ޢިލްމު އުނގަންނައި ދެއްވުމަށް އިށީންދެވަޑައިގަތުން:
މާލިކުގެފާނު، އެކަލޭގެފާނުގެ ނާޅިން މިނުއްވާނެ ވަރަކަށް، ޢިލްމު މިނުއްވިއެވެ. ސުންނަތުން، އެކަލޭގެފާނު ބޭނުންފުޅުވާ މިންވަރަކަށް، ދަސްކުރެއްވިއެވެ. އެކަލޭގެފާނަށް، ކެރި ކުޅަދާނަކަން ލިބިވަޑައިގެން ވީ މިންވަރަކުން، ދީނީ ޢިލްމު އުނގެނި ވަޑައިގެންނެވިއެވެ. ވަރަށް ދިގު، އެހެނަސް. ކުރު މުއްދަތެއްގެ ތެރޭގައެވެ. އެކަލޭގެފާނުގެ ޢުމުރު ފުޅުން، ސަތާރަ އަހަރުގައި، ޢިލްމު އުނގަންނައި ދެއްވުމަށް އިށީންދެ ވަޑައިގެންނެވިކަމަށް، ބައެއް ރިވާޔަތްތަކުގައި ވެއެވެ.
އެހެންނަމަވެސް، ބޮޑަށް ބުރަވެވެނީ، އެކަލޭގެފާނު ޢިލްމު އުނގަންނައި ދެއްވުމަށްޓަކައި، އިށީންދެ ވަޑައިގެންނެވީ، އޭގެ ދެތިން އަހަރު ފަހުން ކަމުގައެވެ. މާލިކުގެފާނުގެ ޝައިޚް، (نَافِع) ގެ މަޖްލިސަށްވުރެ، މާލިކުގެފާނުގެ މަޖިލިސް، ބޮޑު ކަމުގައި ވެއެވެ. މާލިކުގެފާނު، ޢިލްމު އުނގަންނަވައިދެއްވުމަށް، އިށީންދެ ވަޑައިގެންނެވީ، އެމަޤާމަށް، އެކަލޭގެފާނު ލާއިޤު ބޭކަލެއް ކަމަށް، ހަތްދިހަ ބޭކަލުންގެ ޖަމާޢަތަކުން، ހެކި ދެއްވުމުންނެވެ. އެހަތްދިހަ ބޭކަލުންގެ ތެރޭގައި، (رَبِيْعَة إبْن أبِي عَبْد الرَّحْمن الْفَرُوخ)، އާއި (مُحَمَّد إبْن مُسْلِم الزُّهْرِيّ) ހިމެނި ވަޑައިގަންނަވައެވެ.
މާލިކުގެފާނު، ޢިލްމު އުނގަންނަވައި ދެއްވުމަށް، އިށީންދެ ވަޑައިގެންނެވީ، މަދީނާގައިވާ، ކީރިތި ރަސޫލާގެ މިސްކިތުގައެވެ. ނުވަތަ މަސްޖިދުއް ނަބަވީގައެވެ.
މިތަނުގައި، އެންމެ ޢަޖާއިބު ވާންޖެހޭ ކަމަކީ، މާލިކުގެފާނުގެ ދެޝައިޚުން ކަމުގައިވާ، (يَحْيَي إبْن سَعِيْد الْأنْصَارِيّ) އާއި، (مُحَمَّد إبْن مُسْلِم الزُّهْرِيّ)، މާލިކުގެފާނުގެ އަރިހަށް ވަޑައިގެން، ޢިލްމު އަޑުއައްސަވާ، ޢިލްމު ނަޤުލް ކުރެއްވިކަމެވެ.
މާލިކުގެފާނު، ޢިލްމު އުނގަންނައި ދެއްވުމަށްޓަކައި، އިށީންދެ ވަޑައިގަތީ، (الْفَارُوق عُمَر إبْن الْخَطَّاب) ވެސް، އިށީންދެ ވަޑައިގެންނެވި ތަނުގައެވެ. އަދި ހަމައެފަދައިން، އިތުރު ސާހިބާ، އެކަލޭގެފާނުގެ މިސްކިތުގައި، މަޖްލީސް ކުރެއްވީވެސް އެތަނުގައެވެ. މާލިކުގެފާނު، އެކަލޭގެފާނުގެ ހުރިހާ ކަމެއްގައި ވެސް، (الْفَارُوق عُمَر إبْن الْخَطَّاب) އާއި އެއްގޮތްވެ ވަޑައިގެންނެވުމަށް ވަރަށް މަސައްކަތް ކުރެއްވިއެވެ.
މާލިކުގެފާނަށް، ކުޑަ ގިފިލި ނުހިފުމުގެ އާލާސްކަންފުޅު ޖެހި ވަޑައިގަތުމާ ހަމައަށްވެސް، މަސްޖިދުއް ނަބަވީގައި، އެކަލޭގެފާނުގެ ދަރުސްތައް ދެއްވުމަށް އިންނެވިއެވެ. މިއާލާސްކަންފުޅުގެ ސަބަބުން
، މަޖްބޫރުވެ ވަޑައިގެން، އުނގަންނައި ދެއްވުން، ގެކޮޅަށް ބަދަލު ކުރެއްވިއެވެ. މާލިކުގެފާނު، ދިރި އުޅުއްވަމުން ގެންދެވީ، (عَبْدُ الله إبْن مَسْعُود) ގެ، ގެކޮޅު ކުއްޔަށް ހިއްޕަވައިގެނެވެ. އާލާސްކަން ފުޅުގެ ސަބަބުން، މިސްކިތައް ނިކުމެ ވަޑައިގެން، ފިލާވަޅުތައް ކުރިއަށް ގެންދެވުމަކީ، ވަރަށް ބުރަ ކަމަކަށް ވެވަޑައިގެންނެވިއެވެ.
މާލިކުގެފާނުގެ، މާތް އިސްލާމީ އަދަބުތަކުގެ ސަބަބުން، އެކަލޭގެފާނު އާލާސްކަންފުޅު، މީސްތަކުންނަށް ސިއްރު ކުރެއްވިއެވެ. އެކަލޭގެފާނު މީސްތަކުންނަށް، އެކަން އެންގެވީ، އެކަލޭގެފާނު ޙަޔާތްޕުޅުގެ ފަހު ކޮޅުގައެވެ. އެކަމާއި ބެހޭގޮތުން މާލިކުގެފާނު ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު، ދުވަހަކުވެސް، ތިޔަބައި މީހުންގެ ގާތުގައި، ތިމަންކަލޭގެފާނުގެ މިއާލާސްކަންފުޅުގެ، ވާހަކައެއް ނުދަންނަވަމެވެ.
ކީރިތި ރަސޫލާގެ މިސްކިތްކޮޅަށް، ވުޟޫނެތި ވަޑައިގަތުމަށް، ތިމަން ކަލޭގެފާނު ހިތްޕުޅު ހަމައެއް ނުޖެހައެވެ. އަދި ތިމަންކަލޭގެފާނުގެ މިއާލާސްކަންފުޅާއިމެދު، ކަލާނގެ ޙަޟްރަތުގައި، ޝަކުވާ ދެންނެވުމަށްވެސް، ހިތެއް ނުރުހެއެވެ."
މާތް ﷲ، ސުބްޙާނަހޫ ވަތަޢާލާ، މާލިކުގެފާނަށް، މަދީނާގައި، ޤާއިމް ވަޑައިގެން ހުންނެވުމުގެ ތައުފީޤް ދެއްވިއެވެ. ހަމައެފަދައިން، މާތް ޤަބުރުފުޅުގެ އަރިހުގައި، ދަރުސްތައް ދެއްވުމުގެ ތައުފީޤް ދެއްވިއެވެ.
ވީމާ، މާލިކުގެފާނަށް، މުސްލިމުންގެ ވަފުދުތައް، ޙައްޖުގެ ފަރްޟުތައް އަދާކުރުމަށް ފަހުގައްޔާއި، ކީރިތި ރަސޫލާގެ މާތް ޤަބުރުފުޅަށް ޒިޔާރަތްކޮށް ނިމުމުން، އެމީހުންނާއި ބައްދަލު ކުރައްވައި، ވަރަށް ފުޅާ ދާއިރާއެއްގައި، އެމީހުންނަށް ދީން އުނގަންނަވައި ދެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.
މާލިކުގެފާނު، އެމީހުންގެ މައްސަލަތައް، އޮޅުން ފިލުއްވުމަށްފަހު، އެމީހުންނަށް ދިމާވެފައިވާ މައްސަލަތަކާއިމެދު، ދީނުގެ ޙުކުމްތައް ނެރެދެއްވިއެވެ. މީހަކު، މަސްއަލައަކާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ، އެކަލޭގެފާނަށް އެސުވާާލުގެ ޖަވާބު އެނގިވަޑައި ނުގަންނަވާނަމަ، ޖަވާބު އެނގި ވަޑައިނުގަންނަވާކަމަށް، ވިދާޅުވެއެވެ.
އެއްދުވަހަކު، މީހަކު މަސްއަލަކާއި ބެހޭގޮތުން އޮޅުން ފިލުވަން ދިޔައެވެ. މާލިކުގެފާނު އޭނާއަށް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަކަށް، ތިސުވާލުގެ ޖަވާބެއް، އެނގި ވަޑައި ނުގަންނަވައެވެ." އެހިނދު، އެމީހާ، ޢަޖާއިބުވެގެން ދެންނެވިއެވެ. "ކަލޭގެފާނު، ތިޔަ ވިދާޅުވަނީ، ކަލޭގެފާނަށް ހަމަ އެނގިވަޑައި ނުގަންނަވާ ކަމަށްތޯއެވެ؟" މާލިކުގެފާނު ވިދާޅުވިއެވެ. "އާނއެކެވެ. ހަމަ ތެދެކެވެ.
ތިމަންކަލޭގެފާނަކަށް، އެނގި ވަޑައިނުގަންވައެވެ."
(الْهَيْثَم إبْن جَمِيْل) ވިދާޅުވެފައިވެއެވެ. "މާލިކުގެފާނާ 80 މަސްއަލައާއި ބެހޭގޮތުން ސުވާލުވެވެނިކޮށް، ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެއިގެ ތެރެއިން، 32 މަސްއަލައަށް ޖަވާބު ދެއްވީ، "ތިމަންކަލޭގެފާނަކަށް، އެނގި ވަޑައިނުގަންނަވަމެވެ." މިހެންނެވެ."
(خَالِد إبْن خَدَّاش) ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު، މާލިކުގެފާނުގެ އަރިހަށް، 40 މަސްއަލައާއި ގެން ވަޑައިގަތީމެވެ. އެކަލޭގެފާނު، 5 މަސްއަލަ ނޫން، އެހެން މަސްއަލާ ބެހޭގޮތުން ޖަވާބެއް ނުދެއްވައެވެ."
މާލިކުގެފާނު، އިޖްމާއުގައިވެސް ހިއްޕަވައެވެ. އިޖްމާޢަކީ، ފިޤްހުވެރިންނާއި، ޢިލްމުވެރިން، އެއްބަސްވެ ވަޑައިގަންނަވާ ގޮތެވެ. ހަމަ އެފަދައިން، މަދީނާގެ އަހުލުވެރިންގެ ޢަމަލުތައް، ދަލީލެއް ކަމުގައި ހިއްޕަވައެވެ.
އެކަމުގެ ސަބަބަކީ، މަދީނާގެ އަހްލުވެރިން، (أصْحَاب الْأوَائِل) ނުވަތަ، ފުރަތަމަ ޖީލުގެ ޞަޙާބީންނަށް ތަބަޢަވެ ވަޑައިގެންނެވި ކަމެވެ. މަދީނާއަކީ، ކީރިތި ރަސޫލާގެ، ހިޖުރައިގެ ޖަގަހައެވެ. ކީރިތި ޤުރުއާނުގެ ބޮޑު ބައެއް، ބާއްވައިލެއްވުނީ، މަދީނާގައެވެ.
މާލިކުގެފާނު ޢިލްމުވެރިންނަށް، ޙާކިމުންގެ ދަރުބާރުތަކަށް ވަނުމަށް ގޮވައިލެއްވިއެވެ. އެކަމުގެ ބޭނުމަކީ، ވެރިންނަށް ހެޔޮކަންތައްތަކަށް ގޮވައިލުމެވެ. މާލިކުގެފާނު ވިދާޅުވެފައި ވެއެވެ. "ހަމަކަށަވަރުން، ޢިލްމުވެރީން، ވެރިންގެ އަރިހަށް ވަޑައިގަންނަވާންވީ އެހެން ވެގެންނެވެ."
މާލިކުގެފާނު، (هَارُوْنُ الرَّشِيْد) ގެ ދަރުބާރަށް، ވެދެވަޑައިގަންނަވައި، (هَارُوْنُ الرَّشِيْد)އަށް، ނަޞޭޙާތްދެއްވިއެވެ. ތަޑުމަޑު ކަމުގެ ދުވަސްވަރު، (عُمَر إبْن الْخَطَّاب) ކާތަކެތި ތައްޔާރު ކުރެއްވުމަށްޓަކައި، އަލިފާނަށް ފުމެލެއްވެވިކަން ހަނދާންކޮށްދެއްވި އެވެ. އެއަށްފަހު، (هَارُوْنُ الرَّشِيْد)ށް ވިދާޅުވިއެވެ. "ހަމަކަށަވަރުން، މިކަމާނުލައިވެސް، މާތްﷲ ތިޔަބައިމީހުންނަށް ރުއްސެވިއެވެ."
އެއްފަހަރަކު، ގަވަރުނަރަކަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިއެވެ. "ކަލޭގެ ރައްޔިތުންގެ ޙާލު ބަލާށެވެ. ކަލޭމެން ވަނީ އެމީހުންގެ މައްޗަށް މަސްއޫލުވެގެންނެވެ. ހަމަކަށަވަރުން ޢުމަރުގެފާނު ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނުގެ ނަފްސު އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ދަށުގައިވާ ރަސްކަލާނގެ ގަނދީ ބުނަމެވެ. ފުރާތު ކޯރުގެ އައްސޭރީގައި، ޖަމަލެއް މަގު ގެއްލިގެން މަރުވެއްޖެނަމަ، ޤިޔާމަތްދުވަހުން، މާތްﷲ އެކަމާ ބެހޭގޮތުން ތިމަން ކަލޭގެފާނާއި ސުވާލު ކުރައްވާނެ ކަމަށް، ތިމަންކަލޭގެފާނު ހީކުރައްވަމެވެ.""
މާލިކުގެފާނަށް، އުނދަގޫ ފުޅުތައް، ދިމާވާން ފެށީ، ޢައްބަސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިވާ، (أبُوْ جَعْفَرُ الْمَنْصُوريِّ)ގެ ވެރިކަމުގައެވެ. (أبُوْ جَعْفَرُ الْمَنْصُوريِّ)ގެ ވެރިކަމުގައި، މާލިކުގެފާނުގެ ގައިކޮޅުގައި ތަޅައި އަނިޔާކޮށް، އެކަލޭގެފާނާއި މެދު ވަރަށް އިހާނަތްތެރިކޮށް ހިތެވުނެވެ. މިކަމުގެ ސަބަބާއިމެދު، ތަފާތު ގޮތްގޮތަށް ރިވާވެގެން އައިސްފައިވެއެވެ.
ބައެއް ބޭކަލުން މިކަމާއިމެދު ވިދާޅުވެފައިވަނީ، މާލިކުގެފާނު، ކީރިތި ރަސޫލާގެ ޙަދީޘެއް، މީސްތަކުންނަށް ވިދާޅުވެ ދެއްވުމެވެ. އެ ޙަދީޘަކީ، (لَيْسَ عَلَى مُسْتَكْرهٍ طَلاَق) މިޙަދީޘްއެވެ. (أبُوْ جَعْفَرُ الْمَنْصُوريِّ) އެ ޙަދީޘް އާއި ބެހޭގޮތުން އެއްވެސް ޢިލްމުވެރިއަކު، ވާހަކަ ދައްކަވާކަށް ބޭނުން ފުޅެއް ނުވެއެވެ.
އަނެއްބައި ބޭކަލުން ވިދާޅުވަނީ، އެކަމުގެ ސަބަބަކީ، ބައެއް މީހުން، މާލިކުގެފާނުގެ އަރިހުގައި، ޢައްބާސީންނާއި ދެކޮޅަށް، (مُحَمَّد إبْن عَبْد الله إبْن الْحَسَن) އާއި އެކު ނުކުތުމާއި ބެހޭގޮތުން ފަތުވާ އެހުމެވެ. (އޭރު، އެމީހުންވަނީ (أبُوْ جَعْفَرُ الْمَنْصُوريِّ) އަށް ބައިޢަތު ހިފާފައެވެ.)
މާލިކުގެފާނު އެމީހުންނަށް ވިދާޅުވިއެވެ. "ތިޔަބައިމީހުން، ބައިޢަތު ހިފައިފައި ވަނީ މަޖުބޫރު ވެގެންނެވެ. މަޖްބޫރު ވެފައިވާ މީހަކަށް، ހުވައެއް ނުއޮންނާނެއެވެ." ދެން އެމީހުން، (مُحَمَّد إبْن عَبْد الله إبْن الْحَسَن) އަށް ނަޞްރު ދިނުމަށް ނުކުތެވެ. އަދި ބައެއް މީހުން، އެޚަބަރާއިގެން، (أبُوْ جَعْفَرُ الْمَنْصُوريِّ)ގެ އަރިހަށް ގޮސް، މާލިކުގެފާނު އެހެން ވިދާޅުވި ވާހަކަވެސް، (أبُوْ جَعْفَرُ الْمَنْصُوريِّ) އަށް ދެންނެވިއެވެ.
އެމީހުން ދެންނެވިއެވެ. "މާލިކުގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މަނިކުފާނަށް ހިފެވުނު ބައިޢަތަކީ، އެއްވެސް އެއްޗެއް ނޫނެވެ." މިވާހަކަތައް އަޑުއިވި ވަޑައިގަތުމުން، (أبُوْ جَعْفَرُ الْمَنْصُوريِّ) ވަރަށް ކޯފާވެ، މާލިކުގެފާނު ބަލައި ފޮނުއްވައިގެން ގެންނަވައި، ވަރަށް އަނިޔާ ކުރެއްވިއެވެ. އެއީ، ހިޖުރައިން 147 ވަނަ އަހަރު އެވެ.
އަނެއް ރިވާޔަތަކީ، މާލިކުގެފާނު، މުޠްޢާގެ ކައިވެނި ޙަރާމް ކަމުގައި ވިދާޅުވުމުން، އެކަލޭގެފާނަށް އަނިޔާ ކުރެއްވުނީ ކަމުގައެވެ. އެހެނީ، (إبْن عَبَّاس) ވަނީ، މުޠްޢާގެ ކައިވެނި ހުއްދަ ކުރައްވައިފައި އެވެ. ޢައްބާސީ ދައުލަތް، ނިސްބަތްވަނީ، (إبْن عَبَّاس)އަށެވެ. މިކަމުގެ ސަބަބުން، ޢައްބާސީން، މާލިކުގެފާނު ދެކެ ރުޅި އައީ އެވެ.
މި އަނިޔާތަކުގެ ސަބަބެއް ކަމުގައި، މާލިކުގެފާނު، (عَلِيْ رَضِيَ الله عَنْه)އަށްވުރެ، (عُثْمَان رَضِيَ الله عَنْه) އިސްކުރެއްވުން، ހިމެނޭ ކަމަށް ބައެއް ރިވާޔަތްތަކުގައި ވެއެވެ. ނަމަވެސް، މިރިވާޔަތްތަކުގެ ތެރެއިން، އެންމެ މަޝްހޫރުވެފައި ވަނީ، އެންމެ ފުރަތަމަ ދަންނަވާފައިވާ ދެ ޙާދިޘާއެވެ.
ކުރީގައި ބަޔާން ކުރެވުނު ކަންތައްތަކަކީ، މާލިކުގެފާނަށް އެންމެ ފުރަތަމަ ދިމާވި ހުރިހާ އުނދަގޫފުޅުތަކާއި، މުޞީބާތްތަކެއް ދިމާވުމަށް މެދުވެރިވި ކަންތައްތަކެވެ.
އެއަށްފަހު، މާލިކުގެފާނަށް، ރޯދި ބަރަކާތް ލިބިގެން ދިޔައެވެ. މީސްތަކުންގެ މެދުގައި، މާލިކުގެފާނުގެ ޢިއްޒަތާއި ޤަދަރު އުފުލިގެން ދެއެވެ. (أبُوْ جَعْفَرُ الْمَنْصُوريِّ)، މާލިކުގެފާނާއިމެދު ރުހި، އެކަލޭގެފާނުގެ ޤަދަރު، (أبُوْ جَعْفَرُ الْمَنْصُوريِّ)ގެ އަރިހުގައި އުފުލިގެން ދިޔައެވެ. އަދި ޙައްޖު މޫސުމުގައި، މާލިކުގެފާނާއި، (أبُو ذِئْب)އާއި، ދެބޭކަލުން ނޫން މީހަކު ފަތުވާ ދިނުން ވެސް މަނާ ކުރެއްވިއެވެ.
މާލިކުގެފާނުގެ ދަރިވަރުން:
މާލިކުގެފާނުގެ ޙަޔާތްޕުޅުގައި، ފިޔަ ޖަހާލި ގިނަ އިމާމުންނަކީ، އެކަލޭގެފާނުގެ ދަރިވަރުންނެވެ. އިސްލާމީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް، މާލިކުގެފާނުގެ ދަރިވަރުން ތިއްބެވިއެވެ. ތާބިޢީ ބޭކަލުންގެ ތެރެއިން، މާލިކުގެފާނުގެ އަރިހުން ދަރިވަރުވެ ވަޑައިގަތީ، (الزُّهْرِيِّ), (أبُو الْأسْوَد), (رَبِيْعَة إبْن أبِيْ عَبْد الرَّحْمن), (عِيْسَي إبْن سَعِيْد الْأنْصَارِيِّ), (مُوسَي إبْن عَقَبة), (حَامّ إبْن عروَة), މިބޭކަލުންނެވެ.
ތާބިޢީ ބޭކަލުން ނޫން ދަރިވަރުންނަކީ، (نَافِع إبْن نَعِيْم), (مُحَمَّد إبْن عَجْلاَن), (سَالِم إِبْن أبِيْ اُمَيَّة), (أبُو نَصْر, مَولَي عَبْد الله إبْن عُمَر), އަދި މިނޫންވެސް އެތައް ދަރިވަރުންނެކެވެ.
މާލިކުގެފާނުގެ ދުވަސްވަރުގައި ތިއްބެވި ޢިލްމުވެރިންނަކީ، (سُفْيَان الثَّورِيّ), (اللَّيْث إبْن سَعْد), (حَمَّاد إبْن سَلْمة), (حَمَّاد إبْن زَيْد), (سُفْيَان إبْن عييْنَة), (أبُو حَنِيْفَة), (الْقَاضِيْ أبُو يُوْسُف), (شُرَيْك), (إبْن لَحِيئَة), (إسْمَاعِيْل إبْن أبِيْ كَثِيْر)، މިނޫންވެސް އެތައް ޢިލްމުވެރިންނެވެ.
ކުރިން މިދެންނެވި ދަރިވަރުންގެ އިތުރުން، (عَبْد الله إبْن وَهَب), (عَبْد الرَّحْمن إبْن قَاسِم), (أشْهَب إبْن عَبْد الْعَزِيْز), (أسَد إبْن فُرَات), (عَبْد الْمَلِك إبْن الْمَاهِشُون), (عَبْد الله إبْن الْحَكَم) އަކީ ވެސް، މާލިކުގެފާނުގެ ދަރިވަރުންނެވެ.
(الْإمَام النَّوَوِيّ), އިމާމް މާލިކުގެފާނުގެ އަރިހުން، ޢިލްމު ހޯއްދެވި، ވަރަށް ގިނަ ޢިލްމުވެރިންގެ ނަންފުޅުތައް ބަޔާން ކުރައްވާފައިވެއެވެ. އަދި، (الْإمَام النَّوَوِيّ) ވިދާޅުވެއެވެ. "މިނޫންވެސް އެތައް ބަޔެކެވެ."
(أبُو حَنِيْفَة)ގެ މަޝްހޫރު ދަރިވަރު، (مُحَمَّد إبْن الْحَسَن الشَّيْبَانِيّ) ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު، މާލިކުގެފާނުގެ ދޮރު ކައިރީ، ތިން އަހަރު ވަންދެން ހުރީމެވެ. ތިމަންކަލޭގެފާނު، ހަތްސަތޭކަ އެތައް ޙަދީޘެއް، ލަފްޡާއެކު، މާލިކުގެފާނުގެ އަރިހުން އަޑު އެއްސެވީމެވެ."
(ނުނިމޭ )
0 comments:
Post a Comment