( ކުރީދުވަހުގެ އަދަދާގުޅޭ )
މާލިކުގެފާނުގެ މަޛްހަބުގެ އުޞޫލުތައް:
މާލިކުގެފާނުގެ މަޛްހަބުގެ އުޞޫލުތައް:
މާލިކުގެފާނަށް، މަސްއަލަތަކާއިމެދު، (قُرآن الْكَرِيْم)އާއި (سنَّة الرَّسُول)އިން، ދަލީލެއް ފެނި ވަޑައި ނުގެންނެވިނަމަ، (الْقِيَاس)އާއި، (الْإسْتِحْسَان)އާއި، (الْعُرفَة)އާއި، (سَدّ الزَّراعِر)އާއި، އަދި (مَصَالِحُ الْمُرسلَة) ވެސް ބޭނުންކުރައްވައެވެ. އެހެން ނަމަވެސް، (مَصَالِحُ الْمُرسلَة) ބޭނުން ކުރެއްވުމުގައި، އެކަލޭގެފާނުގެ ޝަރުޠުތަކެއްވެއެވެ.
އެ ޝަރުޠު ތަކުގެ ތެރެއިން، އެންމެ މުހިއްމު ޝަރުޠަކީ، އިސްލާމް ދީނުގެ މަޞްލަޙަތުތަކުގެ ތެރެއިން، މަޞްލަޙަތާއި އިދިކޮޅު ކަމެއް ނެތުމެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް، މާލިކުގެފާނު ވަރަށް ބޮޑަށް ރައްކާތެރިވެ ވަޑައިގަންނަވައެވެ. އެކަލޭގެފާނަކީ، ޙަދީޘް ޢިލްމުގައި އިމާމަކު ކަމުގައި ވެވަޑައިގެންނެވިއެވެ. ސުންނަތުގެ ޢިލްމުވެރީންގެ އަރިހުގައި، އެންމެ ޞައްޙަކަން ބޮޑު ސަނަދަކީ، މާލިކުގެފާނުގެ ސަނަދެވެ. މި ރޮނގުގައި، އެކަލޭގެފާނު، ޠަޢަންކުރެވޭ ވަރުގެ މީހަކު ނެތެވެ.
(سُفْيَان) ވިދާޅުވެފައިވެއެވެ. "ޙަދީޘް ޢިލްމުގައި، މާލިކުގެފާނު ވަރަށް ބަލައި، ހޯދާ މީހަކު ނެތެވެ." (الْإمَام الشَّافِعِيّ) ވިދާޅުވެފައިވެއެވެ. "ޙަދީޘަކާއިމެދު ޝައްކު އުފެދިއްޖެނަމަ، މާލިކުގެފާނު އެޙަދީޘެއް މުޅިން ދޫކޮށްލައެވެ."
މާލިކުގެފާނު، އެދަރަޖައަށް ވާޞިލުވެ ވަޑައިގެންނެވުނީ، އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެކަމަށްޓަކައި، އެކަލޭގެފާނު އެތައް ދަލެއް އޮހޮރުއްވަވައި، އެތައް ރެއެއްގެ އަވަހާރަފުޅު ނަންގަވައި ލެއްވިއެވެ. ތަޙްޤީޤުކޮށް، ބައްލަވައި ހެއްދެވިއެވެ. މިކަމުގެ ދަލީލަކަށް، އެކަލޭގެފާނުގެ މިބަސްފުޅު ފުދެއެވެ. "އަހަރެންގެ މި ދެއަތުން، ކީރިތި ރަސޫލާގެ ސަތޭކަ ހާސް ޙަދީޘް ލިޔުނީމެވެ." އަދިވެސް މާލިކުގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން، މިޢިލްމަކީ ދީނެވެ. ތިޔަބައިމީހުން، އެޢިލްމު ހޯދަނީ، ކޮން ބައެއްގެ އަތުންތޯ ބަލާށެވެ. 70 މީހުން، މިތަނބުތަކުގެ ތެރޭގައި ތިބެ، (ކީރިތި ރަސޫލާގެ މިސްކިތަށް އިޝާރަތް ކުރައްވައި) ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ކަމަށް، ބުނާ އަޑު ތިމަން ކަލޭގެފާނު އަޑު އެއްސެވީމެވެ. އޭގެ ތެރެއިން އެއްވެސް މީހެއްގެ އަތުން، އެއްވެސް އެއްޗެއް ތިމަންކަލޭގެފާނު ނުހޯއްދަވަމެވެ. އޭގެ ތެރެއިން، އެންމެ މީހަކުވެސް، ބައިތުލް މާލާއި ޙަވާލުކުރެވިއްޖެނަމަ، އެބޭކަލަކީ އަމާނަތްތެރިއަކަށް ވާނެއެވެ. އެހެން ނަމަވެސް، އެބޭބޭކަލުންނަކީ، އެފަދަ ކަންތައްތަކުގެ އަހުލުވެރިންނެއް ނޫނެވެ. (އެބަހީ، އެބޭކަލުންނަކީ، ދުނިޔެ އެދި ވަޑައިގަންނަވާ ބޭކަލުންނެއް ނޫނެވެ.)"
މާލިކުގެފާނު، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް، ވަރަށް މާތްކޮށް ހިއްތަވައެވެ. ފިޤުހު ޢިލްމާއި، އެނޫންވެސް ޢިލްމުތަކާއި ބެހޭގިތުން ސުވާލުކޮށް، އަދި އިތުރަށް އެނގެން ބޭނުން މީހަކު އައުމުން، އެމީހުންނަށް ފަތުވާ ދެއްވުމަށް ނުކުމެވަޑައިގަންނަވައެވެ.
އެހެން ނަމަވެސް، ޙަދީޘް ޢިލްމު އުނގެނުމަށް، އެކަލޭގެފާނުގެ އަރިހަށް މީސްތަކުން އައުމުން، ނާނޭފުޅު ފިއްލަވައި، އަތަރު ތުރުކުރައްވައި، ރީތި ފޭރާމެއް ރުރު ކުރައްވައިގެން ނޫނީ، ނުކުމެވަޑައި ނުގަންނަވައެވެ. ނުކުމެވަޑައިގަންނަވަނީވެސް، ވަރަށް ޚުޝޫޢަތްތެރި ކަމާ އެކުގައެވެ.
އެކަލޭގެފާނު، ޙަދީޘް ޢިލްމު އުނގަންނައި ދެއްވަން އިންނަވަނިކޮށް، އެއްފަހަރަކު ނަގުލަން ދާއްޓެއް، ކަށި ޖެހުމުންވެސް، އެކަމަށް ކެތްތެރިވެ ވަޑައިގެންނެވިއެވެ. ޙަދީޘް ފިލާވަޅު މެދުކަނޑުއްވައި ނުލައްވައެވެ. އެކަމާ ބެހޭގޮތުން، އެކަލޭގެފާނާއި ސުވާލުކުރުމުން ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނު، އެކަމަށް ކެތްތެރިވެ ވަޑައިގަތީ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް، ތިމަންކަޭގެފާނުގެ ހިއްޕުޅުގައި، އޮންނަ ޤަދަރާއި އިޙްތިރާމެއްގެ ބޮޑުކަމުންނެވެ."
މާލިކުގެފާނު، ކީރިތި ރަސޫލާގެ ޙަދީޘްފުޅަށް، މާތްކޮށް ހިއްތެވުމުގެ ގޮތުން، ޙަދީޘް ޢިލްމުގެ ދަރުސްތައް އުނގެނެމުންދާއިރު، އަޑުގަދަ ކުރުމަކީ، މަކުރޫހަ އަދި ޙަރާމް ކަމެއް ކަމުގައި ދެކެވަޑައިގަންނަވައެވެ. އަދި އެގޮތަށް ކަންތައް ކުރުމަކީ، މުސްލިމުންގެ މައްޗަށް ޙަރާމް ކަމެއްކަމުގައި ވިދާޅުވިއެވެ. އެކަލޭގެފާނު، ދަލީލެއް ކަމުގައި، ވިދާޅުވަނީ އަންނަނިވި އާޔަތެވެ.
(يَآ أيُّهَا الَّذِيْنَ آمَنُوا لاَ تَرْفَعُوا أصْوَاتَكُمْ فَوْقَ صَوْتِ النَّبِيّ) (حجرات: 2)
މާނައަކީ: "އޭ އީމާންވި މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް، ތިޔަބައިމީހުންގެ އަޑުތައް މުއުފުލާށެވެ!"
ކީރިތި ރަސޫލާގެ ޙަދީޘްފުޅު އަޑުއިވޭ ހިނދު، އަޑުގަދަ ކުރުމަކީ، އެކަލޭގެފާނުގެ އަޑުފުޅަށްވުރެ މައްޗަށް، ތިމާގެ އަޑު އުފުލުން ފަދަ ކަމެއް ކަމަށް ވިދާޅުވިއެވެ.
މާލިކުގެފާނު، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ހިދާޔަތު ލިބިވަޑައި ގެންނެވިއެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ޙަދީޘްފުޅުތަކަކީ، މީހާގެ ކުރިމަތީގައި، ހުޅުދާން ކުރެވިފައިވާ ދަންމަރެކެވެ. ޙަދީޘްފުޅުތަކާއި ދެކޮޅު ހަދައި، އިދިކޮޅަށް ނުކުތުން ހެޔޮ ނުވާނެއެވެ. ވަރަށް ގިނައިން، މާލިކުގެފާނު، ކީރިތި ސާހިބާގެ މާތް ޤަބުރުފުޅަށް އިޝާރަތް ކުރެއްވުމަށްފަހު ވިދާޅުވެއެވެ. "މިރައުޟާގައި، މިއޮންނެވި މާތް ސާހިބާ ފިޔަވައި، ކޮންމެ މީހެއްގެ ވާހަކައަކީވެސް، ބަލައިގަނެ ރައްދު ކުރެވޭ ވާހަކައެކެވެ."
ޢައްބާސީ ދައުލަތުގެ، ވަރަށް ގިނަ ޚަލީފާއިން، އެބޭފުޅުންގެ އަރިހުގައި އެގަނޑުވަރުތަކުގެ ތަފާތު ކުލަތަކާއި، ނިޢުމަތުގައި އުޅުއްވުމަށް މާލިކުގެފާނަށް، ދަޢުވަތު ދެއްވައެވެ. ނަމަވެސް، އެއިން އެއްވެސް ދަޢުވަތެއް ޤަބޫލުފުޅެއް ނުކުރައްވައެވެ. މާލިކުގެފާނު، ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅު ތަކުރާރު ކުރައްވައެވެ. (الْمَدِيْنَةً خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُوْن) (بُخَاري) "އެމީހުންނަށް އެނގޭނަމަ، އެމީހުންނަށް މަދީނާ މާ ހެޔޮކަން ބޮޑުވާނެއެވެ."
މާލިކުގެފާނު، މަދީނާގައި، ޖަނަވާރެއްގެ މައްޗަށް ސަވާރުވެ ވަޑައިގެން ދަތުރު ކުރެއްވުމަށް ލަދުފުޅުގެން ވަޑައިގަންނަވައެވެ. މާލިކުގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާގެ މާތް ހަށިކޮޅު، އެފަސްގަނޑެއްގެ ދަށުގައިވާ، ފަސްގަނޑެއްގެ މަތީގައި މޮއްގަނޑު އަޅަމުންދާ ޖަނަވާރެއްގެ މައްޗަށް އަރައި ވަޑައިގަތުމަށް، ތިމަންކަލޭގެފާނު ލަދުފުޅުގެން ވަޑައިގަންނަވައެވެ."
އިސްލާމީ ފޮތަކަށް، އެންމެ ފުރަތަމަ އެކުލަވައި ލެވުނު ފޮތަކީ، އިމާމު މާލިކުގެފާނު އެކުލަވައި ލެއްވި، (الْمُوَطَّأ)، މިނަން ކިޔާ ފޮތެވެ. (الْمُوَطَّأ)، މިބަހުގެ މާނައަކީ، އަޅުކަން ކުރުމަށްޓަކައި، އެކުލަވައި ލެވިފައިވާ، ލުއި ފަސޭހަ މަގެވެ. މާލިކުގެފާނު އެކުލަވައި ލެއްވި އެންމެ އަގުބޮޑު ފޮތަކީ، އެއީއެވެ. މާލިކުގެފާނު، މިފޮތް އެކުލަވައި ލެއްވުމަށް މެދުވެރިވި ސަބަބެއް ކަމުގައިވަނީ، ހަވާ ނަފްސަށް ހެއްލިފައިވާ މީހުންގެ ބަސް، އިތުރުވެގެން ދިއުންވެސް ހިމެނެއެވެ. އަދި ހަމައެއާއެކު، އެކަލޭގެފާނުގެ ހަދާން ބަލިކަށުވުމުން، އެ ޢިލްމުތައް ފޮތެއްގެ ޞިފައިގައި ޖަމަޢަކޮށްފައި ބެހެއްޓުން، މުހިއްމު ކަމުގައި ފެނިވަޑައިގަތުމެވެ.
މިފޮތް އެކުލަވައި ލެއްވުމަށް، އެކަލޭގެފާނަށް ބާރު އެޅުއްވީ، (أبُوْ جَعْفَرُ الْمَنْصُوريِّ) އެވެ. (أبُوْ جَعْفَرُ الْمَنْصُوريِّ)، މާލިކުގެފާނަށް ވިދާޅުވިއެވެ. "އަހަރެން، މީސްތަކުންގެ ތެރެއަށް ހިފައިގެންދާނެ ފޮތެއް އެކުލަވާލާށެވެ." އެއަށްފަހު މާލިކުގެފާނު، އެކަލޭގެފާނުގެ ފޮތް، (الْمُوَطَّأ) އެކުލަވައި ލެއްވިއެވެ.
(الْمُوَطَّأ)އާއި ބެހޭގޮތުން، (الْإمَام الشَّافِعِيّ) ވިދާޅުވެފައިވެއެވެ. "ޢިލްމުގެ ފޮތަކަށް، މި ބިންމަތީގައި، މާލިކުގެފާނުގެ (الْمُوَطَّأ)އަށްވުރެން ވަކިން ޞައްޙަ ކަންބޮޑު ފޮތެއް ނުވެއެވެ." ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "(الْإمَام الشَّافِعِيّ)، އެހެން ވިދާޅުވެފައިވަނީ، (صَحِيْح الْبُخَاريّ) އާއި (صَحِيْح مُسْلِم) އެކުލަވާލުމުގެ ކުރިންނެވެ." އެދެފޮތަށްވުރެ، ވަކިން ޞައްޙަ ފޮތެއް ނެތްކަމަށް ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވައެވެ.
މާލިކުގެފާނު، (الْمُوَطَّأ) ނޫން، އިތުރ ފޮތްތަކެއްވެސް އެކުލަވައި ލެއްވިއެވެ. އެފޮތްތަކުގެ ތެރޭގައި ހިމެނެނީ، (تَفْسِيْر غَرِيْب الْقُرْآنِيّ), (رِسَالَة فِيْ رَدِّ عَلَي الْقدْرِيَّة) ފަދަ ފޮތްތަކެވެ. އަދި މީގެ އިތުރަށް، ތަރިރު ހަނދާއި ބެހޭ ފޮތްތައްވެސް ހިމެނެއެވެ.
މާލިކުގެފާނުގެ ބައެއް ބަސްފުޅުތައް:
މާލިކުގެފާނުގެ ބަސްފުޅުތަކަކީ، ވަރަށް ޢިބްރަތްތެރި، އަދި ބަލާޣަތްތެރި، ޙިކްމަތްތެރި ބަސްފުޅުތަކެކެވެ. އެބަސްފުޅުތަކުގެ ތެރޭގައި، އަންނަނިވި ބަސްފުޅުތަައް ވެއެވެ. "ހަމަކަށަވަރުން، މިޢިލްމަކީ ދީނެވެ. ތިޔަބައިމީހުން، އެދީން ލިބިގަންނަނީ، ކޮން ބައެއްގެ ކިބައިންތޯ ބަލާށެވެ."
އަދިވެސް ވިދާޅުވިއެވެ. "ޢިލްމަކީ ނޫރެކެވެ. ބިރުވެތި ހިތެއްގައި ނޫނީ، އެނޫރުން އަލިނުވާ ހުއްޓެވެ."
އަދިވެސް ވިދާޅުވިއެވެ. "މީހަކު، އޭނާގެ އަމިއްލަ ނަފްސަށް މަދަޙަ ކިޔައިފިނަމަ، އޭނާގެ ހައިބަތު ގެެއްލިގެން ހިގައިދާނެއެވެ."
އަދިވެސް ވިދާޅުވެފައިވެއެވެ. "މިސްކިތުގައި އިންނަ މުނާފިޤެއްގެ މިޘާލަކީ، ކޮއްޓެއްގައި ބަންދު ކޮށްފައި އިން ދޫންޏެއްގެ މިޘާލެވެ. އެކޮށީގެ ދޮރު ހުޅުވައިލައިފިނަމަ، އެދޫނި އުދުހިގެން ހިނގައިދާނެއެވެ. ޢިލްމުވެރިކަމަކީ، ގިނައިން ރިވާކުރުމެއް ނޫނެވެ. އެއީ، މާތްﷲ ހިތުގައި ލައްވާ ނޫރެކެވެ."
ސަލަފުއް ޞާލިޙުންގެ ނަޡަރުގައި މާލިކުގެފާނު:
އަލްއިމާމް މާލިކުގެފާނާއި ބެހޭގޮތުން، (مُحَمَّد إبْن الْحَكَم) ވިދާޅުވެފައިވެއެވެ. "މާލިކުގެފާނު، ވަކި ކަމާކާއި ބެހޭގޮތުން އެއްޗެއް ވިދާޅުވެއްޖެ ކަމުގައިވާ ނަމަ، އެހެން މީހަކު، އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނާނެއެވެ. މާލިކުގެފާނުގެ ބަސްފުޅަކީ ޙުއްޖަތެކެވެ."
(الْإمَام الشَّافِعِيّ) ވިދާޅުވެފައިވެއެވެ. "ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް ގެނެވޭ ހިނދު، އޭގެ ތަރިއަކީ މާލިކުގެފާނެވެ."
(إبْن عُيَيْنَة) ވިދާޅުވެފައިވެއެވެ. "މާލިކުގެފާނު، ޞައްޙަ ޙަދީޘެއްނޫނީ ވިދާޅެއްނުވެއެވެ. އަދި އެކަލޭގެފާނު، އިތުބާރުހުރި ބޭކަލުންގެ ކިބައިން ނޫނީ ރިވައެއް ނުކުރައްވައެވެ."
(عَبْد الرَّحْمن إبْن مَهدِي) ވިދާޅުވެފައިވެއެވެ. "އެއްވެސް މީހަކު، މާލިކުގެފާނަށްވުރެ ޞައްޙަ ޙަދީޘް ރިވާކުރުމުގައި ކުރިއަރާފައެއް ނުވެއެވެ." އަދިވެސް، (عَبْد الرَّحْمن إبْن مَهدِي) ވިދާޅުވެފައިވެއެވެ. "އެބޭކަލުންގެ ޒަމާނުގައި، މީސްތަކުންގެ އިމާމުންނަކީ ހަތަރެކެވެ. އެއީ، (الثَّورِيِّ)އާއި, (مَالِك)އާއި, (الْأوْزَاعِيِّ)އާއި, އަދި (حَمَّاد إبْن زَيْد) އެވެ." އަދިވެސް، (عَبْد الرَّحْمن إبْن مَهدِي) ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "މާލިކުގެފާނަށްވުރެ، ބުއްދިވެރި ބޭކަލަކު، ތިމަންކަލޭގެފާނު ނުދެކެމެވެ."
(مُحَمَّد إبْن رُمح) ވިދާޅުވެފައިވެއެވެ. "(ހުވަފެނެއްގައި) ތިމަންކަލޭގެފާނު، ކީރިތި ރަސޫލާ ދެކެ ވަޑައިގަތީމެވެ. ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. "އޭ މާތްﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން، މާލިކުގެފާނާއި (اللَّيْث)، (މަސްއަލަ އަކާއިމެދު) ޚިލާފު އުފެދިއްޖެއެވެ. އެހެންވީމާ، އެދެބޭފުޅުންގެ ތެރެއިން، އަޅުގަނޑު ނަގާނީ ކޮން ބޭކަލެއް (ގެ ރައުޔެއް) ތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާލިކުގެފާނެވެ. މާލިކުގެފާނެވެ."
މާލިކުގެފާނުގެ ޞިފަފުޅުތައް:
މާލިކުގެފާނަކީ، ވަރަށް އިސްކޮޅުފުޅު ދިގު ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ، ހަށިކޮޅު ވަރަށް ބިޔަ ބޭކަލެކެވެ. ކުލަ ކޮޅު ދޮނެވެ. އިސްތަށިފުޅުގެ އިސްތަށިކޮޅުތައް ތުންޏެވެ. ބުރުޞޫރަފުޅު ރީތި ބޭކަލެކެވެ. މާލިކުގެފާނު، ތުރު ކުރައްވަނީ، ޢަދަނުގެ ހެދުންކޮޅުތަކެވެ. ހެދުންކޮޅު ތަކާއިމެދު ވަރަށް ފަރުވާތެރިވެ ވަޑައިގަންނަވައެވެ. ތުނބުޅި ބަހައްޓަވަނީ ދިގު ކުރައްވާފައެވެ. އިސްތަށިފުޅުގައި ހުންނަ ނުރަތައް، ވަންހަނާ ނުކުރައްވައެވެ.
ރަނގަޅު ކާބޯތަކެތި ބޭނުން ކުރައްވައެވެ. ކޮންމެ ދުވަހަކުވެސް، އާދަޔާ ޚިލާފަށް، ގިނައިން ގެރިމަސް ފަރިއްކުޅުއްވައެވެ. އަދި ދޮންކެޔޮ ފަރީއްކުޅުވުމަށް ލޯބި ކުރައްވައެވެ. މާލިކުގެފާނު ވިދާޅުވެފައިވެއެވެ. "ސުވަރުގޭގެ މޭވާއާއި، މިހާ އެއްގޮތް މޭވައެއް ނުވެއެވެ. ހޫނު މޫސުމުގައިވެސް، ފިނި މޫސުމުގައިވެސް ބޭނުންވެއްޖެނަމަ، ލިބޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެތާނގެ މޭވާތައް، އަބަދަށް ދެމިހުރެއެވެ. އަދި އެތާނގެ ހިޔާވަހިކަންވެސް އެފަދައެވެ!""
މާލިކުގެފާނުގެ ޞިފަފުޅުތަކުގެ ތެރޭގައި، ހަނދުމަފުޅު ގަދަކަމާއި، ހޭލުންތެރިކަން ފާހަގަކުރެވެއެވެ. އަޑުއިވި ވަޑައިގަތުމާއެކު، އެތައް އެތައް ޙަދީޘްފުޅުތަކެއް، އެކަލޭގެފާނު ދަސްފުޅު ކުރައްވައެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް، ކެތްތެރިކަމާއިއެކު ކުރިމަތިލައްވައި، އެކަމެއް ކާމިޔާބުކުރެއްވުމަށް މަސައްކަތް ކުރައްވައެވެ. މާލިކުގެފާނު ދެކޭ މީހުންގެ ހިތުގައި، އެކަލޭގެފާނުގެ ހައިބަތާއިމެދު ޖެހިލުންވުން އުފެދެއެވެ.
މާލިކުގެފާނަކީ، އެކަލޭގެފާނުގެ ޒަމާނުގައި ތިއްބެވި، އެންމެ ބުއްދިވެރި ބޭކަލުންގެ ތެރެއިން، އެއް ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުގައި ސަފީހަކު ނުއިށީންދެއެވެ. ވަރަށް ޚުލުޤު ރަނގަޅު ބޭކަލެކެވެ.
ގިނަގިނައިން ހަނު ހިމޭނުން އިންނަވާ ބޭކަލެކެވެ. ވާހަކަ ދެއްކެވުން މަދު، ފަތުވާ ދެއްވުންވެސް މަދު ބޭކަލެކެވެ. އަދި މީސްތަކުންނާ ގުޅި ލާމެހިގެން އުޅުއްވުންވެސް މަދު ބޭކަލެކެވެ. އެކަލޭގެފާނުގެ އަހުލު ބައިތުންނަށް، ވަރަށް އޯގާތެރި ބޭކަލެކެވެ. ވަރަށް ގިނައިން އަޅުކަން ކުރައްވާ ބޭކަލެކެވެ. ގެއަށް ވެދެ ވަޑައިގެންފިނަމަ، މުޞްޙަފާއިގެން މަޝްޣޫލުވެ ވަޑައިިގެން، ޤުރުއާން ކިޔަވައި ވިދާޅުވާން އިންނަވައެވެ.
މާލިކުގެފާނުގެ ޢާއިލާ:
މާލިކުގެފާނު، ކައިވެނި ބައްލަވައިގެންނެވީ، އަޅު އަންހެނަކާއެވެ. މިނިވަނަކާ، ކާވެނި ބައްލަވައެއް ނުގަންނަވައެވެ. އެކަމަނާއާމެދު ފަޚުރުވެރިވެ ވަޑައިގަންނަވައެވެ. އެކަމަނާގެ ފަރާތްޕުޅުން، ތިން ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ، (مُحَمَّد), (حَمَّاد), (يَحْيَي) އެވެ. އަދި ދަރިކަނބަލުން، (فَاطِمَة) އެވެ. އެ ދަރިކަނބަލުންނަށް، (أُمُّ الْبَنِيْن) ކިޔެއެވެ. އަނބިކަނބަލުންނާއި، ބޭފުޅުން ދެކެ، މާލިކުގެފާނު ވަރަށް ލޯބިފުޅުވެއެވެ.
މާލިކުގެފާނުގެ ދަރިކަނބަލުން، (فَاطِمَة) ވަނީ، (الْمُوَطَّأ) ހިތްޕުޅުން ދަސްކުރައްވާފައެވެ. (فَاطِمَة)ގެ ބައްޕާފުޅު، ގެކޮޅުގައި މަޖިލިސް ކުރައްވާނަމަ، އެކަމަނާ، ފަރުދާގެ އަނެއް ފަރާތުގައި އިންނަވައި، އެކަމަނާގެ ބައްޕާފުޅަށް، (الْمُوَطَّأ) ދަންނަވައިދޭ އަޑު އައްސަވައެވެ. ކިޔާ މީހާ، ނުބައިކޮށް ކިޔައިފިނަމަ، އެކަމަނާ ދޮރުގައި ޓަކި ޖައްސަވާ ލައްވައެވެ. އެކަމަނާ ޓަކި ޖައްސަވާ ލެއްވުމުން، އަލުން އިޞްލާޙުކޮށްގެން ކިޔުމަށް، މާލިކުގެފާނު ކިޔާ މީހާއަށް އަމުރު ކުރައްވާނެއެވެ.
އެންމެ ޢަޖާއިބުވާންޖެހޭ ކަމަކީ، މާލިކުގެފާނުގެ ދަރިކަނބަލުންނަށް، ޢިލްމީ ގޮތުން އެހާ މަތިވެރި ދަރަޖައަކަށް ވާޞިލުވެ ވަޑައިގެންނެވިފާއިރު، މާލިކުގެފާނުގެ ދަރިދަރިކަލުންނަށް، އެމަނާއި އެއް ފެންވަރަކަށް ވަޑައިގެންފައި ނުވާކަމެވެ. މިތަފާތާއި މެދު، މާލިކުގެފާނުވެސް ޢަޖާއިބުވެ ވަޑައިގަންނަވައެވެ. އަދި ވިދާޅުވެއެވެ. "ހަމަކަށަވަރުން، އަދަބަކީ، މާތްﷲ ކުރައްވާ އަދަބެކެވެ. އެއީ އަހަރެންގެ ފިރިހެން ދަރިންނެވެ. އެއީ އަހަރެންގެ އަންހެން ދަރިފުޅެވެ."
ދުނިޔެ ދޫކުރެއްވުން:
އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު، މާލިކުގެފާނު މިދުނިޔެ ދޫކުރެއްވީ، (رَبِيْع الْأوّل) މަހެއްގެ 14 ވަނަ ދުވަހު އެވެ. އެއީ ހިޖުރައިން 179 ވަނަ އަހަރުއެވެ. ބައެއް ރިވާޔަތްތަކުގައި، މިމަހުގެ 11ވަނަ ދުވަހު ނުވަތަ 13 ވަނަ ދުވަހު ކަމަށާއި، (رجَبُ) މަހު 14 ވަނަ ދުވަހު ކަމަށް ބަޔާންވެފައި ވެއެވެ.
(الْإمَام النَّوَوِيّ) ވިދާޅުވެފައިވެއެވެ. "މާލިކުގެފާނު ދިނިޔެ ދޫކުރެއްވީ، (صَفَر) މަހުއެވެ." ނަމަވެސް، އެންމެ ޞައްޙަ ރައުޔަކީ، ފުރަތަމަ ރައުޔެވެ.
މާލިކުގެފާނު، ފަސްދާނު ވެޑުވިފައި ވަނީ، މަދީނާގެ ޤަބުރުސްތާނެއް ކަމުގައިވާ، (الْبَقِيْع) ގައެވެ. މާލިކުގެފާނު ފަސްދާނު ވެޑުވިފައިވަނީ، (الْبَقِيْع)ގެ ދޮރުމަތީގައެވެ.
(الْإمَام الشَّافِعِيّ) ވިދާޅުވެފައިވެއެވެ. " މާލިކުގެފާނަކީ، ތިމަން ކަލޭގެފާނުގެ މުޢައްލިމެވެ. އަދި އުސްތާޛެވެ. ތިމަން ކަލޭގެފާނު ޢިލްމު އުނގެނުނީ، މާލިކުގެފާނުގެ އަރިހުންނެވެ. މާލިކުގެފާނަށް ވުރެ ބޮޑަށް، ތިމަން ކަލޭގެފާނަށް އަމާންކަން ދިން މީހަކު ނުވެއެވެ. ތިމަން ކަލޭގެފާނު، މާތްﷲ އާއި، ތިމަން ކަލޭގެފާނާއި ދެމެދު ޙުއްޖަތެއް ކަމުގައި، މާލިކުގެފާނު ހެއްދެވީމެވެ.
މާތްﷲ، (الْإمَام دَار الْهِجْرَة أبُو عَبْد الله مَالك إبْن أنَس إبْن مَالِك إبْن أبِي عَامِر إبْن عَمْرُو إبْن غَيْمَان إبْن خُثَيل إبْن عَمْرُو إبْن الْحَارِث)އަށް ރަޙްމަތް ލައްވާށިއެވެ.
އާމީން!
0 comments:
Post a Comment