Saturday, September 10, 2011

މާމުއިން ފަރުވާ ހޯއްދަވާ!


   އަޅުގަނޑުމެން އެންމެންވެސް، މާމުއިގެ ފައިދާއާއި، އޭގައި މާތްﷲ ލައްވާފައިވާ ބަލިތައް ފަސޭހަވާނޭ، ގަދަފަދަ ޢަޖާއިބު ކުރަނިވި ބާރާއި ބެހޭގޮތުން އަޑުއަހާ ކިޔާ ހަދާފައިވާނޭކަން ކަށަވަރެވެ. ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން، މަދު މީހަކު ނޫނީ، އޭނާގެ ބައްޔަށްކުރާ ހުރިހާ ފަރުވާއެއް، މާމުއިން ކުރާކަށް ނުވިސްނައެވެ. ސަބަބަކީ، ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކާއި ޚިލާފަށް، މާމުޔަށް ލިބިފައިވާ ޢަޖާއިބު ކުރަވަނިވި ޝިފާގެ ބާރާ ބެހޭގޮތުން، ޢިލްމުވެރިން ހޯއްދަވާފައިވާ ހޯއްދެވުންތައް، އަޅުގަނޑުމެނަށް އެނގިފައި ނުވާތީއެވެ.


   އެހެންކަމުން، މިމައުޟޫޢުގެ ދަށުން، އަޅުގަނޑު ތިޔަ ބޭފުޅުންނަށް މިހުށަހަޅާލަނީ، މާމުއިން ފަރުވާ ހޯދުމާއި ބެހޭގޮތުން، ޢިލްމުވެރިން ހޯއްދަވާފައިވާ، އެންމެފަހުގެ ހޯއްދެވުންތަކުން، ބައެއް މަޢުލޫމާތެވެ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަބޭފުޅުންނަށް ދޭ ނަޞޭޙަތަކީ، ކިތަންމެ މަދު މިންވަރެއް ނަމަވެސް، ގޭގައި ކޮންމެވެސް ވަރަކަށް މާމުއި އަބަދުވެސް ބެހެއްޓުމެވެ.

 ބޭނުން ކުރެއްވުމެވެ. ސަބަބަކީ، މިތަނުގައި، އަޅުގަނޑު ހުށައަޅައި ފައިދާ ތަކުގެ ބޮޑުކަމުންނެވެ. އެކަމަކު، މިތާ ހަނދާން ކޮށްލަންޖެހޭ އެއްކަމަކީ، މިޞްރުގެ ޤަދީމީ މީހުން، މީގެ ފަސްހާސް އަހަރު ކުރިއްސުރެ، ފާރު ފަސޭހަކުރުމަށް، މާމުއި ބޭނުންކޮށްފައި ވާކަމެވެ. އަދި އެމީހުންނަށް، އޭގައިވާ ޚާއްޞަ ފަރުވާގެ ބައެއް އެނގިފައިވާ ކަމެވެ.
   އިސްލާމް ދީން އައުމާއި އެކު، މާމުއިގެ މުހިއްމުކަން ބަޔާން ކޮށްދިނެވެ. ކީރިތި ޤުރުއާނުގައި، [ޝިފާ] މިބަސް ވާރިދުވެފައިވާ ހަތަރު ފަހަރުގެ ތެރެއިން، ތިން ފަހަރު މިބަސް ބޭނުން ކުރައްވާފައިވަނީ، [ޤުރުއާން] މި ބަހާއިއެކުއެވެ. އަނެއްފަހަރު ބޭނުން ކުރައްވާފައިވަނީ
، 
[އަލްޢަސަލު] ނުވަތަ [މާމުއި] މިބަހާއިއެކުއެވެ. އެހެންކަމުން މާމުއިގެ މުހިއްމުކަން، މިކަމުންވެސް އެނގެއެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.
(وَأوْحَى رَبُّكَ إلَى النَّحْلِ أَنِ اتَّخِذِيْ مِنَ الْجِبَالِ بُيُوْتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُوْنَ) (النَّحل: 68)
"އަދި އެކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެ، ކުޅަނދުރަށް އިލްހާމް ދެއްވާ އެންގެވިއެވެ. ފަރުބަދަތަކުންނާއި، ގަސްގަހާ ގެހިންނާއި، މީސްތަކުން ހަދައިދޭ ބިނާތަކުން ތަންތަން، އެއީ ގެތައްކަމުގައި ބަލައި، ހަތާ ހަދައި އުޅޭށެވެ."
   މީހަކު ބުނެފާނެ، ކީރިތި ޤުރުއާން ބާއްވައިލެއްވުމުގެ ކުރިންވެސް، ޤަދީމީ ޒަމާނުގެ މީހުންނަށް، މާމުއިގެ މުހިއްމުކަން އެނގިފައިވާއިރު، މިކަމުގައި ކީރިތި ޤުރުއާން މުޢުޖިޒާތަކަށްވީ ކޮންގޮތަކުން ހެއްޔެވެ؟ މީގެ ޖަވާބުގައި ބުނަން އޮތީ، ކީރިތި ޤުރުއާން ހުރިހާ ރަނގަޅު ކަންތައްތަކެއްގެ ތެދުކަން ކަށަވަރު ކޮށްދިނެވެ. އަދި ހުރިހާ ރަނގަޅު ނޫން ކަންތައްތައް ދުރުކޮށް، އެކަން ރަނގަޅު ކޮށްދިނެވެ.

 އެހެން ކަމުން، މިކަންތައްތަކަކީ، އޭގެ ޛާތުގައި މުޢުޖިޒާތެކެވެ. މިކަމުގެ ދަލީލަކީ، ޢިލްމީ ގޮތުން އެއީ ދޮގެއްކަން ޘާބިތުވާ އެންމެ އާޔަތެއްވެސް، ކީރިތި ޤުރުއާނުގައި ވާރިދުވެފައި ނުވުމެވެ. ހަމަ އެގޮތަށް، ކީރިތި ޤުރުއާން ބާއްވާލެއްވުނު ޒަމާނަކީ، އެތައް ގިނަ ޚުރާފާތްތަކެއް ފެތުރިފައި އޮތް ޒަމާނެއް ކަމުގައި ވީއިރު، ކީރިތި ޤުރުއާނަކީ، އިންސާނަކު އެކުލަވާލި އެއްޗެއް ނަމަ، ޤުރުއާން އެޒަމާނުގެ ޚުރާފާތްތަކާއި މަސްހުނިވީސްކަން ކަށަވަރެވެ. އެކަމަކު، އަހަރެމެންނަށް އަބަދުވެސް ފެނިގެންދަނީ، ކީރިތި ޤުރުއާނުގައި ޙައްޤު ބަސްނޫނީ އައިސްފައި ނުވާކަމެވެ. އެހެންކަމުން، މިއީ، ކީރިތި ޤުރުއާނަކީ، މާތްﷲ ގެ ޙަޟްރަތުން އައިސްފައިވާ ޙައްޤު ބަސްފުޅު ތަކެއްކަމުގެ ދަލީލެކެވެ
.
   ދެން މިބަލާލަނީ، މާތްﷲ އަޅުގަނޑުމެންނަށްޓަކައި ލައްވާފައިވާ މި މާއްދާއާ ބެހޭގޮތުން ހޯދިފައިވާ އާ ހޯދުން ތަކަށެވެ.
   ޑޮކްޓަރ މޮލާންގެ ހޯއްދެވުންތަކުން އެނގިވަޑައި ގެންނެވި ގޮތުގައި، ހުރިހާ ވައްތަރެއްގެ މާމުއިގައިވެސް، ޖަރާސީމު ނައްތާލާ ވަރަށް ބާރުގަދަ މާއްދާއެއް އެކުލެވިގެންވެއެވެ. އޭނާ ބުނާ ގޮތުގައި، މާމުއި ފަދައިން ޖަރާސީމު ނައްތާލާ އެހެން އެއްވެއް މިދުނިޔެއަކުން ނުފެންނާނެއެވެ.

 އެހެނީ، އެހެން ކުޅަނދުރުގައި ހުންނަ ޚާއްޞަ އެންޒައިމެއް ބޭނުންކޮށްގެން، އޭތި، ހައިޑްރޯޖެން ޕަރއޮކްސައިޑް ބޭރުކުރެއެވެ. މިމާއްދާއަކީ، ޖަރާސީމު ނައްތާލުމަށް މަޝްހޫރު މާއްދާއެކެވެ.
   އޭނާ، ވިހި އަހަރު ވަންދެން ރިސާޗްކުރުމަށްފަހު، ޘާބިތު ކޮށްދިން ގޮތުގައި، ބަނޑުހަރުވެ ބޮޑުކަމުދާން އުނދަގޫވާ ބައްޔަށް ފަރުވާކުރުމަށް، މާމުޔަށް ވަރަށް ގަދަ ބާރެއް ލިބިފައިވެއެވެ. އެއީ އެއްވެސް އިތުރު އަޘަރެއް ކުރުމަކާ ނުލައެވެ. ނުވަތަ ސައިޑް އިފެކްޓެއް ނުހުންނާނެއެވެ. އަދިވެސް ބުނާނީ، އަހަރެން ފަރުވާދޭ ދަބަހުގައި ގެންދާ ފަރުވާދޭ ތަކެއްޗަކީ، ބެންޑޭޖާއި މާމުއި އެކަންޏެވެ. 

ޑޮކްޓަރ މޮލާން، އެހެން އެއްވެސް އެއްޗެއް ބޭނުންނުކޮށް، ހަމައެކަނި މާމުއި ބޭނުންކޮށްގެން، ވަރަށް ގިނަ ބަލިތަކަށް ފަރުވާދެއެވެ. އޭނާ ބުނެއެވެ. "ފިހުމާއި ދޮސްގަތުމަށް ފަރުވާ ކުރުމުގައި، ޢަޖާއިބު ކުރަނިވި އަޘަރެއް
، މާމުޔަށް ލިބިފައިވެއެވެ. ފިހޭ ތަންތާނގައި، މާމުއި އެޅުމުން، ހަނގަނޑު ރަނގަޅުވެ، ގެއްލުމެއް ލިބިދާފަދަ ހުރިހާ ބެކްޓީރިޔާތައް މަރާލައެވެ. މީގެ އިތުރުން، ފިހުމުގެ އަޘަރުވެސް ފޮހެލައެވެ.

 އެހެންކަމުން، މާމުއިން ފަރުވާކުރުމުން، ފިހުނު ގުނަވަން ފަސޭހަވާއިރު، އެގުނަވަނުގައި ފިހުމުގެ އެއްވެސް އަޘަރެއް ނުހުންނާނެއެވެ. ލަކުނުވެސް ނުހުންނާނެއެވެ."
   ވަރަށް ގިނަ ޓެސްޓު ތަކެއް ހެދުމަށްފަހު، ޑޮކްޓަރ ގްލެނީސް ރައުންޑަށް، (ކެންސަރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް)، މާމުއިން ފެނިވަޑައިގަތީ، ވަރަށް ޢަޖާއިބު ކުރަވަނިވި ކަމެކެވެ. އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި، މާމުއިން، ކެންސަރު ބަލީގެ ފަރުވާއަށް، ވަރަށް ޢަޖާއިބު ކުރަވަނިވި އަޘަރެއް ކުރެއެވެ.
 އަދި ބުނަނީ، "ހަމުގެ ކެންސަރު ރަނގަޅު ކުރުމަށް، އަހަރެމެން މާމުއި ބޭނުން ކުރަމެވެ. މާމުއި ބޭނުންކޮށްގެން، ހަމުގެ ކެންސަރަށް ފަރުވާކުރުމުން، މޮޅެތި އެހެން ބޭސްތަކުން، ފަސޭހަ ނުކުރެވޭ ކަންތައްތައްވެސް، ފަސޭހަ ކުރެވެއެވެ."
   ހަމަ މިގޮތަށް، ވަރަށް ގިނަ ބޭސްތައް ބޭނުން ކޮށްގެންވެސް، ފަރުވާ ކުރުމަށް ނުކުޅެދިފައިވާ [އަލްސަރ] ނުވަތަ ފޮޅު ކަނޑައިގެން ގޮސްގެން އުފެދޭ ފާރުގަނޑު ފަދަ ތަންތަން، މާމުއި ބޭނުންކޮށްގެން ފަސޭހަ ކުރެވެއެވެ. އަދި ޔަޤީން ކުރެވިފައިވާ އެއްކަމަކީ، މާމުއިން ފަރުވާ ހޯދި ހުރިހާ އެންމެންނަށްވެސް، ފަރުވާ ހޯދި ދުވަސްވަރު، އެއްވެސް ކަހަލަ ތަދެއް، އިތުރު އުނދަގުލެއް އިޙްސާސްކުރަން ޖެހިފައި ނުވާކަމާއި، އެދުވަސްވަރަކީ ބާއްޖަވަރެ ދުވަސްތަކެއްގެ ގޮތުގައި ހޭދަކޮށްފައި ވާކަމެވެ.
   އެމެރިކާގެ ބައެއް ރިސާޗަރުން، ޙައިރާންކުރުވި ބައެއް ވައްތަރުގެ ޖަރާސީމަށް، އެއްވެސް ފަރުވާއެއް ނުހޯދުނެވެ. ނަމަވެސް، އެމީހުން، މިހާރު މަސައްކަތް ކުރަމުން ގެންދަނީ، މާމުއިން އެންޓިބަޔޮޓިކެއް ހޯދުމަށެވެ. ސަބަބަކީ، އެމީހުން ޔަޤީންކުރާ ގޮތުގައި، މާމުޔަކީ އެންމެ މޮޅު އެންޓިބަޔޮޓިކެވެ.
   ހަމަ މިގޮތަށް، ތަޖުރިބާކާރުން ޔަޤީންކޮށްދޭ ގޮތުގައި، ފާރު ފަސޭހަ ކުރުމަށް، އަހަރަކު 6 ބިލިޔަން ޑޮލަރު ޚަރަދު ކުރެވެއެވެ. ނަމަވެސް، ބޭސްފަރުވާ ކުރުމުގައި މާމުއި ބޭނުންކުރެވިއްޖެނަމަ، މިފައިސާގެ ވަރަށް ބޮޑު ބައެއް ސަލާމަތް ކުރެވިދާނެއެވެ. އެހެން ކަމުން، މާމުޔަކީ ފައިސާ އިޤްތިޞާދު ކޮށްދޭ ވަޞީލަތެކެވެ.
   ބައެއް ރިސާޗަރުންނަށް ފެނުނު ގޮތުގައި، މައިދާގައި އުފެދޭ، އަލްސަރއާއި، ހަންޖަރާގައި އުފެދޭ އިންފެކްޝަން ފަސޭހަކުރުމަށް، މާމުޔަށް ވަރަށް ގަދަ ބާރެއް ލިބިފައިވެއެވެ. އެބައިމީހުންނަށް ފެނުނު ގޮތުގައި، ޖަރާސީމު ނައްތާލިޔަ ނުދިނުމަށްޓަކައި، ވަރަށް ޚާއްޞަ ގޮތަކަށް ޖަރާސީމުތައް އެތުރި، ޖަމާވެއެވެ. ނަމަވެސް، ޢިލްމީ ބަޙުޘްތަކުން ދައްކާދީފައިވަނީ، މާމުއި ބޭނުން ކުރުމުން، މި ޖަމާވުން ނައްތާލާ، ޖަރާސީމުތައް ބައިބައިކޮށްލާ، ބަލިކޮށްލާ ކަމެވެ.
   އަދި މިކަމުގެ ސަބަބުން، އެޖަރާސީމު ނައްތާލުމަށް، ހަށިގަނޑަށް އެހީތެރިވެދޭ ކަމެވެ. އަދި ވަރަށް ފަހުން، ޢިލްމުވެރިންނަށް ހޯދުނު ގޮތުގައި، މާމުއިގައި އޮކްސިޑޭޝަން މަނާކުރާ މާއްދާއެއް އެކުލެވިގެން ވެއެވެ. މިކަމުގެ ސަބަބުން މާމުޔަކީ، ކޮލޮސްޓޮރޯލަށް ފަރުވާކުރުމަށް ފައިދާ ހުރި އެއްޗެއް ކަމުގަވެއެވެ.

 އެހެން ކަމުން، ޢިލްމުވެރިން ޢަޖާއިބު ވަނީ، ފަސޭހަ ކުރަން އުނދަގޫ އެތައް ބައްޔަކަށް ފަރުވާކުރުމަށް، މާމުއިގައި ފޮރިވިފައިވާ ގަދަފަދަ ބާރުގެ ސަބަބުންނެވެ. އަދި އެބައިމީހުން ސުވާލު ކުރަމުންދަނީ، ޝިފާ މިލިބެނީ ކިހިނެއްތޯއެވެ؟ ކުއްލިއަކަށް ކެންސަރު ފަސޭހަ ކުރުމަށް، އަހަރެމެންގެ ހަށިގަނޑުގެ ސެލްތަކުގެ ތެރޭގައި، މާމުއި ކުރާ ކަމަކީ ކޮބައިބާވައެވެ؟ އަދި ހަށިގަނޑުގައިވާ ވަރަށް ގިނަ ބެކްޓީރިޔާތަކުގެ އުފެދު ބޮޑުވުން ހުއްޓުވާލައެވެ. އަދި ހަށިގަނޑުގެ ދިފާޢީ ނިޡާމު ވަރުގަދަކޮށް، ހީވާގި ކުރުވައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދޭނޭ އެކަކުވެސް ނުވެއެވެ.
   ނަމަވެސް، ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާލުމުން، ޚާއްޞަކޮށް ސޫރަތުއް ނަޙްލުގެ 68 އާއި 69ވަނަ އާޔަތަށް ވިސްނާލުމުން، އަޅުގަނޑުމެންނަށް ފެނިގެންދަނީ، މާތްﷲ މާމުޔަށް ޝިފާ ދެނިވި ގަދަފަދަ ބާރެއް ދެއްވާފައި ވާކަމެވެ. އެއީ، އެޔާތުގައިވާ، (وَأوحَي)، މިކަލިމަ އައިސްފައި އޮތުމެވެ. ކުޅަނދުރަށް، މާތްﷲ ވަޙީ ބަސްފުޅުން އަންގަވާފައި ވާތީއެވެ.  އެހެން ކަމުން، ކެއުމުގައި ނުވަތަ ބޭސްފަރުވާ ކުރުމުގައިވެސް މާމުއި ބޭނުން ކުރާނަމަ، މިއާޔަތް ކިޔެވުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ
،
(وَأوْحَى رَبُّكَ إلَى النَّحْلِ أَنِ اتَّخِذِيْ مِنَ الْجِبَالِ بُيُوْتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُوْنَ) (النَّحل: 68)
"އަދި އެކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެ، ކުޅަނދުރަށް އިލްހާމް ދެއްވާ އެންގެވިއެވެ. ފަރުބަދަތަކުންނާއި، ގަސްގަހާ ގެހިންނާއި، މީސްތަކުން ހަދައިދޭ ބިނާތަކުން ތަންތަން، އެއީ ގެތައްކަމުގައި ބަލައި، ހަތާ ހަދައި އުޅޭށެވެ."

(ثُمَّ كُلِيْ مِن كُلِّ الثَّمَراتِ فَاسْلُكِيْ سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِنْ بُطُوْنِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيْهِ شِفَآءٌ لِّلنَّاسِ إنَّ فِيْ ذَالِكَ لَأيَةً لِّقَوْمٍ يَتَفَكَّرُوْنَ) (النَّحْل: 69)
"ދެން އެއަށްފަހު، އެންމެހާ މޭވާތަކުން ކައިބޮއެ އުޅޭށެވެ! ފަހެ (ތިބާ ކުޅަނދުރު) ހައްދަވާ ބޮޑުކުރެއްވި ކަލާނގެ ދައްކަވާ ފަސޭހަ ކޮށްދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އޭގެ ބަނޑުތަކުގެ ތެރެއިން، ކުލަތައް ތަފާތުވެގެންވާ ބުއިމެއް ނުކުމެގެން އާދެއެވެ. މީސްތަކުންނަށް ބަލިބަލިން ފަސޭހަވުމެއް އެބުއިމުގައި ވެއެވެ. ފިކުރު ހިންގާ ބަޔަކަށް، ހަމަކަށަވަރުން އެކަމުގައިވެސް ހެއްކެއް ވެއެވެ."
    މާމުއިގައި، ވިޓަމިންބީ 1 އެކުލެވިގެންވެއެވެ. އެއީ ނާރުތައް ދުޅަވުމާއި، އަތްފައިގެ އިނގިލަތަށް ބުޅިވުމުން ސަލާމަތްވުމަށް ފައިދާހުރި ވިޓަމިނެކެވެ. އަދި މާމުއިގައި، ވިޓަމިންބީ 2 ވެސް ހިމެނެއެވެ. އެއީ އަނގަފާރު އެޅުމާއި، ތުންފަތް ކަނޑައިގެން ދިއުމާއި، ލޮލުގެ އިންފެކްޝަން ސަލާމަތްވުމަށް ފައިދާހުރި ވިޓަމިނެކެވެ. އަދި ހަމަ މިގޮތަށް، ތަފާތު އެތައް މިނަރަލްތަކެއް، މާމުއިގައި އެކުލެވިގެންވެއެވެ.

 އޭގެ ތެރޭގައި، ޕޮޓޭސިއަމް، ސޯޑިއަމް، ކެލިސިއަމް، މެގްނީސިއަމް، އަޔަން، ކޮޕަރ، ފޮސްފަރަސް، ސަލްފަރ ހިމެނެއެވެ. މި މާއްދާތަކަކީ، ބަލިމީހާ ނަފްސާނީ ގޮތުން ހަމަޖައްސައިދޭ މާއްދާތަކެވެ.
   މާމުޔަކީ، 2 އަހަރުން ދަށުގެ ކުޑަކުދިންނަށްވެސް، ވަރަށް މުހިއްމު އެއްޗެކެވެ. އެއީ ލޭމަދުވާ ބަލި [އެނީމިޔާ] އާއި، ކެލްސިޔަމާއި، ވިޓަމިންޑީ މަދުވުމުން ދިމާވާ ކަށިފީވާ ބައްޔާއި، އިޚްތިޔާރަކާއި ނުލާ ކުޑަކަމުދެވުމާއި، މިފަދަ ބަލިތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ނަމަވެސް، ބޮޑެތި މީހުންނާއި ޚިލާފަށް، ކުޑަކުދިން މާމުއި ބޭނުންކުރައްވަނީ ވަރަށް މަދުންނެވެ.

 މީގެ އިތުރުން މާމުޔާއެކު، މާމުއިގެ އުއް ހަފައިގެން ކުޑަކޮށް ބޭނުން ކުރުމަކީ، އަރިދަފުހާއި، ކަރު ތެރޭގައި ހެދޭ އިންފެކްޝަނާއި ކެއްސުމާއި، ނޭފަތް ހިރުވުމާއި، ނޭފަތް ބެދުމުން، ސަލާމަތްކޮށްދޭ ކަމެކެވެ. ހަމަ މިގޮތަށް، ހަށިގަނޑުގެ މަސްތައް ވަރުބަލިވުމާއި، ތަދުއެރިންފަދަ ކަންކަމުން ސަލާމަތްވުމަށް ފައިދާހުރި އެއްޗެކެވެ. އަދި މޭގަނޑުގެ މަލިތަކާއި، ކާނާ ވިހަވުންފަދަ ކަންތައްތަކުން ރައްކާތެރިވުމަށް އެހީތެރި ވެދެއެވެ.

މާމުއިން ޝިފާ ހޯދޭ ބައެއް ބަލިތައް:
   * ނިދިނައުމާއި ނިދި މަދުވުމުގެ ބަލިން ސަލާމަތްވުމަށް، ނިދުމުގެ ކުރިން މާމުއި ސަމްސަލެއް، ފެންތަށްޓެއްގައި ގިރައިގެން ބޯށެވެ. މިކަމާ ބެހޭގޮތުން، ރިސާޗްހެދި މީހުނަށް ފެނުނު ގޮތުގައި، މާމުއި ފެނުގައި ގިރާގެން ބުއިމުން، ހަށިގަނޑަށް މަޑުމައިތިރިކަން ލިބެއެވެ.
   * ތުންފަތް ފަޅައިގެން ދިޔުން، ނުވަތަ ކަނޑައިގެން ދިޔުމާއި، ހަން ރާޅުވުންފަދަ ކަންކަމަށް، ފަރުވާދިނުމަށް ބޭނުން ކުރެވެއެވެ.  އެހެން ކަމުން، މިއީ ހަންގަނޑު ރީތި ކުރުމަށާއި، ރަނގަޅު ކުރުމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.
   * ކޮންމެ ދުވަހަކު، މާމުއި ސަމްސަލެއް ބޭނުން ކުރުމަކީ، ހާޓް އެޓޭކް ޖެހުމުން ސަލާމަތްކޮށްދޭ ކަމެކެވެ. މިއީ މާމުޔާ ބެހޭގޮތުން، އަލަށް ހެދުނު ދިރާސާތަކަށްފަހު، ޢިލްމުވެރިން ހާމަކޮށްފައިވާ ކަމެކެވެ. ސަބަބަކީ، އެމީހުނަށް ހޯދުނު ގޮތުގައި މާމުޔަކީ، ހިތުގެ މަސައްކަތްތައް އިންތިޒާމު ކުރުވާ އެއްޗަކަށް ވުމެވެ.
   * ވަރަށް ފަހުގެ ހޯދުމަކުން، ޑޮކްޓަރުންނަށް ހޯދުނު ގޮތުގައި، ކޮންމެ ދުވަހަކު މާމުއި ސަމްސަލެއް ބޭނުން ކުރުމުން އަޅުގަނޑުމެނަށް އެނގޭ ޑޮކްޓަރީ ބޭހަށްވުރެ، ފަސޭހައިން ގިނަ ދުވަހަށް ދެމިގެންދާ ކެއްސުމުން ސަލާމަތްވެއެވެ.
   * އެހެން ރިސާޗެއްގައި ހޯދިފައިވާ ގޮތުގައި، ކެމިކަލް ބޭސް ބޭނުން ކޮށްގެން، ނޭވާ ހިއްލުމަށާއި، ފުއްޕާމޭއާއި ނޭވާ ހިނގާ ހޮޅިތަކުގައި އިންފެކްޝަން ހެދުމުން، ފަރުވާ ކުރުމަށް ނުކުޅެދިފައިވާއިރު، މިބަލިތަކަށް ފަރުވާކުރުމަށް، މާމުޔަށް ލިބިފައިވާ ކުޅަދާނަކަން ބޮޑުކަން ޘާބިތުވެގެން ދިޔައެވެ.
   * ނަފްސާނީ ގޮތުން ހަމަ ނުޖެހުމާއި، ނާރުތައް ދުޅަވުމާއި، ހަށިގަނޑުގެ ތަފާތު ނިޒާމުތަކަށް ދިމާވާ އުނދަގޫތައް ހަމަޖެއްސުމުގައި އެކަންކަން އިންތިޒާމުކޮށް، ނަފްސާނީ ގޮތުން މީހާ ހަމަ ޖެއްސުމަށް މާމުޔަށް ލިބިފައިވަނީ ޢަޖާއިބު ކުރަވަނިވި ބާރެކެވެ.
   * ހިރުގަނޑު ދުޅަވުމާއި ދަތްތައް ފަނިކެއުމާއި ހަލާކުވުމަށް، ފަރުވާދިނުމަށް ބަލާއިރު، ތަޖްރިބާތަކުން ހާމަވެފައިވާ ގޮތުގައި، މާމުއިން ހިރުގަނޑު އުނގުޅުމުން، ބަލިވެފައިވާ ހިރުގަނޑު ވަރުގަދަކޮށްދެއެވެ. ހިރުގަނޑުގައި، ލޭގެ ޙަރަކާތްތައް ހީވާގިކުރުވާ، އަނގައިގެ ތެރޭގައި ހުންނަ ގެއްލުން ދެނިވި ބެކްޓީރިޔާތައް މަރާލައެވެ.
   * ދަރިން ނުލިބުމުގެ މަސްއަލައަށް ބަލާއިރު، ބައެއް ތަޖުރިބާތަކުން ހާމަކޮށްދީފައިވާ ގޮތުގައި، ދަރިން ނުލިބުމުގެ ބައްޔަށް ފަރުވާކުރުމަށް، މާމުޔަށް ވަރަށް މުހިއްމު ދައުރެއް ލިބިފައިވެއެވެ.
   * އެއްވެސް އެއްޗަކަށް އެލާރޖިކް ވެފައިވާނަމަ، މާމުއި ފަނިތަށްޓަކަށް، ޚުޝޫޢަތްތެރިކަމާއެކު ވިސްނައިގެން އަޑުއިވޭ ވަރަށް ޤުރުއާން ކިޔަވައި އެފަނި ބޯށެވެ. ދުވަސްކޮޅެއް ފަހުން، ގާތްގަނޑަކަށް 3 މަސްވަރުވާން ވާއިރަށް، ޑޮކްޓަރީ ފަރުވާއިން ފަސޭހަނުވި އެލާރޖިކްވުން، މާތްﷲގެ އިޛުނަފުޅާއެކު ވަރަށް ބޮޑަށް ކުޑަވަމުންދާނެއެވެ.

ކީރިތި ޤުރުއާނާއި ސުންނަތުގައިވާ މުޢުޖިޒާތް:
   ޞަޙީޙުލްބުޚާރީއާއި މުސްލިމްގައި ވެއެވެ. ރަސޫލުﷲ ގެފާނު ގެ އަރިހަށް ފިރިހެނަކު އައިސް ދެންނެވިއެވެ. "ތިމަންނާގެ އަޚު ބަނޑު ދިޔާވެ، ބޭރަށް ހިންގަން ފަށައިފިއެވެ." އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ." އޭނާއަށް މާމުއި ބޯންދޭށެވެ!" ދެން އޭނާގެ އަޚަށް މާމުއި ބޯން ދިނުމަށްފަހު، އެނބުރި އައިސް ދެންނެވިއެވެ. "ތިމަން އޭނާއަށް މާމުއި ބޯންދީފީމެވެ. އެކަމަކު، ބަނޑުދިޔާވުން އިތުރުވުން ފިޔަވާ އެހެންކަމެއް ނުވެއެވެ.

" އެހިނދު، އެކަލޭގެފާނު އޭނާއަށް ޙަދީޘްކުރެއްވީ އަނެއްކާވެސް، މާމުއި ބޯން ދިނުމަށެވެ.  މިގޮތުން، 3 ފަހަރު ކަންތައް ކުރުމަށްފަހު، ހަތަރުވަނަ ފަހަރު، އޭނާ އައުމުންވެސް އެކަލޭގެފާނު ޙަދީޘްކުރެއްވީ، އޭނާގެ އަޚަށް މާމުއި ބޯންދިނުމަށެވެ. އެހިނދު އޭނާ ދެންނެވިއެވެ. "އަޅުގަނޑު އޭނާއަށް މާމުއި ބޯންދީފީމެވެ. ނަމަވެސް، ބަނޑުދިޔާވުން ފިޔަވާ އިތުރު ކަމެއް ނުވެއެވެ." އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ.

 މާތްﷲގެ ބަސްފުޅަކީ، އެންމެ ތެދު ބަސްފުޅެވެ. އަދި [ކަލޭގެ އަޚާގެ ބަނޑު، ދޮގު ބުނެފިއެވެ.] ފަހެ ދެން، އޭނާގެ އަޚާއަށް މާމުއި ބޯންދިނުމުން، އެބަލިން އޭނާ ސަލާމަތްވެއްޖެއެވެ. މިޙަދީޘްފުޅުން ކަށަވަރު ކޮށްދެނީ، ޙަޖަމްކުރުމުގެ ބަލިތަކަށް ފަރުވާކުރުމަށް، މާމުއިގެ ފައިދާއެވެ.
   ތަޖްރިބާތަކުން ޘާބިތުވެފައިވާ ގޮތުގައި، މާމުޔަކީ ތަފާތު ވައްތަރުގެ ޖަރާސީމު މަރާލާ އެއްޗެކެވެ. ޚާއްޞަކޮށް، ޙަޖަމުކުރުމުގެ ނިޒާމަށް ބަލިޖައްސާ ޖަރާސީމް މަރާލާ އެއްޗެކެވެ. އެހެންކަމުން، ބޭރަށް ހިންގުމަށް ފަރުވާކުރުމަށް، މާމުޔަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ހަމަމިގޮތަށް، މަޢިދާގެ [އަލްސަރ] ނުވަތަ ފާރަށް ފަރުވާކޮށް، ވަރަށް ކުރުމުއްދަތެއްގައި، އެފާރު ފަސޭހަކުރުމަށް އެހީތެރި ވެދެއެވެ.

 ހަނދާންކުރަންޖެހޭ އަނެއްކަމަކީ، މާމުޔަކީ ބަނޑު ހަރުވުމުން، ނުވަތަ ބޮޑު ކަމުދާން އުނދަގޫވާ ބައްޔަށްވެސް ފަރުވާއެއްކަމެވެ. ސަބަބަކީ، ވަރަށް ފަސޭހަކަމާއެކު ގޮހޮރުގެ ޙަރަކާތްތައް އިންތިޒާމުކޮށް، މާމުޔަށް މާތްﷲ ދެއްވާފައިވާ [މަޢްލޫމާތު] ގެ އެހީގައި، ގޮހޮރުގެ ސެލްތަކަށް އަޘަރު ކުރުވާތީއެވެ.
   ނިންމާލަމުން ހަނދާން ކޮށްލަން ޖެހެނީ ރަސޫލުﷲގެ ފާނުގެ ބަސްފުޅުކެވެ. އިބްނު ޢައްބާސް ގެފާނު ގެ ކިބައިން ރިވާވެގެންވެއެވެ. [ ޝިފާ ލިބުންވަނީ ތިން ކަމެއްގައެވެ. ކަވާ ޖެހުމާއި، މާމުއި ބުއިމާއި، ދޮން ދަނގަޑު ޖެއްސުމެވެ. މީގެ އިތުރުން ދޮން ދަނގަޑު ޖެއްސުމަކީ ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ މައްޗައް ނަހީ ކުރެވިގެންވާ ކަމެކެވެ.] (ރަވާހުލް ބުޚާރީ)

   އަދި އިބްނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުން މައްޗަށް ދެޝިފާއެއް ވެއެވެ. މާމުޔާއި ޤުރުއާނެވެ.] (އިބްނު މާޖާ)
   އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ، ކީރިތި ޤުރުއާނާއި މާމުއިން ޝިފާ ހޯއްދެވުމަށެވެ. މިއީ، އަޅުގަނޑުމެންގެ މަތިވެރި ނަބިއްޔާ ދެއްވާފައިވާ ނަޞޭޙަތެވެ. އޭރުން އަޅުގަނޑުމެނަށް ޝިފާ ލިބުމުގެ ސަބަބުތަކުގައި ހިފުނީއެވެ.

 އަޅުގަނޑުގެ ތަޖްރިބާއިންވެސް އެނގިގެން ދިޔައީ، މާމުއި ސަރްބަތުގެ ތަށްޓެއް، ނުވަތަ ފެންތަށްޓަކަށް، މާމުއި ސަމްސަލެއް އަޅާ ގިރުމަށްފަހު، އެއަށް 7ފަހަރު ސޫރަތުލް ފާތިޙާ، 7ފަހަރު (فِيْهِ شِفَآءٌ لِّلنَّاسِ) މިއާޔަތް ކިޔެވުމަށްފަހު ބުއިމުން، މާތްﷲގެ އިޛުނަފުޅާއެކު ކީރިތި ޤުރުއާނުގެ ބަރަކާތުން އެއިންކުރާ އަޘަރު ރަނގަޅުވެ، އެއިން ޝިފާ ލިބުމުގެ ކުޅަދާނަކަން އިތުރުވެގެން ދާކަމެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons