އާޚިރަތްދުވަހަށް އީމާންވުމަކީ ( އެދުވަހަކީ އަންނާން އޮތް ދުވަހެއްކަމާއި، އެދުވަހުގެ ދީލަތި ދެއްވުންތަކަށާއި، ޢަޛާބު ލިބޭނެކަން ޤަބޫލުކުރުމެވެ.) އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޤިޔާމަތްވުމުގެ ކުރިން އެދުވަހުގެ، ނުވަތަ އެދުވަސް ގާތްވަމުން އަންނަކަން އަންގައިދޭ ޢަލާމަތްތަކެއް މާތްﷲ ވަނީ ލައްވާފައެވެ.
ޤިޔާމަތުގެ ވާހަކަ ދައްކަވާހިނދު، މިއުންމަތުގެ މާތް ނަބިއްޔާގެ ފަރާތްޕުޅުން އާދަޔާ ޚިލާފު އިޙްސާސްތަކެއް ފެނިގެންދެއެވެ. އެކަލޭގެފާނުގެ ކޯތާފަތްޕުޅުގެ ކުލަ ބަދަލުވެގެންދެއެވެ. އަޑުފުޅު އުފުލިއެވެ. ވިންދުފުޅު އަވަސްވެއެވެ. އެކަލޭގެފާނު ޤިޔާމަތުގެ ވާހަކައިން މީސްތަކުންނަށް ހަނދުމަކޮށް ދެއްވައެވެ. އެކަލޭގެފާނުގެ އަޞްޙާބުން ވެސް އެދުވަހާމެދު، ބިރުވެތިވެ ވަޑައިގެން، އެދުވަހުގެ ވާހަކަތައް ދައްކައި ހައްދަވައެވެ.
ޙުޒައިފަތު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. "އެއްފަހަރަކު ޤިޔާމަތުގެ ވާހަކަތައް ތިމަންމެން ދައްކަވަން ތިއްބަވަނިކޮށް ކީރިތި ރަސޫލޫ ވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ما تذاكَرونَ؟" މާނައީ: " ތިޔަބައިމީހުން ތިޔަ ދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟" ތިމަންމެން ދެންނެވީމެވެ. " ތިމަންމެން ޤިޔާމަތްދުވަސް ހަނދާންކުރަނީއެވެ." އެދުވަސް ގާތްވެފައިވާ މިންވަރައި މެދު އެކަލޭގެފާނު ވާހަކަފުޅު ދައްކަވްން ފެށްޓެވި ހިނދު، އެދުވަސް އެބޭކަލުންގެ ޙަޔާތްޕުޅުގައި ދެކޭނެކަމަށް އެބޭކަލުން ހީފުޅުކުރެއްވިއެވެ."
ކޮންމެއަކަސް، ޤިޔާމަތުގެ ޢަލާމަތްކަމަށް ކީރިތި ރަސޫލާބަޔާންކޮށްދެއްވާފައިވާ ވަރަށްގިނަ ޢަލާމަތްތައް މިހާރު އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. އެހެންކަމުން ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ވެސް (ފެންނަމުންދާ ޢަލާމަތްތަކުގެ ސަބަބުން) މާތް ﷲ އަށް އީމާންވާ މީހުންނަށް ކީރިތި ރަސޫލާ ގެ ބަސްފުލު ތެދުކަން އިތުރަށް ހާމަކޮށްދޭ ދުވަހަކަށް ވެއެވެ. މިއީ އެކަލޭގެފާނަކީ ޙައްޤުވެގެންވާ ރަސޫލާކަން އެނގި އެމީހުން އިތުރަށް ސާބިތުވެ، (އެވަހަށް) ތައްޔާރުވުމަށް ލިބޭ ފުރުސަތަކަށް ވެސް ވެއެވެ.
މާތްﷲ ވަޙީކުރައްވާފައި ވެއެވެ. (اِقْتَرَبتِ السَّاعَة وَانْشَق الْقَمر) (القمر: 1)
މާނައީ: " ޤިޔާމަތް ކައިރިވެއްޖެއެވެ. އަދި ހަނދު އިރައިގެން ހިނގައްޖެއެވެ."
އެންމެފަހުގެ ނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވާނެއެވެ!
ކީރިތި ރަސޫލޫ ދުނިޔެއަށް ފޮނުއްވުމަކީ ވެސް ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަން އެކަލޭގެފާނު ވަނީ ކަށަވަރުކޮށް ދެއްވާފައވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ޤިޔާމަތްވުމައި، ތިމަންކަލޭގެފާނު ފޮނުއްވުމާއި ވަނީ އެކުއެކީގައި ފޮނުއްވެ ދެކަންކަމުގައެވެ. ތިމަންކަލޭގެފާނު ވަޑައިގަތުމުން އެދުވަސް ކައިރިވެފައިވާ ވަރު ދައްކައިދެއެވެ."
ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަންވެސް ވަނީ ޤިޔާމަތްދުވަސް ގާތްވެއްޖެކަން އަންގައިދޭ ކަމެއްގެ ގޮތުގައެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު އިސާހިތަކު ޖަހާލަތުގެ އަނދިރިކަން ވަނީ ދުނިޔެއަށް ފައުޅުވެގެން ގޮސްފައެވެ.
ބިމުގައި ބޮޑުވެގެންވާ ފަސާދަތައް ފެތުރޭނެއެވެ!
ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ބިމުގައި ބޮޑުވެގެންވާ ފަސާދަތައް އުފެދުން ވެސް ވެއެވެ. މި ފަސާދަތަކުގެ ސަބަބުން މީހުންނަށް މަގުއޮޅި، ޙައްޤާއި ބާޠިލް ވަކިކުރަން ނޭނގި، މީހުންގެ އީމާންތެރިކަން ގުޑައިގެން ދާނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (إنّ بين يدي السّاعةِ فتْنتاً كقِطعِ اليْلِ المظْلِمِ يصْبِحَ الّرَجل فِيْهاَ مؤمِناً وَيُمْسِي كافرًا وَيُمْسِيْ مُؤمِنًا وَيصْبِحَ كاَفرًا) މާނައީ:"ޤިޔާމަތުގެ ކުރިން އަނދިރި ރެއެއްގެ އަނދިރިގަނޑުތަކެއް ފަދަ ފިތުނަތަކެއް ބިންމަތީގައި ފެތުރިގެން ދާ ހުއްޓެއެވެ! މުއުމިނެއްގެ ގޮތުގައި ހެނދުނު ކުރާ މީހާ، ހަވީރުވާހިނދު ހުންނަހުށީ ކާފިރެއްގެ ގޮތުގައެވެ. އަދި ހަވީރުވާހިނދު އީމާންކަންމަތީގައި ހުންނަ މީހާ، ފަތިސް ވާހިނދު، ހުންނަހުށީ ކާފިރެއްގެ ގޮތުގައެވެ."
ކޮންމެއަކަސް މިއުންމަތުގެ އެންމެ ފަހިޖީލުވާހުށީ ފިތުނަތަކަށް ހުށަހޮޅިފައިވާ ޖީލެއް ކަމުގައެވެ. ކައުއިތުރު މާތް ނަބިއްޔާ ޙަދީޘް ކުރައްވައިފައިވައިި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ހަމަކަށަވަރުން ތިޔަބައިމީހުންގެ މިއުންމަތް ހުރިހައިގޮތަކުން ރަނގަޅު އުންމަތެއްގެ ގޮތުގައި އޮތީ އެއުންމަތުގެ ކުރީކޮޅު ދުވަސްތަކުގައެވެ. އަދި މިއުންމަތް ނިމޭކޮޅަށް ދާއިރު މިއުންމަތަށް މުޞީބާތްތަކެއް ކުރިމަތިވާހުއްޓެވެ! އަދި ތިޔަބައީމީހުން ނުރުހޭ ކަންތައްތަކެއް ވެސް ފާޅުވާ ހުއްޓެވެ! އަދި ފިތުންވެރި ކަމެއް ވެސް އުންމަތަށް ކުރިމަތިވާ ކުރިމަތިވާހުއްޓެވެ! އޭގެ އެއްބައިން އަނެއް ބައި ( މުޅިތަން) ފަސާދަކޮށްލާނެތެވެ. އަދި އެހެން ފިތުނަވެރިކަމެއް ވެސް އަންނަ ހުއްޓެވެ! އީމާންވެގެން އުޅޭ މީހާ ބުނާނެތެވެ. މިއީ ތިމަންގެ ހަލާކެވެ. ދެން އެފިތުނަތައް ނެތި ހިނގައިދާނެއެވެ. ދެން އަނެއްކާވެސް އެހެން ފިތުނަވެރިކަމެއް އަންނަ ހުއްޓެވެ! އީމާންވެގެން އުޅޭ މީހާ އެނހިދު ބުނާނެތެވެ. ޙަޤީޤީ ފިތުނަވެރިކަމަކީ މިއީ އެވެ. ފަހެ، ނަރަކައިން ދިންނަވައި، ސުވަރިގެއަށް ވަނުމަށް ލޯބި ކުރާ މީހާ އޭނާގެ މަރު ބައްދަލު ކުރާ ހުށީ މާތްﷲ އާއި ޤިޔާމަތް ދުވަހަށް އީމާންވެގެންވާ ޙާލުގައި އޭނާ ވަނިކޮށެވެ!"
މީސްތަކުން މަރުވުމަށް އެދޭނެއެވެ!
ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ދީނަށް އާ ގޮތްތައް ގެނެސް، ބަދަލުކޮށްފައިވުމުގެ ސަބަބުންނާއި ބައެއް އެހެން ސަބަބުތަކާއި ހުރެ ފަސާދަތައް އިތުރުވާނެވެ. މިކަން އިތުރު ވެފައިވާލެއް ބޮޑުކަމުން މަރިވަފައިވާމީހެއްގެ ކަށްވަޅު ހުރަސްކޮށް ދާ މީހާ، އެކަށްވަޅުގައި ތިމަން ވީނަމަ ކިހާ ރަނގަޅުހޭ ހިތަށް އަރާނެވެ.
އިބަނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. " ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވާހިނދު، އޭނާ އަމިށްލައަށް އެމަރުވުން އިޚްތިޔާރުކޮށްފުމަށްދާންދެން ( މަރަށް އެދިއްޖެއުމަށް ދާންދެން) ޤިޔާމަތް ނުވާ ހުއްޓެވެ!"
ބިންހެލުތައް ގިނަ ވާނެއެވެ!
ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ބިންހެލުންތައް އިތުރުވުން ހިމެނެއެވެ. އަދި ހަމަ އެފަދައިން ކަނޑުގެ ލޮނުގަނޑު އުސްވެ، އިރާއި ހުޅަނގުގެ ބައެއް ބިންތަކާއި ޢަރަބީންގެ ބައެއް ބިންތައް ޣަރަޤުކުރެއްވުން ހިމެނެއެވެ.
ވަލުޖަނަވާރު ވާހަކަދައްކާނެއެވެ.
ޤިޔާމަތުގެ ޢަލަމަތްތަކުގެ ތެރޭގައި ވަލުޖަނަވާރުތަކާއި، އިންސާނުންގެ ފަޔާއި، ފައިވާންތައް އިންސާނުންނާއި ވާހަކަދެއްކުން ހިމެނެއެވެ. މީހާ ގެއިން ބޭރަށް ނުކުންނައިރު ގޭގެ ޙާލަތު އޭނާގެ ފައިގެ ފަލަމަސްގަނޑު އޭނާއަށް ކިޔައިދޭނެއެވެ. ހެނދުނުގެ ވަގުތުގައި އިންސާނައިގެ ގާތަށް ޖަނަވާރެއް އައިސް، އިންސާނުންނާއި ވާހަކަދައްކާނެއެވެ. އެއީ އޭރު އުޅެމުންދާ މީސްތަކުންނަށް ﷲގެ ކުޅަދުންވަންތަ ކަމާއި މެދު ދެލޯ މަރާލައިފައިވާތީއެވެ.
ވަގުތުތައް އަވަސްވެގެންވާނެއެވެ!
ވަޤުތުތައް ކުރުވުމަކީވެސް ޤިޔާމަތުގެ ޢަލާމަތްތަކުގައި ހިމެނޭ ކަމެކެވެ. މިގޮތުން އަހަރިމުއްދަތު ހީވާނީ އެއްމަސް ދުވަހުގެ މުއްދަތު ހެންނެވެ. އެއްމަސްދުވަހުގެ މުއްދަތު ހީވާނީ އެއްހަފްތާހެންނެވެ. އެއްހަފްތާ ހީވާނީ އެއް ދުވަސް ހެންނެވެ. އެއްދުވަސް ހީވާނީ އެއް ގަޑިއިރު ހެންނެވެ. އެއް ގަޑިއިރު ހީވާނީ މަދު ސިކުންތުކޮޅެއް ހެންނެވެ.
އަންހެނުންތައް ގިނަވެގެންދާނެވެ!
ޤިޔާމަތުގެ ޢަލާމަތްތަކުގައި އަންހެނުންގެ ޢަދަދު އިތުރުވުމާއި، ފިރިހެނުންގެ ޢަދަދު މަދުވުން ހިމެނެއެވެ. މިމައްސަލަ ބޮޑުވެ،ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ކޮންމެ ފިރިހެނަކަށް 50 އަންހެނުން ތިބޭނެއެވެ.
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވާނެއެވެ!
ޔައުޖޫޖު މައުޖޫޖު ބާގައިގެ މިހުން ފާޅުކުރެއްވުމަކީވެސް ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަން ވަނީ ޞަޙީޙް ބުޚާރީ އާއި ޞަޙީޙް މުސްލިމުގައި އައިސްފައެވެ. ޒައިނަބު ބިންތު ޖަހްޝު ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. " އެއްފަހަރަކު ކީރިތި ރަސޫލާ އެކަމަނާގެ ގެކޮޅަށް ކަންބޮޑުވެވަޑައިގަތުމުގެ ޙާލުކޮޅެއްގައި ވަދެވަޑައިގަތެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. (لاَإِلَهَ إِلاَّ الله وَيْلٌ لِلْعَرَبِ مِنْ شَرِّ قَدِ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثلُ هَذِه. وَحَلَّقَ بَأِصْبَعَيْهِ لإبْهِامِ وَالتِّيْ تَلِيْهَا) މާނައީ: މާތްﷲ ފިޔަވައި ޙައްޤުވަގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވެއެވެ. ޢަރަބީންނަށް ހަލާކު ހުއްޓެވޭ! ޔައުޖޫޖު މައުޖޫޖުގެ ފާރުން މިހާތަންކޮޅެށް ފޫވެއްޓިއްޖެއެވެ." މިފަދައިން ޙަދީޘް ކުރްއަވަމުން އެކަލެގެފާނުގެ ބޮޑުވައިއިނގިލިފުޅާއި ޝަހާދަތު އިނގިލިފުޅުން ވައްބޮޅެއް އަޅުއްވައި ދެއްކެވިއެވެ.
ދީނުގެ ޢިލްމު ފަނޑުވެގެން ދާނެއެވެ.
ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ދީނުގެ ޢިލްމު އުނގެނޭ މީހުން ވަރަށް ބޮޑަށް މަދުވެ، އެ ޢިލްމު މީސްތަކުންގެ ތެރޭގައި ފަނޑުވެ، އެއަސް އަޅާލާމީހުން މަދުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ދީނުގެ ފަރާތުން މީސްތަކުންނަށް ލާޒިމުކުރާ ޒިންމާ ތަކަކީ ކޮބައިކަން ވެސް ނޭނގޭނެއެވެ. މުޙައްމަދުގެފާނު ޙަދީޘް ކުރެއްވިއެވެ. (يَدْرُسُ الِسْلامْ كَمَا يَدْرُسُ وَشْي الثَوْبِ حَتَّيْ لاَ يُدْرَى مَا صِيَامٌ وَلاَ صَلاَةٌ وَلاَ نُسُكٌ وَلاَ صَدَقَةٌ وَيُسْرَى عَليْ كِتاَب اللَّهِ عَزّ وَجَلّ في ليلَةٍ فَلا يَبْقَى فيهِ الأَرْضِ مِنْهُ آيةٌ وَتَبْقَي طَوَاءِفٌ مِنَ النَّاسِ الشَّيْخُ الكَبِيْرُ وَالعَجُوْذ يَقُوْلُوْنَ: أَدْرَكْناَ آباَءَناَ عَليْ هذه الكَلِمَةُ: لاَإلهَ إِلاّ الله فَنَحْنُ نَقُوْلُهاَ) މާނައީ: " ހެދުމުގައިވާ ބަރަނީގެ މަސައްކަތުން ކުލަވެއްޓިގެން ދާހެން އިސްލާމްކަން މީސްތަކުންގެ މެދުން ފޮހެވިގެން ދާނެއެވެ. ރޯދައަކީ ކޮބައިކަމާއި، ނަމާދަކީ ކޮބައިކަމާއި، ޙައްޖަކީ ކޮބައިކަމާއި، ޒަކާތަކީ ކޮބައިކަން ނޭނގިއްޖެއުމަށް ދާންދެންނެވެ. އަދި ރޭގަނޑުގެ ވަގުތުގައި ކީރިތި ޤުރުއާން މާތްﷲ އަރުއްވައިގަންނަވާނެއެވެ. އެހާއިރުން، އޭގެ އެންމެ އާޔަތެއް ވިޔަސް ދަންނަ މީހަކު ދުނިޔޭގައި ނުހުންނާނެއެވެ. އަދި މުސްކުޅިކަމާއި ހަމައަށް ފޯރައިފައިވާ ޖަމާޢަތެއްގެ ބަޔަކު ބުނާނެއެވެ. މާތްﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ނުކުރާ ކާބަފައިންތަކެއް އަހަރުމެންނަށް ލިބިގެންވިއެވެ. އެހެންކަމުން އެއީ ރަނގަޅު ގޮތް ކަމުގައި އަހަރުމެން ދެކެމެވެ."
މަސްތުވާތަކެއްޗާއި، މާރާމާރީއާއި، މީހުންމެރުން ޢާންމުވާނެއެވެ.
ޤިޔާމަތުގެ ޢަލާމަތްތައް ވިދާޅުވެދެއްވަމުން، ނަޙީ ކުައްވައިފައިވާ ކަންތައްތަކަކީ އާދައިގެ ކަންތަކެއް، ކަމަށް މީހުން ދެކޭނެ ކަމަށާއި، "ނަހީ" އަކީ ނުވެސް ދަންނަފަދަ އެއްޗަކަށް ވެގެން ދާނެ ކަމަކަށް ކީރިތި ރަސޫލާ ވަނީ ޙަދީޘް ކުރައްވައިފައެވެ. އަދި ހަމަ އެފަދައިން ބަނގުރާ ބޯނެ ކަމަށާއި، ޒިނޭއާއީ ބަދުއަޚްލާޤީ ކަންތައްތައް ޢާންމުވެގެން ދާނެ ކަމަށް އެކަލޭގެފާނު ޙަދީޘްކުރައްވައިފައެވެ. އަދި މީސްތަކުން ދަހިެތި ކަމަށް ލޯބިކުރާނެ، ކަމަށާއި، މީހުން މެރުމާއި، މާރާމާރީ އިންތިހާއަށް އިތުރުވެގެން ދާނެކަމަށް ވިދާޅުވެފައި ވެއެވެ. ތިމަން މާރާމާރީ މިހިންގީ ކީވެގެންކަން ތިމާއަށް ނޭނގުމުގެ އިތުރަށް، ތިމަންނައަށް މިފަދަ އަނިޔާއެއް މިލިބުނީ ކީއްވެގެން އަނިޔާއެއް ލިބުނު މީހާއަށް ވެސް ނޭނގޭ މިންވަރަކަށެވެ. އެހިނދު ކީރިތި ރަސޫލާއަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. ތިޔަކަންތައް ތިޔަފަދަ ގޮތަކަށް ވާހުށީ ކިހިނަކުންތޯއެވެ؟ ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ( الْقَاتِلُ المفتُوْلُ فِيْ النَّارِ) މާނައީ: " މެރި މީހާ އާއި، މަރާލެވުނު މީހާ ދާހުށީ ނަރަކައަށެވެ!"
(ނުނިމޭ )
0 comments:
Post a Comment