Wednesday, August 24, 2011

މުދަލާއި ފައިސާ ހޯދުން.


  ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 
"އެމީހަކަށް މާތް ﷲ މުދާ ދެއްވުމުން އެމުދަލުން އޭނާ ޒަކާތް ނުދޭކަމުގައިވާނަމަ ޤިޔާމަތް ދުވަހުގައި ﷲ އޭނާގެ މައްޗަށް ގަދަފަދަ ވެގެންވާ ވިހަގަދަ ބިޔަ ނާގަހަރުފައެއް ފާކުރައްވާނެތެވެ. އެސޮރުގެ އަނގައިން ބޮޑު ދެފޭރާދަތް ނިކުމެފަ ހުންނާނެއެވެ.
ދެން އޭނާގެ ފަހަތުން ފަހަމުން ފަހަމުން ދުވާނެތެވެ. އޭނާ އަތުޖެހުމާއެކު އެއްކަލަ ފޭރާދަތުން އޭނާގެ ދަތްދޮޅިދަށުގައި ލައްވާފައި އުފުލާނެތެވެ. އަދި ބުނާނެތެވެ. އަހަންނަކީ ކަލޭގެ ޚަޒާނާއީމެވެ. އަހަންނަކީ ކަލޭގެ މުދަލީމެވެ." 

ދެން އެއަށްފަހު ލޮބުވެތި ރަސޫލާ ކީރިތި ޤުރުއާނުގެ އާލުޢިމްރާން ސޫރަތުގެ 180 ވަނަ އާޔަތް ކިޔަވައި ވިދާޅުވިއެވެ. މާނައީ: "އަދި ﷲ އެއިލާހުގެ ފަޟުލުވަންތަ ވެރިކަމުން އެބައިމީހުނަށް ދެއްވި މުދަލަށް ދަހިވެތިވާ މީހުން، އެއީ ތިމެންމެނަށްޓަކައި ހުރި ހެވެއްކަމުގައި ހީނުކުރާހުށިކަމެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ އެމީހުންގެ މައްޗަށް ހުރި ނުބައެކެވެ. ޤިޔާމަތް ދުވަހުގައި އެމީހުން ވެގަތް ދަހިވެތިކަން އެމީހުންގެ ކަރުގައި ކަސްދަޅުއެޅި ފާވެގަންނާނެއެވެ..."

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
(فَوَ اللهِ مَا الْفَقْرَ أخْشَيْ عَلَيْكُم وَلَكِنِّي أخْشَي عَلَيْكُم أنْ تُبْسَطَ الدُّنْيَا عَلَيْكُم كَمَا بُسِطَتْ عَلَي مَنْ كَانَ قَبْلكُم فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُم كَمَا أهْلَكَتْهُمْ)

"މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން، ފަޤީރު ވެދާނެތީ، ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަވައެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު ބިރުފުޅު ގަންނަނީ، ތިޔަބައިމީހުންގެ ކުރީގައި، އިސްވެދިޔަ އުއްމަތްތަކަށް، ދުނިޔޭގެ ތަނަވަސްކަމާއި، ދުނިޔޭގެ އަރާމް ލިބުނު ފަދައިން، ތިޔަބައިމީހުންނަށްވެސް، އެކަންތައް ލިބިފައި، އެބައިމީހުން އެކަންތައް ހޯދައި ގަތުމަށް ވާދަކޮށް، އެކަމުގެ ސަބަބުން އެބައިމީހުން ހަލާކުވެ ދިޔަފަދައިން، ތިޔަބައިމީހުންވެސް އެކަމުގައި ވާދަކޮށް ހަލާކުވެ ދާނެތީއެވެ." (މުއްތަފަޤުން ޢަލައިހި)
   ފައިސާ، ނުވަތަ މުދާ ހޯދުމާއި، ހޭދަކުރުމުގައި، މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި، ޝަރުޠުތަކެއް ވެއެވެ.
އެއީ:
(1) ޙަލާލު ގޮތުގައި ފައިސާ ނުވަތަ މުދާ ހޯދުން
(2) ޒަކާތް ދިނުން
(3) ހުއްދަ ކަންތަކުގައި ހޭދަކުރުން، މިއެވެ.
   ޙަރާމް ގޮތުގައި، ފައިސާ ނުވަތަ މުދާ ހޯދުމަކީ ޙަރާމްކަމެކެވެ. ފަހެ، ބަނގުރާގެ ވިޔަފާރިއާއި، ވައްކަން ކުރުމާއި، ޓެކުމާއި، ފޭރުމާއި، މުދަލަށް ޚިޔާނަތްތެރިވުމާއި، ރިޝްވަތު ދިނުމާއި، ވިޔަފާރީގައި ޙީލަތާއި މަކަރު ހެދުމާއި، ރިބާގެ މުޢާމަލާތް ހިންގުންފަދަ ކަންތައް ކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލަކީ، ޙަރާމް ތަކެއްޗެވެ. ހަމަ އެފަދައިން، ނައިޓް ކްލަބް ފަދަ ތަންތަނާއި، ކަންތަކަށް ހޭދަ ކުރުމަކީ، ޙަރާމް ގޮތުގައި ހޭދަކުރެވޭ، ހޭދަ ކުރުމެކެވެ. ޙަރާމް ފައިސާ ނުވަތަ މުދަލަކީ، ބަރަކާތް ކެނޑިގެންވާ އެއްޗެކެވެ.
 ހަމަ އެފަދައިން، ޙަރާމް ކަންތަކުގައި، ހޭދަ ކުރުމަކީވެސް، ފައިސާގެ ނުވަތަ މުދަލުގެ ބަރަކާތް ކެނޑިގެންދާ ޢަމަލެކެވެ.
   މިހުންނަނީ، ޤިޔާމާތް ދުވަހުން، ގަދަ ޢަޛާބަށް މީސްމީހުން ހުށަހެޅިގެންދާނޭ ކަންކަމެވެ.     

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons