Sunday, September 18, 2011

ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާއި ނަމާދުގައި އަޑުހަރުކޮށް ބިސްމިކިޔުމާމެދު އަޅުގަނޑުގެ އެންމެ ފަހު ބަސް

    އާނއެކެވެ. ޙާލަތު ރުޖޫޢަ ވަނީއެވެ. ކުރީގެ އާދަކާދަ ދިރުވާ ބަޔަކު އުފެދުނީއެވެ. ދީނީ ކަންތައް ގޮތްމުށުގެ ތެރެއަށް ލައި ފިއްތާލަނީއެވެ. ދީނަށް ބަދަލު ގެނެސް ދީނުގައި ބިދުޢަތައް ހަދައި އެގޮތްތައް ފަތުރަނީއެވެ. ބިދުޢަތައް ސުންނަތްތަކަށް ހަދައި ސުންނަތްތައް ބިދުޢަތަކަށް ހަދަނީއެވެ. ދީނުގެ ނަމުގައި މަޞްލަޙަތުގެ ނަމުގައި ސާފުބަހުން ޝިރުކަށް ގޮވަނީއެވެ. 



އާދޭހެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިހުރިހާ ކަމެއް ފެތުރިއްޖެއެވެ. ކާކުގެ ފަރާތުން ތޯއެވެ؟ އާނއެކެވެ. އަހަރުމެން އެމީހެއްގެ ފަރާތުން ނުވަތަ އެބައެއްގެ ފަރާތުން މިފަދަ ކަންތައްތަކަކަށް އުއްމީދު ނުކުރާ ބައެއްގެ ފަރާތުންނެވެ. އަހަރުމެންގެ ހުރިހާ އުއްމީދެއް އެބަޔަކާ ގުޅިފައިވީ މީހުންގެ ފަރާތުންނެވެ. އާދެ. އެއީ މިސަރުކާރުން އުފެއްދި އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ޙަވާލުވެ ތިއްބެވި އިސްވެރިންނެވެ.
މީގެ ދުވަސްތަކެއް ކުރިން އަހަރެން ތިޔަ ކިޔުންތެރިންނަށް ސާކިއުލާރ އެއްގެ ޚަބަރު ދިނީމެވެ. ނަމާދުގައި އަޑު ހަރުކޮށް ބިސްމި ކިޔުމަށް އަމުރުކޮށް ފަތިސް ނަމާދުގައި މިސްކިތަށް ޙާޟިރުވާ ގިނަ މީހުން ބޭނުންވަނީ ބިދުޢަތަކަށް ޢަމަލު ކުރުން ކަމުގައިވާނަމަ ޤުނޫތު ކިޔުމަށް އަމުރުކޮށްފައިވާ ސާކިއުލާރ އެއްގެ ވާހަކައެވެ. ޢީދު ބަންދަށްފަހު ރަށު އޮފީސްތަކަށް މިސާކިއުލާރ ފޮނުވޭނެ ވާހަކައެވެ.
ކޮންމެއަކަސް ޢީދު ބަންދަށްފަހު ޓީވީ އާއި ރޭޑިއޯއިން އެންމެ ހޫނު ހަބަރަކަށް ވެގެންދިޔަ އެއްޚަބަރަކީ މިސާކިއުލާރގެ ވާހަކައެވެ.
ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މަސްލަޙަތު ހިފެހެއްޓުމުގެ ނަމުގައި މުޅިތަން ފަސާދަކޮށްލީއެވެ. މަސްލަޙަތު ހިފެހެއްޓުމުގެ ނަމުގައި ބިދުޢަތަކަށް ނަޞްރުދެނީއެވެ. ސުންނަތުން އެކަހެރި ވަނީއެވެ. ﷲ ތަޢާލާ މިމީހުން ދުނިޔެއަށް ފޮނުއްވީ ދުނިޔެ ފަސާދަވެފައިވަނިކޮށް ދުނިޔޭގެ މަސްލަޙަތު ހިފެހެއްޓުމަށްޓަކައި ޔޯލައެވެ. އެހެނަސް އެހެނަކުން ނޫނެވެ. ﷲ ތަޢާލާ އަހަރުމެން ދުނިޔެއަށް ފޮނުއްވީ އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ.

 މިދެންނެވީ އެއްވެސް ޙާލެއްގައި މަޞްލަޙަތަށް ބަލަން ނުޖެހޭ ވާހަކައެއް ނޫނެވެ. އެހެނަސް މަޞްލަޙަތަށް އަހަރުމެން ބަލަންވީ ދީނުގައި ޝަރުޢުކުރެވިގެންވާ އަޅުކަންތަކުގައެއް ނޫނެވެ. އަޅުކަންތައް މިނިވަން ވެގެންވެއެވެ. ﷲގެ ރަސޫލާ ބަޔާންކޮށްދެއްވި ގޮތަށް މެނުވީ އެއަޅުކަންތައް އަދާ ކޮށްގެން ނުވާނެއެވެ. މަޞްލަޙަތަށްޓަކައި އެއަޅުކަންތަކުގައި ބިދުޢަތައް ހަދައި ގިނަބަޔަކު ރުހޭ ގޮތަށް ކުރަންވެއްޖެ ނަމަ އަޅުކަން ޤަބޫލު ނުކުރުވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނީ އަޅުކަމަކީ ﷲއަށް ޚާލިޞް ކުރެވެން ޖެހޭ ކަންތައްތަކެވެ. ވަކި މީހަކު ބުނާ ގޮތަކަށް ވަކި މީހަކު ރުއްސުމަށް އަޅުކަންކުރާނަމަ އެކުރެވެނީ ޝިރުކުކަމާމެދު ހަމަ އެއްވެސް ޝައްކެއް ނެތެވެ.
އެހެނަސް މިކަން މިހާ ސާފުވެގެންވީއިރުވެސް މިރާއްޖޭގައި އުޅޭ މަޞްލަޙަތު ޢިލްމުވެރިން އަޅުކަންކަމުގައިވެސް މަޞްލަޙަތަށް ބަލައި ބިދުޢަތައް ހަދައި ގިނަބަޔަކު މަގުފުރައްދައިފިއެވެ. މިޢިލްމުވެރިންގެ ކަމަކީ ތަނެއްގައި ދެބަސްވުމެއް އުފެދޭއިރަށް އެކަން ޙައްލުކުރުމަށް މަޞްލަޙަތޭ ކިޔައި ކޮންމެ ކަމެއްވެސް ވަރިހަމަ ކޮށްލުމެވެ. ހަމަނުޖެހުމެއް ނުއުފެދޭނަމަ މިމީހުން ރުހިގެންވެއެވެ. ﷲ ތަޢާލާ މިމީހުންނާމެދުގައި ރުއްސަވާ ގޮތަށް ޢަމަލުކުރުމެއް މިމީހުންގެ ނޯވެއެވެ. މިމީހުންބަލަނީ ބަޔަކު މީހުން ރުއްސައި އެމީހުންގެ ރުހުން ހޯދައި މަޝްހޫރު މީހަކަށް ވޭތޯއެވެ.
އެގޮތުން މިނެރުނު ސާކިއުލާރ ގައިވަނީވެސް މިފަދައިންނެވެ. ގިނަ ބަޔަކު ރުހޭނަމަ މަޞްލަހަތަށްޓަކައި ބިދުޢައަށް ޢަމަލު ކުރުމެވެ. ގިނަމީހުން ނުރުހެންޏާ އެގޮތަށް ޢަމަލު ނުކުރުމެވެ. އަދި މިމީހުން ބުނިކަމަށް ވެއެވެ. ނަމާދުގައި ބިސްމި ސިއްރުން ކިޔުމުގެ *އިޚްތިޔާރު* އެއްވެސް އިމާމަކަށް ދީފައިނުވާނެ ކަމެވެ. ﷲ ތަޢާލާ އަހަރުމެންގެ ފާފަ ފުއްސަވާށިއެވެ.

 މިބުނެވުނީ ކުފުރުގެ ބަހެއް ނޫން ދެން ކީކޭ ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ނަމާދުކުރަންވީ ގޮތް ބަޔާންކޮށްދެއްވައި ތިމަންކަލޭގެފާނު ނަމާދުކުރެއްވީތީ ފެނުނު ގޮތަށް ނަމާދުކުރުމަށް އަމުރު ކުރައްވާފައިވީ ހިނދު މިމީހުންނަށް މަކަމުގައި ލިބެގެންވަނި ކޮން އިޚްތިޔާރެއް ހެއްޔެވެ؟ ވަކިގޮތަކަށް މިނަމާދު ކުރަން މިމީހުންނަށް ބުނެވޭނެތޯއެވެ؟ ވިސްނާލައްވާށެވެ. މަޞްލަޙަތޭ ކިޔައިގެން ތިކުޔުނީ ހަމަ ރަނގަޅު އެއްޗެއްތޯއެވެ؟
މަޞްލަޙަތަށްޓަކައި އެއީ ކޮންމެފަދަ ކަމަށްވިޔަސް ގިނަ މީހުންރުހޭނަމަ އެކަމެއް ރަނގަޅުވަނީތޯއެވެ؟ މިއީ ކޯޗެއްކަން ކޮން ނަޒަރިއްޔާއެއްކަން އިނގޭތޯއެވެ؟ ވިސްނިގަންނާށެވެ. މިއީ މިއެންމެން އެވަރު ދެވަނަ އެއްޗެއް ނެތްކަމަށް އޭގެ ފަހަތުން ދުވާ އެއަށް އަޅުވެތިވެގެންވާ ޑިމޮކްރަސީއެވެ. އާދެ ދީމުޤުރާތީ ނިޒާމެވެ. ނުވަތަ ދީންމުގުރާ ނިޒާމެވެ. މިއީ ކޯޗެއްތޯއެވެ؟ ދީނީ ނަޒަރަކުން މިއަށް ބަހެއް ބުނެލާނަމަ މިއަށް ކިޔާނީ ކުފުރު ޑިމޮކްރަސީ މިހެންނެވެ.

 ކޮންމެއަކަށް މިފަދަ ނިޒާމައްގެ ހިޔަލެއް ނެތް ހިޔާލިބިގަނެގެން ތިބެ ދީނުގެ ތެރެއަށް ސާފު ކުފުރު ވައްދައި މަޞްލަޙަތޭ ކިޔާ ބައެއްގެ ޢިލްމުވެރިކަމާ މެދު ޝައްކެއް ވޭތޯއެވެ؟ އޮތީ ދެގޮތެކެވެ. މިމީހުންގެ ދީނީ ޢިލްމޭ މިކިޔާ އެއްޗެއް ނެތީއެވެ. ނުވަތަ ޢިލްމުހުރެ ޢިލްމަށް ޚިޔާނާތްތެރިވެ ﷲގެ ގަދަފަދަވެގެންވާ ޢަޒާބަށް ހުށަހެޅިގަތީއެވެ.
ދެންފަހެ ނިންމާލުމުގެ ކުރިން މިމައްސަލަތަކުގައި އަޅުގަނޑުގެ އެންމެ ފަހުގެ ބަސް ތިޔަ ކިޔުންތެރިންނާ ޙިއްޞާ ކޮށްލާނަމެވެ. އެހެނީ މަޞްލަޙަތު ޝައިޚުންވަނީ ގިނަ ދިވެހިން މަގުފުރައްދާފައެވެ.
ފަތިސް ނަމާދުގައި ދާއިމީކޮށް ޤޫނޫތު ކިޔުމާ ބެހޭގޮތުން ދަންނަވަމެވެ. އެއީ ބިދުޢައެކެވެ. އާނއެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޞައްޙަމަގުން ޘާބިތުވެފައިނުވާ ދީނުގައި އަލަށް އުފެދިފައިވާ ބިދުޢައެކެވެ.
أبو مالك الأشجعي ވިދާޅުވިއެވެ. ތިމަންނާގެ ބައްޕާގެ އަރިހުގައި ދެންނެވީމެވެ. އޭ ބައްޕާއެވެ. ކަލޭގެ ފާނު رسول الله صلى الله عليه وسلم އާއި أبو بكر އާއިعمر އާއިعثمان އަދި علي رضي الله عنهم ގެ ފަހަތްޕުޅުގައި ނަމާދު ކުރެއްވީމު ނޫންތޯއެވެ. ((أفكانوا يقنتون في الفجر؟)) "އެބޭކަލުން ފަތިސް ނަމާދުގައި ގުނޫތު ވިދާޅުވިތޯއެވެ؟" ވިދާޅުވިއެވެ.

 ((أي بنيّ مُحدَث)) "ދަރިފުޅާއެވެ! އެއީ އައުކަމެކެވެ." އެބަހީ ފަތިސް ނަމާދުގައި ދާއިމުވެ ގުނޫތު ކިޔުމަކީ އެބޭކަލުން ކުރެއްވި ކަމެއް ނޫނެވެ. އަލަށް ފެށިގެން އުޅޭ ކަމެކެވެ. އަބޫދާވޫދު ފިޔަވައި ސުނަނުގެ މަޝްހޫރު ހަތަރު އިމާމުން ރިވާކުރެއްވިއެވެ. އަދި الألباني ޞައްހަ ކުރެއްވިއެވެ. (الإرواء (435
ދެންފަހެ ބިދުޢަތަކަށް ޢަމަލުކުރުމުގައި ހުރި ނުބައިކަމާއި ބިރުވެރިކަން ދަންނަ ހުށިކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢލަހި ވަސައްލަމް ޙަދީޘް ކުރެއްވިކަމަށް އަލްއިމާމް އަޙުމަދު އެކަލޭގެފާނުގެ މުސްނަދުގައި، އިމާމް އަބޫ ދާވޫދް އެކަލޭގެފާނުގެ ސުނަންގައި، އިމާމް ތިރުމިޛީ އެކަލޭގެފާނުގެ ސުނަންގައި އަދި އިމާމް އިބްނު މާޖާ އެކަލޭގެފާނުގެ ސުނަންގައި ރިވާކުރައްވައެވެ. އަދި އަލްބާނީ މިޙަދީޘް ޞައްޙަ ކަމުގައި ވިދާޅުވިއެވެ.
وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ, فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ, وَإِنَّ كُلُّ بِدْعَةٍ ضَلاَلَةٌ
މާނައީ: "އަދި ދީނުގައި އަލަށް އުފެދޭ ކަންތައްތަކާއި ކައިރި ނުވާށެވެ! ހަމަކަށަވަރުން ކޮންމެ އާކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."
އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ مُحْدَثَةٍ بِدْعَةٌ وَكُلُّ بِدْعَةٍ ضَلالَةٌ
މާނައީ: "އަދި ދީނުގައި އުފެދޭ ނުބައި ކަންތައްތަކަކީ އާކަންތަކެވެ. ކޮންމެ އާކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.
އަދިވެސް އެހެން ރިވާޔަތެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
وَكُلُّ ضَلالَةٍ فِي النَّارِ
މާނައީ: "އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ."
އަޚާއެވެ. އުޚުތާއެވެ. ވިސްނާލެއްވުން ބުއްދިވެރިއެވެ. ތިބާއަށް ކާމިޔާބު އޮތީ ﷲއާއި އެއިލާހުގެ ރަސޫލާ ދެއްކެވި މަގުތައިތޯއެވެ؟ ނުވަތަ ބަޔަކު ބުނާގޮތަކަށް ޢަމަލުކޮށްގެން އެގޮތުގައިތޯއެވެ.

 ބަޔަކު ރުއްސައިގެން އެމީޙުން ބުނިގޮތަށް ޢަމަލުކޮށްގެން ތިބާއަށް ތިދެވެނީ އަނދައަނދައި ހުންނަ އަލިފާނާ ދިމާއަށެވެ. ޤިޔާމަތް ދުވަހުން ﷲގެ ޙަޟްރަތުގައި ތިމަންމަންގެ ވެރިން ތިމަންމެން މަގުފުރެއްދީއޭ ބުނާނޭ ބަޔަކު ވާނެކަން ޤުރުއާން ޚަބަރުދެއެވެ. އެހެނެއްކަމަކު އެމީހުން ސަލާމަތްވާނެ ބަޔަކު ކަމުގައި ވޭތޯއެވެ؟ ތިބާވެސް އޭގެ މީހަކަށް ވާން ބޭނުންނޫންނަމަ ﷲއާއި އެއިލާހުގެ ރަސޫލާ ދެއްކެވި މަގުން ހިނގާށެވެ. އޭރުން ކާމިޔާބު ވާނެއެވެ. އަދި ދަންނަހުށިކަމެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއަށް ނުކިޔަމަންތެރިވެ އުރެދުމުގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނުވެއެވެ.
ދެންފަހެ ނަމާދުގައި އަޑުހަރުކޮށް ބިސްމިކިޔުމާމެދު ދަންނަވަމެވެ. މަޞްލަޙަތު ޝައިޚުން އަހަރުމެން އޮޅުވާލައިފިއެވެ. ކިޔަސް ނުކިޔަސް ވަރިހަމަ ކަމުގައި ހަދައި ދެގޮތްވެސް ސުންނަތް ކަމުގައި ހަދައިފިއެވެ. ކޮންމެއަކަށް އަހަރުމެން އަބަދުވެސް ރުޖޫޢަވަނީ ދަލީލަށެވެ. އެގޮތުން މިމައްސަލައިގައި ދެކޮޅަށް ދަލީލު ހުރުމުން ބުނެލަމެވެ. ނަމާދުގައި ބިސްމި ސިއްރުން ކިޔުމަށް އައިސްފައިވާ ރިވާޔަތްތަކަކީ އެރިވާޔަތްތަކުގައި ޚާއްޞަކޮށް ނަމާދުގައި ބިސްމި ކިޔުމާމެދު އައިސްފައިވާ ރިވާޔަތްތަކެވެ.

 އަދި މިރިވާޔަތްތަކަކީ ސީދާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ޢަމަލުފުޅުކަމުގައި ރިވާވެގެންވާ ރިވާޔަތްތަކެވެ. އަނެއް ކޮޅަށް ޔައުނީ ނަމާދުގައި ބާރަށް ކިޔުމަށް އައިސްފައިވާ ރިވާޔަތްތަކަކީ ޚާއްޞަކޮށް ނަމާދުގައި ބިސްމި ކިޔުމާމެދު އައިސްފައިވާ ޙަދީޘްތަކެއް ނޫނެވެ.

 އަދި މިރިވާޔަތްތަކުގައި އައިސްފައިވަނީ ސީދާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަމާދުގައި ޢަމަލުފުޅު ކުރެއްވި ގޮތް ކަމުގައި ނުވެއެވެ. މީގައި އައިސްފައިވަނީ ޞަޙާބީންނާއި ތަބާ ތާބިޢީންގެ ޢަމަލުފުޅެވެ. ދެންހުރީ ޢާއްމުކޮށް ކިޔަވާ ކިޔެވުމުގައި އެކަލޭގެފާނު ކިޔަވާވިދާޅުވި ސިފަ ބަޔާންވެގެންވާ ރިވާޔަތްތަކެވެ.
ދެންފަހެ ބިސްމީގެ މައްސަލާގައި ވަރަށް ތަޙްޤީޤީ ނަޒަރަކުން އައްޝައިޚް އަބޫބަކުރު އިބްރާހީމް ހިންނަވަރީ (ބަކުރުބެ) ލިޔުއްވާފައިވާ މަޒުމޫން ކިޔުއްވުމަށް ތިރީގައިމިވާ އެޑްރެހަށް ވަޑައިގަންނަވާށެވެ. މިތާގައި މަޒުމޫން ނުހިމެނީ އެމަޒުމޫނަކީ ވަރަށްވެސް ތަފްޞީލީ އަދި ދިގު މަޒުމޫނަކަށްވާތި މިލިޔުންދިގުވަމުން ދާތީއެވެ. މަޒުމޫން ކިޔުއްވުމަށްފަހު ދެންހުރި ބައިތައް ކިޔުމުގައި ކުރިއަށް ދާށެވެ.
http://www.muraasil.com/details/view/3/11140
ދަލީލުތައް ބަޔާންވެ ހިނގައްޖެއެވެ. ދެންފަހެ ޢަމަލު ކުރަންވީ ގޮތަކީ ކޮބައިކަން ބަލާލަމާ ހިނގާށެވެ. އެގޮތުން ދެންވެސް ރުޖޫޢަވުންވަނީ ދަލީލަށެވެ. މީހެއްގެ ބަހަކަށްނޫނެވެ.
އިމާމް އަޙުމަދާއި، އަބޫ ދާވޫދާއި، އައްތިރުމިޛީއާއި، އިބުނު މާޖާ ރިވާކުރައްވައެވެ. އަލްބާނީ މިޙަދީޘް ޞައްޙަ ކަމުގައި ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
عَلَيكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ, وَعَضُّوا عَلَيهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ, فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ, وَإِنَّ كُلُّ بِدْعَةٍ ضَلاَلَةٌ
މާނައީ: "ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެންތިއްބެވި ޚުލަފާއުއްރާޝިދީންގެ ސުންނަތުގައި، ހިފުން ތިޔަބައިމީހުންގެ ަމއްޗަށް ވާޖިބުވެގެންވެއެވެ. އަދި އޭގައި ތިޔަބައިމީހުން ގަދައަށް ހިފަހައްޓާށެވެ. އަދި ދީނުގައި އަލަށް އުފެދޭ ކަންތައްތަކާއި ކައިރި ނުވާށެވެ! ހަމަކަށަވަރުން ކޮންމެ އާކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."
ދެންފަހެ ނަމާދުގައި ބިސްމި ސިއްރުން ކިއުމާމެދު އައިސްފައިވާ އެންމެ ޞައްޙަ ޙަދީޘްތަކަކީ ސީދާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ ޢަމަލުފުޅު ކަމުގައި ވީހިނދު އިސްވެ ބަޔާންކުރެވުނު ޙަދީޘްގައިވާ ގޮތުން އަހަރުމެން ޢަމަލު ކުރަންވީ ގޮތަކީ ކޮބައިތޯއެވެ؟

 މިހާ ސާފުމައްސަލައެއްގައި މިއަށްވުރެ ދުރަށްގޮސް އެހެން ގޮތަށްވެސް ޢަމަލުފުޅު ހުރިކަމުގައި ބުނެ މައްސަލަ އިތުރަށް ބޮޑުކޮށް މަޞްލަޙަތޭ ދެގޮތްވެސް ރަނގަޅޭ ކިޔުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ ދެގޮތްވެސް ސުންނަތޭ ކިޔޭނެ ތޯއެވެ؟ ނޫނެކެވެ. ފަހެ ސުންނަތަކީ ކޮބައިތޯއެވެ؟ ހަނދުމަކޮށްދެމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކާއި އަމަލުފުޅުތަކާއި އެކަލޭގެފާނުގެ ޙާޟިރުގައި ކަމެއްހިގައި އެކަލޭފާނު އެއަށް ބަސް ވިދާޅުނުވާ ކަންތަކާއި (އިޤްރާރާއި) އެކަލޭގެފާނުގެ ޚަލްޤީ އަދި ޚުލްޤީ ޞިފަ ތަކެވެ. ދެންފަހެ ނަމާދުގައި ބިސްމި ކިޔުމާމެދު އެކަލޭގެފާނާއި އެކަލޭގެފާނަށްފަހު ތެދުމަގުލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ޢަމަލުފުޅަކީ ކޮބައިކަން ސާފުވެ ބަޔާންވެގެން ވީހިނދު ދެގޮތްވެސް ސުންނަތޭ ބުނެވޭނެ ތޯއެވެ؟
ދެންފަހެ މިމައްސަލައިގައި ސުންނަތަކީ ބިސްމި ސިއްރުން ކިޔުން ކަމުގައި ދެންނެވީމެވެ. އެހެނަސް އަޞްޙާބު ބޭކަލުންނާއި އެއަށްފަހު ތަބާތާބިޢީންގެ ޢަމަލުފުޅަކީ ބިދުޢަ ގޮތެއް ކަމާއި އެބޭކަލުންނީ ބިދުޢަވެރިން ކަމުގައި ބުނުމުން އަހުރެން ބަރީޢަވެގެންވަމެވެ. އެހެނަސް އެރިވާޔަތްތަކަކީ ސީދާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢަމަލު ފުޅުކަމުގައި ނުވާތީއާއި އެކަލޭގެފާނުގެ އަރިހުން ޞައްޙަ މަގުން އެކަލޭގެފާނާއި އެކަލޭގެފާނަށްފަހު ތެދުމަގު ލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ އަރިހުން ބާރަށް ކިޔުން އައިސްފައިނުވާތީ ސުންނަތް އަދި އެންމެ ރައްކާތެރި ގޮތަކީ އަދި ދިންނަވާނޭ އެންމެ ރަނގަޅު މަގަކީ ނަމާދުގައި ކިޔަވާއިރު ބިސްމި ސިއްރުން ކިޔުމެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.

ޙައްޤު ބަޔާންކޮށްދެވިއްޖެ ކަމުގައި އުއްމީދު ކުރަމެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މިއަޅާގެ މިޢަމަލަށް ހެކިވެވޮޑިގެންވާނެއެވެ. އަދި އަޅަމެންނީ ޙައްޤު އެނގުމުން ޙައްޤަށް ރުޖޫޢަވެ ޙައްޤު މަގުގައި ދެމިތިބޭ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން. 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons