިޔޭގައި އުޅުނު ގެ ޤަބުރަށްވެ، ތިބާ އެއްކުރި ތަކެތި ގެއްލިގެން ދިޔަ. ތިބާގެ މުދާތައް ވާރުތަވެރިންގެ މެދުގައި ބަހާލެވިގެން ދިޔަ. ތިބާގެ ޙަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ތިބާގެ މަތިން ހަނދާން ނައްތާލުމަށް ފަހު އެހެން މީހަކު އިޚްތިޔާރުކުރި. އަދި ތިބާގެ މައްޗަށް ﷲ ވަޢުދުކުރެއްވި ކަންތައް އަތުވެއްޖެ.

"ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ ބޭކާރު ގޮތެއްގައި ކަމަށް، އަދި ތިޔަބައިމީހުން ހަމަކަށަވަރުން ތިމަން ﷲގެ ޙަޟްރަތަށް ރުޖޫޢަނުކުރެއްވޭނޭ ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟" (سورة المؤمنون : 115)

( ނުނިމޭ )

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons