Thursday, September 1, 2011

އިސްލާމްކަން ގެއްލޭ ކަންތައްތައް


   ދެނެގަންނާށެވެ! އިސްލާމްކަން ގެއްލޭ ދިހަކަމެއް ވެއެވެ.
ފުރަތަމަ ކަންތައް: ﷲ ތަޢާލާއަށް، އަޅުކަން ކުރުމުގައި، (އެހެން ފަރާތެއް) ބައިވެރިކުރުން.
    މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (إنَّ الله لاَ يَغْفِر أنْ يُشْرَكَ بِهِ وَيَغْفِر مَا دُونَ ذَالِكَ لِمَن يَشَاء) "ހަމަކަށަވަރުން، މާތްﷲ، އެކަލާނގެ ކިބަޔަށް ޝަރީކުކުރެވުމުގެ ފާފަ ނުފުއްސަވާނެއެވެ. އެނޫން ކަންތަކުގެ ފާފަ، އެކަލާނގެ އިރާދަކުރެއްވާ މީހަކަށް ފުއްސަވާނެއެވެ." (ނިސާ: 48)
   އަދިވެސް ވަޙީކުރެއްވިއެވެ. (إنَّهُ مَنْ يُشْرِك بِاللهِ فَقَد حَرَّمَ اللهُ عَلَيْه الْجَنَّةَ وَمَأوَاهُ النَّارُ وَمَا لِلظَّالِمِيْن مِنْ أنْصَار) "ހަމަކަށަވަރުން، މާތްﷲ އަށް ޝަރީކުކުރާ މީހާ، ފަހެ ހަމަކަށަވަރުން، މާތްﷲ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު ވަދެ އޮންނާނޭ ތަމަކީ، ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުވެރީން ކަމުގައިވާނޭ ބަޔަކު ނުވެއެވެ." (މާއިދާ: 72)
   އަދި މީގެ ތެރޭގައި، ﷲނޫން އެހެން ފަރާތަކަށް (ތަކެތި) ޤުރްބާންކޮށް ކަތިލުން ވެއެވެ. ޖިންނީންނަށް ނުވަތަ ޤަބުރަށް ކަތިލުން ފަދަ ކަންކަމެވެ.

ދެވަނަ ކަންތައް: އެފަރާތްތަކަށް ދުޢާ ދެންނެވުމަށާއި، އަދި އެފަރާތްތަކުން ޝަފާޢަތަށް އެދުމާއި، އަދި އެފަރާތްތަކަށް ވަކީލުކުރުމަށްޓަކައި، އެމީހާއި މާތްﷲ އާއި ދެމެދު މެދުވެރީންތަކެއްގެ ބޭނުންކޮށްފި މީހާ، (ދަންނާށެވެ!) ޢިލްމުވެރީން އެއްބަސްވެ ލައްވާ ގޮތުގައި، އެއީ ކާފިރުވެއްޖެ މީހެއް.

ތިންވަނަ ކަންތައް: މުޝްރިކުން ކާފިރުނުކޮށް، ނުވަތަ އެމީހުންގެ ކާފިރު ކަމާއި މެދު ޝައްކުކޮށް، ނުވަތަ އެމީހުން އެހިނގަމުން ގެންދާ މަގު، އެއީ ރަނގަޅު މަގެއްކަމަށް ދެކިއްޖެ މީހާ.

ހަތަރުވަނަ ކަންތައް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ތެދުމަގަށްވުރެ، އެހެން މީހަކު ދައްކާ މަގު، އެއީ ފުރިހަމަ މަގެއް ކަމުގައި، އަދި އެކަލޭގެފާނުގެ ޙުކުމްފުޅަށްވުރެ، އެހެންމީހެއްގެ ޙުކުމް މާހެޔޮ ކަމުގައި، ހިތުގެ އަޑީން ޤަބޫލުކޮށްފި މީހާ (މިޘާލަކަށް، އެކަލޭގެފާނުގެ ޙުކުމްފުޅުގެ މައްޗަށް ޠާޣޫތުންގެ ޙުކުމް އިސްކުރާ މީހާ)

ފަސްވަނަ ކަންތައް: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެއެއްޗަކާއިގެން ވަޑައިގެންނެވި (އެއްވެސް) އެއްޗަކަށް ރުޅިވެއްޖެ މީހާ (އެފަދަ ކަމަކަށް ޢަމަލުކުރި ކަމުގަ ވިޔަސް މެ).

ހަވަނަ ކަންތައް: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެންނެވި ދީނުގެ (އެއްވެސް) އެއްޗަކަށް، ނުވަތަ އެދީނަށް ޢަމަލުކުރުމުން، ލިބޭ ޘަވާބަށް، ނުވަތަ ޢަމަލު ނުކުރުމުން ލިބޭ ޢަޛާބަށް، ފުރައްސާރަ ކޮށްފި މީހާ.
   ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (وَلَئِن سَألْتَهُم لَيَقُولُنَّ إنَّمَا كُنَّا نَخُوضُ ونَلْعَبُ قُل أَبِاللهِ وَآيَاتِهِ وَرَسُولِهِ كُنْتُم تَسْتَهْزِءُون * لاَ تَعْتَذِرُواْ قَدْ كَفَرْتُمْ بَعْد إيْمَانِكُم) "އަދި ހަމަކަށަވަރުން، ކަލޭގެފާނު އެބައިމީހުންނާއި، ސުވާލުކުރައްވައިފިނަމަ، އެބައިމީހުން ބުނާނެކަން ކަށަވަރެވެ. ތިމަންމެން ވީކަން ކަށަވަރީ، ހަމައެކަނި ވާހަކަ ދައްކާ ކުޅިވަރު ކުޅޭ ބަޔަކު ކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމަތް ކުރަންވީ، މާތްﷲ އަށާއި، އެކަލާނގެ އާޔާތްތަކަށާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން، އީމާންވުމަށްފަހު، ތިޔަބައިމީހުން ކާފަރު ވީމުއެވެ." (ތައުބާ: 65،66)

ހަތްވަނަ ކަންތައް: ސިޙްރު ހެދުން
   އޭގެ ތެރޭގައި އެކަންކުރުމަށް ޚަރަދު ކުރުމާއި، އޭގެ އަސަރު ފޯރާނެކަމަށް ޤަބޫލުކުރުން ވެއެވެ. ފަހެ، އެފަދަ ކަމެއް ކޮށްފިމީހަކު، ނުވަތަ އެކަންކުރަން ރުހިއްޖެ މީހަކުވިޔަސް ކާފިރުވާ ހުއްޓެވެ.
   ވަޙީކުރައްވައެވެ. (وَمَا هُمْ بِضَارِّيْنَ بِهِ مِنْ أحَدٍ إلاَّ بِإذْنِ اللهِ وَيَتَعَلَّمُونَ مَا يَضُرُّهُم وَلا يَنْفَعُهُمْ) "އަދި މާތްﷲގެ އިޛުނަފުޅަށް މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެވޭނެ ބަޔަކަށް އެމީހުން ނުވެއެވެ. އެމީހުން އެދަސްކުރަނީ، އެމީހުންނަށް ގެއްލުން ދެނިވި، އެމީހުންނަށް މަންފާއެއް ނެތް ތަކެއްޗެވެ." (ބަޤަރާ: 102)

އަށްވަނަ ކަންތައް: މުސްލިމުންގެ މައްޗަށް (މުސްލިމުންނާއި ދެކޮޅަށް) މުޝްރިކުންނަށް ވާގިވެރިވެ އެހީތެރިވުން
   ވަޙީކުރެއްވިއެވެ. (وَمَن يَتَوَلَّهُم مِّنْكُم فَإنَّهُ مِنْهُمْ إنَّ اللهَ لاَ يَهْدي الْقَوْم الظَّالِمِيْن) "އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުންގެ އެހީތެރިކަމާއި އެކުވެރިކަން ހޯދައިގެންފި މީހާ، ހަމަކަށަވަރުންވެސް، އެމީހުންގެ ތެރެއިން ވާ މީހެކެވެ.  ހަމަކަށަވަރުން އަނިޔާވެރި މީހުންނަށް މާތްﷲ ތެދުމަގު ނުދައްކަވާނެތެވެ." (މާއިދާ: 51)

ނުވަވަނަ ކަންތައް: މޫސާގެފާނުގެ ޝަރީޢަތުން، އަލްޚަޟިރުގެފާނު، ނުކުމެ ވަޑައިގަތުން ތަނަވަސްވީ ފަދައިން، މުޙައްމަދުގެފާނުގެ ޝަރީޢަތުން ބޭރުވެގަތުން ތަނަވަސްވެގެންވާ ކަމަށް، ހިތުގެ އަޑީން ޤަބޫލުކޮށްފިމީހާ

ދިހަވަނަ ކަންތައް: ﷲގެ ދީނުން އެއްކިބާވުން، އެދީން އުނގެނުމަސް މަސައްކަތް ނުކުރުމާއި، އެއާއި އެއްގޮތަށް ޢަމަލުނުކުރުން
   ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (وَمَن أظْلمُ مِمَّن ذُكِّرَ بِآيَات رَبِّهِ ثُمَّ أعْرَضَ عَنْهَـا إنَّا مِنَ الْمُجْرِمِيْنَ مُنْتَقِمُونَ) "އަދި އެމީހާ ހައްދަވާ ބޮޑުކުރެއްވި ކަލާނގެ ބާއްވައިލެއްވި އާޔަތްތައް އެމީހަކަށް ކިޔާ ދެއްވުމަށްފަހު، އެއިން އެއްކިބާވެ މީހާ ފަދަ އެހެން މީހަކުވޭ ހެއްޔެވެ؟ ހަމަކަށަވަރުން ފާފަވެރި މުޖްރިމުންގެ ކިބައިން، ތިމަން އިލާހު ބަދަލު ހިއްޕަވާ ހުށީމެވެ." (ސަޖްދަ: 22)

   އިސްލާމްކަން ގެއްލޭ މިހުރިހާ ކަމެއްގައި، މަޖްބޫރުވެގެން މެނުވީ، ކުޅިވަރަކަށް، ނުވަތަ ބިރުން އެއްޗެއް ބުނުމާއި ދެމެދުގައި ތަފާތެއް ނެތެވެ.
   އަދި މިހުރިހާ ކަމަކީވެސް ނުރައްކާތެރިކަން އެންމެ ބޮޑު، އަދި ހިނގުން އެންމެ ގިނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
   ފަހެ، އެހެންކަމުން މުސްލިމާ މިކަންކަމަށް ރައްކާތެރިވުން ހުއްޓެވެ. އަދި އެމީހެއްގެ ނަފްސުގެ މައްޗަށް މިކަންކަމުގެ ސަބަބުން ބިރުވެތިކަން ހުއްޓެވެ.

  

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons