![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdN8xvNt_f8WHtHzthY3VZ20lhg1XA_z6gTMy4q9loANgu9h3G2NRxRLSPhTJYtOCmYC7Wl14SYiYIaKX1ZLH4Lj4oCxN0y5B9dlnaaVoWsrzuhAA60YCW2wXMN-khnZ7wmk6W7X53goQ/s1600/islam+dhuaa.jpg)
މިދުނިޔެ އުފެއްދެވުމަށްފަހު މަލާއިކަތުންނާއި ޖިންނީން އެއިލާހު ވަނީ އުފައްދަވާފައެވެ. އެއިލާހު މަލާއިކަތުން އުފައްދަވާފައިވަނީ އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުކުރުންމަތީ ދެމިތިބުމަށެވެ.
މަލާއިކަތްބޭކަލުން އުފައްދަވާފައިވަނީ އެއިލާހުގެ ނޫރުންނެވެ. އިންސާނުން ބޭނުންވާފަދަ ހުރިހާ ޖިސްމާނީ އެދުންތަކާއި ޣަރީޒާތަކުން އެއިލާހުވަނީ މަލާއިކަތުން ސަލާމަތްކުރައްވާފައެވެ.
އެބޭކަލުން ރެއާއި ދުވާލު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަސްބީޙަކިޔައި ތަޙްމީދުކޮށް ތިބެތެވެ. އަދި އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުރެއްވުމުގައި ކިޔަމަންތެރިކަމާއެކު ތިއްބަވައެވެ. މަލާއިކަތުންގެ ޢަދަދު ގަދަކީރިތިވަންތަ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ.
ދެންފަހެ މިދުނިޔެމަތީގައި އިންސާނުން ލެއްވުމަށް ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވި ހިނދު ދުނިޔޭގެ ބިމުން ވެލި ގެނައުމަށް އެއިލާހުގެ މަލާއިކަތުންނަށް އެންގެވިއެވެ. އެވެލީގެ ޒަރީއާއިން އެއިލާހު އާދަމް ޢަލައިއްސަލާމް އުފެއްދެވިއެވެ. އަދި އޭގެފަހުގައި ފުރާނަ އެޅުއްވިއެވެ. އަހަރެމެން އިންސާނުންގެ ދެރަ ނިކަމެތިކަމާއެވެ.
ނެތުމުގެ ތެރެއިން ވެލީގެ ޛަރީއާއިން އަހަރެމެން އިންސާނުންގެ ހަށިގަނޑުގައި ލެއާއި، މަހާއި ކައްޓާއި، ދަތާއި، ނިޔަފައްޗާއި އިސްތަށްޓާއި އަދިވެސް ތަފާތު މާއްދާތަކެއް ވާގޮތަށް ޚަލްޤުކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއެވެ.
އިންސާނުން އުފެދުނު ޙާދިޘާއިން ދަލީލު ލިބޭގޮތުގައި އިންސާނާގެ ހަށިގަނޑުގައިވަނީ ދެކަމެކެވެ. ނުވަތަ އެހެން ޢިބާރާތަކުން ބުނާނަމަ އިންސާނާ ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ އޭނާގެ ޖިސްމާނީ ހަށިގަނޑެވެ. އަނެއްބަޔަކީ އޭނާގެ ރޫޙެވެ. (ފުރާނައެވެ). އިންސާނާގެ ހަށިގަނޑުގެ ހަމަޖެހުމަށް އަހަރެމެން ކިޔަނީ ރަނގަޅު ޞިއްޙަތެވެ. ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ހަށިގަނޑަށް ވަރަށް ގިނަ ކަންތައްތަކެއް ބޭނުންވެއެވެ. މިސާލަކަށް ކެޔުމާއި ބުއިމެވެ. ފެނެވެ. ސާފުތާހިރުކަމެވެ.
އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިފަދަ ކަންތައްތައް ނެތިއްޖެނަމަ، އިސާހިތަކު އެ ހަށިގަނޑު ނިކަމެތިވެ، ބަލިކަށިވެ، ބަލިވެދާނެއެވެ. އަހަރެމެންގެ ޖިސްމާނީ ހަށިގަނޑަށް ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކާނާ ބޭނުންވާފަދައިން ރޫޙާނީ ހަށިގަނޑަށްވެސް "ކާނާ" ބޭނުންވެއެވެ. އެކަމަކު އެއީ އަހަރެމެންނަށް ފެންނަ ކާނާއެއް ނޫނެވެ. އިންސާނާގެ ރޫޙުގެ ނުވަތަ ފުރާނައިގެ ކާނާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ސަބަބުން ލިބޭ ދާއިމީ ހިތްހަމަޖެހުމެވެ.
އަދި އެ ކާނާއަކީ އީމާންކަމުގެ ސަބަބުން އިޙްސާސްކުރެވޭ ފޮނިކަމެކެވެ. އެއީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރުމުން ލިބޭ ހިތްހަމަޖެހުމެކެވެ. އެހެން އެއްވެސްކަމަކުން އިންސާނާގެ ރޫޙަށް ޙަޤީޤީ ކާނާއެއް ނުލިބޭނެއެވެ. އިންސާނާއަށް ޙަޤީޤީ ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ހަށިގަނޑުގެ ޖިސްމާނީ އެދުންތައް ކިތަންމެ ގިނައިން ފުއްދަމުންދިޔަ ކަމުގައިވިޔަސް، އީމާންކަމުގެ ނޫރުން ހިތް އަލިވެ، އީމާންކަމުގެ ފޮނިކަމާއި ލައްޛަތު އިޙްސާސްކުރެވިގެން ނޫނީ، ޙަޤީޤީ ހިތްހަމަ ޖެހުމާ ހަމައަށް ވާޞިލެއް ނުވެވޭނެއެވެ.
ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ ކާންޖެހޭގޮތަށް، އިންސާނާގެ ރޫޙާނީ ބާރު ގަދަކުރުމަށްޓަކައިވެސް "ކާނާ" ބޭނުންވެއެވެ. އެއީ އެންމެހާ ފާފަތަކުގެ ތޫނު ވަކިތަކުން ތިބާގެ ނަފްސު ސަލާމަތްކުރުމެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމެވެ. އެއިލާހަށް އުރެދުމަށްވާ އެއްވެސްކަމެއްގައި ބައިވެރިނުވުމެވެ.
އެއިލާހު އެންގެވިގޮތަށް ތިބާގެ ބަސްތަކާއި ޢަމަލުތައް ބައްޓަންކުރުމެވެ. އެއިލާހު އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާއި ދުރުވުމަށް އަންގަވާފައިވާ ކަންތައްތަކުން ދުރުވުމެވެ. ﷲ ގެ މަގުގައި ޘާބިތުކަމާއެކު ފަސްނުޖެހި ކުރިއަށް ދިޔުމެވެ. ﷲ އާ ގުޅުން ބަދަހިކުރުމެވެ. ނަމާދު ކުރުމާއި ތަޤުވާވެރިވުމެވެ.
0 comments:
Post a Comment