Monday, September 5, 2011

ތައުބާ.

 اللَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ سَقَطَ عَلَى بَعِيرِهِ وَقَدْ أَضَلَّهُ فِي أَرْضِ فَلَاةٍ 
މާނައަކީ: ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއެއްގައި ޖަމަލުގެއްލިފައި ހުއްޓާ(ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު)، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (ބުޚާރީގެ ދުޢާ ބާބުގެ ތައުބާ ފަޞްލު)

ތައުބާ ވުމުގެ އަސްލު އޮންނަނީ މައިގަނޑު ތިން ޝަރުޠެކެވެ. އެއީ:-

ހ- ފާފަ ކުރުން ހުއްޓާލުން.
ށ- ކުރެވުނު ފާފައާ މެދު ހިތާމަކޮށް ދެރަ ވުން.
ނ- އެ ފާފަ ދެން ދުވަހަކުވެސް ނުކުރަން ޢަޒުމް ކަނޑައެޅުން.
މީހެއްގެ ޙައްޤެއް މިކަމުގެތެރޭގައި ވާނަމަ ހައްޤު އަދާ ކުރުން ހަތަރުވަނަ ޝަރުޠެއްގެ ގޮތުގައި ބެލެވެއެވެ.
ކަން މިހެން އޮތް ކަމުގައި ވިޔަސް، ތައުބާ ވުމާ ބެހޭ ހުރިހާ ކަމެއް ތަފްޞީލުކޮށް ބަލައި އޮޅުން ފިލުވާ ނަމަ، ތައުބާ ވުމުގެ ޝަރުޠަކީ މިއީ އޭ ބުނެ ފުއްދާ ނުލެވޭނެއެވެ. ވީމާ ތިރީގައި މި ވަނީ ތައުބާވުމުގެ ޝަރުޠުތައް ތަފްޞީލުކޮށެވެ.

ތައުބާ ވުމުގެ ޝަރުޠު ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއީ :-
އެކެއް: ފާފަ ދޫކުރުމާއި ގުޅިފައި ވާ ޝަރުޠުތައް
ދޭއް: ތައުބާ ޤަބޫލު ކުރެވޭ ޒަމާނާއި ގުޅިފައިވާ ޝަރުޠުތައް

އެކެއް: ފާފަ ދޫކުރުމާއި ގުޅިފައި ވާ ޝަރުޠުތައް :-
1- އިސްލާމަކަށް ވުން
މުސްލިމެއްގެ ކިބައިން މެނުވީ ތައުބާ ޤަބޫލެއް ނުކުރެވެއެވެ. މީގެ މާނައަކީ، ކާފިރު ކަމާއި ޝިރުކުގެ ތެރޭގައި އުޅޭ މީހަކު ރާބުއިން ފަދަ ޙަރާމް ކަމަކުން ތައުބާ ވިޔަސް، އެއީ މާތް ﷲ ޤަބޫލު ކުރައްވާނެ ކަމެއް ނޫނެވެ. އެހެނީ ކާފިރަކު ކުރާ އެއްވެސް ހެޔޮ ޢަމަލެއް މާތް ﷲ ޤަބޫލެއް ނުކުރައްވައެވެ.
ކާފިރަކު އިސްލާމް ވެއްޖެ ނަމަ، އޭނާ އިސްލާމް ވުމަކީ ބެލެވެނީ ތައުބާއެއް ކަމަށެވެ. އަދި އިސްލާމް ވުމުގެ ކުރިން ކޮށްފައިވާ ހުރިހާ ފާފައަކާއި ނުބައި ކަމެއް ފޮހެވިގެން ދެއެވެ.
ސޫރަތުއް ނިސާ ގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ:  وَلَيْسَتْ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمْ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَئِكَ أَعْتَدْنَا لَهُمْ عَذَاباً أَلِيماً
މާނައަކީ: "ނުބައިކަންތައްތައް ކުރުންމަތީ ދެމިތިއްބާ މަރު އައިސް ޖެހުމުން، ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް، ތައުބާ ޤަބޫލު ކުރެއްވުމެއް ނެތެވެ. އެބައި މީހުންނަކީ ތިމަން ރަސްކަލާނގެ އެބައި މީހުންނަށްޓަކައި ވޭން ލިބެނިވި ޢަޛާބު ތައްޔާރު ކުރައްވާފައިވާ ބައެކެވެ.''
ކާފިރުންގެ ގޮތުގައި ތިބެ މަރުވެގެން ދާ މީހުންނަށް، ތައުބާއެއް ނެތް ކަމަށް ބަޔާން ކުރެއްވުމުން ދޭހަކޮށް ދެނީ، ކާފިރު ހާލަތުގައި ތިބެ އެހެން ފާފަތަކުން ވާ ތައުބާ ވެސް، މާތް ﷲ ޤަބޫލު ކުރައްވާފައި ނުވާ ކަމެވެ.
ޝިރުކު ކުރުން މަތީ މަރުވެއްޖެ މީހަކަށް އޮތީ ހަމަ އެންމެ ތަނެކެވެ. އެއީ ނަރަކައެވެ. އެ ނުން ކޮންމެ ފާފައެއް ކޮށްފައި މަރުވެގެން ދާ މީހަކީ، ﷲ އިރާދަ ކުރައްވައިފިނަމަ އެ ފާފައެއް ފުއްސަވައި ދެއްވާނެ މީހެކެވެ. އިރާދަ ކުރެއްވީ ޢަޛާބު ދެއްވަން ކަމަށް ވަނީނަމަ، ފާފައިގެ ޢަޛާބު އެ މީހަކަށް ދެއްވާނެއެވެ.
ސޫރަތުއް ނިސާ ގެ 116 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ 
މާނައަކީ: ''ހަމަ ކަށަވަރުން، މާތް ﷲ އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފަ ނު ފުއްސަވައެވެ. އެ ނުން ފާފަތައް، އެކަލާނގެ އިރާދަ ކުރައްވާ މީހަކަށް ފުއްސަވަތެވެ.''
މި އާޔަތުގެ މާނައަކީ ފަހަރެއްގައި ވެސް، ޝިރުކު ކުރުމުގެ ފާފަ، އެއްގޮތަކަށް ވެސް މާތް ﷲ ފުއްސަވައި ނު ދެއްވާނެ ވާހަކައެއް ނޫނެވެ. ކިއެއްތަ، އާޔަތުގެ މާނައަކީ ޝިރުކު ކުރުން މަތީ މަރުވެއްޖެ ނަމަ، އޭނާގެ ފާފަ ފުއްސަވާ ނު ދެއްވާނެ ވާހަކައެވެ.
ކާފިރަކު އިސްލާމް ދީނަށް ވަދެއްޖެނަމަ، އެ މީހެއްގެ އިސްވެ ދިޔަ ފާފަތަކާއި އަދި ކުރި ޝިރުކުގެ ފާފަވެސް މާތް ﷲ ޢަފޫ ކުރައްވައެވެ. މި ގޮތުން ސޫރަތުލް އަންފާލް ގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: قُلْ لِلَّذِينَ كَفَرُوا إِنْ يَنتَهُوا يُغْفَرْ لَهُمْ مَا قَدْ سَلَفَ  
މާނައަކީ: ''ކާފަރުތަކުންނަށް ބުނެ އަންގާށެވެ. ކަލޭމެން ކުފުރާއި އިސްލާމުންނާއި ހަނގުރާމަ ކުރުމާ ދުރުވެއްޖެ ނަމަ، ކަލޭމެންގެ ކިބައިން މީގެ ކުރީގާ އިސްވެ ގޮސްފައިވާ ހުރިހާ ނުބައި ކަމަކާއި ފާފަތައް ޢަފޫ ވެދާހުށިކަމެވެ.''
އަދި ސޫރަތުއް ތައުބާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: فَإِنْ تَابُوا وَأَقَامُوا الصَّلاةَ وَآتَوْا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ
މާނައަކީ: ''ނަމަވެސް އެ މީހުން ތައުބާ ވެއްޖެނަމަ އަދި ނަމާދު ޤާއިމުކޮށް ޒަކާތް ދެނީނަމަ، އެ މީހުންނަކީ ދީނުގައި ކަލޭމެންގެ އަޚުންނެވެ. ''
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ: الإسْلاَمُ يَجُب مَا قَبْلَهُ
މާނައަކީ: ''އިސްލާމް ވުމުން އޭގެ ކުރީގެ ފާފަތައް ފޮހެލައެވެ.''

2- އިޚްލާޞްތެރިވުން
އިޚްލާޞްތެރި ކަމެއްނެތި ވާ ތައުބާއެއް، މާތް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. އެގޮތުން ﷲ ނޫން ފަރާތެއްދެކެ ބިރުން، ނުވަތަ ފަޟީޙަތް ވެދާނެކަމުގެ ބިރަށް، ނުވަތަ ޖަލަށް ލާފާނެ ކަމުގެ ބިރަށް، މީހުންގެ މަޤްބޫލު ކަން ހޯދަން، ވަޒީފާއަކަށްޓަކައި، ނުވަތަ ކުރަމުން އައި ފާފަ ކޮންމެވެސް ސަބަބަކާ ހެދި މިހާރު ކުރެވެން ނެތީމާ، މަސްތުވާތަކެތި ގަންނާނެ ލާރި ނެތިގެން، އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ފަޅާ އަރާފާނެ ކަމުގެ ބިރަށް، ފާފަކުރުން ހުއްޓާލިއަސް އެއީ ތައުބާވީ ކަމަކަށް ނުވާނެއެވެ. މިފަދަ މީހަކު އެއީ ތައުބާ ކަމަށް ބެލިއަސް، އެއީ ﷲ ޤަބޫލު ކުރައްވާނެ ތައުބާއެއް ނޫނެވެ.
ނަމާދާއި އެހެން ހުރިހާ އަޅުކަމެއް ވެސް ﷲ ޤަބޫލު ކުރައްވާނީ، އިޚްލާޞްތެރި ކަމާއެކީ ހަމައެކަނި ﷲ އަށްޓަކާ އެކަންތައް ކުރުމުންނެވެ. ﷲ އަށް ކުރެވޭ އެއްވެސް އަޅުކަމެއްގައި އެހެން މީހެއް ނުވަތަ ފަރާތެއް ބައިވެރި ކޮށްފިއްޔާ، އެކަމަކީ ﷲ ޤަބޫލު ކުރައްވާނެ ކަމެއް ނޫނެވެ.
ވީމާ ތައުބާއަކީ ވެސް ﷲ އަށް އިޚްލާޞްތެރި ކަމާއެކީ ކުރަން ޖެހޭ ކަމެކެވެ.

3- ކުށެއް ކަމަށް އިޢްތިރާފް ވުން
ފާފައަކަށް ތައުބާ ވެވޭނީ، ފާފަ ކުރެވިއްޖެ ކަން އެނގިގެންނެވެ. ފާފައެއް ކުރެވިއްޖެކަން އެނގޭނީ، ކުރެވުނީ ފާފައެއް ކަމަށް ޤަބޫލުކޮށް އެއީ ފާފައެއް ކަމަށް އިޢްތިރާފް ވެގެންނެވެ. ޒިނޭ ކުރުމަކީ ފާފައެއް ކަމަށް ނުދެކި، ޒިނޭ އިން ތައުބާ ވާނީ ކިހިނެއްހެއްޔެވެ؟ ބޭންކް ތަކުން ދޭ ރިބާ އަކީ ޙަރާމް އެއްޗެއް ކަމަށް ޤަބޫލު ނުކޮށް، ރިބާ ކެއުމުން ތައުބާ ވާނީ ކިހިނެއްހެއްޔެވެ؟
ކުށެއް ކަމަށް އިޢްތިރާފް ވުމަކީ ފަހަރެއްގައި ވެސް ނަޞާރާއިން ފައްޅިއަށް ގޮސް ފާދިރީ ކައިރީ ކުށަށް އިޢްތިރާފް ވާ ހެން، ކުރާ ކަމެއް ނޫނެވެ. އަހަރެމެން މުސްލިމުން ތައުބާ ވާއިރު މެދުވެރިއެއް ބޭނުމެއް ނުވެއެވެ. ވީމާ ފާފައެއް ކުރެވުނީމާ އެއީ ފާފައެއް ކަމަށް ޤަބޫލު ކޮށް ކުށަށް އިޢްތިރާފް ވީމާ ތައުބާގެ ފުރަތަމަ ފިޔަވަޅު އެޅުނީއެވެ.
އަދި ކުށެއް ކަމަށް އިޢްތިރާފް ވުމޭ ބުނެފައި ވަނީ، މީހެއްގެ ކުރިމަތީގައި ފާފައަކަށް އިޢްތިރާފް ވުމެއް ވެސް ނޫނެވެ. ފާފައެއް ކޮށްފައި އެ ފާފައަށް ތައުބާ ވާން، ކޮންމެހެން މީހެއް ކައިރީ އެ ވާހަކަ ބުނާކަށް ނުޖެހެނެއެވެ. ކިއެއްތަ، ﷲ އެ ފާފަ ފަޟީޙަތް ނުކުރައްވާ ފަރުދާ ކުރެއްވީމާ ޖެހޭނީ އެކަން ސިއްރު ގޮތުގައ ބާއްވައި ތައުބާ ވާށެވެ.

4- ފާފަ ކުރުން ހުއްޓާލުން
ފާފައަކަށް ތައުބާ ވާން ބޭނުންނަމަ އެ ފާފައެއް ކުރުން ހުއްޓާލުމަކީ، އަސާސީ ޝަރުޠެކެވެ. ރާ ފުޅި ތުބުގައި ޖަހައިގެން ހުރެ ތައުބާ ވެވޭނެހެއްޔެވެ؟ ވަގަށް ނެގި ލާރި ބެންކުގައި ރައްކާ ކޮށްގެން ހުރެ ތައުބާ ވެވޭނެހެއްޔެވެ؟ ނެގި ރިޝްވަތުން ގަތް ސައިކަލް ދުއްވަ ދުއްވާ ހުރެ ތައުބާ ވެވޭނެހެއްޔެވެ؟ ފާޙިޝް ޢަމަލު ކުރި މީހާ އާ ބައްދަލު ކޮށް، އެ ގުޅުން ކުރިއަށް ގެންދަމުން ތައުބާ ވެވޭނެހެއްޔެވެ؟ ދަރަނި އަދާ ނުކޮށް ޙައްޖަށް ދިޔައިމާ ތައުބާ ވެވޭނެހެއްޔެވެ؟
އެއްބަނޑު އެއްބަފާ އެހެން މީހުންނަށް އޮޅުވާލައިގެން، މަކަރުން ގޯތި ފޭރިގެން ހުރެ، ތައުބާ ވެވޭނެހެއްޔެވެ؟
މިހެން ތައުބާއެއް ނުވެވޭނެއެވެ. ކިއެއްތަ، މި ފަދަ ގޮތަކަށް ތައުބާ ވާ މީހާ، މި ވީ ''ތައުބާއަށްޓަކާ'' އަދި އެހެން އާ ތައުބާއެއް ވާންޖެހޭނެއެވެ. އެއީ ޒިނޭކުރުން ހުއްޓާނުލާ ތިމަންނަ ތައުބާ ވެއްޖައިމޭ، އޮފީހުން ވައްކަން ކޮށްގެން އެ ފައިސާއިން ފިހާރައެއް ހުޅުވައިގެން ހުރެ، ތައުބާ ވެއްޖައިމޭ ބުނުން ވާނީ ތައުބާ ފަދަ ދީނުގައި މުހިއްމު ކަމެއް ކުޅޭކުޅޭ ކަމަކަށް ހެދި ކަމަށެވެ.
ތައުބާވާން ބޭނުންނަމަ، ތައުބާވާ، ފާފަ ކުރުން ހުއްޓާލުން އެއީ މަޖްބޫރު ޝަރުޠެކެވެ.
ފާފަ ކުރުން ހުއްޓާލުމުގެ ތެރޭގައި، ފާފަކުރާ ވަސީލަތް ނުވަތަ ވަސީލަތްތަކުން ދުރުވެގަންނަން ވެސް ޖެހޭނެއެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހަކު ތައުބާ ވަންޏާ، އެ މަސްތުވާތަކެތި ނައްތާލަން ޖެހޭނެއެވެ. ފާޙިޝް ޢަމަލެއް ކުރެވެންޏާ، އެ ކަމަށް މަގުފަހިކޮށްދޭ ހުރިހާ އެއްޗަކާއި ދުރުހެލިވާން ޖެހޭނެއެވެ. އަދި އެ ޢަމަލު ކުރެވުނު މީހަކާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލަން ޖެހޭނެއެވެ. ދެމީހުންވެސް ތައުބާވެ ކައިވެނި ކުރަން ބޭނުން ނަމަ ކައިވެނި ކުރެވިދާނެއެވެ. (މި މައްސަލައިގައި ތަފްޞީލު ތަކެއް ވޭ) ނަމަވެސް ކައިވެނިން ބޭރުގައި ވާހަކަ ދައްކައި އަދި ބައްދަލު ކޮށްގެން ވެސް ނުވާނެއެވެ.
ރިބާ ކާ މީހަކު ތައުބާ ވާން ބޭނުންނަމަ، އެކަންތައް ހުއްޓާލަން ޖެހޭނެއެވެ. މުޖްތަމަޢްގައި ފާޙިޝް ކަންތައް ފަތުރަން އެއްވެސް ކަހަލަ ކަމެއްކޮށް އެކަމެއްގައި ބައިވެރިވެފައި ވާނަމަ، އެކަމެއް ވަގުތުން ހުއްޓާލައި އެފަދަ ކަމަކަށް ސީދާކޮށް އަދި ނުސީދާކޮށް ދެމެން އައި އެހީތެރިކަން ހުއްޓާލަން ޖެހޭނެއެވެ.

5- ދެރަވުން
ތައުބާ ވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އަދި މައި ތަނބަކީ، ކުރެވުނު ފާފައާ މެދު ހިތާމަކޮށް އެކަމަށް ދެރަ ވުމެވެ. ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ: النَّدَم تَوبَة
މާނައަކީ: ''ކުރެވުނު ކަމަކަށް ދެރަވުމަކީ ތައުބާއެވެ.''
ތައުބާ ގެ އަސްލަކީ، މީހަކަށް ފާފައެއް ކުރެވުނީމާ އެ ކަމާ މެދު ދެރަވުމެވެ. މި ހިނދު އޭނާއަށް ލިބިފައިވާ ދެރައާއި މޮޅިވެރިކަމުން ނުކުތުމަށް އޭނާ މަސައްކަތް ކުރަނީއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، މިގޮތަށް ދެރަ ވެފައި ވާ މީހަކު އެ ފާފަ ކުރުން ހުއްޓާލާނެއެވެ. އަދި މީގެފަހުން މި ފާފަ ފުއްސެވުން އެދި ދުޢާ ކުރާނެއެވެ.
ވީމާ ފުރިހަމަ ތައުބާއެއް ވެވޭނީ ކުރެވުނު ކުށާ މެދު، ދެރަވެގެންނެވެ. ފާފައެއް ކުރުމަށް ފަހު އެއީ މޮޅު ކަމެއް ކަމަށް ހަދައިގެން ވާހަކަ ދެއްކުމުން ދޭހަ ވަނީ، ތައުބާ ނުވާކަމެވެ. ފާފައެއް ކުރުމަށް ފަހު، އެ ކަން ހަނދާނަށް ގެނެސް އުފާވެރިކަން ހިތަށް ގެނައުމުން ދޭހަ ވަނީ، ތައުބާ ނުވާކަމެވެ. މަކަރު ހަދައިގެން ހޯދި ލާރިން އުޅުނު އަރާމު ދުވަސްތަކަށް ނަފްރަތު ނުކުރަންޏާ، އެއިން ދޭހަ ވަނީ ތައުބާ ނުވާ ކަމެވެ.

6- ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރަން ޢަޒުމް ކަނޑައެޅުން
ފާފައަކުން ތައުބާ ވަންޏާ، ދެން ދުވަހަކުވެސް އެ ފާފަ ނުކުރަން ޢަޒުމް ކަނޑައަޅަން ޖެހެއެވެ. މިއަދު ތައުބާވެފައި މާދަމާ ހަވީރު އަނެއްކާ މި ފާފަ ކުރާނަމޭ ހިތައި، ވާ ތައުބާއަކީ ޤަބޫލު ކުރެވޭ ތައުބާއެއް ނޫނެވެ. ތައުބާ ވާނީތޯ ނުވާނީތޯ ހިތުގައި ބާއްވައިގެން ވާ ތައުބާއަކީ ވެސް ޤަބޫލު ކުރެވޭ ތައުބާއެއް ނޫނެވެ. ޙަލާލް ގޮތަކަށް ލާރިލިބޭނެ ގޮތެއް ވެއްޖިއްޔާ، ދެން ވައްކަމެއް ނުކުރާނެމޭ، ރިޝްވަތެއް ނު ހޯދާނަމޭ، ނަމަވެސް މި ގޮތަށް ނުވެއްޖެނަމަ މި ދެކަންތައް ވެސް ކުރާނަމޭ ހިތައި ވާ، ތައުބާއަކީ ޤަބޫލު ކުރެވޭނެ ތައުބާއެއް ނޫނެވެ. މަސްތުވާތަކެއްޗާއި ސިގިރެޓު ރޯދަ މަހަށް އެކަނި ހުއްޓާލުން އެއީ ތައުބާއެއް ނޫނެނެވެ.
ކުރު ގޮތަކަށް ބުނާނަމަ، ފުރިހަމައަށް ތައުބާ ވާން ބޭނުން މީހަކު ނަމަ، ތައުބާ ވާ ކުށަށް ދެން ދުވަހަކުވެސް އެނބުރި ނާންނަން ޢަޒުމު ކަނޑައަޅައި އެ ޢަޒުމް ތަންފީޒު ކުރަން މަސައްކަތް ކުރަން ޖެހޭނެއެވެ.
ތިން ކަމެއް ފުރިހަމަ ވެއްޖެ މީހަކަށް އީމާންކަމުގެ ފޮނިކަން، ފެންނާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ފުރަތަމަ ކަމަކީ އެހެން ހުރިހާ އެއްޗަކާއި ބަޔަކަށް ވުރެ ބޮޑަށް ﷲ އާއި ކީރިތި ރަސޫލާ ދެކެ ލޯބި ވުމެވެ. ދެވަނަ ކަމަކީ، މީހަކު ދެކެ ލޯބި ވާ ނަމަ ހަމަ އެކަނި ﷲ އަށްޓަކައި ލޯބިވުމެވެ. ތިންވަނަ ކަމަކީ ތިމާ އަލިފާން ގަނޑަކަށް އެއެއްލާލަން ނުރުހޭފަދައިން، ޝިރުކަށް އެނބުރި ދާން ނުރުހުމެވެ.
މީގައި މި މައުޟޫއަށް މުހިއްމު ތަންކޮޅަކީ ތިންވަނަ ކަމެވެ. ކާފިރަކު އިސްލާމް ވެފައި އޭގެ ފަހުން އަނެއްކާ ކާފިރު ކަމަށް ދާން ނުރުހުމަކީ، އެއީ އޭނާގެ ހިތުގައި އީމާން ކަމުގެ ފޮނިކަން އަށަގެންފައިވާ ކަމުގެ ހެއްކެކެވެ. ހަމަ މި ބީދައިން ފާފައެއް ކޮށްފައި، އަލުން އެ ފާފައަށް އެނބުރި ދާން ނުރުހުމަކީ، އެއީ އޭނާއަށް ތައުބާގެ ފޮނިމޭވާގެ ރަހަ ލިބުމުގެ ހެއްކެކެވެ. އަދި އޭނާ އެ ވީ ތައުބާއަކީ ތެދު ތައުބާއެއްކަމުގެ އުޖާލާ ހެއްކެކެވެ.
ތައުބާ ވާ ހިނދު އަލުން އެކަން ނުކުރަން ތެދު ޢަޒުމެއް ކަނޑައަޅާފައި، ހަވާނަފްސަށް ނުވަތަ އިބިލީހުގެ ވަސްވާހަށް، ހެއްލުމުގެ ސަބަބުން އަނެއްކާވެސް ހަމަ އެ ފާފަ ކުރެވުމަކީ ވެދާނެ ކަމެކެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން ތައުބާވެފައި، އަލުން މަސްތުވާތަކެއްޗަށް އެނބުރި އާދެވޭފަހަރު ފަހަރު އާދެއެވެ. ދެ ޖިންސުގެ ދެމެދުގައި ބޭއްވޭ އެކި ދަރަޖަ ދަރަޖައިގެ ހުއްދަ ނޫން ގުޅުންތަކުން، ތައުބާވެފައި އަލުން ހަމަ އެކަމަށް އާދެވޭފަހަރު އާދެއެވެ. މަންމަ ކުރިމަތީ ހަރު އަޑުން ވާހަކަ ދެއްކުމުން ތައުބާވެފައި، އަންނަ ރުޅިއެއްގައި އަޑުހަރުކޮށް ވާހަކަ ދެއްކޭފަހަރު އާދެއެވެ. މަގުމަތިން ދާ އަންހެން ކުދިންނާ ނުބެހޭނަމޭ ކިޔާފައި ހަމަ ކުރީގެ ނުބައި އާދައަށް ރުޖޫޢަވެވޭފަހަރު ވެސް އާދެއެވެ. ސިއްރުއާދަ (އަމިއްލައަށް ޖިންސީ އެދުން ފުއްދުން) އާ ދުރުވާނަމޭ ބުނެ ޢަޒުމް ކަނޑައެޅުމަށް ފަހު އަނެއްކަ އެކަން ކުރެވެއެވެ.
ކަން މިހެން އޮތް އިރު، ތައުބާވެފައި އޮތް ކަމެއް ފަހުން ކުރެވުނަސް، ދެވަނަ ފަހަރަށް ތައުބާ ނުވެވޭނެއޭ ހިތުމަކީ، އިބިލީހުގެ ވަސްވާހުން ވާކަމެކެވެ. އެއީ އިންސާނުންގެ ހިތުގައި މާޔޫސްކަން އުފައްދައި ތައުބާ ވުމާ މީހާ ދުރުކޮށް، މަޑުމަޑުން ދީނާއި ދުރަށް ގެންގޮސް އެއްކޮށް މަގުފުރައްދަން ޝައިޠާނާ ކުރާ ކަމެކެވެ.
އެއްފަހަރު، ދެފަހަރު، ތިންފަހަރު، ކީއްކުރަން ސަތޭކަފަހަރުވެސް ފާފައަކުން ތައުބާ ވެވިދާނެއެވެ. އަދި ﷲ އެ ތައުބާ ޤަބޫލު ކުރައްވާނެއެވެ. މުހިއްމު ކަމަކީ އަހަރެމެންގެ ހިތުގައި ވަންހަނާ ކޮށްފައިވާ ހުރިހާ ކަމެއްވެސް ﷲ ދެނެވިޑިގަންނަވާކަން ހަނދާން ބަހައްޓައި، ތައުބާ ވާ ހިނދު ތެދު ނިޔަތަކުން ތައުބާވުމެވެ. ހަވާނަފްސުގެ ފިއްތުން ތަކުގެ ސަބަބުން އެ ފާފަ އަލުން ކުރެވުނީމާ، އަނެއްކާ ތައުބާ ވެ، ކުރީފަހަރަށް ވުރެ ވަރުގަދަ ޢަޒުމެއް، ކަނޑައަޅާނީއެވެ.
އައްޒުމަރް ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: قُلْ يَا عِبَادِي الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ
މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
ޔޫސުފް ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَلا تَيْئَسُوا مِنْ رَوْحِ اللَّهِ إِنَّهُ لا يَيْئَسُ مِنْ رَوْحِ اللَّهِ إِلاَّ الْقَوْمُ الكَافِرُونَ
މާނައަކީ: '' އަދި މާތް ﷲ ގެ ރަހްމަތްފުޅާ މެދު އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ކާފިރުވީ މީހުން ނޫނީ، މާތް ﷲ ގެ ރަޙްމަތް ފުޅާ މެދު ކަނޑާ ނުލާނެއެވެ.''
ފާފަ ކޮށްފައި ތައުބާވެފައި އަނެއްކާ ފާފާ ކުރެވިފައި އަނެއްކާ ތައުބާ ވާ މީހުންގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭނެ ހަދީޘެއް މިތާނގައި ގެންނާނަމެވެ. ޞަޙީޙް މުސްލިމްގެ ''ތައުބާ'' ބާބުގެ ''ތައުބާ އަދި ފާފަ ތަކުރާރުވިޔަސް ތައުބާ ޤަބޫލު ކުރެއްވުން'' މި ބައިގައި އޮންނަ ޙަދީޘެއް ގައި އޮވެއެވެ.
عَنْ ‏ ‏أَبِي هُرَيْرَةَ ‏عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فِيمَا يَحْكِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ أَذْنَبَ عَبْدٌ ذَنْبًا فَقَالَ اللَّهُمَّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى ‏‏ أَذْنَبَ عَبْدِي ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ ثُمَّ عَادَ فَأَذْنَبَ فَقَالَ أَيْ رَبِّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى عَبْدِي أَذْنَبَ ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ ثُمَّ عَادَ فَأَذْنَبَ فَقَالَ أَيْ رَبِّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى أَذْنَبَ عَبْدِي ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ اعْمَلْ مَا شِئْتَ فَقَدْ غَفَرْتُ لَكَ قَالَ ‏ ‏عَبْدُ الْأَعْلَى ‏ ‏لَا أَدْرِي أَقَالَ فِي الثَّالِثَةِ أَوْ الرَّابِعَةِ ‏ ‏اعْمَلْ مَا شِئْتَ 
މާނައަކީ: "އަބޫހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ކީރިތިވަންތަ މަތިވެރިވެވޮޑިގެންވާ މާތް ރަސްކަލާނގެ ވަޙީ ކުރެއްވި ކަމަށް ޙަދީޘް ކުރެއްވިއެވެ. '' ﷲ ވަޙީ ކުރެއްވިއެވެ. އަޅަކު ފާފައެއް ކުރުމަށް ފަހު ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ.
 އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. ދެން އަނެއްކާ ފާފައެއް ކޮށްފައި އޭނާ ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! ދެން އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. ދެން އަނެއްކާ ފާފައެއް ކޮށްފައި އޭނާ ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! ދެން އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. އޭ އަޅާއެވެ. ކަލޭ ބޭނުން ކަމެއް ކުރާށެވެ. ތިމަންރަސްކަލާނގެ ކަލޭގެ ފާފަ ފުއްސަވައި ދެއްވައިމީމެވެ.''
ﷲ އަކީ، ފާފަ ފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެއަކީ އަޅުތަކުންގެ ބޭރުފުށުގެ ޢަމަލުތަކާއި ހިތުގައި ފޮރުވިފައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ވީމާ، ކުޅޭ ކުޅޭ ކަމަކަށް ހަދައިގެން އިޚްލާޞްތެރި ކަމެއް ނެތި ތައުބާ ވާ ކަމަށް ހެދުމަކީ ވަރަށް ވެސް ނުބައިކަން ބޮޑު ކަމެކެވެ.

7- މީހުންގެ ޙައްޤުތައް އަދާކުރުން
ކުރެވުނު ފާފައިގެ ތެރޭގައި މީހެއްގެ ޙައްޤެއް ވާނަމަ، އެ ޙައްޤު އޭގެ ވެރިމީހާއަށް ހަވާލު ކުރުމަކީ، ތައުބާ ވުމުގެ ޝަރުޠެކެވެ. މި ޝަރުޠު ފުރިހަމަ ނުވާނަމަ ތައުބާއެއް ނުވެވޭނެއެވެ.
މީހެއްގެ ޙައްޤަކީ ކޮބައިތޯ ބަލާއިރު، ފަހަރެއްގާ މި ޙައްޤަކީ މާއްދީ ޙައްޤަކަށް ވެސް ވެދާނެއެވެ. އަދި އެއީ މަޢްނަވީ ޙައްޤަކަށް ވެސް ވެދާނެއެވެ. މާއްދީ ޙައްޤަކީ މިސާލަކަށް ވަގަށް ނެގި ފައިސާ ނުވަތަ މުދާ، ފޭރިގަތް ބިން، އަނބުރާ ދައްކަން ނަގާފައިވާ ފައިސާ، ހަލާކު ކުރި މުދަލުގެ ބަދަލު، ދަރިފުޅަށާއި އަނބިމީހާއަށް ކުރަންޖެހޭ ޚަރަދު، ވަގަށް ބޭނުން ކުރި ކަރަންޓުގެ އަގު، ފަދަ އެއްޗެހި އޭގެ އޭގެ ޙައްޤު ވެރިންނަށް އަނބުރާ ދިނުމެވެ.
މަޢްނަވީ ޙައްޤަކީ، މީހަކާ ދިމާލަށް ޤަޛްފު ކުރުން (ޒިނޭގެ ތުހުމަތު ކުރުން)، މީހެއްގެ އަބުރަށް ހުތުރު އެރުވުން، ޢާއްމު ޝަޚްޞިއްޔަތަކާ ބެހޭ ގޮތުން ނޫހުގައި ނުވަތަ މަޖައްލާގައި ޖެހި ޙަޤީޤަތެއް ނެތް ވާހަކަ، ދެމަފިރިންގެ ދެމެދަށް ވަދެ އުފެއްދި ފިތުނަ، ބުނި ޣީބަ، މީހަކާ ދިމާލަށް ކީ ހުތުރު އެއްޗެހި ފަދަ ކަންކަމެވެ. މި ފަދަ ކަމެއް ކޮށްފައި ތައުބާ ވެވޭނީ، މި ކަންތަކުގެ ސަބަބުން އަނެކާއަށް ލިބުނު މަޢްނަވީ ގެއްލުމަށް މާފަށް އެދި ޙައްޤު ކެނޑުވުމުންނެވެ.
މި ހިސާބުން އުފެދޭ ސުވާލަކީ މީހެއްގެ ޙައްޤު އަދާ ކުރާނީ ކިހިނެއްހެއްޔެވެ؟ ވައްކަން ކޮށްފައި ތައުބާ ވާން ވީމާ، ނެގި އެތީގެ ވެރި މީހާ ކުރިމައްޗަށް ގޮސް ފަޟީޙަތް ވެގަންންނާނީހެއްޔެވެ؟ ކޮންމެހެން ފަޟީޙަތް ވެގަންނާކަން ނުޖެހެއެވެ. މިސާލަކަށް، ފިހާރައަކުން ޒުވާން ކުއްޖަކު ވައްކަން ކޮށްފައި އޮވެދާނެއެވެ. މިއީ ވަރަށް ޢާއްމު ކަމެކެވެ. ނަމަވެސް ބޮޑުވެގެން، ނުވަތަ އެއީ ޙަރާމް ކަމެއް ކަން އެނގުނީމާ ތައުބާން ވާން ހެދިދާނެ އެއް ގޮތަކީ، އެ ނެގި އެއްޗެއްގެ އަގު އެ ފިހާރައަށް ކޮންމެވެސް ގޮތަކުން ފޮނުވާލުމެވެ.
 ސިޓީ އުރައަކަށް ލާފައި، މި ފައިސާއަކީ މިވެނި މިވެނި އެއްޗެކޭ ކިޔާފައި، ޕޯސްޓު ކުރެވިދާނެއެވެ. އޮފީހުން ނަހަމަ ގޮތަކަށް ފައިސާ ނަގާފައި ވާނަމަ، އިދާރީ ފަސާދައާއި ދެކޮޅަށް މަސައްތް ކުރަން އުފެއްދިފައިވާ އޮފީހަށް އެ ފައިސާ ފޮނުވިދާނެއެވެ.
މީހުންގެ ޙައްޤުތަކަށް އެރިފައިވަނީ ސީދާ ކިހާ ވަރަކަށް ކަން، ނޭނގެންޏާ ގާތްގަނޑަކަށް ލަފާ ކުރާ މިންވަރެއް ރައްދު ކުރާށެވެ. ބޮޑަށް ތަޤުވާވެރި ވާ މީހަކު މި ހާލަތުގައި ހަދާނެ ގޮތަކީ، ޔަޤީނުންވެސް މަދު ނުވާ ވަރަށް ރައްދު ކުރުމެވެ. ނެގި އެއްޗެއްގެ ވެރި މީހާ މަރުވެއްޖެ ނަމަ، އެ ރައްދު ކުރަން ޖެހޭނީ އޭނާގެ ވާރުތަ ވެރިންނަށެވެ.
ނެގި އެތީގެ ވެރި މީހާ އަކީ ކާކު ކަން ނޭނގެންޏާ، ޖެހޭނީ އެ ފައިސާ ނުވަތަ އެއްޗެއް ކޮންމެވެސް ހެޔޮ ގޮތެއްގައި ހޭދަ ކޮށްލާށެވެ. ޔަތީމު ކުއްޖަކަށް، ފަޤީރަކަށް، ނުވަތަ  ހިލޭ ސާބަހަށް މަސައްކަތް ޚައިރީ ޖަމްޢިއްޔާއެއްފަދަ ތަނަކަށް ދޭނީއެވެ. ދޭނީ އޭގެ އަސްލު ވެރި މީހާގެ ފަރާތުން ދޭ އެއްޗެއްގެ ނިޔަތުގައެވެ. އަމިއްލައަށް ދޭ ޞަދަޤާތެއްގެ ނިޔަތަކު ނޫނެވެ.
ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، މީހުންގެ ޙައްޤަކީ އަދާ ނުކުރާހާ ހިނދަކު، ކިތަންމެ ދުވަހެއް ވިޔަސް ވެއްޓިގެން ނުދާނެ އެއްޗެއް ކަމެވެ. ﷲ ގެ މަގުގައި ޝަހީދުވެގެން ދާ މީހާގެ ހުރިހާ ފާފައެއް ﷲ ފުއްސަވައިފި ކަމަށް ރަސޫލާ ޙަދީޘް ކުރައްވާފައި، ހިނދުކޮޅަކުން ވިދާޅުވީ ޖިބްރީލްގެފާނު ވަޑައިގެންފައި ޝަހީދުގެ ބޮލުގައި ދަރަންޏެއް އެޅިފައި ވާނަމަ އެ ފާފަ ނުފޮހެވޭނެ ކަމަށް އަންގަވައިފި ކަމަށެވެ.
 އަދި އެހެން ފަހަރު ޞަޙާބީބޭކަލަކު އަވަހާރެވެގެން އޭނާގެ މައްޗަށް ރަސޫލާ ކަށުނަމާދު ކުރައްވަންވެސް ދެކޮޅު ހެއްދެވިއެވެ. ދެން އެހެން ޞަހާބީއަކު އޭނާގެ އެ ދަރަނި އަދާ ކުރަން ޖާމިނު ވުމުން ނަމާދު ކުރެއްވިއެވެ.
އަދި ޤިޔާމަތް ދުވަހު، މީހަކު ކިތަންމެ ހެޔޮ ކަމެއް ކޮށްގެން ގޮސް ހުރި ކަމުގައި ވިޔަސް، އެހެން މީހުންގެ ޙައްޤަށް އަރާފައި ވާނަމަ، އޭނާގެ ހެޔޮކަމުން ނަގާފައި މީސްތަކުންގެ ޙައްޤު އަދާ ކުރެވޭނެވެ.
ވީމާ ތައުބާ ވުމުގެ ކުރުން މީހުންގެ ޙައްޤުތައް އޭގެ ވެރި ފަރާތަށް ރައްދު ކުރުމަކީ ކިހާ މުހިއްމު ކަމެއްކަން، އެބަ އެނގެއެވެ.
ދޭއް: ތައުބާ ޤަބޫލު ކުރެވޭ ޒަމާނާއި ގުޅިފައިވާ ޝަރުޠުތައް :-
ތައުބާ ޤަބޫލު ކުރެވޭ ޒަމާނާއި ނުވަތަ ވަގުތާއި ގުޅިފައިވަނީ ދެ ޝަރުޠެކެވެ. އެއީ :-
1- ރޫޙް ނުކުމެގެން ދާން އުޅުމުގެ ކުރިން ތައުބާ ވުން:
ތައުބާ ވުމުގެ ވަގުތާއި ގުޅިފައިވާ ޝަރުޠުތަކުގެ ތެރޭގައި، ތިމާގެ ފުރާނަ ނުކުމެގެން މި ދަނީކަން އެނގުމުގެ ކުރިން ތައުބާ ވުން ހިމެނެއެވެ. ފިރުޢައުނުވެސް ޣަރަޤުވެގެން ދާން އުޅުމުން އީމާންވެ އެއްކައުވަންތަކަން ޤަބޫލު ކުރިއެވެ. ނަމަވެސް އެކަމުން ފިރުޢައުނަށް ވީ ފައިދާއެއް ނެތެވެ. ވަގުތު އޮތީ ފާއިތުވެފައެވެ.

މަރު އައިސް ޖެހުމުގެ ކުރިން ތައުބާ ވުމަށް އަންގަވައި ސޫރަތުއް ނިސާގެ 17 އަދި 18 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِنْ قَرِيبٍ فَأُوْلَئِكَ يَتُوبُ اللَّهُ عَلَيْهِمْ وَكَانَ اللَّهُ عَلِيماً حَكِيماً * وَلَيْسَتْ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمْ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَئِكَ أَعْتَدْنَا لَهُمْ عَذَاباً أَلِيماً 
މާނައަކީ: "ތައުބާ ޤަބޫލު ކުރެއްވުން މާތް ﷲ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް ލާޒިމް ކުރައްވާ ކަނޑައަޅުއްވާފައިވާ ކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައް ކޮށް އެއަށް ފަހު، އެ ނުބައި ކަމެއް ކުރުމާއި ގާތުގާ އަވަހަށް ތައުބާވެ އުޅޭ މީހުންނަށެވެ. އެބައި މީހުންގެ މައްޗަށް ﷲ ތައުބާ ލައްވާ އެމީހުންގެ ތައުބާ މާތް ﷲ ޤަބޫލު ކުރައްވައެވެ. މާތް ﷲ އީ ދެނެވޮޑިގެންވާ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ. * ނުބައިކަންތައްތައް ކުރުންމަތީ ދެމިތިއްބާ މަރު އައިސް ޖެހުމުން، ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް، ތައުބާ ޤަބޫލު ކުރެއްވުމެއް ނެތެވެ. އެބައި މީހުންނަކީ ތިމަން ރަސްކަލާނގެ އެބައި މީހުންނަށްޓަކައި ވޭން ލިބެނިވި ޢަޛާބު ތައްޔާރު ކުރައްވާފައިވާ ބައެކެވެ.''
ނޯޓް:  މި އާޔަތުގައިވާ ''ނޭނގިތިބުމާއެކު'' ގެ މާނައަކީ ނޭނގި އޮޅިގެން ކުރެވޭ ފާފަތަކުގެ ވާހަކައެއް ނޫނެވެ. އަދި އެއީ ޙަރާމް ކަމެއްކަން ނޭނގުމެއްވެސް ނޫނެވެ. ''ޖަހާލަތު'' ގެ މާނައެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވަނީ ދީނުގައި ނަހީކޮށްފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ޖާހިލު ކަމެއް ކަމަށެވެ. ''ނުބައި ކަމެއް ކުރުމާއި ގާތުގާ އަވަހަށް'' މީގެ މުރާދަކީ މަރު ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ.
މަރު އައިސްޖެހުމުގެ ކުރިން ތައުބާ ވެއްޖެނަމަ ތައުބާ ޤަބޫލު ކުރެވޭނެ ކަމަށް އިޝާރާތް ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވަނީ: إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ ‏‏ يُغَرْغِرْ

މާނައަކީ: ''ރޫޙު ކަރުތެރެއިން ނުކުމެގެން ދިއުމުގެ ކުރިން، އަޅާ ވާ ތައުބާ، ހަމަކަށަވަރުން މާތް ﷲ ޤަބޫލު ކުރައްވައެވެ.'' (ރިވާ ކުރެއްވީ ތިރްމިޛީ)    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons