ހަތަރު އިމާމުންގެ ތެރެއިން، ދެވަނައަށް ދުނިޔެއަށް އުފަންވެ ވަޑައިގަތީ އަލްއިމާމް މާލިކުގެފާނެވެ. އަލްއިމާމް މާލިކް އިބްނު އަނަސް، އުފަންވެ ވަޑައިގެންނެވީ، އަބޫ ޙަނީފާ
ދުނިޔެއަށް އުފަންވެ ވަޑައިގަތުމުގެ 13 އަހަރު ފަހުންނެވެ.
އަލް އިމާމް މާލިކުގެ ލަޤަބުފުޅުތަކަކީ، (الْإمَام دَارُ الْهِجْرة), (الْإمَام أهْلُ الْحِجَاز) އެވެ. އިމާމް މާލިކުއަކީ ޠަބަޢަ ތާބިޢީއެކެވެ. ޠަބަޢަ ތާބިޢީންނަކީ، ތާބިޢީބޭކަލުން ދެކެ، އަދި ޢިލްމު އުނގެނިވަޑައިގެންނެވި ބޭކަލުންނެވެ. މަދީނާގެ ފިޤްހު ޢިލްމު ނިމިފައިވަނީ، އިމާމް މާލިކް އާއި ހިސާބުންނެވެ. ގާތްގަނޑަކަށް 90 އަހަރު، އިމާމް މާލިކު ދުނިޔޭގައި ހުންނެވިއެވެ. މާލިކުގެފާނުގެ ޒުވާން ދުވަސްވަރާއި، މުސްކުޅި ޢުމުރުފުޅު ހޭދަކުރެއްވީ، އިސްލާމްދީނާއި، މުސްލިމުންނަށް ޚިދުމަތް ކުރެއްވުމުގައެވެ.
ދުނިޔެއަށް އުފަންވެ ވަޑައިގަތުމުގެ 13 އަހަރު ފަހުންނެވެ.
މާލިކު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، އުމަވީ ދައުލަތުގެ ޚަލީފާއެއްކަމުގައިވާ، (الْوَلِيْد إبْن عَبْد الْمَلِك إبْــن مَرْوَان) ގެ ވެރިކަމުގެ ދުވަސްވަރު އެވެ. އަދި މިދުނިޔެ ދޫކުރެއްވީ، ޢައްބާސީ ދައުލަތުގެ ޚަލީފާއެއްކަމުގައިވާ، (هَارُون الرَّشِيد الْعَبَّاسِيّ) ގެ ދުވަސްވަރުއެވެ. މާލިކު، ދުނިޔޭގައި އުޅުއްވި ދުވަސްވަރަކީ، އަބޫ ޙަނީފާވެސް ދުނިޔޭގައި އުޅުއްވި ދުވަސްވަރާއި، ދާދި އެއްގޮތް ދުވަސްވަރެކެވެ. މިދެއިމާމުންވެސް، އުމަވީ ދައުލަތާއި ޢައްބސީ ދައުލަތުގެ ވެރިކަން ތަޖްރިބާ ކުރެއްވިއެވެ. އަދި ދެބައިމީހުންގެ މެދުގައި އުފެދުނު ކޯޅުންތައްވެސް ދެކެވަޑައިގެންނެވިއެވެ. ހަމައެފަދައިން މުޖުތަމަޢުގައިވާ، ޢަރަބި، ފާރިސީ، ހިންދީ ޘަޤާފަތްވެސް ދެކެވަޑައިގެންނެވިއެވެ.
ޢައްބާސީންނާއި، ޢަލަވީންނާއި، ދެމެދުގައިވާ ދެކޮޅުވެރިކަން ވެސް، މާލިކު ތަޖްރިބާކުރެއްވިއެވެ. ހަމައެފަދައިން، ޚަވާރިޖުންގެ އަނިޔާވެރި ޙަރަކާތްތަކާއި، ޝީޢީންނާއި ސުންނަތް ޖަމާޢަތުގެ އަހްލުވެރިންނާއި ދެމެދު އުފެދިފައިވާ ޖަދަލުކުރުންތައް ވެސް ވަރަށް ކައިރީން ދެކެވަޑައިގެންނެވިއެވެ. އަދި ސުންނަތް ޖަމާޢަތުގެ އަހްލުވެރިންނާއި، ޚަވާރިޖުންގެ ދެކޮޅުވެރިކަން ވެސް، ތަޖުރިބާފުޅު ކުރެއްވިއެވެ.
އިސްލާމީ މުޖުތަމަޢުގައި އެކުލެވިފައިވާ ތަފާތު ނަސްލުތަކުގެ މީހުން ދެކެވަޑައިގެންނެވިއެވެ. އެއީ ޢަރަބީންނާއި، ރޫމީންނާއި، ފާރިސީންނާއި، ހިންދީންނެވެ. ތަފާތު ރޮނގުތަކުގައި މީސްތަކުންގެ މެދުގައި އިޚްތިލާފު އުފެދިފައިވާތީ ދެކެވަޑައިގެންނެވިއެވެ. ދަނޑުވެރިކަމާއި، ވިޔަފާރީގެ ރޮނގުގައިއެވެ. އުފެއްދުންތެރިކަމާއި، މީސްތަކުން އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތުކުރަންޖެހޭ ރޮނގު ތަކުގައެވެ. މިކަމުގެ ސަބަބުން ދީނުގެ ކަލިމައާއި، ފިޤުހީ ފަތުވާއަކަށް ބޭނުން ޖެހިގެން ދިޔައެވެ.
އަދި ހަމައެއާއިއެކު، އިމާމް މާލިކުގެ ދުވަސްވަރު، ތަފާތު ވައްތަރުގެ ޢިލްމުތައް ލިޔެވެމުން ދިޔައެވެ. ޙަދީޘް ޢިލްމާއި، ފިޤްހު ޢިލްމާއި، އަދި ފަތުވާ އާއި ޤަޟާއީ ޢިލްމުތަކެވެ.
ދުނިޔެއަށް އަލިކަން ދެކެވަޑައިގަތުން:
ރިވާވެގެންވާ ގޮތުގައި، މާލިކު، ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ، ހިޖުރައިން 93 ވަނަ އަހަރުއެވެ. (ذُو الْمُرْوَة) ކިޔޭ ރަށެއްގައި އެވެ. އެރަށް އޮންނަނީ، މަދީނާގެ އުތުރުގައެވެ. (الْعَقِيق) ގައި ދުވަސްކޮޅަކު ދިރިއުޅުއްވުމަށްފަހު، މަދީނާއަށް ދިރި އުޅުން ބަދަލުކުރެއްވިއެވެ.
މާލިކުގެފާނު ފުރިހަމަ ނަންފުޅަކީ (مَالِك إبْن أنَس إبْن مَالِك إبْن أبِي عَامِر إبْن عَمْرُو إبْن غَيْمَان إبْن خُثَيل إبْن عَمْرُو إبْن الْحَارِث) އެވެ. އެކަލޭގެފާނަކީ (بَنِي تَمِيْم إبْن مُرَّة) ގެ ޚަލީފެކެވެ.
އިމާމް މާލިކުގެފާނު ގެ ދެވަނަ ކާފާފުޅު، (أبُو عَامِر إبْن عَمْرُو) އަކީ، ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލެކެވެ. ބަދުރު ހަނގުރާމަ ފިޔަވައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ހުރިހާ ހަނގުރާމައެއް ގައިވެސް، (أبُو عَامِر إبْن عَمْرُو) ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާލިކުގެފާނުގެ ފުރަތަމަ ކާފާފުޅު، (مَالِك إبْن أبِي عَامِر) އަކީ ތާބިޢީ ބޭކަލުންގެ ތެރެއިން މާތް ބޭކަލެކެވެ. (مَالِك إبْن أبِي عَامِر) ގެ ކުންޔަތަކީ (أبُو أنَس) އެވެ. (أبُو أنَس) ގެފާނު، (طَلحَة)ގެފާނާއި, (عَائِشَة)ގެފާނާއި, (أبُو هُرَيْرَة)ގެފާނާއި, (حَسَّان إبْن ثَابِت)ގެފާނުގެ އަރިހުން، ޙަދީޘް ރިވާކުރެއްވިއެވެ.
(عُثْمَان) ގެފާނު ޝަހީދުވުމުން، އެކަލޭގެފާނު ފަސްދާނު ވެޑުވުމުގެ މަސައްކަތްޕުޅުގައި، ބައިވެރި ވަޑައިގެންނެވި ހަތަރު ބޭކަލުންގެ ތެރެއިންވެސް، (أبُو أنَس) ހިމެނިވަޑައިގަންނަވައެވެ.
(عُثْمَان) ގެފާނު، އެފްރިކާއަށް، ހަނގުރާމައަށް ފޮނުއްވި ލަޝްކަރުގައިވެސް، (أبُو أنَس) ހިމެނި ވަޑައިގަންނަވައެވެ. (عُثْمَان) ގެފާނު، ކީރިތި ޤުރްއާން، ޖަމަޢަ ކުރެއްވިއިރު، ކާތިބެއްގެ ގޮތުގައިވެސް، (أبُو أنَس) ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. ހަމަ އެފަދައިން، (أبُو أنَس)ގެފާނަކީ، (عُمَر إبْن عَبْد الْعَزِيْز) އެކުލަވައިލެއްވި މަޝްވަރާ ކޮމިޓީގެ މެމްބަރެކެވެ.
މާލިކުގެފާނުގެ ބައްޕާފުޅާއި ބެހޭގޮތުން، މާގިނަ މަޢްލޫމާތުތަކެއް އެނގޭކަށެއް ނެތެވެ. ނަމަވެސް، މާލިކުގެފާނު ބައްޕާފުޅު، މަދީނާ ކައިރީގައި އޮންނަ (ذُو الْمُرْوَة) ގައި ދިރިއުޅުއްވިކަން އެނގެއެވެ. ޢިލްމީ މަސައްކަތެއް، ނުވަތަ ޢިލްމު އުނގަންނަވައި ދެއްވުމުގެ މަސައްކަތްޕުޅެއް، ކުރެއްވިކަމެއް އެނގޭކަށެއް ނެތެވެ.
ނަމަވެސް، މާލިކުގެފާނުގެ ބައްޕާފުޅުވެސް، ޢިލްމަށް ލޯބިކުރެއްވިކަމާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް، ކޮންމެވެސް ވަރަކަށް ދެނެވަޑައިގަންނަވާކަމަށް، ޢިލްމުވެރިން ބަޔާންކުރައްވައިފައިވެއެވެ.
މާލިކުގެފާނުގެ މަންމާފުޅުގެ ނަންފުޅަކީ، (الْغَالِيَة بِنْت شُرَيْك إبْن عَبْد الرَّحْمن إبْن شُرَيْك الْأزْدرِيَّة) އެވެ.
ޢިލްމު އުނގެނިވަޑައިގަތުން
ކީރިތި ޤުރުއާން، ހިތްޕުޅުން ދަސްކުރެއްވުމަށްފަހު، މާލިކުގެފާނު، ޙަދީޘް ޢިލްމު އުނގެނި ވަޑައިގެންނެވިއެވެ. މާލިކުގެފާނަކީ ވަރަށް ހަނދުމަފުޅު ގަދަ ބޭކަލެކެވެ. މާލިކުގެފާނުގެ އާދަފުޅެއް ކަމުގައި ވެފައިވަނީ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް، ދަސްކުރެއްވުމަށްފަހު، އެދަސްފުޅުކުރެއްވި ޢަދަދަށް، ވާގަނޑެއްގައި ގޮށް ޖެއްސެވުމަށްފަހު، އަލުން އެޙަދީޘްފުޅުތައް މުރާޖަޢާކުރެއްވިއެވެ.
އެއްދުވަހަކު، މާލިކުގެފާނު، (إبْن شِهَاب)ގެ އަރިހުން، ތިރީސް ހަދީޘްފުޅު ދަސްކުރެއްވިއެވެ. ދެން އެޙަދީޘްފުޅުތައް، މުރާޖަޢާ ކުރެއްވިއިރު، އެންމެ ޙަދީޘްފުޅެއް ފިޔަވައި އެހެން ހުރިހާ ޙަދީޘްފުޅުތައް، ހަނދުމަފުޅުގައި ހަރުލާފައި ހުއްޓެވެ. ދެން އަލުން (إبْن شِهَاب) ގެ އަރިހަށް ވަޑައިގެން، އެޙަދީޘްފުޅާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. (إبْن شِهَاب) ، މާލިކުގެފާނަށް ސުވާލުކުރެއްވިއެވެ.
"ކަލޭގެފާނު އެމަޖިލީހުގައި އިނދެވަޑައިގަތީމެއް ނޫން ހެއްޔެވެ؟" މާލިކުގެފާނު، ޖަވާބުގައި ދެންނެވިއެވެ. "އާދޭހެވެ." (إبْن شِهَاب) ވިދާޅުވިއެވެ. "އެހެންވީއިރު، ކަލޭގެފާނު، އެޙަދީޘްފުޅުތައް ދަސްނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟" މާލިކުގެފާނު ޖަވާބުގައި ދެންނެވިއެވެ. "ކަލޭގެފާނު ވިދާޅުވެ ދެއްވީ ތިރީސް ޙަދީޘްފުޅެވެ. ތިމަންކަލޭގެފާނަށް ހަނދާން ނެތުނީ އެންމެ ޙަދީޘްފުޅެކެވެ." (إبْن شِهَاب) ވިދާޅުވިއެވެ.
"ހިތު×ދަސްކުރާމީހުންވެސް މިހާރު ހިނގައްޖެވެ. ތިމަންކަލޭގެފާނުވެސް މިހާރު ހަނދާން ފުޅު ނެތިއްޖެވެ. ކަލޭގެފާނު ދަސްފުޅުކުރެއްވި ޙަދީޘްފުޅުތައް، ތިމަންކަލޭގެފާނަށް ވިދާޅުވެ ދެއްވާށެވެ." ދެން މާލިކުގެފާނު، އެކަލޭގެފާނުގެ ހަނދުމަފުޅުގައި ހަރުލާފައިވާ، ޙަދީޘްފުޅުތައް، (إبْن شِهَاب) އަށްް ވިދާޅުވެ ދެއްވުމުން، މާލިކުގެފާނު ހަނދުމަ ނެތިފައިވާ ޙަދީޘް، (إبْن شِهَاب) ވިދާޅުވެ ދެއްވިއެވެ.
މާލިކުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ޤަޞްދު ކުރެއްވީ، ލަވަ ކިޔުމުގެ މަސައްކަތުގައި ކުރިއަސް ވަޑައިގަތުމަށެވެ. ނަމަވެސް، އެކަލޭގެފާނުގެ މަންމާފުޅުގެ ނަޞޭޙަތް ޤަބޫލްފުޅު ކުރައްވައި، ލަވަ ކިޔުން ދޫކޮށްލައްވައިފައި، ފިޤްހު ޢިލްމާއި، ޙަދީޘް ޢިލްމު އުނގެނިވަޑައިގެންނެވިއެވެ.
ރިވާވެގެންވެއެވެ. މާލިކުގެފާނު، އެކަލޭގެފާނުގެ މަންމާފުޅުގެ އަރިހުގައި، ލަވަކިޔުމުގެ ރޮނގުގައި ކުރިއަށް ވަޑައިގެންނެވުމަށް ޤަޞްދުކުރާ ވާހަކަ ދެންނެވުމުން، އެކަލޭގެފާނުގެ މަންމާފުޅު ވިދާޅުވިއެވެ. "އޭ ދަރިފުޅާއެވެ! ލަވަ ކިޔާ މީހަކީ މޫނު ހުތުރު މީހަކު ކަމުގައިވާނަމަ، މީސްތަކުން އޭނާ ކިޔާ ލަވައަކަށް ސަމާލުކަމެއް ނުދޭނެއެވެ. ލަވަ ކިޔުން ދޫކޮށްލާފައި، ފިޤްހު ޢިލްމު އުނގެނި ވަޑައިގަންނަވާށެވެ."
މާލިކުގެފާނުގެ މަންމާފުޅު، މިހެން ވިދާޅުވުމުގެ ބޭނުންފުޅަކީ، އެކަލޭގެފާނު ލަވަ ކިޔުމުން ދުރު ކުރުވުމެވެ. މާލިކުގެފާނަކީ، ބުރުޞޫރަ ފުޅު ރީތި ކަމަށް މަޝްހޫރު ވެވަޑައިގެންފައިވާ ބޭކަލެކެވެ.
މާލިކުގެފާނަކީ، އެކަލޭގެފާނުގެ ހަޔާތްޕުޅުގެ އެންމެ ފުރަތަމަ ދައުރުގައި، ވަރަށް ފަޤީރު ބޭކަލެކެވެ. (إبْن قَاسِم) ވިދާޅުވާ ގޮތުގައި، މާލިކުގެފާނު، ޢިލްމު އުނގެނި ވަޑައިގަތުމަށްޓަކައި، އެކަލޭގެފާނުގެ ގެކޮޅުގެ ފުރާޅު، ރޫޅުވައި ލެއްވުމަށްފަހު، މަތި ވަޑާން ގަނޑު ހަދައިފައިވާ ލަކުނޑިތައް ވިއްކަވާލެއްވިއެވެ. އެއަށްފަހު، މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ތަނަވަސްކަން ދެއްވިއެވެ.
ބޮޑު ފުޅުވުމުން، ކޮންމެވެސް ވަރަކަށް ޖީބު ފައިސާގެ ގޮތުގައި، ފައިސާކޮޅެއް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް، ވަރަށް ދިގު މުއްދަތެއް ވަންދެން، ފަޤީރުކަން، މާލިކުގެފާނުގެ ޙަޔާތްޕުޅަށް ހިޔަނި އަޅައިފައި އޮތެވެ. ބަނޑުހައި ފުޅުކަމުގެ ސަބަބުން، މާލިކުގެފާނުގެ ދަރިކަނބަލުން ކީރިތި ކުރައްވާ ކަމަށް، ބައެއް ރިވާޔަތްތަކުގައި ވެއެވެ. ދެން އެއަށްފަހުގައި، މާތްﷲ އެކަލޭގެފާނަށް ތަނަވަސްކަން ދެއްވިއެވެ. އެކަލޭގެފާނުއަށް ތަފާތު ފަރާތްތަކުން ހަދިޔާ ލިބެން ފެށިއެވެ.
އެއްފަހަރަކު، (هَارُون الرَّشِيْد) ، އެކަލޭގެފާނަށް، ތިން ހާސް ދީނާރު ހަދިޔާއަކަށް ފޮނުއްވިއެވެ. އޭރު އެކަލޭގެފާނުގެ އަތްޕުޅުގައި އޮތީ، އެންމެ ހަތަރު ސަތޭކަ ދީނާރެވެ. އެންމެ ފުރަތަމަ ފަހަރަށް، އެކަލޭގެފާނަށް އެފަދަ ބޮޑު ޢަދަދެއްގެ ފައިސާ ލިބިވަޑައިގެންނެވުމުން، އެފައިސާއިން ވިޔަފާރި ކުރެއްވިއެވެ.
ނަމަވެސް، މާލިކުގެފާނު އަމިއްލަފުޅަކަށް ވިޔަފާރިއެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ މުދަލުގައި އެހެން މީހަކު ލައްވައި ވިޔަފާރި ކުރުއްވީއެވެ. މިކަހަލަ މުޢާމަލާތްތަކަށް، ފިޤްހު ޢިލްމުގައި ކިޔަނީ (الْمُضَاربَة) އެވެ. އެއަށްފަހު، މާލިކުގެފާނު، ޢަދަނުގެ ރީތި ފޭރާމުގައި، މިޞްރުގެ މޮޅު ދިރި އުޅުއްވުން އުޅުއްވިއެވެ.
ހަމަ އެފަދައިން، އެންމެ މީރު ވަސް ދުވާ އަތަރު ބޭނުންކުރެއްވިއެވެ. އަތްޕުޅުގައި، އަނގޮޓިއެއް ތުރުކުރައްވައިގެން އުޅުއްވިއެވެ. އަނގޮޓީގައި ލިޔުއްވާފައިވަނީ، (حَسْبِيَ الله وَنِعْمَ الْوَكِيْل) އެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ ދޮރު މަތީގައި، (مَا شَاءَ الله) މިޢިބާރާތް ލިޔުއްވައިފައިވެއެވެ. މި ޢިބާރާތުގެ އަޞްލެއް ކަމުގައި އެކަލޭގެފާނު ބައްލަވައިފައިވަނީ، އަލް ކަހްފު ސޫރަތުގެ 39ވަނަ އާޔަތެވެ. އެއާޔަތުގެ މާނައަކީ: "އަދި ކަލޭގެ ބަގީޗާއަށް، ކަލޭ ވަން ހިނދު (مَا شَاءَ الله) ބުނިނަމަ ކޮންފަދަ ހެއްޔެވެ؟"
ޢިލްމު ތަކުގައި ތެރެއިން، މާލިކުގެފާނު އުނގެނި ވަޑައިގެންނެވީ، ޙަދީޘް ޢލްމެވެ. ހަވާ ނަފްސުގެ އަހުލުވެރިންނަށް މާލިކުގެފާނު ޖަވާބު ދެއްވިއެވެ. އަޞްޙާބު ބޭކަލުންގެ ފަތުވާތަކާއި، އެބޭބޭކަލުންގެ ރައުޔުތައް ދަސްފުޅުކުރެއްވިއެވެ. ޢިލްމު އުނގެނި ވަޑައިގެންނެވުމުގައި މާލިކުގެފާނަކީ ވަރަށް ކުޅަދާނަ ބޭކަލެކެވެ.
މާލިކުގެފާނާއި ބެހޭގޮތުން، (إبْن عَيْنِيَّة) ވިދާޅުވެފައި ވެއެވެ. "ޢިލްމު އުނގެނި ވަޑައިގަތުމުގައި މާލިކުގެފާނަށްވުރެ ވަކިން ދީލަތި ބޭކަލަކު ނުވެއެވެ. އަދި ހަމައެފަދައިން، އެކަލޭގެފާނަށްވުރެ ވަކިން ބޮޑަށް ޢިލްމުވެރިންނާއި މީހުންނާ ގުޅިގެން އުޅުއްވާ ބޭކަލަކު ނުދެކެމެވެ."
މާލިކުގެފާނު ޝުޔޫޚުން:
އެންމެ ގިނަ ޢިލްމުވެރީންގެ އަރިއަހުން ޢިލްމު އުނގެނި ވަޑައިގެންނެވި، ބޭކަލަކީ މާލިކުގެފާނެވެ. (الْإمَام النَّووِيّ)، (تَهذِيب الأسمَاء اللُّعَات) ފޮތުގައި ބަޔާން ކުރައްވަނީ، މާލިކުގެފާނު، ނުވަ ސަތޭކަ ޝައިޚުންގެ އަރިހުން ޢިލްމު އުނގެންނެވި ކަމަށެވެ. މިބޭކަލުންގެ ތެރެއިން، 300 ބޭކަލުންނަކީ، ތާބިޢީ ބޭކަލުންނެވެ. އަނެއް 600 ބޭކަލުންނަކީ، ޠަބަޢަ ތާބިޢީ ބޭކަލުންނެވެ. އެބޭކަލުންނަކީ، އެބޭބޭކަލުންގެ ދީނާއި، ފިޤްހު ޢިލްމާއި، ރިވާ ކުރެއްވުމުގެ ޝަރުޠު ފުރިހަމަ ވެފައިވާ ބޭކަލުންނެވެ. މާލިކުގެފާނު، އެބޭކަލުންގެ އެ ރިވާޔަތްތަކުގެ ތެރެއިން އިތުބާރު ހިފޭ ރިވާޔަތްތައް ނެންގެވިއެވެ. ރިވާކުރެއްވި ބޭކަލުންގެ ތެރެއިން، އެއީ ކޮން ބޭކަލުންނެއްކަން ނޭނގޭ ރިވާޔަތްތައް ދޫކޮށްލެއްވިއެވެ. އެއީ ދީނީގޮތުން، ރަނގަޅު، ޞާލިޙް މީހުން ކަމަށް ވުމާ އެކުވެސް މެއެވެ.
މާލިކުގެފާނު، (عَبْد الرَّحْمن إبْن هَرمُز الْأعرَج) ގެ އަރިހުގައި ހަތް އަހަރު ހޭދަކުރެއްވިއެވެ. އެމުއްދަތުގެ ތެރޭގައި، އެހެން ބޭކަލެއްގެ އަރިހުން ޢިލްމު އުނގެނި ވަޑައި ނުގަންނަވައެވެ. (عَبْد الرَّحْمن إبْن هَرمُز الْأعرَج) ގެ ކުދިންނަށް ކަދުރު ދެއްވުމަށްފަހު ވިދާޅުވިއެވެ. "އެއްވެސް މީހަކު، ޝައިޚްއާ ބެހޭގޮތުން ސުވާލުކޮށްފިނަމަ، ޝައިޚް އުޅުއްވަނީ ކަމަކާއި މަޝްޣޫލުވެގެންނޭ ބުނާށެވެ." މާލިކުގެފާނު، އެކުދިންގެ ގާތު ވިދާޅުވީ ހަމައެކަނި ޝައިޚް އެކަލޭގެފާނަށް ހުސްކުރެއްވުމަށެވެ.
ބައެއް ފަހަރަށް، ދުވާލު ހަތަރު ދަމުންވެސް، މާލިކުގެފާނު، އެކަލޭގެފާނުގެ އުސްތާޛާއެކީ ހޭދަކުރެއްވިއެވެ. އެކަލޭގެފާނުގެ ޝުޔޫޚުންގެ ތެރޭގައި، (رَبِيْعَة إبْن أبِي عَبْد الرَّحْمن الْفَرُوخ) ހިމެނިވަޑައިގަންނަވައެވެ. މިކަލޭގެފާނުގެ އަރިހުން، މާލިކުގެފާނު ޢިލްމު އުނގެނި ވަޑައިގަތީ މާލިކުގެފާނު ތުއްޕުޅު އިރުގައެވެ.
މިކަމުގެ ދަލީލެއް ކަމުގައި، ޢިލްމުވެރިން ވިދާޅުވަނީ، މާލިކުގެފާނު، އެކަލޭގެފާނުގެ މަންމައަށް ވިދާޅުވި ކަމަށް ވެއެވެ. "ތިމަންކަލޭގެފާނު ޢިލްމު، ލިޔުއްވަން ދަންތޯއެވެ؟" މާލިކުގެފާނު މިހެން ވިދާޅުވުމުން، މާލިކުގެފާނުގެ މަންމާފުޅު، އެކަލޭގެފާނުގެ ބޮލުގައި ފަގުޑިއެއް އެޅުއްވުމަށްފަހުގައި، ރީތި ހެދުންކޮޅެއް ތުރު ކުރައްވާފައި ވިދާޅުވިއެވެ. "ދެން ދާށެވެ. ގޮސް ޢިލްމު ލިޔުއްވާށެވެ. އެކަމަކު، (رَبِيْعَة) ގެ އަރިހަށް ގޮސް، އެކަލޭގެފާނުގެ ޢިލްމަށް ވުރެ ކުރިން، އެކަލޭގެފާނުގެ އަދަބުތައް ދަސްކުރާށެވެ." މާލިކުގެފާނު، އެކަލޭގެފާނުގެ މަންމާފުޅުގެ އަމުރަށް، ކިޔަމަންވެ ވަޑައިގަތެވެ.
އިމާމް މާލިކުގެފާނުގެ ޝުޔޫޚުންގެ ތެރޭގައި، (نَافِع, مَولَي إبْن عُمَر) ހިމެނިވަޑައިގަންނަވައެވެ. (نَافِع) އާއި ބައްދަލު ކުރައްވައި، އެކަލޭގެފާނުގެ އަރިހުން، މާލިކުގެފާނަށް އެނގި ނުލައްވާ މައްސަލަތައް، އޮޅުން ފިލުއްވައެވެ. ހަމައެފަދައިން، (جَعْفَر إبْن مُحَمَّد الْبَاقِر) އާއި، (مُحَمَّد إبْن مُسْلِم الزُّهْرِيّ) އާއި، (عَبْدُ الرَّحْمَن إبْن ذَكْوَان) އާއި، (يَحْيَي إبْن سَعِيْد الْأنْصَارِيّ) އާއި، (أبُو حَازِم سَلْمَة إبْن دِيْنَار) އާއި، (مُحَمَّد إبْن الْمُنْكَدِر) އާއި، (عَبْدُ الله إبْن دِيْنَار) އާއި، މިނޫނަސް އެތައް އެތައް ތާބިޢީ ބޭކަލުންނެއްގެ އަރިހުން، މާލިކުގެފާނު ޢިލްމު އުނގެނި ވަޑައިގެންނެވި ކަމަށް، (إمَام النَّوَويّ) ވިދާޅުވެފައިވެއެވެ.
( ނުނިމޭ ).
0 comments:
Post a Comment