Saturday, September 3, 2011

ބިރުވެރިކަމުންފުރިފައިވާ ގިޔާމަތްދުވަސް ) 3(

   މާތްﷲއަށް އީމާންވާ މީހުން އިމްތިޙާނު ކުރެއްވުން

   މާތްﷲ، އެކަލާނގެ އަޅުތަކުން ދައްޖާލު މެދުވެރި ކުރައްވައި، އިމްތިޙާނު ކުރައްވާނެއެވެ. ދައްޖާލުގެ އަތްމައްޗައް ބޮޑެތިވެގެންވާ ޢަޖައިބުތައް ފައުޅުކުރައްވާނެއެވެ.
މަރުވެފައިވާ މީހާ ދައްޖާލުގެ އަމުރަށް ތެދުވެ، އޭނާ މަރައިލި މީހާގެ ޚަބަރުކުރުމާއި، ސުވަރުގެކަމުގައި މީހުންނަށް ހީވާފަދަ ރީތި ބަގީޗާ ތަކެއް، އަދި ނަރަކަކަމުގައި ހީވާފަދަ އަލިފާންގަނޑެއް އެއަށް ދެއްވާނެއެވެ.

 އަދި ދައްޖާލު ވިލާގަނަޑަށް އަމުރުކުރުމުން ވާރޭވެހޭނެގޮތް މެދުވެރި ކުރެއްވުމާއި، ބިމަށް އަމުރު ކުރުމުން އެ ބިންގަނދު އޭގައި ވަޅުލެވިފައިވާ ޚަޒާނާތައް ނެރެ އެއްލާލުންފަދަ ﷲގެ ޙަޟްރަތުން ނޫން އެހެން ފަރާތަކަށް ލިބިގެންނުވާނެ ބޮޑެތި ބައެއް ކަންތައްތައް ދައްޖާލަށް ދެއްވާނެއެވެ. އެއީ އަޅުތަކުން އިމްތިޙާން ކުރެއްވުމަށްޓަކައެވެ.

ތެދުވެރި މުސްލިމުނަނަށް މުޞީބާތްކުރިމަތިވުން
    ދައްޖާލަށް ކިޔަމަންތެރި ނުވާ އަޅުތަކުންނަށް މުޞީބާތަކުރިމަތިވާނެއެވެ. އެގޮތުން ކައިބޯތަކެއްޗާއި، މިނޫނަސް އިންސާނުންނަށް ބޭނުންވާ މިފަަދަ ތަކެތި ލިބުމުން މަޙްރޫމުކުރުމާއި، ތަފާތު ބިރުތައް ކުރިމަތިކުރުމާއި، އިންތިހައި ދަރަޖައިގެ ފަޤީރުކަމާއި ނިކަމެތިކަން ކުރިމަތި ކުރުމާއި، ނަފާ ލިބިގަތުމަށް އިންސާނުން ގެންގުޅޭ ޖަނަވާރުތައް މެރުމާއި، މީހުންގެ ފުރާނައާއި، މުދާތައް ފޭރިގަތުންފަދަ އެތައް ކަމެއް ހިމެނޭނެއެވެ.

 މިހުރިހައިކަމެއް މިގޮތަށް މެދުވެރި ވަނީ އެކަންތައް އެގަތަށް ވުމަށް ﷲ އަމުރުކުރެއްވުމުން، އެކަލާނގެ މިންވަރުފުޅުންނެވެ. ﷲ މިންވަރުކުރެއްވި ވަގުތެއް ހަމަވުމުން، ދައްޖާލުގެ ކިބައިން އެހުރިހައި ބާރެއް ދައްޖާލުގެ ކިބައިން ނިގުޅުއްވައި، އެކަންތައްތައް އެފުށްމިފުށަށް ޖައްސަވާނެއެވެ. އެހާއިރުން އެއްވެސް މީހަކު ޤަތުލު ކުރުމަށްފަހު ދިރުވުމުގެ ބާރެއް، ނުވަތަ މިނޫނަސް މީހުން މަގުފުރެއްދުމަށް ައްޖާލު ބޭނުންކުރި އެއްވެސް ބާރެއް އެއަކަށް ލިބިގެނެއް ނުވާނެއެވެ.

މިގޮތުގެ މަތިން މާތްﷲ އެކަނލާގެ އަޅުތަކުން އިމަތިޙާން ކުރައްވާނެއެވެ. މިކަމުގެ ސަބުން ގިންބަޔަކު މަގުފުރެދިގެން ދާނެއެވެ. އަދި ގިން ބައެއްގެ އީމާންކަން ވަރުގަދަވެގެން ވެސް ދާނެއެވެ. މަގުފުރެދިގެން ދާހުށީ ހިތުގައި ޝައްކާއި ވަހުމު އުފެދިފައިވާ މީހުންނެވެ. އީމާންކަން ވަރުގަދަ ވެގެން ދާހުށީ ދީނުގެ މަގުގައި ސާބިތުވެގެން ތިބި މީހުންނެވެ.

ދައްޖާލު 40 ދުވަސް ވަންދެން ބިންމަތީގައި ޤާއިމުވެ ހުންނާނެއެވެ!
      ދައްޖާލު މި ބިންމަތީގައި ޤާއިމުވެ ހުންނަ މުއްދަތު 40 ދުވަހަށް ދެމިގެން ދާނެއެވެ. މިދުވަސް ތަކުގެ ތެރެއިން އެއްދުވަސް އެއްއަހަރާއި އެއްފަދަ ވާނެއެވެ. އެއްދުވަސް އެއްމަހާއި އެއްފަދަ ވާނެއެވެ. އެއްދުވަސް އެއްހަފްތާއާއި އެއްފަދަވާނެއެވެ. އެހެން ދުވަސްތައް އާދައިގެ ދުވަސްތަކާއި އެއްފަދަ ވާނެއެވެ. ގަދަވަޔާއެކު އޮހޮރެމުންއަންނަ ވާރޭ ފެން ފޮދެއްހާ ހަލުވިކޮށް ދައްޖާލު ބިމުގައި ފެތުރޭނެއެވެ.

ދައްޖާލުގެ ސިފަތައް
     ދައްޖާލަކި ޒުވާން، ބޮޑު ހަށިނގަޑެއް ލިބިފައިވާ ބައިމަތި ފުޅާ އެއްޗެކެވެ. ބޯ ބުޅިވާނެއެވެ. އެއް ލޯ އަވަރުވާނެއެވެ. އަވަރުނުވެ ހުރި ލޯ ހީވާނީ ލޯ ފަހަނަ އަޅައި ނުކުމެފައިވާ މޭބިސްކަދުރެއްހެންނަވެ. އެއްވެސް ދަރިއެއް އެއަކަށް ލިބިގެން ނުވެއެވެ.

ދައްޖާލާ ބެހޭގޮތުން ތަމީމުއްދާރީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. " އޭނާއަކީ ތިމަންމެން ދެކެފައިވާ އެންމެ ބޮޑު، އެންމެ ބާރުގަދަ މީހާއެވެ. އޭނާގެ ނިތްކުރީގައި كافر މިހެން ލިޔެވިފައިވެއެވެ. އިމާމް މުސްލިމްގެ ރިވާޔަތެއްގައި އައިސްފައިވަނީ އޭނާގެ ނިތްކުރީގައި ك ف ر މިއަކުރުތައް ލިޔެވިގެންވާ ކަމުގައެވެ. މިކަމުގެ ސަބަބުން މާތްﷲ އަށް އީމާންވާ ކޮންމެ މީހަކަށް މިކަމުގެ ޙަޤީޤަތެއް ނޭނގޭނެއެވެ.

ދައްޖާލަކީ ބޮޑު ދޮގުވެރިއެއް

    ދައްޖާލަކީ ބޮޑުވެގެންވާ ދޮގު ވެރިއެކެވެ. އޭނާއަކީ އިންސާނުން ފަދައިން ކައި ބޮއި ހަދާއެއްޗެކެވެ. ﷲ އަކީ މިފަދަ ބޭނުންތަކަށް ބޭނުންވެވޮޑިގެންވާ ފަރާތެއް ނޫނެވެ. ދައްޖާލުގެ އެއްލޯ އަނދިރިވާނެއެވެ. މާތް ﷲ އަކީ އެންމެހާ އައިބުތަކުން ހުސްދުރުވެ ވޮޑިގެންވަ ރަސްކަނލާގެއެވެ. އެކަނލާގެ ޒާތުފުޅު، އެއްވެސް މީހަކަށް އޭނާ މަރުވުގެ ކުރިއަކު ނުފެންނާނެއެވެ. އެކަމަކު މީސްތަކުން ދައްޖާލު ދެކޭނެއެވެ. އެމީހުންނަކީ މުސްލިމުންނަށް މިއަސް، ނުވިއަސް އެވެ.
ދައްޖާލުގެ ކިބައިން ސަލާމަތްވުން
      އިމާމް އައްސަފާރީނި ވިދާޅުވެފައި ވެއެވެ. "ދައްޖާލާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް އެންމެހައި ކުޑަކުދިންނާއި، އެންމެހައި ފިރިހެނުންނާއި، އަންހެނުންގެ މެދުގައި ޢިލްމުވެރިން ފަތުރަން ޖެހޭނެއެވެ. ޚާއްޞަކޮށް ފިތުނައިގެ އަސަރުތައް ފާޅުވާން ފަށައިފައިވާ މިފަދަ ޒަމާނެއްގައެވެ."

    ކޮންމެއަކަސް ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް އާ ހިތްވަރެއް ލާންވީ ވަގުތު މިވަނީ އައިސްފައެވެ. ދައްޖާލުގެ ފިތުނައިން ސަލާމަތްވާނެ މަގު އަހަރެމެންގެ ދީން އަހަރެމެންނަށް ވަނީ ދައްކައިދީފައެވެ. މިކަމާއިބެހޭގޮތުން ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތުން އަހަރެމެންނާ ހަމައަށް ގެނެސްދީފައިވާ ކަންތައްތަކަކީ ކޮބައިތޯ އަހަރެމެން ދެނެގަންނަން ޖެހޭނެއެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވެއެވެ.

(مَنْ حَفِظَ عَشْرَ آياَتٍ مِنْ سُوْرَةِ الكَهْفِ عُصِمَ مِنْ فِتْنَةِ الدَّجَّاَلِ) މާނައީ: "ސޫރަތުލް ކަހްފި ގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހަކު ދައްޖާލުގެ ފިތުނައިން ސަލާމަތް ވެގެންވެއެވެ.

"
     ދައްޖާލު ފާޅުވެއްޖެކަމުގެ ޚަބަރި އަހައިފި މީހާ އަށް ލާޒިމުވެގެންވަނީ އެތަނަށް ނުގޮސް ދޫކޮށް ލުމެވެ. އެހެނީ ޝައްކެއް ނެތް ގޮތުގައި ތިމަންނައަކީ މާތްﷲ އަށް ކިޔަމަންތެރިވެގެން އަޅަކުކަމުގައި ޤަބޫލުކޮށްގެން އެތަނަށް އެނބުރި ދާ މީހާ ވެސް ދައްޖާލުގެ ފިތުނައިގައި ޖެހި މަގުފުރެދިގެން ދިއުމަކީ ދާދި ގާތުގައި އޮތް ކަމަކަށް ވާތީއެވެ.  

ޢީސާ ޢަލައިހިއްސަލާމް ފޮނުއްވުން

     ދުނިޔެ ނިމެން ގާތްވެފައިވަނިކޮށް ދައްޖާލު ފާޅުވެ، އެއަށް ތަބާވާ މީހުން އިތުރުވެ، މަގުފުރެދުން މުޅި ދުނިޔެއަށް ފެތުރިގެން ދާނެއެވެ. މާތްﷲއަށް އީމާންވެގެން ތިބި މަދު ބަޔަކު މެނުވީ އޭނާގެ ކިބައިން އެއްވެސް ބަޔަކަށް ސަލާމަތެއް ނުވެވޭނެއެވެ.

 މިކަން ހައްދުފަހަނަޅައި ދާހިނދު މާތްﷲ ޢީސާ ޢަލައިހިއް ސަލާމް ފޮނުއްވާނެއެވެ. ސޫރިޔާގެ ވެރި ރަށް ދިމިޝްޤުގެ ރަށްބޭރުގައިވާ ހުދު ގުއްބަކަށް މަލާއިކަތް ބޭކަލުންގެ ވަރަފުޅު މަތީ އެކަލޭގެފާނު ވަޑައިގެން ފައިބައިވަޑައިގަންނަވާނެއެވެ. އެހިނދު މާތްﷲއަށް ކިޔަމަންވެގެން ތިބި މީސްތަކުން އެކަލޭގެފާނު ވަށާ ލާނެއެވެ. އަދި އެމީސްތަކުންނާ އެކު ދައްޖާލު ހޯދުމަށްޓަކައި އެކަލޭގެފާނު ނުކުމެ ވަޑައިގަންނަވާނެއެވެ.

ޢީސާ ޢަލައިހިއްސަލާމް ދައްޖާލު ޤަތުލުކުރެއްވުން
    ޢީސާ ޢަލައިހިއް ސަލާމް ފޮނުއްވާއިރު ދައްޖާލު ވާހުށީ ފަލަސްޠީނާވީ ފަރާތުގައެވެ. އެކަލޭގެފާނަށް ދައްޖާލާ ބައްދަލު ވާހުށީ ފަލަސްޠީނުގެ ބިމުންނެވެ. ދައްޖާލަށް ޢީސާ ޢަލައިހިއް ސަލާމް ފެން     ނަހިނދު، ލޮނު ފެނަށް ގިރިގެން ދާހެން ކުޑަވެގެން ދާނެއެވެ.

 އަދި ދައްޖާލު ފިލަން މަސައްކަތް ކުރަމުން ގެންދަނިކޮށް، އެކަލޭގެފާނު އެސޮރު އަތުލައިގެން ޤަތުލުކުރައްވާނެއެވެ. އަދި އޭނާއަށް ކިޔަމަންވެގެން ތިބި މީހުން ބަލި ކުރައްވާނެއެވެ. މާތްﷲ އަށް އީމާންވެގެން ތިބި މީސްތަކުން އެބައިމީހުން ހިފޢައި ހައްޔަރުކުރަމުން ގެންދާނެއެވެ. މިގޮތުން ައްޖާލުގެ ފިތުނަތައް ކެނޑިގެން ދާނެއެވެ.

ޢީސާގެފާނަށްފަހު ދުނިޔެ އަމާންވެގެންވުން

         ޢީސާ ޢަލައިހިއް ސަލާމް ވަޑައިގެން ދައްޖާލު ޤަތުލު ކުރުމަށްފަހު ދުނިޔެ ވެގެންދާހުށީ ފަސޭހަ، އުފާވެރި ، އަދި އަރާމު ތަނެއް ކަމުގައެވެ. އެވަގުތު ތިބި މީސްތަކުންގެ މައްޗައް މާތްﷲ ބަރަކާތުގެ ވާރޭ ވެއްސަވައި، ބިންގަނޑަށް ޙާރޯކަމާއި ތާޒާކަން ގެންނަވާނެއެވެ.

 އަދި އެބިމުން ގޮވާމުގެ ބާވަތްތައް އައިސް، މީސްތަކުން ގެންގުޅޭ ނަޢަމް ސޫފީގައި ވެސް ބަރަކާތް ލައްވާނެއެވެ. އަދި ބިންމަތީގައި ސުލްޙަވެރިކަން ފެތުރިގެން ދާނެއެވެ. ހިތްހަމަޖެހުމާއި ސުލްޙަވެރިކަން ދުނިޔެ ވަށާލާނެއެވެ. ޝިކާރަކުރާ ނުރައްކާތެރި ޖަނަވާރުތައް ކުރިން އެސޮރުމެން ޝިކާރަކޮށް  އުޅުނު ޖަނަވާރުތަކާއި ސުލްހަވެ، އެކީގައި ދިރިއުޅޭނެއެވެ. ކުޑަކުދިން ހަރުފަތަކާއި ކުޅޭނެއެވެ. އެއިން އެއްޗެއް ކުއްޖަކަށް ގެއްލުމެއް ނުދޭނެއެވެ.

ޔަމަނުން އަލިފާންގަނޑެއް ފާޅުވުން

ދުނިޔެ ޤިޔާމަތްވުމުގެ ޢަލާމަތްތަކުގެ ތެރޭގައި ހިމެނޭނެ އެއް ޢަލާމަތަކީ ޔަމަނުން ބޮޑު އަލިފާންގަނޑެއް ފާޅުވުމެވެ. މިއަލިފާންގަނޑު ފާޅުވެ، މީސްތަކުން ލަވަމުން އެއްކުރަމުން ގެންދާނެއެވެ. އަދި މި އަލިފާންގަނޑު ސަބަބުން އެބައިމީހުންގެ ޖަގަހަތަކުގައި އެބައިމީހުން ބަންދުވަމުން ދާނެއެވެ.

ހުޅަނގުން އިރުއެރުން
    
ހުނޅަގު ފަރާތުން އިރު އެރުމަކީ ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުނޅަގުން އިރު އެރުމުން މީސްތަކުން އެމަންޒަރު ދެކި ﷲ އަށް އީމާންވުމުގެ ފަރާތަށް އަންނާނެއެވެ. ނަމަވެސް އޭރުވާނީ ވަގުތު ފާއިތުވެފައެވެ. އޭގެ ކުރީން އީމާންވެފައި ނުވާ އެއްވެސް މީހެއްގެ ތައުބާއެއް އެހާއިރުން ޤަބޫލެއް ނުކުރެވޭނެއެވެ. ހެޔޮކަމުގެ ދޮރުތައް އޭރުވަނީ ބަންދުކުރެވި ސިއްކަ ޖެހިފައެވެ.

ދުނިޔެ ޤިޔާމަތްވުން

   ޢީސާ ޢަލައިހިއްސަލާމް މިބިންމަތީގައި 7 އަހަރު ޤާއިމުވެ ހުންނަވާނެއެވެ. އެއަށްފަހު، މާތްﷲ ސީރިޔާ އާ ވީފަރާތުން ފިނި ވައެއް ފޮނުއްވާނެއެވެ. އިޚްލާޞްތެރި، ނުވަތަ ހެޔޮކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހަކު، މިވައިން އިސްތިޘްނާ ވުމެއް ނެތި، އެފަދަ އެންމެން މިވައިގެ ސަބަބުން މަރުވެގެން ދާނެއެވެ. އެއަށްފަހު އެވަޤުތު ދުނިޔޭގައި ތިބި މީހުންގެ މައްޗަށް ޤިޔާމަތް ވާނެއެވެ. ﷲގެ ނަންފުޅު އެމީހެއްގެ ދުލަށް ގެނެވޭ ހަމަ އެކަކުވެސް އެވަޤުތަކު ދުނިޔޭގެ ބިން މައްޗަކު ނުހުންނާނެއެވެ.
ޚުލާޞާއެއް
   އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤިޔާމަތްވުމުގެ ވަޤުތު ކައިރިވެގެން އެބަ އަންނަކަން މާތްﷲ ވަނީ އަހަރެމެންނަށް އަންގަވައި އިންޛާރު ކުރައްވާފައެވެ. ދުނިޔެ ޤިޔާމަތްވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެދުވަހު ކުރަންހުރި ދުނިޔެވީ ކަންތައްތަކާއި މެދުގައެވެ ލިބެން އޮތް މާއްދީ ފައިދާއާ މެދުގައެވެ.
  
 ނަމަވެސް، އޭ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނޭވެ! ޤިޔާމަތުގެ ޢަލާމަތްތައް އަހަރެމެންނަށް ފުލުފުލުން މިހިރަ ފެންނަމުން ދަނީއެވެ. ހަށިގަނޑުގެ ވަރުދެރަވެ މަރާ ދިމާއަށް ދުނިޔެ އަހަރެމެން ދަމާ ކޫއްތާފައި މިހިރަ ގެންދަނީއެވެ. މިކަންކަމުން ޢިބުރަތް ލިބިގަނެ، ކުރެވުނު ކުށްތަކަށް ތައުބާވެ، ހެޔޮ ޢަމަލުކުރަން އަވަސްވެ ގަންނަމާ ހިންގަވާށެވެ. ސަލާމަތުގެ އައްސޭރިއަކަށް ދެވޭހުށީ އޭރުންނެވެ.



          މަހުދީގެފާނު ވަޑައިގަތުމާއި ޤިޔާމަތްވުމުގެ ޢަލާމާތްތައް
  ސުވާލު

މަހުދީގެފާނަކީ ކޮން ބޭކަލެއްތޯ އެވެ؟ ނުވަތަ އެކަލޭގެފާނު ވާނީ ކޮން ބޭކަލަކަށްތޯ އެވެ؟ މަހުދީގެފާނު ވަޑައިގަންނަވާނެ ކަމުގެ ދަލީލެއް ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވޭތޯ އެވެ؟ މަހުދީގެފާނު ވަޑައިގެންނެވުމާއި، ދައްޖާލު އެރުމާއި، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން އައުމާއި، ޢީސާގެފާނު ފައިބާ ވަޑައިގަންނަވާނީ ކޮން ތަރުތީބަކުންތޯ އެވެ؟


ޖަވާބު

އިމާމު މަހުދީގެފާނަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަހުލުބައިތުންގެ ތެރެއިން ވަޑައިގަންނަވާނެ ބޭކަލެކެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ، ފަހު ޒަމާނުގަ އެވެ. އޭރު، ދުނިޔެ ވާނީ އަނިޔާވެރިކަމުން ފުރިފަ އެވެ. އެކަލޭގެފާނު ވަޑައިގެން، މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރައްވާނެ އެވެ. މާތް ﷲ އެކަލޭގެފާނު ފޮނުއްވާނީ، މީސްތަކުންގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގަވާނެ ބޭކަލެއްގެ ގޮތުގަ އެވެ.

މަހުދީގެފާނުގެ ނަންފުޅު ވާނީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ނަންފުޅު ފަދައިންނެވެ. މަހުދީގެ ފާނުގެ ބައްޕާފުޅުގެ ނަންފުޅު ވާނީ، އިތުރުއެކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅު ފަދައިންނެވެ. މީގެ މާނައަކީ، މަހުދީގެފާނުގެ ނަންފުޅަކީ، މުޙައްމަދެވެ. ނުވަތަ އަޙުމަދެވެ. އެކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅަކީ، ޢަބްދު ﷲ އެވެ. އެކަލޭގެފާނުގެ ނަސަބުފުޅު، ފާޠިމަތުގެފާނާ ހަމައަށް ފޯރާނެ އެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ، ޙަސަނުގެފާނުގެ ދަރިފަސްކޮޅުންނެވެ. އެކަލޭގެފާނު ވަޑައިގެންނެވުމުގެ ޢަލާމާތަކީ، މުޅި ދުނިޔޭގައި ފިތުނަ ފަސާދަ ފެތުރި، މުޅި ދުނިޔޭގައި ޢަދާވާތްތެރިކަމާއި އަނިޔާވެރިކަން ޢާންމުވުމެވެ. މަހުދީގެފާނު ވަޑައިގަންނަވާނެ ކަމާއި، އެކަލޭގެފާނުގެ ސިފަފުޅުތައް ބަޔާންކުރައްވާފައިވާ އެތައް ޙަދީޘްފުޅެއް ވެ އެވެ.

ދަންނައެ، ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތަރުތީބާމެދު ޢިލްމުވެރިންގެ މެދުގައި އިޚުތިލާފު ވެ އެވެ. ސަބަބަކީ، ޠާހިރު ސުންނަތުގައި، އެ ޢަލާމާތްތަކުގެ ތަރުތީބު ވާރިދުވެފައި ނުވާ ކަމެވެ. ނަމަވެސް ޢިލްމުވެރިން ވަނީ، ބައެއް ޢަލާމާތްތަކުގެ ތަރުތީބު އެކި ޙަދީޘްފުޅުތަކުން ނެރުއްވާފަ އެވެ. އެގޮތުން ޢިލްމުވެރިން ތަރުތީބުކުރައްވާފައިވާ ޢަލާމާތްތަކަކީ:


1. ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތައް ފާޅުވުން

ކުދި ޢަލާމާތްތައް ވަރަށް ގިނަ އެވެ. ކުދި ޢަލާމާތްތައް ފާޅުވުމުގެ ވަކި ތަރުތީބެއް ނެތެވެ. ކުދި ޢަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެ އެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުން.
ޝާމުކަރައިގައި ޠާޢޫނު ބަލި ފެތުރުން.
ފިތުނަ ފަސާދަ ފެތުރި ޢާންމުވުން.
އަމާނާތްތެރިކަން ނެތިދިއުން.
ޢިލްމު އެރުއްވުން.
ޖާހިލުކަން ފެތުރުން.
ރިބާކެއުމާއި، ޒިނޭކުރުމާއި، މިއުޒިކުކުޅޭ ސާމާނާއި، ބަނގުރާ ޢާންމުވެ، އެ ޙަލާލުކުރުން.
އުސް ޢިމާރާތްތައް ބިނާކުރުން.
ވަގުތު ކުރުވުން.
މިސްކިތްތަކުގައި ކުރެހުން އަޅައި ޒީނަތްތެރިކުރުން.
ޝިރުކުކުރުން ފާޅުވުން.
ފާޙިޝް ޢަމަލުތައް ފެތުރުން.
މުށްބާރުކަމާއި ބަޚީލުކަން ޢާންމުވުން.
ބިންހެލުން ގިނަވުން.
ބިންގަނޑު ކަނޑައިގެން އަޑިއަށް ދިއުމާއި، މީހުންގެ ސިފަ ބަދަލުވުމާއި، ގިނިހިލަ ވެއްޓުން ގިނަވުން.
ހެޔޮލަފާ ޞާލިޙު މީހުން ނެތިދިއުން.
މުއުމިނުންނަށް ފެންނަ ހުވަފެން ސީދާވުން.
ސުންނަތްތަކާމެދު ފަރުވާކުޑަކުރުން.
ދޮގުހެދުން ގިނަވުން.
ދޮގުހެކިދިނުން ގިނަވުން.
ކުއްލިމަރުން މަރުވާ މީހުން ގިނަވުން.
ވާރޭވެހުން ގިނަވެ، ގަސް މަދުވުން.
މީހުން (ދުނިޔޭގައި އުޅޭހިތް ނުވެ) މަރުވުމަށް އެދިގެން އުޅުން.
ރޫމީންގެ ޢަދަދު ގިނަވެ އެމީހުން ހަނގުރާމަކުރުން.

މިނޫނަސް މިފަދަ ކިތަންމެ ޢަލާމާތްތަކެއް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން ސާބިތުވެ އެވެ.


2. މަހުދީގެފާނު ވަޑައިގަތުން

މަހުދީގެފާނު ވަޑައިގަންނަވާނީ، ދައްޖާލު އެރުމުގެ ކުރިންނެވެ. އަދި ޢީސާގެފާނު (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ފައިބާވަޑައިގަތުމުގެ ވެސް ކުރިންނެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅަކުން އެކަން އެނގެ އެވެ. އެ ޙަދީޘްފުޅުގައިވެ އެވެ.

(يَنْزِلُ عِيسَى ابْنُ مَرْيَمَ - صلى الله عليه وسلم - فَيَقُولُ أَمِيرُهُمْ تَعَالَ صَلِّ لَنَا. فَيَقُولُ لاَ. إِنَّ بَعْضَكُمْ عَلَى بَعْضٍ أُمَرَاءُ. تَكْرِمَةَ اللَّهِ هَذِهِ الأُمَّةَ)
ރިވާކުރެއްވީ: މުސްލިމު.

މާނައީ، "މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ފައިބާވަޑައިގަންނަވާނެ އެވެ. ދެން އެމީހުންގެ (އެބަހީ: މުސްލިމުންގެ) އަމީރު (މަހުދީގެފާނު) އެކަލޭގެފާނަށް ދަންނަވާނެ އެވެ. ކަލޭގެފާނު ވަޑައިގެން އަޅުގަނޑުމެންނާއެކު އިމާމުވެ ނަމާދުކޮށްދެއްވާށެވެ! ފަހެ، ޢީސާގެފާނު ވިދާޅުވާނެ އެވެ. ތިމަންކަލޭގެފާނު އިމާމުވެވަޑައެއް ނުގަންނަވާނަމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު ވަނީ އަނެއް ބަޔެއްގެ މައްޗަށް އިމާމުވެރިކުރައްވާފަ އެވެ. އެއީ މިއުންމަތަށް ﷲ ދެއްވާފައިވާ ދީލަތިވަންތަ ދެއްވުމެކެވެ."


3. ދައްޖާލު އެރުން

ދައްޖާލު އަރާނީ މަހުދީގެފާނުގެ ޒަމާނުގަ އެވެ.


4. ޢީސާގެފާނު ފައިބާވަޑައިގަތުން

ޢީސާގެފާނު ފައިބާވަޑައިގަންނަވާނީ، މަހުދީގެފާނު ވަޑައިގެންނެވުމާއި، ދައްޖާލު އެރުމުގެ ހާދިސާ ހިނގުމަށްފަހުގަ އެވެ.


5. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން އައުން

ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން އަންނާނީ، ޢީސާގެފާނުގެ ޒަމާނުގަ އެވެ.


އެއަށްފަހު، ދެން ހުރި ޢަލާމާތްތައް ކައިރި ކައިރީގައި ފާޅުވަމުންދާނެ އެވެ. އެއް ޢަލާމާތް ފާޅުވުމަށްފަހު، އަނެއް ޢަލާމާތް ފާޅުވަމުންދާ ގޮތުގެ މަތިންނެވެ. އެފަދަ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި، ހުޅަނގު ފަރާތުން އިރުއެރުމާއި، ބިމުން ދާއްބައެއް ނިކުތުން ވެސް ހިމެނެ އެވެ.


0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons