Thursday, August 18, 2011

މިއުއްމަތުގެމާތް ނަބިއްޔާ، މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގަބުރުފުޅު ބިމުއަޑިކޮނެގެން ވަގަންނެގުމަށް ޔޫރަޕްގެ މީހުން ކުރި މަސައްކަތް.


   އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( يَا أيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إلَيْكَ مِنْ رَبِّكَ وَإنْ لَمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَالله يَعْصِمُكَ مِنَ النَّاسِ إنَّ اللهَ لاَ يَهْدِيْ الْقَومَ الْكَافِرِيْنَ ) (المائدة: 67) މާނައީ: "އޭ ރަސޫލާއެވެ! ކަލޭގެފާނުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން، ކަލޭގެފާނަށް ބާއްވާލެއްވުނު އާޔަތްތައް، ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ ރިސާލަތު އިއްވެވިކަމަށް، ނުވާނެއެވެ. އަދި ﷲ، މީސްތަކުންގެ ކިބައިން، ކަލޭގެފާނު ރައްކާތެރި ކުރައްވާނެއެވެ. ހަމަކަށަވަރުން، ކާފިރުވީ މީސްތަކުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.

"
  
   މިއުއްމަތުގެ ނަބިއްޔާ، މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ދިރި ދުނިޔޭގައި ހުންނެވުމާއި، ސުވަރުގެ ވަޑައިގަތުމަށްފަހުވެސް، މާތްﷲ މީސްތަކުންގެ ކިބައިން ރައްކާތެރި ކޮށްދެއްވާފައެވެ. ނުހަނު ގިނަ ޙާލަތުގައި، މިކަންވަނީ އެނގި ފާޅުވެފައެވެ. ސުވަރުގެ ވަޑައިގަތުމަށްފަހު، ހިނގާފައިވާ، މިބާވަތުގެ ޙާދިޘާތަކުގެ ތެރޭގައި، އަންނަނިވި ނުރައްކާތެރި ޙާދިޘާ ހިމެނެއެވެ.
  
(الزَّيْن الْمَراغِيْ) އާއި، (السَّيّد السَّمْهُوديّ) ލިޔުއްވާފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅު، ޔޫރަޕަށް ގެންދި އުމަށްޓަކައި، ނަޞާރާއިންގެ ތެރެއިން، ދެމީހަކު ރޫމީން ފޮނުވިއެވެ. މިދެމީހުން، މަޣްރިބްކަރައިގެ މީހުން، ލައިއުޅޭ ހެދުން އަޅައިގެން، ޙައްޖުވެރިންގެ ގޮތުގައި، ނިކުމެއްޖައޫ އެވެ.
   ދެން އެއަށްފަހު، އަލްމަދީނާއަށް ހިނގައްޖައޫއެވެ. ބޭނުމަކީ، ޤަބުރުފުޅަށް ޒިޔާރަތްކުރުމާއި، ޢިލްމު އުނގެނުމާއި، އަހަރު ދުވަހެއްގެ މުއްދަތަކަށް، އަޅުކަމައިގެން މަޝްޣޫލުވެގެން، އަލްމަދީނާގައި ތިބުން ކަމުގައި ބުނަމުންނެވެ. އަލްމަދީނާއަށް ދިއުމަށްފަހު، އަލް މަސްޖިދުއް ނަބަވީގެ، ބާބުއް ސަލާމުގެ ދޮރުކޮޅު ކައިރީގައި، ދޮރުކޮޅާ ދިމާ ބޭރުގައި ޖާގައެއްހިފައި، އެތާނގައި ދިރިއުޅެން ފަށައިފިއެވެ.

ދައްކަމުން ދިޔައީ، ނުހަނު ޞާލިޙް ދިރިއުޅުމެކެވެ. އަލް މަސްޖިދުއް ނަބަވީގައި، ނަމާދު ޤާއިމްކުރުމުގައި، ދެމިތިބޭ ޙާލުގައިއެވެ. ހަމައެފަދައިން، ފަޤީރުންނަށާއި، ނިކަމެތިންނަށް އެހީވުމާއި، އޯގާވެރި ވުމުގައިވެސް، ނުހަނު މަތިވެރި ބައެއްކަން ހާމަކޮށްދެމުން ދިޔައެވެ. މިފަދައިން، މިދެމީހުންގެ ޢަމަލުތައް ފާޅުކުރަމުން ދިޔައިރު، އަނެއްކޮޅުން މިދެމީހުން، ބިމު އަޑީގައި ބިންގަރާހެއް ކޮންނަން ފަށައިފޫއެވެ. އެކަމެއް ކުރަމުން ދިޔައީ، ރޭގަނޑު އަނދިރީގައެވެ. ކޮނެގެން ނަގާވެލިތައް، މިދެމީހުން ގައިގައި ލާ ފޮށާގައި، ގެންގޮސް އުކާލަނީ (جَنَّة البَقِيْعُ) އަށެވެ. އެއީ، ޤަބުރުސްތާނަށް، ޒިޔާރަތް ކުރުމުގެ ނަމުގައި އެތަނަށް، ދާ ދިޔުމެއްގެ ގޮތުގައެވެ.

 މިޙާލުގައި، ދުވަސްތައް ވޭތުވަމުން ދަނީއެވެ. ކޮންނަމުން ދިޔަ ބިންގަރާސް، ބިމުގެ އަޑީން ގޮސް، މިސްކިތްކޮޅުގެ ފާރުކޮޅާއި އަރާ ހަމަވެއްޖެއެވެ. އެއީ ޤަބުރުފުޅަށް ޒިޔާރަތްކުރާ މީހުން، މިޒަމާނުގައި، ހުއްޓި ތިބެގެން ސަލާމް ދަންނަވާ ހިސާބެވެ.
   ދެން، ފަހެ މަސްއަލާގެ ޚުޠޫރަތްތެރިކަން މިހިސާބަށް ގޮސްފައި ވަނިކޮށް، ހެޔޮ ލަފާ ޞާލިޙް ރަސްކަލަކުކަމުގައިވާ، (السُلْطَان نُورُ الدِّيْن زَنْكِيْ) އެހިނދު މާތް ހުވަފެން ފުޅެއް ދެކެވަޑައިގެންފިއެވެ. ހުވަފެން ފުޅުގައި، ރަސްގެފާނު ދެކެވަޑައިގަތީ، ރަސޫލުﷲ ގެފާނެވެ. ހުވަފެންފުޅުގައި، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު، އެދެމީހުންގެ މޫނުގެ ޞިފަ ދައްކަވާފައި ޙަދީޘްކުރެއްވިއެވެ. "ނުބައިކަމަށް އެދިގެން މިދެމީހުން، ތިމަންކަލޭގެފާނުގެ ޤަބުރުފުޅާއި ދިމާއަށް، ބިމުގެ އަޑިން ކޮންނަމުން އެބައާދެއެވެ."

 ފަހެ އެކަންތަކަކީ، އެދެމީހުންގެ ކަންތައް ނިންމައި ލެއްވުމަށްޓަކައި، ރަސޫލުﷲ ގެފާނު އެންގެވި އެންގެވުމެއް ކަމުގައި، ރަސްގެފާނަށް ވިސްނި ވަޑައިގެންފިއެވެ. އެހެނީ މީހަކަށް ހަމަކަށަވަރުން، ރަސޫލުﷲގެފާނު، ހުވަފެނުން ފެނިއްޖެނަމަ، އެއީ ތެދު ހުވަފެނެއް ކަމީ، އެނގި ކަށަވަރު ވެގެންވާ ކަމެކެވެ. އެއީ ޝައިޠާނާގެ ފަރާތުގެ ކަމެއް ނޫނެވެ. އެއީ، ޝައިޠާނާއަކަށް، އިތުރު އެކަލޭގެފާނު ހުވަފެނުގައި، ތަމްޘީލުކޮށެއް ނުދެވޭނެއެވެ. މިއީ ޞައްޙަ ޙަދީޘުން ޘާބިތުވާ ކަމެކެވެ. 

ކޮންމެ އަކަސް، ހުވަފެން ފުޅުން ފެނި ވަޑައިގަތުމުން، ބިރުފުލުން ހޭފުޅު ލެވިއްޖެއެވެ. އަދި ﷲ ހަނދުމަކުރައްވާ، ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް އެދި ވަޑައިގެން، ދުޢާ ކުރައްވަމުން އަވަހާރަ ލައްޕަވައިފިއެވެ. ފަހެ، ދެވަނަ ފަހަރަށްވެސް، އެހުވަފެންފުޅު ފެނިވަޑައިގަތެވެ. މިމޭރުމުން، ތިންފަހަރު، މިހުވަފެންފުޅު ފެނިވަޑައިގަތުމަށްފަހު، އެރަސްގެފާނު އެންމެ އިތުބާރުކުރައްވާ ޞާލިޙް ވަޒީރު، (جَمَال الدِّيْن الْمُوصلي) ގެންނަވައި މިވާހަކަ ވިދާޅުވެ ދެއްވައިފިއެވެ. މިވާހަކަ ސިއްރު ކުރައްވައިފައި ބޭވުމަށް އެދިވަޑައިގަންނަވަމުން، މިޞާލިޙް ވަޒީރު، ރަސްގެފާނަށް މަޝްވަރާ ދެއްވީ، އަވަސްއަވަހަށް މަދީނާއަށް ދަތުރު ފުޅު ފެއްޓެވުމެވެ.

އެހެންކަމުން، ދަތުރުފުޅު ތައްޔާރުކުރައްވައިގެން، އެވަޒީރު އިސްވެ ހުންނަވައި ގޮތަށް، ވިހި ބޭކަލުންނާއިގެން ދަތުރުފުޅު ފައްޓަވައި ފިއެވެ. ރަސްގެފާނު ނުހަނު ގިނަ މުދާ، އެދަތުރު ފުޅުގައި ގެންދެވިއެވެ. ފަހެ، ސޯޅަ ދުވަހުގެ ތެރޭގައި، މަދީނާއަށް ވާޞިލް ވެއްޖައޫއެވެ. ދަތުރު ފުޅުގައި، ސޫރިޔާއާއި، އުރުދުނާއި، ޢަރަބި ކަރައިގެ އުތުރު ހުރަސްކުރައްވާ، މަދީނާއަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ވަޑައިގެންނެވުނުކަން، އެއީ ޢަޖައިބު ވަނިވި ކަމެކެވެ. އެހެނީ، މިދަތުރުގެ މަސާފާއަކީ، ޢާއްމު ގޮތެއްގައި، އެޒަމާނުގައި ދޮޅު މަސްދުވަހަށް ވުރެ ކުރުމުއްދަތެއްގައި، ކަޑައްތުކޮށް ނުލެވޭ މަސާފާއެކެވެ. ޙަލަބުން މަދީނާ އަށެވެ.
   ރަސްގެފާނު، މަދީނާއަށް ވަޑައިގަތުމަށްފަހު، ޠާހިރުވެ ވަޑައިގެން، އަލް މަސްޖިދުއް ނަބަވީއަށް ވަދެ ވަޑައިގެންފޫއެވެ. ދެން، ރަވްޟަތުއް ޝަރީފްގައި، ދެރަކްޢަތް ނަމާދެއް ކުރައްވާ، އެއަށްފަހު، ރަސޫލުﷲ ގެފާނުގެ ޤަބުރު ފުޅަށާއި، އަރިހުގައި ފަސްދާނު ލެއްވިފައިވާ ދެބޭކަލުންނަސް ޒިޔާރަތްކުރެއްވިއެވެ. ދެން އެއަށްފަހު، މިސްކިތުގައި އިށިންދެ ވަޑައިގެންނެވިއެވެ. އެހިނދު، މަދީނާގެ އަހުލުވެރިން، ރަސްގެފާނުގެ އަރިހަށް ޖަމާވެއްޖެއެވެ. ޒަމާން ދިގުވެގެން ދިޔަކަމުގައި ވީނަމަވެސް، އެތާގައި ޢިލްމުވެރިންނާއި، ޚިޔާރު ކުރެއްވިގެންވާ ބޭކަލުން އުޅުއްވަމުން ގެންދެވިއެވެ.
   ދެންފަހެ، ރަސްގެފާނު މަދީނާއަށް ޒިޔާރަތް ކުރެއްވި ވާހަކައާއި، މަދީނާގެ އަހްލުވެރިންނަށް، ޞަދަޤާތް ކުރެއްވުމަށް، ނުހަނު ގިނަ މުދާ ގެންނެވި ވާހަކަ އާއި، ރަސްގެފާނު އިސް ވަޒީރު، މަދީނާގެ އަހްލުވެރިންނަށް އަންގަވައިފިއެވެ. މިކަމަކީ، މުސްލިމުންގެ ރަސްރަސްކަލުންގެ އާދައެއްވެސް މެއެވެ. ކޮންމެ އަކަށް، މީސްތަކުން ރަސްގެފާނުގެ އަރިހަށް ޖަމާވެއްޖައޫއެވެ. ރަސްގެފާނު، އެބައިމީހުންގެ ތެރެއިން، ކޮންމެ މީހަކައްމެ ޞަދަޤާތް ކުރައްވަމުން ގެންދެވިއެވެ. ހުވަފެންފުޅުގައި، ރަސޫލުﷲ ގެފާނު، ރަސްގެފާނަށް ދެއްކެވި މޫނުތައް ދެކެވަޑައިގަތުމުގެ އުއްމީދުގައި، ރަސްގެފާނު ޞަދަޤާތް ކުރައްވަމުން ގެންދެވީ، ނުހަނު ފަރުވާތެރިކަން ބަހައްޓަމުންނެވެ. ނަމަވެސް، މަދީނާގެ އެންމެހާ މީސްތަކުންނަށް ދެއްވައި ނިމުނުއިރުވެސް، އެމޫނުތަކެއް ދެކެވަޑައިނުގަތެވެ.

 އެހެންކަމުން، ރަސްގެފާނުގެ އަރިހަށް ނާންނަ އެއްވެސް މީހަކު ހުރިތޯ އެބައިމީހުންނާއި ސުވާލުކުރި އެވެ. އެބައިމީހުން ދެންނެވިއެވެ. "މަދީނާގެ އެންމެހައި މީސްތަކުން، މަނިކުފާނުގެ އަރިހަށް ޖަމާވިއެވެ. ދެމީހަކު މެނުވީއެވެ. އެދެމީހުންނަކީ، އަންދަލުސް (ސްޕޭނުން) އައިސްގެން އުޅޭ މަޣްރިބްކަރައިގެ ދެމީހުންނެވެ. އެދެމީހުންނަކީ، ޢިލްމު އުނގެނޭ ބައެކެވެ. މަސްޖިދުއް ނަބަވީގައި، ނުހަނު ބަރާބަރަށް ނަމާދަށް ޙާޟިރުވާ ބައެކެވެ. އެދެމީހުން ބުނާ ގޮތުގައި، އެމީހުން އެއްވެސް އެއްޗެއް ބޭނުން ވެގެންނެއް ނުވެއެވެ. އެދެމީހުންނަކީ މުއްސަނދީންނެވެ."

 އެހިނދު، ބާރުގެ ބޭނުންކޮށްގެން ކަމަށްވިޔަސް، އެދެމީހުން ރަސްގެފާނުގެ އަރިހަށް ގެންނަން އަމުރު ކުރައްވައިފިއެވެ. ރަސްގެފާނުގެ އަރިހަށް އެދެމީހުން ޙާޟިރު ކުރެވުނު ހިނދު، އެދެމީހުންނަކީ، ރަސްގެފާނު ދެކެވަޑައިގަތުން ބޭނުންފުޅުވެގެން އުޅުއްވާ ދެމީހުންކަން، ރަސްގެފާނަށް އެނގި ވަޑައިގަންނަވައިފިއެވެ. އެއީ ހުވަފެންފުޅުގައި ދެކެ ވަޑައިގެންނެވި ދެމީހުންނެވެ. އެއީ ރަސޫލުﷲ ގެފާނު ރަސްގެފާނަށް، ޞިފަކޮށްދެއްވި ދެމީހުންނެވެ.
   ދެން އެހިނދު، ރަސްގެފާނު، މިދެމީހުންނާއި ސުވާލުކުރިއެވެ. "ތިޔަބައިމީހުން ޞަދަޤާތް ލިބިގަތުމަށް ޙާޟިރްނުވީ ކީއްވެ ހެއްޔެވެ؟" މިދެމީހުން ދެންނެވިއެވެ. "އަޅުގަނޑުމެން އަތުގައި، ފުދޭ ވަރަށް މުދާ އެބަހުއްޓެވެ. އަޅުގަނޑުމެން  އެއްވެސް އެއްޗަކަށް ބޭނުންވެގެން ނުވަމުއެވެ." ފަހެ، ރަސްގެފާނު މިމީހުންނާ ސުވާލުކުރެއްވުން ހުއްޓަވައެއް ނުލައްވައެވެ. އަދި، އެހިނދު މަދީނާގެ އަހުލުވެރިން، މިދެމީހުންގެ ރަނގަޅު ވާހަކަ ދަންނަވަމުން، ޘަނާ ކިޔަމުންދެއެވެ.

 މިދެމީހުން ބަސްމަގު ހުރިގޮތް ދަންނައެވެ! "ހަމަކަށަވަރުން، އަޅުގަނޑުމެންނަކީ، މަޣްރިބް ކަރައިގެ ބަޔަކީމުއެވެ. އަޅުގަނޑުމެން އައީ ޙައްޖުވުމަށެވެ. އަދި ޤަބުރުފުޅަށް ޒިޔާރަތް ކުރުމަށެވެ. އަދި މަސްޖިދުއް ނަބަވީގައި، އަހަރު ދުވަހުގެ މުއްދަތަކަށް އަޅުކަންކުރުމަށް ތިބުމުގެ މާތްކަން ލިބިގަތުމަށެވެ." މިބައިމީހުން، ރަސްގެފާނަށް، މިބާވަތުގެ ޢިބާރަތްތައް ދަންވަމުން ދިއައެވެ. އެންމެ ފަހުން، މިދެމީހުންނާއިއެކު، ރަސްގެފާނު މިބައިމީހުން ތިބޭ ކޮޓަރިއަށް ވަޑައިގަންނަވައިފިއެވެ. އެކަމަކު، ޝައްކެއްވާ ބާއްވަތެއްގެ އެއްވެސް ކަމެއް، އެކޮޓަރީގެ ތެރެއަކުން، ރަސްގެފާނަށް ފެނިވަޑައިނުގަތެވެ.

 އެހިނދު، ރަސްގެފާނު އަމިއްލަ ނަފުސާއި މެދު ޢަޖާއިބުވާން ފައްޓަވައިފިއެވެ. އަދި މަދީނާގެ އަހުލުވެރިންވެސް، ރަސްގެފާނުގެ ޢަމަލުފުޅާއި، މެދު ޢަޖާއިބުވާން ފައްޓައިފިއެވެ. ރަސްގެފާނު ބޭނުންފުޅު ވެގެން އުޅުއްވަނީ، ކޮން ކަމެއްކަން އެމީހުންނަކަށް ނުވިސްނުނެވެ.

 ދެންފަހެ، އެންމެ ފަހު ވަޤުތުގައި، ކޮޓަރީގައި ބަހައްޓާފައިހުރި ހިކި ހުއި ފުންޏެއް ވަރަށް ކުއްލި ގޮތަކަށް އެއްފަރާތް ކޮށްލިއެވެ. ސުބްޙާނަﷲ! އޭގެ ދަށުން ފެނިވަޑައިގަތީ، ބިންގަރާހެއްގެ އަނގަ މައްޗެވެ. ހޮހޮޅައިގެ ފެށުމެވެ. ބިންގަރަށް ކޮންނަން ފަށައިފައިވާ ތަނެވެ. ފަހެ، ރަސްގެފާނު، ބިންގަރާހުގެ ތެރެއަށް ބައްލަވައި ލެއްވިއެވެ. އަދި ބިން ގަރާހުގެ ތެރެއަށް ވަނުމަށް، މީހަކަށް އަމުރު ކުރިއެވެ. އެމީހަކު އެއިގެ ތެރެއަށް ވަދެ ބަލައިލުމުން، އެނގި ކަށަވަރުވީ، އެއީ މަސްޖިދުއް ނަބަވީ އާ ދިމާއަށް ކޮންނަމުން ގޮސްފައިވާ ބިންގަރާހެއް ކަމެވެ. އަދި ކިއެއްތަ! މިބިންގަރާސް، ވަނީ އަޑިން ކޮންނަމުންގޮސް، މަސްޖިދުއް ނަބަވީޢާ ހަމައަށް ފޯރައިފައެވެ. މާތް ޤަބުރުފުޅާއި ނުހަނު ގާތްވެފައެވެ.

 ފަހެ، އެހިނދު، ﷲގެ ޙަޟްރަތަށް، ރަސްގެފާނު ޙަމްދުކުރެއްވިއެވެ. އެހެނީ އެބައިމީހުންގެ މިނުބައި ރޭވުން، ފާޅުވެގެން ދިއުމުންނެވެ. ދެން އެއަށްފަހު، މިދެމީހުންގެ ކިބައިން މިކަމުގެ ޖަވާބަށް އެދި ވަޑައިގެން، މިދެ މީހުންގެ މައްޗަށް ދަތި ކޮއްލެއްވިއެވެ. ސުވާލުކުރެއްވުން ހަރުކަށި ކޮށްލެއްވިއެވެ. އެންމެ ފަހުން، އިޢްތިރާފްވުން މިދެމީހުންނަށް މަޖުބޫރު ވެއްޖެއެވެ. އިޢްތިރާފް ވެއްޖެ އެވެ. ހަމަކަށަވަރުން މިދެމީހުންނަކީ، ނަޞާރާއިން ކަމާއި، މި މިހުން ފޮނުވައިފައިވަނީ ޔޫރަޕްގެ ރަސްރަސްކަލުންކަމާއި، ބޭނުމަކީ، މުޙައްމަދުގެފާނުގެ ޤަބުރުފުޅު ކޮނެ، ޔޫރަޕަށް ގެންދިއުން ކަމާއި، މިކަންކަމަށް މިދެމީހުން އިޢްތިރާފް ވެއްޖެއެވެ.

 އެހެންކަމުން، މިމީހުން އުޅެމުން ދިޔަ ކޮޓަރީގެ، ކުޑަދޮރު ކައިރީގައި މިދެމީހުންގެ ބޯ ބުރިކޮށްލުމަށް ޙުކުމް ތަންފީޛް ކުރެއްވިއެވެ.
  
 މިޙާދީޘާއަކީ، މާތްވެގެންވާ އިސްލާމް ދީންގެ މާތް ނަބިއްޔާ އަށާއި، އިސްލާމް ދީނަށާއި، މުސްލިމުންގެ މައްޗަށް ޞަލީބީން ހިތްތަކުގައި، ދިގުޒަމާނެއްގައި ހިނގަމުން އަންނަ ރުޅިވެރިކާމާއި ޙަސަދަވެރިކަން، ބަޔާންވެގެންވާ ޙާދިޘާތަކުގެ ތެރެއިން ޙާދިޘާއެކެވެ.
   ދެންފަހެ، މިނުރައްކާތެރި ޙާދިޘާ އަށްފަހު، މާތްވެގެންވާ ކޮޓަރިކޮޅުގެ ވަށައިގެން ފުންކޮށް ފެނާ ޖެހެންދެން، ޚަންދަޤެއް ކޮނުމަށް، ރަސްގެފާނު އަމުރު ކުރައްވައިފިއެވެ. ދެން، އެއަށްފަހު، ތިމަރަ ވިރުވާފައި، އެޚަންދަޤުގެ ތެރެއަށް އަޅުއްވައިފިއެވެ. އެހެންކަމުން، ތިމަރަ ވިރުވައި އަޅާފައިވާ ގަދަފަދަ ފާރެއްކަމުގައި އެތަންވެއްޖެއެވެ. މިމާތްވެގެންވާ ޝަރަފުވެރި ކޮޓަރިކޮޅު ވަށައިގެން، ބިމުތެރޭ ލެވިފައިވާ މިވަރިގަދަ، ގަދަފަދަ ފާރު، ފޫއަޅުވާލައިފައި، އެއްވެސް ޒަމާނެއްގައި، ހަމައެކަކަށްވެސް، މާތް ޤަބުރުފުޅާއި ހަމައަށް ވާޞިލެއް ނުވެވޭނެއެވެ.

 އެއަށްފަހު (السُلْطَان نُورُ الدِّيْن زَنْكِيْ) އެމަނިކުފާނުގެ ސަހަރަށް ވަޑައިގެންފިއެވެ. ދެން އެމަނިކުފާނުގެ ވެރިކަމުގެ ދަށުގައި އުޅެމުންދާ ނަޞާރާއިންނާއި މެދު ހަރުކަށި ފިޔަވަޅެއް އެޅުއްވިއެވެ. އެއީ ނަޞާރާއިން، ކުރި މިނުބައި ޢަމަލުގެ ސަބަބުންނެވެ. އަދަބެއްގެ ގޮތުންނެވެ. މިނުރައްކާތެރި ޙާދިޘާ ހިނގާފައިވަނީ، 557 ހ. ވަނަ އަހަރުއެވެ.  

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons