Tuesday, August 2, 2011

ދެއްކުންތެރިކަމުން ސަލާމަތްވާނެގޮތް

ދެއްކުންތެރިކަން ނުވަތަ ”رياء“ ގެ އަޞްލު ސަބަބަކީ އީމާންތެރިކަން ބަލިކަށިވުމެވެ. އެހެންކަމުން، އީމާންތެރިކަން ވަރުގަދަކޮށްދޭ ކޮންމެ ކަމަކީ، ”رياء“ ގެ ފުރުޞަތު ހަނިކޮށްދޭ ކަމެކެވެ. އެގޮތުން ބަލާއިރު އަންނަނިވި ކަންތައްތައް އޭގެ ތެރޭގައި ހިމެނެއެވެ.

1- ޢިލްމީ ޚަޒާނާ އިތުރަށް މުއްސަނދިކުރުން.
މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް އޮތް ފަރުވާއަކީ އެބައިމީހުން، އެބައިމީހުންގެ ދީން އުނގެނި، ދީނީ ޢިލްމު އިތުރުކުރުމެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.
”إنما يخشى اللهَ من عباده العلماءُ “
”ހަމަކަށަވަރުން، ﷲ ތަޢާލާގެ އަޅުތަކުންގެ ތެރެއިން ޢިލްމުވެރިން، އެކަލާނގެއަށް ބިރުވެތިވެއެވެ.“
(އަލްފާޠިރު 28)
ތަޥްޙީދާއި އޭގެ ބައިތައް އުނގެނި ދަސްކުރުމުގެ ސަބަބުން ޝިރުކާއި ދެއްކުންތެރިކަމުގެ ނުރައްކާތެރިކަން އިންސާނާއަށް އެނގި ހާމަވެގެންދާނެއެވެ. އަދި ބިރުވެތިވުން ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށްކަމާއި އެދެންވީ ހަމައެކަނި ﷲ ތަޢާލާގެ ވަޖްހުފުޅުކަން އޭރުން އެއިންސާނާއަށް އެނގިގެންދާނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.
”ولا تطرد الذين يدعون ربهم بالغداة والعشي يريدون وجهه“
”އަދި އެބައިމީހުން އެކަލާނގެ ވަޖްހުފުޅު އެދިގެން ހެނދުނާއި ހަވީރު، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ!
(އަލްއަންޢާމް 52)
މީގެ އިތުރުން، އެއިންސާނާ އެހެން މީހުންގެ ފާޑުކިޔުންތަކަށް ބިރެއް ނުގަންނާނެއެވެ. އަދި މިއާޚިލާފަށް އޭނާ އެދޭންޖެހޭ ހަމައެކަނި އެދުމަކީ އަދި އެކަމެއް ލިބުމަށް އޭނާ އުފާކުރާކަމަކީ ހަމައެކަނި ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްކަމާއި އަދި އެއީ މީސްތަކުންގެ ތަޢުރީފާއި ޘަނާ ނޫންކަންވެސް އޭނާއަށް ވިސްނޭނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.
”قل بفضل الله وبرحمته فبذلك فليفرحوا هو خير مما يجمعون“
”ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ ފަޟްލުވަންތަކަމާއި، އެކަލާނގެ ރަޙްމަތަށްޓަކައި (އެބަހީ: އިސްލާމްދީނާއި ޤުރުއާނަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ އެކަން ހެޔޮކަން ބޮޑެވެ.“
(ޔޫނުސް 58)
2- ދުޢާކުރުން.
ފަސޭހަކަމާއެކު އެންމެ ވަރުގަދައަށް ”رياء“ އިން ދުރުކޮށްދޭ ވަޞީލަތްތަކުގެ ތެރޭގައި ދުޢާކުރުން ހިމެނިގެންވެއެވެ. ރަސޫލުﷲ (صلى الله عليه وسلم) ގެ ޙަދީޘްފުޅެއްގައިވަނީ: عن أبي موسى الأشعري قال خطبنا رسول الله صلى الله عليه وسلم ذات يوم فقال: ”أيها الناس اتقوا هذا الشرك فإنه أخفى من دبيب النمل، فقال له من شاء الله أن يقول وكيف نتقيه وهو أخفى من دبيب النمل يا رسول الله، قال قولوا اللهم إنا نعوذ بك من أن نشرك بك شيئا نعلمه ونستغفرك لما لا نعلم“ (މުސްނަދު އަޙްމަދު: 4/403، މިޙަދީޘަކީ ޞައްޙަ ޙަދީޘެއްކަމުގައި އަލްހިލާލީ ”الرياء“ ގައި ކަނޑައަޅުއްވާފައިވެއެވެ.)
މާނައީ: އަބޫ މުސާ އަލްއަޝްޢަރީގެ ފަރާތްޕުޅުން އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. އެއްދުވަހަކު ރަސޫލު ﷲ (صلى الله عليه وسلم) ތިމަންމެނަށް ޚުޠުބާއެއް ދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ”އެންމެހާ މީސްތަކުންނޭވެ! މިޝިރުކާމެދު ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާހުށިކަމެވެ! ހަމަކަށަވަރުން އެއީ، ހިނީގެ ފިޔަވަޅަށްވުރެވެސް ބޮޑަށް ވަންހަނާވެގެންވާ ކަމެކެވެ.“ ޞަޙާބީއަކު އެއްސެވިއެވެ. ”އޭ ﷲ ގެ ރަސޫލާއެވެ! އެޝިރުކަކީ ހިނީގެ ފިޔަވަޅަށްވުރެވެސް ބޮޑަށް ވަންހަނާވެގެންވާ ކަމެއްކަމުގައި ވީއިރު ތިމަންމެން އެއާ ދުރުހެލިވެގަންނާނީ ކޮންގޮތަކަށްތޯއެވެ؟“ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން (އަންނަނިވިގޮތަށް) ކިޔާށެވެ. اللهم إنا نعوذ بك من أن نشرك بك شيئا نعلمه ونستغفرك لما لا نعلم (މާނައީ: ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! އެނގިހުރެ އިބައިލާހަށް ޝިރުކުކުރުމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުން ތިމަންމެން ރައްކާތެރިކަމަށް އެދެމެވެ. އަދި ނޭނގިހުރެ ތިމަންމެނަށް ކުރެވިފައިވާ ޝިރުކަށްޓަކައި ތިމަންމެން އިސްތިޣްފާރުކުރަމެވެ.)“
އެހެން ރިވާޔަތެއްގައިވަނީ: ރަސޫލުﷲ (صلى الله عليه وسلم) ޙަދީޘްކުރެއްވިކަމަށް އަބޫބަކުރުގެފާނުގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. ”الشرك فيكم أخفى من دبيب النمل، سأدلك على شيئ إذا فعلته أذهب عنك صغار الشرك وكباره، تقول: اللهم إني أعوذ بك أن أشرك بك وأنا أعلم، وأستغفرك لما لا أعلم“ (ޞަޙީޙުލް ޖާމިޢު: ނަންބަރު 3731)
މާނައީ: ”ތިޔަބައިމީހުންގެ ތެރޭގައިވާ ޝިރުކަކީ ހިނީގެ ފިޔަވަޅަށްވުރެވެސް ބޮޑަށް ވަންހަނާވެގެންވާ ކަމެކެވެ. އަދި އެކަން ކޮށްފިނަމަ، ތިބާގެ ކިބައިން ކުޑަ ޝިރުކާއި ބޮޑު ޝިރުކު ފިލުވައިލަދޭނޭ ކަމެއް ތިމަންކަލޭގެފާނު ވިދާޅުވާހުށީމެވެ. ތިބާ (އަންނަނިވިފަދައިން) ކިޔާށެވެ! اللهم إني أعوذ بك أن أشرك بك وأنا أعلم، وأستغفرك لما لا أعلم. (މާނައީ: ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! އެނގިހުރެ އިބައިލާހަށް ޝިރުކުކުރުމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުންއެދި އިބައިލާހުގެ ޙަޟްރަތުން ތިމަންމެން ރައްކާތެރިކަމަށް އެދެމެވެ. އަދި ނޭނގިހުރެ ތިމަންމެނަށް ކުރެވިފައިވާ ޝިރުކަށްޓަކައި ތިމަންމެން އިސްތިޣްފާރުކުރަމެވެ.)“
3- ސުވަރުގެއާއި ނަރަކައިގެ މަތިން ހަނދާންކުރުން.
އާޚިރަތަށް ސަމާލުކަންދިނުމަކީ ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ބިރުވެތިވުން އިތުރުކޮށްދިނުމަށް އެހީތެރިވެދޭނެކަމެކެވެ. އަދި ހަމައެހެންމެ، ފާފަތަކުން ދުރުހެލިވެހުރުމަށް ތިމާ އެދޭއެދުންވެސް އިތުރުކޮށްދޭނެކަމެކެވެ. މިދުނިޔޭގައި ތިމާގެ ޙަޤީޤީ މަޤްޞަދަކީ ހަމައެކަނި ނަރަކައިން މިންޖުވެ ސުވަރުގެއަށް ވަދެވުންކަމާއި، ދުނިޔެމަތީގައި ތިމާގެ މަޤްޞަދަކަށް ވާންވާނީ މަޝްހޫރުކަމާއި މަޤާމާއި މީސްތަކުންގެ ރުހުމާއި އުފާ ލިބިގަތުން ނޫންކަމަށް އިންސާނާއަށް ވިސްނިއްޖެނަމަ، ”رياء“ އިން ދުރުހެލިވުމަށްޓަކައި ކުރެވެންއޮތްހާކަމެއް އޭނާ ކުރާނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.
”فمن كان يرجو لقاء ربه فليعمل عملا صالحا ولا يشرك بعبادة ربه أحدا“
”ފަހެ، އެމީހެއްގެ ވެރިއިލާހާއި ބައްދަލުވުމަށްއެދޭ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާހުށިކަމެވެ. އަދި އެމީހާގެ ވެރި ރައްބަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ.“
(އަލްކަހްފު 110)
4- ހެޔޮޢަމަލުތައް ސިއްރުކުރުން.
”رياء“ އިން ދުރުހެލިވެވޭނޭ ގޮތްތަކުގެ ތެރެއިން އެއްގޮތަކީ ސިއްރިއްޔާތުގައި އެކަހެރިކޮށް ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އެކަހެރިކޮށް ކުރާ އަޅުކަމުގައި 2 ފައިދާއެއް ވެއެވެ. ފުރަތަމަ ފައިދާ: މީސްތަކުންނަށް ތިމާ ކުރަމުންދާ ޢަމަލުތައް ނުދެއްކުމުގެ ސަބަބުން އެމީހުންގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރުމުގެ ނުރައްކާތެރިކަމެއް ނޯންނާނެއެވެ. އަދި ތަޢުރީފުކުރުމުގެ ސަބަބުން ތިމާގެ ހެޔޮ ޢަމަލުތަކެއްވެސް އޭރުން އެމީހުންނަކަށް ބާޠިލެއް ނުކޮށްލެވޭނެތެވެ. ދެވަނަ ފައިދާއަކީ: މިފަދަ ގޮތަކަށް ކުރެވޭ އަޅުކަންތައް ތިމާގެ އީމާންތެރިކަން އިތުރުކޮށްދެއެވެ. އަދި އޭގެ ސަބަބުން ”رياء“ އިން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދެއެވެ.
އަހްލުއްސުންނާގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ” (ތިމަންމެންގެ ކުރިން އިސްވެގޮސްފައިވާ) މީސްތަކުން އެކަހެރިކޮށް އަޅުކަންކުރުމަށް ލޯބިކުރާކަމުގައިވީ މިންވަރަކީ އެއިން މީހެއްގެ އަނބިމީހާއަށާއި ގާތް އެކުވެރިޔާއަށްވެސް އޭނާ ކުރަމުންދާ އަޅުކަންތަކާމެދު އެއްވެސް ގޮތަކަށް އެނގުމެއްވާކަމުގައެއް ނުވެއެވެ.“
ހެޔޮޢަމަލެއް އެކަހެރިކޮށް ކުރުމަށްފަހު، އެކުރި ޢަމަލެއް މީސްތަކުންނަށް އެނގުނަ ނުދިނުމަށް ވީވަރަކުން ތިބާ މަސައްކަތްކުރަންވާނެއެވެ. ތިމާއަށް ކުރެވޭ ހެޔޮ ޢަމަލުތަކުގެ ވާހަކަ މީސްތަކުންގެ ގާތުގައި ދެއްކުމީ، މުއުމިންތަކުން ”رياء“ ގެ ތެރެއަށް ގަންބައިލުމަށް ޝައިޠާނާ ބޭނުންކުރަމުންދާ އުކުޅެކެވެ. ސުފިޔާނުއްޘަވްރީ (رحمه الله) ވިދާޅުވިއެވެ. ”އަޅާ ސިއްރުގައި ހެޔޮ ޢަމަލެއް ކޮށްފިނަމަ، މީސްތަކުންގެ ގާތު އެވާހަކަ ދެއްކުމަށް ދާންދެން ޝައިޠާނާ އޭނާއަށް ވަސްވާސްދެމުން ގެންދެއެވެ. އެހިސާބުން ސިއްރުގައި ކުރެވުނު ޢަމަލަކުން ފާޅުގައި ކުރެވުނު ޢަމަލަކަށް އެޢަމަލު ބަދަލުވެދާހުށްޓެވެ.“ (ތަލްބީސް އިބްލީސް، ޞ 180)
ބައެއް ޢިލްމުވެރިން ﷲ ތަޢާލާއަށް ބިރުން އެބައިމީހުންގެ ދަރުސްތަކުގައި ކީރިތިކުރެވިއްޖެނަމަ، މޫނު ފުހެލުމަށްފަހު، އަޑުއައްސަވަން ތިއްބެވި ބޭފުޅުންނަށް ވިދާޅުވާކަމަށްވަނީ އެބޭފުޅުންގެ ފިނިކަން ގަދަވެފައިވާކަމުގައެވެ. (ތަލްބީސް އިބްލީސް، ޞ 150، 196) (ނޯޓު: ބަލިވެފައިވާމީހާ އެހެންމީހުންނަށް އެކަން އެންގުމީ ”رياء“ ގެ ތެރެއަށް އެކަން ވަންނާނޭ ކަމެއް ނޫނެވެ. އެހެނެއްކަމަކު، އެންމެ ރަނގަޅު ގޮތަކީ އޭނާގެ ބަލިކަން މީސްތަކުންނަށް ނޭންގުމެވެ. އެއީ އެބައިމީހުން އޭނާގެ މައްޗަށް ހަމްދަރުދީވެ އޯގާތެރިވުމާ ދުރުހެލިކުރުމާއެކު، އޭނާ ކެތްތެރިވީކަމަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުން ހެޔޮ ޘަވާބާއި ދަރުމަ ޙާޞިލުކުރުމަށްޓަކައެވެ.) ﷲ ތަޢާލާ މުއުމިނުން ސިފަކުރައްވަމުން ވަޙީކުރައްވާފައިވެއެވެ.
”وبالأسحار هم يستغفرون“
”އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.“
(އައްޒާރިޢާތު 18)
އެހެންގޮތަކަށް ބުނަނީނަމަ، އެކަހެރިކޮށް ސިއްރުގައި އަޅުކަންކުރުމީ ޙަޤީޤީ މުއުމިނުންގެ ސިފައެއްކަމުގައި މެނުވީ ނުވެއެވެ.
5- ބަލިފަޔާމެދު ވިސްނުން.
މީހަކަށް އޭނާގެ ކިބައިގައި ދެއްކުންތެރިކަން އެކުލެވިފައިވާކަމަށް އިޙްސާސް ކުރެވިއްޖެނަމަ، ހަމަ ވަގުތުން އޭނައަށް ކުރެވިފައިވާ ފާފަތަކުގެ މަތިން ވިސްނައި ފިކުރުކުރަން ފަށަން ޖެހޭނެއެވެ. އެހެނީ، އޭނާގެ ބަލިކަށިކަމާމެދު ވިސްނުމުން ހިތުން ފަޚުރުވެރިވުން ނައްތައިލާނެއެވެ. އަދި މިއާއެކު އޭނާއަށް ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކުރެވޭނެއެވެ. إن شاء الله. އަދި މިއާއެކު، އޭނާއަށް އެކުރެވޭ ރަނގަޅު ކަންތަކަށް ސަމާލުކަންދީގެން ހުރެގެން ނުވާނެއެވެ. މިއާޚިލާފަށް، އޭނާ ސަމާލުކަންދޭންވާނީ އޭނާއަށް ކުރެވެމުންދާ ނުބައި ފާފަތަކަށާއި، އޭނާއަށް ކުރުމަށް ކުޅަދާނަވެގެންވާ އެހެނެއްކަމަކު އޭނާ އެކަންތައްތައް ނުކުރާ ރަނގަޅު ކަންތައްތަކަށެވެ.
6- ތަޤުވާވެރިންނާއެކު އުޅުން.
ތަޤުވާވެރި ޢިލްމުވެރިންނާ އެކުވެރިވެ، އެބައިމީހުންނާއެކު އުޅުމުން، ދެއްކުންތެރިކަމުގެ ނުރައްކާތެރިކަމުން ވަރަށް ބޮޑު ބައެއް އުނިކުރެވިދާނެއެވެ. އެހެނީ، އެބައިމީހުންނީ (ގިނަ ފަހަރަށް) އޭނާއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު މީހުންކަމުގައިވާނެއެވެ. އެހެންކަމުން، އެބައިމީހުންގެ ޢިލްމުވެރިކަމުންނާއި ތަޤްވާވެރިކަމުން އޭނާއަށް މަންފާކުރާނެތެވެ. އަދި އެބައިމީހުންގެ ޙާޟިރުގައި އޭނާ ޚާއްޞަ ތަޤްވާވެރިކަމެއް އިޙްސާސެއް ނުކުރާނެތެވެ. އަދި މީގެ ދިމާ އިދިކޮޅަށް، އޭނާ ދެއްކުންތެރިކަމާ ދިމާލަށް ގެންދިއުމުގެ ކަންތައް އެބައިމީހުން ރަނގަޅުކުރާނެކަމުގައި ވަރަށް ބޮޑަށް ބެލެވެއެވެ. އަދި މީގެ އިތުރަށް، އޭނާ ކުރާ ހެޔޮ ޢަމަލުތަކަށްޓަކައި އޭނާއަށް ޙައްދެއްނެތި އެބައިމީހުން ތަޢުރީފެއް ނުކުރާނެތެވެ. ސަބަބަކީ، އެކަމަކީ ސުންނަތާއި ޚިލާފުކަމެއްކަން އެބައިމީހުންނަށް އެނގޭތީއެވެ. ދެން ފަހެ، މީގެ ކުރިންވެސް ދެންނެވިފައިވާނޭފަދައިން މިކަމަކީވެސް ދެއްކުންތެރިކަމުގެ ބިރުވެރިކަން ކުޑަކޮށްދޭ ކަމެކެވެ.
7- ”رياء“ އަކީ ކޮންއެއްޗެއްކަން ދެނެގަތުން.
ދެއްކުންތެރިކަމުގެ ނުރައްކާތެރިކަމާމެދު ޣާފިލުވެ ހުރުމީ މިބޮޑު ފާފައަށް އިންސާނާ ހުށައެޅިގެންފާނޭ ކަމެކެވެ. އެހެނީ، ދެއްކުންތެރިކަމުގެ ނުރައްކާތެރިކަން އެނގުމުން، ޙަޤީޤަތުގައިވެސް އެއާމެދު އިންސާނާ ބިރުވެތިވާނެއެވެ. އަދި ދެއްކުންތެރިކަމާމެދު ބިރުވެތިވުމުންނާއި އޭގެ ތަފާތު ގެއްލުންތައް ދެނެގަތުމުން، އެއިން ސަލާމަތްވުމަށްޓަކައި ކުޅަދާނަވީ އެންމެ ބޮޑު މިންވަރަކަށް އިންސާނާ މަސައްކަތްކުރާނެއެވެ.
      

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons