Thursday, August 4, 2011

ޢަބްދު ﷲ ބިން މުބާރަކް (رحمه الله) ގެ 10 ފިލާވަޅު

 ޢަބްދު ﷲ ބިން މުބާރަކް (رحمه الله) އަކީ ވަރަށް ގިނަ މަތިވެރި ކަމުގެ ސިފަތަކުން މަޝްހޫރުވެވަޑައިގެންފައިވާ ޢިލްމުވެރިއެކެވެ. އެކަލޭގެފާނުގެ ރަޙްމަތްތެރިން އެކަލޭގެފާނާއި އެކުގައި އިށީނދެ ތިބެގެން އެކަލޭގެފާނުގެ އުޅުއްވުމާއި އަޚުލާޤްގައިވާ ހެޔޮ ރަނގަޅު ކަންތައްތައް ގުނާ އުޅެ އެވެ.
ރަޙްމަތްތެރިންތައް ބުނެފައިވާ ކަމަށް އައް-ޒަހަބީ (رحمه الله) ރިވާކުރެއްވިއެވެ. ”އިބްން އަލް-މުބާރަކްގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ގުނުމަށް އިށީންނަމާ ހިނގާށެވެ.“ އެހެންކަމުން، އެބޭކަލުންތައް މިލިސްޓް ހައްދަވާ ނިންމެވި އެވެ: ”ޢިލްމުވެރިކަން، ފިޤްޙް، ލިޓްރޭޗަރ، ޤަވާއިދު، ބަހުގެ ޢިލްމު، ޒުހުދުވެރިކަން، ބަސްމޮށުންތެރިކަން، ޅެންވެރިކަން، ރޭއަޅުކަން ކުރެއްވުން، ޢާއްމު އަޅުކަންތައް، ޙައްޖު، ޖިހާދު، ހިތްވަރުގަދަކަން، ވިސްނުންތޫނުކަން، ބާރުގަދަކަން، އެކަލޭގެފާނާއި ނުބެހޭ ކަންތައްތަކާއި މެދު އެއްޗެއް ވިދާޅުނުވުން، ހަމަހަމަކަން އަދި އެކަލޭގެފާނުގެ ރަޙްމަތްތެރިންނާއި އެއްވެސް ފަދަ ދެކޮޅުވެރިކަމެއް ނުއުފެދުން.“ މިއެވެ.

އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ވާހަކަތައް ކިޔާލާ މީހަކަށް ފެނިގެންދާނީ ހަމަ މި ދެންނެވި ސިފަތަކެވެ. އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅުން ބުރަދަންބޮޑު ފިލާވަޅުތަކެއް ލިބިގަނެވޭނެއެވެ.
1- ތިބާއަށް ތިބާއަކީ ކިތަންމެ ނުރަނގަޅު މީހެއް ކަމުގައި ވިސްނުނު ކަމުގައި ވިޔަސް، ތިބާއަށް އަބަދުވެސް އިތުރަށް ރަނގަޅު ވެވޭނެ އެވެ.
’ތަރްތީބް އަލް-މަދާރިކް‘ [159/1] ގައި، އިބްން އަލް-މުބާރަކްގެ ގާތުގައި އެކަލޭގެފާނު ކިޔަވާ ވިދާޅުވާން ފެއްޓެވީ ކީއްވެކަމާއި ބެހޭގޮތުން ސުވާލުކުރެވުނު ކަމުގެ ވާހަކަ އަލް-ގާޒީ އިޔާދު (رحمه الله) ބަޔާންކުރައްވާފައި ވެއެވެ. އިބްން އަލް-މުބާރަކް ވިދާޅުވިއެވެ. ”އަހުރެންނަކީ، ރާބުއިމާއި މިއުޒިކަށް ލޯބިކޮށް ލަވަކިޔުމުގައި ދުވަސްތައް ވޭތުކުރި ޒުވާނެކެވެ. އެހެންކަމުން، އަހުރެންގެ ރަޙްމަތެރިންތަކަކަށް އަހުރެންގެ ބަގީޗާތަކުގެ ތެރެއިން ފޮނި އާފަލު ހުންނަ ބަގީޗާއަށް ދަޢުވަތު ދިނީމެވެ. އެތަނުގައި އަހަރެމެން ކައި ބޮއެ މަސްތުވީމެވެ. ރޭގަނޑުގެ ނިމޭ ވަގުތުގައި އަހުރެންނަށް ހޭލެވި ނަރުލީ މިޔުޒިކް ކުޅޭ އެއްޗެއް ނަގައިގެން ލަވަ ކިޔަން ފެށީމެވެ.“
’މީ އަހަރެންގެ މައްޗަށް ރަޙްމަތް ލައްވަންވީ ވަގުތެއް ނޫންހެއްޔެވެ؟ އަދި އަހަރެމެން، އަހަރެމެންނަށް ފާޑުކިޔާ މީހުންނާ ތަޅާފޮޅަމެވެ.‘
އަހަރެންގެ ހިތަށް އަންނަމުން ދިޔަ ބަސްތައް އަހަންނަށް ބޭރެއް ނުކުރެވުނެވެ. އަހަރެން ބަސްތައް ބޭރުކުރަން މަސައްކަތް ކުރާ އިރަށް، އެ ނަރުލީ މިޔުޒިކް ކުޅޭ އެތި މީހެއް ފަދައިން އަހަންނާއި މުޚާތަބު ކުރަން ފެށިއެވެ. މިއާޔަތް ކިޔަމުންނެވެ.
” أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ ... “
”ﷲ ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެބައިމީހުންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެ ކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވީ މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ....“  [ސޫރަތުލް ޙަދީދް 16]
ދެން އަހަރެން ބުނީމެވެ. ”އާއެކެވެ، އޭ އަހަރެންގެ ވެރި ރައްބެވެ!“ އަދި އަހަރެން އެއާލާތް ހަލާކުކޮށްލާ، ރާ އަނގައިން ބޭރުކުރީމެވެ. އަދި އަހަރެންގެ ތައުބާވުން އޭގެ ހުރިހާ ޙަޤީޤަތްތަކާއިއެކުގައި ފެށިގެން އައީ ﷲގެ ރަޙްމަތްވަންތަ ކަމުންނެވެ. އަދި އަހަރެން، ޢިލްމާއި އަޅުކަމަށް ރުޖޫޢަވީމެވެ.
2- ޤަދަރުވެރި މީހުންނާއިއެކުގައި ތިބާގެ ނަފްސު ގުޅުވާށެވެ.
’ސިފަތުއް ސަފްވާން‘ [233/2] ގައި އިބްން ޖައުޒީ (رحمه الله) ބަޔާންކުރެވިއެވެ: ”މަރްވާގައި ހުންނަ އިބްން އަލް-މުބާރަކްގެ ގެކޮޅު ވަރަށް ބޮޑުވެގެންވެއެވެ. އެގޭގެ ބޮޑުމިން 50 ޔާޑަށް ގުނެއެވެ. ޢިލްމާއި، އަޅުކަމާއި، ފިރިހެންކަމާއި ނުވަތަ މަރްވާގައި މަތީ ދަރަޖަ ލިބިގެންވާ ބަޔަކު މެނުވީ އެގޭގައި ނުވެއެވެ.“
3- އެހީތެރިވާ މެހްމާނަކަށްވާންޖެހޭނެ އެވެ.
’ސިފަތުއް ސަފްވާން‘ [234/2] ގައިވެއެވެ. އައް-ނަދީރު ބިން މުޙައްމަދުގެ ދަރިކަލުން ކައިވެނިކުރުމުން އެތަނަށް އިބްން އަލް-މުބާރަކްއަށް ދަޢުވަތު އެރުވުނު ކަމަށް ރިވާވެފައިވެއެވެ. އިބްން އަލް-މުބާރަކް އެތަނަށް ވަޑައިގެން، މެހްމާނުންނަށް ޚިދުމަތްކުރައްވަން ތެދުވެވަޑައިގެންނެވި އެވެ. އައް-ނަދީރު އިބްން އަލް-މުބާރަކްގެ އަރިހުން ދުރަށް ވަޑައެއް ނުގަތެވެ. އަދި އިބްން އަލް-މުބާރަކް ޚިދުމަތް ކުރެއްވުން ނުހުއްޓަވައިފިނަމަ އެޙަފްލާއިން ދިއުމަށް އަމުރުކުރާނެކަމަށް ހުވާކުރެއްވި އެވެ. އެއަށްފަހުގައި އިބްން އަލް-މުބާރަކް އިށީނދެވަޑައިގަތެވެ.“
4- ފަޤީރުންނަށް ފައިސާދޭން ޖެހޭނެއެވެ.
’ސިފަތުއް-ސަފްވާން‘ [327/2] ގައިވެއެވެ. އިބްން އަލް-ޖައުޒީ (رحمه الله) ވިދާޅުވިއެވެ. އިބްން އަލް-މުބާރަކް ފަޤީރުންނަށްޓަކައި އަހަރަކު 1000 ދިރުހަމް ޚަރަދުކުރައްވައެވެ.“
5- އަބަދުވެސް މީހުންގެ އަތުން އަނބުރާ ރައްދުކުރާ ގޮތަށް ހޯދާފައި ހުންނަ ތަކެތި އޭގެ ވެރިންނަށް ރައްދު ކުރަންވާނެ އެވެ.
’ސިފަތުއް ސަފްވާން‘ [329/2] ގައިވެއެވެ. އަލް-ހަސަން ބިން އަރަފާގެ ގާތުގައި ޢަބްދުﷲ ބިން އަލް-މުބާރަކް (رحمه الله) ވިދާޅުވިއެވެ. ”ޝާމްގެ މީހެއްގެ އަތުން އަހުރެން ގަލަމެއް އަނބުރާ ރައްދުކުރާ ގޮތަށް ހޯދީމެވެ. އަދި އޭގެ ވެރިމީހާއަށް އެ އަނބުރާ ދިނުމަށް އަހަރެން ބޭނުންވި އެވެ. އަހަރެންނަށް މަރުވާ(ތުރުކުމަނިސްތާން) އާއި ހިސާބަށް ދެވުނުތަނާ އެ ގަލަން އަދިވެސް އަހަރެން އަތުގައި އޮތްކަން އެނގުނެވެ. އަހަރެން އެ ގަލަން އޭގެ ވެރިމީހާއަށް ރައްދުކުރުމަށްޓަކައި ޝާމްއަށް އަނބުރާ ދިޔައީމެވެ!“
6- ވަރަށް ހިތްވަރުގަދަ ވާންޖެހޭނެ އެވެ. އަދި ތިބާގެ ހެޔޮ ޢަމަލުތައް ސިއްރު ކުރާށެވެ.
’ސިފަތުއް ސަފްވާން‘ ގެ [329/2] ގައިވެއެވެ. އަބްދާ ބިން ސުލައިމާން (رحمه الله) ވިދާޅުވިއެވެ. ”ޢަބްދުﷲ ބިން މުބާރަކް އާއިއެކުގައި ރޯމަނުންގެ ބިމުގައި ދަތުރެއްގައިވީމެވެ. ދުޝްމަނުންނާއި ބައްދަލުވެ، ދެ ލަޝްކަރު ބައްދަލުވުމުން ރޯމަނުންގެ ތެރެއިން އެކަކު ނިކުމެ ހަމަލާ ދޭން ފެށިއެވެ. އޭނާއަށް ޙަމަލާ ދިނުމަށް މުސްލިމުންގެ ލަޝްކަރުން އެކަކު ނިކުތެވެ. ދެމީހުން އެއްގަޑިއިރުގެ ޙަމަލާ ބަދަލުކުރުމަށްފަހުގައި މުސްލިމް މީހާ ރޯމަނުންގެ މީހާއަށް ޙަމަލާދީ އޭނާ ޤަތުލުކުރި އެވެ. އަނެއްކާވެސް ރޯމަނުންގެ ތެރެއިން އެކަކު އައެވެ. ހަމައެމީހާވެސް ޤަތުލުކޮށްލެވުނެވެ. އިތުރު މީހަކަށް ގޮވާލެވުނެވެ. އަނެއްކާވެސް ރޯމަނުންގެ އިތުރު މީހަކު އައެވެ. އޭނާއާއިއެކުވެސް 1 ގަޑިއިރުގެ ޙަމަލާ ބަދަލުކުރުމަށްފަހު ޤަތުލުކޮށްލެވުނެވެ. މުސްލިމުންތައް މި މީހާ ވަށާލިއެވެ. އަދި އަހުރެންވެސް އެމީހުންނާއިއެކުގައި ވީމެވެ. އަދި މިމީހާ އޭނާގެ ފޭރާމުގެ އަތުން އޭނާގެ މޫނު ނިވާކޮށްފައި ހުއްޓެވެ. އަހަރެން އޭނާގެ އަތުގެ ކައިރިފަށް ހިއްލާލާފައި ދުރަށް ޖައްސާފައި އެއީ ކާކުތޯ ބެލީމެވެ. އަދި އެއީ ޢަބްދުﷲ ބިން މުބާރަކްއެވެ. އަދި އައް-ޒަހަބީގެ ރިވާޔަތުގައިވަނީ ޢަބްދުﷲ ބިން މުބާރަކް އެމީހާ ލައްވާ ޢަބްދުﷲ ބިން މުބާރަކްގެ ވާހަކަ މަރުދުވަހާއި ޖެހެންދެން އެއްވެސް މީހަކު ކައިރީގައި ނުބުނުމަށް ހުވާކުރުވި ކަމަށެވެ.“
7- އޯގާތެރި ހިތެއް ހުންނަންވާނެއެވެ.
’ސިފަތުއް ސަފްވާން‘ [330/2] ގައިވެއެވެ. އަލް-ޤާސިމް ބިން މުޙައްމަދު ވިދާޅުވިއެވެ. ”އިބްން އަލް-މުބާރަކްއާއިއެކުގައި ދަތުރެއްގައި އަހަރެމެން ވީމުއެވެ. އަދި އަހަރެން އަބަދުވެސް އަހަރެންގެ އަމިއްލަ ނަފްސަށް ބުނެހެދީމެވެ. މިމީހާ (އިބްން އަލް-މުބާރަކް) ގެ ޙާއްޞަ ކަމަކީ ކޮބައިހެއްޔެވެ؟ އޭނާ މީސްތަކުންގެ މެދުގައި އެހާ މަޝްހޫރު މީހަކަށް ވީ ކީއްވެހެއްޔެވެ؟ އިބްން އަލް-މުބާރަކް ނަމާދުކުރައްވައިފިނަމަ އަހަރެމެންވެސް ނަމާދުކުރަމެވެ. ރޯދަ ހިއްޕަވައިފިނަމަ، އަހަރެމެންވެސް ރޯދަ ހިފަމެވެ. ހަނގުރާމަކުރައްވައިފިނަމަ އަހަރެމެންވެސް ހަނގުރާމަކުރަމެވެ. ޙައްޖު އަދާކޮށްފިނަމަ އަހަރެމެންވެސް ޙައްޖު ޢަދާކުރަމެވެ. “
އެއްރެއެއްގައި، ޝާމްއަށް ދިޔަ މަގުމަތީގައި އަހަރެމެން ގެއެއްގައި އެ ރޭ ވޭތުކުރީމެވެ. އެގޭގެ ބައްތި ނިވުނެވެ. އަދި އަހަރެމެންގެ ތެރެއިން ބަޔަކު ހޭލި އެވެ. އެހެންކަމުން، އިބްން އަލް-މުބާރަކް ބައްތި ދިއްލުމަށްޓަކައި އެ ހިފައިގެން ބޭރަށް ނިކުތެވެ. އަދި ބޭރުގައި އިރުކޮޅަކު މަޑުކުރި އެވެ. ބައްތި ހިފައިގެން އެތެރެއަށް ވެންނެވި ވަގުތު، އަހަރެންނަށް އިބްން އަލް-މުބާރަކްގެ މޫނު ފެނުނެވެ. އަދި އިބްން-އަލް މުބާރަކްގެ ތުބުޅި ކަރުނައިން ތެމިފައި ވަނިކޮށް ދުށީމެވެ. އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން ބުނީމެވެ. ”ﷲތަޢާލާއަށް ވާ ބިރުވެތިކަން މިއީ އަހަރެމެންނަށް ވުރެ އިބްން-އަލް މުބާރަކް ހެޔޮކަން ބޮޑުވި ސަބަބެވެ. ބައްތި ނިވި އަހަރެމެން އަނދިރީގައި ވީ ވަގުތު، އިބްން އަލް-މުބާރަކް އަށް މަޙްޝަރު ދުވަސް މަތިން ހަނދުމަވީއެވެ.“
8- ތިބާގެ ރަޙްމަތްތެރިންނަށް ދީލަތީވާންޖެހޭނެއެވެ.
’ސިފަތުއް ސަފްވާން‘ [329/2] ގައިވެއެވެ. އިސްމާޢީލް ބިން އައްޔާޝް ވިދާޅުވިއެވެ. ”އެ ސިފައެއް ﷲތަޢާލާ ޢަބްދުﷲ ބިން މުބާރަކްގެ ކިބައިގައި ލައްވަވާފައިނުވާ އެއްވެސް ހެޔޮ ސިފައެއް ނުވެ އެވެ. މިޞްރުން މައްކާއަށް ކުރި ދަތުރެއްގައި ޢަބްދުﷲ ބިން މުބާރަކްއާއި އެކުގައި ދަތުރުކުރިކަމަށް އަހަރެންގެ ރައްޓެހިން ބުންޏެވެ. އަދި އިބްން އަލް-މުބާރަކް މުޅި އެދަތުރުގައި ރޯދައަށް ހުންނަވައި އެމީހުންނަށް ފުށުން ހަދާފައި ހުންނަ ފޮނި ކާއެއްޗެއް އެރުވުމުގައި އުޅުއްވި ކަމަށެވެ.“
9- ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލިގެން ނުވާނެ އެވެ.
’ތަރްތީބް އަލް-މަދާރިކް‘ [159/1] ގައިވެއެވެ. އިބްން އަލް-މުބާރަކް ވުޟޫ ކުރަން ހުންނަވަނިކޮށް ޝައިޠާނާއައިސް ބުނިކަމަށް ރިވާވެގެން ވެއެވެ. ”ކަލޭގެފާނު، ކަލޭގެފާނުގެ މި ގުނަވަން ނުދޮވެއެވެ.“ އިބްން-އަލް މުބާރަކް ވިދާޅުވިއެވެ. ”އަހަރެން ދޮވުނީމެވެ.“ ޝައިޠާނާ ބުންޏެވެ. ”ނޫން، ނުދޮވެއެވެ.“ އެހެންކަމުން، އިބްން އަލް-މުބާރަކް ވިދާޅުވިއެވެ. ”ތިވާހަކަ ދައްކާ މީހަކީ ކަލެއެވެ. އެހެންކަމުން، ކަލޭ ދައްކާ ވާހަކައިގެ ހެކި ކަލޭ ގެންނަންޖެހޭނެ އެވެ.“
10- މީސްތަކުން އިސްލާމް ދީން ޤަބޫލުކުރޭތޯ އިޚްލާސްތެރިކަމާއިއެކުގައި ދުޢާ ކުރަންޖެހޭނެ އެވެ.
’ތަރްތީބް އަލް-މަދާރިކް‘ [162/1] ގައިވެއެވެ. ނަޞާރާއެއްކަމުގައިވާ އަލް-ހަސަން ބިން ޢީސާ ބިން ސިރްޖިސް، އިބްން-އަލް މުބާރަކް އާއި އެއްމަގެއްގައި ހިނގާ އުޅުނެވެ. އިބްން-އަލް މުބާރަކް މީހެއްގެ ކައިރީގައި އެއީ ކާކުތޯ އެއްސެވިއެވެ. އަދި އެކަލޭގެފާނަށް ދެންނެވުނެވެ. ” އެއީ ނަޞާރާއެކެވެ.“ އެހެންކަމުން، އިބްން-އަލް މުބާރަކް ވިދާޅުވިއެވެ.” ޔާﷲ! އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތް ދައްކަވާންދޭވެ!“ އެހެންކަމުން، ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވެވިއެވެ. އަލް-ޙަސަން ވަރަށް ފުރިހަމަ މުސްލިމަކަށް ވިއެވެ. އަދި އަލް-ޙަސަން ޢިލްމު އުނގެނުމަށްޓަކައި ދަތުރުކޮށް އުއްމަތުގެ ޢިލްމުވެރިންގެ ތެރެއިން ވެލެއްވިއެވެ.    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons