ﷲ ތަޢާލާ ރުއްސުންލެއްވެވި އަބޫ ހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ صلى اللّـه عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "އެންމެ ހެޔޮ ދުވަހަކަށް، އެދުވަހެއްގައި އިރު އެރި ދުވަހަކީ ހުކުރު ދުވަހެވެ.
އެދުވަހަކީ އާދަމް عليه السلام ހެއްދެވުނު ދުވަހެވެ. އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީވެސް އެދުވަހުގައެވެ. އަދި އެސުވަރުގެއިން ނެރެވުނު ދުވަހަކީވެސް އެއީއެވެ."
وعن أوس بن أوس : عن النبي صلى الله عليه وسلم قال : (إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ, قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام ) . رواه أبو داود (1047) وصححه ابن القيم في تعليقه على سنن أبي داود (4/273) . وصححه الألباني في صحيح أبي داود (925) .
އައުސް ބުން އައުސް ރަސޫލުﷲ صلى اللّـه عليه وسلم ކިބައިން ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ކީރިތި ނަބިއްޔާ صلى اللّـه عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ (ޙަޔާތުގެ) ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ، ފަހެ އާދަމް عليه السلام އުފެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނުގެ މަރު ހިއްޕެވުނީވެސް އެދުވަހުގައެވެ. އަދި ތާޅަފިލި ފުންމެވުންވެސްވަނީ އެދުވަހުއެވެ.
އަދި މީސްތަކުން ހޭނެތިގެން ވެއްޓޭ ދުވަހަކީވެސް ހަމަ އެދުވަހުއެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނު މައްޗަށް ޞަލަވާތް ކިޔުން އިތުރު ކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ މައްޗަށް ހުށައެޅޭ ހުއްޓެވެ. އަޞްޙާބުބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ވެއްޔަށްވުމަށްފަހު (އެބަހީ އަވަހާރަވެ ފަސްދާނުލެވި ހަށިގަނޑު ވެއްޔަށް ބަދަލުވުމަށްފަހު)، ތިމަން ބޭކަލުންގެ ޞަލަވާތް ކަލޭގެފާނަށް ހުށައެޅޭނީ ކިހިނަކުންތޯއެވެ؟ ދެން އެކަލޭގެފާނު ދެންނެވިއެވެ. ހަމަކަށަވަރުން ﷲ عَزَّ وَجَلَّ، ނަބިއްޔުންގެ ހަށިކޮޅުތައް ކެއުން ބިމަށް ޙަރާމް ކުރެއްވިއެވެ."
ސަމާލުކަމަށް: މިޙަދީޘްގައި ބަޔާންވެފައިމިވާ ޞަލަވާތް ކިޔުމަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެން ރާއްޖޭގައި ކުރީގައި ކިޔައި އުޅުނު ޞަލަވާތްފުޅުގެ ވާހަކައެއް ނޫނެވެ. އޭރު ކިޔައި އުޅުނު ޞަލަވާތްތަކުގެ ތެރޭގައި ތުންޖީނާ ޞަލަވާތާއި މިފަދަ އެތައް ޞަލަވާތެއް ހިމެނެއެވެ. އޭގެ ބައެއް ޞަލަވާތްތަކުގައި ޝިރުކުގެ ބަސްތައްވެސް ހިމެނިފައިވެއެވެ.
މިޙަދީޘްގައި ބަޔާން ކުރައްވާފައި މިވަނީ ކީރިތި ނަބިއްޔާ صلى اللّـه عليه وسلمގެ އަރިހުން ޘާބިތުވެފައިވާ ޞަލަވާތްތަކެވެ. އޭގެ ތެރެއިން އެންމެމޮޅު އެއް ޞަލަވާތަކީ އަޅުގަނޑުމެން ފަހުއައްތަޙިއްޔާތުގައިވެސް ކިޔައި މިއުޅޭ އިބްރާހީމީ ޞަލަވާތެވެ. އެކަލޭގެފާނުގެ ނަންފުޅުގަނެވޭ ތަންތަނުގައި "صلى اللّـه عليه وسلم"، މިފަދައިން ކިޔާލުމުންވެސް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުނީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެއްވެސް ބަޔަކު މަޖިލީހެއްގައި، ﷲ އަށް ޒިކުރުނުކޮށް އަދި އެބައިމީހުންގެ ނަބިއްޔާގެ މައްޗަށް ޞަލަވާތް ނުކިޔަވައިފިނަމަ އެބައިމީހުންގެ މައްޗަށް ގެއްލުމާއި ހަލާކު ނުވާގޮތަކަށް އެ މަޖިލީހުގައި އެބައިމީހުން ނުއިށީނދެއެވެ.
ފަހެ ﷲ އިރާދަކުރައްވައިފިނަމަ އެބައިމީހުންނަށް ޢަޛާބުދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެއްވެސް ބަޔަކު މަޖިލީހެއްގައި ﷲ އަށް ޒިކުރު ނުކޮށްފިނަމަ އެމަޖިލީހުން އެބައިމީހުން ތެދުވާހިނދު، މަރުވެފައިވާ ހިމާރެއްގެ މަސްގަނޑުފަދަ އެއްޗަކުން ތެދުވާ ބަޔަކުކަމުގައި މެނުވީ ނުވެއެވެ. އަދި އެބައިމީހުންނަށް ހިތާމަވެރިކަން ހުއްޓެވެ."
އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"البخيل من ذكرت عنده ولم يصل علي" الترمذي (3546)
"(މީސްތަކުންގެ ތެރޭގައި ހިމެނޭ) އެންމެ ދަހިމީހަކީ ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔާ މީހާއެވެ."