ވިސްނާ ވިސްނާވެސް ހަމަ ނުވިސްނުނެވެ. ﷲ ތަޢާލާއަށް އުރެދި ހެއްދެވިހައި ފާފަތަކަށް އަރައިގަންނަ އިރު ހިތް ނުތަނަވަސްވެ ބިރުގަންނާތީއެއް ނޫޅެއެވެ. އެހެންނަމަވެސް އެއިލާހު ބާއްވާލެއްވެވި ޙުކުމްފުޅުތައް އެއީ ޤާނޫނު ކަމުގައި ހަދާ އެތަންފީޒު ކުރަން ހަމަ ގޮވާލެވޭ އިރަށް މިފެންނަނީ ބަޔަކު އެކަމާއި ބިރުން ހިތް ނުތަނަވަސްވެގެން އުޅޭ ތަނެވެ. ފަހެ މިއީ ހަމަ މުސްލިމުންހެއްޔެވެ؟
ޑިމޮކްރަސީއަކީ އިސްލާމީ ޝަރީޢަތްތަށް ނައްތާލުމަށްޓަކާ ކާފަރުން ރާވަމުން ހިންގަމުން ފުޅާކުރަމުން ފެންދެމުން ދާ ދީނެކެއެވެ. އެދީނުގެ ޙާކިމަކީ އިންސާނުންނެއެވެ. އެހެން ޢިބާރަތުން ދަންނަވަނީނަމަ އެދީނުގައި ޙުކުމްތައް ކަނޑައަޅާނީ ޢާންމު ރައްޔިތުންނެވެ. ޢާންމު ރައްޔިތުން ބޭނުންވަނީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކަމެއް ހުއްދަ ކުރަން ކަމަށް ވާނަމަ އެމީހުންނަށް އެކަން ކުރެވެއެވެ.
މިސާލަކަށް ރިބާ އަކީ އިސްލާމީ ޝަރީޢަތުގައި ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ނަމަވެސް ދީން ޑިމޮކްރަސީގައި ހުއްދަ އެވެ. އަދި ޑިމޮކްރަސީގައި އެމީހުން (ރައްޔިތުން) ބޭނުންވާ ޝަރުޢީ ޤާނޫނު ބަދަލުކުރެއެވެ. الله تبارك وتعالى ގެ ވަޙީ ބަސްފުޅުތަކަކީ
އެމީހުން ދެކޭގޮތުގައި މާކަ ބުރަދަނެއް ހުރި އެއްޗެއްނޫނެއެވެ. އެމީހުންގެ މަސައްކަތްތަކުން ބުނަން އުޅޭ ކަހަލައެވެ. ތިމަންނަމެން ތިޤުރުއާނަށްވުރެ މާ ފުރިހަމަ ޒަމާނަށްފެތޭ ޤާނޫނެއް ހަދާފައި ގެންނަވާފާހުށީމެއެވެ.
އަދި ޤުރުއާނާއި ނަބިއްޔާގެ ސުންނަތަކީ އެމީހުންނަށް މާމުހިންމުއެއްޗެއް ނޫންކަން ސާފުކޮށް ސީދާ ސާދާ ކޮށް އެމީހުންގެ ފުށުން އިނގެއެވެ. ޤާނޫނެއް ހެދުމަށްޓަކާ ރައްޔިތުން ޢައްޔަން ކޮށްފައިތިބި ގިނަ ޢަދަދެއް ރަމްޒުކޮށްދޭ ކުދި ކުދި ވަކި މެންބަރުންތަކެއް ހޮވައެވެ. އަދި އޭގެ ތެރެއިން ގާނޫނު ހަދާ މެންބަރުންތަކެއް ހޮވައެވެ. އަދި އެ އެންމެހާ ކުދިކުދި މެންބަރުންތައް އެއްކޮށްގެން އެއްތަނަކަށް ޖަމާކޮށް އެއީ އެޤައުމެއްގެ ޤާނޫނީ މަޖްލީހޭ ބުނެ އެވެ.
އަދި މި ކުދިކުދި މަނާފުއްވަރުގެ މަންފާއެއް ނުކުރާ އެންމެހާ މެންބަރުންތައް ބަލަނީ އެމެރިކާ(ޑިމޮކްރަސީގެ މަންމަ) އެއީ ނަމޫނާ ކަމަށެއެވެ. އެމީހުންކައިރިއަށް ކަމަކާ ގޮތެއް ނުނިމިއްޖެނަމަ ދެއެވެ. އެމީހުން ކަންތައް ކުރަނީ ކިހިނެތްތޯ ބަލައެވެ. ދެން އެމީހުން ބުނާހާ އެއްޗަކީ ހަމަ ތެދު ވާހަކަ އެވެ. އެމެރިކާގެ ރައީސް ސާދަ ވިލޭރޭގެ ފުރިހަމަ ހަނދާ ދިމާލަށް އެހެރަ ފެންނަނީ އިރޭ ބުންޏަސް އެއްކަލަ މެންބަރުން ބުނާނެއެވެ. އެއީ ތެދެކެވެ. އެއީ ހަމަ އިރެއެވެ. އަހަރުމެންނަށް ވަނީ އެމެރިކާ ނަމޫނާއަކަށް ބަލާ، ލަފާދާރު ހޯދުންތޯއެވެ؟
ﷲ ވަޙީކުރައްވާ އަންގަވާފައިވެއެވެ.
"وَمَا اخْتَلَفْتُمْ فِيهِ مِنْ شَيْءٍ فَحُكْمُهُ إِلَى اللَّهِ "
" ތިޔަބައިމީހުން ކަމެއްގެ މައްޗަށް ޚިލާފުވެއްޖެނަމަ އެކަމެއްގެ ޙުކުމްފުޅުވަނީ الله تبارك وتعالى ގެ ޙަޟްރަތުގައެވެ." (سورة الشورى 10)
"إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ "
" ފަހެ ހުރިހާ ޙުކުމެއް މިލްކުވެވޮޑިގެންވަނީ الله تبارك وتعالى އަށެވެ. އަދި އެއިލާހު ފިޔަވައި އެހެން ފަރާތްތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެއިލާހުވަނީ އަމުރުކުރައްވާފައެވެ. "(سورة يوسف 40)
ކާފަރުން އަބަދުވެސް މުސްލިމުންނަށް އެދޭނީ ދެރަ ލިބުމަށެވެ. އެމީހުން ބޭނުންވާނީ އަހަރުމެންގެ ބޮލަށް އަރާ ގަނބާލުމަށެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެމީހުން އަހަރުމެންނަށް ހެވެއް، މޮޅެއް، ކުރިއެރުމެއް، ލިބުމަކަށް ނޭނދޭނެއެވެ. އަދި ކިއެއް އެމީހުން ހުރިހާ ކަމެއްވެސް އަހަރުމެންނަށް ހުރިހާ ކަމެއްވެސް ކޮށްދީފާނެއެވެ. ޝަރުޠަކީ އަހަރުމެން އެންމެން އެމީހުންގެ ދީނަށް ވަދެ ﷲ އަށް ކާފިރުވުމެވެ.
الله تبارك وتعالى ވަޙީ ކުރައްވާ މިކާފަރުންގެ ރޭވުން ފަޅާއަރުވާ ފަޟީޙަތް ކުރެއްވިއެވެ. އަދި މުސްލިމުންނަށް އިޢުލާންކުރައްވާ އަންގަވާފައިވަނީ މިފަދައިންނެވެ.
"وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآَخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ "
"އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފިރުކަމަށް ތިޔަބއިމީހުން ރައްދުކޮށްފުމަށް ދާންދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައި ނުދާނެތެވެ.
ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު، މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެނަރަކައިގައި އަބަދަށް ދެމިތިބޭހުއްޓެވެ." (سورة البقرة 217)
އަޚުންނާއި އުޚުތުންނޭވެ! އެމީހުން ކާފަރުން އަހަރުމެން ދިވެހިންނާ ހަނގުރާމަ ކުރުމަކަށް ހަތިޔާރު އުފުލަން ދިއުމަށް ދާކަށް ނުޖެހުނެއެވެ. އެއީ އެމީހުން ދިން ދަޢުވަތު ދިވެހިން ތިބީ ލޮލުން ބޮލުން ބަލައިގަނެ ހިތުން ތެދުކޮށްގެންނެއެވެ.
އެމީހުން ވީ އުފަލުން ދިވެހިންނަށް އެވޯޑާ އިނާމާ ދެންވެސް ޖެހުނު އެއްޗެއް ދީ އުފަލުން ޕާޓީ ބާއްވާ ނެށިއެވެ. އެހެނީ އެމީހުން އެންމެ ބިރުގަންނަ އެއްޗަކީ އިސްލާމީ ޝަރީޢަތެވެ. އެހެނީ އެއީ ކާފަރުންނާ ހަނގުރާމަ އިޢުލާން ކުރުން ކަމުގައި ވާތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމީ ޝަރީޢަތުގެ ހިޔަލުގައި ދިރުއުޅުމުގެ މިނިވަންކަމަށް އަހަރުމެން ފެން ނުބޮވާހެއްޔެވެ؟ ނަބިއްޔުންނާއި ރަސޫލުންނާއި މަތިވެރި ޚަލީފާވެރިން ޤާއިމުކޮށްދިން މަތިވެރި އުޞޫލާއި ދައްކުވައިދިން ސުލޫކު އަހަރުމެންގެ ތެރެއަށް ގެނައުމަށް ދަހިވެތި ނުވޭހެއްޔެވެ؟ އިސްލާމްދީނުގެ އަލިގަދަ ދަންމަރު މިދީބުގައި ދިއްލާލުމަށް ތިބާ ހިތް ނޭދެމު ހެއްޔެވެ؟
މަތިވެރި ޞަޙާބީން އެ ކަމަކަށްޓަކައި ލޭ އޮހޮރުވާލި އިރު އަހަރުމެން އެކަމަކަށްޓަކާ ލޭފަހެ ނުކެކޭ ހެއްޔެވެ؟ އަހަރުމެންގެ ކުރިމަތީގައި الله تبارك وتعالى ގެ އަމުރުތަކާއި ނަބިއްޔާގެ ޙަދީޘް ބަސްފުޅަށް ފުރަގަސްދީ އެމީހުން (ޑިމޮކްރަސީއަށް ތަބަޢަވާމީހުން) ބޭނުން ގޮތަކަށް ހަދާއިރު އަހަރުމެން ނިދި މަރުވެފަ ފިނޑިވެފަ މިތިބެނީ ކީއްވެފަހެއްޔެވެ؟ ހަމަ އަހަރުމެންނަށް އޮތީ މިހެން ތިބުންތޯއެވެ؟
އެހެންޏާ ފަހެ، ﷲގެ ޙުކުމްފުޅުތައް ޤާނޫނު އަސާސީ ކަމުގައި ހެދުމީ ފުރިހަމަ މުސްލިމަކަށްވެ ﷲއާއި އެއިލާހުގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުން ނޫން ހެއްޔެވެ. މުސްލިމަކަށް ވެވޭނީ ޤުރުއާނާއި ސުންނަތައް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލަނބައިގެންނެވެ. ﷲ ތަޢާލާ ސޫރަތުއް ނިސާގައި ވަޙީ ކުރައްވާފައި ވެއެވެ.
"فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً" (النساء:65)
"ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުގައި ޙުކުމްކުރާ ފަރާތެއް ކަމުގައި ކަލޭގެފާނު ހަދައި، އަދި ކަލޭގެފާނު ކުރެއްވި ޙުކުމަށް އެބައިމީހުންގެ ހިތުގައި އެއްވެސް ނުރުހުންތެރި (ކިލަނބު) ކަމެއް ނެތި ފުރިހަމައަށް ޤަބޫލުކުރުމުން މެނުވީ އޭގެތެރެއިން ހަމައެކަކުވެސް އީމާންވި ކަމުގައި ނުވެއެވެ."
ފަހެ ޤުރުއާނައި ރަސޫލާގެ ސުންނަތުގައި ވާގޮތަށް ޙުކުމް ކުރަން ބިރު ގަންނަނީ، އޭގައި އެވަނީ ރޯމަރު ދޮގު ކަމަށް ޤަބޫލު ކުރާތީ ހެއްޔެވެ؟ ނުވަތަ އެއީ މިޒަމާނާ ނުގުޅޭ ބޯދާ ޙުކުމްތަކަށް ވާތީ ހެއްޔެވެ؟ ނޫންނަމަ އެއީ އިންސާނުންނަށް ގެއްލުން ހުރި ޙުކުމްތަކަކަށް ވާތީ ހެއްޔެވެ؟ ކޮންމެއަކަސް މިހެން ބުނާ މީހުން، މިއިންކާރު ކުރަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމަށެވެ. އެހެނީ ﷲއީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، އެންމެ މޮޅަށް ޙުކުމް ކުރައްވަވާ އިލާހެވެ.
ފަހެ ﷲ ފިޔަވައި މީސްތަކުންގެ ޙައްޤުތައް އެއަށްުވުރެ ފުރިހަމައަށް އަދާ ކޮށްދޭ ފަރާތަކީ ކޮބައިތޯއެވެ؟ ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި ވެއެވެ.
"وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً" (المائدة: 50)
"އަދި ދަންނާށެވެ. ޙުކުމް ކުރުމުގައި ﷲ އަށްވުރެ މޮޅީ ފަހެ ކާކު (ނުވަތަ ކޮންފަރާތެއް) ހެއްޔެވެ؟"
ދެން ބުނަމުން މިދަނީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި އިސްލާމީ ޝަރީޢަތަށް ޙުކުމް ނުކުރާ ވާހަކައެވެ؟ ދަންނާށެވެ. މިއީ އަކީ ކޮންމެހެން ދައްކަންވީ ވާހަކައެއް ނޫނެވެ. ޤުރުއާނަކީ ޙައްޤުކަމަށް ޤަބޫލު ކުރާނަމަ މިހާރުން މިހާރަށްވެސް ޤާނޫނަކީ އެއީ ކަމަށް ހަދައި އެތަންފީޒު ކުރަން ޖެހިލުންވަނީ ކީއްވެހެއްޔެވެ؟
ތިޔަ ދައްކާ ވާހަކައިން ދޭހަވަނީ: ބޯން ބޭނުމީ ފެނޭ، އެކަމަކު ބޯނީ ހަމަ ރަލޭ ބުނާ ހެންނެވެ. އާނ އެހެންޏާ ފަހެ މިގޮވަނީ، އަހަރުމެން ބޭނުމީ ކޮންމެވެސް ޑިމޮކްރަސީ އެކޭ ކިޔާފައި އެވެ. ދެން އެހެންވީއިރު ހުޅަނގުގެ މީހުން އެވެރިންގެ ދީނަކީ ނަސޯރާ ނުވަތަ ޔަހޫދީއޭ ކިޔާތީ އަހަރުމެންގެ ދީނުގެ ނަންވެސް ނަސޯރާ ނުވަތަ ޔަހޫދީ ދީނަށް ބަދަލު ކުރަންވީ ނޫން ހެއްޔެވެ. އެކަމަކު ހަމަ ދުލުން ކިޔާނީ އަހަރުމެންނަކީ މުސްލިމުންނޭ އެވެ. އޭރުން އެއޮތީ ފުރިހަމަ ޑިމޮކްރަސީ ގެނެވިފައެވެ. ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި ވެއެވެ.
"وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ"(المائدة: 44)
"އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބާއްވާލެއްވި އެއްޗަކަށް ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ އެމީހުންނަކީ އެއީ ހަމަ ކާފަރުންނެވެ."
ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ދަންނާށެވެ. ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެން މިތިބީ ދަލެއްގައި ޖައްސާފައެވެ. ދެން މިހާރު އެއުޅެނީ އަޅުގަނޑުމެންނަށް ނޭނގި އަޅުގަނޑުމެންގެ އަތްތައް ފުރަގަހަށް ލައި ކަސްދޮޅު އަޅުވާށެވެ.
ޤާނޫނު ހެދުމުގެ ނަމުގައެވެ. އިންސާނީ ޙައްޤުތަކޭ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއޭ ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއް ކިޔައިގެންނެވެ. ވަގުތު އޮއްވާ ސަމާލުވެ ރައްކާތެރިވާށެވެ. އަދި ދެން ޓެރަރިޒަމްގެ ނަމުގައި އަޅުގަނޑުމެންގެ އަނގަތަކުގައި ޓޭޕް އަޅުވާކަށްވެސް މާކަ ގިނަ ދުވަހެއް ނެތްކަން ނޭނގެއެވެ.
ދެން ފަހެ ދަންނާށެވެ. ﷲ ތަޢާލާ ފިޔަވައި އިލާހަކު ނުވާ ކަމަށާއި އެއިލާހު ބާއްވާލެއްވެވި ފޮތާއި ފޮނުއްވެވި ރަސޫލާއަކީ ޙައްޤުކަމުގައި ޤަބޫލު ކުރާ ބަޔަކު، އެދެ މަސްދަރަކީ ޤާނޫނު ކަމުގައި ހަދާ އެއަށް ޙުކުމް ކުރުމަށް ފަސްޖެހެންވީ ކީއްވެ ހެއްޔެވެ؟ ތިބާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިދަރީން އެއްވެސް ކުށެއްނެތި މަރައިފި މީހެއްގެ ކިބައިން ބަދަލެއްގެ ގޮތުގައި ޤިޞާޞް ހިފުމަށް (މަރުގެ ޙުކުމް ކުރުމަށް) ތިބާ ނޭދޭނެ ހެއްޔެވެ؟
ތިބާގެ އަނބިދަރީންގެ ގަޔަށް ގަދަކަމުން އަރައިގަނެ އަދި ނުވަތަ ތިބާ ބުރަ މަސައްކަތުން ހޯދާފައިވާ މުދަލާއި ފައިސާތައް ވަގަށް ފޭރި ގަންނަ މީހާއަށް ދީނުގައި ކަނޑައަޅާފައިވާ ޙައްޤު އަދަބުދޭން ތިބާ ބޭނުން ނުވާނޭ ހެއްުޔެވެ؟ ކޮންމެއަކަސް މިއީ ތިބާގެ ޙައްޤުގައި ﷲ ތަޢާލާ ލައްވަވާފައިވާ ޙައްޤުތަކެކެވެ.
ޑިމޮކްރަސީގެ ނަމުގައި އިންސާނީ ޙައްޤުތަކޭ މިނިވަންކަމޭ ކިޔައިގެން މިއުޅެނީ، ޙަޤީޤަތުގައި ތިބާއަށް ލިބިފައިވާ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަންނާށެވެ. ދުނިޔޭގެ ކޮންމެ ޤައުމަކަށް ބަލައިލިޔަސް މިކަމުގެ ހެކިތައް މިއޮތީ ފެންނާށެވެ. ވައްކަމާއި ފޭރުމާއި، އޮޅުވާލުމާއި މަކަރު ހެދުމާއި ކޮރަޕްޝަނާއި މިޑާރޓީ ޕޮލިޓިކްސްއިން ދުރުހެލިވެ، ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންމީހާ ވަނީ ނުރައްކަލާއި ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
މުޖުރިމުންނަށް ހޯދައިދީފައިވާ ޙައްޤުތަކެއްގެ ސަބަބުން މުދަލާއި އަނބިދަރިން ގޮވައިގެން އުޅެން މިޖެހެނީ މިފަދަ މުޖުރިމުންގެ ފަރާތުން ކުރިމަތިވެދާނޭ ކަމަކަށް ބިރުން ސިހިސިހި އެވެ. މިކަހަލަ ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮންނަނީ ސިޔާސީ ކޮންމެވެސް މަޤްޞަދެކެވެ.
ދަންނާށެވެ. އިސްލާމްދީނާއި ދިވެހި ރައްޔިތުންނަށް ޙަރާމްކޯރު ނުވުމަށް ﷲ ގަންދީ ހުވާކޮސްގެން ތިބެ، ދީނަށާއި މުޅި ޤައުމަށް ބަޔަކު އެތިބަ ދަނީ ޚިޔާނާތްތެރި ވަމުންނެވެ. އިސްލާމީ ޝަރީޢަތް ފޮހެލައި ޑިމޮކްރަސީ ގެނައުމަށްޓަކައެވެ. ކުރީގައިވެސް ބަޔާން ކުރިފަދައިން، ޤުރުއާނަކީ ޙައްޤު ބަސްފުޅު ކަމަށް ޤަބޫލު ކުރާ ބަޔަކު، އެޤުރުއާން ބޮލާލައި ޖަހައި އެއަށް ފުރަގަސް ދޭން ޖެހޭނޭ ސަބަބެއް އެބައޮތްހެއްޔެވެ؟
ނޫނެކެވެ. އެކަމަކު ކާފަރު ކަމަށް ހުރި ލޯތްބަކާއި ހުރި މުނާފިޤުކަމެއްގެ ބޮޑު ކަމުންނެވެ. މާލާއި ޖާހުގެ ބޭނުމުގައެވެ. ތިމާމެންގެ ރައްބަށް ރަސޫލަށް ދީނަށް ވިސްނާ ފިކުރުކޮށް އަޅާލުމެއްވެސް ނެތިއެވެ. މީގެތެރޭގައި މުޅީންހެން މިތިބީ ބޮޑެތި ވިޔަފާރިވެރިންނެވެ.
ޤާނޫނާއި ޤަވާޢިދުތައް އެއްކިބާ ކޮށްލާފައި ތިމާގެ ވިޔަފާރި ފުޅާކޮށް މެކުހަށް ޖެހުމަށް ފެން ބޮވައިގެންފައިވާ މީހުންނެވެ. ވެރިކަމަށް ދަހިވެތި ވެގެން ފެން ބޮވައިގެންފައިވާ މީހުންނެވެ. ފަރަންޖީ އަޚުންގެ ފަރާތުން ލިބޭ ޑޮލަރު ބޮނޑިން ޖީބު ފުރާލުމަށް ދަހިވެތިވެގެން އުޅޭ މީހުންނެވެ.
ފަހެ އިސްލާމީ ޝަރީޢަތް ޤާއިމްވެއްޖެނަމަ މިފަދަ ބައެއްގެ އުއްމީދުތައް ކުނޑިކުނޑިވެ ވިއްސި ވިހާލިވެގެން ދިޔައީއެވެ. ރިބާއާއި ނުލާ ވިޔަފާރި ކުރަން ނޭދޭ އިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ ރިބާ މަނާވީއެވެ.
ލާރިއާއި ހިތްހަމަ ޖެހުން މިހޯދަނީ ރަލުންނާއި މަސްތުވާ ތަކެތިން ކަމުގައިވާއިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެ ކަމުގައިވާނަމަ، ރަލާއި މަސްތުވާތަކެތި މަނާކޮށް ޙައްދު ޖަހައި ބޯކަނޑަން ފަށާފާނެއެވެ. ސަރުކާރުގައި ވިޔަސް ނުވަތަ އަމިއްލަ ޕްރައިވެޓް ތަނެއްގައި ވިޔަސް ހަވާލު ކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވެ ލާރިގަނޑު ކާލަނީއެވެ. އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ މިފަދަ ކަންތައް ކުރާ މީހުންގެ އަތްތައް ކަނޑައި ކޮރަޕްޝަނާއި ވައްކަން މަނާވީއެވެ.
މީހުންނާއި އިނދެގެން ތިބެވެސްމެ، ހިތްހަމަޖައްސާ މަޖާކޮށްލަން މިދަނީ އިންޑިޔާ ލަންކާ ނުވަތަ ބެންކޮކްގެ ނައިޓް ކްލަބް ތަކަށެވެ. ނުވަތަ ޒުވާން ޗާލު ކުދިން ގޮވައިގެން ރިސޯޓް ތަކަށެވެ. ނުވަތަ ކޮންމެވެސް މަސާޖް ޚާނާއަކަށެވެ. އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ ޙައްދު ޖަހައި ރަޖަމް ކުރާނެއެވެ. އެހެންކަމުގައި ވެއްޖެނަމަ ކައިވެނީގެ ބޭރުން ހޯދަމުން މިދާ ދުނިޔެވީ އުފާތަކާއި ބޯފޮނިތައް މަނާވީއެވެ. ފަހެ މިފަދަ ކަންތައްތައް މަނާވާން ނޭދޭ ބަޔަކު، އިސްލާމީ ޝަރީޢަތް ޤާއިމްކުރަން ރުހޭނީ ކިހިނަކުންތޯއެވެ؟
ހަމަކަށަވަރުން އެންމެ ބޮޑު މަޢްރޫފަކީ ތައުޙީދެވެ. އަދި މަތިވެރި ﷲގެ ޝަރީޢަތުގެ ޢަދުލް އިންސާފެވެ. އެހެންކަމުން މި މަތިވެރި ހެވަށް ގޮވާލާ ބަޔަކާ އެކު މަދަދު ދިނުމަކީ ފަހެ ބޮޑުވެގެންވަ ހެޔޮކަމެކެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މަގުފުރެދުމާއި ފަސާދަވަނީ އޭގެ އިންތިހާއަށް ގޮސް ޤައުމުގައި ޢަދުލް އިންސާފް ޤާއިމް ކުރުމަށް ކަނޑައަޅާފައިވާ މީހުންނަށް އެކަން ކުރުމަށް ނުކުޅެދިފައެވެ. ﷲގެ ޝަރީޢަތް އެއްލާލެވި ހުޅަނގުގެ ޑިމޮކްރަސީ ޤާއިމް ކުރަން މަސައްކަތް ކުރާ ވެރިންތަކެއް ޤައުމަށް އިސްކުރެވި ހުރިހާ ދީންތަކަށް ފުރުޞަތު ދިނުމަށް އެ ސަރުކާރުގެ ބޮޑުންތައް ދަނީ ފާޅުގައި އަދި ސިއްރުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ޤައުމުގެ ޒުވާން ޖީލު މަސްތުވާތެކަތިން ހަލާކުވެފައިވާ ހިނދު ޤައުމުގައި ނެތް ބޮޑު ފާފައެއް ނެތެވެ. ޒިނޭ ޢާއްމުވެ ކުޑަކުދިންނާ އެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި އެއްޖިއްސުން ޖިންސީގުޅުން ހިންގުމާއި ހިސާބުން ފެށިގެން ޖަނަވާރުންނާއި ޖިންސީގޮތުން ބެހުމާ ހަމަޔަށް މިއަދު ޤައުމުގެ ދަރަޖަ ވަނީ ވެއްޓިފެއެވެ.
ޤައުމުގެ ޙާލަތު މިހިސާބަށް ދިޔުމުންވެސް އޭގެ ޙައްލަކީ ކޮބައިކަން ވިސްނުމަކީ ހަމަކަށަވަރުންވެސް ޚައިރެކެވެ. (އެބަހީ ހެވެކެވެ.) އެހެނީ އިންސާނުން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހަށް މެނުވީ އެ އިންސާނުންނަށް އެންމެ މަންފާހުރި ކަންކަމާއި އެ އިންސާނާއަށް ގެއްލުން ހުރި ކަންތައް ނޭންގޭނެތީއެވެ. އެހެންކަމުން ﷲ އަށް ގިނަވެގެންވާ ޙަމްދުން ޙަމްދު ކުރަނީ 7 އުޑުގެ މަތިން އެ އިލާހް މިހުރިހާ ކަމެއްގެ ހައްލު އަހަރެމެންނާ ހިސާބަށް ފޯރުކޮށްދީފައިވާ ކަމަށްޓަކައެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މިހާރު ހިނގަމުންދާ ހުރިހާ މައްސަލައެއްގެ ހައްލަކީ ﷲ ގެ ޝަރީޢަތް ތަންފީޒުކުރުން ކަމުގައި މިއަދު ގިނަ ބަޔަކު ޤަބޫލުކުރަމުންދާ ކަމީ ﷲ އާއި ރަސޫލާދެކެ ލޯބިވާ ކޮންމެ މުސްލިމަކުވެސް އުފާކުރާނެ ކަމެއްކަން ޔަޤީނެވެ.
އަޅުގަނޑުމެން ދަންނަންޖެހޭނެ ހަޤީޤަތަކީ އިސްލާމްދީނާއި މި ދީނުގެ އަހުލުވެރިންގެ ޢަދުއްވުންނަކީ އިސްލާމްގެ އަހުލުވެރިން އެބައިމީހުންގެ މިއްލަތައް ތަބަޢުވެއްޖެއުމަށްދާންދެން އެބައިމީހުންގެ ނުރުހުންތެރިކަމާއި ޢަދާވާތްތެރިކަން އޮންނާނޭ ބައެއްކަމެވެ. އެހެނީ ކީރިތި ޤުރުއާން ވަނީ މިކަން ވަރަށް ޞަރީޚަކޮށް ބަޔާން ކުރައްވާފައެވެ. ފަހެ އެއަށްވުރެ ތެދު ބަސްފުޅެއް އޮންނާނެތޯއެވެ؟
އެގޮތުން މި ދީނުގެ ޢަދުއްވުން އެންމެ ބޮޑަށް ޖެހިލުންވެ އެކަމަށްޓަކައި އެންމެ ބޮޑަށް ބިރުގަންނަ އެއްކަމަކީ ﷲ ގެ ޝަރީޢަތް މުސްލިމް އެއްވެސް ޤައުމެއްގައި ޤާއިމްވެދާނެކަމަށްޓަކައެވެ.
އަދި މުސްލިމް އެއްވެސް ޤައުމެއްގައި ﷲގެ ޝަރީޢަތް ޤާއިމް ކޮށްފިނަމަ ކުއްފާރުންގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަށް ކުރިމަތި ކުރުވާނެކަމީ މިއަދު ދުނިޔެ އެކަމަކަށް ހެކިވަމުންދާ ކަންކަމެވެ. އަދި ﷲ ގެ ބަސްފުޅުގެ ތެދުކަން ހާމަވެގެންދާ ކަމެކެވެ. މީގެންވެސް ދޭހަވަނީ އެބައިމީހުން ﷲ ޝަރީޢަތްދެކެ ބިރުގަންނަ މިންވަރާއި އެ ޝަރީޢަތް ތަންފީޒު ވިޔަ ނުދިނުމަށްޓަކައި ކުރަމުންދާ މިންނެތް މަސައްކަތެވެ.
އަދި މުސްލިމް އެއްވެސް ޤައުމެއްގައި ﷲގެ ޝަރީޢަތް ޤާއިމް ކޮށްފިނަމަ ކުއްފާރުންގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަށް ކުރިމަތި ކުރުވާނެކަމީ މިއަދު ދުނިޔެ އެކަމަކަށް ހެކިވަމުންދާ ކަންކަމެވެ. އަދި ﷲ ގެ ބަސްފުޅުގެ ތެދުކަން ހާމަވެގެންދާ ކަމެކެވެ. މީގެންވެސް ދޭހަވަނީ އެބައިމީހުން ﷲ ޝަރީޢަތްދެކެ ބިރުގަންނަ މިންވަރާއި އެ ޝަރީޢަތް ތަންފީޒު ވިޔަ ނުދިނުމަށްޓަކައި ކުރަމުންދާ މިންނެތް މަސައްކަތެވެ.
އެހެންނަމަވެސް ޙަޤީޤީ މުއުމިނުންނަކީ އެބައިމީހުންގެ ޢަދުއްވުންގެ ރޭވުންތަކަކީ އެންމެ ބަލިކަށި ރޭވުންތައް ކަމުގައި ޤަބޫލު ކުރާ ޙާލު ﷲ އަކީ ހުރިހާ އާރަކާއި ބާރެއްގެ ވެރި އިލާހު ކަމާއި، އަދި އެ މަތިވެރި ފަރާތް މުއުމިނުންނާއި އެކު ވާނެ ކަން ޤަބޫލު ކުރާ ޙާލު ﷲ ގެ ޝަރީޢަތް މިބިން މަތީގައި ތަންފީޒުކުރުމަށް ގަދައަޅާ މަސައްކަތް ކުރާ މީހުންނެވެ.
އަދި ޢަދުއްވުންގެ މަޤްޞަދަކީ ﷲގެ ޝަރީޢަތް މިބިންމަތީގައި ތަންފީޒުވިޔަ ނުދިނުމަށްޓަކައި މުސްލިމުންގެ މެދުގައި ހަމަނުޖެހުމާއި ދެބަސްވުން އުފައްދާ ޙަޤީޤީ ޢަދުއްވުންގެ ކިބައިން މުސްލިމުންތައް ޣާފިލްކޮށްފައި ބޭތިއްބުމެވެ. ނަމަވެސް މިއަދު އުއްމަތް އެބައިމީހުންގެ މި ޣާފިލުކަމުގެ ނިދިން ހޭލާ މަންޒަރު ފެނުމުން ޚުދު ޢަދުއްވުންގެ އިމާމުންތައްވެސް ހައިރާންވެއްޖެއެވެ.
”وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ“
މާނައީ: ”އަދި ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދި އެއިލާހު ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައިދާ މީހަކު ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި އެމީހަކަށް އިހާނަތްތެރިކަންދެނިވި ޢަޛާބު ހުއްޓެވެ.“ [އައް ނިސާ، 14]
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ:
”اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلا مَا تَذَكَّرُونَ“
މާނައީ: ”ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވެވި ފޮތަށް ތިޔަބައިމީހުން ތަބަޢަވާށެވެ! އަދި އެއިލާހު ފިޔަވައި އެހެން އެހީތެރިންތަކަކަށް ތަބަޢަ ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސްމަދުންނެވެ.“ [އަލް އަޢުރާފް3،
އެ ޝަރީޢަތަށް ޢަމަލުކުރުންވަނީ އަހަރެމެންނަށް ވާޖިބުވެގެންނެވެ. އެއީ އަހަރެމެންގެ ދިރިއުޅުމުގެ ނިޒާމެވެ. މީސްތަކުންގެ މެދުގައިވާ ޢަދުލު އިންޞާފެވެ. އަހަރެމެންގެ މާތް ނަބިއްޔާ (صلى الله عليه وسلم) ވަނީ އެކަލޭގެފާނުގެ ވާޖިބުފުރިހަމައަށް އަދާކުރައްވާފައެވެ.
އަހަރެމެންނަށް ވާޖިބުވެގެންވަނީ އެކަލޭގެފާނު ފުރިހަމަކުރެއްވެވި ތަކެއްޗަށް ޢަމަލުކުރުމެވެ. އެއީ ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم ) ގެ ސުންނަތެވެ. މިއަދު މީސްތަކުންވަނީ އެބައިމީހުން އަމިއްލައަށް ޤާނޫނުތައް ހަދައިގެން އެއާއި ތަޅާފޮޅާ ޙާލުގައިކަން އަހަރެމެން ކޮންމެ މުސްލިމަކަށްވެސް އެނގެއެވެ. ނޭނގޭނަމަ އަމިއްލަނަފްސާއި އަވަހަށް ސުވާލުކޮށްލާށެވެ.
އެހެނީ ދުވަހަކުވެސް ﷲ سبحانه وتعالى ގެ ޝަރީޢަތް އެތަނެއްގައި ފުރިހަމައަށް ޤާއިމުވުމަށް ދާންދެން އެތަނަކަށް ޢަދުލު އިންޞާފެއް ނާންނާނެއެވެ. އަދި ދަންނާށެވެ! އަހަރެމެން މުސްލިމުންގެ ނަމުގައިތިބެ އެތަނެއްގައި ތިމާމެންގެ ޝަރީޢަތް ނެތުން އެއީ ކިހާބޮޑު ނިކަމެތިކަމެއް ހެއްޔެވެ؟ އަވަހަށް ތިބާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ.
ތިބާއަކީ މުސްލިމެއްނަމަ ތިބާއަށް އެކަށީގެންވަނީ ކޮންގޮތެއް ހެއްޔެވެ؟ ޔަހޫދީންގެ ޑިމޮކްރަސީގެ ދަށުގައި ދިރިއުޅެން ހެއްޔެވެ؟ ނޫންނަމަ މަތިވެރި އިލާހަށް ބޯލަނބައި އެއިލާހުގެ ޝަރީޢަތުގެ ދަށުގައި ދިރިއުޅުން ހެއްޔެވެ؟ އޭ އަހަރެންގެ ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! ތިބާއަށް އެނގޭނޭ ފަދައިން އަހަރެމެންނަށް އަދި ދުވަހަކުވެސް އިސްލާމީ ޝަރީޢަތެއްގެ ދަށުގައި ދިރިއުޅުމުގެ ނަޞީބެއް ލިބިފައެއް ނުވެއެވެ.
އެހެންކަމުން އަހަރެމެން މިކަމާއިމެދު ވިސްނާކަށް ނުވޭބާވައެވެ؟ ތިބާ ބޭނުންވަނީ މިދުނިޔޭގައި މުސްލިމެއްގެ ގޮތުގައި އުޅެ، އެހެނަސް ޝަރީޢަތުގެ ދަށުގައި ދިރިއުޅުމުގެ ފުރުޞަތު ނުލިބި ނިމިދާން ހެއްޔެވެ؟ އަހަރެމެންނަކީ މިދުނިޔޭގައި އަބަދަށް ދިރިއުޅޭނޭ ބައެއްނޫނެވެ. އަހަރެމެން ކޮންމެ މީހަކާއި މެދުވެސް ސުވާލުވެވޭނެ ދުވަހެއް އަންނާނެކަން ހަނދާންކުރާށެވެ. އެދުވަހުން އެމީހަކު ކުޅަކަމެއްގެ ޖަޒާ އެމީހަކަށް ދެއްވާނެކަންކަށަވަރެވެ.
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ:
”كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلا مَتَاعُ الْغُرُورِ“
މާނައީ: ”ކޮންމެ ނަފްސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ތިޔަބައިމީހުން ކުޅަޢަމަލުތަކަށް ތިޔަބައިމީހުންނަށް ފުރިހަމައަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި ސުވަރުގެއަށް ވެއްދެވިއްޖެ މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެދިރިއުޅުން ނުވެއެވެ.“ [އާލް ޢިމްރާން، 185]
ދުޢާ އަކީ ﷲ ގެ ޝަރީޢަތް މި ބިންމަތީގައި ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތަކުގައި ކޮންމެވެސް ހިއްސާއެއް މިންވަރުކޮށްދެއްވާ އަދި އާޚިރުގައި އެ މަތިވެރި ޝަރީޢަތުގެ ހިޔާވަހިކަމުގައި ދިރިއުޅޭ ބައެއްކަމުގައި އަޅަމެން ލެއްވުމެވެ.
0 comments:
Post a Comment