ސުވާލު:
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
"ޣީބަ" މިލަފްޡް ނެގިފައިވަނީ "ޣައިބު"އިން ނެވެ. އެއީ ލޮލަށް ފެންނަން ނެތް އެއްޗިއްސެވެ. "ޣީބަ" އަށް ޣީބަޔޭ ކިޔުނީ ވާހަކަދެކެވުނު މީހާ އެހިނދުގައި އެތަނުގައި ޙާޟިރުވެ ނެތުނީމައެވެ. ނުވަތަ މީހަކު ނެތް ތަނުގައި އޭނާ ނުރުހޭ ބާވަތުގެވާހަކައެއް ދެއްކުމެވެ.
"ޣީބަ" އަކީ ކޮބައިކަން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް ޣީބަ އަކީ ކޮންއެްޗެއްކަން އެނގޭ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. ﷲއާއި ރަސޫލާ މޮޅަށްދެނެވޮޑިގެންވެއެވެ. ޙަދީޡް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެމީހާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަދެއްކިނަމަވެސްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކިބައިގައި ހުރި ކަމެއްކަމަށްވަނީނަމަ އެއީ ޣީބައެކެވެ. އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަދައްކައިފިނަމަ އެހެދުނީ ބޮޑުވެގެންވާ ދޮގެކެވެ".
ޣީބަބުނުމުގެ ޙުކުމް:
ޣީބަބުނުމަކީ ޙަރާމް ކަމެއްކަމަށް އުއްމަތުގެ ދަންނަބޭކަލުން އިޖްމާޢުވެލައްވައެވެ.
އެކަމަކީ ބޮޑުފާފައެއްތޯ ނުވަތަ ކުޑަފާފަ އެއްތޯ މިކަމާއި މެދުގައި ކުޑަ ޚިލާފެއް ހުއްޓެވެ. އަލްއިމާމް ގުރްޠުބީ ވިދާޅުވަނީ ޣީބަބުނުމަކީ ބޮޑުފާފައެއް ކަމަށެވެ. ސަބަބަކީ ގުރްއާނާއި ސުންނަތުގައި ވަޢީދުގެ ބަސްފުޅުތައް މިކަމާއި ގުޅިގެން އައިސްފައިވާތީއެވެ. އެހެންކަމުން ގުރްޠުބީ ދެކިލައްވާގޮތުގައި މިކަމުގައި ޚިލާފްއުފެދެންވީ ސަބަބެއްނެތެވެ.
އަލްއިމާމް ޣަޒާލީގެ ކިބައިން އައިސްފައިވާ ގޮތުގައި ޣީބަބުނުމަކީ ކުދިފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިދެގައުލު ޖަމްޢު ކުރައްވާ އިބްނު ޙަޖަރު -ރަހިމަހުﷲ- ވިދާޅުވަނީ ޞާލިޙް ތަގްވާވެރި ރަގަޅު އަޅަކު ނުވަތަ ޢިލްމުވެރިއެއްގެ ޣީބަބުނުމާއި އާދައިގެ އިންސާނެއްގެ ޣީބަބުނުމާއި ތަފާތުކަމަށެވެ. އެހެނީ ތަގްވާވެރިންގެ ޣީބަބުނުމަކީ ބޮޑުފާފަ އެކެވެ. އަދި އާދައިގެ މީހެއްގެ ޣީބަ ބުނުމަކީ ކުޑަފާފަ އެކެވެ.
ޣީބަބުނުމަކީ ޙަރާމް ކަމެއްކަމަށް ކީރިތި ގުރްއާނުގައި އައިސްފައިވާ ދަލީލުތައް:
1. މާތް ﷲ ވަޙީ ކުރެއްވިއެވެ. ﭽ ﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ ﭘ ﭙ ﭚ ﭛﭜ ﭝ ﭞ ﭟ ﭠ ﭡ ﭢﭣ ﭤ ﭥ ﭦ ﭧ ﭨ ﭩ ﭪ ﭫﭬ ﭭ ﭮﭯ ﭰ ﭱ ﭲ ﭳ ﭴ ﭼ الحجرات: ١٢ މާނައަކީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަ ހީތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި، ތިޔަބައިމީހުން އަކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އަކުކުވެސް އޭނާގެ އަޚުގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. ތިޔަބައިމީހުން މާތް ﷲ އަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން މާތް ﷲ އީ ތައުބާގަބޫލުކުރައްވާ ރަޙްމަތްވަންތަ އިލާހެވެ".
މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސްވިދާޅުވިއެވެ. "މާތް ﷲ މުޅަތަކެތި ޙަރާމް ކުރެއްވިފަދައިން ޣީބަބުނުން ވެސް ޙަރާމް ކުރެއްވިއެވެ".
އަލްގާޟީ އަބޫޔަޢުލާ ވިދާޅުވިއެވެ. "މިއާޔަތުގައި ޣީބަބުނުން މުޅަތަކެތި ކެއުމުގެ މިޘާލް ޖައްސަވާފައިވަނީ ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އިތުރަށް ޔަގީންކޮށްދެއްވުމުގެ ގޮތުންނެވެ. ސަބަބަކީ މުސްލިމެއްގެ މަސްގަނޑު ކެއުމަކީ ޙަރާމް ކަމެކެވެ. އަދި މީސްތަކުންގެ ޠަބީޢަތު އެކަމާ ނުރުހޭނެ ކަމެކެވެ. އަދި އެފަދަކަންތައް ކުރާމީހުން ދެކެ މީހުން ނަފްރަތު ކުރާނެއެވެ. އެހެންކަމުން ޣީބަބުނުމަކީވެސް މިދަރަޖާގައި ނުރުހުންތެރިކަންފާޅު ކުރަން ޖެހޭ ކަމެކެވެ.
އައްޒައްޖާޖް ވިދާޅުވިއެވެ. "ތިޔަބައިމީހުން މުޅަމަސް ކެއުމަށް ނުރުހޭނެ ފަދައިން މީސްތަކުންގެ ނުބައިވާހަކަ ދެއްކުމަށްވެސް ނުރުހޭށެވެ".
މިއާޔަތުގައި ޣީބަބުނުން މައްޔިތާގެ މުޅަމަސްގަނޑު ކެއުމާ ވައްތަރުކުރައްވާފައިވާ ސަބަބަކީ: މަރުވެފައި އޮންނަ މައްޔިތެއްގެ މަސްގަނޑު މީހަކު ކަނޑައިގެން ކޭނަމަވެސް މައްޔިތާއަށް އޭނާގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ހަމައެފަދައިން މީހަކު ނެތް ތަނުގައި އޭނާގެ ނުބައިވާހަކަ ނުވަތަ އޭނާ ނުރުހޭ ވާހަކަ އެއް ދެއްކި ކަމުގައިވީނަމަވެސް އޭނާގެ ނަފްސުގެ ދިފާޢުގައި ކުރެވޭނެ ކަމެއްނުތުނީމައެވެ.
2. މާތް ﷲ ވަޙީ ކުރެއްވިއެވެ. ﭽ ﯿ ﰀ ﰁ ﰂ ﰃ ﰄﰅ ﰆ ﰇ ﰈ ﰉ ﰊ ﭼ الحجرات: ١١ މާނައީ: "އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް އަނެކަކުގެ ޢައިބު ނުކިޔާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަގަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު މިނަންގަނެވުނުކަންތައްކުރުމުން ފާސިގުވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެކަންތަކުން ތައުބާނުވީ މީހުންނަކީ އަމިއްލަ ނަފްސަށް އަނިޔާކުރާމީހުންނެވެ".
މިއާޔަތުގައިމިވާ "ލަމްޒު" ގެ މާނަ ކުރައްވަމުން އިބްނުޢައްބާސް ވިދާޅުވިއެވެ. "ތިޔަބައިމީހުން އެކަކު އަނެކަކަށް އެއްޗެތިކިޔާނުހަދާށެވެ". މިފަދައިން މުޖާހިދް، ސަޢީދު ބިން މުސައްޔިބް، ގަތާދާ، އަދި މުގާތިލް ބިން ޙައްޔާންގެ ކިބައިންވެސް ނަގުލުވެގެންވެއެވެ.
އިބްނުކަޘީރު ވިދާޅުވިއެވެ. "ހަމްޒު" އަކީ ޢަމަލުން މީސްތަކުންނަށް ގޯނާކުރުމެވެ. އަދި "ލަމްޒު" އަކީ ބުނާބަހަކުން މީހުންނަށް ގޯނާ ކުރުމެވެ.
އިބްނުކަޘީރުގެ ބަހަށް އައްޝައިޚް ޝަންގީތީ ތާއީދުކުރައްވާވިދާޅުވިއެވެ. "ހަމްޒު" ގެ ތެރެއަށް "ޣީބަ" ބުނުންވެސް ވަންނާނެއެވެ.
3. މާތް ﷲ ވަޙީކުރެއްވިއެވެ. ﭽ ﭢ ﭣ ﭤ ﭥ ﭦ ﭼ الهمزة: ١ މާނައަކީ: "ނެތިނުބައި ޣީބަބުނާ ކޮންމެ މީހަކަށް ހަލާކާއި ޢަޛާބު ހުއްޓެވެ".
"ހަމްޒު" އާއި "ލަމްޒު" ގެ މާނަ އިސްވެ ހިނގައްޖެއެވެ. އެއީ ޣީބައިގެ ތެރޭގައި ހިމެނޭ ދެކަމެކެވެ.
މިއާޔަތުގެ ތަފްސީރުގައި ގަތާދާ ވިދާޅުވިއެވެ. "މީސްތަކުންގެ މަސްކަމުން ގޯނާކުރަމުން ދިޔުމެވެ".
(ويل) އަކީ ނަރަކައިގެ ވާދީ އަކަށް ކިޔޭނަމެކެވެ.
އަލްއިމާމް އައްސަޢުދީ ވިދާޅުވިއެވެ. މިއާޔަތްތައް ބާވާލެއްވުނީ މުޝްރިކުންގެ މައްޗަށްކަމުގައިވީނަމަވެސް މިއާޔަތްތަކުގައި ބުނެވިފައިވާ ޞިފަޖެހިފައިވާ އެންމެންގެ މައްޗަށް ޢާއްމެވެ. ސަބަބަކީ ގުރްއާން ބާވާލެއްވުނީ ޚަލްގުތަކުންނަށް ހިދާޔަތް ދެއްކެވުމަށެވެ. އެހެންކަމުން އުއްމަތުގެ އެންމެން ޝާމިލުވެއެވެ.
4. ﭽ ﯜ ﯝ ﯞ ﯟ ﯠ ﯡ ﯢ ﯣ ﯤ ﯥ ﭼ القلم: ١٠ – ١١މާނައަކީ: "އަދި ބާޠިލްގޮތުގައި ހުވާކޮށްހަދާ، ދެރަނިކަމެތި ކޮންމެ މީހަކަށް ކިޔަމަންވެވަޑައި ނުގަންނަވާށެވެ. އެއީ މީހުންނަށް ޢައިބުބުނެ ނުބައިވާހަކަތައް ދައްކަމުން ހިނގާ މީހެކެވެ".
އިމާމް ޝައުކާނީ ވިދާޅުވިއެވެ. "ހައްމާޒު" ގެ މާނައަކީ މީސްތަކުންނަށް ޣީބަބުނާ މީހާއެވެ.
ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ވިދާޅުވިއެވެ. ގަލަމް ސޫރަތުގެ 8 ވަނަ އާޔަތުން ފެށިގެން 16 ވަނަ އާޔަތުގެ ނިޔަލަށް މިވާ އާޔަތްތަކުގައި ވަރަށް މުހިންމުކަމެއް ހިމެނިގެންވެއެވެ.
އެއީ: މިދެވައްތަރުގެ މީހުން (ދޮގުވެރިންނާއި ޣީބަބުނާ މީހުން) އަށް ކިޔަމަންތެރި ނުވުމަށް އެންގެވުމެވެ. މިކަމުގައި އެކުލެވިގެންވާފައިދާއަކީ: މީހަކަށް ކިޔަމަން ނުވުމަށް އެންގެވުމުގެ މާނަ އަކީ އޭނާގެ ކިބައިގައި ހުރި ޞިފަތަކުންވެސް ދުރުހެލިވުމަށް އެންގެވުމެވެ. އެހެންކަމުން ދޮގުބުނާމީހުންނާއި ޣީބަބުނާ މީހުންނަށް ކިޔަމަންތެރިވާކަށް ނުޖެހެއެވެ. އަދި އެފަދަމީހުންގެ އަޚްލާގުންވެސް ދުރުހެލިވާންޖެހެއެވެ.
ޣީބަ ޙަރާމް ކުރެއްވިކަމަށް ދޭހަވާ ސުންނަތުގެ ދަލީލުތައް:
1. ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إن دمائكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في شهركم هذا في بلدكم هذا). މާނައަކީ: "ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރްމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދުގެ (ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިމައްސަރު(ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިރަށް (މައްކާ) ޙުރުމަތްރެރިވީފަދައިންނެވެ".
މިޙަދީޘްގެ ޝަރަޙާގައި އިބްނުލް މުންޛިރު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އުއްމަތަށް ބަޔާންކޮށްދެއްވައިފިއެވެ، އެކަން ޙަރާމް ކުރެއްވުން ގުޅިފައިވަނީ ލެޔާއި މުދަލާއެވެ. އެހެނީ ޙައްގަކާނުލާ މީހަކު މަރާނުލެވޭނެ ފަދައިން އަދި މީހެއްގެ މުދާ އަތުލައިނުގަނެވޭނެ ފަދައިން ޣީބަ ބުނުމަކީ ވެސް ޙަރާމް ކަމެކެވެ. އެކަން (ޣީބަބުނުން) ޙަރާމްކަން އިތުރަށް ޔަގީންކޮށްދެއްވުމުގެ ގޮތުން މައްކާގެ ޙުރްމަތާއި(މާތްކަން) ޛުލްޙިއްޖާމަހުގެ ޙުރްމަތާއި ގުޅުއްވައިލެއްވިއެވެ. އެހެނީ މައްކާގެ ބިމުގެ ޙުރުމަތްކެނޑުމާއި ޛުލްޙިއްޖާމަހުގެ ޙުރުމަތް ކެނޑުން ޙަރާމްވީފަދައިން ޣީބަބުނުންވެސް ޙަރާމްވެއްޖެއެވެ.
އަލްއިމާމް ނަވަވީ މުސްލިމްގެ ޝަރަޙާގައި ލިޔުއްވާފައިވެއެވެ. މިޙަދީޘް ގެ މުރާދަކި ބަޔާން ކުރެވުނު ކަންތަކުގެ ބޮޑުކަން ބަޔާންކޮށްދެއްވާ، އެފަދަކަމަކަށް އަރައިނުގަތުމަށް އުއްމަތަށް އިންޛާރުދެއްވުމެވެ.
2. ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. (من أربي الربا الإستطالة في عرض المسلم بغير حق). وفي رواية ( إن من أكبر الكبائر استطالة المرء في عرض رجل مسلم بغير حق). މާނައަކީ: "އެންމެ ނުބައި ރިބާގެ ތެރޭގައި ޙައްގަކާނުލާ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ". އެހެން ރިވާޔަތެއްގައިވެއެވެ. "އެންމެ ބޮޑެތިފާފަ ތަކުގެ ތެރޭގައި ޙައްގަކާއި ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ".
3. ޢައިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަށް ދެންނެވީމެވެ. ޞަފިއްޔާގެ ކިބައިން ކަލޭގެފާނަށްފުދިއްޖެއެވެ، އެކަމަނާ ހާދަކުރެވެ. އެހިނދު ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކަމަނާ ތިޔަވިދާޅުވި ކަލިމަ މޫދުގެ ލޮނުގަނޑާ އެކުވެގެން ހިނގައިދާނެއެވެ".
މިޙަދީޘް ގެ ޝަރަޙަގައި މުބާރިކްފޫރީވިދާޅުވިއެވެ. މީގެ މާނައަކީ "ޣީބަ" އަކީ ކަނޑުގެ ލޮނުގަނޑާ އެއްކޮށްލެވޭނެ އެއްޗެއްނަމަ އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ކުލަބަދަލުވެގެން ހިނގައިދާފަދަ އެއްޗެކެވެ.
މިއިން ދޭހަވަނީ "ޣީބަ" ބުނުމުގެ ނުބައިކަންބޮޑު ކަމެވެ. ކަމުގެ ޚުޠޫރަތްތެރި ކަމެވެ. ކުޑަކަމެއްގެ ގޮތުގައި ހީވިނަމަވެސް، ކަމަކީ އާދައިގެ ކަމެއް ނޫން ކަމެވެ.
4. މާޢިޒް-ރަޟިޔަﷲ ޢަންހު- ޒިނޭގެ ކުށައް އިޢުތިރާފްވި ހިނދު އެކަލޭގެފާނު ރަޖަމް ކުރެވުނެވެ. ރަޖަމް ކުރުމުގެ ޙާދިޘާ ނިމުނު ތަނުން ޞަޙާބީ ބޭކަލަކު ވިދާޅުވި އެވެ. މާތް ﷲ އޭނާ އަށް އެކަން(ޒިނޭކުރިކަން) ސިއްރުކޮށްދެއްވި ހިނދު، އޭނާ އަމިއްލަ އަށް އެވާހަކަ ދެއްކުމުން މިއަދު ކުއްތާއެއް ރަޖަމް ކުރާފަދައިން ހިލައިންތަޅާ އޭނާ ރަޖަމް ކުރެވިއްޖެއެވެ. މިއަޑު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމަ އަށް އިވިވަޑައިގެން މަރުވެފަިއވާ ޙިމާރެއްގެ މަސްގަނޑުގެނެސް އެވާހަކަގައި ބައިވެރިވި ޞަޙާބީންނަށް ދެންނެވިއެވެ. "މަރުވެފައިމިވާ ޙިމާރުގެ މަސްގަނޑު ތިޔަބައިމީހުން ކާށެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ނަބިއްޔާ އެވެ. މަރުވެފައިވާ ޙިމާރެއްގެ މަސްގަނޑު ކާނީ ކޮންބައެއް ހެއްޔެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަޚާގެ އަބުރަށް އަރައިގަތުމުން ތިޔަ ކުރެވުނީ މި މުޅަމަސްގަނޑު ކެއުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެކެވެ".
ޣީބަ ބުނުމާއި ބެހޭ ގޮތުން ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ބަސްތައް:
- އެއްދުވަހަކު ޢަމްރު ބިން އަލް ޢާޞް އެކަލޭގެފާނުގެ އަޞްޙާާބުންނާއި އެކު ވަޑައިގަންނަވަނި ކޮށް މަރުވެ ފުފިފައިވާ ބަޣްލެއް، ދިވެހިބަހުން ކިޔާގޮތުން ނަމަ "އޮށް" (ޙިމާރާއި އަހުގެ ދަރި) ފެނިވަޑައިގަތެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ތިޔަބައިމީހުންގެ އަޚެއްގެ މަސްކެއުމަށްވުރެ މި ޖަނަވާރުގެ މުޅަމަސްގަނޑު ކެއުންވެސް މާރަނގަޅެވެ.
- ސުފްޔާން ބިން ޢުޔައިނާވިދާޅުވިއެވެ. "ޣީބަބުނުމަކީ ދަރަންޔަކަށްވުރެ ބޮޑުކަމެކެވެ. ދަރަނި އަދާކުރެވެއެވެ. އެހެން ނަމަވެސް ޣީބަބުނުމުން އެއަދާކުރެވޭނެ ގޮތެއް ނޯވެއެވެ".
- ސުފްޔާނުއް ޘައުރީވިދާޅުވިއެވެ. "ނަމަ ނަމަ ޣީބަ ބުނުމާ ކައިރި ނުވާށެވެ. ނަމަ ނަމަ މީސްމީހުންގެ އަބުރަށް އަރައިނުގަންނާށެވެ. އޭގެ ސަބަބުން ތިބާގެ ދީން ހަލާކުވެގެން ހިނގައިދާނެއެވެ".
- އަބޫޢާޞިމުއްނަބީލް ވިދާޅުވިއެވެ. "އެމީހެއްގެ ކިބައިގައި ދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ކުޑަވެސް އަޘަރެއް ހުރިމީހަކު މީސްތަކުން ނުރުހޭ ވާހަކަ އެއް ނުދައްކާނެއެވެ".
- އެއްދުވަހަކު މީހަކު ޙަސަނުލް ބަޞްރީ ނެތްތަނުގައި މީހަކު އެކަލޭގެފާނަށް އެއްޗެތިކިޔެވެ. އެޚަބަރު އެކަލޭގެފާނަށް ލިބުމާއި އެކު އެންމެ އަގުބޮޑު ވައްތަރުގެ ކަދުރު ޓުކުރިއެއް އެމީހަކަށް ވެދުމަށް އެރުވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށް މި އަގުބޮޑު ހަދިޔާ މިދީނީ ތިބާ އަހަންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލުގައެވެ. އެމީހަކު ދެންނެވިއެވެ. އެއީ ކޮންކަމެއްތޯއެވެ. ވިދާޅުވިއެވެ. ތިމަންނާ ނެތްތަނުގައި ތިމަންނާގެ ނުބައިވާހަކަ ދެއްކުމެވެ. އޭގެ ސަބަބުން ތިިބާގެ ހެޔޮކަންތައްތަކުން ބަޔެއް އަޅުގަޑަށް ލިބޭނެއެވެ. ތިވަރުގެ ބޮޑު ހެޔޮކަމެއް މީހަކަށް ކޮށްދެވޭނެތޯއެވެ".
ޣީބަ ބުނުމަށް މެދުވެރިވާ ބައެއް ސަބަބުތައް:
1. ތަގްވާވެރިކަމާއި އީމާންކަން ބަލިކަށިވުން. މިކަމުގެ ސަބަބުން މީސްތަކުންގެ އަބުރަށް އަރައިގަނެ، ނެތިނުބައިކޔެން މެދުވެރިވެއެެވެ.
އަލްފަޟްލު ބިން ޢިޔާޟް ވިދާޅުވިއެވެ. ތަގްވާގެ އެންމެ ވަރުގަދަބައި ވަނީ ދުލުގައެވެ.
އަލްފަގީހް އައްސަމަރްގަންދީ ވިދާޅުވިއެވެ. "ޚާލިޞް ތަގްވާއަކީ ޙަރާމް ތަންތަނަށް ބެލުމުން ލޯތިރި ކުރުމާއި، ޣީބަބުނުމާއި ދޮގުހެދުމުން ދޫރައްކާތެރިކުރުމާއި، ހުރިހާ ގުނަވަންތަކެއް ޙަރާމް ކުރެއްވި ކަންތަކުން ދުރުހެލިކުރުވުމެވެ".
2. ނުބައިރަޙްމަތްތެރިންނާއެކު ބޭކާރުވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރުން. ﭽﰦ ﰧ ﰨ ﰩ ﰪ ﭼ المدثر: ٤٥ މާނައަކީ: "ތިމަންމެން ދޮގުވެރިންނާއިއެކު، ބާޠިލް ދޮގު ވާހަކަ ދެއްކީމެވެ".
މިއާޔަތުގެ ތަފްސީރުގައި ގަތާދާ ވިދާޅުވިއެވެ. "ބޭކާރުވާހަކަ ދައްކާ ކޮންމެ މީހަކާއި އެކު ތިމަންމެން ބައިވެރިވެ، ބާޠިލް ވާހަކަ ދައްކައި އުޅުނީމެވެ".
އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ. ﭽ ﯤ ﯥ ﯦ ﯧ ﯨ ﯩ ﯪ ﯫ ﯬ ﯭ ﭼ الطور: ١١ – ١٢ މާނައަކީ: "ދޮގުކުރި މީހުންނަށް އެދުވަހުން ގަދަވެގެންވާ ޢަޛާބު ހުއްޓެވެ. އެމީހުންނަކީ ބާޠިލް ވާހަކަތަކުގެ ތެރޭގައި ދުނިޔެއާއި މަޝްޣޫލުވެ، ކުޅެކުޅެތިބި މީހުންނެވެ".
މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވިއެވެ. "އެމީހުންނަކީ ބާޠިލް ވާހަކަ ދެއްކުމުގައި ދުނިޔޭގެ ވަގުތުތައް ހޭދަކުރި މީހުންނެވެ".
3. އަނެއް މުސްލިމް އަޚާއާއި މެދުގައި ޙަސަދަވެރިވުން، ނަފްރަތު ކުރުން.
އިބްނުތައިމިއްޔާ ވިދާޅުވިއެވެ. "މީސްތަކުންގެ ތެރޭގައިބަޔަކުވެއެވެ. އެމީހުން ބަޔަކުމީހުންނާއި މެދުގައި އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުން ޣީބަ ބުނުމަށް މެދުވެރިވެއެވެ. އެފަދަ މީހުން މީހެއްގެ ވާހަކަ ދެއްކިނަމަވެސް އެމީހެއްގެ އެއްވެސް ރަގަޅުވާހަކަ އެއް ނުދައްކާނެއެވެ".
4. ދުނިޔޭގެ ވަގުތީ އަރާމަށް ހެއްލުން.
އަލް ފުޟައިލް ބިން ޢިޔާޟް ވިދާޅުވިއެވެ. "ރިޔާސަތު އެދިއްޖެމީހަކު އެހެންމީހުންނާއި މެދު ޙަސަދަވެރިވެ، ނެތިނުބައި ކިޔަންފަށާނެއެވެ. އަދި މީސްތަކުންގެ ޢައިބު ޞިފަ ހޯދަން މަސައްކަތް ފަށާނެއެވެ. އަދި އެއްވެސް މީހަކާއި މެދު ހެޔޮ ބަހެއް ނުބުނާނެއެވެ".
ޣީބަބުނުމުން ސަލާމަތްވާނީ ކިހިނެއް؟
1. ﷲ އަށް ތަގްވާވެރިވުން. އަދި ﷲ އަށް ލަދުވެތިވުން.
މިކަން ޙާޞިލް ކުރެވޭނީ ގިނަގިނައިން ގުރްއާން ކިޔަވާ އަދި އެއަޑުއަހާ ހެދުމުންނެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް ގެ ކިބައިން ޣީބަބުނުމުގެ ނުބައިކަމާއި މެދު ވާރިދެވެފައިވާ ޙަދީޘް ތައް މުދާރަސާކޮށް، އެންމެހައި ކުށްފާފަ ތަކުން ދުރުހެލިވުން. ﷲ ވަޙީ ކުރެއްވިއެވެ.
ﭽ ﭾ ﭿ ﮀ ﮁ ﮂ ﮃ ﮄﮅ ﮆ ﮇ ﮈ ﮉ ﮊ ﭼ الزخرف: ٨٠ މާނައަކީ: "ނުވަތަ އެބައިމީހުން ހީކުރަނީ އެމީހުން ކުރާ ސައްލާތަކާއި ސިއްރުން ރާވާރޭވުންތަކުގެ އަޑު ތިމަން ﷲ އައްސަވާ ވޮޑިގެން ނުވާ ކަމަށް ހެއްޔެވެ. އެހެނެއް ނުވާނެއެވެ. އެމީހުންގެ ގާތަށް ތިމަން ﷲ ލައްވާފައިވާ މަލާއިކަތުން އެކަންތައް ލިޔުއްވައެވެ".
ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (استحيوا من الله عز وجل حق الحياء، قلنا: يا رسول الله، إنا نستحيي والحمد لله، قال: ليس ذلك، ولكن من استحيى من الله حق الحياء فليحفظ الرأس وما حوى، وليحفظ البطن وما وعى). މާނައަކީ: "ތިޔަބައިމީހުން މާތް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވާށެވެ. ޞަޙާބީން ދެންނެވިއެވެ. ތިމަންމެން ﷲ އަށް ލަދުވެތިވަމެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަބުނާ ކަންތަކެއް ނޫނެވެ. އެހެންނަމަވެސް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވެއްޖެމީހާ އޭނާގެ ބޮލާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ. އަދި ބަނޑާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ".
2. ޣީބަބުނުމުގެ ސަބަބުން ތިމާގެ ހެޔޮކަންތަކުން އުނިވެގެންދާ މިންވަރު ހަނދުމަ ކުރާށެވެ. އަދި އޭނާ ޣީބަ ބުނީ މީހާއަށް އަމިއްލަ ހެޔޮކަންތައް ހަދިޔާ ކުރެވެނީ ކަމާއިމެދު ވިސްނާ ފިކުރުކުރާށެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. "ތިމަންކަލޭފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން މުފްލިސަކީ ކާކުކަން ތިޔަބައިމީހުންނަށް އެގޭތޯއެވެ؟ ޞަޙާބީން ދެންނެވިއެވެ. ތިމަންމެންގެ ތެރޭގައި މުފްލިސަކީ އޭނާގެ އަތުގައި ދިރްހަމެއް ވަންނާނެ ތަނެއް ނެތް މީހާއެވެ. ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފްލިސަކީ ގިޔާމަތްދުވަހުން ނަމާދާއި ޒަކާތާއި ރޯދަ ހިފައިގެން މާތް ﷲ ގެ ޙަޟްރަތަށް އަންނަހިނދު، މީހަކާއި ދިމާލަށް އެއްޗެތިކިޔާ، އެހެންމީހަކަށް ގޯނާކޮށް، އެހެންމީހެއްގެ މުދާކައި ހަދާފައިވާ މީހާއެވެ. އެފަދަމީހުންގެ ހެޔޮކަންތައް އަނިޔާލިބުނު މީހާއަށް ދެވޭނެއެވެ. އޭނަގެ ހެޔޮކަންތައް ހުސްވެއްޖެނަމަ އަނިޔާލިބުނުމީހާގެ ނުބައިކަންތަކުން ނަގައި އަނިޔާވެރިވިމީހާ އަށް ބަދަލު ކުރެވޭނެއެވެ. އެޔަށްފަހު އޭނާ ނަރަކަ އަށް އެއްލައިލެވޭނެއެވެ".
3. ތިމާގެ އަމިއްލަ ނަފްސުގެ ޢައިބުތަކާއި މެދުގައި ވިސްނާފިކުރުކޮށް، އެހެންމީހުންގެ ޢައިބު ހޯދަން މަސައްކަތް ނުކުރުން. މިފަދަކަންތަކަށް އަރައިގަނެވެނީ ނަމަ، މާތް ﷲ ތިމާ އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެހެންމީހުންގެ ހުންނަ ޢައިބު ޞިފަތައް ތިމާގެ ކިބައިގައި ލައްވަފާނެކަން ހަދުމަކުރުން.
4. ޞާލިޙް ރަގަޅު އެކުވެރިންނާއި އެކުގައި އުޅުން، އަދި ނުބައި އެކުވެރިންނާއި އެކުގައި އުޅުން ދޫކޮށްލުން.
5. ސަލަފުއްޞާލިޙުންގެ ސީރަތު ދިރާސާކުރުން. އެބޭކަލުން ހަވާނަފްސާ ދެކޮޅަށް ހަނގުރާމަ ކުރެއްވިގޮތް ދަސްކުރުން.
އަބޫޢާޞިމުއް ނަބީލް ވިދާޅުވިއެވެ. "ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އެނގުނު ދުވަހުން ފެށިގެން ދުވަހަކުވެސް ތިމަންކަލޭގެފާނު ޣީބައެއް ނުބުނަމެވެ".
6. ތިމާއަށް ޣީބައެއް ބުނެވިއްޖެނަމަ އަމިއްލަ ނަފްސަށް އަދަބުދިނުން.
އިބްނުވަހުބް ކަންތައް ކުރެއްވިގޮތްކަމަށްރިވާވެގެންވެއެވެ. އެކަލޭގެފާނަށް މީހެއްގެ ޣީބަ ބުނެވިއްޖެ ކޮންމެ ހިނދެއްގައި އަނެއްދުވަހު ރޯދަހިއްޕަވައެވެ. މިގޮތަށް ގޮސް އެކަލޭގެފާނަށް އުނދަގޫވާ ވަރުވުމުން ޣީބަބުނުން އެއްކޮށް ހުއްޓަވާލެއްވިއެވެ. އަދި ޣީބަބުނެވޭ ކޮންމެ ހިނދެއްގައި ދިރްހަމެއްގެ މިންވަރުން ޞަދަގާތް ކުރެއްވުމަށް އެކަލޭގެފާނު ޢަޒުމް ކަނޑައެޅުއްވިއެވެ. ދެން ދިރްހަމްދެކެވާ ލޯތްބެއްގެ ސަބަބުން ޣީބަ ބުނުމާ ދުރުހެލިވެލައްވަން ޖެހިވަޑައިގަތެވެ.
ޣީބަބުނުމުގެ ޖަޒާ:
1. ދުނިޔެމަތީގައި އޭނާ ފަޟީޙަތްކުރެއްވުން. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އެއްދުވަހެއްގައި މިންބަރަށް އަރައިވަޑައިގެން އަޑުހަރުކޮށް ގޮވާލެއްވިއެވެ. "އެބައިމީހުންގެ ދޫތަކުން އީމާންވެ، ހިތްތަކަށް އީމާންކަން ނުވަންނަ މީހުންނޭވެ. ތިޔަބައިމީހުން މުސްލިމުންނަށް ގޯނާ ނުކުރާށެވެ. އަދި އެބައިމީހުންނަށް މަލާމާތް ނުކުރާށެވެ. އަދި އެބައިމީހުންގެ ޢައުރަތައް (ޢައިބުތައް) ހޯދަން ނޫޅޭށެވެ. މުސްލިމުންގެ ޢައިބު ހޯދަން އުޅޭ މީހެއްގެ ޢައިބު މާތް ﷲ ފާޅުކުރައްވާނެތެވެ. އެމީހަކު ގޭ ތެރޭގައި ފިލާއޮތްނަމަވެސް މާތް ﷲ އޭނާގެ ޢައިބު ފާޅުކުރައްވައި ފަޟީހަތް ކުރައްވަފާނެއެވެ.
2. ކައްވަޅުގައި ޢަޛާބު ލިބުން. އަބީބަކްރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ދެގަބުރެއްގެ ކައިރިން ހުރަސްކުރައްވާ ޙަދީޘް ކުރެއްވިއެވެ. "މިދެގަބުރަށް އެބަ ޢަޛާބު ލިބެއެވެ. އެހެންނަމަވެސް މާކަށް ބޮޑު ކަމަކު އެއް ނޫނެވެ. އޭގެތެރެއިން އެކަކީ ކުޑަކަމުދާތަކެތިން ސާފުނުވާމީހެކެވެ. އަނެކަކީ ޣީބަބުނުމުގެ ސަބަބުން ޢަޛާބު ލިބެމުންދާ މީހެކެވެ".
އަލްޚައްޠާބީ ވިދާޅުވިއެވެ. "މިޙަދީޘް ގައި އެމީހުންނަށް ޢަޛާބުލިބެނީ މާބޮޑު ކަމަކު އެއް ނޫނޭ ޙަދީޘް ކުރެއްވުމުގެ މާނައަކީ އެމީހުންނަށް އެކަމެއްެގެ ސަބަބުން ޢަޛާބުލިބެމުން އެދާ ކަމަކީ ދުރުހެލިވާން ބޭނުންވެއްޖެނަމަ، ދުރުހެލިވާކަށް އެހާ އުނދަގޫ ކަމެއް ނޫނެވެ".
3. ނަރަކައިގައި ޢަޛާބު ލިބުން. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެްވިއެވެ. ތިމަންކަލޭގެފާނައިގެން މިޢުރާޖަށް އަރައިގަޑައިގެންނެވުނު ރޭގައި މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން ގެ ނިޔަފަތިތަކުން މޫނުގައި ވަކިއަޅާތަން ދެކިލިެެއްވީމެވެ. އެެއިީ ކޮންބަޔެއްތޯ ސުވާލުދެންނެވުމުން ޖިބްރީލްގެފާނު ވިދާޅުވިއެވެ. އެބަިމީހުންނަކީ ޣީބަބުނުމުން މީސްތަކުންގެ އަބުރަށް އަރައިގަންނަމުން ދިޔަ މީހުންނެވެ.
ޣީބައިގެ ކައްފާރާ:
އެހެންވެސް ބޮޑެތިފާފަތަކެކޭވެސް އެއްފަދައިން ޣީބަބުނުން ފަދަ ކަމަކަށް އަރައިގަނެވިފައިވާ މީހާ އެކަމުން ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވާން ޖެހޭނެއެވެ. ތައުބާވެވޭނީ އަންނަނިވި ކަންތައްތައް ފުރިހަމަ ކިޮށްގެންނެވެ.
1. ތިމާއަށް ކުރެވުނު ކަންތަކާއި މެދު ހިތާމަކުރުން. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްއެއްގެ މާނާގައިވެއެވެ. "ކުރުވުނު ކުށަށް ހިތާމަ ކުރުމަކީ ތައުބާވުމެކެވެ".
2. ކުރެވުނު ކުށުން ދުރުހެލިވެ އެއްކިބައިވުން. ސަބަބަކީ ކުށަށް އަރައިގަތުން މަތީ ދެމިހުރިހާ ހިނދަކު ތައުބާނުވެވޭނެކަން.
3. އެފަދަ ކުށަކަށް ދެންދުވަހަކުވެސް އަރައިނުގަތުމަށް ހިތުގެ އަޑިން ޢަޒުމް ކަނޑަ އެޅުން.
4. މީހެއްގެ ޙައްގަކަށް އަރައިގަނެވިފައިވަނީ ނަމަ އެމީހެއްގެ ކިބައިން މާފަށް އެދުން. ރަސޫލާ ޞައްލަﷲ އަލަިއހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އެހެންމީހެއްގެ ޙައްގަކަށް ނުވަތަ އަބުރަށް އަރައިގަނެވި އަނިޔާވެރިވެވިފައިވަނީ ނަމަ ދީނާރެއް ދިރްހަމެއް ނުވާ ދުވަހު އެމީހެއްގެ ހެޔޮކަމުން ނެގި އަނެއްމީހާ އަށް ލިބުނު އަނިޔާވެރިކަމާއި ގުޅޭވަރަށް އޭނާގެ ހެޔޮކަމުން ދެވޭ ދުވަސް އައުމުގެ ކުރިން އެކަމެއް އަވަހަށް ނިންމާށެވެ. އެމީހެއްގެ ހެޔޮކަމެއްވާނަމަ އަނިޔާލިބުނު މީހާއަށް އަނިޔާ އަށްވާވަރަށް ލިބިދެވޭނެއެވެ. ހެޔޮކަމެއް ނުވާނަމަ އަނިޔާލިބުނުމީހާގެ ނުބައިމަކުން އަނިޔާއަށްވާ ވަރަށް ކެނޑި އެބައި ބޮލު އަޅަން ޖެހިދާނެއެވެ".
ސުފްޔާން ބިން ޢުޔައިނާ ވިދާޅުވިއެވެ. "ޣީބަބުނުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ޒިނޭކުރުމާއި ބަނގުރާބުއިމަށްވުރެވެސް ނުބައިކަން ބޮޑުކަމެކެވެ. އެހެނީ އެފަދަ ކަމަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން މާތް ﷲ އެމީހެއްގެ ތައުބާ ގަބޫލު ކުރައްވައެވެ. އެހެންނަމަވެސް، ޣީބަބުނާ މީހާ އޭނާގެ އަޚާ މާފް ކުރުމަށް ދާންދެން މާތް ﷲ އެމީހަކަށް މާފު ނުކުރައްވާނެ އެވެ".
ޙުޛައިފާވިދާޅުވިއެވެ. "ޣީބަބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީ އެކަމުގެ ކައްފާރާއެވެ".
މުޖާހިދް ވިދާޅުވިއެވެ. "ތިބާގެ އަޚާގެ މަސްކެއުމުގެ ކައްފާރާއަކީ އޭނާ އަށް ޘަނާކިޔާ އަދި ހެޔޮ ދުޢާ ކޮށްދިނުމެވެ".
އިބްނުލް މުބާރަކް ވިދާޅުވިއެވެ. "ޣީބަބުނުމުން ތައުބާވުމަށް ޣީބަބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދުޢާކޮށްދޭށެވެ".
ޣީބަ ބުނުން ހުއްދަވާ ޙާލަތް ތައް:
1. ގާޟީ އެއްގެ ކައިރީގައި އަނިޔާވެރި މީހެއްގެ އަނިޔާވެރިކަމުގެ ހެކިބަސް ދިނުން. ނުވަތަ އަނިޔާ ލިބުނުމީހާ އަނިޔާވެރިޔާގެ އަނިޔާވެރިކަމުގެ ވާހަކަ އެހެންމީހުން ގެ ޢިބްރަތަށް ޓަކައި ދެއްކުން.
2. މުންކަރާތެއް މަނާ ކުރުމުގެ ގޮތުން މީހެއްގެ ވާހަކަ ދެއްކުން. މީހެއްގެ ކިބައިން ނުބައިކަމެއްފެނި، އެހެންމީހެއްގެ އެހީތެރިކަންނެތި އެކަން މަނާ ނުކުރެވޭނެ ކަމަށް ވަނީ ނަމަ އެވާހަކަދެއްކުން.
3. މީހެއްގެ ނުބައިކަމުން މީހުން ރައްކާތެރި ކުރުމަށްޓަކައި އެވާހަކަ ދެއްކުން.
4. ފާޅުގައި ނުބައިކަންތައް ކުރާ މީހުންގެ ނުބައިވާހަކަ ދެއްކުން.
5. މީހެއްގެ އަިއިޑެންޓިޓީ ބަޔާންކޮށްދިނުމުގެ ގޮތުން. މިޘާލަކަށް "މުޙައްމަދު" ކިޔާ ބައިވަރު މީހުންތިބެ، ވަކި މުޙައްމަދެއް ބަޔާން ކޮށް ދިނުމުގެ ގޮތުން އެމީހެއްގެ ކިބާގައި ހުރި ފާހަގަ ކުރެވޭ ޞިފައެއްގެ ވާހަކަ ބުނުން.
ޖަވާބު ދެއްވީ:
0 comments:
Post a Comment