ވާރޭ ނުވެހޭތާ ގިނަދުވަސްވެ، ގަސްތަކުން އާރޯކަން ކެނޑުމުން، މޭވާއާއި ގޮވާމުގެ ބާވަތްތައް ލިބުން ދަތިވިއެވެ. ބަނީއިސްރާޢީލުންނަށް މިކުރިމަތިވި ތަދުމަޑުކަމުގެ ސަބަބުން މޫސާގެފާނުގެ އަރިހަށް އެމީހުން ދިޔައެވެ. އަދި ދެންނެވިއެވެ. އޭ ﷲ ގެ ނަބިއްޔާއެވެ. ވާރޭ ވެއްސަވައިތޯ ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވައިދެއްވާށެވެ.
އެހިނދު މޫސާގެފާނުގެ ޤައުމުގެ މީހުންނައިގެން ސަހަރާއަށް ނުކުމެވަޑައިގަތެވެ. އެމީހުންގެ ޢަދަދަކީ ހަތްދިހަ ހާސް ނުވަތަ އެއަށްވުރެ ގިނަ ޢަދަދެކެވެ.މޫސާގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ދުޢާ ދެންނެވިއެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ. އިބަ ރަސްކަލާނގެ ރަޙްމަތުން އަޅަމެންނަށް ތަނަވަސް ކޮށްދެއްވާންދޭވެ! ވާރޭ ވެއްސަވާނދޭވެ! އަޅަމެންގެ ޅަދަރީންނަށާއި ރުކޫޢަކޮށް އުޅޭ މުސްކުޅިންނަށާއި، ބަނޑުހައިހޫނުކަންމަތީ ތިބި ޖަނަވާރުންނަށް އޯގާތެރި ވެދެއްވާންދޭވެ!
އެހިނދު އުޑުމަތިން ފެންނަން ހުރި ވިލާތައް ދެފަރާތަށް ކެހިގެން ދިޔުން ފިޔަވައި އިތުރުކަމެއް އުޑުމައްޗަކު ނެތެވެ. އަދި އިރުގެ ހޫނުކަން ގަދަވަމުން ދިޔައެވެ. އެހިނދު މޫސާގެފާނު ދެންނެވިއެވެ. ވާރޭވެހުން އެދި އިބަރަސްކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވައިފީމުއެވެ. އަދިވެސް އިބަރަސްކަލާނގެ ރަޙުމަތުގެ ވާރޭއެއް ނުވެހެއެވެ.
އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ސާޅީސް އަހަރު ކުރިއްސުރެ ތިމަންރަސްކަލާނގެއަށް އުރެދެމުން އަންނަ އަޅަކު ތިޔަބައި މީހުންގެ ތެރޭގައިވެއެވެ. ތިޔަބައި މީހުންގެ ތެރެއިން އޭނާ ކުރިޔަށް ނުކުތުމަށް އޭނާއަށް އަމުރުކުރާށެވެ. ރަޙުމަތުގެ ވާރޭ އުޑުން ވެހުން މަނާވެފައިވަނީ އޭނާކުރާ ފާފައިގެ ނުބައި ކަމުންނެވެ.
މޫސާގެފާނު ދެންނެވިއެވެ. ހައްދަވާ ބޮޑުކުރެއްވި ވެރިރަސްކަލާކޯއެވެ. މިއަޅާއަކީ ނިކަމެތި މީހަކީމެވެ. މިއަޅާގެ އަޑަކީވެސް ނިކަމެތި އަޑެކެވެ. މިއަޅާގެ އަޑު އެންމެންނަށް އިވޭނީ ކިހިނަކުންތޯއެވެ. އެމީހުންގެ ޢަދަދަކީ ހަތްދިހަހާހެވެ. ނުވަތަ އެއަށްވުރެވެސް އިތުރެވެ.
އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ކަލޭގެފާނަށް އޮތީ އެފަދައިން ގޮވުމެވެ. އެންމެންނާއި ހަމަޔަށް އެބަސް ފޯރުކުރުވުން އޮތީ ތިމަންރަސްކަލާނގެ އަށެވެ.
އެހިނދު މޫސާގެފާނު ޤައުމުގެ މީހުންނާއި މުޚާތަބުކުރައްވައި ވިދާޅުވިއެވެ. އޭ! ސާޅީސް އަހަރު ވަންދެން، ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އުރެދުމުގައި ދެމިހުރި އަޅާއެވެ. އެންމެންގެ ތެރެއިން ތިބާ ކުރިޔަށް ނުކުންނާށެވެ. ރަޙުމަތުގެ ވާރާ ވެހުން މަނާވެފައި ވަނީ ތިބާގެ ފާފައިގެ ނުބައި ކަމުންނެވެ.
އެހިނދު އޭނާ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއް ކުރިޔަށް ނުކުންނަ މަންޒަރު އޭނާއަކަށް ނުފެނެއެވެ. ދެން އެވިދާޅުވާ މީހަކީ އޭނާކަން އޭނާއަށް ވިސްނުނެވެ. އަމިއްލަ ނަފްސާ މުޚާތަބުކޮށް އޭނާއަށް ބުނެވުނެވެ. އަހަރެން ކުރިޔަށް ނުކުމެއްޖެނަމަ ބަނީއިސްރާއީލުގެ ބޮޑުންގެ ކުރިމަތީގައި ފަޟީހަތްވާނެއެވެ. އަދި މިހުރިގޮތަށް ހުރެއްޖެނަމަ އަހަރެންނާއި އަދި އެހެންމީހުންވެސް ބަނޑުހައިހޫނުކަމުގައި މަރުވެދާނީއެވެ. އެހިނދު އޭނާ ދެންނެވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެއަށް ސާޅީސް އަހަރު ވަންދެން އުރެދިއްޖައީމުއެވެ. އަދި މިއަދު އިބަ ރަސްކަލާނގެ މަގަށް އެބުނރި ރުޖޫޢަ ވެއްޖައީމެވެ. ތައުބާ ވެއްޖައީމެވެ. ކިޔަމަންތެރި އަޅެއްގެ ގޮތުގައިއެވެ. ކުރެވުނު ކުށުގެ ސަބަބުން ކަރުނަ އަޅަމުންނެވެ. ތިމަން އަޅާގެ ތައުބާ ޤަބޫލު ކުރައްވާންދޭވެ! އަދި އެއްވެފައިވާ މީހުންގެ ތެރެއަށް މިއަޅާ ފަޟީހަތްކޮށް ނުލައްވާންދޭވެ!
އެހިނދު އޭނާގެ ދުޢާ ނުނިމެނީސް އެކިފަރާތްތަކުން ވިލާތައް އައިސް ވާރޭވެހެން ފެށިއެވެ. މޫސާގެފާނު ދެންނެވިއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންގެ ތެރެއިން އެކަކުވެސް ކުރިޔަށް ނުނިކުންނަނީސް އިބަރަސްކަލާނގެ ރަޙުމަތުގެ ވާރޭ ވެއްސެވީތޯއެވެ.
އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. '' އޭ! މޫސާއެވެ. ރަޙުމަތުގެ ވާރޭ ވެހުން ބަންދުކުރެވިފައިވުމުގެ ސަބަބަކަށް ވީ މީހާ، ވާރޭ ވެހުމުގެ ސަބަބަކަށްވެސް ވެއްޖެއެވެ. '' މޫސާގެފާނު ދެންނެވިއެވެ. '' ކިޔަމަންތެރި އެއަޅަކީ ކާކުތޯއެވެ؟ ''
އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރެއްވިއެވެ. ''އޭނާ ތިމަންރަސްކަލާނގެއަށް އުރެދެމުން ދިޔައިރު ތިމަންރަސްކަލާނގެ އޭނާ ފަޟީޙަތްކޮށް ނުލައްވަމުއެވެ. މިއަދު އޭނާ ތިމަންރަސްކަލާނގެއަށް ކިޔަމަންތެރިވުމުން އޭނާ ފަޟީޙަތްކޮށްލައްވާނެ ހެއްޔެވެ؟''
މިވާހަކަ އަކީ ''ކިތާބުއް ތައްވާބީން ''ގައި އިބްނު ޤުދާމާ ލިޔުއްވާފައިވާ ވާހަކައެކެވެ.
އިސްވެދިޔަ ވާހަކައާއި މެދު ފުން ނަޒަރަކުން ވިސްނާލައްވާށެވެ. ސާޅީސް އަހަރު ވަންދެންﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އުރެދެމުން އައި އެކަލާނގެ އަޅާއަށްވެސްﷲ ސުބުޙާނަހޫ ވަތަޢާލާ އޯގާތެރިވެ ވޮޑިގެންނެވިއެވެ.
އިސްވެދިޔަ ވާހަކައިން އެގޭ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް، އެގިގެންނާއި ނޭގިވެސް ކުރެވޭ ފާފަތައް ވަންހަނާ ކުރައްވާފައިއެވެ. އެހެންކަމުން އެނިޢުމަތަށް ޝުކުރު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަޅުގަނޑުމެންނަށް އެފަދަ މަތިވެރި ނިޢުމަތެއް ދެއްވާފައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ހައްޤުގައި ފާފައެއް ނުކޮށްވޭތޯ ބެލުމަކީ، އެނިޢުމަތަށް ޝުކުރުކުރުމުގެ ގޮތުން ކުރަން ޖެހިފައިވާ ކަމެކެވެ.
އަދި ހަމަ އެއާއި އެކު ﷲ ސުބުޙާނަހޫ ވަތަޢާލާ، މީސްތަކުންގެ ލޯތަކަށް ވަންހަނާ ކުރައްވާފައިވާ ކަމެއް މީސްތަކުންގެ ތެރެއަށް ނެރެ ފާޅުކުރުމަކީ، އެކަލާނގެ ދެއްވާފައިވާ އެބޮޑު ނިޢުމަތަށް ކުފުރުވުން ކަމުގައި ނޫނީ ނުވާނެއެވެ.
އެންމެންނަކީވެސް ކުށްކުރެވޭނެ ބައެއް:
ކުށެއްކުރެވުމަކީ އައިބެއްނޫނެވެ. ނަމަވެސް ކުށްކުރުމުގައި ދެމިހުރުމަކީ އައިބެކެވެ. ކުށެއް ނުކޮށް ނޫޅެވޭނޭ ބުނެ ކުށް ކުރުމަކީވެސް އައިބެކެވެ. އަދި ކުރެވޭ ކުށްތަކަށް އިއުތިރާފުނުވެ، ތައުބާނުވެ ހުރުމަކީ އެއަށްވުރެ ބޮޑު އައިބެކެވެ. ފާފައެކެވެ.
އެންމެންނަކީވެސް ކުށްފާފަ ކުރެވޭނެ ބައެކެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. كُلُّ ابْنِ آدَمَ خَطَّاءٌ , وَخَيْرُ الْخَطَّائِينَ التَّوَّابُونَ
މާނައީ '' ކޮންމެ އާދަމުގެ ދަރިއަކީ ކުށްކުރެވޭނެ މީހެކެވެ. އަދި ކުށްކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ ތައުބާވާ މީހުންނެވެ. ''
ކުށްފާފަ ކުރުމަކީ ހަމައެކަނި އީމާންކަން ބަލިކަށި މީހާއަށް ޚާއްސަވެގެންވާ ކަމެއް ނޫނެވެ. މާތްﷲ އަށް ބިރުވެތިވާ، ތަޤުވާވެރި މީހުންނަކީވެސް ކުށެއްކުރެވިދާނެ ބައެކެވެ. ތަޤުވާވެރިންގެ ސިފަތައް ބަޔާންކުރައްވަމުން ﷲ ވަޙީ ކުރައްވާފައިވެއެވެ. وَالَّذِينَ إِذَا فَعَلُواْ فَاحِشَةً أَوْ ظَلَمُواْ أَنْفُسَهُمْ ذَكَرُواْ اللّهَ فَاسْتَغْفَرُواْ لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللّهُ وَلَمْ يُصِرُّواْ عَلَى مَا فَعَلُواْ وَهُمْ يَعْلَمُونَ
މާނައީ: ''އަދި އެބައިމީހުންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިހިނދު، ނުވަތަ އެބައިމީހުންގެ ނަފުސުތަކަށް އަނިޔާވެރި ވެއްޖެ ހިނދު ( އެބަހީ: ފާފަވެރިވާ ފަދަ ކިތަންމެ ކުޑަކަމެއް ކޮށްފި ހިނދު ) މާތް ﷲ ހަނދުމަކޮށް، އެބައިމީހުންގެ ފާފަތަކަށް އިސްތިޣުފާރުކޮށް، އެފާފަތައް ފުއްސެވުން އެދި އުޅޭ މީހުންނެވެ. މާތްﷲ ފިޔަވައި އެފާފަތައް ފުއްސަވާނީ ފަހެ ކާކުހޭ! އަދި އެބައި މީހުންނީ އެބައި މީހުން ކުޅަ ކުށްތަކުގެ މަތީގައި، އެބައިމީހުންނަށް އެނގިތިބޭ ހާލު ދެމި ނުތިބޭ މީހުންނެވެ.''
އަމިއްލައަށް ކުރެވޭ ކުށްތައް ވަންހަނާކުރުން :
ކުރެވޭ ފާފަތައް ވަންހަނާ ކުރުމަކީ ތިމާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް މިފަހަކަށް އައިސް، ތިމާއަށް ކުރެވޭ ކުށްކުށުގެ ވާހަކަ ދެއްކުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. ބައެއްފަހަރަށް ތިމާގެ ''ކާމިޔާބުކަން'' އަންގައިދިނުމުގެ ގޮތުން ފަޚުރުވެރިކަމާއި އެކު އެފަދަ ވާހަކަތައް ދައްކާ އުޅެއެވެ. އަދި އަނެއްބައި ފަހަރަށް ''ކެރޭކަން'' ދައްކާލުމުގެ ގޮތުން ނުކުރާކަންތަކުގެ ވާހަކަވެސް ކުރިކަމެއްގެ ގޮތުގައި ދައްކާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ.
ނަމަވެސް ތިމާއަށް ކުރެވޭ ނުބައި ކަންކަމުގެ ވާހަކަ ނުދެއްކުމަށް އިސްލާމްދީން ވަނީ އަންގަވާފައެވެ. ކީރިތި ރަސޫލ ހަދީޘް ކުރައްވާފައި ވެއެވެ.
كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ وَإِنَّ مِنْ الْمُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلا ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ فَيَقُولَ يَا فُلانُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ
މާނައީ:'' ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެންނަކީ މަޢާފު ލިބިގެންވާ ބައެކެވެ. ''ފާޅުކުރާ'' މީހުން ފިޔަވައެވެ. އަދި ހަމަކަށަވަރުން ފާޅުކުރުމުގެ ތެރޭގައި، ރޭގަނޑުގައި ކަމެއް ( ފާފައެއް ) ކުރުމަށް ފަހު، މާތްﷲ އެކަން ވަންހަނާ ކުރައްވާފައި ވަނިކޮށް، އޭމިވެނި މީހެކޭ! ރޭގައި އަހަރެން މިވެނި ކަމަކާ އެވެނިކަމެއް ކޮށްފީމޭ ބުނާ މީހާ ހިމެނެއެވެ. އަދި ހަމަކަށަވަރުން އޭނާ ނިދީ އޭނާގެ ވެރި ރަސްކަލާނގެ، އޭނާ ކުޅަ ފާފަ ވަންހަނާ ކުރައްވާފައި ވަނިކޮށެވެ. ދެން ނިދިން ހޭލެވުމުން މާތްﷲ ވަންހަނާ ކުރައްވާފައިވާ ކަންތައް އޭނާ ފާޅު ކުރެއެވެ.''
ކުރެވޭ ކުށްފާފަތަކުގެ ވާހަކަ އަމިއްލައަށް ދައްކަނީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ޖަވާބުގައި މައިގަނޑު ދެނުކުތާއެއް ފާހަގަކޮށްލާނަމެވެ.
ފުރަތަމަ ނުކުތާއަކީ ޝައިތާނާ އެފަދަ މިހުންގެ ޢަމަލުތައް އެއީ ''ޒީނަތްތެރި'' ޢަމަލުތަކެއްކަމަށް އެފަދަ މީހުންގެ އުނި ސިކުޑިތަކަށް ވިސްނައިދީފައިވުމެވެ. ރީތި ކަމެއްކަމުގައި އެމީހަކަށް ފެންނަ ކަމެއްގެ ވާހަކަ ދެއްކުމަކީ މައްސަލައެއްކަމަށް އެކަކުވެސް ނުދެކޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَزَيَّنَ لَهُمُ الشَّيْطَانُ مَا كَانُواْ يَعْمَلُونَ
މާނައީ: ''އަދި ޝައިޠާނާ އެބައި މީހުންނަށް އެބައި މީހުންގެ ޢަމަލުތައް ޒީނަތްތެރި ކޮށްދެއެވެ.''
ދެވަނަ ނުކުތާއަކީ މިއަދުގެ ގިނަ ޒުވާނުންނަކީ ދީނާއި ބީރައްޓެހި ބައެއްކަމުގައިވުމެވެ.
ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ. بَدَأَ الْإِسْلَامُ غَرِيبًا وَسَيَعُودُ غَرِيبًا كَمَا بَدَأَ فَطُوبَى لِلْغُرَبَاءِ
މާނައީ: ''އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި ޙާލަތެއްގައެވެ. އަދި އެ ބީރައްޓެހި ޙާލަތަށް އެނބުރި ރުޖޫޢަ ވާނެއެވެ. ފަހެ ބީރައްޓެހި ޙާލަތުގައި ދީން ވަނިކޮށް، ދީނުގެ މަގުގައި ސާބިތުވީ މީހުންނަށް ބާއްޖަވެރިކަން ހުއްޓެވެ.''
އެހެންކަމުން ﷲ ، އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުން އަމިއްލައަށް މަޙްރޫމްވެގަންނަ ބަޔަކަށް ނުވަމާތޯއެވެ! އެހެނީ މިފަދަ ޒަމާނެއްގައި ދީނުގެ މަގުގައި ސާބިތުވުމުން ލިބޭ ދެރުމަ އިތުރުވެގެންދެއެވެ.
އެހެން މީހުން ކުރާ ފާފަތަކުގެ ވާހަކަ ނުދެއްކުން:
އަޅުގަނޑުމެންނަށް ކުރެވޭ ކުށްފާފައިގެ ވާހަކަ އެހެން މީހުން ދައްކާ އުޅުމަށް، ފުރިހަމަ ސިކުނޑިއެއް ލިބިގެންވާ ހަމަ އެކަކުވެސް ނޭދޭނެއެވެ. އެހެންކަމަށް ވާނަމަ އެހެން މީހުންގެ ވާހަކަތައް ދެއްކުން އެއީ ރަގަޅު ގޮތެއްކަމަށް ދެކެންވާނެ ހެއްޔެވެ؟ އަޅުގަނޑުމެން ފަދަ މުސްލިމް އަޚެއްގެ ނުވަތަ އުޚުތެއްގެ އަބުރާ ޢިއްޒަތް ނަގާލައި، އަގު ވައްޓާލާފަދަ ވާހަކައެއް ދައްކަން ވާނެ ހެއްޔެވެ؟ އެއީ ތެދެއް ކަމަށްވިޔަސް ބުއްދިވެރި ގޮތަކީ އެފަދަ ވާހަކަތައް ނުދެއްކުމެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، އަޅުގަނޑުމެން އެންމެންނަށްވެސް ކުރެވޭ ފާފަތައް ގިނަ ބަޔަކަށް ވަންހަނާ ކުރައްވާފައެވެ. އެނިޢުމަތަށް ޝުކުރުވެރި ވާނަމަ އެފަދަ ވާހަކަތައް ދެއްކުމުން ދުރުހެލި ވާން ޖެހެއެވެ.
އަނެކާގެ ކުށްފާފަތައް ތިމާއަށް ވީވަރަކުން ފޮރުވުމަށް މަސައްކަތް ކުރުމަކީ، ތިމާފަދަ މުސްލިމަކަށްޓަކައި ކޮށްދެވޭ ވަރަށް ރަގަޅު ހެޔޮ ކަމެކެވެ. އެހެޔޮކަން ކޮށްދޭ އަޅަކަށް އެކަމުގެ ފައިދާ، ހިސާބު ބެއްލެވޭ ދުވަހު ލިބިގެން ދާނެއެވެ. ރަސޫލުންނާއި ނަބިއްޔުން ވެސް ތިއްބަވާ މައިދާނެއްގައި އެންމެންގެ ކުރިމަތީގައި ހިސާބު ބެއްލެވޭ އިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ކުަށްތައް ވަންހަނާ ކޮށްދެއްވާނެއެވެ.
ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ. يدني الله تعالى المؤمن يوم القيامة فيضع عليه كنفه (أي ستره عن أعين الخلق) فيقرره بذنوبه: أتعرف ذنب كذا في يوم كذا؟ فيقول: أعرف، فيقول الله عز وجل: أنا سترتها عليك في الدنيا وأنا أغفرها لك فيعطى صحيفة حسناته وأما الكافر والمنافق فينادى عليه على رؤوس الخلائق: هؤلاء الذين كذبوا على ربهم ألا لعنة الله على الظالمين
މާނައީ: ''ޤިޔާމަތްދުވަހު މާތްﷲ މުއުމިނު އަޅާ އެކަލާނގެ ހަޟްރަތާއި ކުއްތަން ކުރައްވާނެއެވެ. އަދި އެކަލާނގެ ހަޟްރަތާއި އަރިސްކަން ބޮޑު މިންވަރަކަށް އޭނާ ގެންދަވާނެއެވެ. ( އެބަހީ އިތުރު އެއްވެސް މަޚުލޫޤެއްގެ ލޮލަށް އޭނާ ނުފެންނާނެ ގޮތަށް ) ދެން އޭނާ ކޮށްފައިވާ ފާފަތަކަށް އޭނާ އިޤްރާރު ކުރުވާނެއެވެ. މިވެނި ދުވަހެއްގައި ތިބާ ކުރި މިވެނި ފާފައެއް ހަނދާން އެބަހުރި ހެއްޔެވެ؟ ފަހެ އޭނާ ދަންނަވާނެއެވެ. ހަނދާން އެބަ ހުއްޓެވެ. މާތްﷲ ވަޙީކުރައްވާނެއެވެ. ދުނިޔޭގައި ތިމަންރަސްކަލާނގެ ތިބާއަށް އެފާފަތައް ފޮރުއްވާ ދެއްވީމެވެ. އަދި މިއަދު ތިމަންރަސްކަލާނގެ ތިބާއަށް އެފާފަތައް ފުއްސަވައި ދެއްވާނަމެވެ. ދެން އޭނާގެ ހެޔޮކަމުގެ ފަތް އޭނާއަށް ދެއްވަވާނެއެވެ. އަދި ކާފިރުވީ މީހާއާއި މުނާފިޤުވިމީހާ ދަންނައެވެ! އެންމެހާ ޚަލްޤުތަކުންގެ މެދުގައި އެމީހާއަށް ގޮވާލެވޭނެއެވެ. މިމީހުންނަކީ މިމީހުންގެ ވެރި ރަސްކަލާނގެ ދޮގުކުޅަމީހުންނެވެ. ﷲގެ ލަޢުނަތް އަނިޔާވެރިންނަށް ހައްޤުވެގެން ނުވޭ ހެއްޔެވެ! ''
އަދި އެހެން ބަސްފުޅެއްގައި އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ. المسلم أخو المسلم لا يظلمه ولا يسلمه ومن كان في حاجة أخيه كان الله في حاجته ومن فرج عن مسلم كربة فرج الله عنه كربة من كربات يوم القيامة ومن ستر مسلما ستره الله يوم القيامة
މާނައީ: '' އެއްމުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާއެއް ނުދޭނެއެވެ. އަދި އަނިޔާއެއް ލިބުމަށް އޭނާ ދޫކޮށެއް ނުލާނެއެވެ. އޭނާގެ އަޚާގެ ބޭނުންފުއްދައި ދިނުމުގައިވާ މީހާގެ ބޭނުން ފުއްދަވައި ދެއްވުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާނެއެވެ. އަދި މުސްލިމަކު ދަތި އުދަގޫކަމަކުން ( މުޞީބާތަކުން ) ސަލާމަތް ކޮށްދީފި މީހާ، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ ސަލާމަތް ކޮށްދެއްވާނެއެވެ. އަދި މުސްލިމެއް ފަރުދާކޮށްދީފި މީހާ ( އެބަހީ މުސްލިމެއްގެ ޢައިބު ވަންހަނާ ކޮށްދީފި މީހާ) ޤިޔާމަތްދުވަހު ﷲ އެމީހާއަށް ފަރުދާކޮށްދެއްވަވާނެއެވެ. (އެބަހީ ޤިޔާމަތްދުވަހު އޭނާގެ ޢައިބު ވަންހަނާ ކޮށްދެއްވާނެއެވެ.)''
އެހެން މީހެއް ކުރާ ނުބައި ކަމެއްގެ ވާހަކަ ދައްކާނަމަ، ހަަމަ ކޮންމެ ވަޤުތެއްގައިވެސް ތިމާ ފަޟީޙަތްވެދާނެކަން ދަންނަން ޖެހެއެވެ. އަނެކެއްގެ ޢައިބުތައް ފޮރުވުމަށް އަމުރުކުރައްވާ، ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
''އޭ! ދުލުން އީމާންވެ ހިތުން އީމާން ނުވާ މީހުންނޭ! ތިޔަބައިމީހުން މުސްލިމުންގެ ޢައިބުތައް ހޯދާ އަދި އެވާހަކަ ދައްކާ ނޫޅޭށެވެ. ފަހެ އޭނާގެ އަޚާގެ ޢައިބު ހޯދާ އަދި އެވާހަކަ ދައްކާ އުޅޭ މީހާގެ ޢައިބު މާތްﷲ ފާޅުކުރައްވާނެއެވެ. އަދި މާތްﷲ އެމީހެއްގެ ޢައިބު ފާޅުކުރައްވައިފި މީހާ، ގޭތެރާގައި ފޮރުވިގެން އޮތް ކަމުގައި ވިޔަސް އެކަލާނގެ ފަޟީޙަތް ކުރައްވާނެއެވެ. ''
އެހެންކަމުން ތިމާގެ ފާފަތައް ފަޟީޙަތްވުމުގެ ކުރިން އެނބުރި ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ މަގަށް ރުޖޫޢަ ވަމާ ހިންގަވާށެވެ. ދެބައޮޑުވުން، ޣީބަބުނުން، ނެތިމޮށުން ފަދަ ނުރަގަޅު އާދަތަކުން ދުރުހެލި ވަމާތޯއެވެ.
ބައެއްފަހަރަށް އެހެން މީހުން ކުރާ ފާފަތަކުގެ ވާހަކަ ނުވަތަ ޢައިބުތަކުގެ ވާހަކަ ދެއްކެނީ ބަދަލު ހިފުމުގެ ރޫޙު އައުމުންނެވެ. ތިމާ ކުރި ނުބައި ކަމެއްގެ ވާހަކަ އެހެން މީހަކުވެސް ދެއްކުމުންނެވެ. ނަމަވެސް އެއީ ފުރިހަމަ ހޙައްލެއް ނޫނެވެ. އަދި ޤިސާސް ހިފުމެއްވެސް ނޫނެވެ.
އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ މީހަކު ކުރާ ނުބައި ކަންތަކުގެ ވާހަކަ ދެއްކުމަކީ، އެކަމެއް ކުރަމުން އެއަންނަ މީހަކު، ދެވަނަ ފަހަރު އެކުށެއް ތަކުރާރު ކުރުމުން މަނާކޮށްދޭނޭ ކަމެއްކަމުގައެވެ. ނަމަވެސް މިފަދަ ވާހަކަތައް މުޖުތަމަޢުގައި ޢާންމުވެއްޖެނަމަ ދެންވާނޭ ގޮތާމެދު ވިސްނާލެއްވުން ކީއްތޯއެވެ؟
ކުށެއްކުރުމަށް ހިތަށްއެރި ވަގުތު މުޙައްމަދުގެ ހިތުގައި ކުޑަ ނުތަނަވަސް ކަމެއް އުފެދުނެވެ. އެވަގުތު ހިތަށް އެރިއެވެ. '' ޙުސޭނާއި ޙަސަނުވެސް އެފަދަ ކުށްކޮށް އުޅެއެވެ. އަހަރެން ކުރިއްޔާ ވާނީ ވަކި ކީއް ހެއްޔެވެ؟ '' މިފަދަ ވާހަކަތައް މުޖްތަމަޢުގައި ޢާންމުވުމުން ކުށްކުރުން ގިނަވެގެން ނުދާނެ ބާއޭ އަޅުގަނޑު ހިތަށް އަރައެވެ.
މިއީ މިކަމާދޭތެރޭ އަޅުގަނޑަށް ފެންނަ ގޮތެވެ. އަޅުގަނޑުމެންނަކީ ފުރިހަމައަށް އީމާންވެފައި ތިބި ބައެއްކަމުގައި ވާނީ، ކީރިތި ޤުރުއާން ނުވަތަ ރަސޫލާގެ ސުންނަތުގެ ނައްޞުން ވާރިދުވެފައިވާ ކޮންމެ ކަމަކަށް އީމާންވެ، އެޔާ އެއްގޮތަށް ޢަމަލު ކުރުމުންނެވެ.
އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް ކުށްފާފަ ކުރެވޭނެ މީހެކެވެ. ވީމާ ފާފަތަކުން ތައުބާވާން އަޅުގަނޑުމެންނަށް ޖެހެއެވެ. ފާފަކުރުމުގައި ދެމިނުތިބޭ ބަޔަކު ކަމުގައި ވާންޖެހެއެވެ. އަދި ކުރެވޭ ފާފަތަކާއި އެހެންމީހުން ކޮށްއުޅޭ ފާފަތަކުގެ ވާހަކަ ނުދައްކާ ބަޔަކަށް ވާންޖެހެއެވެ. އެހެނީ އަޅުގަނޑުމެން ކުރާ ކުށްފާފަތައް، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަންހަނާ ކުރައްވާފައެވެ. އެއީ މަތިވެރި ނިޢުމަތެކެވެ.
ކުށެއް ކުރެވޭ ކޮންމެ ފަހަރަކު އަޅުގެނޑުމެންގެ ނިއްކުރީގައި ލައްގަޑެއް ޖެހޭ ނަމަ އަޅުގަނޑުމެންގެ ހާލަކީ ކޮބައިބާވެއެވެ؟ އަޅުގަނޑުމެންނަށް ކުރެވޭ ފާފަތަކުގައި ވަހެއް ހުންނަނަމަ އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކީވެސް ގެއިން ބޭރަށް ނުކުންނަން ކެރޭނެ މީހެއްނޫނެވެ. ހަމައެކަނި ގެއިން ބޭރަށް ނުކުންނަން ނުކެރޭނީއަކީ ނޫނެވެ. ކުށްފާފައިގައި ކުލައެއް ހުންނަނަމަ، ގޭ ކުޑަ ދޮރުން ބޭރަށް ބޯދިއްކޮށްލަން ކެރޭނެ އެކަކުވެސް މިބިންމަތީގައި ނުހުންނާނެއެވެ. ޑޮކްޓަރު ކޮށްލާ ޓެސްޓަކުން، އަޅުގަނޑުމެން ކުރާ ކުށުގެ ޢަދަދު އެނގޭ ނަމަ، މަރުވިޔަސް ހެޔޮކަމަށް ޑޮކްޓަރަށް ނުގޮސް ގޭގައި ތިބެ މަރުވާ ބަޔަކަށް އަޅުގަނޑުމެން ވީހެވެ.
0 comments:
Post a Comment