ޚާލިދު އިބްނު ވަލީދު ރިވާކުރެއްވިއެވެ. "އަޢުރާބީންގެ މީހަކު، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. "އޭﷲ ގެ ރަސޫލާއެވެ! އަޅުގަނޑު މިއައީ، ދުނިޔެއާއި އާޚިރަތުގައި، އަޅުގަނޑަށް ފުއްދާދޭނެ ކަމަކާއި ބެހޭގޮތުން، ކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުމަށެވެ." ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ތިބާއަށް، ފެންނަ ކަމަކާއި ބެހޭގޮތުން ސުވާލުކުރާށެވެ" އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ތަންދޮރު ދަންނަ މީހާ ކަމުގައި ވުމަށް އަޅުގަނޑު ބޭނުމެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތްﷲއަށް ބިރުވެތިވެ ތަޤްވާވެރި ވާށެވެ. އެއިރުން މީސްތަކުންގެ ތެރެއިން އެންމެ ތަންދޮރު ދަންނަ މީހާ ކަމުގައި ތިބާ ވާނެއެވެ."
އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން، އެންމެ މުއްސަނދި މީހާ ކަމުގައި ވުމަށް ބޭނުމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ލިބޭ މިންވަރަށް ރުހޭ މީހަކަށް ތިބާ ވާށެވެ."
އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން، އެންމެ ޢަދުލުވެރި މީހާކަމުގައި ވުމަށް އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ ނަފްސަށްޓަކާ ލިބުމަށް ލޯބިކުރާ ކަންތައްތައް، މީސްތަކުންނަށްޓަކާވެސް އެދޭށެވެ. އެއިރުން މީސްތަކުންގެ ތެރެއިން އެންމެ ޢަދުލުވެރި މީހަކުކަމުގައި ތިބާވާނެއެވެ."
އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހާކަމުގައި ވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުންނަށް ފައިދާހުރި މީހަކަށް ވާށެވެ. އެއިރުން މީސްތަކުންގެ ތެރޭގައި ހުރި އެންމެ ހެޔޮ، މީހާ ކަމުގައި ތިބާ ވާނެއެވެ."
އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން، ﷲގެ ޙަޟްރަތަށް އެންމެ ޚާއްޞަ މީހާ ކަމުގައި ވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާ ﷲއަށް ޛިކުރު ކުރުން ގިނަކުރާށެވެ. އެއިރުން ތިބާއަކީ، ﷲގެ އެންމެ ޚާއްޞަ މީހާ ކަމުގައި ވާނެއެވެ."
އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ އީމާންކަން ފުރިހަމަ ވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ ޚުލްޤު ރިވެތި ކުރާށެވެ. އެއިރުން، ތިބާގެ އީމާންކަން ފުރިހަމަ ވާނެއެވެ."
އޭނާ ދެންނެވިއެވެ. "އިޙްސާންތެރިންގެ ތެރެއިން ވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲއަށް އަޅުކަން ކުރާށެވެ. ތިބާ، އެކަލާނގެ ރަސްކަންފުޅު ދެކެދެކެ އަޅުކަންކުރާ ފަދައިންނެވެ. ތިބާއަސް، އެކަލާނގެ ރަސްކަންފުޅު ނުފެންނަ ކަމުގައި ވިޔަސް، ފަހެ ހަމަކަށަވަރުން އެކަލާނގެ ތިބާ ދެކެވޮޑި ގަންނަވައެވެ. ތިބާ އެގޮތަށް ކަންތައް ކުރުމުން، އިޙްސާންތެރިގެންގެ ތެރެއިން ވާނެއެވެ."
އޭނާ ދެންނެވިއެވެ. "ކިޔަމަންތެރިވާ މީހުންގެ ތެރޭގައި ވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲގެ ފަރްޟުތައް އަދާކުރާށެވެ. ކިޔަމަންތެރިވާ މީހުންގެ ތެރެއިން ތިބާވާނެއެވެ."
އޭނާ ދެންނެވިއެވެ. "ފާފަތަކުން ސަލާމަތް ވެގެންވާ ޙާލު ﷲގެ ޙަޟްރަތާ ބައްދަލުކުރުމަށް އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ރަނގަޅު ޠާހިރުވުމަކުން، ޖުނުބުން ހިނައިގަންނާށެވެ. ފާފަތަކުން ސަލާމަތްވެގެންވާ ޙާލު ތިބާއަށް ﷲގެ ޙަޟްރަތާ ބައްދަލުކުރެވޭނެއެވެ."
އޭނާ ދެންނެވިއެވެ. "ޤިޔާމަތް ދުވަހު، އަލިކަމުގެ ތެރޭގައި މަޙްޝަރުކުރެއްވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއްވެސް މީހަކަށް ތިބާ އަނިޔާވެރި ނުވާށެވެ. އަލިކަމުގެ ތެރޭގައި، ޤިޔާމަތް ދުވަހު ތިބާ މަޙްޝަރު ކުރެވޭނެއެވެ."
އޭނާ ދެންނެވިއެވެ. "ޤިޔާމަތް ދުވަހު އަޅުގަނޑުގެ ވެރި ރަސްކަލާނގެ، އަޅުގަނޑަށް ރަޙްމަތް ލެއްވުމަށް އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ ނަފްސަށް އޯގާތެރިވާށެވެ. އަދި ﷲގެ އަޅުތަކުންނަށް އޯގާތެރިވާށެވެ. ތިބާގެ ވެރި ރަސްކަލާނގެ ޤިޔާމަތް ދުވަހު ތިބާއަށް ރަޙްމަތް ލައްވާނެއެވެ."
އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ފާފަތައް މަދުވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އިސްތިޣްފާރު ކުރުން ގިނަކުރާށެވެ. ތިބާގެ ފާފަތައް މަދުވާނެއެވެ."
އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ދީލަތި މީހާ ކަމުގައި ވުމަށް އަޅުގަނޑު ލޯބިކުރަމެވެ." ތިބާ، އެއްވެސް ކަމެއްގައި، މީސްތަކުންނަށް ޝަކުވާ ނުކުރާށެވެ. މީސްތަކުންގެ ތެރެއިން އެންމެ ދީލަތިމީހާކަމުގައި ތިބާ ވާނެއެވެ."
އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ވަރުގަދަ މީހާ ކަމުގައި ވުމަށް އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާ ﷲއަށް ވަކީލުކުރާށެވެ. މީސްތަކުންގެ ތެރެއިން އެންމެ ވަރުގަދަ މީހާ ކަމުގައި ތިބާ ވާނެއެވެ."
އޭނާ ދެންނެވިއެވެ. "މާތްﷲ އަޅުގަނޑަށް، ރިޒްޤު ތަނަވަސްކޮށްދެއްވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފަނު ޙަދީޘްކުރެއްވިއެވެ. "ޠަހާރަތުގެ މަތީ ތިބާ ދެމިހުންނާށެވެ. ތިބާގެ މައްޗަށް މާތްﷲ ރިޒްޤު ތަނަވަސް ކޮށްދެއްވާނެއެވެ."
އޭނާ ދެންނެވިއެވެ، "ﷲއާއި ރަސޫލާ ދެކެ ލޯބިވާ މީހުންގެ ތެރެއިން ވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲއާއި ރަސޫލާ، ލޯބި ވޮޑިގަންނަވާ ކަންތައްތަކަށް ތިބާ ލޯބިކުރާށެވެ. ﷲއާއި ރަސޫލާދެކެ ލޯބިވާ މީހުންގެ ތެރެއިން ތިބާ ވާނެއެވެ."
އޭނާ ދެންނެވިއެވެ. "ޤިޔާމަތް ދުވަހު، ﷲގެ ކޯފާއިން ސަލާމަތް ވެގެންވާ މީހަކަށް ވުމަށް އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲގެ ޚަލްޤު ތަކުންގެ ތެރެއިން، އެއްވެސް މީހެއް ދެކެ ތިބާ ރުޅިނާންނާށެވެ. ޤިޔާމަތް ދުވަހު، ﷲގެ ކޯފާއިން ސަލާމަތް ވެގެންވާ މީހަކަށް ތިބާ ވާނެއެވެ."
އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ދުޢާ އިޖާބަ ވެގެން ދިއުމަށް އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ޙަރާމް ތަކެތި ކެއުމުން ތިބާ ދުރުހެލިވާށެވެ. އެއިރުން ތިބާގެ ދުޢާ އިޖާބަވެގެންދާނެއެވެ."
އޭނާ ދެންނެވިއެވެ. "ޤިޔާމަތް ދުވަހު، މިއަޅާގެ ވެރި ރަސްކަލާނގެ މިއަޅާ ފަޟީޙަތް ނުކުރެއްވުމަށް، އަޅުގަނޑު ލޯބިކުރަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ އަޚުންގެ ޢައިބުތައް ފޮރުވައިދޭށެވެ. ޤިޔާމަތް ދުވަހު، މާތްﷲ ތިބާ ފަޟީޙަތެއް ނުކުރައްވާނެއެވެ."
އޭނާ ދެންނެވިއެވެ. "ފާފަތަކުން ސަލާމަތްކޮށްދޭނޭ ކަމަކީ ކޮބައިތޯއެވެ؟" ނުވަތަ އޭނާ ދެންނެވިއެވެ. "ކުށްތަކުން ސަލާމަތްކޮށްދޭނޭ ކަމަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ކަރުނަޔާއި މަޑުމޮޅިކަމާއި ބަލިތަކެވެ." (އެބަހީ ﷲގެ ރަސްކަންފުޅަށް ބިރުވެތިވެ ރުއިމާ ހުރިހާ ވަޤުތުތަކެއްގައިވެސް މަޑުމޮޅިވުމާއި ބަލިތަކަށް ކެތްތެރިވުމެވެ.)
އޭނާ ދެންނެވިއެވެ. "ﷲގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ހެޔޮ ކަމަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ޚުލްޤު ހެޔޮވުމާއި، ތަވާޟުޢުވެރިވުމާއި މުޞީބާތްތަކަށް ކެތްތެރި ވުމެވެ."
އޭނާ ދެންނެވިއެވެ. "ﷲގެ ޙަޟްރަތުގައި އެންމެ ބޮޑު ވެގެންވާ ނުބައި ކަމަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އަޚްލާޤު ނުބައިވުމެވެ. އަދި ހެޔޮ ކަންތަކުން މީހާ ދުރު ހެލިކުރާ ދަހިވެތިކަމެވެ."
އޭނާ ދެންނެވިއެވެ. "ދުނިޔެއާއި، އާޚިރަތުގައި، ﷲގެ ކޯފާވެ ވަޑައިގަތުން، ހަމަ ހިމޭންކޮށްދޭނެ ކަމަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސިއްރުން ކުރެވޭ ޞަދަޤާތާއި، ގާތް ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމެވެ."
އޭނާ ދެންނެވިއެވެ. "ޤިޔާމަތްދުވަހުގައި، ނަރަކައިގެ އަލިފާން ނިއްވާލަދޭނެ އެއްޗަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ބަލާއާއި މުޞީބާތަށް ދުނިޔޭގައި ކެތްތެރި ވުމެވެ.""
0 comments:
Post a Comment